މުހައްމަދު އަޝްރަފް
2 އޭޕްރީލް 2006 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗާއި އަދި މާލޭ ވިލީ ފުލުސް 3 ގެ ކުރިމަތީގައި ހަމަނުޖެހުންތަކެއް ހިންގާފައިވާ ކަމަށް ބުނެ އެމްޑީޕީގެ މާކަރީ ގޮފީގެ ރައީސް ހ އަލިމަސްވާދީ އަބްދުލް މަޖީދު ޝަމީމު (މަޖީދު ސަރ) ގެ މައްޗަށް ކުރާ ޣައިރުގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމައި ހުލާސާ ބަޔާން ބުރާސްފަތިދުވަހު ހުށަހަޅައިފިއެވެ.
ދައުލަތުން މަޖީދާ ދެކޮޅަށް ކުރާ ދައުވާގެ ހުލާސާ ބަޔާން ހުށަހަޅުއްވާ ދެއްވަމުން ދައުލަތުގެ ވަކީލު ހަސަން ސިޔާމް ވިދާޅުވީ މަޖީދުގެ މައްޗަށް ދައުވާ ކުރައްވާފައިވަނީ ގާނޫނުލް އުގާބާތުގެ 46 ވަނަ މާއްދާއަށް ހަވާލާ ދެއްވައި 48 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި 2 އޭޕްރީލް 2006 ދުވަހު އަނިޔާ ލިބިގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާއަށް އަނިޔާކޮށްފައިވަނީ ފުލުހުން ކަމަށް ބުނެ މަޖީދު ވަނީ ފުލުހުންނަށް އަނިޔާ ކުރުމަށް އައިޖީއެމްއެޗްކައިރިއަށް އެއްވެ ތިބި މީހުންނަށް ހިތްވަރުދީފައި ކަމަށެވެ. އަދި ހިތްވަރު ލިބުނު މީހުން މާފަންނު ވިލީ ފުލުސް ކައިރިއަށް އެއްވެ ވިލީފުލުހަށް ގާއުކައި އެތަނުގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ.
ހަސަން ޝިޔާމް ވިދާޅުވީ މިކަމާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވުނު ފުލުހުންގެ ހެކިބަހުންވެސް މަޖީދު މިއަމަލު ހިންގާފައިވާ ކަން ސާބިތުވާ ކަމަށެވެ.
މަޖީދުގެ ދިފާއުގައި ހުލާސާ ބަޔާން ހުށަހަޅުއްވާ ދެއްވަމުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ މިދައުވާ ކުރެވެނީ މަޖީދު އައިޖީއެމްއެޗުގެ އެތެރޭގައި ހުރެގެން ކުރި ކަމެއްގެ ސަބަބުން ކަމެއް ނުވަތަ ބޭރުގައި ހުރެގެން ކުރި ކަމެއްގެ ސަބަބުން ކަމެއް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އެގޮތުން ކޯޓަށް ހާޒިރުކުރި ފުލުހުންގެ ހެކިބަހުންވެސް އެކަކުގެ ހެކިބަހުގައި މަޖީދު ހުރީ ހޮސްޕިޓަލުގެ އެތެރޭގައި ކަމަށް ބުނެފައިވާއިރު އަނެއް ހެއްކަކު ބުނެފައިވަނީ މަޖީދު ހުރީ އައިޖީއެމްއެޗާއި ވިލީ ފުލުހާ ދޭތެރޭގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ފުލުހުން ހެކިބަސްދީފައިވަނީ ސީދާ ފުލުހުންނަށް ރައްދުވާ ކަމެއްގެ މައްޗަށް ކަމަށް ވުމުން ފުލުހުންގެ ހެކިބަހަކީ ފުރިހަމަ ހެކިބަހެއް ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަނެއްކޮޅުން ފުލުހުންގެ ފަރާތުން ހެކިބަސްދެއްވި ކޮންސްޓަބަލް މުހައްމަދު ޝިފާއުއަށް 2 އޭޕްރީލް 2006 ދުވަހު އައިޖީއެމްއެޗް ތެރޭގައި މަޖީދު ހުރި ގަޑި ބުނަން ނޭންގުނު ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުންގެ ފަރާތުން ހެކި ބަސް ދިން ދެވަނަ މީހާ ކޮންޝްޓަބަލް މުހައްމަދު ހަސަނު ދީފައިވަނީ ވަރަށް ސާބިތުކަން ކުޑަ ހެކިބަހެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ނިންމާލަމުން މުއިއްޒު ވިދާޅުވީ މިމައްސަލާގައި މަޖީދުގެ މައްޗަށް ކުށްވެރި އަމަލެއް ހިންގި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ޖިނާއީ މައްސަލައެއް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ދެވިގެން ކަމަށެވެ.
އަދި މިމައްސަލާގެ ކުށުގެ އެންމެ ބޮޑު އުގޫބާތަކީ 6 މަސްދުވަހަށް އަރުވާލުން ނުވަތަ 6 މަސް ދުވަހަށް ޖަލަށް ލުން ކަމަށް ވުމާއެކު މިމައްސަލާގެ ތުހުމަތުގައި މަޖީދުއަށް ވަނީ 66 ދުވަހު ބަންދުގައި އޮންނަން ޖެހިފައި ކަމަށް ވިދާޅުވިއެވެ.
މިމައްސަލާގައި މަޖީދުގެ އިތުރުން ދައުލަތުން އިތުރު 4 މީހެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެ ހަތަރު މީހުންނަކީ މ. ޓެކުސާސް މުހައްމަދު ޝަރީފާއި، ގ.ހެޕީސައިޑް ޙުސައިން އިލްހާމް އާއި މއ.ކީމިޔާގެ ޣާފިރު ޢަބްދުލް ޣަފޫރާއި ސ.ހުޅުދޫ ހަނދުބަލާގެ އިބްރާހީމް އަސްލަމެވެ. ދެއަހަރަށް ދިގުލާފައިވާ މިމައްސަލާގައި އެއްވެސް މީހަކަށް އަދި ޙުކުމްކޮށްފައެއް ނުވެއެވެ.
No comments:
Post a Comment