Thursday, 24 April 2008

ދޫނީދޫ ގައި ޕެޓްރޯލް ރައްކާކުރުމަކީ ރަނގަޅުކަމެއް ނޫންކަން ޤަބޫލުފުޅު ކުރައްވާކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ

ހުސައިން ޒަބީރު (ހޒމވ)

ގައިދީން ތަހުޤީގަށް ބަންދުކޮށްފައި ބައިތިއްބާ ޖަލުހުންނަ ދޫނިދޫގައި ޕެޓްރޯލް ރައްކާކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިސްމާއީލް ޝަފީއު ބުދަދުވަހު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގައި ފ އަތޮޅު މެންބަރު އަހްމަދު އަމްޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ދޫނިދޫ ގައި ޕެޓްރޯޕް ރައްކާކުރުމުގެ މައްސަލާގައި މިހާރު އެކަމުގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަން ބެލެހެއްޓެވުމާ ޙަވާލުވެވަޑައިގެން ހުންނަވާ ވުޒާރާއިން، ތެލުގެ ކަންތައް ކުރައްވާ ފަރާތަށް އެތާނގައި ޕެޓްރޯލް ނުގެންގުޅެއްވޭނެކަމަށް އަންގާފައިވާކަމަށާއި ނަމަވެސް އެ އަމުރަށް އެކަން ކުރައްވާ ފަރާތުން ތަބާވެވަޑައިގެންނެވަނީ ކިހާވަރަކަށް ކަން އެނގިވަޑައިނުގަންނަވަކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، އެތަނުގައި ހުރި މިކަހަލަ އެއްޗެއް ރައްކާތެރިކުރާ ޓޭންކްތަކާއި އެއްޗެހިތައް އެހެން ތާކަށް ބަދަލުކުރުމަށް ކޮންމެވެސް ވަރަކަށް އިންވެސްޓްމަންޓްތަކެއްކޮށް ވަގުތުތަކެއް ނަގާނެ. އެކަމުގެ ތެރޭގައި އަޅުގަނޑަކަށް ނޭނގެ ވަގުތީ ޙައްލެއް ހޯދެއްވުނުކަމެއް  ނޫންކަމެއް، އަޅުގަނޑަށް ޔަޤީންކަމާއިއެކީ ނޭނގޭތީ މިހާރު މި ނުދަންނަވަނީ ސާފުކޮށް ސީދާކޮށް. އެކަމަކު އަޅުގަނޑު އުންމީދުކުރަނީ ލަސްތަކެއްނުވެ އެތަން ބަލަހައްޓަވާ ފަރާތުން އެޓޭންކްގެ ކަންތައް އެތަނުން ދުރައްލައްވާނެކަން، ހަމަ ތިވިދާޅުވީ ވަރަށް ރަނގަޅު ވާހަކަފުޅެއް. ޙަޤީޤަތުގައި އެތާ ހުރެގެންވާނެ އެއްޗެއްނޫން އެއީކީ، މީހުން އެތާނގައި ހައްޔަރުކޮށް ބަންދުކޮށް ގެންގުޅެންޏާ އެތާނގައި ޕެޓްރޯލް ރައްކާތެރިކުރުމަކީ އެއްގޮތަކަށްވެސް، ރަނގަޅުގޮތެއްނޫންކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ" ޝަފިއު ވިދާޅުވިއެވެ.

ހަމަހެންމެ ޕެޓްރޯލުގެ ސަބަބުން ދޫނިދޫގައި ހިނގާ ހާދިސާއެއްގައި ބައެއްގެ ފުރާނައަށް ގެއްލުމެއްވެއްޖެނަމަ ސަރުކާރުގެ ޒިންމާއެއް އޭގައި އޮންނާނެކަމާ ދޭތެރޭގައި އެއްވެސް ޝައްކެއް ނުކުރައްވާކަމަށާއި އެޒިންމާ ފުރިހަމަ ކުރުމުގެ ގޮތުން އެކަމެއް ރަނގަޅަށް ބަލައި ތަޙްޤީޤްކޮށް ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބައްލަވަން ޖެހިވަޑައިގަންނަވަނެކަމަށް ދެކިލައްވާކަމަށް ޝަފީއު ވިދާޅުވިއެވެ.

މިމައްސަލާގައި ފުލުހުންގެ މީޑިޔާ އޮފިޝަލު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ދޫނިދޫގައި ފުލުހުން ޕެޓްރޯލު ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ސިފައިންގެއިން މޭޖަރ އިބްރާހިމް އަފްސަލު ވިދާޅުވީ މިކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

No comments: