2.18 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލަ:
ހުސައިން ޒަބީރު (ހޒމވ)
މިދިޔަ އަހަރު ނޮވެމްބަރު މަހު 15 ވަނަ ދުވަހު ރާއްޖެ އެތެރެކުރި 2.18 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަބްދުލް ހަމީދު އަބްދުލް ސަމަދު ނުދަންނަކަމަށް ބުނެ އެ މައްސަލާގައި ހައްޔަރު ކުރޮށްފައިވާ ހަތަރު މީހަކު ބުރާސްފަތިދުވަހު ޝަރީއަތުގެ މަޖިލީހުގައި ހުވާކޮށްފިއެވެ.
މިއަދު 1:00 ގައި ޖިނާއީކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި 2.18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ އަޒްމަތް ހާންނާއި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޏ ފުވައްމުލަކު ލާލު އަބްދުﷲ ވަސީމް އާއި މަނާރު މުހަންމަދު ޝަރީފު، މައްސަލާގައި ހައްޔަރުކޮށްފައިވާ ގ ހިލްމަން އަބްދުލް ހަމީދު އަބްދުލް ސަމަދު ނުދަންނަކަމަށާއި މަސްތުވާތަކެތީގެ އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާފައިނުވާނެކަމަށް ޝަރީއަތުގެ މަޖިލީހުގައި ހަތިމުގައި އަތްލާ ހުވާކުރިއެވެ. މި ޝަރީއަތުގެ މަޖިލީހުގައި ތ ބުރުނީ ސޯސަންވިލާ އިބްރާހިމް ހަބީބު ބުނީ އަބްދުލް ހަމީދު އަބްދުލް ސަމަދަކީ މީގެ އަހަރެއްކުރިން ދަންނަ ރައްޓެއްސެއްކަމާއި ނަމަވެސް މަސްތުވާތަކެތީގެ އެއްވެސް މުއާމަލާތެއް އޭނާއާއެކު ހިންގާފައިނުވާނެކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސަމަދުގެ ވަކީލު ހުސްނުއްސުއޫދު މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނާ ވަކިވަކިން ސުވާލުކުރިއެވެ. އެގޮތުން ކޮންމެ މީހަކާވެސް މައިގަނޑު ގޮތެއްގައި ކޮށްފައިވާ ސުވާލަކީ މައްސަލާގައި ހައްޔަރުކޮށްފައިވާ ސަމަދަކީ ދަންނަ މީހެއްތޯއާއި، އޭނާއާއެކު މަސްތުވާތަކެތީގެ މުއާމަލާތެއް ހިންގާފައިވޭތޯއާއި މި މައްސަލާގައި ސަމަދުއާ އެއްވެސް ގުޅުމެއް ހުރިތޯއެވެ. މީގެ އިތުރުން އަޒްމަތުހާނަށް ކުރެވުނު ސުވާލުގައި މަސްތުވާތަކެތި ގެނައީ ސަމަދު ބުނެގެންތޯ މީގެ ކުރިން ސަމަދާއެކު އެކަހަލަ މުއާމަލާތެއް ހިންގާފައިވޭތޯ އާއި އެއީ ކާކު ބުނެގެން އެތެރެކުރި މަސްތުވާ ތަކެއްޗެއްތޯ ވިދާޅުވެ ވަކީލު ހުސްނުއްސުޢޫދު ސުވާލުކުރެއްވިއެވެ.
އަޒްމަތު ޚާން މަސްތުވާތަކެތި އެތެރެކުރިކަމަށް އިއުތުރާފްވުމުން ފެބްރުއަރީ މަހު 11 ވަނަ ދުވަހު ޖިނާއީކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.
އަޒްމާތު ޚާނުގެ ބަސް
ހަމީދުގެ ވަކީލުގެ ސުވާލަށް ޖަވާބު ދެމުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ހަޒްމަތުހާން ބުނީ އަބްދުލް ހަމީދު އަބްދުލް ސަމަދަކީ ދަންނަ މީހެއް ނޫންކަމަށާއި ފޯނުންވެސް އެނަން ކިޔާމީހަކާ އެއްވެސް މުއާމަލާތެއްކޮށްފައި ނުވާނެކަމަށެވެ. މިހެން ބުނުމުން ހަމީދުގެ ވަކީލު ހުސްނުއްސުއޫދު ތަކުރާރުކޮށް އެއީ ކާކު ބުނެގެން ކާކަށް ވިއްކަން ގެނައި އެއްޗެއްތޯ ސުވާލުކުރުމުން އަޒްމަތްހާން ބުނީ އެމީހާ ފެނިއްޖެއްޔާ އެނގޭނެކަމަށާއި އެއީ ޕާކިސްތާނަށް ގޮސްއުޅޭ މީހެއްކަމަށެވެ. އަދި ހަމީދަކީ އޭނަ ނޫންކަމަށް އަޒްމަތްހާން ބުންޏެވެ. އެއަށްފަހު ވަކީލު ކުރެއްވި ސުވާލުގައި މައްސަލާގައި ހައްޔަރުކޮށްފައިވާ ވަސީމް އާއި އެއްވެސް ކަހަލަ ގުޅުމެއްވޯތޯއާއި ފޯނުން ނަމަވެސް އެއްވެސް ކަހަލަ މުއާމަލާތެއް ހިންގާފައިވާނެތޯ އެއްސެވުމުން އަޒްމަތުހާން ބުނީ ވަސީމު ނުދަންނަކަމަށެވެ.
ޝަރީއަތުގެ މަޖިލީހަށް އަޒުމަތު ޚާން އެވާހަކަތައް އިއްވައިދިނުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަޒްމަތްހާން އަކީ ޖިނާއީކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްކަމުން ހެކިބަސް ޝަރީއަތުގައި ޤަބޫލުކުރެއްވޭނެކަމަށް ދައުލަތުން ޤަބޫލުފުޅު ނުކުރައްވާކަށެވެ.
ވަސީމްގެ ބަސް
ވަކީލް ހުސްނުއްސުޢޫދު ވަސީމްއަށް ކުރެއްވި ސުވާލުގައި އަޒްމަތުހާން ގެނެސްފައިވާ ތަކެއްޗާބެހޭ އެއްވެސް ކަހަލަ މުއާމަތާލެއް ހަމީދާއި ވަސީމްގެ ދެމެދުގައި ހިނގާފައިވާނެތޯއާއި އެތަކެއްޗާއި ހަމީދުއާއި ގުޅުމެއްވޭތޯއެވެ. މި ސުވާލުގެ ޖަވާބުގައި ވަސީމް ބުނީ ހަމީދަކީ ދަންނަ މީހެއް ނޫންކަމަށާއި އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެކަމަށެވެ. ވަސީމުގެ ޖަވާބާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާލުވީ ވަސީމް އަކީ މައްސަލާގައި ބަންދުކޮށްފައިވާ މީހެއްކަމުން އޭނާގެ ހެކި ށަރީއަތުގެ މަޖިލީޙުގައި ޤަބޫލުނުކެވޭނެކަމަށާއި ހަމީދު ނުދަންނަކަމަށް ވަސީމް ބުނާބުނުމަކީ ކަނޑައެޅިގެން ހަދާދޮގެއްކަމަށެވެ. އެގޮތުން ފުހުންނަށް ދީފައިވާ ބަޔާނުން އެކަން ދޭހަވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުލަތުގެ ޖަވާބަށް ރައްދުދެއްވަމުން ހުސްނުއްސުޢޫދު ވިދާޅުވީ ފުލުހުން އެމީހުން އަތުން ނަގާފައިވާ ބަޔާނަކީ ތިންރޭ ތިންދުވާ ވަންދެން ނުނިއްދަވާ ބައިތިއްބުމަށްފަހު ހަތަރުވަނަ ދުވަހު ނަގާފައިވާ ބަޔާނެއްކަމަށާއި އެބަޔާން ނަގާފައިވަނީ އެމީހުންގެ ނުރުހުމުގައިކަމަށެވެ.
މަނާރުގެ ބަސް
ވަކީލް ހުސްނުއްސުޢޫދު މަނާރަށް ކުރެއްވި ސުވާލަށް ޖަވާބު ދެމުން މަނާރު ބުނީ ހަމީދަކީ މީގެކުރިން ދަންނަ މީހެއްނޫންކަމަށާއި ހަމީދު ދަންނަނީ މި މައްސަލާގައި ހައްޔަރުކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެއްރޭ ހަބީބު ގުޅާފައި ކޮފީއަކަށް އަންނާށޭ ބުނުމުން އެތަނަށް ދިޔައިރު ހަމީދު އިންކަމަށާއި މައްސަލާގެ ކުރިން އޭނާ ފެނުނީ ހަމައެކަނި އެދުވަހުކަމަށެވެ. އަދި އޭނާއާއި ސަމަދާ ދެމެދު މަސްތުވާތަކެތީގެ އެއްވެސް މުއާމަލާތެއް ހިނގާފައިނުވާނެކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ދައްކަފައިނުވާނެކަމަށެވެ. މަނާރުގެ ވާހަކައަށް ފަހު ދަޢުލަތުގެ ވަކީލާ ވިދާޅުވީ ކޮފީބޯން ތިބީ ކޮންތާކުތޯ އާއި ފުރަތަމަ ފޯނުކުރީ ކާކުތޯއެވެ. އޭގެ ޖަވާބުގައި މަނާރު ބުނީ ހަނދާންވާގޮތުން ކޮފީ ބޯންތިބީ ނޯތްކެފޭ ކިޔާ ތަނެއްގައިކަމަށާއި ހަބީބު ގުޅާފައި އެތަނަށް ކޮފީއަކަށް އަންނާށޭ ބުނީކަމަށެވެ.
ހަބީބުގެ ބަސް
ވަކީލު ހުސްނުއްސުޢޫދުގެ ސުވާލަށް ޖަވާބު ދެމުން ހަބީބު ބުނީ މަސްތުވާތަކެއްޗާ ބެހޭ އެއްވެސް ވާހަކައެއް ހަމީދު އޭނާގާތު ދައްކާފައިނުވާކަމަށާއި ސަމަދަކީ މީގެ އަހަރެއްކުރިން އޭނާ ދަންނަން ފެށި މީހެއްކަމަށާއި ނަމަވެސް މާބޮޑު ރައްޓެހިކަމެއް އުފެދިފައި ނުވާކަމަށެވެ. ހަމައެހެންމެ ސަމަދާއި އެއްކޮށް ކޮފީއަކަށް ދިޔައީ 500 ޑޮލަރު ހޯދަންވެގެން އެވާހަކަ ދައްކަންކަމަށާއި އެތާތިއްބައި މަނާރު އޭނާއަށް ގުޅުމުން އެތަނަށް އަންނާށޭ ބުނެފައިވާކަމަށް ހަބީބު ބުންޏެވެ.
މި މައްސަލާގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވަކި ވަކިން ހަތަރު މީހުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ހަތަރު މީހުންގެ ހެކިބަސް ނެގުމަށް ފަހު ނިންމާލިއެވެ.
No comments:
Post a Comment