Monday, 14 April 2008

ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރުގެ ޤާނޫނު އަސާސީ އުވޭނެ ކަމަށް ޑީއާރުޕީން ފާސްކޮށްފި

އިންތިޤާލީ ބާބު:

ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރުގެ ޤާނޫނު އަސާސީ އުވޭނެ ކަމަށް ޑީއާރުޕީން ފާސްކޮށްފި

ކައުންސިލްތައް 1 ޖުލައި 2009 ކުރިން އިންތިޚާބު ކުރުމަށާއި އިންތިޤާލީ ކޮމިޝަންތަކާއި ކޯޓުތައް ފާސްކޮށްފި


 މިހާރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވޯޓަށް އަހަމުންދާ އިންތިޤާލީ ބާބުގައި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އުވޭނެކަމަށް ޑީއާރުޕީން ފާސްކޮށްފިއެވެ.

      މިއަދުގެ އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ މެންދުރު ފަހުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

ރިޔާސަތުން މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެތިއްވެބި 98 މެންބަރުންގެ ތެރެއިން 68 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވިއެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެއެވެ. އަދި އެއްވެސްކޮޅަކަށް ޖެހިވަޑައިނުގެން ވޯޓުދެއްވީ 6 މެންބަރުންނެވެ.

 

އަނީސާގެ ރަން ދުވަސް

     މީގެއިތުރުން ޑީއާރުޕީން ފާސްކުރި، އެޕާޓީއަށް މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި އަނިސާއަށް ނިސްބަތްވާ 3 ހުށަހެޅުންކަމަށްވާ 33 ވަނަ ހުށަހެޅުން "ރައްޔިތުން މަޖިލީސް ދެމިއޮތުމާއި"، 34 ވަނަ ހުށަހެޅުން "އެހެނިހެން މަޤާމުތަކާއި މުއައްސަސާތައް ދެމިއޮތުން" އަދި 37 ވަނަ ހުށަހެޅުން "ލާމަރުކަޒީއުސޫލުން ހިންގުން" ހިމެނެއެވެ.

     އަނީސާއަށް ނިސްބަތްވާ 33 ވަނަ ހުށަހެޅުންކަމަށްވާ "ރައްޔިތުން މަޖިލީސް ދެމިއޮތުމު"ގައި ވަނީ "ރައްޔިތުންގެ މަޖިލީހެއް ހޮވުމަށް މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އެމަޖިލީހަށް މެމްބަރުން އިންތިހާބުކޮށް އެމީހުންގެ މެންބަރުކަމާ ހަވާލުވަންދެން، މިޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އޮތް ރައްޔިތުންގެ މަޖިލިސް ދެމިއޮންނާނެ" ކަމަށެވެ.

     އަނީސާއަށް ނިސްބަތްވާ 34 ވަނަ ހުށަހެޅުންކަމަށްވާ "އެހެނިހެން މަޤާމުތަކާއި މުއައްސަސާތައް ދެމިއޮތުމުގައި" ވަނީ "(ހ) މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ކަންތައްތައް ފިޔަވައި، މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި މި ޤާނޫނުއަސާސީގައިވާ ގޮތަށް މަޤާމުތަކަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިންމައި، އަދި މި ޤާނޫނުއަސާސީގައި ބުނެފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ބުނެފައިވާގޮތަށް އުފައްދައި ނުވަތަ ޤާއިމުކޮށް ނިންމަންޖެހޭނެއެވެ. (ށ) މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތަކުގެ ތެރެއިން، މި ޤާނޫނުއަސާސީގައި ބުނެފައިވާ އެންމެ ހައި މަޤާމުތަކަށް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާ ގޮތަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިމެންދެން މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހުން އެމީހުންގެ މަޤާމުގައި ދެމިތިބެވިދާނެއެވެ. (ނ) މި ބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތަކުގެ ތެރެއިން، މިޤާނޫނުއަސާސީގައި ބުނެފައިވާ މުއައްސަސާތައް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާގޮތަށް އުފައްދައި ނުވަތަ ޤާއިމުކޮށް ނިމެންދެން، މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމުކޮށްފައިވާ މުއައްސަސާތައް ދެމިއޮންނާނެ" ކަމަށެވެ.

     އަނީސާއަށް ނިސްބަތްވާ 37 ވަނަ ހުށަހެޅުންކަމަށްވާ "ލާމަރުކަޒީއުސޫލުން ހިންގުމުގައި" ވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށެވެ.

 

އިންތިޤާލީ ކޮމިޝަންތަކާއި ކޯޓުތައް

މިއަދުގެ ހެނދުނުގެ ޖަލްސާގައި، ވޯޓަށް އެއްސެވި 32 ހުށަހެޅުމުގެ ތެރެއިން ގިނަމެންބަރުންގެ ތާއީދާއެކު ފާސްވެފައިވަނީ، 17 ހުށަހެޅުމެކެވެ. މި ހުށަހެޅުންތަކަކީ (1) އިލެކްޝަން ކޮމިޝަން، (2) އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތު، (3) ޖުޑީޝަލް ސަރވިސް ކޮމިޝަން، (4) ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން، (5) ފަނޑިޔާރުން މަޤާމުގައި ދެމިތިބުން، (6) ކޯޓްތަކުގެ އިޤްތިޞާޞް، (7) އެންޓި- ކޮރަޕްޝަން ކޮމިޝަން، (8) މުސްތަގިއްލު ކޮމިޝަންތައް، (9) ޤާނޫނުތައް ދެމިއޮތުން، (10) އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ސިފަތައް، (11) އިލެކްޝަންސް ކޮމިޝަންގެ މުއްދަތު، (12) ރައްޔިތުން މަޖިލީހުގެ މަސްއޫލިއްޔަތާއި ބާރުތައް، (13) ސުޕްރީމް ކޯޓް، (14) ސުޕްރީން ކޯޓްގެ މުއްދަތު، (15) އެހެނިހެން ކޯޓުތައް، (16) ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުން އަދި (17) (އިންތިޤާލީ މަރުހަލާގައި) ގާނޫނު އަސާސީ އިސްލާހު ނުކުރުމެވެ.

 

"މި ޤާނޫނުއަސާސީގައި ބުނެފައިވާ އެންމެ ހައި މަޤާމުތަކަށް މި ޤާނޫނުއަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާ ގޮތަށް މީހުން އައްޔަންކޮށް ނުވަތަ އިންތިހާބުކޮށް ނިމެންދެން މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހުން އެމީހުންގެ މަޤާމުގައި ދެމިތިބެވިދާނެއެވެ" – މިއަދު ފާސްވި އަނީސާގެ ހުށަހެޅުމެއް

ގައުމީ ފިލްމް އެވޯރޑްގެ އެންމެ މޮޅު ބަތަލުގެ މަގާމް ޔޫއްޕެ ޖެހިޖެހިގެން ދެވަނަފަހަރަށް ހޯދައިފި

އަބްދުއްރަހްމާން

ގައުމީ ފިލްމް އެވޯރޑްގެ އެންމެ މޮޅު ބަތަލުގެ މަގާމް ޔޫސުފް ޝަފީއު ޖެހިޖެހިގެން ދެވަނަފަހަރަށް ހޯދައިފިއެވެ. ހޮނިހިރުދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބޭއްވި 5 ވަނަ ގައުމީ ފިލްމް އެވޯރޑްގެ ނައިޓްގެ އެންމެ ކާމިޔާބު ފިލްމަކަށް ހޮވުނީ "ވާލޯބި އެގޭނަމަ" އެވެ.  

ރެޑް ލައިން ޕޮރޮޑަކްޝަން އިން އުފެއްދި ވާލޯބި އެގޭނަމައަށް ޖުމްލަ 12 އެވޯރޑް ރޭ ލިބިފައިވެއެވެ. މީގެ ތެރޭގައި އެންމެ މޮޅު ފިލްމްގެ އެވޯރޑްވެސް ހިމެނެއެވެ. ވާލޯބި އެގޭނަމައިން ޔޫސުފް ޝަފީއު އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވާއިރު ހަމަ މި ފިލްމުން އެންމެ މޮޅު އެކްޓްރަސް އަކަށް މަރިޔަމް އަފީފާވަނީ ހޮވިފައެވެ. ހަމަ އެހެންމެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯރޑްވެސް އަހްމަދު ނިމާލްވަނީ ވާލޯބި އެގޭނަމައިން ހޯދާފައެވެ. މީގެ އިތުރުން އެންމެ މޮޅު އަމިއްލަ ރާގާއި އެންމެ މޮޅު ކެރިއޮގްރާފަރ އެވޯރޑާއި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަރައާއި ބެކް މިއުޒިކް ސްކޯއާއި އޯޑިއޯގްރަފީއާއި އެޑިޓީންއާއި ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭވެސް ލިބިފައިވަނީ ތިނެސްކަން ލޯބީގެ ހަދިސާތަކެއް ދައްކުވައިދިން "ވާލޯބިއެގޭނަމަ" އަށެވެ.

ފަސްވަނަ ގައުމީ ފިލްމ އެވޯރޑްގައި ދެން އެންމެ ކަމިޔާބު ފިލްމަކަށް 5 އެވޯރޑަކާއެކު ހޮވިފައިވަނީ މި ދާއިރާއަށް އަލަށްނުކުތް 2 ފަންނާނުންކަމަށްވާ މުއުމިން ފުއާދާއި އަލީ ޝިފާއު އުފެއްދި "ހޭލާ" އެވެ. މި ފިލްމް ގައުމީ 5 ވަނަ ފިލްމް އެވޯރޑްގެ އެންމެ މޮޅު ވާހަކައަކަށްވެސް ހޮވިފައިވެއެވެ. އަދި މި ފިލްމުގައި ދައްކުވައިދިން ރޯލަށް އިސްމާއިލް ރަޝީދް (ކޮޕީ އިއްސެއަށް) ވަނީ އެންމެ މޮޅު ސަޕޯރޓިން އެކްޓަރުގެ އެވޯރޑްލިބިފައެވެ. ކުޑަކުއްޖަކަށް ދިމާވާ ހާދިސާތަކެއް ދައްކުވައިދިން މި ފިލްމުން އެންމެ މޮޅު ޗައިލްޑް އާރޓިސްޓެއްގެ އެވޯރޑް އަހްމަދު މައުރޫފަށް ލިބިފައިވެއެވެ.

ކުރު ފިލްމަތަކަށްވެސް އެވޯރޑް ދިން މި ހަފްލާގައި އެންމެ ގިނަ އެވޯރޑް ލިބިފައިވަނީ ޔޫސުފް ޝަފީއުގެ ދެ އުފެއްދުމެއްކަމަށްވާ "ވަސްވާސް 2" އަށާއި "އެ ދޮންވެލި ތުނޑި" އަށެވެ. މި ކެޓަގާރީން އެންމެ މޮޅު ޑައިރެކްޓަރަކަށް ޔޫސުފް ޝަފީއު "އެ ދޮންވެލި ތުނޑި"ން ހޮވުނުއިރު މި ފިމްމަށްވަނީ އެންމެ މޮޅު ކުރު ފިލްމްގެ އެވޯރޑްވެސް ލިބިފައެވެ.

މިފަހަރުގެ އެވޯރޑްގައި ފީޗަރަ 7 ފިލްމާއި ކުރު 25 ފިލްމް ވާދަކޮށްފައިވެއެވެ. ނިމިގެން ދިޔަ 4 ވަނަ އެވޯރޑް ނައިޓްގައި ގިނަ އައިޓަމްތަކެއް ފެނިފައިނުވާތީ ބެލުންތެރިންވަނީ އެކަމަށް ފާޑުކިޔާފައެވެ. އެހެންކަމުން މިފަހަރުގެ އެވޯރޑް ނައިޓް ގައި ތަފާތު ގިނަ ހަރަކާތްތަކެއް ފެނިގެންގޮސްފައިވެއެވެ.

 

 

 

އިނިގިރޭސި ވިލާތުގައި ހުންނަވާ ހައިކޮމިޝަނަރުގެ ނައިބު އާދަމް ޙަސަނުގެ މައްޗަށް ދައުވާކޮށްފައިވަނިކޮށް އޭނާ ރައްދު ދައުވާކޮށްފި

މުހައްމަދު އަޝްރަފް

  

 ޓްރެވަލް އޭޖެންސީގެ ހިދުމަތް ދެމުންއައި އިންޓަރލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދެހިއްސާދާރުންގެ ތެރެއިން އެއް ހިއްސާދާރުކަމުގައިވާ އިނގެރޭސިވިލާތުގައި ހުންނަވާ ދިވެހި ހައިކޮމިޝަނާގެ ނައިބު ހ.އޭޝަންލޮޖް އާދަމް ޙަސަންގެ މައްޗަށް އެކުންފުނީގެ އަނެއް ޙިއްޞާދާރު ނ.ވެލިދޫ ހިޔާވެހި އަބްދުﷲ ހަމީދު ދައުވާކޮށްފައިވަނިކޮށް، އަބްދުﷲ ހަމީދުގެ މައްޗަށް އަދާމް ހަސަން ރައްދު ދައުވާކޮށްފިއެވެ.

އާދަމް ހަސަންގެ މައްޗަށް އަބްދުﷲ ހަމީދު ދައުވާކޮށްފައިވަނީ އާދަމް ހަސަން އެކުންފުނީގެ އޮފީހުގެ ތަޅުބަދަލުކޮށް ތަޅުދަނޑިނުދީ މުޅި ކުންފުނީގެ އޮފީހާއި ލިޔެކިޔުންތައް އާދަމް ހަސަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީއާއި ކުންފުންޏަށް ލިބޭ އާމްދަނީ ކުންފުނީގެ އެކައުންޓަށް ޖަމައަނުކޮށް އާދަމް ހަސަން ހިއްސާވާ ކުންފުނިތަކުގެ އެކައުންޓަށް ޖަމައަކުރަމުންދާތީ އެކުންފުނިން އަބްދުﷲ ހަމީދުއަށް ލިބިދޭންޖެހޭ 40% ހައްޤުހޯދައި ކުންފުނި އުވާލުމަށެވެ.

އަނެއްކޮޅުން ހައޮކޮމިޝަނަރގެ ނައިބު އާދަމް ހަސަން، އަބްދުﷲ ހަމީދުގެ މައްޗަށް ރައްދު ދައުވާކޮށްފައިވަނީ ކުންފުނީގައި ހުރި އޭނާގެ ނަމުގައިވާ އުޅަނދުތަކުގެ މިލްކިއްޔާތު އޭނާއަށް ލިބިދިނުމަށާއި އަބްދުﷲ ހަމީދު ކުންފުންޏަށް ދައްކަންޖެހޭ ފައިސާތަކެއް ވާކަމަށް ބުނެ އެފައިސާތައް ހޯދުމަށެވެ.

އަބްދުﷲ ހަމީދާ ދެކޮޅަށް ކުރާ ދައުވާގައި މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާދަމް ހަސަންގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ވިދާޅުވީ ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައްކަމުގައިވާ "ކީމާ"، "މާރަނަ"، "މާކަނަ"، "މަލޫކާ" ދޯންޏަށް އަބްދުﷲ ހަމީދު ވަނީ އަގު އަދާކުރަން އެއްބަސްވެފައި ކަމަށެވެ. އަދި 22 އޮގަސްޓް 2004 ގައި އަބްދުﷲ ހަމީދު، އާދަމް ހަސަނަށް ފޮނުވާފައިވާ ސިޓީއިންވެސް އަބްދުﷲ ހަމީދު ކުންފުންޏަށް ފައިސާ ދައްކަންޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އާދަމް ހަސަން ވިދާޅުވީ ކުންފުނީގެ މިހާތަނަށް ކޮށްފައިވާ ހަރަދުތަކަކީވެސް އޭނާގެ އަމިއްލަ ފައިސާއިން ކޮށްފައިވާ ހަރަދުތަކެއް ކަމަށާއި ކުންފުނީގައި އަބްދުﷲ ހަމީދުގެ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި އޭނާ ހުންނަވަނީ އިނގިރޭސިވިލާތުގައި ކަމަށާއި ކުންފުނި ހިންގަމުގެ ކަންތައް ހަވާލުކޮށްފައިވަނީ އަބްދުﷲ ހަމީދަށް ކަމަށެވެ. އެގޮތުން އަބްދުﷲ ހަމީދަށް އެމަސައްކަތް ހަވާލުކޮށްފައި ބަހައްޓާފައި ހުންނަނީ 11 ހާސް ރުފިޔާގެ ފުލެޓަކާއި އަދި މަހު މުސާރަވެސް ދޭގޮތަށް ކަމަށް ވިދާޅުވިއެވެ.

އަނެއްކޮޅުން އަބްދުﷲ ހަމީދު ކުންފުނިން ވަކިވާން ބޭނުންވަނީ ކުންފުނި ވަރަށް ބޮޑަށް ދަރާފަ އޮތުމުން ކަމަށާއި އެގޮތުން ކުންފުނީގެ ދަރަނީގެ ގޮތުގައި ލިލީސްޓޯރަށް 5 ލައްކަ ރުފިޔާ ދައްކަން ޖެހޭއިރު، ކުންފުނީގެ ބޯޓު ފަހަރަށް ތެޔޮއަޅަން ތަންތަނުން ނަގާފައިވާ ފައިސާއަށް ގާތްގަޑަކަށް 3 ލައްކަ ރުފިޔާ ދައްކަން އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ކުންފުނީގައި ދުއްވާ ގިނަ ބޯޓު ތައްވެސް އޮތީ މަރާމާތު ކުރަންޖެހިފައި ކަމަށާއި އެގޮތުން މިދިޔަ ޖޫން މަހާ ހަމައަށް 1.5 މިލިއަން ރުފިޔާ ބޯޓު ފަހަރު މަރާމާތު ކުރުމަށްޓަކައި ހަރަދުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުﷲ ހަމީދު ވިދާޅުވީ އޭނާ މިކުންފުނީގައި ބައިވެރިވީ މީގެ 20 އަހަރު ކުރިން ކަމަށާއި މިކުންފުންޏަކީ އޭނާގެ 40 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުންޏަށް އޭނާ ފައިސާ ދައްކަންޖެހޭ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި އަދި އޭނާގެ ނަމުގައި ކުންފުނީގައި އެއްވެސް ސާބިތު ދަރަންޏެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ކުންފުންޏަށް ފައިސާތަކެއް ދައްކަން ޖެހޭ ކަމަށް ދައުވާ ކުރާފަރާތުން ވިދާޅުވަމުން ގެންދަވާއިރު އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމަކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.  

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން ޤާޒީ ވިދާޅުވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ ލިބޭ ފަރާތުން ބަޔާން ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށާއި މިމައްސަލަ ސާބިތު ކުރުމަށްޓަކައި ކުންފުނީގައި ދެ ފަރާތުން ކޮށްފައިވާ މުއާމަލާތް ތަކުގެ ލިޔެކިޔުންތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

 

ފެން ތަޣައްޔަރުވުމަކީ ކުރެންދޫ ރައްޔިތުންނަށް ކުރިމަތިވެފައި އެންމެ ބޮޑު މައްސަލަ

މިނިވަން

ޅ ކުރެންދޫއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެރަށުގެ ފެން ތަޣައްޔަރުވުން ކަމުގައި އެރަށު ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިއްޖެއެވެ. 1845 މީހުން ދިރިއުޅޭ ކުރެންދޫއަކީ ފެންތިލަ ރަށެއް ކަމަށް ވުމުން އެރަށުގެ ބިމުއަޑިން ދެފޫޓަށް ކޮނެލުމާއެކު ފެންފަށަލައިގައި ޖެހެއެވެ. އަދި އެރަށުގެ ގޭގޭގެ ފާޚާނާތައް ގުޅާފައި ހުންނަނީ ބިމަށް ފައްތާފައި ހުންނަ ވަޅުބުރިތަކަށް ކަމަށާއި ބައެއް ވަޅުބުރިތައް ފައްތާފައި ހުންނަނީ އާނު ކެޑުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

"މިރަށުގައި މިހާރު އަޅުގަޑު އެންމެ ކަންބޮޑުވާ މައްސަލައަކީ ފެން ތަޣައްޔަރުވުން. އަޅުގަޑުމެން ފެންވަރާ، އަންނައުނާއި ތެލިތަށި ދޮވެ ހެދުމަށް ބޭނުންކުރަން މި ޖެހެނީ ނަޖިސްފެނާއި އެކުވެފައި ހުންނަ ވަޅުފެން." އެރަށު އާދަމް ހުސޭނު ބުންޏެވެ.

ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެން ތަޣައްޔަރު ވުން ކަމަށާއި ފާޚާނާގެ ނިޒާމު އެރަށުގައި ގާއިމުކުރުމަށް މިހާރު އޭނާ ވަނީ ކޯޓޭޝަނެއް ތައްޔާރުކުރައްވާފައިވާ ކަމަށް އެރަށުގެ ކަތީބު އަހްމަދު މޫސާވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރެންދޫގެ ހުރިހާ ގޭގެއަކަށް ކަޅުހަން ދޫކުރެވިފައިވާތީ ބޯފެނުގެ މައްސަލައެއް އެރަށުގައި މިހާރު ނޯންނާނެއެވެ.

"އެންމެ ކަންބޮޑުވަނީ އަސާސީ ޚިދުމަތްތައް ނުލިބޭތީ." އިދްރީސް އަހްމަދު ބުންޏެވެ. "ކަރަންޓާ، ނަރުދަމާއާ، ސިއްހީ ކަންތައްތަކާ އެކަށީގެންވާ މިންވަރަށް ނުލިބޭ އަޅުގަޑުމެންނަކަށް."

ކަރަންޓުގެ މައްސަލަ އާ ގުޅޭގޮތުން ތަފްސީލު ކޮށްދެމުން އިދުރީސް ބުނީ "އެންމެ އިންޖީނެއް ހިންގާތާ މިހާރު 8 މަސް މީ. ހަމަ އެދާ ދިޔުމުގައި އޭތީ ނިއްވާލާފައި އޮވެދާނެ ދެދުވަސްވެސް ތިންދުވަސްވެސް. ދެން އޭގެ ތެރޭގައި އަޅުގަޑުމެން މުޅި ރަށުގައި ފުރިޖުތަކަށް އެތައް ބަޔަކު އަޅާތަކެތި ކުނިވެގެން އުކާލަން ހަމަ ޖެހެނީ. 8000، 9000 ރުފިޔާގެ ގެއްލުން ވެގެންދޭ. ޓީވީ ފަދަ ތަކެތިވެސް ކަރަންޓު ދާ ބޮޑީގައި އެބަހުރި ހަލާކުވެގެން ގޮސްފައި." ވާކަމަށެވެ.

ކުރެންދޫގައި މަދިރި ގިނަވެފައިވާ މައްސަލައަކީވެސް އެރަށުގެ ބައެއް ރައްޔިތުންނަށް ބޮޑު މައްސަލައެކެވެ.

"މަދިރީގެ މައްސަލަ އެންމެ ބޮޑު މައްސަލައަކީ މިރަށުގައި، ފާޚާނާގެ ނިޒާމާ. މަދިރި ދެން ހަމަ ވަރަށް ގިނަ. އަޅުގަޑުމެންނަށް މަޑުކޮށްލައިގެން ތިބެވޭވަރެއްވެސް ނޫން ތަނެއްގައި." ނަންހާމަކުރަން ނޭދޭ ކުރެންދޫ އަންހެނަކު މައުލޫމާތު ދިނެވެ.

އޭނާ ބުނީ މަދިރި ގިނަވަނީ ފާޚާނާގެ ނިޒާމު ނެތުމުން ޖަންކްޝަންތަކާއި ފަޅުގޯތިތަކުގެ ފެންވަޅުތަކުގައި މަދިރިފަނި އުފެދިގެން ކަމަށެވެ. އޭނާ ބުނިގޮތުގައި ރަށުގައި މަދިރި އުފެދުމުގެ މައްސަލައަށް ސަރުކާރުން އެކަށީގެންވާ މިންވަރަކަށް ފިޔަވަޅެއް ނާޅައެވެ.

މަދިރީގެ މައްސަލައާ ބެހޭގޮތުން ކަތީބު މުހަންމަދު މޫސާ ވިދާޅުވީ އެފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބެންވާ މިންވަރަށް ނުލިބޭކަމަށާއި ކުރެންދޫއަކީ ފެންތިލަ ހިޔާބޮޑު ރަށަކަށްވެފައި ފެންހެދުން ފަސޭހަވެ ޖަންކްޝަންފަދަ ތަންތަން އެކަށީގެންވާ ވަރަށް ރައްޔިތުން ސާފުނުކުރާތީއެވެ.

ކުރެންދޫގައި ގާތްގަޑަކަށް 380 ގޯތި ހުރިއިރު އޭގެ ހަތަރުބައިކުޅަ އެއްބައި ގޯތި ހުންނަނީ ފަޅަށްކަމަށް ކަތީބު އަހްމަދު ވިދާޅުވިއެވެ.

ކަތީބު ވިދާޅުވިގޮތުގައި ކުރެންދޫގެ ނެރު ތިލަވުމުގެ ސަބަބުން ކުދި ދޯނިފަހަރުގައި އެރަށަށް ވަދެ ނުކުތުމަކީވެސް މިހާރު ވަރަށް އުދަގޫ ކަމެކެވެ. އަދި ބިމުގެ ދަތިކަން އެރަށަށް ކުރިމަތިވަމުން އަންނާތީ ބިން ހިއްކުމަށް ފަސޭހަވާނީ އެރަށުގެ ފަޅުތެރެއިން ހުޅަގު ދެކުނު ސަރަހައްދު ކަމަށް ވާތީ އެ ސަރަހައްދުގައި މިހާރު ބޭނުންކުރެވެމުންދާ ބަދަރު ރަށުގެ ހުޅަގު އުތުރަށް ބަދަލުކުރުމަށް ސާވޭކޮށް މިހާރު ވަނީ ނިމިފައެވެ.

ކުރެންދޫގައި މިހާރު 190 މީހުން ގޯއްޗަށް އެދިފައިވާކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވާ 100 މީހުން ތިބިއިރު އެރަށުން މިހާރު ލިބެން ހުރީ 74 ގޯތި ކަމަށާއި ފަޅު ގޯތިތައް ސަރުކާރަށް ނަގައިގެން ނަމަވެސް ނުވަތަ ބިން ހިއްކައިގެން ނަމަވެސް މިހާރު އެދިފައިވާ މީހުންނަށް ގޯތި ދޫކުރެވޭނެ ކަމަށް ކަތީބު ވިދާޅުވިއެވެ.

ކުރެންދޫގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް އެރަށުގައި ހުރި ސިއްހީ މަރުކަޒު ނުފުދޭކަމަށްވެސް އެރަށުގެ ބައެއް ރައްޔިތުން ބުނެއެވެ.

ސިއްހީ މަރުކަޒުގައި 1 ޑޮކްޓަރާއި 2 ނަރުހުންގެ އިތުރުން މަހަކު އެއްފަހަރު އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން ސްކޭން ކުރެވޭނެގޮތް ރަށުގައި ހަމަޖައްސައި ދެވުނުކަމުގައި ވިޔަސް އަލަށް ވިހުން ފަދަ ކަންކަމަށް ޅ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދިޔުމަށް ސިއްޙީ މަރުކަޒުން ބާރުއަޅާކަމަށް ކަތީބު މުހަންމަދު މޫސާ ވިދާޅުވިއެވެ. ކަތީބު ވިދާޅުވީ އެރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ބޭސްފިހާރައެއް ހުންނަ ކަމަށެވެ.

ކުރެންދޫގެ ބައެއް ރައްޔިތުން ހާމަކުރިގޮތުގައި އެރަށުގެ ސްކޫލްތަކުގައި ގްރޭޑް 11 އަށް ކިޔަވައިދޭއިރު ސްކޫލްގައި ކިޔަވައިދިނުމަށް ގްރޭޑް ދިހައެއް ނިންމާފައިވާ ތަމްރީނު ނުލިބި ތިބި މީހުން ކިޔަވައިދެމުންދާ މައްސަލައާ ދޭތެރޭ ކަންބޮޑުވެއެވެ.

 

 

 

 

 

އިންތިޤާލީ ބާބު: ރިޔާސީ އިންތިޚާބުގެ ކުރިން އަތޮޅުވެރިންނާއި ކަތީބުން ސިޔާސީ ނުފޫޒުން ހިމާޔަތްކުރުމަށް ހުރި ހުށަހެޅުންތައް ޑީއާރުޕީން ފޭލިކޮށްލައިފި

އަބްދުއްރަހްމާން

 

     އާދީއްތަދުވަހު މެންދުރުފަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކުގެ ތެރެއިން ރ މެންބަރު ޝާހީނު ހަމީދާއި، ދ މެންބަރު އަހްމަދު ނާޝީދާއި، ހއ މެންބަރު އަހުމަދު ސަމީރު ހުށަހަޅުއްވާފައިވާ އަތޮޅުވެރިންނާއި ކަތީބުން ސިޔާސީ ނުފޫޒުން ހިމާޔަތްކުރުމަށް ހުރި ހުށަހެޅުންތަކަށް ޑީއާރުޕީ މެންބަރު ވޯޓުނުލުމުގެ ސަބަބުން ފޭލިވެއްޖެއެވެ. މިހުށަހެޅުންތައް ޚާއްސަކޮށް ހުށަހަޅާފައިވަނީ އަންނަ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް އަތޮޅުވެރިންނާއި ކަތީބުންނާއި މާލޭގެ އަވަށްތައް މައުމޫނުގެ އަތްދަށުން މިނިވަން ކުރުމަށެވެ.

     މިގޮތުން ފޭލިކޮށްލި ހުށަހެޅުންތަކުގެ ތެރެއިން ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުންކަމަށްވާ "އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިންގުން" ފާހެއްނުވިއެވެ.

މިހުށަހެޅުމުގެ މައިގަނޑުގައި ވަނީ "(ށ) މާލޭ މުނިސިޕަލްޓީގެ ރައީސްއާއި، މާލޭގެ އަވަށު އޮފީސްތައް ހިންގުމާ ހަވާލުވެ އެންމެއިސްކޮށް ހުރި ސަރުކާރުގެ މުވައްޒަފަކު އެބައިމީހުންގެ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުންމަތީ ދެމިތިބެންވާނެއެވެ. އަވަށުއޮފީސްތައް ޖަވާބުދާރީވާނީ މާލޭ މުނިސްޕަލްޓީއަށް އެކަންޏެވެ. (ނ) އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިންނާއި އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ތަފާތުކޮށް އެހީވެދީ އަދި އެއްވެސް ސިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ނުވަތަ ހުރަސްއަޅައިގެން ނުވާނެއެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ނުވާނެއެވެ. އިންތިޚާބުތަކާބެހޭ ކަންތައްތައް އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ލަފަޔާއި އިރުޝާދު ހޯދާނީ އަދި ޖަވާބުދާރީވާނީ ހަމައެކަނި އިލެކްޝަން ކޮމިޝަނުންނެވެ. (ރ) މާލޭ މުނިސްޕަލްޓީގެ ރައީސްއާއި އަތޮޅުތަކުގެ އަތޮޅުވެރިންނާއި ރަށްރަށުގެ ވެރިން ހިމެނޭނީ ސިވިލް ސަރވިސް ތެރޭގައި" ކަމަށެވެ.

     ޑީއާރުޕީން ފޭލިކޮށްލި ސަމީރާއި ޝާހީނުގެ ހުށަހެޅުންތަކުގެ ބަސްމަގުވެސް ހުރީ ނާޝިދުގެ ހުށަހެޅުމާ އެއްގޮތަށެވެ.

     މީގެ އިތުރުން ޝަހީނު ހަމީދުގެ ހުށަހެޅުމެއްކަމަށްވާ "ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާންކުރާ ހުށަހެޅުންވެސް ފާހެއް ނުވެއެވެ. އެހުށަހެޅުމުގައި ވަނީ ދެން އޮންނަ ރިޔާސީ އިންތިޚާބެއް ބޭއްވެންދެން، "(ރ) އެއްވެސް ފަރާތަކަށް ދައުލަތުގެ މުދަލެއް ކުއްޔަށްދީ، ރަހުނުކޮށް، ވިއްކާ ނުވަތަ މިނޫންވެސްގޮތަކަށް ދޫކޮށްލައިގެންނުވާނެއެވެ. (ބ) ވެރިކަން ހިންގާ ފަރާތުން އައުމަޤާމުތައް އުފައްދާ، މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދީ ހަދައިގެން ނުވާނެއެވެ. ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން މަޤާމުތައް އުފައްދާ މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދިނުމަށް މިމާއްދާ ހުރަހެއްނާޅައެވެ. (ޅ) ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަސްޢޫލުވެގެންތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެނޑިޑޭޓުންނަށް ލިބިދޭންވާނެއެވެ. މީގެތެރޭގައި ދައުލަތުގެ މީޑިޔާގެ ވަސީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ހިފުން ހިމެނޭ" ކަމަށެވެ.

     ރަށްރަށާއި އަތޮޅުތަކުގެ މައްސަލާގައި ހަމައެކަނި ފާސްވީ އަނީސާގެ ހުށަހެޅުންކަމަށްވާ "ލާމަރުކަޒީ އުސޫލުން ހިންގުމެވެ". މިހުށަހެޅުމުގައި ވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށެވެ.

 

 

 

 

އަންނިގެ ވެރިކަމެއްގައި ރާއްޖޭގެ ތައުލީމަށް އަހަރަކު އެއްބިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ވިދާޅުވެއްޖެ

އިސްމާއިލް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި) ޅ ރ އަދި ބ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެން މިއަދު ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި، އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖޭގެ ތައުލީމަށް އަހަރަކު އެއްބިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ. އަދި ތައުލީމީ ކަންތައްތައް ރަނގަޅުކުރުމަށްޓަކާ މަދަރުސާތައް އެއްދަންފަޅިއަކަށް ހައްދަވާނެ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ ވަރަށް މުދައްރިސުން އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަންނިގެ ވެރިކަމެއްގައި ދީނީ އެއްބައިވަންތަކަން އާލާކުރުމަށްޓަކާ ދީނީ އިލްމުވެރިންނަށް ދީނީ ތަގުރީރު ދިނުމަށާއި، ދީނީ ސިއާރު ފާޅުކުރުމުގެ މިނިވަންކަން ދޭނެކަމަށާއި، ދީނީ ކަންތައްތައް ވަކިގޮތަކަށް ބައްޓަންކުރަން ހަރުކަށި ފިޔަވަޅު އެޅުމަކުން ކާމިޔާބެއް ނުވާނެކަމަށްވެސް އަންނި ވިދާޅުވިއެވެ. އަދި އިސްލާމީ ހުދޫދުގެ ތެރެއިން އެބަޔަކަށް ގަބޫލު ކުރެވޭ އެންމެ ރަނގަޅަށް ދީނީ އަޅުކަންތައް ކުރުމުގެ މިނިވަންކަން ދޭނެކަމަށްވެސް އަންނި ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި މާލޭގެ ގޭގެއިންނަގާ ކުލި ކޮންޓްރޯލް ކުރުމަށް މަސައްކަތް އަންނިގެ ވެރިކަމެއްގައި ކުރައްވާނަންތޯ ނޫސްވެރިއަކު އެއްސެވުމުން އަންނި ވިދާޅުވީ ކުލި ކޮންޓްރޯލް ކުރުމަށް މަޖުބޫރެއް ނުކުރެވޭނެކަމަށާއި، ކުލިކޮންޓްރޯލް ކުރެވޭނީ މާލެއަށް ހިޖުރަ ކުރާމީހުން މަދުކޮށްގެންކަމަށެވެ.

އަންނިގެ ވެރިކަމެއްގައި މަސްތުވާތަކެތި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެކަމަށާއި، އެގޮތުން ފުލުހުންގެ ދައުރު ހަރުދަނާކޮށް މަސްތުވާތަކެތި ލިބޭމިންވަރު މަދުކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ މިހާރު އިސްލާހު ކުރެވޭ ގާނޫނުއަސާސީގައި އެމްޑީޕީ ގަބޫލުނޫން ބައެއް މާއްދާތައް ހިމެނޭކަމަށާއި އެހެން ނަމަވެސް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަލުން ނުކުރައްވާނެކަމަށެވެ. އަދި މައްސަލައަކީ ގާނޫނު އަސާސީ ނޫންކަމަށާއި، އެންމެ ބޮޑު މައްސަލައަކީ ތަންފީޒު ކުރުމާއި، ކަންކަން ބަލައިގަންނަ ގޮތްކަމަށެވެ.

އަންނިގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގައި އަންނިގެ އާއިލާގެ ބޭފުޅުން ބައިވެރި ވާނެ މިންވަރަކާމެދު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަންނި ވިދާޅުވީ އަންނިގެ ވެރިކަމެއްގައި އޭނާގެ އާއިލާ މީހުން ސިޔާސީ މަގާމުތަކަށް ނުލައްވާނެ ކަމަށާއި، މިހާރު އެމްޑީޕީގެ މަގާމުތަކުގައި ތިއްބެވި އަންނިގެ އާއިލާގެ ބޭފުޅުންނަކީ އެމަގާމުތަކަށް އިންތިހާބު ވެފައިވާ ބޭފުޅުންކަމަށާއި، އެއިން އެއްވެސް ބޭފުޅަކީ އަންނި އައްޔަން ކުރައްވާފައިވާ ބޭފުޅުން ނޫންކަމަށެވެ.

 

މާރާމާރީ ހިންގާ މީހުން ހޯދުމުގެ ނަމުގައި ފުލުހުން 14 ކުޑަކުއްޖަކު ހައްޔަރުކޮށްފި

އިސްމާއިލް

މާލޭގައި މިހާރު ކުރިއަށްދާ ސިލްސިލާ މާރާމާރީތަކުގައި ބައިވެރިވާ ފަރާތްތައް ހޯދުމުގެ ނަމުގައި ހިންގާ ހަރަކާތުގައި ރޭ 14 ކުޑަކުއްޖަކު ހައްޔަރުކޮށް، އެކުދިންނާ މެދު ވަރަށް އިހާނެތިކޮށް އަމަލު ކުރަމުންދާކަމަށް އެކުދިންގެ ބެލެނިވެރިން ބުނެފިއެވެ.

ފުލުހުން ހައްޔަރު ކުރިކުދިންގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުންދާ އުމުރުން 13 އަހަރުގެ ކުއްޖެއްގެ މަންމަ ކިޔައިދިނެވެ. "އަޅުގަނޑުގެ ދަރިފުޅު އިއްޔެ ހަވީރު 4 ޖެހިއިރު އާޓިފިޝަލް ބީޗަށް ދިޔައީ ބާސްކެޓް ކުޅެން. އެކުއްޖާ ބަލައި އަށެއް ޖަހާކަންހާއި ކުޅޭތަނަށް ދިޔައިރު ކުޅޭ ދަނޑުގަ ހުރިހާ ކުދިން ތިބި. އަޅުގަނޑު ދިޔާމަ ބުނީ މަންމާއޭ އިރުކޮޅަކުން މިދައީއޭ. އެހެންބުނީމަ އެހެން ބުނީމަ އަޅުގަނޑު އައީގެއަށް. ގެއަށް އައިތަނާ ވިލީ ފުލުހުން އަޅުގަނޑަށް ގުޅާފަ ބުނީ ދަރިފުޅު ވެއްޖެއޭ މިހާރު ވިލީ ފުލުހުގަ. އަޅުގަނޑު އަހައިފިން ކޮން މައްސަލައެއްގައިހޭ؟ އެމީހުން ބުނީ ކޮންމެވެސް މައްސަލައެއްގައޭ. ބެލެނިވެރިޔާ ދުރުވިއްޔާ ވަރަށް ރަނގަޅޭ. އަޅުގަނޑު އެތަނަށް ދިއުމުން އަޅުގަނޑާ ދަރިފުޅާ ވައްދާ ބަޔާންނެގީ. އަޅުގަނޑުގެ ދަރިފުޅުބުނީ އެމީހުން ކުޅެނިންމާލާފައި އެތާ މަޑުކޮށްލައިގެން ތިއްބާ ފުލުހުންގެ ޖިޕު އައުމުން އެކުދިންގެ ތެރޭގައި ހުރި ކުއްޖަކު ދުއްވައިގަތުމުން ފުލުހުންއައިސް އެއްވެސް ސުވާލެއް ނުކޮށް އެކުދިންތައް ޖިޕަށް ލައިގެން ވިލީ ފުލުހަށް ގެންދިޔައީ" ކަމަށެވެ.

އެކުއްޖާގެ މަންމަ ބުނީ އޭނާ ވިލީ ފުލުހަށް ގެންގޮސް ބަޔާން ނެގުމަށް ފަހު 12:00 ޖަހަންދެއް ބޭންދިކަމަށާއި، އަދި އެތަނުގައި ލަސްވާތީ އެކަމާ ސުވާލުކުރުމުން އެކުދިން ހައްޔަރު ކޮށްފައި އެތިބީ މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނިކަމަށެވެ. އަދި މިއަދު ހެނދުނު ދޫކޮށްލާނެ ކަމަށްބުނެ އެހެން ނަމަވެސް އެކުއްޖާގެ މަންމަ މިނިވަނަށް މެންދުރުފަހު މައުލޫމާތު ދިންއިރުވެސް އެކުދިން ދޫނުކުރާކަމަށާއި، އަދި ބައްދަލު ކޮށް ނުދިންކަމަށްވެސް އެކުއްޖާގެ މަންމަ ބުންޏެވެ.

އެކުއްޖާގެ މަންމަ ބުނީ ފުލުހުން އެކުދިން ހައްޔަރު ކުރުމަށްފަހު އެކުދިންނާއި މެދު އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާއި އެގޮތުން މިއަދު ހެނދުނު ފޯނުން ގުޅުމުން އެކުއްޖާ ބުނީ އެކުދިން ބަނޑުހައިވެގެން ކާންއެދުމުން ދިނީ އެންމެ ރޮށްޓަކާ ރިހަ ކޮޅެއް ކަމަށެވެ.

ފުލުހުން ހައްޔަރުކުރި ކުދިންގެ ތެރޭން އެހެންކުއްޖެއްގެ މަންމަ މިނިވަނަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދެދަރިން ހައްޔަރު ކުރީ ރޭ 8 ޖަހާކަންހާއިރު ކާނިވަލް ކައިރީގަ ރައްޓެހި ކުއްޖަކާ ވާހަކަދައްކަންތިއްބައިކަމަށެވެ. އަދި އެދެކުދިންގެ މަންމަ ބަޔާން ނަގަން ވިލީ ފުލުހަށް ގެންގޮސް، ފުލުހުން އޭނާއާ މެދު އަމަލުކޮށްފައިވަނީ ވަރަށް ބޭއަދަބީ ގޮތަކަށް ކަމަށާއި، އަދި ފުލުހުން މަލާމާތްކޮށް ހެދި ކަމަށްވެސް އޭނާ ބުންޏެވެ.

މިކާމާ ގުޅިގެން ފުލުހުންގެ ވެބަސައިޓުގައި ޝާއިރުކޮށްފައިވަނީ "ލިބުނު މަޢުލޫމާތަކާއި ގުޅިގެން އާރޓިފިޝަލް ބީޗް ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގުމަށް ތައްޔާރުވަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މީހުން ވަނީ ދުވެ ފިލަންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެހުރިހާކުދިންވެސް ވަނީ ހައްޔަރުކުރެވިފައި" ކަމަށެވެ.