Tuesday, 15 April 2008

ދުއްވާފައިދިޔަ ސައިކަލެއް ރުކެއްގައި ޖެހި 48 އަހަރުގެ މީހެއް މަރުވެއްޖެ

އިބްރާހީމް މުޙައްމަދު

ލ.ފޮނަދޫއިން ލ.ކައްދޫއަށް ދަތުރުކުރަމުންދިޔަ ސައިކަލެއް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހި ދުއްވަން އިން މީހާ މިއަދު މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރިގޮތުގައި މި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެފައިވަނީ ލ.ފޮނަދޫ ޖަނބުރޯލު ގަސްދޮށުގޭ އިސްމާއިލް އަޙުމަދު 48،އެވެ.

"އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ގެއްލުންތަކަށް ހައްދުންމަތީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ" ފުލުހުންގެ ރަސްމީ ވެބްސައިޓުގައި މިއަދު މެންދުރު ލިޔެފައިވެއެވެ. ނަމަވެސް ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރ ޢަލީ ނާސިރު ވިދާޅުވީ އެކްސިޑެންޓްވި މީހާ ފަރުވާދިނުމަށް ގެނެވުނީ މެންދުރު 13:15 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާކަމަށެވެ.

"އޭނާގެ ބޭރުފުށުން މާބޮޑެތި ގެއްލުންތަކެއް ފެންނާކަށް ނެތް" ނާސިރު ވިދާޅުވިއެވެ.

މަރުވި އިސްމާއީލް މަސައްކަތްކުރަނީ ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައިކަމަށާއި އޭނާއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކަކުލު ހުޅުގެ ތިރި ފަޅައިގެން ދިޔުމުގެ އިތުރުން ފަލަމަސްގަނޑުގެ ކަށި ބިންދައިގެން ދިޔުމުގެ ސަބަބުން ބޭރަށް ނިކުމެފައިވާކަމަށް ނާސިރު ބުންޏެވެ.

"ލަފާކުރެވެނީ މާބާރު ސްޕީޑްގައި ދުއްވާފައި ދިޔައީ ހެން" ނާސިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ހާމަކުރިގޮތުގައި ވޭތުވެދިޔަ ހަފްތާގައި މާލޭން އެކަނިވެސް 44 އެކްސިޑެންޓް ރިޕޯޓު ކުރެވިފައިވާކަމަށެވެ.

No comments: