މޮނާޒާ ކޮންސްޓްރަކްޝަނާއި މޮނާކާ ޝިޕިންގ އަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ނަގާފައިވާ ލޯނު ފައިސާގެ މައްސަލާގައި ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއަށް ލޯނުގެ ގެރެންޓީ ދިން މއ ނޫރީގޭ އިބްރާހިމް އަލިމަކު ނުވެއްދުމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.
މިމައްސަލައަކީ މޮނާޒާ ކޮންސްޓްރަކްޝަނަށް އެސްބީއައިން ނަގާފައިވާ 6.9 މިލިއަން ރުފިޔާއާއި މޮނާކާ ޝިޕިންގ އަށް އެސްބީއައިއިން ނަގާފައިވާ 1.2 މިލިއަން ރުފިޔާގެ ލޯނާއި ސާވިސް ޗާޖަށްވާ 11 ޕަސެންޓް ނުދައްކައިގެން އެސްބީއައިއިން މިދެ ކުންފުނީގެ މައްޗަށް ކުރަމުންދާ ފައިސާގެ މައްސަލައެކެވެ.
މިމައްސަލާގައި މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިލޯނު ނެގުމުގައި ގެރެންޓީ ދެއްވި އިބްރާހިމް އަލިމަނިކުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ އެސްބީއައިއަށް ލޯނު ފައިސާއެއް ދައްކަންޖެހޭނަމަ އޭގެ ޒިންމާ ވާންޖެހޭނީ މޮނާޒާ ކޮންސްޓްރަކްޝަންގެ ދެ ވެރިން ކަމުގައިވާ މ.ވެލިދޫގޭ މުހައްމަދު ނައީމާއި މ. މާލިމީގޭ ހަދީޖާ ހަސަން ކަމަށެވެ.
ނަމަވެސް ހަދީޖާ ހަސަންގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ އެސްބީއައިން ލޯނު ނަގާފައިވަނީ އިބްރާހިމް އަލިމަނިކުގެ ޕާމް ބީޗް ރިސޯޓު ރަހުނު ކުރައްވާފައި ކަމަށްވާތީ، އިބްރާހިމް އަލިމަނިކުގެ މައްޗަށް މިދައުވާ ނުކުރެވެންވީ ސަބަބެއްނެތް ކަމަށެވެ.
މުހައްމަދު ނައީމުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެސްބީއައިން ނަގާފައިވާ ލޯނު ފައިސާ ދެއްކުމަށް މުހައްމަދު ނައީމަށް އެބޭންކުގެ ފަރާތުން އަންގަވާފައިނުވާ ކަމަށެވެ. ނަމަވެސް މިފައިސާ ދެއްކުމަށް ކުންފުންޏަށް އަންގަވާފައިވާ ކަމަށާއި ކުންފުނީގެ ފަރާތުން މިފައިސާ ނުދެއްކިވަނީ ހަދީޖާ ހަސަންގެ ނުފޫޒާއި ބާރުގެ ސަބަބުން ކަމަށެވެ. އަދި މިފައިސާ ނުދެއްކި ވަނީ ހަދީޖާ ހަސަންގެ ނުފޫޒާ ބާރުގެ ސަބަބުން ކަމަށްވާތީ މިފައިސާ ދައްކަންޖެހޭނީ ހަދީޖާ ހަސަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރ ޖެނެރަލަކަށް ހަދީޖާ ހަސަން ހުންނެވިއިރު މަގާމުގެ ބާރު ބޭނުން ކުރައްވައިގެން އެސްބީއައިއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ. އަދި މިމުއާމަލާތާ ގުޅިގެން މ. ވެލިދޫގެ ރަހުނު ކުރައްވާފައިވާ ކަމަށާއި ލޯނު ފައިސާ ނުދެއްކަވައިފި ކަމުގައިވާނަމަ އެ ގެ ވިއްކާލެވިދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ޝާހީނު ހަމީދު ވިދާޅުވީ މިދައުވާ ކުރައްވާފައިވަނީ ލޯނު ފައިސާއާއި ރަހުނު ހޯދުމަށް ކަމަށްވެފައި ގާނޫނުގައިވާ ގޮތުގެ މަތިން މިދެކަންތައް އެއްފަހަރާ ހޯދުމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ރަހުނު ވިއްކާލަން ގާނޫނީ އެއްވެސް ބާރެއް ލިބިގެންނުވާ ކަމަށްވެސް ޝާހީނު ވިދާޅުވިއެވެ.
މިމައްސަލާގެ ގާޒީ އަހުމަދު ޝަރީފު އެދިލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ކުންފުނީގެ ޑިރެކްޓަރުންގެ ފަރާތުން ވިދާޅުވާން ބޭނުންވާ ކަންތައްތައް ބަޔާންކޮށް ބަޔާނެއް ހުށަހެޅުއްވުމަށެވެ. އަދި މިދެ މައްސަލައަކީވެސް އެސްބީއައިއިން ހުށާހަޅާފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް މިދެ މައްސަލާގައިވެސް ފެނިގެންދަނީ ދައުވާ ލިބޭ ފަރާތްތަކުން އަނެއް ފަރާތްތަކަށް ރައްދުދޭތަން ކަމަށެވެ.
އެސްބީއައިގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ބޭންކުން ބޭނުންވަނީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ލިޔުމަކުން ބަޔާން ހުށަހެޅުމަށް ކަމަށެވެ.
No comments:
Post a Comment