Tuesday, 15 April 2008

އެއަރޕޯޓް ފަޔަރމަނުންގެ ތުނބުޅިތައް ބޭލުމަށް އަންގައިފި

އިބްރާހީމް މުޙައްމަދު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ އެންޑް ރެސްކިޔުގައި މަސައްކަތް ކުރަމުންދާ ފަޔަރމަނުންގެ ތުނބުޅިތައް މިމަހު 17 ވަނަ ދުވަހުގެ ކުރިން ބޭލުމަށް އަންގައިފިއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކިޔުޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު އާމިރު ވިދާޅުވީ މި ޤަވާއިދަކީ އަލަށް ހެދޭ ޤަވާއިދެއް ނޫންކަމަށާއި ކުރިންވެސް ހެދިފައިވާ ޤަވާއިދެއްކަމަށެވެ. ގިނަ އަހަރުތަކަށް މި ޤަވާއިދަށް އަމަލުނުކޮށް މިމަހު 13 ވަނަ ދުވަހު ކުއްލިގޮތަކަށް މި ޤަވާއިދަށް އަމަލުކުރަން ނިންމި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ މިއީ އެއަރޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުން ކަމަށެވެ.

"އަޅުގަނޑުމެން ވާނެ ޔުނީފޯމް ކޯޑަށް އަމަލުކުރުމަށް މުހުލަތެއް ކަނޑައަޅާފައި" އާމިރު ވިދާޅުވިއެވެ. "ޔުނީފޯމް ކޯޑަށް އަމަލުކުރަން ދަތިވާ މުވައްޒަފުންނަށް ފުރުސަތު އެބައޮތް އެހެން ދިމަދިމާލަށް ދިޔުމަށް. އަޅުގަނޑު ދަންނަވާފައިވާނެ މިމަހު 17 ރައިގެ ކުރިން ދަތިވާފަރާތްތަކުން މައްސަލަ އެނގުމަށް. އޭރުން އަޅުގަނޑުމެން އެހެން ދާއިރާތަކުގައި ވަޒީފާ އޮތްނަމަ އެފުރުސަތު ހޯދައިދޭނަން"

ނަމަވެސް އަދިއަދާ ޖެހެންދެން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށް އާމިރު ވިދާޅުވިއެވެ. އަދި މިމަހު 17 ގެ ފަހުން ތުނބުޅި ނުބާލާ ހުރި ފަރާތްތަކަށް އަޅުއްވާނެ ފިޔަވަޅުތައް ހާމަކުރައްވަން ދެކޮޅު ހެއްދެވިއެވެ.

"އަޅުގަނޑުމެން އަމަލުކުރާނެ ގޮތް މީޑީޔާއަށް ހާމަކުރަން އަދި ގަސްދެއް ނުކުރަން" އާމިރު ވިދާޅުވިއެވެ.

އާމިރު ފާހަގަކުރެއްވިގޮތުގައި ޔުނީފޯމް ޤަވާއިދާ ހިލާފްވާކަމަށް ފާހަގަކުރެވެނީ 12 ވަރަކަށް މުވައްޒަފުންނެވެ. އަދި މި 12 ވަރަކަށް މުވައްޒަފުންނަށްވެސް ދިމާވެފައިވާ މައްސަލައަކީ ތުނބުޅި ދިގުވުންކަމަށް އާމިރު ވިދާޅުވިއެވެ. އެއެރޕޯޓްސް ކުންފުނީގެ ފަޔަރ އެންޑް ރެސްކިޔުގައި 100 އަށްވުރެ ގިނަ ފަޔަރމަނުން ވަޒީފާ އަދާކުރެއެވެ.

"މިއީ އަޅުގަނޑުމެން އެކަނި އަމަލުކުރާ ޤާވާއިދެއް ނޫން' އާމިރު ވިދާޅުވިއެވެ. "ނަމަވެސް މިއީ އިންޓަނޭޝަނަލް ޤަވާއިދު"

ފަޔަރމެނެއްގެ ވަޒީފާގައި 13 އަހަރު މަސައްކަތްކުރަމުން އަންނަ މުވައްޒަފަކު ބުނީ ތުނބުޅި ބޭލުމަށް އެނގީ ބްރީތިންގް މާސްކް އެޅުމުން ތުނބުޅީގެ ސަބަބުން ލީކެއް ހުރެދާނެކަމަށް ބުނެފައިކަމަށެވެ. ނަމަވެސް އަސްލަކީ މިވޭތުވެދިޔަ އަހަރުތަކުގައި ތުނބުޅިއާއި އެކު މާސްއެޅިކަމުގައިވިޔަސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ނުވާކަމަށް އޭނާ ބުންޏެވެ. އަދި މިޤަވާއިދުގެ ސަބަބުން ތަމްރީނު ވެފައިވާ 16 މުވައްޒަފެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުކަމަށް އޭނާ ބުންޏެވެ.

"އަހަރަމެން ޓްރެއިންވެފައި މިތިބީ އަލިފާން ނިތްވުމަށް" ހިތްހަމަނުޖެހުމާއިއެކު އޭނާ ބުންޏެވެ. "ބައެއް މީހުން އެބަތިބި ރާއްޖެއިން ބޭރުން ޓްރެއިންވެފައި. މިހެންވުމުން އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްފިނަމަ ވަރަށް ދަތިވާނެ"

ފަޔަރމަނެއްގެ ގޮތުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ބުނީ ސީއީޢޯ އާމިރު ބައްދަލުކުރުމަށްފަހު ބުނީ މުސްލިމު ޤައުމުތަކުގައި އޮންނަ އުސޫލުތައް ބަލަން ބޭނުންނުވާކަމަށެވެ. އަދި ސިޓީގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅިނަމަވެސް އެހެން ތަނަކުން ވަޒީފާ ދޭނެކަމުގެ ޔަޤީންކަން އާމިރު ނުދެއްވާކަމަށް ބުންޏެވެ.

"8 އަހަރަށްވުރެ ގިނަ ދުވަސް މީހުން މިތިބީ" އޭނާ ބުންޏެވެ.

މިމައްސަލަ އެމެރިކާގެ ކޮލަމްބިޔާ ޑިސްޓްރިކްޓްގެ މުސްލިމު ފަޔަރމަނުންނަށް 2001ވަނަ އަހަރު ކުރިމަތިވެފައިވެއެވެ. ނަމަވެސް ދީނީ ގޮތުން ތުނބުޅި ދިގުކޮށްގެން އުޅޭ ފަޔަރމަނުންގެ ތުނބުޅި ބޭލުން މަނާނުކުރެވޭނެކަމަށްބުނެ 29 ސެޕްޓެމްބަރ 2007 ވަނަ ދުވަހު ކޮލަމްބިޔާ ޑިސްޓްރިކްޓްގެ ފެޑެރަލް ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ.

No comments: