Tuesday, 15 April 2008

ކަމާލުއްދީނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަނާޅާކަމަށް އަދި އަމީން އާންމް ވިދާޅުވެއްޖެ

އިސްމާއިލް

މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެޔާޒް އަބުދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ބުނެ ބައެއް ނޫސް މަޖައްލާތަކުގައި ސާއިއު ކޮށްފައިވާ ޚަބަރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ދޮގު ކުރައްވައިފިއެވެ.

ދުވަހު ނޫސް "ހަވީރު"ގައި ސާއިއުކޮށްފައިވާ މިހަބަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިނިސްޓަރ އަބްދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަނާޅާކަމަށާއި، އެހެން ނަމަވެސް އެކަމާ ގުޅޭސިޓީ 10 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާކަމަށެވެ. އަދި ބައެއް ނޫސް މަޖައްލާތަކުން އެމައްސަލަ މަޖިލީހަށް ހުށަހެޅިކަމަށް ބުނިނަމަވެސް، މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަމަށް ވާނީ ގާނޫނު އަސާސީގައި ބުނެފައި ވާގޮތަށް މަޖިލީހަށް އެމައްސަލައެއް ހުށަހެޅުމުންކަމަށް އަމީން އާންމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެޔާޒް އަބްދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ބުނެ ދުވަހު ނޫސް ހަވީރުގައި ޝާއިއު ކޮށްފައިވާ ލިއުމުގައި "މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދު މިއަދު (ހޯމަދުވަހު) ވިދާޅުވީ 10 މެމްބަރުން ސޮއިކޮށް، ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވާކަމަށެވެ. އެހެންނަމަވެސް އެމައްސަލަ ހުށަހެޅިހައިވަނީ ކީއްވެގެންކަމާއި، އެމައްސަލަ އެޖެންޑަރ ކުރާނެ އިރެއް އަމީންއާމް ވިދާޅެއް ނުވިއެވެ" މިގޮތަށް ލިޔެފައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ ބުނާގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ދިހަމެންބަރުން، ސަބަބު ބަޔާންކޮށް، މަޖިލީހުގެ ރައީސަށް ލިޔުމަކުން ފޮނުވުމުންނެވެ. މިފަދަ މައްސަލައަކާމެދު މަޖިލީހުގައި ބަޙުޘު ކުރެވޭނީ، ވަޒީރުންގެ މަޖިލީހުގެ އެމެންބަރަކަށް އެކަން އަންގައި، ސާދަ ދުވަހުގެ މުއްދަތު ދިނުމަށްފަހު، އޭނާ ލިޔުމަކުންދޭ ބަޔާނަކާއެކު މައްސަލަ މަޖިލީހަށް ހުށައެޅުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ އެމެންބަރެއްގެ އިތުބާރު ކެނޑިއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެގެންކަމަށާއި، މި މައްސަލައިގައި ބަޙުޘުކުރެވޭ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް، އޭނާގެ އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިގެންވާކަމަށްވެސް އެމާއްދާ ބުނެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސ އަތޮޅު މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިނިސްޓަރ ކަމާލުއްދީނުގެ އިތުބާރުނެއްކަމަށް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިޔުމުގައި ސޮއިކުރެއްވި ކަމަށާއި، އަދި އެބޭފުޅުން ތައްޔާރުކޮށްފައިވާ އެހުށަހެޅުމުގައި ބުނާގޮތުން އިތުބާރު ނެތްކަމަށް ހުށަހަޅަނީ މާލޭގައި ހިންގާ މާރާމާރީތައް ހައްދު ފަހަނައަޅައި ދިއުމާއި، އެކަންތައްތައް ފުލުހުންނަށް ނުބެލެހެއްޓިގެން ސިފައިން އެކަންތައްތައް ހުޓުވަން ނުކުންނަށް ޖެހުމުންނެވެ. މީގެ އިތުރުން އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި އެހުށަހެޅުމުގައި ގިނައިން ސޮއިކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އިސްލާހީ އެޖެންޑާގެ ތެރެއިން ފުލުހުންނަކީ މަދަނީ ބަޔެއްކަމަށް ހަމަޖައްސަވާ ފުލުހުން ހޯމް މިނިސްޓްރީގެ ދަށަށް ގެންދެވި ފަހުން ފުލުހުންގެ މައްސަލަ ތަކާމެދު ހޯމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ ކުރިންވެސް ހުށަހެޅުނެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ އެޓޯލްސް މިނިސްޓަރ ތަސްމީން އަލީއެވެ. ނަމަވެސް އެފަހަރު މަޖިލީހުން ލިބެންޖެހޭ ތިންބައިކުޅަ ދެބައި ވޯޓް ނުލިބުމުގެ ސަބަބުން މިނިސްޓަރ ތަސްމީން ސަލާމަތް ވިއެވެ.

No comments: