Tuesday, 15 April 2008

އިންތިޤާލީ ބާބު : އަނީސާގެ "ދެދައުރު ގުނުމުގެ" ހުށަހެޅުން އަސާސީ މާނަކުރުމުގެ ބާބަށް ބަދަލުކުރުމަށާއި ރޫޙާ ޚިލާފުވާކަމަށް ފާހަގަކުރެވުނު 6 ހުށަހެޅުމެއް އިސްލާހުކުރުމަށް ރައީސް ގާސިމް ކަނޑައަޅުއްވައިފި

     ހޯމަދުވަހު ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުމުގެ ޖަލްސާގައި މ. މެންބަރު އަނީސާ އަހުމަދުގެ ބައެއް ހުށަހެޅުންތަކާއި ދ މެންބަރު އަހްމަދު ނާޝިދުގެ ބައެއް ހުށަހެޅުންތައް އިސްލާހުކުރެވުމުންދާ ޤާނޫނު އަސާސީގެ ރޫހާ ޚިލާފުވާކަމަށް ފާހަގަކުރެވޭކަމަށް ވިދާޅުވެ، އެކަހަލަ ތަޢާރަޟެއް ނޯންނާނެގޮތަށް 6 ހުށަހެޅުމެއް އިސްލާހުކުރުމަށް ޚާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ފުރުސަތު ދެއްވައިފިއެވެ.

     މީގެއިތުރުން އަނީސާގެ ހުށަހެޅުން 31 ކަމަށްވާ "މި ޤާނޫނުއަސާސީ" ގެ މާނަ" އާއި ހުށަހެޅުން 38 ކަމަށްވާ "ދެ ދައުރު ގުނުން"، ޤާނޫނު އަސާސީ މާނަކުރާ ބާބަށް ވޯޓަށް އަހާއިރު ކުރިއަށް ގެންދިއުމަށް ރައީސް ޤާސިމް ނިންމެވިއެވެ.

އިއްޔެގެ ޖަލްސާގައި، އިސްލާހުކުރެވޭ ގާނޫނު އަސާސީގެ ރޫހާ ޚިލާފު ހުށަހެޅުންތަކަށް ވޯޓަށް ނޭހޭނެކަމަށް މެންބަރުން ތަކުރާރުކޮށް ނިޒާމީ ނުގުތާ ނަންގަވަމުން ގެންދެވުމާގުޅިގެން ހުށަހެޅުންތަކަށްވަނީ ވޯޓަށް އެއްސެވޭގޮތް ނުވެފައެވެ.

މިހެންކަމުން ޖަލްސާގެ ވަގުތުހަމަވެ، ޖަލްސާ ނިންމާލަމުން ގާސިމް ވިދާޅުވީ "މިހާރު މިހުށަހެޅުއްވުންތަކުގައި، ޢިއްޒަތްތެރި މެންބަރުންގެ ހުށަހެޅުއްވުންތަކުގައި މިހިރަ މީގެ 32 ވަނަ ހުށަހެޅުން 35، 36 އަދި 39، 42، 43. މިހުށަހެޅުންތަކުގައި ހުށަހެޅުއްވި ބޭފުޅުން މިހުށަހެޅުންތަކާމެދު އެއްވެސްވަރެއްގެ އިޞްލާޙެއް ބުނެފައި، އުސޫލީ ގޮތުންނާއި އަދި ތަޢާރުޟުވާ ނުވަތަ ޤާނޫނުއަސާސީގެ ރޫޙާއި ޚިލާފުވާކަމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައިހުރި މިހުށަހެޅުންތަކަށް، 32، 35 އަދި 36، 39 އަދި 42، 43 ޢިއްޒަތްތެރި މެންބަރުން ބޭނުންފުޅުކަމަށްވަންޏާ އެކަހަލަ ތަޢާރަޟެއް ނޯންނާގޮތަށް އަދި އިޞްލާޙުކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެވިދާނެ. އެހެންވީމަ، އެވާހަކަ ދަންނަވާލަމުން. ދެން އަޅުގަނޑު މި، އަނެއް، 31 ވަނަ ހުށަހެޅުއްވުމާއި އަދި 38 ވަނަ ހުށަހެޅުމަކީ މިޤާނޫނުއަސާސީ މާނަކުރުމުގެ ތެރޭގައި މިބާބާގުޅޭ ކަމަކަށްނުވާތީ އެބައި މާނަކުރުމުގެ ތެރެއަށް ގެންދިއުމަށް ދަންނަވާލަމުން އަޅުގަނޑު މިއަދުގެ ޖަލްސާ ނިންމާލާނީ" ކަމަށެވެ.

އުޞޫލީގޮތުން ތަޢާރަޟުވާ، ނުވަތަ ޤާނޫނު އަސާސީގެ ރޫހާ ހިލާފްވާ ކަމަށް ޤާސިމް ކަނޑައެޅުއްވި 6 ހުށަހެޅުއްވުމަކީ އަނީސާގެ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީސް ދެމިއޮތުމާއި"، އަނީސާގެ ހުށަހެޅުން 35 ކަމަށްވާ "ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށް އޮތުމާއި، އަނީސާގެ ހުށަހެޅުން 36 ކަމަށްވާ "ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބު 2009 މާރޗް 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެ" ކަމަށް އޮތުމާއި، އަނީސާގެ ހުށަހެޅުން 39 ކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ބަންޑާރަ ނައިބު އުފުލަން އޮތް އޮތުމާއި، ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުން 42 ކަމަށްވާ "ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭތާ 6 މަސްދުވަހުގެ ތެރޭގައި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކުރަންވާނެ"ކަމަށް އޮތުމާއި، ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުން 43 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކުރާތާ 3 މަސްދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބު ބާއްވައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަންވާނެ" ކަމަށް އޮތުމެވެ. މި 6 ހުށަހެޅުމާމެދު ޑްރާފްޓްކުރާ ޕެނަލް ބުނާގޮތުގައި އަނީސާގެ އިންތިޚާބުގެ ތާރީޚުތައް މާއަވަސްވެފައި ނާޝިދުގެ ތާރީޚުތައް މާލަސްކަމުން، މިހުށަހެޅުންތައް ގާނޫނު އަސާސީގެ ރޫހާ ތަޢާރަޟްވެއެވެ. 

 

 

 

No comments: