Tuesday, 15 April 2008

ގާޑިއަން އެޖެންސީއިން ހަދީޖާ ހަސަންގެ ހިއްސާ ވަކިކުރެވޭނީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމަކުން ގޮތެއް ނިންމުމަށްފަހުގައި ކަމަށް ގާޒީ ވިދާޅުވެއްޖެ

ގާޑިއަން އެޖެންސީގެ ދެ ހިއްސާދާރުންގެ ތެރެއިން މ. މާލިމީގޭ ހަދީޖާ ހަސަންގެ ހިއްސާ ވަކިކުރުމަށް އެކުންފުނީގެ އަނެއް ހިއްސާދާރު މުހައްމަދު ނައީމު މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ ދައުވާގެ މައްސަލާގައި ގާޑިއަން އެޖެންސީ ވުޖޫދުގައިމިހާރު އޮތް ހާލަތު ބަލަން ޖެހޭ ކަމަށް މަދަނީ ކޯޓުގެ ގާޒީ ވިދާޅުވެއްޖެއެވެ.

     މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މުހައްމަދު ނައީމު ހުށަހެޅުއްވި ކަންތައް ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން މިކުންފުނީގައި ނައީމަށް ލިބިފަ އޮތް އިހްތިޔާރާއި ބާރުގެ މިންވަރު ބަލަން ޖެހޭ ކަމަށެވެ،  

     ގާޒީ ވިދާޅުވީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމެއް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބޭއްވުމަށްފަހު އެބައްދަލުވުމުން ނިންމަވާ ގޮތެއް ޝަރީއަތަށް ވަރަށް މުހިންމުވާ ކަމަށެވެ.

     މުހައްމަދު ނައީމުގެ ފަރާތުން ވާހަކަ ދައްކަވާ ވަކީލު ޝާހީނު ހަމީދު ވިދާޅުވީ ގާޑިއަން އެޖެންސީގެ މިދެ ހަސްމުންނަށްވެސް ބަރާބަރު 50 ޕަސެންޓް ހިއްސާ ލިބިފައިވާއިރު ހިއްސާދާރުންގެ އާންމު ޖަލްސާއެއް ބާއްވައިގެންވެސް އެއްވެސް ނިންމުމެއް ނުގެނެވޭނެ ކަމަށެވެ.

     ނަމަވެސް ގާޒީ ވިދާޅުވީ އެކަން ނުކުރައްވާ ޝަރީއަތަށް އައުމުން ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށާއި ފުރަތަމަ ކަމަކަށް ކުންފުނީގެ ހައްގު ސާބިތު ކުރަންޖެހޭ ކަމަށެވެ. އަދި މުހައްމަދު ނައީމުގެ ހައްގު ސާބިތުކުރެވޭނީ ފުރަތަމަ ކުންފުނީގެ ހައްގު ސާބިތުކޮށްގެން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

     މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމެއް ބޭއްވުމަށް މިމައްސަލައަށް ސުލްހަވެރި ގޮތެއް ނިންމުމަށްޓަކައި ފުރުސަތެއް ދެއްވުމަށްފަހުގައެވެ. ގާޒީ ވިދާޅުވީ މިމައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

 

No comments: