Tuesday, 15 April 2008

ހުޅުމާލޭގައި ބަހުގެ ހިދުމަތްދިން ކާޓިއުންސްއިން 55 ހާހަށްވުރެ ގިނަ ރުފިޔާ އެޗް.ޑީ.ސީއަށް ދެއްކުމަށް މަދަނީ ކޯޓުން ހުކުމް އިއްވައިފި

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ކާރޓިއުސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހުޅުމާލޭގައި ޕަބްލިކް ބަސް ސާރވިސް ދިނުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަހުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކާޓިއުންސްއިން ނުދައްކައިގެން ކާޓިއުންސްއިން ބަހު ކުއްޔާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަދަނީ ކޯޓުން މިއަދު ހުކުމް އިއްވައިފިއެވެ.

 ކާޓިއުންސްގެ މައްޗަށް އެޗްޑީސީއިން ދައުވާކޮށްފައިވަނީ ހުޅުމާލޭގައި ބަހުގެ ހިދުމަތްދިނުމަށް 28 ނޮވެމްބަރ 2005 ގައި ވެފައިވާ އެއްބަސްވުމާއި، ކާރޓިއުންސުން ހިލާފުވެފައިވާތީ އެއެއްބަސްވުން ނިމުމަކަށް ގެނެސް މިއެއްބަސްވުން ނިމުނު ތާރީހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މިހިދުމަތް ދިނުމަށް ކާރޓިއުސްގެ ފަރާތުން ހުޅުމާލެއިން ނުގެންގޮސްވާ ބަސް ހުޅުމާލެ އިން ނެރެދިނުމަށާއި، ކާޓިއުސްގެ މުވައްޒަފުން ތިބުމަށް ހުޅުމާލެއިން ހަވާލުކޮށްފައިވާ އެޗް.ޑީ.ސީގެ އިމާރާތް ހަވާލުނުކުރާތީ، މިއިމާރާތް ހަވާލުކޮށް ދިނުމަށާއި ބަހުގެ ކުއްޔާއި ރޯޔަލްޓީގެ ގޮތުގައި ކާޓީއުންސްއިން ދައްކަންޖެހޭ ފައިސާ ލިބިދިނުމަށެވެ.

މަދަނީ ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ 21 ފެބްރުއަރީ 2007 ދުވަހާއި ހަމައަށް ކާޓިއުންސްއިން އެޗް.ޑީ.ސީއަށް ބަހު ކުލީގެ ގޮތުގައާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 55،744.76ރ (ފަންސާސް ފަސްރުފިޔާ ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ހަލާރި) މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެޗް.ޑީ.ސީއަށް ދެއްކުމަށެވެ. އަދި ހުޅުމާލޭގައިވާ ކާޓީއުންސްގެ ބަސް މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހުޅުމާލެއިން ނެރުމަށާއި ހުޅުމާލެއިން ކާޓިއުންސްގެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ އިމާރާތުގައި ހުރި ކާޓިއުންސްގެ ތަކެތި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހުސްކޮށް އެޗް.ޑީ.ސީއަށް އާއި އިމާރާތް ހަވާލުކުރުމަށްވެސް މިއަދު ކުރެއްވި ހުކުމްގައި ބަޔާން ކުރައްވާފައިވެއެވެ.

މަދަނީ ކޯޓުން މިމައްސަލަ ނިންމަވާ ދެއްވަމުން ގާޒީ ވިދާޅުވީ 21 ފެބްރުއަރީ 2007 ދުވަހާއި ހަމައަށް ކާޓިއުންސްއިން އެޗް.ޑީ.ސީއަށް ބަހު ކުލީގެ ގޮތުގައި 16،854.84 (ސޯޅަ ހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ އައްޑިހަ ހަތަރު ލާރި) ދައްކަންޖެހޭ ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 2006 ޖެނުއަރީ މަހުން ފެށިގެން 2007 ޖެނުއަރީ މަހުގެ ނިޔަލަށް 32،177.42 (ތިރީސް ދެހާސް އެއްސަތޭކަ ހަތްދިހަ ހަތްރުފިޔާ ސާޅީސް ލާރި) ދައްކަންޖެހޭ އިރު، ރޯޔަލްޓީ އާއި ބަހު ކުލީގެ ފައިސާ ދައްކަންވާ ތާރީހަށް ނުދައްކައިގެން ރޯޔަލްޓީގެ ޖޫރިމަނާގެ ގޮތުގައި 4475 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްރުފިޔާ) އާއި ބަހު ކުލީގެ ޖޫރިމަނާއަށް 2237.50 (ދެހާސް ދުއިސައްތަ ތިރީސް ހަތްރުފިޔާ ހަތްދިހަ ހަލާރި) ދައްކަންޖެހޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

No comments: