Tuesday, 15 April 2008

ރައްޔިތުންގެ މަޖިލިސް : ވަޒީފާ ބިލުގެ ރިޕޯޓް ކުރުމުގެ މަރުހަލާގައި 49 އިސްލާހު ހުށަހެޅި 45 އިސްލާހަކަށް ތާއީދު ލިބިއްޖެ

ހުސައިން ޒަބީރު (ހޒމވ)

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓް ކުރުމުގެ މަރުޙަލާގައި 49 އިޞްލާޙު ހުށަހެޅި 45 އިޞްލާޙަކަށް ތާއީދުލިބިފައިވެއެވެ.

މިއަދުގެ ޖަލްސާގައި ގިނަ އިސްލާހްތަކެއް ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުގައި ހުށަހެޅުނު އިޞްލާޙުތަކާއެކު އަލުން ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވުމަށާއި އަދި އިތުރު އިޞްލާޙެއް މިބިލަށް ހުށަހަޅުއްވާނަމަ އެ އިޞްލާޙެއް މިހަފްތާގެ ތެރޭގައި ތައްޔާރުކުރައްވައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވުމަށް ފ އަތޮޅު މެންބަރު އަޙްމަދު ޙަމްޒާ ހުށަހަޅުއްވާ ދ މެންބަރު އަޙްމަދު ނާޝިދު ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ފާހެއްނުވިއެވެ.

މިއަދު އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވަނީ ގދ މެންބަރު އައްބާސް އިބްރާހިމްއެވެ. އައްބާސް އިބްރާހިމް ހުށަހެޅުއްވި އެއް އިސްލާހަކީ އެ ބިލުގެ 83 ވަނަ މާއްދާއަށް ގެންނަން ޖެހޭ އިސްލާހެކެވެ. އެ ގޮތުން ކުށާއި އަދަބު ކަނޑައަޅާފައިވާ އެ މާއްދާގައިވަނީ "އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް، މީހަކުކޮށްފިނަމަ، އެކުރަނީ ކުށެކެވެ. އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 500 ރުފިޔާއާއި، 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އައްބާސްގެ އިސްލާހުގައިވަނީ އެ އަދަދަކީ ބޮޑު އަދަދެއްކަމުން 500 ރުފިޔާ އާއި 25000 ދެމެދު އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި  އެއް އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ލިޔެފައިވާ ބައި ކަނޑާލުމަށް ހުށަހަޅާފައިވެއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ފ މެންބަރު އަބްދުލް ޣަފޫރެވެ.

މިބިލަށް ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ އިސްލާހު ހުށަހަޅުއްވީ ތިންވަނަ ބާބުގައިވާ ކުޑަކުދިން ވަޒީފާގައި ގެންގުޅުން ބައިގެ 6 ވަނަ މާއްދާގައިވާ އެންމެ ހަގު އުމުރު ބަޔާންކޮށްފައިވާ ބައިގައިވާ ގޮތުން އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާކަމެއްކަމަށް ބަޔާންކުރާ ބަޔަށެވެ.

 އެބަޔާ ގުޅުވައިގެން ހަމްޒާ ހުށަހަޅުއްވާފައިވާ ނުކުތާގައިވަނީ އުމުރުން 16 އަހަރު ނުފުރޭނަމަ އޭނާގެ ރުހުމާއެކު އާއިލީ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިސްތިސްނާވާނެއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ގދ މެންބަރު އަބްދުﷲ ޖާބިރުއެވެ.

ބިލުގެ 57 ވަނަ މާއްދާގައި ވަޒީފާގެ ބޯޑު އެކުލަވާލާނެ ގޮތް ބަޔާންކޮށްފައިވާ އިރު އެމާއްދާގެ (ހ) ގައި ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 5 މެންބަރުންގެ މައްޗަށްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ބަދަލުގައި ހަމްޒާ ހުށަހެޅުއްވި އިސްލާހުގައިވަނީ ބޯޑު އެކުލަވާލަންވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މެންބަރަކާއި، ޗިވިލް ސަރވިސްއިން މެންބަރަކާއި، ނޭޝަނަލް ޗެމްބަރ އޮފް ކޮމާސްއިން މެންބަރަކާއި، ޓޫރިޒަމް މިނިސްޓްރީން މެންބަރަކާއި، ކޮންޑްރަކްޝަންސް އެންޑް ޕައްބްލިކްސް ވޯރކްސްގެ މެންބަރަކު ހިމެނޭގޮތަށެވެ. މިގޮތަށް އިސްލާހް ކުރުމަށް ފަހު އެމާއްދާގެ (ށ) އުނިކުރުމަށް ހަމްޒާ ހުށަހެޅިއެވެ. މި ދެ އިސްލާހަށް ތާއީދުކުރެއްވީ ތ އަތޮޅު މެންބަރު ހަސަން އަފީފްއެވެ.

ހަމައެހެންމެ މި ބިލުގެ 14 ވަނަ މާއްދާ ގައިވާ ވަގުތީ މުއްދަތު (ޕްރޮބޭޝަން) ބަޔާންކޮށްފައިވާ ގޮތަށް ވެސް ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ އިސްލާހް ހުށަހެޅުއްވިއެވެ. އެ ބައިގައިވަނީ "ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ތިންމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި، އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ" ކަމަށެވެ. ހަމްޒާ ހުށަހެޅުއްވި އިސްލާހުގައިވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ތިން މަސްދުވަހުގެ ބަދަލުގައި ހަމަސްދުވަސް އިތުރުކުރުމަށެވެ.

ބިލުގެ 67 ވަނަ މާއްދާ އުނިކުރުމަށް ހަމްޒާ ހުށަހެޅުއްވުމުން ގދ މެންބަރު އަބްދުﷲ ޖާބިރު އެކަމަށް ތާއީދުރެއްވިއެވެ. އެ މާއްދާގައިވަނީ  ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް، އެ އޭޖެންސީއަކާއި ވަޒީފާދޭ ފަރާތާދެމެދު އެއްބަސްވާ ގޮތެއްގެމަތިން، ވަޒީފާދޭ ފަރާތުން ފީއެއް ނެގިދާނެއެވެ. ނަމަވެސް ވަޒީފާއަކަށް އެދޭ މީހެއްގެ އަތުން ސީދާކޮށް ވިޔަސް ނުސީދާކޮށްވިޔަސް އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

ބިލުގެ 56 ވަނަ މާއްދާގައިވާ "އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑު" މި މާއްދާގެ (ނ) އަށް ތ އަތޮޅު މެންބަރު މުހަންމަދު ޝަރީފް އިސްލާހް ހުށަހެޅުއްވިއެވެ. އެގޮތުން މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި، ބޯޑުގެ ވާޖިބުތައް މި ޤާނޫނުގެ ދަށުން މިނިސްޓަރ ހަދާ ޤަވައިދަކުން ކަނޑައަޅަންވާނެކަމަށް އޮތް އޮތުމުގެ ބަދަލުގައި މިނިސްޓަރ ހަދާ ޤަވައިދަކުން ކަނޑައެޅުމުގެ ބަދަލުގައި ބޯޑުން ހަދާ ޤަވައިދަކުން ކަނޑައަޅަންވާނެކަމަށް އިސްލާހް ހުށަހެޅުއްވިއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ރ އަތޮޅު މެންބަރު އަލީ ވަހީދުއެވެ.

ބިލުގެ 43 ވަނަ މާއްދާކަމަށްވާ "ވިހެއުމާއިގުޅިގެންދޭ ޗުއްޓީ"ގެ (ހ)ގައި ވަނީ "އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާދުވަސް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެއް" ކަމަށެވެ.

 މި މާއްދާގައިވާ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީގެ ބަދަލުގައި 90 ދުވަހަށް ހަދައި އެމާއްދާ އިސްލާހުކުރުމަށް މުހަންމަދު ޝަރީފް ހުށަހެޅުމުން ރ މެންބަރު އަލީވަހީދު ތާއީދުކުރެއްވިއެވެ. ހަމައެހެންމެ 48 ވަނަ މާއްދާގައިވާ "އަނބިމީހާ ވިހެއުމުން ދެވޭ ޗުއްޓީ" މި ބައިގައިވާ "ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުންފެށިގެން، މުސާރަލިބޭ ގޮތަށް 3 ދުވަހުގެ ޗުއްޓީއެއް ހައްޤުވާނެއެވެ". މީގެ ބަދަލުގައި ތ އަތޮޅު މެންބަރު މުހަންމަދު ޝަރީފް ހުށަހަޅުއްވާ، ރ އަތޮޅު މެންބަރު އަލީވަހީދު ތާއީދުކުރައްވާފައިވާ އިސްލާހުގައިވަނީ "ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަލިބޭގޮތަށް 14 ދުވަހުގެ ޗުއްޓީއެއް ހައްޤުވާނެކަމަށެވެ.

އަދި މި ބިލުގެ 49 މާއްދާގައިވާ "ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ" ގައި "މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން އެދުވަހުން ފެށިގެން މުސާރަލިބޭގޮތަށް 5 ދުވަހުގެ ޗުއްޓީއެއް އެނުވައްޒަފަކަށް ހައްޤުވާނެ" ކަމަށް ބަޔާންކުރެއެވެ. މި މާއްދާއަށް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހަކީ އެމީހަކު ދިރިއުޅޭ ތަން ފިޔަވާ އެހެންތާކު އެ މުވައްޒަފެއްގެ ދަރިއަކު ހިތާނަކުރާނަމަ 10 ދުވަހުގެ ޗުއްޓީއެއް މުސާރަލިބޭ ގޮތަށް އެމުވައްޒަފަކަށް ހައްޤުވާނެކަމަށެވެ.

މި ބިލުގެ 49 ވަނަ މާއްދާ ކަމުގައިވާ ހިތާނުކުރުމާއި ގުޅިގެން ދޭ ޗުއްޓީ ގެ ބަޔަށް މާއްދާއެއް އިތުރުކުރުމަށް އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހެޅުއްވިއެވެ. އެގޮތުން ކައިވެނިކުރުމާއި ގުޅިގެން ޗުއްޓީދިނުން އިތުރުކުރެއްވުމަށް ފަހު މުސާރަލިބޭ ގޮތަށް 7 ދުވަހުގެ ޗުއްޓީއެއް މުވައްޒަފަކަށް ހައްޤުވާނެކަމަށް އަސްލަމް ވިދާޅުވެ އެ އިސްލާހް އަސްލަމް ހުށަހެޅުއްވިއެވެ. އަސްލަމްގެ މި އިސްލާހަށް ތާއީދު ކުރެއްވީ ގދ މެންބަރ އަބްދުﷲ ޖާބިރުއެވެ.

މިބިލުގެ 90 ވަނަ މާއްދާއަށް ނުކުތާއެއް އިތުރުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ މާލޭ މެންބަރު އިބްރާހިމް އިސްމާއީލް އިސްލާހެއް ހުށަހެޅުއްވިއެވެ. އެގޮތުން ބިލު ތަސްދީޤް ކުރުމަށް ފަހު ވާޒީފާ އަދާކުރާ މީހުންނަށާއި ވަޒީފާދޭ ފަރާތްތަކަށް އެމީހުންގެ މައްސޫލިއްޔަތުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ލީގަލް ރިފޯރމްއިން މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާހް ހުށަހެޅުއްވިއެވެ. މި އިސްލާހަށް ތާއީދު ކުރެއްވީ މާލޭ މެންބަރު މުހަންމަދު ޝިހާބެވެ.

No comments: