Wednesday, 23 April 2008

ނަމާދަށް 15 މިނެޓުގެ ހުސްވަގުތު ދިނުމަށާއި އާންމު ވަޒީފާތަކުގެ މަސައްކަތުގަޑި ހަފްތާއަކު 48 ގަޑިއިރަށް ހަމަޖައްސައި ވަޒީފާގެ ބިލު ފާސްކޮށްފި

ރއްޔިތުންގެ މަޖިލިސް

ހުސައިން ޒަބީރު (ހޒމވ)

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީފާގެ ބިލަށް މެންބަރުން ހުށަހެޅުއްވި 54 އިސްލާހުގެ ތެރެއިން 11 އިސްލާހެއް ފާސްކުރެއްވުމަށް ފަހު ވަޒީފާގެ ބިލު ބުދަދުވަހު ފާސްކޮށްފިއެވެ. ރިޔާސަތުން މި ބިލަށް ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 37 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވުމުން ޖަލްސާގެ އިއްތިފާޤުން އަދި މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވިއެވެ.

 

ވަޒީފާގެ ބިލަށް ނަޒަރެއް

ވަޒީފާއާބެހޭ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުނީ 13 ޖުލައި 2006 ގައެވެ. މި ބިލާއި މެދު 29 އޯގަސްޓް 2008 ވަނަދުވަހު މަޖިލީހުގައި ތަޅުމުގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ފަހު، މެންބަރުން ފާޅުކުރެއްވި ހިޔާލުފުޅުކުރުމުގެ އަލީގައި އެބިލު އިސްލާހުކުރެއްވުމަށް ގައުމީ ތަރައްޤީގެ ކޮމެޓީއަށް ފޮނުއްވިއެވެ. އެކޮމިޓީން މިބިލު ނިމިގެން މަޖިލީހުގެ ތަޅުމަށްގޮސް ތަޅުމުން މިއަދު ފާސްކުރި ބިލުގައިވަނީ 90 މާއްދާއެވެ.

     މިބިލުގެ 1 މާއްދާގެ (ހ) ގައިވާ ބިލުގެ ތައާރަފުގައިވަނީ "މި ގާނޫނަކީ ދިވެހިރާއްޖޭގައި، ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅައި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި އެހައްގުތައް ހިމާޔަތްކޮށްދިނުމަށް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ގާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާބެހޭ ގާނޫނު" ކަމަށެވެ.

     މިބިލުގުގެ 21 ވަނަ މާއްދާކަމުގައިވާ "އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާކުރުން" މި ބައިގައި ބުނަނީ މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚްލާގީ މިންގަނޑު ރަގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާގާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށެވެ. އަދި ވަޒީފާއިން ވަކިކުރެވޭނީ ވަކިކުރުމުގެ ކުރިން ނޯޓިސް ދިނުމަށް ފަހުގައިކަމަށް އެބިލުގެ 22 ވަނަ މާއްދާގައިބުނެއެވެ.

      "މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ... ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެ" ކަމަށް ބިލުގެ 27 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމުގެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 

     ހަފްތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތް ކުރެވޭ ގަޑިތައް ބަޔާންކޮށް ބިލުގެ 32 ވަނަ މާއްދާގެ (ހ) ގަވަނީ މިގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ މުވައްޒަފުން ފިޔަވައި، އިތުރުގަޑި ނުހިމެނޭގޮތުން، ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކުލައްވާ މަސައްކަތްކުރުވައިގެން ނުވާނެކަމަށެވެ. ހަމައެހެންމެ 36 ވަނަ މާއްދާގައި ނަމާދުކުރުމުގެ ވަގުތާއި ހުސްވަގުތުގެ ދިނުމަށް ކަނޑައަޅާފައިވާ މާއްދާގެ (ހ) ގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްވެސް، ނަމާދު ކުރުމަށް، އެނަމާދެއްގެ ވަގުތު ފާއިތުނުވަނީސް، މަސައްކަތަށް ދަތިނުވާނޭ ގޮތުގެމަތިން 15 މިނިޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

     "އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާދުވަސް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ. ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެވެ. މިމާއްދާ މިހެން އޮތުމަކުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ފުރިހަމަނުކޮށް ވަޒީފާއަށް ނުކުތުމުން އެމުވައްޒަފަކަށް މަނައެއް ނުކުރާ" ކަމަށް ބިލުގެ 43 ވަނަ މާއްދާގައި މުވައްޒަފަކު ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގައި ވެއެވެ. އެގޮތުން 45 ވަނަ މާއްދާގައި "ކުއްޖާ ބެލުމަށް ވަގުތު ދިނުން" ގައި ބުނަނީ މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތުން، ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭންވާނެއެވެ. މިގޮތުގެމަތިން ހުސްވަގުތުކޮޅެއް ދިނުން ލާޒިމުވެގެންވަނީ ދަރިފުޅުގެ އުމުރުން 1 އަހަރު ފުރުމާ ހަމައަށެވެ. މިހެންނެވެ. ހަމައެހެންމެ މި ބިލުގެ 48 ވަނަ މާއްދާގައި ވިހެއުމުން ދެވޭ ޗުއްޓީ ގައި ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަލިބޭގޮތަށް ތިންދުވަހުގެ ޗުއްޓީއެއް ހައްގުވާނެކަމަށާއި 49 ވަނަ މާއްދާގައި ހިތާނުކުރުމުން ދެވޭ ޗުއްޓީގެ ގޮތުގައި މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން، އެދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، 5 ދުވަހުގެ ޗުއްޓީއެއް އެ މުވައްޒަފަކަށް ހައްގުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

     އެންމެ ކުޑަމިނުން ދޭންވާނެ އުޖޫރަ ކަނޑައަޅާ އަމުރު ގެ މާއްދާއެއް ބިލުގައިވެއެވެ. އެގޮތުން އެމާއްދާ ގެ (ށ) ގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރ ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ އަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައެޅިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

     މީގެ އިތުރުން މި ބިލުގައި ހިމެނޭ މުހިންމު މާއްދާތަކުގެތެރޭގައި މުވައްޒިފުންގެ ވާޖިބުތަކާއި ބެހޭ މާއްދާއާއި، މުއާމަލަތު ކުރެވޭނެ ފުރުސަތު ދިނުމުގެ މާއްދާއައި، ކުށާއި އަދަބުގެ މާއްދާ އާއި، ވަޒީފާއިން ވަކިކުރާއިރު އުޖޫރަ ދިނުމުގެ މާއްދާ ހިމެނެއެވެ.

    

No comments: