Wednesday, 23 April 2008

ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސް އާއި ނައިބްރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އިތުރުކުރުމަށް ފާސްކޮށްފި

ހުސައިން ޒަބީރު (ހޒމވ)

ދިވެހި ރާއްޖޭގެ ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސް އާއި ނައިންރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އިތުރު ކުރުމަށް މިއަދު ފާސްކޮށްފިއެވެ.

އެ ކޮމިޝަނުގެ ރައީސް އާއި ނައިބްރައީސް ގެ އިތުރުން މެންބަރުންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމަށް މާލިއްޔަތު ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓްގައި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މުސާރާގެ ގޮތުގައި 30000 (ތިރީސްހާސް) ރުފިޔާ ކަނޑައަޅާ، ނައިބްރައީސްގެ މުސާރައިގެ ގޮތުގައި 28،000 (އަށާވީސް ހާސް) ރުފިޔާ ކަނޑައަޅާ މެންބަރުގެ މުސާރައިގެ ގޮތުގައި 25،000 (ފަންސަވީސް ހާސް) ރުފިޔާ ދެއްވާގޮތަށް ހަމަޖައްސާފައިވެއެވެ. ހަމައެހެންމެ ދެވޭ އިނާޔަތުގެ ގޮތުގައި ލީވިގް އެލެވެސްގެ ގޮތުގައި ކޮމިޝަނުގެ ކޮންމެ މެންބަރަކަށް 15،000 (ފަނަރަ ހާސް) ރުފިޔާ ދިނުމަށާއި ރާއްޖެއާއި ސާކް ގައުމުތަކާއި އާސިޔާންގައުމުތަކުން ސިއްހީ ފަރުވާލިބޭފަދަ މެޑިކަލް އިންޝުރެސްންސް ސްކީމެއްގައި ކޮންމެ މެންބަރަކާއި އަނބިމީހާ ނުވަތަ ފިރިމީހާ އާއި އުމުރުން 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރެވޭ ގޮތަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތުގައި ހިޔުމަންރައިޓްސް ކޮމިޝަނުގެ ރައީސްގެ މުސާރައަކީ މަހަކު 23،000 (ތޭވީސް ހާސް) ރުފިޔާއެވެ. ނާއިބް ރައީސްގެ މުސާރައަކީ 20،500 (ވިހިހާސް ފަސްސަތޭކަ) ރުފިޔާއެވެ. ކޮމިޝަންގެ މެންބަރުންގެ މުސާރައަކީ ކޮންމެ މަހަކު 18،000 (އަށާވީސް ހާސް) ރުފިޔާއެވެ. އަދި ކޮންމެ މަހަކު އިނާޔަތުގެ ގޮތުގައި ކޮމިޝަނުގައި ހިމެނޭ ކޮންމެ މެންބަރަކަށް ވެސް 2،000 (ދެހާސް) ރުފިޔާ ލިބިވަޑައިގަނެއެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު މާލޭ މެންބަރު މުހަންމަދު ޝިހާބު ރިޕޯޓް މަޖިލީހަށް އިއްވަވައި ދެއްވުމުން އެ ރިޕޯޓަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން  ހާޒިރުވެވަޑއިގެން ތިއްބެވި 32 މެންބަރުންގެ ތެރެއިން 31 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު ވަގިގޮތަކަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އެއްމެ މެންބަރެކެވެ. އެހެންކަމުން މަޖިލީހުގެ އަގްލަބިއްޔަތުން ރިޕޯޓް ފާސްވިއެވެ.

ހުސްވަގުތުކޮޅުގެ ކުރިން، 37 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 38 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަޙްމަދު ޒާހިރެވެ.

No comments: