Wednesday, 23 April 2008

"މިގާނޫނު އަސާސީ"އާއި "ދެދައުރު ގުނުން" ނުހިމަނާ މާނަކުރުމުގެ ބާބު ޑްރާފްޓްކޮށް ނިންމައިފި

ގައްމާޒު

ޤާނޫނު އަސާސީގެ އެންމެ ފަހު ބާބުކަމަށްވާ މާނަކުރާ ބާބަށް ވޯޓަށް އަހާއިރު ކުރިއަށް ގެންދިއުމަށް ރައީސް ޤާސިމް ނިންމެވި "މިގާނޫނު އަސާސީ"ގެ މާނަ" އާއި "ދެދައުރު ގުނުން"، މާނަކުރުމުގެ ބާބުގައި ނުހިމަނާ ޑްރާފްޓްކޮށް ނިންމާލައިފިއެވެ.

     އިންތިގާލީ ބާބުގައި ހިމެނުމަށް މ އަތޮޅު މެމްބަރު އަނީސާ އަހުމަދު ހުށަހެޅުއްވި ހުށަހެޅުން 31 ކަމަށްވާ "މި ޤާނޫނުއަސާސީ" ގެ މާނަ" އާއި ހުށަހެޅުން 38 ކަމަށްވާ "ދެ ދައުރު ގުނުން" ހުށަހެޅުމަކީ މިޤާނޫނުއަސާސީ އިންތިގާލީބާބާގުޅޭ ކަމަކަށްނުވާތީ އެބައި މާނަކުރުމުގެ ބާބުގެ ތެރެއަށް ގެންދިއުމަށް ރައީސް ގާސިމްވަނީ 14 އޭޕްރީލްގެ ޖަލްސާގައި ވިދާޅުވެފައެވެ. ނަމަވެސް ޑްރާފްޓިން ކޮމިޓީގެ މުގައްރިރު މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވީ އެދެ އުބާރާތުގެ މާނަ މިބާބުގައި ހިމެނުމަށް ޑްރާފްޓިން ކޮމިޓީއަށް ނުފެނުނު ކަމުގައެވެ.

      "އަޅުގަނޑުމެންނަށް އެބައި ހިމަނާކަށް ނުފެނުނު. އެހެންނަމަވެސް ގާސިމް އިބްރާހިމް ބޭނުންފުޅު ވެލައްވާނަމަ އޮންނަ ގަވާއިދެއްގެ މަތިން އެކަން ކުރިޔަށް ގެންދެވިދާނެ" މިނިވަންއަށް ދެއްވި އިންޓަވިއުއެއްގައި އިބްރާ މިއަދު ވިދާޅުވިއެވެ.

     އިންތިގާލީ ބާބަށް އަނީސާ ހުށަހެޅުއްވި 31 ވަނަ އިސްލާހުގައި "މި ޤާނޫނުއަސާސީ" ގެ މާނަކަމުގައި ބުނެފައިވަނީ "މި ޤާނޫނުއަސާސީގައާއި މިބާބުގައި "މި ޤާނޫނުއަސާސީ" ކަމަށް ބުނެފައި އެވަނީ 19 ޖުލައި 2004 ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޚާއްސަ މަޖިލީސް އެއްކުރުމާއި ގުޅިގެން އެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރި ޤާނޫނުއަސާސީއަށެވެ." އަދި 38 ވަނަ ހުށަހެޅުމުގައި "ދެ ދައުރު ގުނުން"ގައި ވަނީ "މިޤާނޫނުއަސާސީގެ ބޭނުމަށް މިޤާނޫނުއަސާސީގެ (ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ 2 ވަނަ މާއްދާގެ (ހ) (...) ވަނަ މާއްދާގައި ބުނެފައިވާ ދެ ދައުރު ގުނަން ފަށާނީ 2008 ނޮވެމްބަރު 11 ވަނަ ދުވަހު ފަށާ ރިޔާސީ ދައުރުން ފެށިގެންނެވެ."

           ގާނޫނު އަސާސީގައި ހިމެނޭ 17 އިބާރާތެއްގެ މާނަ ހިމެނުމަށްފަހު މާނަކުރުމުގެ ބާބުގެ ޑްރާފްޓް އިއްޔެ ވަނީ މެމްބަރުންނަށް ފޮނުވާފައެވެ. މިބާބަށް މެމްބަރުން ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް ހުށަހަޅަން އޮތް އެންމެ ފަހުތާރީހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.    

No comments: