ސައުތު ތައުފީގް ބޭސްފަރުވާއަށް ސްރީލަންކާއަށް ދިޔުމުން މައްސަލަ ބާތިލު ކުރުމާ ވިދިގެން އަލުން އަނބުރާ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފި
މުހައްމަދު އަޝްރަފް
ސައުތު ތައުފީގުގެ ދަރި ހަސަން ފަޔާޒު ބަދަލު ހޯދުމަށް ޑީޕީއާރުއެސްއާ ދެކޮޅަށް ކުރާ 1.1 މިލިއަން ރުފިޔާގެ ދައުވާގެ މައްސަލަ މަދަނީ ކޯޓުން ބާތިލްކުރުމާ ގުޅިގެން އަލުން އެމައްސަލަ ކޯޓަށް ހުށަހަޅުއްވައިފިއެވެ.
ނިމުނު މާރޗް މަހުގެ 23 ވަނަ ދުވަހު މިމައްސަލަ މަދަނީ ކޯޓުން ބާތިލް ކުރައްވާފައިވަނީ ހަސަން ފަޔާޒުގެ ބަދަލުގައި އަންނަންހުރި މުހައްމަދު ތައުފީގް ބަލިވެގެން ސްރީލަންކާއަށް ގޮސްފައިވަނީ މަގުބޫލް އުޒުރަކާ ނުލާކަމަށް ޝަރީއަތަށް ފެނިގެންނެވެ.
މާފުށީގައި ހުންނަ ވަގުތީ ޖަލުގައި ތިބޭ ގައިދީން ބަލިވުމުން ޑޮކްޓަރު އަންގައިގެން ގެންދާ ހާއްސަ ކެއުން ނުވަތަ "ބަލިކޮއްތަށް" ހޭދަވާ ފައިސާ، އެ މަސައްކަތް ނަގާފައިވާ ސައުތު ތައުފީގުގެ ދަރި ހަސަން ފަޔާޒަށް ލިބެމުން ނުދާތީ ބަދަލު ހޯދުމަށް ޑީޕީއާރުއެސްއާ ދެކޮޅަށް ކުރާ މިދައުވާ އަލުން އަނބުރާ ކޯޓަށް ހުށަހަޅުއްވަމުން ސައުތު ފަޔާޒުގެ ފަރާތުން ވަކާލާތު ކުރައްވާ އަހުމަދު ޒަނީނު އާދަމް ވިދާޅުވީ މިދައުވާ އަލުން ކޯޓަށް ހުށާޙާޅާއިރު އެއްވެސް ބަދަލެއް ގެންނަވާފައިނުވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލާގައި ދައުވާ ކުރައްވާ ފަރާތުން ކޯޓަށް ހާޒިރުނުވެގެން ތިން ފަހަރު މައްސަލަ ބާތިލް ކުރައްވާފައިވާ ކަމަށެވެ. މިއީ މިގޮތަށް މިމައްސަލަ ބާތިލް ކުރައްވައިގެން ކޯޓަށް ހުށަހެޅުއްވި ތިން ވަނަ ފަހަރު ކަމަށްވެސް ވިދާޅުވިއެވެ.
ސައުތު ފަޔާޒުގެ ފަރާތުން ވަކާލާތު ކުރައްވާ އަހުމަދު ޒަނީނު އާދަމާއި ތައުފީގާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން މިމައްސަލާގައި ޒަނީނު ދެން އިތުރަށް ވަކާލާތު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ތިން ވަނަ ފަހަރަށްވެސް މިމައްސަލާގައި ވަކާލާތުކުރެއްވުމަށް ވަޑައިގެންނެވީ ޒަނީނުއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒަނީނު ވަނީ މާފުށީގައި ހުންނަ ވަގުތީ ޖަލުގައި ތިބޭ ގައިދީން ބަލިވުމުން ޑޮކްޓަރުގެ އިރުޝާދާއެކު އެމީހުންނަށް ދިނުމަށްޓަކައި ސައުތުން ގެންދާ ހާއްސަ ކެއުން ކޭ މީހުންގެ ނަން ލިސްޓެއް ހުށަހަޅުއްވާފައެވެ.
ނަމަވެސް ގާޒީ ވިދާޅުވީ މިލިސްޓަކީ ހަމަ އެކަނި ޓައިޕްކޮށްލާފަ އޮތް ލިޔުމެއް ކަމަށާއި ޑީޕީއާރްއެސް އިން ފޮނުވައިގެން ކާންދިން ކަން އެނގޭ ލިޔުމެއް ހުށަހެޅުމަށް ވިދާޅުވިއެވެ. އަދި ދައުވާ ކުރާ ފަރާތުން ޔަގީނާ ގާތައް ލިޔެކިޔުންތައް ހުށަހެޅުމުން ނޫނީ މިމައްސަލަ ސާބިތު ކުރުމަށް ވަރަށް އުނދަގޫވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ދައުވާ ކުރާ ފަރާތުން މިހާތަނަށް ހުށަހަޅުއްވާފައިވަނީ 2 މީހަކަށް ކާންދިން ކަން އެނގޭ މެނޫއަކާއި ސިޓީއެއް ކަމަށެވެ. އަދި އިތުރު ލިޔެކިޔުންތައް ހުށަހެޅުމަށް ދެން ދެވޭނީ އެންމެ ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
އަހުމަދު ޒަނީނު ވިދާޅުވީ 100 އަށްވުރެއް ގިނަ މީހުންނަށް ހާއްސަ ކެއުން ކާންދިން ކަން އެނގޭ ލިޔުމެއް ހޯމްމިނިސްޓްރީއިން ހޯދަމުންދާ ކަމަށެވެ. އަދި ގައިދީންނަށް ކާންދިނުމަށް އެންގެވި ބޭފުޅުން މިހާރުވެސް މާފުށީގައި އެބަތިއްބެވި ކަމަށާއި އޭގެތެރޭގައި ސީދާ މިކަން ކުރެއްވުމަށް ބޭފުޅުންވެސް އެބަތިއްބެވި ކަމަށެވެ. އެގޮތުން ހުޝާމް ނަމަކަށް ކިޔާ ބޭފުޅަކާއި ޒުބޭރު ނަމަކަށް ކިޔާ ބޭފުޅެއް ކޯޓަށް ހާޒިރު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަސަން ފަޔާޒު ޑީޕީއާރުއެސްއާ ދެކޮޅަށް ކުރާ ދައުވާގައިވަނީ މާފުށީގައި ހުންނަ ވަގުތީ ޖަލުގައި ތިބޭ ގައިދީން ބަލިވުމުން ޑޮކްޓަރުގެ އިރުޝާދާއެކު އެމީހުންނަށް ދިނުމަށްޓަކައި ހާއްސަ ކެއުމެއްގެ ގޮތުގައި ގެންނަ މޭވާއަކީ މަސައްކަތުގެ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން މަސައްކަތް ކުރުވާފާރާތުން އެދިގެން ގެންނަ އެއްޗެއްކަމަށާއި، އެހެނިހެން ކެއުންތަކަށް އުޖޫރަލިބޭ އުސޫލުން އެއަށްވެސް ފައިސާ ދައްކަން ޖެހޭނެކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވަކިވަކިން މިތަކެއްޗަށް ބިލުކޮށް ޑީޕީއަރުއެސްއަށް ފޮނުވުމުންވެސް އެއަށް ފައިސާދައްކާފައިނުވާތީ އޭގެ ބަދަލު ހޯދުމަށް އެދޭ ކަމަށެވެ. އެގޮތުން ބަދަލުގައި އެއް މިލިޔަން އެއްލައްކަ ތޭވީސް ހާސް ތިންސަތޭކަ ހަތް ރުފިޔާ ބަދަލުގެ ގޮތުގައި ޑީޕީއަރުއެސްއިން ފަޔާޒަށް ދައްކަންޖެހޭ ކަމަށެވެ.
No comments:
Post a Comment