Wednesday, 23 April 2008

އެމްޑީޕީގެ މެމްބަރުނެގެ ގޮތުގައި އިލެކްޝަންސްއިން ގަބޫލު ކުރައްވާ އަދަދު މަދުވުމުން ކިނބިދޫ ރައްޔިތުން ޝަކުވާ ކޮށްފި

އިސްމާއިލް

އެމްޑީޕީ މެމްބަރަކަށް ވުމައެދި ކޮމިޝަނަރ އޮފް އިލެކްޝަނަށް ހުށަހަޅާފައިވާ ކޮޅުމަޑުލު ކިނބިދޫ ރައްޔިތުންގެ ތެރޭން ރަޖިސްޓްރީ ކޮށްދީފައިތިބި މީހުންގެ އަދަދު މަދުކަމަށް ބުނެ އެރަށުގެ ބައެއް ރައްޔިތުން ހިތްހަމަ ނުޖެހޭކަން ހާމަކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން މިނިވަނަށް މައުލޫމާތުދިން ކިނބިދޫ ރައްޔިތަކު ބުނީ 400 ސަތޭކައަށްވުގެ ގިނަ ކިނބިދޫ ރައްޔިތުން އެމްޑީޕީއަށް ސޮއިކޮށްފައިވާނެކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ކޮމިޝަނަރ އޮފް އިލެކްޝަންސްގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓް ހާމަކުރިއިރު ކިނބިދޫ ރައްޔިތުންގެ ތެރެއިން އެލިސްޓްގައިވަނީ އެންމެ 192 މީހުން ކަމަށް އޭނާ ބުންޏެވެ.

ކިނބިދޫއިން ސޮއިކުރި 400 މީހުންގެ ހުރިހާ މައުލޫމާތެއް ސައްހަވާނެތޯ އަހާލުމުން އޭނާ ބުނީ ބައެއްމީހުންގެ އައިޑީކާޑުގެ މައްސަލަ ހުންނާނެކަމަށާއި، އެމައްސަލަތައް ދިމާވީ އެރަށުގެ ގިނަ ރައްޔިތުން އެމްޑީޕީއަށް ސޮއިކުރި ދުވަސްވަރު ސަރުކާރުން ފޮނުވި ޓީމެއް އައިސް އެރަށުގެ ރައްޔިތުންގެ އައިޑީ ކާޑު އާކުރުމުގެ ނަމުގައި ބައެއް ފަރާތްތަކުގެ ކާޑުތައް އަތުލާ ހެދުމުންކަމަށެވެ. މިމައްސަލަ އެމްޑީޕީގައި ޖައްސާފައިވާނެ ކަމަށާއި، އެހެންނަމަވެސް އެފަރާތުން ޖަވާބެއް އަދި ނުލުބޭކަމަށްވެސް އޭނާ ބުންޏެވެ.

މިމައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އެހެން ފަރާތްތަކެކޭވެސް އެއްގޮތަށް ކިނބިދޫގެ ރައްޔިތުންވެސް އެމްޑީޕީގައި ރަޖިސްޓްރީ ކޮށްދީފައިވާނެ ކަމަށާއި، ރަޖިސްޓަރ ކޮށްދިނުމަށް ހުށަހަޅި ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރ ނުކޮށްދީ އަނބުރާ ފޮނުވާލި ފޯމްތައް ފޮނުވާލި ސަބަބު އެމްޑީޕީއަށް އަންގާފައިވާނެކަމަށެވެ.

މިމައްސަލާގައި އެމްޑީޕީގެ އަމީންއާމް ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ ކިނބިދޫން އެމްޑީޕީ މެމްބަރުންނަށް ވުމަށް އެދި ފޯމްފުރާފައިވާ ބައެއް ފަރާތްތައް ރަޖިސްޓްރީ ނުކުރެވިވަނީ ރަޖިސްޓްރީވުމަށް ފުރިހަމަކު ފޯމުގައި ދީފައިވާ މައުލޫމާތާއި އައިޑީކާޑުގައިވާ މައުލޫމާތާއި ދިމާނުވުމުންނާއި، އަދި ސިޔާސީ ޕާޓީތަކުގައި ބައިވެރި ވެވޭނެކަމަށް ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދު ބުނާ އުމުރު ހަމަނުވާތިކަމަށެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސްއަށް ހުށަހަޅާ ފޯމެއްގައި ކުޑަކުޑަ މައްސަލައެއް އޮތަސް އެފޯމް ބަލައިނުގަންނަ ކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

No comments: