އިބްރާހީމް މުޙައްމަދު
ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ ޢަލިމަނިކާއި އިތުރު 10 މީހަކު އއ.ހިމަންދޫގައި ހުސްވި އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލަމުން އަންނަމަންޒަރު ދައްކުވައިދޭ ކަމަށް ދައުލަތުން ތުހުމަތުކުރާ ވީޑިޔޯތަކެއް ޖިނާއީ ކޯޓުގައި ބުދަދުވަހު އޮތް ޝަރީޢަތުގެ މަޖިލިހުގައި ހާމަކޮށްފިއެވެ.
އަބްދުﷲ ޢަލީގެ އިތުރުން މި ވީޑިޔޯގައި ހަރަކާތްތެރިވިކަމަށް ދައުލަތުން ތުހުމަތުކުރި 10 މީހުންނަކީ އއ.ހިމަންދޫ ދިލްކުޝާގެ އަޙްމަދު ނަސީމް، އއ.ހިމަންދޫ ހެޕީރެސްޓް މުޙައްމަދު ޢަލީ، އއ.ހިމަންދޫ ބަހާރުގެ ޖައުފަރު މުޙައްމަދު، ސ.ހިތަދޫ ދަތުރުނާގެ އިބްރާހިމް ޖަމީލް، އއ.ހިމަންދޫ އަސުރުމާގެ ޢަލީ އާދަމް، އއ.ހިމަންދޫ ހުސްނުހީނާގެ އިސްމާއިލް ސާމިން، އއ.ހިމަންދޫ ރޯޒީވިލާ ޢަލީ ނަޝީދު، ލ.ކަޅައިދޫ އޯކިޑްމާގެ މުޙައްމަދު މުސްތަފާ، ނ.މަންދޫ މާގެ ނަދީމް ހަސަން، ހދ.ކުޅުދުއްފުށި ބަބޫގެ ޙަސަން ޢަލީ އެވެ.
މި 11 މީހުންގެ އިތުރުން 4 މީހަކުވެސް މިއަދުގެ ޝަރީޢަތަށް ހާޟިރުކުރެވުނެވެ. ނަމަވެސް އެމީހުންގެ ވީޑިޔޯ ހުށަހެޅިފައި ނެތްކަމަށް ޤާޟީ ޢަލީ ރަޝީދު ވިދާޅުވިއެވެ. އެ 4 މީހުންނަކީ ލ.ފޮނަދޫ އައްސޭރިހައުސް މުހައްމަދު ޝަކީލް، އއ.ހިމަންދޫ ހުސްނުހީނާގެ މިރުޝާން އަޙްމަދް، އއ.ހިމަންދޫ ނޫރާނީގެ އަޙްމަދް ޝަކީބް، އއ.ހިމަންދޫ ވިލުދޮޅި އަޙްމަދް ޢަރީފެވެ. އއ.ހިމަންދޫ އުފަންބިން ޢަބްދުލްޤާދިރު އިބްރާހިމް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ވީޑިޔޯވެސް އެބައޮތްކަމަށް ޤާޟީ ވިދާޅުވިއެވެ. ނަމަވެސް ދޫނިދޫ ބަންދުގައި ހުރި ޢަބްދުލްޤާދިރު ކޯޓަށް ހާޟިރުކުރެވިފައިނުވާތީ އޭނާގެ ފެންނަކަމަށް ދައުލަތުން ތުހުމަތުކުރާ ވީޑިޔޯ ހާމަކޮށްފައެއް ނުވެއެވެ.
އަބްދުﷲ ޢަލީގެ ޝާރީޢަތް
މިއަދު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ޕާކިސްތާނުން ދީނީ އިލްމު ހާސިލްކޮށްގެން ހުންނެވި އަބްދުﷲ ޢަލީ ހަރަކާތްތެރިވަމުން އަންނަކަމަށް ތުހުމަތުކުރާ ވީޑިޔޯއެވެ. އަބްދުﷲ ޢަލީ އަދި ވީޑިޔޯގައި ވީޑިޔޯގައި ފެންނަކަމަށް ތުހުމަތުކުރެވޭ 10 މީހުނަށް ވީޑިޔޯއާ މެދު ސުވާލުކުރެވުނީ ޝަރީޢަތްކުރައްވަމުން ގެންދެވި ޤާޟީގެ މޭޒު ކުރިފުޅުމަތީގައި ގޮނޑިއެއް ބޭންދުމަށްފަހުއެވެ. މި ވީޑިޔޯގައި އަބްދުﷲ ޢަލީ ކަމަށް ދައުލަތުން ތުހުމަތުކުރާ މީހާ ދަނޑިބުރިއެއް ހިފައިގެން ވަރަށް ހަލުވިކަމާއި އެކު ފުލުހުންނާއި ކުރިމަތިލާ މަންޒަރު ފެނެއެވެ. ވީޑިޔޯގައި އަބްދުﷲ ޢަލީ ކަމަށް ތުހުމަތުކުރާ މީހާގެ މޫނު ފޮތިގަނޑަކުން ނިވާކޮށްފައިވާ މަންޒަރާއި ފަހުން އެފޮތިގަނޑު މޫނު މަތިން ކަޝްފުވާ މަންޒަރު ފެނެއެވެ.
"އަޅުގަނޑު ކަނޑައެޅިގެން ތިވީޑިޔޯއަށް އިންކާރުކުރަން" ޤާޟީގެ ސުވާލަށް ޖަވާބު ދެއްވަމުން އަބްދުﷲ ޢަލީ ބުނުއްވިއެވެ.
އަބްދުﷲ ޢަލީ ބުނުއްވީ އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އެކިގޮތްގޮތަށް އޭނާއަށް ފޮޓޯ ނަގައި ހެދިކަމަށެވެ.
"މިވީޑިޔޯ ހެދުމަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ދެއްވިންތޯ" ޤާޟީ ސުވާލުކުރެއްވިއެވެ.
އަބްދުﷲ ޢަލީ ބުނުއްވީ އޭނާ މިފަދަ މަންޒަރުތަކެއް ހެދުމަށް އެއްވެސް ކަހަލަ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދީފައެއް ނުވާނެއެވެ. އަބްދުﷲ ޢަލީއާއި ވީޑިޔޯގައި ފެންނަކަމަށް ތުހުމަތުކުރާ 10 މީހުންނަށް ދައުލަތުން ދައުވާ ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ދައުވާއެވެ.
ވީޑިޔޯގެ ސައްޙަކަމާމެދު ކުރެވޭ ސުވާލު
ޝަރީޢަތުގައި ދެއްކި ވީޑިޔޯތައް ހާމަކުރެއްވުމުގެ ކުރިން ޤާޟީ ވިދާޅުވީ ހެއްކެއްގެ ގޮތުން ހަމައެކަނި ވީޑިޔޯއެކަށް ނުބެލޭނެކަމަށެވެ. އަދި މިވީޑިޔޯތަކާ މެދު ސުވާލުކުރުމަށް "އެކްސްޕާރޓަކާއި" މަޝްވަރާ ކުރެއްވިކަމަށް ޤާޟީ ވިދާޅުވިއެވެ. ޤާޟީ ވިދާޅުވީ މި ވީޑިޔޯ ބެލި ފަރާތުން ޝަރީޢަތަށް ހާޟިރުވާން އުޒުރުވެރިވާކަމަށެވެ. ނަމަވެސް މިފަދަ ވީޑިޔޯއެއް ހެދިދާނެކަމަށް އޭނާ ބުނިކަމަށް ޤާޟީ ވިދާޅުވިއެވެ. ނަމަވެސް މިފަދަ ވީޑިޔޯއެއް ހެދޭނީ ވީޑިޔޯގައި ޝާމިލުވާ ފަރާތުގެ އެއްބާރުލުމާ އެކުގައިކަމަށް އެފަރާތުން މައުލޫމާތު ދިންކަމަށް ޤާޟީ ވިދާޅުވިއެވެ. އަދި މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއްކަން ޤާޟީ ފާހަގަކުރެއްވިއެވެ. ޤާޟީ ހާމަކުރެއްވިގޮތުގައި މި ވީޑިޔޯތަކަށް އިތުރުތަކެއް ގެނެވިފައިވާނަމަ އެކަންކަންވެސް ދެނެގަނެވިދާނެކަމަށެވެ.
ޤާޟީގެ ކުރިފުޅުމައްޗަށް ހާޟިރުކުރެވުނު 11 މީހުންވެސް މި ވީޑިޔޯއަށް އިންކާރުކުރިއެވެ. އަދި އެންމެންވެސް ތުހުމަތުކުރިގޮތުގައި މިއީ ހަދާފައިވާ ވީޑިޔޯއެކެވެ. ނަމަވެސް ބައެއް މީހުން އެމީހުން ދޫނިދޫ ޖަލަށް ހާޟިރުކޮށް ނަގާފައިވާ ފޮޓޯ ގަނޑުގައި ފެންނަނީ އެމީހަކު ކަމަށް އެއްބަސްވެފައިވެއެވެ.
3 މީހެއްގެ މައްޗަށް ފުލުހަކު ހެކިބަސްދިނުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު ނާފިޒު މިއަދު ކޯޓަށް ހާޟިރުކުރެވުނު 15 މީހުންގެ ތެރެއިން 3 މީހެއްގެ މައްޗަށް ހެކިބަސްދިނެވެ. އޭނާ ހެކިބަސްދިން 3 މީހަކީ އަޙްމަދު ނަސީމް، އިބްރާހިމް ޖަމީލް އަދި މުޙައްމަދު މުސްތަފާއާއި ދެކޮޅަށެވެ. ނާފިޒުގެ ބަޔާން ބުނާގޮތުގައި އަޙްމަދު ނަސީމަކީ ހިމަންދޫގައި ހިނގި ކުރިމަތިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ. އަދި މުޙައްމަދު މުސްތަފާ ގަލާއި ލަކުޑިބުރިން ފުލުހުންނާއި ސިފައިންނަށް ހަމަލާދިންކަމަށާއި އިބްރާހިމް ޖަމީލް ކަނޑިއެއް ހިފައިގެން ފުލުހުންނާއި ސިފައިންނަށް ހަމަލާދިންކަމަށް ކޮންސްޓަބަލް ނާފިޒުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮންސްޓަބަލް ނާފިޒުގެ ބަޔާނުގައި ހިމެނޭ މައުލޫމާތުތައް ދައުލަތުގެ ވަކީލު މަހުމޫދު ސަލީމް ކިޔުއްވުމުން ދައުވާ ލިބޭ 11 މީހެއްގެ ވަކީލުކަމުގައިވާ އަޙްމަދު ޝަހީމް ވަނީ ނުރުހުންވެ އެކަން ޤާޟީ އަށް ހުށަހެޅުއްވިއެވެ. ޝަހީމް ވިދާޅުވީ މިއަމަލަކީ އިސްލާމީ ޝަރީޢަތެއްގައި ކުރެވިގެންވާ އަމަލެއް ނޫންކަމަށެވެ. ރައްދުގައި ސަލީމް ވިދާޅުވީ އޭނާ ޝަރީޢަތުގެ މަޖިލިހުގައި ދައްކަވަން ޖެހޭ ވާހަކަ ދައުވާ ލިބޭ ފަރާތުގެ ވަކީލަށް ނޭންގޭނެކަމަށެވެ.
ޝަހީމްގެ ސުވާލަށް ޖަވާބުދެއްވަމުން ކޮންސްޓަބަލް ނާފިޒުވަނީ މުޙައްމަދު މުސްތަފާ ޤާޟީއަށް ދައްކާދީފައެވެ. ނަމަވެސް ތަހުޤީޤު ބަޔާނަށް ކޮންސްޓަބަލް ނާފިޒް ދިން ބަޔާނާއި ފުށުއަރާގޮތަށް އަޙްމަދު ނަސީމު ކަނޑިއެއް ހިފައިގެން ހަރަކާތްތެރިވިކަމަށް ކޮންސްޓަބަލް ނާފިޒް ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. ކޮންސްޓަބަލް ނާފިޒް ހާމަކުރިގޮތުގައި އޭނާ ބަޔާންދީފައިވަނީ ފޮޓޯއާއި ވީޑިޔޯ ބެލުމަށްފަހު އޭގެ އެހީގައެވެ.
No comments:
Post a Comment