Wednesday, 23 April 2008

މައްޗަންގޮޅީ ގެޔެއްގެ ކޮޓަރިއެއް ތެރޭގައި މާބަނޑު އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގައްމާޒު

މާލޭގެ ގެޔެއްގެ ކޮޓަރިއެއްގައި މާބަނޑު އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އިއްޔެ މެންދުރު ފަހު މއ.ރުތުގޭ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނުނު އަންހެނަކީ އައްޑުއަތޮޅު ހިތަދޫ ދިލްދާރުގޭ މަރިޔަމް މުހައްމަދު،26 އަހަރުކަމުގައި ފުލުހުން ހާމަކުރެއެވެ.

     މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަންހެން މީހާގެ ބަނޑަށް ހަމަސްވަރު ވެދާނެއެވެ. އަދި މީނާ މަރުވެފައި އޮއްވާ ފެނުނު ކޮޓަރިއަކީ މީގެ އެއްމަސްދުވަހެއްހާ ކުރިން މީނާ ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެކެވެ. މަރިޔަމްއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެ ތިންމަހެއްހާ ދުވަސްކުރިން ގޭގަ ބަންދުކޮށްފައި ހުރިމީހެއްކަމަށް އޭނާ ދިރިއުޅެމުންދިޔަ ގޭގެ މީހުންބުނެއެވެ. ނަމަވެސް މީނާ މަރުވެފައިވަނީ އޯވަޑޯޒްއެއް ވެގެންކަމަށް ނުބެލެވޭކަމަށްވެސް އެގޭމީހުން ބުނެއެވެ.

     ރުތުގޭ މީހުން ބުނާގޮތުގައި މީނާ މަރުވެފައި އޮއްވާ ފެނުނީ ކޮޓަރީގެ ކުޑަދޮރެއް ހަލާކުކޮށްލާފައި ހުރުމުން އެކަންވީގޮތް ބަލަން ކޮޓަރިއަށް ވަނުމުންނެވެ. ފުލުހުންގެ ވެބްސައިޓުގައި އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މިއަންހެންމީހާ އައިޖީއެމްއެޗްއަށް ގެންގޮސް ޑޮކްޓަރުންނާއި ފުލުހުން ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު މައްސަލަ މިހާރު ގެންދަވަނީ ތަހުގީގުކުރައްވަމުންނެވެ.   

No comments: