ދައުވާކޮށްފައިވަނީ ޒާތީ ގޮތުން އުނދަގޫކޮށް ބަދުނާމު ކުރުމުގެ ގޮތުން ކަމަށް މަރްހޫމު މޫސާ ފަހީމުގެ 8 ވާރިޘުން ބުނެފި
މުހައްމަދު އަޝްރަފް
މަޝްހޫރު ތްރީއޭ ކުންފުނީގެ އެއް ހިއްސާދާރުކަމަށްވާ މަރްހޫމު މޫސާ ފަހީމުގެ ވާރިޘުންގެ މައްޗަށް މަރްހޫމު މޫސާ ފަހީމަށް ބޮޑުބޭބެކިޔާ މއ ގުލެމަރ މުހައްމަދު އަނީސް ދައުވާކޮށްފައިވަނީ ޒާތީ ގޮތުން އުނދަގޫކޮށް ބަދުނާމު ކުރުމުގެ ގޮތުން ކަމަށް މޫސާ ފަހީމުގެ ވާރިޘުންގެ ފަރާތުން ބުނެފިއެވެ.
ތްރީއޭ ކުންފުނި ބައިކުރުމަށް 1 ޖޫން 2006 ގައި ނިންމެވި ގަޒިއްޔާއިން ކުރެއްވި ހުކުމާ ގުޅިގެން މަރްހޫމު މޫސާ ފަހީމަށް ބޮޑުބޭބެކިޔާ މއ ގުލެމަރ މުހައްމަދު އަނީސްއަށް ހަމަޖެހުނު ކ އެރިޔަދޫ އައިލެންޑް ރިސޯޓުގައި ދުއްވުމަށާއި އ ވިލަމެންދޫ އައިލެންޑް ރިޒޯޓުގައި ދުއްވުމަށް ކުއްޔަށް މުހައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ އޭ.އޭ.އޭ.10 ސްޕީޑް ލޯންޗާއި، ބެލަންވިލާ ދޯންޏަން 1994 ފެބްރުއަރީމަހުން ފެށިގެން ކުލި ނުލިބިވާތީ އާއި މި ދެ އުޅަނދު މުހައްމަދު އަނީސްއާ ހަވާލުކޮށްފައިނުވާތީ، މުހައްމަދު އަނީސް އޭނާގެ ބޮޑުބޭބެގެ 8 ވާރިޘުންގެ މައްޗަށް ކުރާ މިދައުވާ އާ ގުޅިގެން މަރުހޫމް މޫސާ ފަހީމުގެ 8 ވާރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު އަބްދުލް މަތީން މިއަދު ވިދާޅުވީ މިދައުވާއަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ ދައުވާއެއް ނޫން ކަމަށެވެ. އަދި ތްރީއޭ ކުންފުނި ބައިކުރިއިރުވެސް މިފަދަ މުއާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.
ދައުވާއަށް ޖަވާބްދާރީ ވުމުގެ ގޮތުން އަބްދުލް މަތީނު ދެއްކެވި ވާހަކާގައި ވިދާޅުވީ ދެ އުޅަނދެއް ކުއްޔަށް ދިނުމާ ބެހޭގޮތުން މޫސާ ފަހީމުގެ ވާރިޘުންނާއި މުހައްމަދު އަނީސްއާ ދެމެދު އެއްވެސް އެއްބަސްވުމެއް ކުރެވިފައިނުވާއިރު އެފަދަ ލިޔެކިޔުމެއްވެސް ދައުވާ ކުރައްވާ ފަރާތުން ޝަރީއަތައް ހުށަހަޅުއްވާފައިނުވާ ކަމަށެވެ. އަދި ދެ އުޅަނދެއް ކުއްޔަށް ދިނުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ 1988 ވަނަ އަހަރުގައި ކަމަށް ދައުވާ ކުރާ މުހައްމަދު އަނީސް ބުނެފައިވާއިރު މިއުޅަނދު ރަޖިސްޓްރީ ކޮށްފައިވަނީ 1991 ވަނަ އަހަރުގައި ކަމަށްވެސް ވިދާޅުވިއެވެ.
އަނެއްކޮޅުން ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ދުއްވުމަށް ކުއްޔަށް ދިން ކަމަށް ބުނާ އުޅަނދަކީ ވިލަމެންދޫ ރިސޯޓު ވުޖޫދުގައި ނެތީސް ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށާއި އެއުޅަނދާއި ރިސޯޓާއި އޮތީ ކޮން ގުޅުމެއްތޯވެސް ސުވާލު ކުރެއްވިއެވެ.
އަބްދުލް މަތީން ވިދާޅުވީ ތްރީއޭ ކުންފުނި ބައިކުރިއިރު މިދެ އުޅަނދަކީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އޮތް ދެ އުޅަނދު ކަމަށާއި މިދެ އުޅަނދު ހަލާކުވެފައި އޮތުމުން މުރްހޫމް މޫސާ ފަހީމުގެ ވާރިޘުންގެ ތެރެއިން އެއްވެސް މީހަކު މިދެ އުޅަނދުގެ ބޭނުން ކޮށްފައިނުވާ ކަމަށެވެ. އަދި މޫސާ ފަހީމުގެ ވާރިޘުންގެ ފަރާތުން މިދެ އުޅަނދު ދޫކުރުމަށް އެއްވެސް ހުރަހެއް އަޅުއްވާފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއުޅަނދަކީ ކޮން ގޮތަކަށް ކޮން ހައިސިއްޔަތަކުން އެހެލާފައި އޮތް އެއްޗެއްކަން ނޭނގޭތީ އެދެ އުޅަނދު ބޭނުން ކޮށްފައެއްނުވޭ، މިދެ އުޅަނދު ގެންދިޔުމަށް (މުހައްމަދު އަނީސްއަށް) މިހާރު މިހާރަށްވެސް އަންގަން" އަބްދުލް މަތީން ވިދާޅުވިއެވެ.
މުހައްމަދު އަނީސްގެ ވަކީލު ވިދާޅުވީ މަރްހޫމް މޫސާ ފަހީމުގެ ވާރިޘުންގެ ފަރާތުން ދެއްކެވި ވާހަކަތަކަށް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން ޖަވާބު އަރުއްވާނެ ކަމަށެވެ.
މިދައުވާ ހުށަހަޅުއްވާ ދެއްވަމުން މާޗް 23 ވަނަ ދުވަހު އަހުމަދު އަނީސްގެ ވަކީލު ވިދާޅުވީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީއަށް ސަރުކާރުން ކުއްޔަށްދީފައިވާ ކ އެރިޔަދޫ ރިސޯޓާއި ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ކުއްޔަށްދީފައިވާ އ ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ދުއްވުމަށް ކުއްޔަށް ދީފައިވަނީ 1988 ޖުލައި މަހުން ފެށިގެން ކަމަށާއި އެ ދެ ރިސޯޓުގައި މި ދެ އުޅަނދު މިހާރުވެސް ބޭނުން ކުރަމުންދާ ކަމަށެވެ.
No comments:
Post a Comment