އިބްރާހީމް މުޙައްމަދު
ހުސްވި އަހަރު ސެޕްޓެމްބަރ 7 ވަނަ ދުވަހު ހިމަންދޫ ހަމަނުޖެހުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޅ.ކުރެންދޫ ވިނަރެސް ޢަލީ ޒާހިރުގެ މައްސަލަގައި ހުލާސާ ބަޔާންތައް އިއްވަވައި އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ޤާޟީ އަލީ ރަޝީދު ވިދާޅުވީ އެންމެ އަވަސް ފުރުސަތެއްގައި އޭނާއަށް ޙުކުމް ކުރާނެކަމަށެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ހަސަން ޝިޔާމް ވިދާޅުވީ މިމައްސަލަގައި ޢަލީ ޒާހިރުގެ މައްޗަށް ހެކިދިން ދެމީހުން ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރ ޢަލީ ރަޝީދާއި އިންސްޕެކްޓަރ ފަރުހާދު ފިކުރީގެ ހެކިބަހުން މިމައްސަލަ ސާބިތުވާކަމަށެވެ. އަދި ހެކިބަހަށް ބަލާއިރު ޢަލީ ޒާހިރު ހަމަލާދިނީ ސިފައިންގެ ރަޔޮޓް ސްކޮޑަށް ކަމަށް ހެކިބަހުން ސާބިތުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޢަލީ ޒާހިރުގެ ވަކީލު އަޙްމަދު ޝާހީމް ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ ޢަލީ ޒާހިރު ދައުވާގެ އަސްލަށް އިންކާރުކުރާކަމަށާއި އޭނާ ހައްޔަރުކުރެވުނީ ދާރުލްޚައިރުގޭ ސަރަހައްދުގައި އެއްވި އެއްވުމަކުން ނޫންކަމަށެވެ. ނަމަވެސް ހައްޔަރުކުރެވުނީ ގެއިން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހެކިވެރިންގެ ހެކިބަހަށް އިޝާރާތްކޮށް ޝަހީމް ވިދާޅުވީ ހެކިބަސްދިން ދެފުލުހުންވެސް ހެކިދީފައިވަނީ ވީޑިޔޯ އަދި ފޮޓޯ ބަލައިގެން ކަމަށެވެ. އަދި ޢަލީ ޒާހިރު ހަތިޔާރު ހިފައިގެން ހުރިތަން މި މީހުންނަށް ފެނިފައިނުވާކަން މި ދެފުލުހުންގެ ހެކިބަހުން އެނގޭކަމަށް ޝަހީމް ވިދާޅުވިއެވެ. އއ.ހިމަންދޫ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ވަކިޖަމާއަތެއްގައި ނަމާދުކުރަމުންދިޔަ މީހުންގެ ސަބަބުން ނޫންކަންފާހަގަކުރައްވައި ދައުލަތުގެ ދައުވާއިންވެސް ސާބިތުވާގޮތުގައި ސިފައިންނާއި ފުލުހުން ހިމަންދޫއަށް ގޮސްފައިވަނީ 29ސެޕްޓެމްބަރ 2007 ގައި ބޮންގޮއްވި މީހުނާއި ތަފާތު ޖިނާއީ ކުށްތަކުގެ މީހުން ހޯދުމުގެ މަޤްސަދުގައި ކަމަށް ދައުވާއިންވެސް ސާބިތުވާކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި ރަށުގައި ބިރުވެރިކަމެއް އުފެދިގެނެއްނޫން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ހުސްވި އަހަރު އޮކްޓޫބަރ 7 ވަނަ ދުވަހު ރަހީނުކުރި ޕްރައިވެޓް އިބްރާހީމް ރަޝީދު ކޯޓަށް ހާޟިރުކޮށްދިނުމަށް އެދިފައެވެ. އަދި ރަހީނުވި މީހަކީ ޕްރައިވެޓް ރަޝީދުކަމަށާއި ހަދިސާ ހިނގާދިޔަގޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާއަށްކަމަށް ޝަހީމް ވިދާޅުވިއެވެ. މިގޮތުން ޕްރައިވެޓް ރަޝީދު ނޫސް ތަކަށް ދިން ބަސްދީގަތުމުގައި ރަހީނުކުރުމަށްފަހު އަނިޔާ ނުކުރާކަމަށް ބުނެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޤާޟީ ވިދާޅުވިގޮތުގައި ޢަލީ ޒާހިރު ތަހުޤީޤަށް އެއްވެސް ބަޔާނެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައެއް ނުވެއެވެ. އަދި މިކަމުންވެސް އޭނާ ދައުވާއަށް އިންކާރުކުރާކަން ދޭހަކޮސްދޭކަމަށް ޤާޟީ ވިދާޅުވިއެވެ.
No comments:
Post a Comment