ޚަބަރު ދިވެހިރާއްޖޭގެ އަޑު
2007 ވަނަ އަހަރުގެ ކެމްބްރިޖް އިމްތިޙާނުން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ތިންކުއްޖަކު ހޯދައިފިއެވެ. ދުނިޔޭގެ އެއްވަނަ ހޯދާފައިވަނީ އަމީނިއްޔާ ސްކޫލްގެ ތިންކުދިންކަމަށްވާ މައްޗަންގޮޅީ ކާމިނީ ހުޅަނގުގޭ ޤަދާ ޢަބްދުﷲ ޔާމީން، ގަލޮޅު އަލިރެސް މަރިޔަމް ޒައިނާ ޝަރީފް އާއި މައްޗަންގޮޅީ އަހިގަސްދޮށުގޭ ޢައިޝަތު އިހުމާއެވެ.
މީގެތެރޭން ޤަދާ ޢަބްދުﷲ ޔާމީނާއި މަރިޔަމް ޒައިނާ ޝަރީފަށް ދުނިޔޭގެ އެއްވަނަ ލިބިފައިވަނީ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖުނެވެ. އަދި އާޢިޝަތު އިހުމާއަށް ދުނިޔޭގެ އެއްވަނަ ލިބިފައިވަނީ ޓްރެވަލް އެންޑް ޓޫރިޒަމުންނެވެ.
2007 ވަނަ އަހަރު ޘާނަވީ ތަޢްލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށާއި ސްކޫލްތަކަށް ދެވޭ "ޓޮޕް އެޗީވާޒް އެވޯޑް" ދިނުމަށް ބުރާސްފަތިދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، މިދިޔައަހަރު ކެންބްރިޖް އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ 10 ވަނަ ހާޞިލްކޮށްގެން ޖުމްލަ 232 ކުދިން އިނާމް ޙާޞިލްކޮށްފައިވާއިރު، ދުނިޔޭގެ ގަދަ 10 ވަނަ ހޯދައިގެން 28 ދަރިވަރަކު އިނާމް ޙާޞިލްކޮށްފައިވެއެވެ.
ރާއްޖޭގެ ގަދަ 10 ވަނައަށް ބަލާލާއިރު 7 ދަރިވަރަކު ގަދަ 10 ޙާޞިލްކޮށްފައިވާއިރު، 22 ދަރިވަރަކު 9 ވަނަ ޙާޞިލްކޮށްފައިވެއެވެ. އަދި 26 ދަރިވަރަކު 8 ވަނަ ޙާޞިލްކޮށްފައިވެއެވެ. 7 ވަނަ ޙާޞިލކޮށްފައިވަނީ 3 ކުދިންނެވެ. އަދި 6 ވަނަ 6 ކުދިން، 5 ވަނަ 14 ކުދިން އަދި 4 ވަނަ 48 ކުދިން ޙާޞިލްކޮށްފައިވެއެވެ. އަދި 6 ދަރިވަރަކު 3 ވަނަ ޙާޞިލްކޮށްފައިވާއިރު 54 ދަރިވަރުން 2 ވަނަ ޙާޞިލްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ގަދަ ދިހަވަނައިގެ ތެރޭން ފަޚުރުވެރި އެއްވަނަ ޖުމްލަ 21 ދަރިވަރަކު ޙާޞިލްކޮށްފައިވެއެވެ.
ދުނިޔޭގެ 10 ވަނައިގައި ހިމެނުނު 28 ދަރިވަރުންނާއި އަދި އެސްއެސްސީ އިމްތިޙާނުން އެންމެމޮޅު ކުދިންނަށް ރޭގެ ޖަލްސާގައި އިނާމުދެވުނެވެ. 2006 ވަނަ އަހަރާ އަޅާ ބަލާއިރު ހުސްވި2007 ވަނަ އަހަރު ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދި ސްކޫލްތަކަށްވެސް ބުރާސްފަތިދުވަހުގެ ރޭގެ ޖަލްސާގައި އިނާމުދެވުނެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ސްކޫލަކީ 72 ޕޮއިންޓް ހޯދި ހޮޅުދޫ މޭނާ ސްކޫލެވެ. އަދި ސްކޫލްތަކުގައި ކުދިން އުޅޭ ނިސްބަތަށް ބަހާލެވިފައިވާ ހަކެޓަގަރީން ކޮންމެ ކެޓަރީއެއްގައި ހިމެނޭ ސްކޫލްތަކުގެ ތެރޭން އެއްވަނަ ދެވަނަ އަދި ތިންބަޔަށް އެންމެ ރަނގަޅު ކާމިޔާބީތައް ހޯދި ސްކޫލްތަކަށްވެސް އިނާމުދެވުނެވެ.
ޓޮޕްޓެން އެވޯޑް އެންމެ ގިނައިން ޙާޞިލްކޮށްގެން މިބައިން އެއްވަނަ ހޯދާފައިވަނީ 21 އެވޯޑެއް ހޯދި 18 ކުދިން ނިސްބަތްވާ އަމީނިއްޔާ ސްކޫލެވެ. ދުނިޔޭގެ އެއްވަނަ އެވޯޑް ހޯދި ސްކޫލްތަކުގެ ބައިގައި ހިމެނިފައިވަނީވެސް އަމީނިއްޔާ ސްކޫލެވެ. އޯލެވެލްގެ 5 ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން 80% އަށްވުރެ ގިނަ ކުދިން ފާސްވެފައިވާތީ މަދަރުސްތުލް އަހުމަދިއްޔާއަށް މި ޖަލްސާގައި އައުޓް ސްޓޭޑިންގ ޕާފޯމަންސް އެވޯޑް ލިބުނެވެ. ފާއިތުވި 2007ވަނަ އަހަރު ކެމްބްރިޖް އޯލެވެލްގައި ރާއްޖޭން 10،000 ހާކުދިން ބައިވެރިވެ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް ރާއްޖެ ޙާޞިލްކޮށްފައިވާއިރު 2006 ވަނައަހަރުވެސް ރާއްޖެއިންވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކޮށްފައިކަން ފާހަގަކުރެވެއެވެ.
No comments:
Post a Comment