Sunday, 13 April 2008

އާދީއްތަ ދުވަހުގެ ހާއްސަ މަޖިލީހުގެ ޖަލްސާ ކޯރަމް ގެއްލުވާލައިފިނަމަ ހިންދިރުވާލައިގެން ނުތިބެވޭނެ ކަމަށް އަންނި އިންޒާރުދެއްވައިފި

 

މުހައްމަދު އަޝްރަފް

 

ޑީއާރުޕީގެ ބައެއް އިންތިޤާލީ ހުށަހެޅުންތަކަށް ވޯޓަށް އައްސަވާނެކަމުގެ ޔަޤީންކަން ނުލިބުމުން ޑީއާރުޕީން ކޯރަމް ނަގާލާ މައްސަލާގައި އަންނަ އާދީއްތަ ދުވަހު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގެ ކޯރަމްވެސް ގެއްލުވާލަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.  

ހުކުރު ދުވަހު އއ ރަސްދޫގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ގާނުނު ހަދާ މަޖިލީހަށް މެންބަރުން ހާޒިރުނުވުމަށް ސަރުކާރުން އެންގެވުމަކީ އަޅުގަނޑުމެންނަށް ހިންދިރުވާލައިގެން ނުވަތަ ހަޖަމްކޮށްލައިގެން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ގައުމެއްގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ނޭންގޭނެ ގާނޫނޫ ހަދާ މަޖިލީހަކަށް ބޭފުޅުން ވަޑައިނުގަތުމަކަށް، އާދީއްތަ ދުވަހު މަޖިލީހުގެ ގާނޫނީ އަދަދު ހަމަނުވަނީ ކަމުގައިވަނީނަމަ އަޅުގަނޑުގެ ހިތުން މިރާއްޖެ ވަދެގެންދާނީ ހަރާބުގެ ތެރެއަށް" އަންނި ވިދާޅުވިއެވެ.

 ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ސާފު ގޮތުގައި ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށްވާއިރު، ރައީސް މައުމޫނުވެސް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުރަސް ނޭޅުއްވުމަށް އަންނި ގޮވާލެއްވިއެވެ.

އަންނި ވިދާޅުވީ 1932 ގައި ރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ގާނޫނު އަސާސީގެ މަސައްކަތް ލަސްކޮށް ހުރަސް އެޅުމަށް އޭރު ހުންނެވި ރަދުން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެފަހަރު ގާނޫނު އަސާސީ އިސްލާހުކުރެވި، ތަސްދީގް ކުރެވުނީ ރަދުންގެ ދެ ބަފައިކަލުން ފުވައްމުލަކަށް އަރުވާލާފައި ކަމަށެވެ. އަދި މިހާރު ރައީސަކަށް ހުންނެވި ބޭފުޅާއަށް އެފަދަ ގޮތެއް މެދުވެރިވުމަށް އަޅުގަނޑުމެން ބޭނުންނުވާ ކަމަށްވެސް އަންނި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދޭ ގޮތަކީ މިރާއްޖޭގެ ރައީސުންނަށް ރައްޔިތުންގެ ގަދަރާއި އިއްޒަތް ލިބިފައިވުން" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ މިރާއްޖޭގައި މިހާރު ގާނޫނީ ހަމަތަކުން ހިނގާ ސަރުކާރެއް ނެތް ކަމަށާއި މިކަމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް މިހާރު މިއޮތީ ރައްޔިތުންގެ ވާޖިބު އަދާކުރަން މަޖުބޫރުވެފަ" އަންނި ވިދާޅުވިއެވެ.

އަންނިގެ ރިޔާސީ ކެމްޕެއިންގައި އއ. ކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ނޫ ގާނޫނު އަސާސީގެ" ދަށުން ރައީސް މައުމޫނު ވެރިކަމަށް ކުރިމަތިލައްވައިފިނަމަ ސީދާ ހަރަކާތަށް ނިކުންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިހިރީ ހަމަގައިމުވެސް ފަހަށް ޖެހެން ތައްޔާރަކަށް ނޫން، ލޭ އޮހުރުވުން ހިނގުން އެއީ އަޅުގަނޑު ހަމަގައިމުވެސް ދެކެން ބޭނުންވާ ތަނެއް ނޫން" އަންނި ވިދާޅުވިއެވެ.

އަންނި ދެއްކެވި ވާހަކާގައި މިހާރު މާލެ ތެރޭގައި މިހިނގާ ގުރޫޕް މާރާމާރީތަކަކީ ވެރިކަން ދެމެހެއްޓުމަށްޓަކައި ބަޔަކު ރާވައިގެން ކުރުވާ ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އެގޮތުން މަޝްހޫރު ބޮޑު ހުޅު ހާދިސާ ހިނގާފައިވަނީވެސް މިފަދަ ގޮތަކަށް ރާއްޖޭގައި އޭރުއޮތް ވެރިކަން ދެމެހެއްޓުމަށް ބަޔަކު މީހުން ރާވައިގެން ކަމަށް ވިދާޅުވިއެވެ.

ޅ އަތޮޅަށާއި ބ އަތޮޅަށާއި އަރި އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އަންނި މާލެ ވަޑައިގަތީ ހޮނިހިރުދުވަހު މެންދުރުފަހުއެވެ.

 

No comments: