އިސްމާއިލް
މިހާރު މާލެތެރޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީއަށް ނިސްބަތްވާކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ހައްޔަރު ކޮށްފައި ތިބި ބައެއް ގައިދީންނަށް މުއާމަލާތް ކުރާގޮތާމެދު އިހްތިޖާޖު ކުރުމުގެ ގޮތުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް އެމީހުން ފަށައިފިއެވެ.
މުއުތަބަރު ފަރާތަކުން މިނިވަނަށް މައުލުމާތު ދިންގޮތުގައި މި ހައިހޫނުކަމުގެ ހަޅުތާލު ފަށައިފައިވަނީ ދޫނިދޫގައި މިހާރު ހައްޔަރުކުރެވިފައިވާ އިދިކޮޅު ގޭންގުތަކުގެ ތެރެއިން ދެގޭންގެއްގެ ގައިދީން ބުރާސްފަތިދުވަހު ތަޅާފޮޅުމާ ވިދިގެން ފުލުހުން އައިސް ވަކި ގޭންގަކަށް އެކަމުގެ އަދަބު ދިނުމުންނެވެ. އެފަރާތުން ބުނާގޮގައި ގައިދީންގެ ދެއަތުގައި ފުލުހުން ބިޑިއަޅުވައި، ކަނުބަނދެ، ދޫނިދޫގައި ހުންނަ "އަލްކަޓްރާޒް" ކިޔާ އިމާރާތުގެ ސިޑިބަރިން "ރޯލު ޖައްސާ" ހަދާފައިވެއެވެ. އަދި ބައެއް ގައިދީން ބިޑިއަޅުވާފައި ބޭރަށް ނެރި ބައިތިއްބާފައި ވާކަމަށްވެސް ވެއެވެ.
މިނިވަން ނިއުސްއަށް މައުލޫމާތު ދިން އެއް މަސްދަރު ބުނިގޮތުގައި ދުވާލަކު ބައިގަޑިއިރަށް ކަސްރަތަށް ނެރުމަށް ހަމަޖެހިފައިވާއިރު، މިކަމުންވެސް ވަނީ ގައިދީން މަހްރޫމްކޮށްފައެވެ. އަދި ވަކީލުންނާ ވާހަކަ ދެއްކުމުގެ ދޮރުވެސް މިގައިދީންނަށް ބަންދޮކޮށްފައިވާކަމަށް މަސްދަރު ބުނެއެވެ. މިމައްސަލާގައި ހަޅުތާލުކޮށްގެން އުޅޭ ގައިދީންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންހިމެނެއެވެ. ބައެއް ކުދިންގެ އުމުރަކީ އެންމެ 14 އަހަރެވެ.
މިމައްސަލާގައި ހަޅުތާލު ކުރުމުން ފުލުހުން ރައްދުދިނީ މިގައިދީން ކަނުބަނދެ ބިޑިއަޅުވާ، ރޯލު ޖައްސާ މިފަދަ އަނިޔާތަކުންކަމަށް ވެއެވެ. އަދި އަނިޔާތަކުގެ ސަބަބުން އެއް ގައިދީގެ ފަޔަށް ލިބުނު ހާނިކައިގެ ސަބަބުން މިހާރު ފައިއަޅަން ނުކުރޭކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހުންގެ ތެރޭގައި ހިމެނޭ ހެންވޭރު ގްރީންހެވަން ހުޝާމަށްވެސް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ. މިނިވަން ނިއުސްއަށް މައުލޫމާތުދިން މަސްދަރު ބުނީ މިހާރު ދޫނިދޫގައި ބަންދުކޮށްފައިހުރި އޭނާގެ ރައްޓެއްސެއްގެ ބޮލާއި ފުރަގަސް ފަރާތުގައި ތަޅާފައިވާކަމަށެވެ. މިއަނިޔާގެ ބޭނުމަކީ އެކުދިން ކުށަށް އިއުތިރާފު ކުރުވުންކަމަށް އޭނާ ބުންޏެވެ.
މިމައްސަލައިގައި މޯލްޑިވެސް ޕޮލިސް ސަރވިސްއިން ބުނީ ދޫނިދޫ ޖަލުގައި އެފަދަ ކަންތައްތަކެއް ހިންގާފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭމީހުން އަބަދުވެސް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާކަމަށާއި، ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ހިންގާފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.
No comments:
Post a Comment