Sunday, 13 April 2008

ހުއްދަ ނުންގަވާ މަހިބަދޫގައި ޖަލްސާ ބޭއްވެވީ ކީއްވެތޯ ރާއްޖެތޭރޭ އެހީތެރިޔާ އެއްސެވުމާ ވިދިގެން އަންނި އޭނާއަށް ކުރުދޮށިން ދެއްވައިފި


އެމްޑީޕީ ތަމްހީދީ އިންތިޚާބު:

 

މުހައްމަދު އަޝްރަފް

      އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު (އަންނި) މިއިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އއ. މަހިބަދޫއަށް ހުކުރުދުވަހު ވަޑައިގެން ރަށު އޮފީހުން ހުއްދަ ނުނަންގަވައި ޖަލްސާ ބާއްވާފައިވާތީ އެރަށުގައި ހުންނަވާ ރާއްޖެތެރޭގެ އެހީތެރިޔާ އަބްދުލް ހަމީދު އަލީ ސުވާލު ކުރައްވައިފިއެވެ.

މަހިބަދޫ ބަނދަރު ކައިރީ ހުރި ޕާކެއްގައި ހުކުރުދުވަހު ހަވީރު އަންނި ބޭއްވެވި ޖަލްސާގައި އަންނިއާ ސުވާލުކުރެއްވުމުގެ ގޮތުން އަބްދުލްހަމީދު އަލީ ވިދާޅުވީ މަހިބަދޫއަކީ ވަރަށް ރީތި އާދަކާދައެއް ޒަމާނުއްސުރެ ގެންގުޅޭ ރަށެއް ކަމަށާއި ރައްޔިތުން ތަނަކަށް އެއްވެ ވާހަކަ ދައްކައި ބައްދަލުވުންތައް ބާއްވާ ހަދަނީ ރަށުގައި ހުރި އެކިއެކި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތަކާ އެއްޗެހި ނަގައިގެން ކަމަށެވެ.

     މީގެ ޖަވާބުގައި އަންނި ވިދާޅުވީ "ދަންނަވަންތޯ މިއަދާ ހަމައަށްވެސް އަޅުގަޑުމެންގެ ތެރެއިން ބައެއް ކަތީބުންނާ ބައެއް މި ބާވަތުގެ ބޭފުޅުންނަށް މިތިއްބެވެނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި. އެބޭފުޅުންނަށް ހީވެފައި މިއޮންނަނީ ކޮންމެކަމަކާ އަޅުގަޑުމެން ރައްޔިތުން އެބަޖެހެއޭ ކުޑަ ސިޓީއެއް ހިފައިގެން ގޮސް އެބޭފުޅުންގެ އަރިހުގައި އާދޭސް ދަންނަވަން ތިބެން. އެއީއެއް ނޫން ސަރުކާރު މުއައްޒަފުންގެ ވާޖިބަކީ... އަޅުގަޑުމެންގެ މީ 45 ވަނަ ބައްދަލުވުން މިދިޔަ 36 ދުވަހުގެ ތެރޭގައި. ކޮންމެ ރަށެއްގައި މި އަންނަނީ މިތަނުގައި، އެރަށެއްގެ ހުސްކޮށް އޮތް ޖާގައެއްގައި ހުސްކޮށް އޮތް ބިމެއްގައި މި ބައްދަލުވުން އަޅުގަޑުމެން ބާއްވަމުން މިއަންނަނީ"

އަންނި ވިދާޅުވީ ރައީސް މައުމޫނު މަހިބަދޫއަށް ވަޑައިގެންވެސް މިފަދަ ހުޅުވިފައިވާ މާހައުލެއްގައި ވާހަކަ ދައްކަވާނެކަމަށް އޭނާ އުއްމީދު ކުރައްވާކަމަށެވެ.

"އަޅުގަޑުމެން އުއްމީދުކުރަން އެބޭފުޅައަށް ހަޖަމު ކުރެވޭނެކަމަށް ހަމަ ތިޔައިގެން ބޭފުޅަކު ވަޑައިގެން ހަމަ އެމައިކުން އެބޭފުޅާއާ މީހަކު މެރިކަމުގެ ވާހަކަ އަހާލުމަށް. އަޅުގަޑު އުއްމީދުކުރަން... ވަރަށް ރަގަޅު މިސާލެއް އެދެއްކެވީ ރަށުއޮފީހުން. އިރާދަކުރެއްވިއްޔާ އެ މިސާލުގައި މަހިބަދޫ ރައްޔިތުން ކުރިއަށް ދާނެ. އަޅުގަޑަށް ޔަގީން މިރަށުގައި ޑިމޮކްރެސީގެ މަތިވެރި އުސޫލުތައް ގާއިމުވާނެކަން. ރަށުގެ އޮފީހުން ނުކުންނަވާ ފުރަތަމަ އޭގެ މިސާލު އެދެއްކެވީ. މިހެން އަންނަ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގައި ނުވަތަ ރެލީތަކުގައި ސުވާލުކުރުމަށް ރަށެއްގެ އޮފީހުން އައުމަކީ ވަރަށް ރަގަޅުކަމެއް" ކަމަށް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ގާނޫނު އަސާސީ އަޅުގަޑުމެންނަށް ވަރަށް ސާފުކޮށް އެއްވެ އުޅުމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ 27 ވަނަ މާއްދާގެ ދަށުން އަޅުގަޑުމެންނަށް މިލްކުކޮށް ދީފައިވާ ހައްގެއް ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި އަޅުގަޑު ހަދުމަކޮށް އަރުވައިދޭން މި ބޭނުންވަނީ އަޅުގަޑު މިހާރު އަމަލުކުރަމުން މިދަނީ ގާނޫނު އަސާސީއެއްގެ އިންތަކުގައި ތަރަހައިގެ ތެރޭގައޭ. މި ގާނޫނު އަސާސީގެ އަޅުގަޑުމެން ރާއްޖޭގެ ގާނޫނީ ތަރަހަ މިހާރު އަމަލުކުރެވެމުން މިދާ ނޫ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ 27 ވަނަ މާއްދާ ވަރަށް ފުރިހަމައަށް އަޅުގަޑަށް މިއަދު ހަވީރު މިކަން މަހިބަދޫގައި ކުރުމަށް އެބަ ހުއްދަ ދެޔޭ" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ރާއްޖެތޭގެ އެހީތެރިންފަދަ މަގާމުތަކުގެ ބޭފުޅުން ތިއްބަވަނީ ސަރުކާރުން ހިސޯރުކޮށްފައިކަމަށެވެ.

"ސިވިލް ސާވިސް ކޮމިޝަނާ އެގާނޫނު އެއޮތީ ނިމިފައި. އަޅުގަޑުމެން އެބޭފުޅުންނަށް ހަމްދަރުދީ ވަން. އެބޭފުޅުން މިއަދާ ހަމައަށްވެސް އެތިބީ ހިސޯރުވެފައި. އަޅުގަޑުމެން މި އުއްމީދު ކުރަނީ އެބޭފުޅުންނަށް އެބޭފުޅުންގެ މިނިވަންކަމާ އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމާ އަމިއްލަ ވިސްނުމާ އަމިއްލަވަންތަކަން ދާދި އަވަހަށް ލިބިގެން ދާނެކަމަށް. މޭމަހުގެ ދޭކުން ފެށިގެން އެކަން ހިގަން ފަށާނެ" އަންނި ވިދާޅުވިއެވެ. 

 

 

No comments: