Sunday, 13 April 2008

ކަނޑިޔަކާއި ކޯރާޑިއެއްގެ އިތުރުން މިނި ކަށިކޮޅުތަކެއް ގެއަކުން ހޯދައިފި

އިބްރާހީމް މުޙައްމަދު

ކަނޑިޔަކާއި ކޯރާޑިޔަކާއި ކަޓަރުތަކެއްގެ އިތުރުން އިންސާނެއްގެ ކަށިކޮޅުތަކެއް ބުރާސްފަތިދުވަހު ފެނިއްޖެކަމަށް މޯލްޑިވްސް ފޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. މަޖީދީމަގުގައި ހުރި މާފަންނު ސަހަރާކައިރީގައި ހުރި މ.މަދަން ގެއިން ފެނުނު ކަށިތައް ހޯދާފައިވަނީ ގޭތެރެއިން ކަމަށާއި އެއްވެސް ހާލެއްގައި ކޮނެގެން ނޫން ކަމަށް ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރ ސާޖަންޓް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އަދި މީގެ ކުރިން އިންސާނުންގެ ކަށި މަސްހުނިކޮށްގެން މަސްތުވާތަކެތި ބޭނުންކުރުގެ ހާދިސާތައް ހިނގާފައިވާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އިންސާނުންގެ ކައްޓާއި މަސްތުވާތަކެތި އެއްކޮސްގެން މަސްތުވާކަމަށް ރިޕޯޓްކުރެވިފައިވޭ" އޭނާ ވިދާޅުވިއެވެ.

މ.މަދަން ގޭގައި ކުއްޔަށް ދީފައިހުރި ފިހާރައެއްގެ މަތީގައި ހަދާފައި ހުރި މި ކޮޓަރި ތެރެއިން ފެނިފައިވަނީ 2 ފޫޓުގެ ކަނޑިއެއްކަމަށް ފުލުހުން ހާމަކުރިއެވެ. އަދި މިތަކެތީގެ އިތުރުން މަސްތުވާތަކެތިވެސް މިގެއިން ފެނުނުކަމަށް ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ. ނަމަވެސް މަސްތުވާތަކެތީގެ ބާވަތާއި އަދަދު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ ވެބްސައިޓުގައި ޝާޢިއު ކޮށްފައިވާ ފޮޓޯއިން ރާ ހުސްކުރި ފުޅިއާއި ލައްފިލުވާ ޒާތުގެ ތަކެތިވެސް ފެނެއެވެ.

ފުލުހުން މިތަކެތި ހޯދުމަށްޓަކައި އޮޕްރޭޝަން ހިންގި ވަގުތުގައި ސިފައިން ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދިޔަ މަންޒަރު ފެނިގެންދިޔައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް ޖަމާވިއެވެ. މިމައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ތަހުޤީޤުކުރެވެމުންދާކަށް ފުލުހުން ހާމަކުރިއެވެ.

No comments: