Sunday, 13 April 2008

ދުނިޔޭގެ ޕާލިމަންޓުތަކުގެ އިއްތިހާދުގެ ޖަލްސާއަށް މާރިޔާއާއި އިބްރާހިމް މުހައްމަދު ސާލިހު ފުރާވަޑައިގެންފި

އަބްދުއްރަހްމާން

 

ރައްޔިތުންގެ މަޖިލިސް ފުރިހަމަ މެންބަރެއްގެގޮތުން ބައިވެރިވާ ދުނިޔޭގެ ޕާރލިމަންޓް ތަކުގެ އެންމެ ބޮޑު ޖަމްޢިއްޔާ ކަމުގައިވާ އިންޓަރ- ޕާލިމަންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ބުރާސްފަތިދުވަހުގެ ރޭގައި މާލޭން ފުރާވަޑައިގެންފިއެވެ.

ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިމަހުގެ 13 އިން 18 އަށް ބޭއްވޭ އައި.ޕީޔޫގެ 118 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރޭމާލޭން ފުރާވަޑައިގެންނެވި ދިވެހިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީއަށް ނިސްބަތްވާ ފާދިއްޕޮޅު މެންބަރު އަލްފާޟިލް އިބްރާހިމް މުޙަންމަދު ޞާލިޙުއާއި މާލެއަތޮޅު މެންބަރު އަލްއުސްތާޛު މާރިއާ އަޙުމަދު ދީދީ އަދި ރައްޔިތުންގެ މަޖިލީހުގެ ޢަމީން ޢާންމުގެ ނައިބު ޑރ. ޢަލީ ޝަމީމެވެ.

އައި.ޕީޔޫގެ 118 ވަނަ އަހަރީ ބައްދަލުވުން އޭޕްރީލް 13 ވަނަ ދުވަހު އިފްތިތާޙުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިއްކާގެ ރައީސް މިސްޓަރ އެމްބަކީ އެވެ .މިޖަލްސާގައި ޤާނޫނުހަދާ މަޖިލިސްތަކުގެ 1200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި، ދުނިޔާގެ އެކި ޤާނޫނުހަދާ މަޖިލިސްތަކުގެ 600 އެއްހާ މެންބަރުންނާއި 50 އެއްހާ މަޖިލިސްތަކުގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ.

ޖަލްސާގައި މައިގަނޑުގޮތެއްގައި ބަހުސްކުރުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގައި ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރުމާގުޅޭގޮތުންނާއި، ޤައުމީ ސަލާމަތާއި، އިންސާނީ ރައްކާތެރިކަން ދެމެހެއްޓުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރުގެ މައްޗަށާއި، އަދި ބޭރުގެ އެހީއާމެދު ދަޢުލަތްތަކުގެ ސިޔާސަތުތަކާ ގުޅޭގޮތުން ޕާލިމަންޓްތަކުން ކުރެވިދާނެ ދައުރުތަކާގުޅޭ ގޮތުންނެވެ.

1889 ވަނަ އަހަރު އުފެދުނު އިންޓަރ- ޕާލިމެންޓްރީ ޔޫނިއަން (އައި.ޕީޔޫ) ގައި 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ބައިވެރިވިފަހުން އައި.ޕީ.ޔޫގެ ޙަރަކާތްތަކުގައި އަންނަނީ މަޖިލިސް ބައިވެރިވަމުންނެވެ. އަދި ޚާއްޞަކޮށް، އަހަރަކު 2 ފަހަރު ބާއްވާ އެ ޖަމްޢިއްޔާގެ ކޮންމެ އަހަރީ ބައްދަލުވުމެއްގައިވެސް މަޖިލިސްދަނީ ބައިވެރިވަމުންނެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ތަރައްޤީގެ ކުރިއެރުން ހޯދުމުގައި ޕާލިމެންޓްތަކުގެ ދައުރާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ތަޖުރިބާއާއި ޒަމާނީ މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު އައި.ޕީ.ޔޫގެ މިފަދަބައްދަލުވުންތަކުގެ ސަބަބުން މެންބަރުންނަށް ލިބިގެންދެއެވެ.

 

No comments: