Sunday, 13 April 2008

ޑޯލްފިން ކެފޭއާއި ގަޑިބުރު ސަރަހައްދުގައި ލޭ އޮހޮރިވިކަމަށް ތުހުމަތުކުރޭ 4 މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހްމާން

މިދިޔަ ހޯމަދުވަހު މެންދުރުފަހު އަލިމަސްއުފާ ކާނިވަލުގައި މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލިކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ބުރާސްފަތިދުވަހު މެންދުރުފަހު ހިންގި އޮޕަރޭޝަނެއްގައި އެ 3 މީހުންވެސް ހައްޔަރުކޮށްފައިވަނީ ހ. ހަލަވެލިމާގެ ކޮޓަރިއެއްގެތެރޭގައި ތިއްބައެވެ. އެމީހުންނަކީ ޢުމުރުން 21 އަހަރުގެ ހުސައިން ނާޒިމާއި ހ. ލޮބީ ޢުމުރުން 18 އަހަރުގެ ހުސައިން އުމާމްއާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

މިމީހުން ފުލުހުން ބެލުމުގެދަށަށް ގެނެސް އެމީހުން ތިބި ކޮޓަރި ޗެކްކުރުކުރުމުން 4 ވަޅިއާއި 6 ސިމްކާޑުވެސް ފެނިފައިވެއެވެ.

މީގެއިތުރުން މިދިޔަ އަންގާރަދުވަހުގެ މެންދުރުފަހު މާފަންނު ގަޑިބުރު ސަރަޙައްދުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ބުރާސްފަތިދުވަހު މެންދުރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެމީހަކީ މ. ޓްރެންގިއުލިޓީ މުޙައްމަދު އަހުސަން ސުޖާއުއެވެ.

ގަޑިބުރު ސަރަހައްދުގައި ހުރި 19 އަހަރުގެ ޒުވާނަކަށް ބަޔަކު މީހުން ހަމަލާދިން ހާދިސާގައި އޭނާގެ ހަށިގަނޑުގެ 9 ތަނެއްގައި ވަޅިއަޅައި އަނގަ އިރާލާފައިވެއެވެ. އަދި ޑޯލްފިން ކެފޭގައި ޒަހަމްވި 3 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 5 ތަނެއްގައި ތޫނުއެއްޗަކުން ހަމަލާދީފައިވާއިރު ދެވަނަ މީހާގެ 5 ތަނެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބޯފަޅާލާފައިވެއެވެ.

ހުސައިން އައްޒާމް 22 އ، އަހްމަދު ނާސިފް 24އ، އަދި އަހުމަދު މުހައްމަދަށް ހޯމަދުވަހު ހަމަލާދިނީ ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭގައި ކޮފީބޯން ތިއްބައެވެ. އެމީހުން މިނިވަން ނިއުސްއަށް ކިޔާދިން ގޮތުގައި އެ 3 މީހުން ކޮފީ ބޯން ތިއްބާ ފަސްހަވަރަކަށް މީހުން އައިސް އެމީހުން ނިސްބަތްވަނީ ކޮން ގޭންގަކަށް ކަމަށް އެހުމުން އެއްވެސް ގޭންގެއްގައި ނޫޅެންކަމަށް ބުނަމުން ދަނިކޮށް ތަޅައިގަނެ ކަޓަރު އެޅީއެވެ. ނާސިފް ބުނީ އޭނާގެ ބުރަކަށީގައި ކަޓަރު އަޅާފައިވާއިރު، އޭނާގެ ރަހުމަތްތެރިއާގެ ބަނޑު ކަފާލާފައިވެއެވެ. އަދި އައްޒާމު ބުނީ އޭނާ ގައިގައި ބޮޑު ދަނޑިބުރިއަކުން އަޅުވާލުމާ ވިދިގެން އޭނާ ހޭނެތުނު ކަމުގައެވެ. އައްޒާމާއި ނާސިފް ބުނާގޮތން އެމީހުންނަށް މިހަމަލާ އެރީ ކޮން ސަބަބަކާހުރެ ކަމެއް އެނގިފައި ނުވާކަމަށެވެ. 

No comments: