Sunday, 13 April 2008

އިންތިޤާލީ ބާބާހެދި އޭޑީކޭ ނާޝިދަށް މަރުގެ އިންޒާރުތައް ދޭންފަށައިފި

 

ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަށް އިންތިޤާލީ ބާބާހެދި ފޯނުގެ ޒަރިއްޔާއިންނާއި އަމަލުން މަރުގެ އިންޒާރުތައް ދޭން ފަށައިފިއެވެ. މިގޮތުން އާއިލާއަށާއި އޭނާ ހިންގާ ހޮސްޕިޓަލަށް 2 ފަހަރެއްގެ މަތިން ހަމަލާދީފައިވާކަމަށް އޭނާ ވިދާޅުވެއެވެ.  

ނާޝިދު މިނިވަން ނިއުސްއަށް ހުސްވި ހަފްތާ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާއަށް އިންޒާރުގެ 4 ފޯނުކޯލާއި 3 މެސެޖް އައިސްފައިވާ ކަމަށާއި އޭނާ ގަބޫލު ކުރައްވާގޮތުގައި އިންޒާރުތައް އަންނަމުންދަނީ ނާޝިދުގެ ސިޔާސީ ދައުރުގެ ސަބަބުންނެވެ.

އަންގާރަ ދުވަހުގެރޭ ދަންވަރު މޫނު ނިވާކޮށްގެން ތިބި ތިން މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ހުރި އިންޑިޔާގެ ސެކިއުރިޓީ ގާޑަކަށް ހަމަލާދީ އެހޮސްޕިޓަލުގެ ވޭނަކަށް ގެއްލުން ދިނުމަށްފަހު ފިލަން މަސައްކަތްކުރަނިކޮށް އެސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ސިފައިންނަށް ފެނިގެން އެތަނުން އެކަކު ވަނީ ހައްޔަރުކޮށްފައިކަމަށް އެމްއެންޑީއެފުން އަންގާރަ ދުވަހު ބޭއްވި ނޫސްކޮންފަރެންގައި ވާހަކަ ދައްކަވަމުން މޭޖަރ އިބްރާހީމް އަފްޟަލް ވިދާޅުވިއެވެ.

މި އޮޕްރޭޝަންގައި 13 އިންޗި ދިގުމިން ހުރި ވަޅިއެއް ހިފައިގެން މޫނު ނިވާކޮށްގެން ހުރި ތ.ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމު 26، ހ.ދަނބުމާގެއަށް ފިލަން ވަންނަނިކޮށް ކަމަށާއި މިމީހާއަކީ މިހާރު ހ.ލަކީ ގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށް މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ އޭޑީކޭއަށް ހަމަލާ ދިނުމުން ގެއްލުންވާނީ އެތައް ބަޔަކަށް ކަމަށެވެ.

"ރޭ ފަތިހު 4 ޖެހިއިރު އަޅުގަނޑަށް ގުޅާފައިބުނީ، އެތާހުރި ސެކިއުރިޓީމީހާގެ މޫނުގައި ކަޓަރު އަޅާފައި އޭނަގެ މޫނުން ދުއްވާލާފައި ދަމުން ގާބުރިއެއް އެއްލައި ދެންއޮތް ވޭންވެސް ތަޅާލާފައޭ ދިޔައީ. 2 ވަނަ ޙަމަލާ ރޭގެ ފަތިހު އައީ. އެހެންވީމަ، އަޅުގަނޑުމެން މީގެ މައްސަލައަކީ، ކޮންމެހެން އޭ.ޑީ.ކޭ ހޮސްޕިޓަލު ބަންދުކުރަން ޖެހިއްޖިއްޔާމު އަޅުގަނޑުމެން އެތަނަށް ޙަމަލާތައް ގިނަވެއްޖިއްޔާމު ދެން އެކަމުން ދަތިވާނީ ނާޝިދަކަށެއްނޫން އަދި އެހެންމީނުންނަށް." ނާޝިދު ވިދާޅުވިއެވެ.  

ނާޝިދު ވިދާޅުވީ މިކަމުގެ ސަބަބުން އަންނާނެ އިޖުތިމާޢީ ވަރަށް ބޮޑެތި މައްސަލަތައް ހުންނާނެ ކަމަށާއި އަދި ދުނިޔޭގެ ލެވެލްގައި އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ވަރަށްބޮޑެތި މައްސަލަތައްވެސް އަންނާނެކަމަށެވެ.

"އެތަނަކީ ވަރަށްގިނަ ބޭރު ފަތުވެރިންނާއި މީހުން އަންނަތަނެއް. އަދި، އެތަނުގައި ތިބި ބޭރު ޑޮކްޓަރުންވެސް އިސްތިޢުފާދީފައި ދާންޖެހޭ ހިސާބަށް ގޮސްދާނެ. މިކަމުން އަޅުގަނޑުމެންގެ މިކަމުގެ ކޮންސިކުއެންސަސް ވަރަށް މަތީގައި މިހާރު އެއުޅެނީ. އެހެންވީމަ، އަޅުގަނޑު ވަރަށް މިބާވަތުގެ، ކޮންމެހެން އޭ.ޑީ.ކޭ ހޮސްޕިޓަލް އެކަންޏެއްނޫން. ދެންހުރި ކަންތައްތަކަށްވެސް އަޅުގަނޑުމެން އެބަޖެހޭ ކަންތައްތަކެއްކުރަން." ނާޝިދު ވިދާޅުވިއެވެ.

 

 

No comments: