އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންގެ މެދުގައި ބަހުސްކުރުމަށް ދިއެފްއެމްއިން އިންތިޒާމްކޮށްގެން ބުދަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި އިވެންޓަކީ ރާއްޖޭގެ ތާރީޚުގައި ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބޭއްވޭ އެންމެ ފުރަތަމަ ޑިބޭޓެއް ކަމުގައި އެފަރާތުން ބުނިނަމަވެސް، ބެލުންތެރިން އުންމީދުކޮށްގެން ތިބިގޮތާ ޚިލާފަށް އެ އިވެންޓް ނިމިގެން ދިޔައީ އެއްވެސް ހޫނުކަމެއް ނެތް ކެންޑިޑޭޓުންގެ މެދުގައި ބޭއްވުނު ސުވާލާއި ޖަވާބުގެ ސެޝަންއެއްގެ ގޮތުގައެވެ. ކެންޑިޑޭޓުންގެ މެދުގައި ބޭއްވޭ ޑިބޭޓަކީ މަގާމަށް ކުރިމަތިލާ މީހުންގެ ތެރޭގައި ހުރި އަމިއްލަ ގާބިލުކަމާއި މަގާމާ އެކަށޭނަ މިންވަރު ވަޒަންކުރުމަށް ވޯޓުލާ މީހުންނަށް ހުޅުވާލެވޭ ފުރުސަތެއް ކަމުގައިވިޔަސް ރޭގެ އިވެންޓް ނިމިގެން ދިޔައީ ކެންޑިޑޭޓުން ދޭ ޖަވާބުފިޔަވައި އެމީހުންގެ ކިބައިގައިވާ ސިފަތައް ދެނެގަންނާނެ ފުރުސަތު ހިފެހެއްޓިފައި އޮތް ޖުމްލަކޮށް ރައީސް މައުމޫނަށާއި އޭނާގެ ޕާޓީ ޑީއާރޕީއަށް ކުރިމަތިކުރި ވަރުގަދަ ގޮންޖެހުންތަކަކުންނެވެ.
އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި މިމަހު 25 ވާ ހުކުރުދުވަހު އެޕާޓިން ބާއްވާ ތަމްހީދީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 20958 މެމްބަރުންގެ އެބަތިއްބެވެ. އަދި މިއިންތިޚާބުގައި ޖުމްލަ 117 ވޯޓުފޮށި ބެހެއްޓޭނެ ކަމަށާއި، އޭގެ ތެރޭގައި 6 ރިޒޯޓާއި، 3 ސިނާއީ ރަށާއި، އާބާދުވެފައިވާ 80 ރަށާއި މާލެ ހިމެނޭ ކަމަށް އެމްޑީޕީގެ އިންތިހާބު ކޮމެޓީން މައުލޫމާތު ދެއްވައެވެ. އަދި ސ. ހިތަދޫގައި 2 ފޮށިހުންނައިރު މާލޭގައި 27 ފޮށި ބެހެއްޓޭނެއެވެ. މޭލެގެ ފޮށިތަކުގެ ތެރެއިން ވިލިނގިއްޔާއި ހުޅުމާލޭގެ ފޮށިތައްނޫން އެހެން ހުރިހާ ފޮއްޓެއް ބަހައްޓާފައި ހުންނާނީ ކަލާފާނު ސްކޫލްގައެވެ. މާލޭގައި ހުންނަ 27 ފޮށީގެތެރެއިން 20 ފޮއްޓަކީ މާލޭގައި ދިރިއުޅޭ 20 އަތޮޅު / ދާއިރާގެ މެމްބަރުން ވޯޓުލާން މާލޭގައި ބަހައްޓާ ފޮއްށިކަމަށާއި، 4 އަވަށުގެ މެމްބަރުންނަށް ކޮންމެ އަވަށަކަށް އެއްފޮއްޓާއި، މާލޭދަފްތަރުގައި ހިމެނޭ މެމްބަރުންނަށް އެއްފޮށި ބަހައްޓާފައި ހުންނާނެކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއްވައެވެ.
މައުމޫނަށާއި ޑީއާރޕީއަށް އެތައް ގާގަޑެއް ފޮނުވާލެވުނު
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރޭގެ އިވެންޓު މައުމޫނު އަބްދުލްގައްޔޫމު ބޭނުންކުރައްވާނީ އޭނާގެ ހަތުރުން ދެނެގަތުމަށެވެ. ނަމަވެސް އެއީ ހަގީގަތެއްނަމަ ރޭގެ އިވެންޓުގެ ސަބަބުން ޚުދު އޭނާގެ ޕާޓީކަމުގައިވާ ޑީއާރޕީގެ މެމްބަރުންގެ ތެރޭގައި އޭނާއާމެދު އުފެދޭ ދެބަސްވުމާ ހިތްހަމަނުޖެހުން ބޮޑުވެ އާންމުގެ ތެރޭގައި މައުމޫނުގެ ނުކެރުމާއި ފިޑިކަމާއި ނޭއްގާނީކަން ހާމަވެގެންދާނެއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުންގެ ސަޕޯޓަރުންގެ ތެރެއިން އިވެމުންދާ އަޑުތަކަށް ރިޔާއަތްކޮށް ޑީއާރުޕީން ރޭގެ އިވެންޓުގައި އެމްޑީޕީގެ އިސްސަފުގެ ކޯޅުންތައް އާންމުވެގެންދާނެ ކަމަށް އުންމީދުކޮށްގެން ތިބިނަމަ އެ އިވެންޓަކީ އެމީހުންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ގެނުވި އެއްޗެކެވެ. ސަބަބަކީ ތިން ކެންޑިޑޭޓުންވެސް ވާހަކަތައްވެސް އެމްޑީޕީގެ މެނިފެސްޓޯގެ ތެރޭގައި ހިފަހައްޓާފައިވާތީއާއި އެކަކު އަނެކަކެއްގެ ވާހަކައަށް އިހްތިރާމުކުރުމުގައި ހައްދުފަހަނަޅާ ދިޔުމުގެ ސަބަބުން އެއްވެސް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވާފައިނުވާތީއެވެ.
ޑިމޮކްރެސީއެއްގެ އެތެރޭގެ އޮޕަރޭޝަންތަކާއި ރާއްޖެއަށް އަންނަމުންދާ އިސްލާހީ ބަދަލުތަކުގެ ކުރިމަތީގައި ރޭގެ އިވެންޓުގައި ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި) ވަރަށް ވަރުގަދަ ގޮން ޖެހުމެއް މައުމޫނު އަބްދުލްގައްޔޫމަށާއި ޑީއާރޕީގެ މެމްބަރުންނަށް ކުރިމަތި ކުރެއްވިއެވެ.
"އަޅުގަޑު ވަރަށް އިޚްލާސްތެރިކަމާއެކު ޑީއާރޕީ މެމްބަރުންގެ ކިބައިން އެދެނީ އެބޭފުޅުން އެވަނީ ރިޔާސީ ނިޒާމަކަށް ވަކާލާތުކޮށް ރިޔާސީ ނިޒާމެއް މިރާއްޖެއަށް ގެންނަވާފައޭ. އެ ނިޒާމުގައި ހިމެނޭ އެންމެ ބޮޑު އެއް ރުކުނޭ އެއީ ޕްރައިމަރީއަކީ. އެ ބޭފުޅުންގެ ޕާޓީގެ ތެރެއިން އަޅުގަޑުމެންނާ ވާދަކުރަން ނުކުންނަވާ ކެންޑިޑޭޓް ނުކުންނަވަން ޖެހޭނީ އެ ބޭފުޅުންގެ ޕްރައިމަރީއަށް ފަހުގައޭ." ގ ކެނެރީގޭ މުހަންމަދު ނަޝީދު އެންމެފަހު ބަސްތަކުގައި ވިދާޅުވިއެވެ. "އަޅުގަޑު މައްޗަންގޮޅީ ކިބިގަސްދޮށުގޭ މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުން މި އެދެނީ އެ ބޭފުޅާގެ ޕާޓީގެ ޒައާމަތުން އެ ބޭފުޅާ އިސްތިއުފާ ދެއްވާ އެ ބޭފުޅާގެ ޕާޓީ ފުރިހަމަ ޑިމޮކްރެޓިކް ޕާޓީއަކަށް ހުޅުވާލައްވައި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް. އަޅުގަޑުމެންނަށް އަޅުގަޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެއަށް މިއަދު ދެވޭނީ ގިނަ ޕާޓީއެކުލެވޭ ރިޔާސީ ނިޒާމެއް ލިބޭނީ އެމްޑީޕީ އެކަނި ޑިމޮކްރެޓިކް ވެގެނެއް ނޫން. ޑީއާރޕީގެވެސް އެހެން ޕާޓީތައްވެސް މި ދަންނަވާ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ. އެ އިންތިޒާމްތައް އެބޭފުޅުންނަށް ލިބެންޖެހޭނެ."
އެމްޑީޕީގެ ތިން ކެންޑިޑޭޓުންނާއެކު ރޭ ފެނިގެންދިޔަ ހަރަކާތަކީ އިސްލާހީ ބަދަލުތަކެއް އަންނަ މިފަދަ ދުވަސްވަރެއްގައި އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން އެމީހަކަށް ލިބިފައިވާ ހުނަރާއި ގާބިލުކަން އާންމުންގެ ލޯމައްޗަށް ނުކުމެ ދައްކާލަން ބޭނުންވާނެ އެތައް މެމްބަރުންނެއް ޑީއާރޕީގައިވެސް ތިބޭނެކަމަށް ބެލެވޭ ހިނދު ރޭގެ އިވެންޓަކީ ވެގެންދާނީ ޑީއާރޕީގެ އެފަދަ މެމްބަރުންނަށް ކޮންމެސްވަރެއްގެ އުދާސްކަމާއި މާޔޫސްކަން ގެނުވާނެ މަންޒަރަކަށެވެ. ޚާއްސަކޮށް ޑީއާރޕީއަކީ ހަމައެކަނި މައުމޫނަށްޓަކައި އުފެދިފައިވާ ޕާޓީއެއް ނޫން ކަމުގައި ގަބޫލުކުރާ އެޕާޓީގެ ބައެއް މެމްބަރުންނަށް މުހަންމަދު ނަޝީދުގެ ވާހަކަ ވެގެންދާނީ އެކަން ދައްކާލުމަށް ބޭނުންވާ އަދި ފުރިހަމައަށް އެއްބަސްވެވޭ ވާހަކަތަކަކަށެވެ.
ރޭގެ އިވެންޓުގައި މޫސާ މަނިކުގެ ވާހަކައަކީވެސް އެމޭރުމުން ޑީއާރޕީގެ މެމްބަރުންނަށާއި އާންމުންނަށް އިސްލާހީ މަސައްކަތުގައި މިއަދު އާދެވިފައިވާ ފިޔަވަޅާމެދު ޔަގީންކަން ލިބިދޭނެ ވާހަކަތަކަކަށެވެ.
"އަޅުގަނޑުމެން ތިން މީހުން މިއަދު ނުކުމެ ތިބޭފުޅުން އަދި ޚާއްސަކޮށް ދައުލަތުގެ ޓީވީ ކެމެރާތަކުގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ރައްޔިތުން ހުރިހާ ހިސާބެއްގައި ބަލަން ތިއްބާ އަޅުގަޑުމެން ފަޚުރުވެރިކަމާއެކީގައި މިބުނަނީ އަޅުގަޑުމެން މަގުމައްޗަށް ނުކުތުން އަޅުގަޑުމެން އެކިކަންކަމަށް މުޒާހަރާކުރުން މަޖިލީހުގައި ދެއްކިވާހަކަތަކަށް ދިވެހިސަރުކާރުން އަޅުގަޑުމެންނާ ދޭތެރޭ ދެއްކި ވާހަކައިގެ އިދިކޮޅަށް އަޅުގަޑުމެން މިތިބީ ދިވެހިރާއްޖޭގެ ޓީވީއަށް އަރައި ވެރިކަން ކުރާނަމޭ ބުނާށޭ. މިއީ ހިތްވަރެކޭ އަޅުގަޑުމެން ކުރި. މިއީ މަސައްކަތެކޭ އަޅުގަޑުމެން ކުރި." ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
އިސްލާހީ ބަދަލުތަކެއްގެ ކުންނުގައި ރާއްޖޭގެ އިގްތިސާދާއި އާންމު ހާލަތަށް ބެލުމެއްނެތި މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން އިންޒިމާމުކޮށްފައި އޮންނަގޮތަށް އިޝާރާތްކޮށް ޑރ މުނައްވަރު ފާޑު ވިދާޅުވިއެވެ.
"އަޅުގަޑު ޝިޔާރެއްގެ ގޮތުގައި ޚާދިމްކުމް ހޮވާފައިވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ވެރިކަންކުރުމުގެ ކަންތައް ބައްޓަން ކުރެވިފައި ގޮތް ބަދަލުކުރުމަށްޓަކައި. އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިކަމުގެ މަގާމުގައި ތިއްބަވާފައިވާ ބޭފުޅުން އަމަލުކުރައްވާފައިވަނީ އެއީ ސާހިބުންކަމުގައި އަދި ރައްޔިތުންނަކީ ޚާދިމުންކަމުގައި ދެކޭގޮތަށް ބަދަލުކޮށް. އެހެންވީމާ އަޅުގަޑުމެންގެ މަގްސަދަކީ ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް ތިބޭ ބަޔަކު ނުވަތަ ވެރިކަމުގެ މަގާމުތަކުގައި ތިބޭ ބަޔަކު އެއީ ރައްޔިތުންގެ ޚާދިމުންކަމުގައި ދެކިގެން، އަދި ރައްޔިތުންނަކީ ބާރުވެރިފަރާތްކަމުގައި ދެކިގެން... ޚިދުމަތްކުރަނީ ރައްޔިތުން ނޫންކަމާއި ޚިދުމަތްކުރަނީ ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންނަށް ކަމާ ޚާދިމުންނަކީ ހަގީގަތުގައިވެސް ވެރިކަމުގައި ތިއްބަވާ ބޭފުޅުންކަން ޔަގީންކޮށްދޭން" ޑރ މުނައްވަރު ވިދާޅުވިއެވެ. "މިހާރު ދިވެހިސަރުކާރު ހިންގުމާ އެގިވަޑައިގަންނަވާނެ...ވުޒާރާތައް ހިންގުމާ ހަވާލުވެ ތިއްބެވި ވަޒީރުންނަށްވުރެ ގިނައިން ވުޒާރާއެއް ނެތި މަސައްކަތެއް ނެތިފަ ތިބި ވަޒީރުން. ...ދިވެހިރާއްޖެފަދަ ގައުމެއް ހިންގުމަށް ބޭނުންވަނީ ގާތްގަޑަކަށް ދިހަވަރަކަށް ބާރަވަރަކަށް ވުޒާރާ. އެތަންތަނުން ބޭނުންވާ ޚިދުމަތްތައް ދިނުމަށް ބޭނުންވާ މަގާމުތައް އުފެއްދުމަށްފަހު ދެން މީހުން ހަމަޖައްސަންޖެހެނީ މަގާމުތަކަށް. މީހުންނަށް މަގާމުތައް ހަމަޖައްސާ އުސޫލެއް ނޯންނާނެ އެމްޑީޕީގެ ވެރިކަމެއްގައި." ޑރ މުހަންމަދު މުނައްވަރު ވިދާޅުވިއެވެ.
ތިން ކެންޑިޑޭޓުން ދެއްކެވި ވާހަކައާއި ފެނިގެންދިޔަ ގޮތް
ރޭގެ އިވެންޓް ނިމިގެން ދިޔައީ އާންމުކޮށް އެމްޑީޕީގެ ޖަލްސާތަކާއި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާތަކުން ފެނިގެންދާ ޖޯޝާއި ފޯރިއެއްނެތި ކެންޑިޑޭޓުންގެ ފަރާތުން ބެލުންތެރިން ދެކިލަން ބޭނުންވި ކަންކަމަށް މާ ބޮޑު ފުރުސަތެއް ނުލިބިއެވެ. އެހެންކަމުގައިވިޔަސް މޮޑަރޭޓަރުން ކުރެއްވި ސުވާލުތަކަށް ކެންޑިޑޭޓުން ދެއްވި ޖަވާބުތަކުގައި ކެންޑިޑޭޓުންގެ މެދުގައިވާ ތަފާތުތައް ކޮންމެސްވަރަކަށް ހާމަވެގެން ދިޔައެވެ.
ޑރ މުހަންމަދު މުނައްވަރު ޖަވާބު ދެމުން ގެންދެވީ އާދައިގެ މަތިންވެސް އޭނާ ވާހަކަދައްކަމުން ގެންދަވާ މަޑު އަދި އަވަސް މިނުގައި އެމްޑީޕީގެ މެނިފެސްޓޯގެ ތެރޭގައެވެ. އަދި އޭނާގެ ފަރާތުން ރައްޔިތުން އުއްމީދުކުރާނެ އެއްޗެއްގެ އެއްވެސް ތަފްސީލެއް ނުދެއްވާ ވަރަށް ފުޅާ ދާއިރާއެއްގައި ހިފަހައްޓަވައިގެން ވަކިފަރާތަކަށް ނުޖެހޭފަދަ ގޮތަކަށެވެ. ރައްޔިތުންނަށް ދެއްވާނެ އެއްޗެއްގެ ވާހަކަ ތަފްސީލުކޮށް ވިދާޅުވެފައި ނުވާތީ އޭނާގެ ޖަވާބުތައް ހުރީ ގިނަ ސިޔާސީ މީހުން ވާހަކަ ދައްކަވާ ބީދައިންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އޭނާގެ "އެއްވެސް ކާޑެއް ނުދައްކަވާ" ވާހަކަދައްކަވަމުން ގެންދެވިއިރު އޭނާ ފެނިގެން ދިޔައީ އޭނާއާމެދު ގިނަބަޔަކު ދެކޭގޮތަށް ކުރިއަށް ކަންކުރާނެގޮތުގެ ހަގީގަތް ނޭގޭ މީހެއް ގޮތުގައެވެ. އެކަކު ކުރުކޮށްލާފައި ބުނިގޮތުގައި، މުނައްވަރަކީ ކާކުކަމެއް ނޭގުނެވެ.
ރީކޯ މޫސާމަނިކު ޖަވާބު ދެއްވަމުން ގެންދެވީ އާދައިގެ މަތިން މުޅި މާހައުލަށް ހުނުމުގެ އަޑު އިއްވާ ހޯލްތެރޭގެ މުޅި މާހައުލަށް ވެރިވެފައިއޮތް ޓެންޝަން ރިލެކްސް ކޮށްދެމުން އަވަސް ބަސްތަކަކުންނަމަވެސް އަޑުއަހާލަން ފަސޭހަ އިބާރާތްތަކަކުންނެވެ. ކްލެސިކް ރީކޯއެވެ. އަދި މޮޑަރޭޓަރ ހުށަހެޅި ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކަށް ބަލާލާއިރު ރީކޯ މޫސަ ފެނިގެން ދިޔައީ އެކިއެކި ބައްދަލުވުންތަކުގައި ތަކުރާރުކޮށް އޭނާ ދައްކަމުން ގެންދާ ޕާޓީއަށް ވަފާތެރި އިޚްލާސްތެރިއެއްކަމުގައި ސާބިތުކޮށްދެއްވަމުން އިސްލާހީ ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިކުމެގެން އައި އޮއެވަރެއްކަމަށާއި އެކަމުގެ އެންމެ ކުރީގައި އޭނާ ހުންނެވިކަން ދޭހަކުރުމަށް މަސައްކަތްކުރާ ބަސްމަގަކުންނެވެ. ވެރިއަކަށް ހުރި މީހަކަށް ކޮންމެހެން ހުރިހާކަމެއް އެގެން ނުޖެހޭނެކަމަށް ވިދާޅުވެ އޭނާގެ ވެރިކަމެއްގައި އެކި ދާއިރާތައް ހިންގުމަށް އެންމެ ގާބިލު މީހާ ހަމަޖައްސާނެކަމަށް ރީކޯ މޫސަ އެހެން ފޯރަމެއްގައި ވިދާޅުވެފައިވާއިރު އޭނާގެ ޖަވާބުތައް ހުރީ އޭނާގެ ވެރިކަމުގައި ކަންތައްތައް ހަމަޖެހިފައި އޮންނާނެގޮތުގެ އަމާޒު، ލާމެހިފައިވާ ސިފައެއްގައި އޮތްކަން ހާމަނުވާގޮތަކަށް އެޑްހޮކް ސިފައެއްގައެވެ. އަދި ބައެއް ސުވާލުތަކަށް ޚާއްސަކޮށް ކުދި ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވުމާ ގުޅޭގޮތުން ރީކޯ މޫސަ ދެއްވި ޖަވާބުގައި ވެރިކަމުގެ މަގާމާމެދު އޭނާ ގެންގުޅޭ ސީރިއަސް މިނަށް ބެލުންތެރިން ސުވާލުއުފެދޭ ގޮތްވިއެވެ. ނަމަވެސް ވާހަކަދެއްކުންތެރިކަމާއި ހެއްވާ ބަސްތަކަށް ލެބިގެންދާ ގިނަ ދިވެހީންނަށް ހޮލީވުޑް ސްޓާރުން ފަރާތުން އާންމުކޮށް ފެންނަފަދަ ހިނިތުންވުމާއެކީ ރީކޯ މޫސަ ރޭގައި ފެނިގެންދިޔައީ ވެރިކަމަށް އިސްކުރުމުގެ ގާބިލުކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭ މީހެއް ކަމުގައިވިޔަސް ވަރަށް މަގުބޫލު، މަޖާ މިޒާޖެއްގެ އިޚްލާސްތެރި މީހެއް ގޮތުގައެވެ.
ރޭގެ ޖަލްސާގައި ގ ކެނެރީގޭ މުހަންމަދު ނަޝީދު ފެނިގެން ދިޔައީ އެފަދަ ޑިބޭޓެއްގައި ގިނަ މީހުން އުންމީދު ކުރިގޮތާ ޚިލާފު ގޮތެއްގައެވެ. އޭނާގެ ޖަވާބުތައް، މިވޭތުވެދިޔަ މަހެއްހާ ދުވަސްތެރޭގައި އޭނާ ކުރަމުންދިޔަ ކެންޕޭނުގައި ފަސްދޮޅަސް އެތައް ރަށަކަށް ވަޑައިގެން ދެއްވި ތަގްރީރުތަކުގައި އޭނާ ދެއްކި ވާހަކަތަކާ ގުޅި ލާމެހިފައިވާއިރު އޭނާގެ ރާގުވެސް ކޮންމެސް ވަރަކަށް ހުރީ ލަސްކޮށްކަމުގައި ބައެއްމީހުން ފާހަގަކުރިއެވެ. ނަމަވެސް އޭނާގެ ޖަވާބުތަކުން އޭނާގެ ދުރުވިސްނުމާ ދިވެހިރާއްޖެއާ މެދު އޭނާ ތަސައްވަރެއް ގެންގުޅުއްވާކަމާއި އެ ތަސައްވަރު ވަރަށް ސާފުކޮށް ދައްކަވައި ދެއްވިއެވެ. އަދި އަންނިއާ މެދު ގިނަބައެއްގެ ހިތްތަކުގައި ކުރިން އުފެދިފައިވާ "އެކްޓިވިސްޓް އިމެޖް" ގެ ބަދަލުގައި އޭނާ ރޭގައި ފެނިގެން ދިޔައީ ވަރަށް ފުރިހަމަ ސިޔާސީ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. އާންމުކޮށް ސިޔާސީ ބޭފުޅުންގެ ވާހަކަތައް ފުޅާ މިނެއްގައި ހިފަހައްޓާއިރު މުހަންމަދު ނަޝީދު ގެންދިޔައީ އޭނާ ވަރަށް ތަފްސީލުކޮށް ރައްޔިތުންނަށް ކޮށްދެއްވާނެ ދެތިން ކަމެއްގެ ވާހަކަ އިތުބާރާއެކު ތަކުރާރުކުރައްވަމުންނެވެ. ޑރ މުނައްވަރާ ޚިލާފަށް މުހަންމަދު ނަޝީދު ސާބިތުކަމާއިއެކު ހުށަހެޅުއްވީ ވެރިކަމަށް އިތުބާރު ގެއްލިފައިވާ މިފަދަ ދަޑިވަޅެއްގައި ރައްޔިތުންނަށް ހަޖަމުކުރެވޭ އަދި ބަލައިގަތުމަށް ފަސޭހަ އަދި ނިހާޔަތަށް ބޭނުންވާ ކަންތައްތަކެކެވެ. އަދި މުހަންމަދު ނަޝީދުގެ ޖަވާބުތަކަކީ ގިނަ މެމްބަރުންތަކެއް ވަރަށް ފުރިހަމައަށް ބަލައިގަންނާނެ ކަންތައްތަކެއް ކަމުގައި ބައެއް އޮބްޒާވަރުން ދެކެއެވެ.
މޮޑަރޭޓަރުންގެ ވާންކަމާއި އެޖެންޑާ އޮބެހެއްޓުން
ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި ދިއެފްއެމްއިން ރޭގައި އިންތިޒާމުކުރި އިވެންޓަކީ ކެންޑިޑޭޓުންގެ ތެރޭގައި އޮތް ބަހުސެއްގެ ބަދަލުގައި އެއިވެންޓް އިންތިޒާމްކުރި ދިއެފްއެމްއިން ކެންޑިޑޭޓުންނާ ސުވާލުކުރުމަށް ހިންގި ހަރަކާތެކެވެ. އެ އިވެންޓް ބަހުސަކަށް ވެގެން ނުދިޔުމުގެ އެންމެ ބޮޑު އަސްލަކީ ހޯލްތެރޭގައި ކަންކަން ކޮންޓްރޯލުން ނެއްޓިގެން ހިގައިދާނެކަމަށް ދިއެފްއެމް ގަނެފައިވާ ބިރާއި އެކަމަށް މޮޑަރޭޓަރުންގެ ތަޖްރިބާ ނެތުމާއި ނުފަރިތަކަމުން އެ އިވެންޓް މެނޭޖްކުރުމުގެ އިތުބާރު ނެތުމެވެ. އެތަކެއް އަހަރުގެ ޓީވީއެމް ފޯމެޓުން ނެއްޓުމަކީ މި ދެމޮޑަރޭޓަރުންނަށް އުނދަގޫކަމެއްކަން ފެނިގެންދިޔައެވެ.
މީގެ މަސްތަކެއްކުރިން ޓީވީމޯލްޑިވްސް އިން ފޮނުވަމުންދިޔަ ހޭޔަންބޯ ޝޯ ދިގު މުއްދަތަކަށް ހޯސްޓްކޮށްދެއްވި އިބްރާހީމް ޚަލީލާއި މަސްއޫދުއަލީ އެ އިވެންޓު މޮޑަރޭޓްކުރައްވަމުން ގެންދެވީ ހޭޔަންބޯގެ ކޮންމެވެސް އެޕިސޯޑެއްގައި ފެނިގެންދާފަދަ އިންޓަވިއުއަކާ ދާދި އެއްގޮތަކަށެވެ. ހޭޔަންބޯ ޝޯއަކާ ޚިލާފަށް ރިޔާސީ ތިންކެންޑިޑޭޓުންގެ ތެރޭގައި ފިނިހޫނުމިން ބަދަލުވުމަށް ޖާގަ ނުދިނުމުގެ ސަބަބުން މުޅި އިވެންޓާމެދު ބެލުންތެރިން ކުރަމުންދިޔަ އުއްމީދުތައް ދިޔައީ ފަނުފުލުންނެވެ. މީގެ އެއްނަތީޖާއަކީ، މި ޕްރައިމަރީގައި ވާދަކުރަމުންދާ ކެންޑިޑޭޓުންނަށް ފުރުސަތުތަކެއް ހަނިވެ، އެމީހުންގެ ކުޅަދާނަކަން ނުވަތަ ކެރޭކަމާއި ގާބިލްކަން އާންމުންނަށް ހުށަހަޅާނުލެވުމެވެ.
ރިޔާސީ ޑިބޭޓެއްގައި އާންމުކޮށް ކެންޑިޑޭޓުންނާ އެއްސުވާލެއް ކޮށް އެކަކު ބުނާ އެއްޗަކަށް އަނެކެއްގެ ރައްދު ހޯދާއިރު ރޭގައި ކެންޑިޑޭޓުންނާ މޮޑަރޭޓަރުން ކުރި ސުވާލުތަކަކީ އެކިއެކި ބޭފުޅުންނާމެދު ލޭބަލް ކުރެވިފައިވާ ސިފަތަކަށް ބާރުއަޅާ ވަކިވަކި ސުވާލުތަކެކެވެ. އަދި ޖެހިގެން އަންނަ ސުވާލުތަކާ އެއްވެސް ގުޅުމެއް ނެތި ކުރަމުންދިޔަ ސުވާލުތަކުން ކެންޑިޑޭޓުންގެ ކިބައިގައިވާ ޝަޚުސީސިފަތަކާއި ޑިބޭޓެއްގައި ކެންޑިޑޭޓުންނާ ކުރާ ސުވާލުތަކާ ފާޑުކިޔުންތައް ޕަބްލިކް ފޯރަމްއެއްގައި އެބޭފުޅުން ހަޖަމުކުރާނެގޮތް ފެންނަންޖެހޭ ހިދު އެކަމަށް ފުރުސަތެއް ދެވިފައިނުވާކަން ފާހަގަކުރެވެއެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ދިއެފްއެމްގެ މި އިސްނެގުމަކީ ވިޔަފާރީގެ ފައިދާ ބެލެންސްކޮށް އެ ސްޓޭޝަން މަޝްހޫރުކުރުމުގެ ތަމްރީނެކެވެ. ރޭގެ އިވެންޓް ހިގާދިޔަގޮތް ބެލުމަށް ހޯލްތެރެއަށް ވަދެ ތިބީ 200 ރުފިޔާއަށް ޓިކެޓެއް ގަނެގެން ވަދެ ތިބި މީހުންނާއި ދައުވަތު ދެވިފައިވާ މީހުންނެވެ. ދައުވަތު ދެވިފައިވާ މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ.
ދިއެފްއެމްއިން ރޭ އިންތިޒާމްކުރި އިވެންޓު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުގައި ރޭގައި އެންމެ ފާހަގަކޮށްލެވެނީ މީޑިޔާ ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. ނޫސްތަކުގައި މަސައްކަތްކުރާ މީހުންނަށް ހޯލްތެރޭގައި ފޮޓޯ ނެގުން މަނާކޮށްފައިވާއިރު ކެމެރާފަދަ ތަކެތި ވެއްދުންވެސް އެފަރާތްތަކަށް މަނާކޮށްފައިވެއެވެ. އަދި އެފަދަ އިވެންޓެއް މީޑިޔާއިން ރިޕޯޓްކުރާއިރު ބަލަންޖެހޭ ކަންކަން ބަލާ ހޯލްތެރޭގެ މޫޑް ފަދަ ކަންކަން ބެލޭނެގޮތް ނޫސްވެރިންނަށް އިންތިޒާމްކުރެވިފައި އޮންނަން ޖެހޭއިރު އެމީހުން އިށީންދެ ތިބޭނެ ވަކިތަނެއްނެތް ހާލުގައި ބެލުންތެރިންގެ ތެރޭގައި ތިބެންޖެހުނީ ގޮޑިއެއްގައި އެމީހުން ބައިތިއްބާފައި ތިބީ ގޮޑިއެއްގައި ގުޑާނުލާ އިނުމަށެވެ.
ރޭގެ އިވެންޓުގެ ބެލުންތެރިންނާ ސުވާލުކޮށްލުމުން ދޭހަވިގޮތުގައި މި އިވެންޓުގެ ސަބަބުން އެމީހުން ކެންޑިޑޭޓުންނާ ދޭތެރޭ ނިންމާފައިވާ ގޮތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެފަރާތްތަކުން ވޯޓުދެއްވާނެ މީހުންވަނީ މާކުރިއްސުރެ ކަޑައަޅާ ނިންމާފައެވެ.
ބައެއް އޮބްޒާވަރުން ހާމަކުރާގޮތުގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މެނޭޖްކުރުމުގެ ބޭނުމުގައި މައުމޫނަށް ތާއިދުކުރާ ފަރާތްތަކުން މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް މަސްތަކުގައި ބޭއްވުމަކީ އެކަށީގެންވާ ކަމެކެވެ. އިންތިގާލީ ބާބު ރައްޔިތުންގެ މަޖިލީހުގައި ފާސްކުރަމުންދިޔަ އިރު މާލޭގެ މަގުމައްޗަށް ފުލުހުންނާއި ސިފައިން ނެރިގެން މައުމޫނު ހިންގި އޮޕަރޭޝަނަކީވެސް އެފަދަ ހަރަކާތެކެވެ. އޮބްޒާވަރުންގެ މި ކޮމެންޓަށް ރައްދުދޭ ފަރާތްތަކުން ބުނަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ހަރަކާތްތައް އޭގެ އެންމެ ފުލް ޕަވަރުގައި ފެނިގެން އާންމުކޮށް ގޮސްފައި ހުރީ އެކަމަށް އެންމެ ހީނުކުރާ ދަޑިވަޅުތަކުގައެވެ.