Wednesday 16 April 2008

އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތި ލައްވަން – އަންނި

ދެ ދައުރަށްވުރެ ގިނަ ދުވަހު ވެރިކަން ކޮށްފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭގޮތަށް އިސްލާހުކުރެވޭ ގާނޫނު އަސާސީގައި ފާސްކުރެވިފައި އޮއްވާވެސް މައުމޫނު އަބްދުލްގައްޔޫމު ރައީސްކަމަށް އަލުންވެސް ކުރިމަތިލައްވާނެކަމަށް ވިދާޅުވަމުން ގެންދަވާތީ ކުރެވުނު ސުވާލެއްގެ ޖަވާބުގައި "އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތިލައްވަން" ކަމުގައި އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

"އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ގާނޫނީ ހަމައެއް ނެތްކަމުގައިވިޔަސް މައުމޫނު އަވިދާޅުވަނީ ކުރިމަތި ލައްވާނަމޭ، ގާނޫނު އަސާސީއާ އެކިއިރު އެކި ދަރަޖައަށް އެކިވަރަށް ޚިލާފުވެ ވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށްވާތީ އެއަކީ އާ ވާހަކައެއް ނޫން. ދަންނަވަންތޯ އަޅުގަޑުމެން ބޭނުންވަނީ އަދި އަޅުގަޑުމެންނަށް ރަގަޅީވެސް މައުމޫނު ކުރިމަތިލެއްވުން"، އަންގާރަދުވަހު ކުޑަހުވަދޫގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވިއެވެ.

އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި އޭނާގެ ރިޔާސީ ކެންޕެއިން ނިލަންދު އަތޮޅުގައި ކުރިއަށް ގެންދަވަމުން މުހަންމަދު ނަޝީދު ވަނީ ދ އަތޮޅުގެ ކުޑަހުވަދޫއަށާއި ހުޅުދެލި އަދި ރިނބުދޫއަށް އަންގާރަދުވަހު ޒިޔާރަތް ކުރައްވާފައެވެ. ފ އަތޮޅު މަގޫދޫ، ބިލެތްދޫ އަދި ފީއައްޔަށް އޭނާ ޒިޔާރަތްކުރެއްވީ ބުދަ ދުވަހުއެވެ.

އިތުރު ދައުރަކަށް މައުމޫނު ކުރިމަތިލެއްވުން އެއީ ބައިނަލްއަގްވާމީ ފަރާތްތަކުން ވަރަށް ހުތުރުކަމެއް ކަމަށް ދެކޭނެ ކަމެއް ކަމަށާއި، ދެ ދައުރަށްވުރެ ގިނަ ދުވަހު އެއްވެސް މީހަކު ވެރިކަމުގައި ދެމިހުރުމަކީ ރާއްޖޭގެ އަމަން އަމާންކަމަށާއި ސުލްހަ މަސަލަސް ކަމަށާއި، އަދްލު އިންސާފަށާއި، އިގްތިސާދަށް ހުރަސް އެޅޭނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވަމޭ ވިދާޅުވެފައި، ހަ ދައުރުވެރިކަން ކުރައްވާފައިމެ އަނެއްކާވެސް ކުރިމަތިލެއްވުން އެއީ ދުރޫސުލްއަޚްލާގުގެ މިންގަޑުތަކުން ބެއްޔަސް ވަރަށް މުޑުދާރު އިއްޒަތެއްނެތް އަމަލެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.

"އަޅުގަޑުމެންނަށް މޮޅުވާން އެންމެ ފަސޭހަވާނީ ސީދާ މައުމޫނާ ވާދަކޮށްގެން. އަބަދުވެސް ބުނަމުން މިއަންނަނީ އެބޭފުޅާއާ ވާދަކުރާނަމޭ. އަޅުގަޑުމެން މިއޮއްހާދުވަހު ވާދަކުރަމުން މިއައީ އެބޭފުޅާއާ. މާތް އަމުރާ އިރާދަފުޅާއެކު 2008 ނޮވެމްބަރު 11 ވާ ދުވަހު މި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިއެއް." ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އަނެއްކޮޅުން ޑީއާރުޕީއަށް ނިސްބަތްވާ ދެމަޖިލީހުގެ މެންބަރުންނާއެކު ރޭ ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ޕާޓީގެ ޒައީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަ ފުޅުގައި ރައްޔިތުންގެ ދެ މަޖިލީހަށް ނިސްބަތްވެ ވަޑައިގަންނަވާ ޑީއާރުޕީ މެންބަރުންނާ މުޚާޠަބްކޮށް ވިދާޅުވީ، މިހާރު ކުރެވެމުންދާ އެންމެ މުހިންމު އެއްކަމަކީ ޤާނޫނުއަސާސީ އިޞްލާޙް ކުރެއްވުމުގެ މަސައްކަތް ކަމަށާއި، މިމަސައްކަތުގައި އެބޭފުޅުން ވެ ވަޑައިގަންނަވަނީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އިސްލާހުކުރެވޭ ޤާނޫނު އަސާސީ ތަސްދީޤުވުމާއެކު މިހާރުގެ ޤާނޫނު އަސާސީ އުވޭނެކަމަށް ފާސްކުރި ފާސްކުރުމަށް އިޝާރާތްކުރައްވަމުން ޕާޓީގެ ޒަޢީމް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ޚާއްޞަ މަޖިލީހުގައި ޤާނޫން އަސާސީގެ އިންތިޤާލީ ބާބަށް ނެގުނު ވޯޓްގައި ޑީއާރުޕީގެ މެންބަރުން ސާބިތުކޮށްދެއްވި ޢަޒުމާއި، ހަރުދަނާކަމަކީ މުޅި ދިވެހި ރައްޔިތުން ފާހަގަކުރާނޭ ކަމެއް ކަމުގައިއެވެ.

ޒަޢީމް ވިދާޅުވީ މަޖިލީހުގައި ސަރުކާރާއިދިކޮޅު މެންބަރުން އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްބޭނުމެއްގައިކަމަށާއި، އެއީ ޤާނޫނުއަސާސީ ފާސްވިޔަ ނުދިނުމަށްޓަކާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށާއި، ނަމަވެސް މިއީ ދިވެހި ރައްޔިތުން ޤަބޫލުކުރާނޭ ގޮތެއް ނޫންކަމަށާއި، ޤާނޫނުއަސާސީ އަކީ ރައްޔިތުން ވަރަށްބޮޑު ޝައުޤުވެރިކަމާއެކު އިންތިޒާރު ކުރައްވަމުން ދާ އެއްޗެއްކަމަށާއި މި މަސައްކަތް މަޖިލީހުގެ މެންބަރުން ކުރައްވަމުންގެންދަވާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެކަމަށާއި، އެހެންވީމާ މިމަސައްކަތަށް މިހާރު މާގިނަ މުއްދަތެއް ނަގަން ނުޖެހޭ ކަމަށާއި މި މަސައްކަތް މިހާރު ނިމެންވެއްޖެ ކަމަށްޕާޓީގެ ޒަޢީމް އިޝާރާތް ކުރެއްވިއެވެ.

 

     މިދިޔަ އާދީއްތަދުވަހު އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ މެންދުރު ފަހުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވައިގެން ފާސްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

     މިވޯޓަށްފަހު ޑީއާރުޕީ ޕާލިމެންޓަރީ ގްރޫޕްގެ ރައީސާ އަނީސާ އަހްމަދު މިނިވަން ނިއުސްގައި ވިދާޅުވީ "ދެން އަންނަ އިންތިޚާބެއްގައި ގައްޔޫމަށް ކުރިމަތިލެވޭނެކަމާމެދު އެއްވެސް ސުވާލެއް މިހާރު ނެތް" ކަމަށެވެ.

ހަވީރުގެ އެފްއެމް ރޭޑިއޯ ޗެނަލް ރަސްމީކޮށް ފަށައިފި

ދުވަހު ނޫސް ހަވީރުގެ މެނޭޖްމަންޓުގެ ފަރާތުން ހިންގާ  އެފްއެމް ރޭޑިއޯ ސްޓޭޝަނެއްކަމަށްވާ އެޗްއެފްއެމް 92.6 ގެ ޕްރޮގްރާމްތައް މިއަދު ހެންދުނު 7:00 ފަށައިގެން ކުރިއަށް ގެންދަން ފަށައިފިއެވެ.

 

އެޗްއެފްއެމް ރޭޑިއޯ ޗެނަލުން ހާމަ ކުރާގޮތުގައި މިއަދު ހެނދުނު 7:00 ފެށިގެން 9:45 އެޗެނަލްގެ "އެޗްއެފްއެމް ހެނދުނު" ކިޔާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމް ހުށަހަޅައިދިނީ މަދީހާ އިބްރާހިމާއި އިމާދު ލަތީފް ކަމަށާއި، އަދި މެހެމާނެއްގެ ގޮތުން ހަވީރުގެ އެޑިޓަރު އަލީ ރަފީގުވެސް ބައިވެރިވެ ވަޑައިގެންނެވިކަމަށް އެޗަނަލުން މައުލޫމާތު ދެއްވައެވެ.

 

މިއަދު ލޯންޗްކުރެވުނު މިޗެނަލަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވަނީ ފެބްރުއަރީމަހު 21 ވަނަ ދުވަހުއެވެ. އަދި މިދިޔަ މަހު 5 ވަނަދުވަހުން ފެށިގެން އެޗެނަލްގެ ޓެސްޓް ސިގްނަލްތައް ދޭންފެށިއެވެ. ޗެނަލުން މައުލޫމާތު ދޭ ގޮތުގައި މިޗެނަލަކީ 24 ގަޑިއިރު އޮޕަރޭޓް ކުރާ ޗެނަލެކެވެ.

 

ރާއްޖޭގައި ބްރޮޑްކާސްޓް ކުރުމުގެ މިނިވަންކަން އާއްމު ފަރާތްތަކަށް ދިނުމާއެކު ހަބަރާއި މައުލޫމާތު ފޮނުވައިދޭ ގިނަ ޗެނަލްތަކެއްވަނީ ތައާރަފް ވެފައެވެ.

ރަސްދޫ ބަނދަރުގެ މައްސަލަ

މަޝްރޫއަށް ހުރަސް އަޅާފައިވާތީ ރާވާފައިވާ ތާވަލަށް މަސައްކަތް ކުރިއަށް ނުދާނެކަމަށް ކޮންސްޓްރެކްޝަން މިނިސްޓްރީން ބުނެފި

އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ކޮމެޓީތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ފުރިހަމަ ނުވުމުން ރަސްދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ލަސްވެ މަސައްކަތް ކުރީގައި ރާވާފައިވާ ތާވަލަށް ކުރިއަށް ނުދާނެކަމަށް ބުދަދުވަހު މެންދުރުފަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ހާމަކުރައްވައިފިއެވެ.

ކޮންސްޓރަކްޝަން މިނިސްޓްރީން މިނޫސް ބަޔާން ނެރުއްވާފައިވަނީ ރަސްދޫގެ ބަނދަރާ ބެހޭގޮތުން އެރަށުގެ ކޮމެޓީތަކަށް މަލޫމާތު ދެއްވުމަށް އަންގާރަދުވަހު އެމިނިސްޓްރީން ފޮނުއްވެވި ޓީމް ހިފަހެއްޓުމާ ގުޅިގެންނެވެ. ކޮނސްޓްރަކްޝަން މިނިސްޓްރީން ރަސްދޫއަށް ފޮނުވި ޓީމުގައި ހިމެނެނީ އެމިނިސްޓްރީގެ 2 ޓެކްނިކަލް މުވައްޒަފުންނާއި، އަމީން ކޮނސްޓްރަކްޝަންގެ ފަރާތުން ވަޑައިގެންނެވި އިންޖިނިއަރިން ކޮންސަލްޓެންޓެކެވެ. މިޓީމާއއެކު އެއަތޮޅު އަތޮޅުވެރިޔާއާއި އެރަށު ކަތީބުވެސް ރައްޔިތުން ހިފެހެއްޓިއެވެ.

މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނުގައި އެމިނިސްޓްރީގެ ޓީމް ރަސްދޫރައްޔިތުން ހިފަހައްޓުމަކީ ގައިރުގާނޫނީ އަމަލެއްކަމަށާއި، އަދި އެޓީމުގެ މެމްބަރުންނަށާއި އެމެންބަރުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން ނުތަނަވަސްކަން ލިބޭގޮތަށް ރަސްދޫގެ ބައެއް ރައްޔިތުން އަމަލުކޮށްފައިވާކަމަށްބުނެ އެކަން ވަނީ ކުއްވެރިކޮށްފައެވެ.

މިނިސްޓްރީން ނެރުއްވި ނޫސް ބަޔާނުގައި ހާމަކުރައްވާ ގޮތުގައި 24 އޮކްޓޯބަރ 2007ގައި އަމީން ކޮންސްޓްރަކްޝަންނާއެކު އެމިނިސްޓްރީން ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 750 ފޫޓު، 250 ފޫޓުގެ ބަނދަރެއް ރަސްދޫގައި ހެދުމަށެވެ. އަދި އިއްޔެ ރަސްދޫއަށް މިނިސްޓްރީން ފޮނުވި ޓީމަކީ މަސައްކަތް ކުރަން ހަމަޖެހިފައިވާ ގޮތް ކޮމެޓީތަކަށް ސާފުކޮށްދިނުމަށް ފޮނުވި ޓީމެއް ކަމަށާއި، އެޓީމަކީ ރަސްދޫގެ ކޮމެޓީތަކާ ރަސްމީ ވާހަކަދެއްކުންތަކެއް ބާއްވަން ފޮނުވި ޓީމެއް ނޫންކަމަށްވެސް އެބަޔާނުގައި ވެއެވެ.

ރަސްދޫގެ ބަނދަރުގެ މައްސަލާގައި ރޭ ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން މިނިވަނަށް މައުލޫމާތު ދެމުން ރަސްދޫގެ ރކ ކޮމެޓީގެ މެމްބަރަކު ބުނީ އެރަށު ރައްޔިތުންގެ އެދުމާ ހިލާފަށް ރަސްދޫގައި ބަނދަރު ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެރަށުގެ ގިނަ ރައްޔިތުންތަކެއް އޮފީސް ދޮށަށް އެއްވެ ހިންގި ހަރަކާތް އިއްޔެ ހަވީރު 5 ޖަހާކަންހާއިރު ހުއްޓާލާފައި ވާކަމަށެވެ. އެހެންނަމަވެސް އިއްޔެ އިރުއޮއްސީ 6:30 އެހާ ކަންހާއިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓީމެއް އެރަށަށް ދިޔަކަމަށާއި، ރޭ އެރަށަށް ދިޔަ ފުލުހުންގެ ޓީމުގައި ގާތްގަނޑަކަށް 60 އަށް ވުރެ ގިނަ ފުލުހުން ހިމެނޭ ކަމަށެވެ. އަދި ފުލުހުން ރަސްދޫއަށް އަރައި އަމަލުކުރަމުން ގެންދިޔައީ އެރަށުގެ އަމަން އަމާންކަން ގެއްލިދާފަދަ ގޮތަކަށްކަމަށްވެސް އެނާ ބުންޏެވެ.

"އަޅުގަނޑުމެން ދެކޭގޮތުގަ އެބޭފުޅުން އުޅުއްވީ މިރަށުގެ އަމަން އަމާންކަން ނަގާލަން. އެބޭފުޅުން އެކިތަންތަނަށް އެއްވެ ބޮޑެތި ޔުނީފޯމް ލައިގެން އެހާ ބައިވަރު ބަޔަކު މަގުތައްމަޗަށް އެއްވެ އެހެން އުޅުމުން މިރަށުގެ ކުޑަކުދިންނަށް ވަނީ ވަރަށް ބިރުގެންފަ. އަދި އެބޭފުޅުން ރކ ކޮމެޓީގެ މެމްބަރުން ގާތު ބުނި ޕޮލިސް ސްޓޭޝަނަށް އަންނާށޭ ބައްދަލުކޮށްލަން. ދެން އަޅުގަނޑުމެން ބުނިން އެގޮތަކަށް ރކ ކޮމެޓީގެ ބޭފުޅުން ގެންގޮސްގެން ވަކިވަކިން ބައްދަލެއް ނުކުރެވޭނެއޭ. ބައްދަލު ކުރަންޏާ ރކ ކޮމެޓީއާ ރައްޔިތުންނާ އެއްކޮންނޭ ބައްދަލުކުރެވޭނީ. ޕޮލިސް ސްޓޭޝަނަކަށް ނުދެވޭނެއޭ. އެއީ ބައްދަލުވުން ބާއްވާ ތަނެއް ނޫނޭ. އަޅުގަނޑުމެން ބުނިން ބައްދަލުވުން ބާއްވާނެ ހޯލެއް ހޯދަދޭނަމޭ. އެބޭފުޅުންވެސް ބުނި ތިކަމާ އެއް ބަހޭ. އެހެން ކިޔާފަ އަޅުގަނޑުމެން ހޯލް ތައްޔާރުކޮށްފަ ދިޔައީމަ ބުނީ އެބޭފުޅުންގެ ބޮޑުމީހާ ބުންޏޭ އިހަށް މަޑުކޮށްލާށޭ އެހެން ކިޔާފަ. އެހެން ކިޔާފަ ތިބެ 10 ވަރަކަށް މިނެޓް ފަހުން ރކ ކޮމެޓީގެ މެމްބަރަކު ގޮވައިގެން ދާންވެގެން އުޅުނީ. އެކަމަކު ރައްޔިތުން އެތަނަށް އެއްވެ ބުނީ ވަކި މީހަކު ނުގެން ދެވޭނެއޭ. ގެންދަންޏާ ހުރިހާ ރައްޔިތުން ގެންދާށޭ" ރަސްދޫ ރކ ކޮމެޓީގެ މެމްބަރަކު ކިޔައިދިނެވެ.

މިނިވަނަށް މައުލޫމާދު ދިން ފަރާތުން ބުނީ ފުލުހުން ރަސްދޫއަށް ގޮސް ފުލުހުންގެ އިމާރާތުންނާއި އެހެނިހެން ސަރުކާރުގެ ތަންތަކަށް ކަރަންޓް ދިނުމަށް މަޖުބޫރު ކޮށްފައިވާކަމަށާއި، އެހެން ނަމަވެސް އެރަށުގައި ހުރީ ރައްޔިތުންގެ ކަރަންޓަށް ވުމުން ސަރުކާރުން ބޭނުންވާހަ ވަގުތަކު އެކަރަންޓް ދެވެން ނޯންނާނެކަމަށް ކަތީބު ބުނިކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ.

ސިލްސިލާ މާރާމާރީތަކާ ވިދިގެން ހައްޔަރުކުރެވުނު 12 މީހެއްގެ މައްސަލައިގެ ތަޙްޤީޤް މަރުހަލާ ނިމި އެޓާރނީ ޖެނެރެލްގެ އޮފީހަށް ފޮނުވައިފި

މިހިނގާމަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީގެ ތަފާތު 3 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 12 މީހެއްގެ މައްސަލައިގެ ތަޙްޤީޤް މަރުހަލާ ނިމި އެޓާރނީ ޖެނެރެލްގެ އޮފީހަށް ބުދަދުވަހު ފޮނުވައިފިކަމަށް ފުލުހުން ބަޔާންކޮށްފިއެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 3 ކުއްޖެއް ހިމެނެއެވެ.

ފުލުހުން ބުނަނީ މާލެތެރޭގައި ފަހަކަށް އައިސް ހިންގާ ގްރޫޕް މާރާމާރީއާ ވިދިގެން ހައްޔަރުކޮށްފައިވާ 52 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބިކަމަށެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 4 ކުދިން ހިމެނެއެވެ. އަދި 18 އަހަރުގެ 11 ކުއްޖަކާއި 19 އަހަރާ 38 އަހަރާ ދެމެދުގެ 37 މީހަކު ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

މިއެންމެނަކީވެސް މާރާމާރީގެ ތަފާތު 22 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންކަމަށްވެއެވެ.

މިމައްސަލަތަކުގައި މާރާމާރީ ހިންގުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރި ގިނަ އަދަދެއްގެ ލަކުޑިބުރިތަކާއި، ދަނގަޑުބުރިތަކާއި ތޫނު ހަތިޔާރާއި މާސްކް ފަދަ ތަކެތި ފުލުހުން އަތުލާފައިވެއެވެ.

ގާސިމާއި ޔާމީނާއި ތަސްމީނުގެ ކޯޅުންގަނޑު މައިތިރިކުރުމަށް އެމްޑީޕީގެ ތަމްހީދީ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އަންނިގެ ކެންޕޭން އޮފީހުން އަނެއްކާވެސް ބުނެފި

ޑީއާރުޕީގެ އިސް ހަރަކާތްތެރިން އެޕާޓީތެރޭގައި ވާދަވެރިކަމުގެ ނުފޫޒުފޯރުވުމުން ދާތީ ޑީއާރުޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ހިޔަނި އެޅެމުންދާކަމަށް އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ވާދަކުރައްވާ މުހަންމަދު ނަޝީދު (އަންނި)ގެ ކެންޕޭން އޮފީހުން ބުނެފިއެވެ.

މިބަޔާނަކީ ޑީއާރުޕީއަށް ހަމަލާދިން އަންނި ކޭންޕުގެ ދެވަނަ ބަޔާނެވެ. މިދިޔަ މާޗްމަހު އަންނި ކޭންޕުން ނެރުނު ބަޔާނެއްގައި "އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ފަލީތާލުމަށް ޑީއާރުޕީން ކުރާ މަސައްކަތް" ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު މުހަންމަދު ނަޝީދު (އަންނި) ގެ ކެންޕޭން އޮފީހުން މީޑިޔާއަށް މަޢުލޫމާތު ދެއްވާ މުހަންމަދު ޒުހައިރު ވިދާޅުވީ ޑީއާރުޕީގައި އެޕާޓީއާއިގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ މެދުގައު އުފެދިފައިވާ ހިޔާލުތަފާތުވުމުގެ ސަބަބުން ތަފާތު ކަންތައްތަކަށް އެކިއެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާކަމަށެވެ.  އެގޮތުން އެޕާޓީގެ ދެ ނައިބު ޒައީމުން ކަމުގައިވާ ހާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމާއި އެޓޮލްސް މިނިސްޓަރު ތަސްމީން އަލީ އާއި އެޕާޓީގެ މަސްލަހަތު އޮންނަ އަބްދުﷲ ޔާމީންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމާއި ފޯރުވަމުންދާ ނުފޫޒުގެ ސަބަބުން އެކިއެކި ގޮތްގޮތަށް އެމްޑީޕީއަށް ހިޔަނި އެޅެމުންދާކަމަށް ޒުހައިރު ވިދާޅުވިއެވެ.

ހާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ އިންތިޤާލީ ބާބާއި، އެމްޑީޕީ ޕްރައިމެރީ އިންތިހާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީގެ ވާގިވެރިން މަސައްކަތްކުރަމުން ގެންދާކަމަށް ވެސް ޒިހައިރު ވިދާޅުވިއެވެ. މިކަމާގުޅޭ ގޮތުން މިއަދު އަންނިގެ ކެންޕޭން އޮފީހުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.

އިންތިގާލީ ބާބާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީ ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި ހޯމް މިނިސްޓަރ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ އަންނި ކޭމްޕުން ނެރެފައިވާ ނޫސްބަޔާނުގައި ތަފާތު އެކި ނުފޫޒާއި، ޙީލަތްތެރި ރޭވުމުގެ ދަށުން އިންތިގާލީ ބާބާއި އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީއާއި އެމީހުންގެ ވާގިވެރިން ކުރަމުންދާ މަސައްކަތަށް ސަމާލުވެ ތިއްބެވުމަށް އެޕާޓީގެ މެންބަރުންނަށް އިލްތިމާސް ކޮށްފައިއެވެ.

ހަމައެހެންމެ މިހާރު އަމަލު ކުރަމުންދާ ގާނޫން އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްގާއި، ޕެންޝަނުގެ ޙައްގާއި، ހިފާހައްޔަރު ކުރުމުގައާއި، ތަހުގީގާއި ޝަރީއަތުގެ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ޙައްގު ފަދަ މުހިންމު އެތަކެއް ޙައްގުތަކެއް ދިވެހިރައްޔިތުންނަށް ލިބިނުދީ ހިފަހައްޓާފައިވަނީ، ގާނޫނީ ހަމަތަކުން ބޭރުގައި ޑީއާރުޕީން ވެރިވެގަނެގެން އުޅޭ މިހާރު މިއޮތް ސަރުކާރާ، އެސަރުކާރުގެ ވާގިވެރިންގެ ހީލަތްތެރި ރޭވުމުންކަމަށް ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.

 "ހަމަ މިދެންނެވި މީހުން އިސްވެތިބެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ އިންތިގާލީ ބާބާއި، އެމްޑީޕީގެ އިންތިޚާބު ގަޑުބަޑު ކުރެވޭތޯ ކުރާ މަސައްކަތަކީ މީގެ ކުރިންވެސް ރައްޔިތުންގެ ޙައްގުތައް ހިފެހެއްޓި ގޮތަށް އަންނަން އޮތް ތަނުގައިވެސް އެކަން އެގޮތަށް ކޮށް، ދިވެހިރައްޔިތުންނަށް ލިބިދޭ ގާނޫނީ ބޮޑެތި ޙައްގުތަކުން މަހުރޫމް ކޮށްގެން އަނިޔާވެރިކަން އިސްކޮށް ރާއްޖޭގެ ވެރިކަމަށް އަތްގަދަކޮށްގެން ތިބި ވެރިކަން ދެމެހެއްޓުން ނޫން ދެވަނަ އެއްވެސް ބޭނުމަކު ކުރާ ކަމެއް ނޫނެ" ނޫސްބަޔާނުގައިވެއެވެ.

އަދި ވެރިކަމުގެ ދަހިވެތި ކަމުގައި މާލޭގައި ހުޅުޖަހާ މީހުންމަރާ އަނިޔާވެރިކަން އިސްކުރުމަކީ ރައްޔިތުން ބިރުގެންނެވުމަށް ޓަކައި ދިވެހިވެރިން، ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮށްފައިވާ މުޑުދާރު ކަންތައްތަކެއް ކަން ތާރީޚުން ސާބިތުވާކަމަށާއި ރާއްޖޭގެ އަމަން ގެއްލި މާރާމާރީއާއި ލޭ އޮހޮރުވުމާއި، މީހުންމެރުން މިދުވަސްވަރު މާލޭގައިއާންމުވެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ބޮޑުވެފައިވާ މިދަޑިވަޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން މިނިސްޓަރ އަބްދުﷲ ކަމާލުއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ނޫސްބަޔާނުގައި  އިލްތިމާސް ކޮށްފައިވެއެވެ.

   

ޑީއާރުޕީން ކޮމިއުނިސްޓް ޕާޓީއާ ގުޅެނީ ދެފަރާތުގެ ވެސް އުސޫލުތައް އެއްގޮތްވީމަ – ލަތީފް

ޑީއާރުޕީގެ ދައުވަތަކަށް ރާއްޖެވަޑައިގެން އުޅުންވާ ޗައިނާގައި ޚުދުމުހުތާރު ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާއި ޑީއާރުޕީއާ ގުޅުން ބަދިހިފައި އޮންނަނީ ދެފަރާތުގެވެސް އުސޫލުތައް އެއްގޮތްވުމުންކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން މުހަންމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފުދެއް ޑީއާރުޕީގެ ދައުވަތަކަށް ރާއްޖެއައުމަކީ އެމްޑީޕީން ކަންބޮޑުވުންފާޅުކޮށް ހަދާކަމެއްނޫންކަމަށާއި ނަމަވެސް އަމިއްލަ ހައިސިއްޔަތުން ދެކިލައްވާ ގޮތުގައި އެފަދަ ހުދުމުހުތާރު އަނިޔާވެރި ޕާޓީއަކާއި ޑީއާރުޕީ ގުޅެނީ ދެފަރާތުގެވެސް އުސޫލުތައް އެއްގޮތްވީމާ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީއަކުން މިކަމަކީ މާބޮޑުކަމެއްކަމަކަށް ނުދެކެން، އަޅުގަނޑުން ވެސް ތާއީދުކުރަނީ އަޅުގަނޑުމެންނާ ގުޅޭ ޕާޓީތަކާއި، އަމިއްލަ ހައިސިއްޔަތުން ދަންނަވާނަމަ ޑީއާރުޕީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅެނީ ދެފަރާތުގެ އުސޫލުތައްވެސް އެއްގޮތްވީމަ" ލަތީފް ވިދާޅުވިއެވެ.

ޑީއާރުޕީގެ ރަސްމީ ވެބްސައިޓުން ހާމަކުރާ ގޮތުގައ ރޭ އެ ޕާޓީގެ ދަޢުވަތަކަށް މާލެވަޑައިގަންނެވި ސިޕީސީގެ ވަފުދު ދެކުނު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކެޕިޓަލް ކުމިންގ އިން މިއޭޕްރީލް މަހުގެ 12 ވަނަ ދުވަހު ފުރާވަޑައިގެން އެ ބޭފުޅުންގެ ފުރަތަމަ މަންޒިލަކީ ވިއެޓްނާމެވެ. އަދި ވިއެޓްނާމްގެ ކޮމިޔުނިސްޓް ޕާޓީއާއި ބައްދަލުކުރެއްވުމަށް ސީ.ޕީ.ސީ ގެ އިސްވެރިންގެ 7 ބޭފުޅުން އެކުލެވޭ ވަފުދު މާލެވަޑައިގެންނެވީ ސިންގަޕޯރ އެއަރލައިންސްއިންކަމަށް އެ ފަރާތުން ހާމަކރެއެވެ. ހަމައެހެންމެ ޗައިނާގެ ވެރިކަން ކުރާ ޕާޓީ ( ސީ.ޕީ.ސީ ) ގެ ދަޢުވަތަކަށް ފާއިތުވި 2007 ވަނަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅުގައި ދިވެހިރައްޔިތުންގެ ޕާޓީގެ އިސްވަފުދެއްވަނީ ޗައިނާއަށް ޒިޔާރަތްކުރައްވާފައެވެ. އެދަތުރުގައި ޑީއާރުޕީގެ ވަފުދުންވަނީ ޗައިނާގެ އިޤްތިޞާދީ ކެޕިޓަލްކަމުގައިވާ ޝަންހާއީ އަށާއި، ޗައިނާގެ ޤަދީމީ ރަށެއްކަމުގައިވާ ޒިޔާން އަށް އަދި ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ޒިޔާރަތްކުރައްވާފައެވެ. ޑީއާރުޕީގެ ކައުންސިލްގެ ބޭފުޅުންނާއި، ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ އިތުރުން ޕާޓީގެ މީޑިއާގެބޭފުޅުން ހިމެނިވަޑައިގަންނަވާގޮތަށް މިދިޔައަހަރު ކުރެއްވި ދަތުރުފުޅުގެ އިސްބޭފުޅަކަށް ވަޑައިގެންނެވީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ އޮނަރަބަލް އަނީސާ އަޙްމަދުކަމަށް ވެސް ހާމަކޮށްފައިވެއެވެ.

ރޭ މާލެވަޑައިގެންނެވި ސީ.ޕީ.ސީގެ ޑެލިގޭޝަން އަށް މަރުޙަބާ ދެންނެވުމަށް މާލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރަށް ވަޑައިގެން ތިއްބެވީ ޑީއާރުޕީގެ ނާއިބު ޒަޢީމް އަޙްމަދު ތަސްމީން ޢަލީއާއި ޕާޓީގެ ރެޖިސްޓަރާރ އަދި އިސްތަރުޖަމާން އިބުރާހީމް ޝާފިޢުގެ އިތުރުން ޕާޓީގެ ކައުންސިލްގެ ޒުވާނުންގެ ގޮފީގެ ނާއިބުރައީސް އަޙްމަދު މަޙްލޫފާއި، ޕާޓީގެ ޕޮލިސީ ކޯޑިނޭޓަރ ޙިންނާ ޚާލިދުކަމަށް ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ.

ހަމައެހެންމެ ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ ވަފުދުގެ ބޭފުޅުންނަށް ޕާޓީގެ ފަރާތުން މަރުޙަބާ ދެންނެވުމަށްޓަކައި ޚާއްޞަ އިޙްތިފާލުތަކެއް މިއަދު ކުރިއަށް ގެންދަވާނޭކަމަށް ޕާޓީގެ އިސްތަރުޖަމާނު އަލްފާޟިލް އިބުރާހީމް ޝާފިޢު ވިދާޅުވެފައިވާކަމަށާއި ދެދުވަހުގެ މުއްދަތަށް ރާއްޖޭގައި މަޑުކުރެއްވުމަށް ހަމަޖެހިފައިވާ މި ވަފުދުގެ ބޭފުޅުން ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުން ހަމަޖެހިފައިވަނީ 17 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މާދަމާ މިވަފުދުގެ ބޭފުޅުން ޕާޓީގެ މައިއޮފީހަށް ޒިޔާރަތްކުރައްވާނެކަމަށް ވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.  

 

 

ޑީއާރްޕީން އިސްތިއުފާ ދެއްވި ކަމަށް ބުނާ ނައިބު ޒައީމު އަހްމަދު ސިޔާމު އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި

 ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ވަކިވެ ވަޑައިގެންނެވުމަށް ހުށަހެޅުއްވި ކަމަށް ބުނާ އެޕާޓީގެ ނައިބު ޒައީމު ރައްޔިތުންގެ މަޖިލީހުގެ ދ މެންބަރު (ސަންޓްރެވަލް) އަޙްމަދު ސިޔާމް އަންގާރަ ދުވަހު ބޭއްވި ޑީއާރްޕީގެ ކައުންސިލުގެ 31 ވަނަ ޖަލްސާ ބައިވެރިވެ ވަޑައިގަންނަވާފައިވަ ކަމަށް ޑީއާރްޕީން މައުލޫމާތު ދީފިއެވެ.   

އަންގާރަ ދުވަހު 14:30 ގައި ޕާޓީގެ މައިއޮފީހުގެ އަމީނީ މާލަމުގައި ބޭއްވި މިބައްދަލުވުމުގައި މިހާރު ޑީއާރްޕީގައި ތިއްބެވި ނާއިބު ޒަޢީމުންގެ ތެރެއިން ބައިވެރިވެ ވަޑައިގެންނެވީ އަޙްމަދު ތަސްމީން ޢަލީއާއި އަޙްމަދު ސިޔާމު ކަމަށް ޑީއާރްޕީން މައުލޫމާތުދެއެވެ. މިބައްދަލުވުމަށް ނައިބު ޒައީމު ޤާސިމް އިބްރާހީމް ވަޑައެއް ނުގަންނަވައެވެ.

ޑީއާރުޕީގެ އެއް ނާއިބު ޒައީމް ސަންޓްރެވަލް އަޙްމަދު ސިޔާމް އިސްތިއުފާ ދެއްވި ހަބަރު މީޑިޔާގެ އެކިފަރާތްތަކުން ޝާއިޢުކޮސްފައިވާއިރު އޭނާ ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަބަބު ހޯދުމަށް މިނިވަނުން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވަނީ ނުވެފައެވެ.

ނަމަވެސް ޑީއާރްޕީގެ ސްޕޯކްޕާސަން އިބްރާހިމް ޝާފިއު ވިދާޅުވީ ސިޔާމް އިސްތިއުފާ ދެއްވި ކަމަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ޑީއާރުޕީން ދައުވަތު ދެއްވައިގެން ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ވެރިކަން ކުރާ ސީ.ޕީ.ސީ ގެ ވަފްދާވެސް އަހުމަދު ސިޔާމު ބައްދަލުކުރައްވާފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ޑީއާރްޕީގެ ކައުންސިލު ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމަށް ބައިވެރިވެ ވަޑައިނުގެންނެވުނީ ގާސިމް އިބްރަހިމް ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުއްވާތީ ކަމަށެވެ.   

ޑީއާރްޕީން މައުލޫމާދޭ ގޮތުގައި ޕާޓީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިންވެސް މިބައްދަލުވުމަށް ވަޑައިގެންނެވީ ބައެއް މެންބަރުންނެވެ.

ޑީއާރްޕީގެ ޒަޢީމް މައުމޫން އަބްދުލް ގައްޔޫމު ރިޔާސަތު ބެލެހެއްޓެވި މި ކައުންސިލުގެ ޖަލްސާގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ދެވަނަ ގައުމީ ޖަލްސާ ބާއްވާނެ ތާރީހެއް ކަނޑައެޅުމާއި އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުން ޕާޓީއަށް ނިސްބަތްވާ މަންދޫބުން ތަމްސީލުވާ ގޮތަށް މި ޖަލްސާ ބޭއްވޭނެ އެންމެ ރަގަޅު ތާރީޚަކީ މިއަހަރުގެ ޖޫން މަހުގެ 5،6،7 ކަމުގައި ނިންމާފައިވާ ކަމަށް ޑީއާރްޕީން މައުލޫމާތުދެއެވެ.

ބައެއް ސިޔާސީ ޕާޓީތަކުން މިހާރުވެސް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުން ދިޔަނަމަވެސް  އެކަން ކުރުމުގައި ޤާނޫނީ ހުރަސް ތަކެއް ހުރީތީ ޑީއާރްޕީން ރިޔާސީ ކެމްޕޭން ރަސްމީކޮށް ކުރައްވަން ފައްޓަވާނީ ޤާނޫނީ ގޮތުން އެކަން ހުއްދަވާ ދުވަހުން ފެށިގެން ކަމަށް އިއްޔެގެ ކައުންސިލުން ނިންމާފައިވާ ކަމަށް ޑިއާރްޕީން ބުނެއެވެ. އަދި މިހާރު ހިގަމުންދާ ޑީއާރްޕީގެ ގޮފިތަކުގެ ހިންގާ ކޮމެޓީގެ އިންތިޚާބުތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ބަލާ އެމައްސަލަތައް ހައްލު ކޮށް ވީހާވެސް އަވަހަކަށް ގޮފިތަކުގެ ހިންގާކޮމެޓީގެ އިންތިޚާބުތައް ނިންމުމަށް 5 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލުންވެސް އިއްޔެ ބައްދަލުވުމުގައި އޮތް ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

ކެންޕޭނަށް ދޫކުރާ އަގުހެޔޮ ތެޔޮ ހުޅުދެލީ ރައްޔިތުންނަށް ލިބެނީ ދެގުނަ އަގުބޮޑުކޮށް ކަމަށް އެމީހުން ބުނެފި

މިހާތަނަށް ސަރުކާރުން މަސްވެރިންނަށް ކޮށްދީފައިވާ އެންމެ ރަގަޅުކަމަކީ ތެޔޮ އަގުހެޔޮކޮށް ލިބޭގޮތް ހަދައިދިނުން ކަމަށްވާއިރު، އެ އަގުހެޔޮ ތެޔޮ ހޯދުމަށް އާންމުކޮށް ހުޅުދެލީ މަސްވެރިން ފީފާއަކަށް ޚަރަދުކުރާ ފައިސާގެ ދެގުނަ ޚަރަދުކުރަން ޖެހޭކަމަށް އެމީހުން ބުނެފިއެވެ.

"ދެހާސް ރުފިޔާއަށް ދެ ހާސް ފައްސަތޭކައަށް ހުރި ތެޔޮ ފީފާއެއް އަހަރުމެންނަށް 4600 އަށް ލިބޭގޮތް ހަދައިދިނީމާ އެއީ ދެން މިހާތަނަށް މަސްވެރިއެއްގެ ހައިސިއްޔަތުން އެންމެ ހިތްހަމަޖެހުނު ކަމަކީ." ހުޅުދެލީގައި މަސްވެރިކަން ކުރަމުންދާތާ 22 އަހަރުވެފައިވާ ހުޅުދެލީ މުހަންމަދު ރަޝާދު ކިޔައިދެއްވިއެވެ. "ސަތޭކަޕަސަންޓް ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރު މިރަށުގައި މިއުޅެނީ... އެހެންނާ ކުރީގަ ވެއްޖިއްޔާ އަގުބޮޑު ތެޔޮ އަހަރުމެންނަށް މިޖެހެނީ 2300 ރުފިޔާ (ފީފާއަކަށް). އަގުހެޔޮ ތެޔޮ އަހަރުމެންނަށް އެބަޖެހޭ 4600... އެއީ ސަރުކާރުން މަސްވެރިންނަށް ވިއްކާ އަގުހެޔޮ ތެޔޮ... އެ ވާގޮތަކީ އަހަރުމެން އެބަޖެހޭ 180 ލީޓަރު ތެޔޮ އަޅަން މާލެދާން. އަގުހެޔޮ ތެޔޮ ބަލާ."

މުހަންމަދު މައުލޫމާތު ދިން ގޮތުގައި ސަރުކާރުން ދޯނިފަހަރަށް ތެޔޮ ދޫކުރަނީ ދޯނިފަހަރުގައި އަޅާފައި ހުންނަ އިންޖީނަށް ބަލާފައި ނޫން ކަމަށާއި ދޯނީގެ ދިގުމިނަށް ބަލާފައެވެ. ތެޔޮ ފީފާއެއްގައި 200 ލީޓަރު ހުންނައިރު ހުޅުދެލީގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރަށް ދޫކުރަނީ ދުވާލަކަށް 180 ލީޓަރެވެ. އަދި މާލެ ދިޔުމަށް 1 ފީފާ ތެޔޮ އެމީހުން އަންދަންޖެހެއެވެ.

އޭނާ ބުނިގޮތުގައި ހުޅުދެލީގެ މަސްވެރިންނަށް މަސްވެރިކަން ކުރުމަށް އެވްރެޖްކޮށް ދުވާލަކު ދޮޅު ފީފާ ތެޔޮ ބޭނުންވެއެވެ.

"އެތެޔޮ ދޫކުރަނީ މަސްވެރިންނަށް ކަމަކު އަޅުގަޑުމެން ގަބޫލުކުރަނީ އެއީ އައްޑޫ މަސްވެރިންނަށް ކެންޕެއިންނަށް ދޫކުރާ އެއްޗެއްކަމަށް އަޅުގަޑުމެން ދެކެނީ." ރަޝާދާއި އޭނާގެ އެކުވެރިން ބުންޏެވެ. "އެމީހުންނަށް ލިބޭނެ މިފްކޯ ބޯޓު ފަހަރުން."

ސަރުކާރުން ދޫކުރާ އަގުހެޔޮ ތެޔޮ ހޯދުމަށް ދ އަތޮޅުގެ މަސްވެރިން ދާންޖެހެނީ މާލެއަށެވެ.

ސަރުކާރުން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ދޫކުރަން ފެށިތާ މިހާރު 7 ދުވަސް ވެއްޖެއެވެ. ދައުލަތުގެ ބަޖެޓުގައި މިއަހަރު މަސްވެރިންނަށް ސަބްސިޑީޒްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މޮޑީގެ އުއްތަމަ ފަނޑިޔާރުގެ ބިލާއި، އިބްރާ ހުށަހެޅުއްވި މަޖިލީހުގެ ގަވައިދަށް ބައެއް އިތުރު ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި

ދިވެހިރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުންގެ ސިޔާސަތު ހާމަކޮށްދެއްވާ، މެންބަރުންގެ ސުވާލުތަކަށް ޖާވާބުދާރީވެލައްވާ، އެ ޖަލްސާ ދިވެހި ރައްޔިތުންނަށް ވަގުތުން ދެއްކުމަށް ބާރުއަޅާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދަށް ބައެއް އިތުރުކުރުމަށް މާލޭ މެންބަރު އިބްރާހިމް އިސްމާޢިލް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ޏ އަތޮޅު މެންބަރު މުހަންމަދު އިބްރާހިމްދީދީ (މޮޑީ) ހުށަޅުއްވާފައިވާ ކޮމިޝަންސް އޮފް އިލެކްޝަންސް މަޤާމަށް އިސްކުރުމާއި ވަކިކުރުމުގެ ބިލު ބުދަދުވަހު މަޖިލީހުގެ ތަޅުމުން އެއްލާލައިފިއެވެ.

     މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ކުރިއަށް ދިޔައީ މާލޭ މެންބަރު އިބްރާހިމް އިސްމާޢީލް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެ މައްސަލައާމެދު އިބްރާ ދެއްކެވި ވާހަކަފުޅުގައި މި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން އައްޑުއަތޮޅުގެ މެންބަރު އިބްރާހިމް ޝަރީފާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު ސަލީމްގެ ވާހަކަފުޅުގައި އެ މައްސަލައަކީ ޤާނޫނު އަސާސީ ލަސްކުރެއްވުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައިވާތީ، އެކަމަށް އިބްރާ ރައްދު ދެއްވިއެވެ. އެ މައްސަލައަކީ ރައްޔިތުންގެ ހާއްސަ މަޖިލީހާއި އިސްލާހްކުރެވެމުންދާ ޤާނޫނު އަސާސީއާ   ރައްޔިތުންގެ މަޖިލީހާއި އިސްލާހްކުރެވެމުންދާ ޤާނޫނު އަސާސީއާއި އެއްވެސް ގުޅުމެއްނެތް މައްސަލައެއްކަމަށް އިބްރާ ވިދާޅުވިއެވެ. މިއަހަރު ދިވެހި ރާއްޖޭގައި ޕާޓީތަކުގެ މެދުގައި އިންތިހާބެއް ބޭއްވޭނެކަމުގެ އުންމީދު ވަރަށް ކުޑަކަމަށާއި އެހެންކަމުން ގަވައިދަށް އެބައި އިތުރު ނުކުރެވިއްޖެނަމަ ރައްޔިތުންގެ ބަހެއްނެތި ރައީސުލްޖުމްހޫރިއްޔާގެ އަށް މެންބަރުން ބޭނުންކުރައްވައިގެން ރައީސްކަމަށް ހޮވިވަޑައިގަންނަވާނެކަމުގެ ބިރުހީވާކަމަށް އިބްރާގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ.

     މި މައްސަލައަށް ރިޔާސަތުން ވޯޓަށް އެއްސެވާއިއެކު ހާޒިރުވެ ވަޑައިގެން ތިއްބެވި 29 މެންބަރުންގެ ތެރެއިން 14 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައި ނުގަންނަވާކަމަށް 5 މެންބަރުން ވޯޓު ދެއްވިއިރު ވަކިއަތަކަށް ވޯޓު ނުދެއްވާ 10 މެންބަރުން ތިއްބެވިއެވެ. އެހެންކަމުން މާލޭ މެންބަރު އިބްރާހިމް އިސްމާޢީލް ހުށަހަޅުއްވާފައިވާ ބައި ރައްޔިތުން މަޖިލީހުގެ ގަވައިދަށް އިތުރުކުރުމަށް ފާހެއްނުވުވިއެވެ.

     މިއަދު ކުރިއަށް ދިޔަ ކޮމިޝަންސް އޮފް އިލެކްޝަންސް މަޤާމަށް އިސްކުރުމާއި ވަކިކުރުމުގެ ބިލާ ބޭހޭ ގޮތުން ބައެއް މެންބަރުން ވިދާޅުވީ އަދުލު އިންސާފަކީ މިހިނދުން މިހިނދަށް ދިވެހި ރާއްޖެއަށް ބޭނުންވެފައިވާކަމެއްކަމަށާއި އެހެންކަމުން އެ ބިލަކީ ވަރަށް މުހިންމު ބިލެއްކަމަށެވެ. އަދި ޑީއާރުޕީގެ މަސްލަހަތު އޮންނަ ބައެއް މެންބަރުން ބިލާމެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އުއްތަމަފަނޑިޔާރުގެ ބިލަކީ މުހިންމު ބިލެއްކަމަށްވިއަސް މިހިނދަށް އެބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށެވެ. މި ބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރ އަތޮޅު މެންބަރު އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮތް ހާދުވަހަކު އިސްލާހީ މަސައްކަތްތައް ކުރިއަށް ނުދާނެކަމަށާއި މި ބިލުވެސް ފޭލިވާނެކަމަށެވެ.

     މި ބިލަށް ރިޔާސަތުން ވޯޓަށް އެއްސެވާއިއެކު ހާޒިރުވެ ވަޑައިގެން ތިއްބެވި 26 މެންބަރުންގެ ތެރެއިން 18 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައި ނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު، ވަގިގޮތަކަށް ފެނިވަޑައި ނުގަންނަވާކަމަށް 7 މެންބަރުން ވޯޓު ދެއްވިއެވެ. އަދި އެއްވެސް ގޮތަކަށް ވޯޓުގައި ބައިވެރިވަޑައި ނުގަންނަވާ އިންނެވީ ހދ އަތޮޅު މެންބަރު އަހްމަދު އަބްދުﷲ އެވެ. އެހެންކަމުން މި ބިލު ފާހެއްނުވިއެވެ.

     މިއަދުގެ މަޖިލީހުގައި ފުވައްމުލަކު މެންބަރު މުޙަންމަދު އިބްރާހީމް ދީދީ ހުށަހަޅުއްވާފައިވާ ކޮމިޝަންސް އޮފް އިލެކްޝަންގެ މަގާމަށް އިސްކުރުމާއި ވަކިކުރުމުގެ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާވެސް ކުރިއަށް ގެންދަވިއެވެ.  މިބިލަށް މިއަދުގެ ޖަލްސާގައި މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ހުށަހަޅުއްވާ ލ އަތޮޅު މެންބަރު މޫސާ މަނިކު ތާއީދުކުރެއްވި  އިޞްލާޙަށް ވޯޓަށް އެއްސެވުމާ ހަމައަށްގޮސްފައިވަނިކޮށް މަޖިލީހުގެ ޤާނޫނީ އަދަދު ގެއްލުމުގެ ސަބަބުން 11:58 ގައި ޖަލްސާ ހުއްޓާލީއެވެ.

ހުސްވަގުތުކޮޅުގެ ކުރިން 34 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 28 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަޙްމަދު ޒާހިރެވެ.

 

ޖަޕާނަށް ފެތުނު ވީއޭ ކުންފުނީގެ ބޯޓުގެ އިންޝިއުރަންސް މައްސަލަ

ގެއްލުންތަކުގެ ބާވަތަށާއި އަދަދުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އިންޝިއުރެންސް ކުންފުނިން ބުނެފި

 

ޖަޕާނަށް އައި ތޫފާނެއްގައި އެގައުމުގެ ސައިކީގެ ބަނދަރުގައި އަޅާފައިއޮތް ވީއޭ ޕްރައިވެޓް ލިމިޓެޑްގެ "އުފުލި"ބޯޓު 2006 ވަނަ އަހަރު ސެޕްޓެމްބަރުގެ 17 ވަނަ ދުވަހު އަޑިއަށް ދިޔަ މައްސަލާގައި ވީއޭ ކުންފުނިން ސްރީލަންކާ އިންޝިއުރެންސް ކޯޕަރޭޝަން ލިމިޓެޑުން އިންޝުއަރަންސް ހޯދުމަށް ކުރާ ދައުވާގައި ގެއްލުންތަކުގެ ބާވަތަށާއި ގެއްލުމުގެ އަދަދުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ސްރީލަންކާގެ އިންޝިއުރެންސް ކުންފުނިން ބުނެފިއެވެ.

ބޯޓުއަޑިއަށް ދިޔަ މައްސަލާގައި ވީއޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްރީލަންކާ އިންސިއުރެންޝް ކޯޕަރޭޝަންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސްރީލަންކާގެ އިންޝިއުރެންސް ކުންފުނީގެ ވަކީލު ވިދާޅުވީ ވީއޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިމައްސަލާގައި ހުށަހެޅުއްވި ހިސާބުތަކަށް ބަލާއިރުގައި އެކުންފުނި ނޫން އެހެން ކުންފުންޏެއްގެ ފައިސާގެ ހިސާބުތަކެއްވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ދޮޅިޔަދޫ އިންވެސްމަންޓުގެ ނަމުގައި ޖަޕާނުގެ ލޮޖިސްޓިކް ކުންފުންޏަކަށް ފޮނުވާފައިވާ ޓެލެގްރެފިކް ޓްރާންސްފާ ތަކެއް މިހިސާބުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އަދި ފެތުނު "އެމް.ވީ އޯޝަން ރޫލާ"ގެ ފަޅުވެރިންގެ މުސާރައާ ގުޅޭގޮތުންވެސް ތަފާތު އަދަދުތަކެއް ހިމަނާފައިވާ ކަމަށް ސްރީލަންކާ އިންޝިއުރެންސް ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް ސްރީލަންކާގެ އިންޝިއުރެންސް ކުންފުނިން މިހިސާބުތަކުގެ ތަފްސީލު ލިޔެކިޔުމުން ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

ގާޒީ ވިދާޅުވީ ގެއްލުންތަކުގެ ބާވަތަށާއި އަދަދުތަކުގައި ހުރި ތަފާތުތައް ލިޔެކިޔުމުން ހުށަނާޅުއްވާ ކަމުގައިވާނަމަ އެކަންތައްތައް ޝަރީއަތުން ބަލައިނުދެވޭނެ ކަމަށެވެ. އަދި ޝަރީއަތުން އަމިއްލައަށް ކަންތައްތައް ދިރާސާ ނުކުރައްވާނެ ކަމަށާއި ޝަރީއަތުން ބަލައި ދެވޭނީ ދައުވާ ލިބޭ ފަރާތުން ދިރާސާ ކުރެއްވުމަށްފަހު ހުށަހަޅުއްވާ ކަންތައްތައް ކަމަށެވެ.

މިކަމާ ގުޅިގެން ސްރީލަންކާ އިންޝުއަރެންސް ކުންފުނީގެ ވަކީލު ވިދާޅުވީ ބަޔާނެއްގެ ސިފާގައި ލިޔެކިޔުމުންވެސް އެކަންތައްތައް ހުށަހެޅިދާނެ ކަމަށެވެ. ޝަރީއަތުންވަނީ އެފުރުސަތު އިންޝިއުރެންސް ކުންފުންޏަށް ދީފައެވެ.

ބޯޓުއަޑިއަށް ދިޔަ މައްސަލާގައި ވީއޭ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްރީލަންކާ އިންސިއުރެންޝް ކޯޕަރޭޝަން ލިމިޓެޓްއިން އެދެނީ 889،000 (އަށްލައްކަ އަށްޑިހަ ނުވާހާސް) ޔޫއެސް ޑޮލަރުގެ ބަދަލެއް ދިނުމަށެވެ.

2006 ވަނަ އަހަރު ޖަޕާނަށް "ޝަންޝަމް" ނަން ދީފައިވާ ތޫފާނުގައި ސައިކީގެ ބަނދަރުގައި އަޅާފައިވަނިކޮށް ބަންޑުން ޖަހާލި އުފުލީގައި ފަސް ދިވެހިންހެން ތިއްބެވެ. އަދި މި ފަސްމީހުންގެ ތެރެއިން ގދ ތިނަދޫ ޕްލެނެޓް އުމުރުން 49 އަހަރުގެ ހުސައިން މަޖުދީ އެ ހާދިސާގައި ވަނީ މަރުވެފައެވެ. އަދި މަރުވި ހުސައިން މަޖުދީގެ ހަށިގަނޑު ޖަޕާނުގައި އަންދާލާފައިވެއެވެ. ބަންޑުން ޖަހާލި އުފުލީގައި ތިބި މީހުން ސަލާމަތްކުރުމުގައި އެހީތެރިވީ ޖަޕާނު ކޯސްޓްގާޑުންނެވެ. 

ހދ. ނައިވާދޫ އޮފީހުގެ ސީނިއަރ ވޯކީ ޓޯކީ އޮޕަރޭޓަރު ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ މަދަނީ ކޯޓުގައި ދައުވާކޮށްފި

ހދ. ނަވައިދޫ އޮފީހުގެ ސީނިއަރ ވޯކީޓޯކީ އޮޕަރޭޓަރެއްގެ މަގާމުގައި ހުއްޓައި އެއްވެސް ހަގީގީ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ވަޒީފާ ލިބިދިނުމަށް އެދި އެރަށު ނަރުގިސްވިލާ ސާމިޔާ އަލީ މަދަނީ ކޯޓުގައި ދައުވާކޮށްފިއެވެ.

     ހދ ނައިވާދޫ އޮފީހާ ދެކޮޅަށް ޝާމިޔާ ހުށަހަޅާފައިވާ ދައުވާގައި ބުނަނީ ނައިވާދޫ އޮފީހުގެ ވަޒީފާގައި އުޅެމުންގޮސް ސީނިއަރ ވޯކީޓޯކީ އޮޕަރޭޓަރެއްގެ މަގާމުގައި ޖުމްލަ 13 އަހަރާއި 9 މަސް ދުވަސް ހޭދަކޮށްފައިވަނިކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވެރިކަމަށް އައި ބަދަލެއްގެ ސަބަބުން އެމީހުންގެ އާއިލާއެއްގެ އޮތް ހަސަދަވެރިކަމުގެ ނުފޫޒު ބޭނުންކޮށް ނައިވާދޫ އޮފީހުން އޭނާ އާ ބެހޭގޮތުން ދޮގު މައުލޫމާތު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކަމަށެވެ.

     ހދ ނައިވާދޫ އޮފީހުގެ ސީނިއަރ ވޯކީޓޯކީ އޮޕަރޭޓަރެއްގެ މަގާމުގައި ހުއްޓައި ޝާމިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ 14 މެއި 2007 ގައެވެ.

     "އަޅުގަނޑު ހދ ނައިވާދޫ އޮފީހުގެ ވަޒީފާ 13 އަހަރާއި 9 މަސް ވަންދެކަން އަދާކުރިއިރު އެއްވެސް އިންޒާރެއް ނަސޭހަތެއް ދީފައެއް ނުވޭ، އަދި މިހާރު ހދ ނައިވާދޫ އޮފީހުން އަޅުގަނޑަށް ދިންކަމަށް ލިޔުމެއްލިޔެ އަޅުގަނޑަށް އަޑު އިއްވިކަމަށާއި އަދި އަޅުގަނޑު ސޮއިނުކުރުމުން ދެހެކިން ލައްވާ ސޮއި ކުރިކަމަށް ބުނަމުން ދަނީ ކަނޑައެޅިގެން ދޮގެއް، އަޅުގަނޑު ލައްވާ މިފަދަ ލިޔުމެއްގައި ސޮއިކުރަން ނޫޅޭ ކަމަށާއި ނަސޭހަތެއްވެސް ނުދޭ ކަމަށް އަޅުގަނޑު މިހުރީ ހުވައިކުރަންވެސް ތައްޔާރަށް" ޝާމިޔާ މަދަނީ ކޯޓަށް ހުށަހެޅުއްވި ދައުވާގައި ބަޔާން ކޮށްފައިވެއެވެ.

     މިދައުވާއަށް ޖަވާބްދާރީ ވުމުގެ ގޮތުން ދައުލަތުން މިއަދު ވިދާޅުވީ ޝާމިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވައިދާ ހިލާފަށް ރަށުއޮފީހުގެ ސިއްރުތައް ހާމަކޮށްފައިވާތީ އާއި ވެރިންނާއި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ތަފާތު ވާހަކަތައް ދައްކާފައިވާތީ ކަމަށެވެ.

     ދައުލަތުން ވިދާޅުވީ ސާމިޔާ ވަނީ ރަށު އިންޖީނުގޭ ދޮށަށް މީހުން އެއްކޮށް ކަރަންޓު ބިލު ބޮޑުވާ ވާހަކައާއި ރަށުއޮފީހުން ހިންގަމުންދާ ޕްރީ ސްކޫލު ހިންގަމުންދަނީ މާ ބޮޑު އަގެއްގައި ކަމާއި އެއަށްވުރެއް ކުޑަ އަގެއްގައި ޕްރީ ސްކޫލު ހިންގިދާނެ ކަމަށް ރައްޔިތުންގެ ކައިރީ ވާހަކަ ދައްކައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައި ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިފަދަ އަމަލުތައް ނުކުރުމަށް ތިން ފަހަރު ނަސޭހަތާއި އިންޒާރު ދިނުމަށްފަހުގަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ސާމިޔާއަށް ދީފައިވާ އިންޒާރުގެ ޗިޓުގައި އޭނާ ސޮއިކޮށްފައިނުވާ ކަމަށާއި ނަމަވެސް އިންޒާރުގެ  ޗިޓުގައި ދެ ހެކީން ސޮއިކޮށްވާފައިވާ ކަމަށް ވިދާޅުވިއެވެ.

     އެކަން ސާބިތު ކުރުމުގެ ގޮތުން ދައުލަތުންވަނީ ހެކީން ހުށަހަޅުއްވާފައެވެ. އެމީހުންނަކީ ނައިވާދޫ ވައްތިޔަރަގޭ އަބްދުއް ސަމަދާއި ތިޔަރަގޭ އަބްދުﷲ މުހައްމަދާއި ހުސްނުހީނާގޭ ހަދީޖާ ހަސަންއެވެ.

     ޝާމިޔާގެ ފަރާތުން ވާހަކަ ދައްކަވާ ވަކީލު އަހުމަދު ނަޖީބް ވިދާޅުވީ ޝާމިޔާއަށް ވަޒީފާގެ ޕްރޮމޯޝަނެއް ލިބިފައިވާއިރު އެ ޕްރޮމޯޝަނުގެ ފަހުން އެއްވެސް އިންޒާރެއް ދެވިފައިނުވާ ކަމަށެވެ. އަދި ޝާމިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭރުގެ ކަތީބާއި މިހާރުގެ ކަތީބާ ދެމެދު އޮތް ދެކޮޅުވެރިކަމެއްގެ ސަބަބުން ކަމަށްވެފައި ސާމިޔާ ވަޒީފާއިން ވަކިކުރައްވާފައި އޮތް އޮތުމަކީ ޒާތީ ކަމެއް ކަމަށް ވިދާޅުވިއެވެ.

     އޭނާ ވިދާޅުވީ ރަށުގެ އިންޖީނުގޭ ދޮށަށް ރައްޔިތުން އެއްކުރިކަމަށް ދައުލަތުން ވިދާޅުވާއިރު އެއެއްވުމާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅެއް ސަރުކާރުން އަޅުއްވާފައިނުވާ ކަމަށެވެ. އަދި އެއެއްވުމަކީ ޣައިރުގާނޫނީ އެއްވުމަކަށްވާނަމަ، އެއެއްވުމުގައި ބައިވެރިވި މީހުންގެ މައްސަލަ ޝަރީއަތައް ފޮނުވަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަންވެސް ދައުލަތުން ކުރައްވާފައިވާ ނުވާހިނދު މިމައްސަލާގައި ހަމައެކަނި ސާމިޔާގެ ކުއްވެރި ނުކުރެވޭނެ ކަމަށެވެ.

ހއ ހޯރަފުށީ ކޯޓުގެ ކާތިބާއަކަށް ހުރި އެރަށު އަސްރަފީގޭ ޒުނޭރާ މުހައްމަދު ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޖަސްޓިސް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލައެއްވެސް މަދަނީ ކޯޓުގައި ކުރިއަށް އެބަދެއެވެ. މިދައުވާ ހުށަހަޅުއްވާ ދެއްވަމުން މިމަހުގެ 2 ވަނަ ދުވަހު ޒުނޭރާ ވިދާޅުވީ 14 އޮކްޓޫބަރު 2002 ގައި އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

މީގެއިތުރުން ތ. އަތޮޅު ކަނޑޫދޫ އޮފީހުގައި 13 އަހަރުގެ މުއްދަތެއްގައި ވޯކީ ޓޯކީ އޮޕަރޭޓަރެއްގެ ވަޒީފާ އަދާކޮށްފައިވާ އެރަށު ފިނިފެންމާގޭ ހައްވާ އުމަރު ވަޒީފާއިން ވަކިކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ އޭނާ މަދަނީ ކޯޓުގައި ކުރާ ދައުވާގެ ޝަރީއަތެއްވެސް ކުރިއަށް އެބަދެއެވެ.

ހުޅުދެލީގައި ސަރުކާރުން ހަދައިދެނީ މަޑިވަޅެއްތޯ ނުވަތަ ބަދަރެއްތޯ އެރަށު މީހުން ސުވާލުކޮށްފި

ސަރުކާރުން ދ. ހުޅުދެލީގައި ހަދަމުން ގެންދާ ބަދަރަކީ އެރަށު މީހުންނަށް ނުފުދޭތަނެއް ކަމަށާއި އެއީ މިއަހަރު ކެންޕޭނު ދަތުރުތަކުގައި އެރަށަށް އަންނަ މީހުންގެ ފަސޭހައަށް ހަދައިދޭ ތަނެއްކަމަށް އެރަށު މީހުން ބުނެފިއެވެ. ބޮޑުކަންނެއްޔަށްދާ 80 ފޫޓުގެ 9 ދޯންޏާއި މަހަށްދާ ކުދި ސައިޒުގެ ގާތްގަޑަކަށް 5 ދޯނި އެޅުމަށް އެރަށުގައި ހަދައިދެނީ 300 ފޫޓު 200 ސަރަހައްދެއްކަމަށް އެރަށު މީހުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ކުރިމަގުގައި އޮޑިވެރިންގެ މެދުގައި ދެކޮޅުވެރިކަން އުފެދިދާނެކަމަށްވެސް އެމީހުން ބުނެއެވެ.

"އަހަރުމެން ގަބޫލެއް ނުކުރަން ލަފާފުރުމުގެ (ދަތިތަކަށް) ހައްލެއް ކަމަށް. އެއީ ހަމައެކަނި ސަރުކާރުގެ ޓީމުތައް ކެންޕޭނަށް އެމީހުންގެ ލޯންޗު ގާތްކޮށްލާ ތަންކޮޅެއްކަމަށް އަޅުގަޑުމެން ގަބޫލު ކުރަނީ" މަސްވެރިކަން ކުރާތާ ގާތްގަޑަކަށް 22 އަހަރުވެފައިވާ މުހަންމަދު ރަޝާދު ބުންޏެވެ. "އެއީ މިރަށުގެ ދޯނިފަހަރުތައް އެތާ ނޭޅޭނެތީ. އެހެންވީމާ އެއީ ކޮންމެހެން ދޯނިފަހަރު ނޭޅޭވަރުގެ ތަންކޮޅެއްގައި އެއީ ލަފާފުރުމުގެ ހައްލެއް ކަމަށް އަޅުގަޑު ނުދެކެމޭ. އޭގެ ހަތަރުދޯނި ފަސްދޯނިވެސް އެއްފަހަރާ ވަދެ ނުނިކުމެވޭ. އެހެންވީމާ އެއްވެސް ހާލެއްގައި އަޅުގަޑުމެން ނުދެކެން އެއީ ލަފާފުރުމުގެ ހައްލެއް ކަމަކަށް."

މުހަންމަދު ރަޝާދު ބުނީ އެރަށުގެ އުތުރު ފަރާތު ބަދަރު ހެދުމުގެ މަސައްކަތް ފެށިތާ ގާތްގަޑަކަށް 6 މަސްދުވަސް ވެއްޖެއެވެ. އަދި ބަދަރު ސަރަހައްދު ކޮނެފައި އޮންނަތާވެސް ދުވަސްތަކެއް ވެފައިވާތީ މިހާރު އެ ބަދަރު ތިލަވެފައިވާނަމަ އެކަން އެގޭނީ ބަދަރު ނިމި ރަށާ ހަވާލުވުމުންކަމަށާއި އެރަށުގެ ދެކުނު ފަރާތުގައި ބަދަރުގެ ގޮތުގައި ބޭނުންކުރެވެމުން އައި ސަރަހައްދު ބިންދޫކުރުމަށް ނިންމިފައިވާކަމަށް އޭނާ މައުލޫމާތު ދިނެވެ.

ރަށުގައި އަލަށް ހެދެމުންދާ ބަދަރުގެ ސަބަބުން ނުކުމެދާނެ ނަތީޖާއާ މެދު ވާހަކަ ދައްކަމުން އެރަށުގައި މަސްވެރިކަން ކުރާތާ ސާޅީހަކަށް އަހަރުވެފައިވާ އަބްދުލްހަމީދު ހަސަން ބުނީ ސަރުކާރުން ހައްދަވައިދެއްވާ ބަދަރަކީ އޭނާއަށް ވިސްނޭގޮތުގައި އެ ރަށު މީހުންގެ މެދުގައި އަރައިރުން އުފެދި ހަމަޖެހުން ގެއްލިގެން ދާނެ ކަމަކެވެ.

"ރަށުގައި ހުޅުފަޅައިގަންނަވަރުގެ ކަމެއް މީ. އެއީ ދެދޯނި ދެދޯނި ދޯނި އައިސް ގާކޮޅުން ނެއްޓި އަޅާފައި އޮންނަނީ މިތަންކޮޅު. އަޅާފައި ދެދޯނި ދެދޯނި ޖެހޭނީ. ދެން އަރާރުން ފަށާނީ އޮޑިވެރިން. ދެން ނުކުންނާނީ ދެފަރާތުގެ އާއިލާ. ހުރިހާ އޮޑިވެރިންވެސް އެކަމާ އެއްބަސްވާނެ ދޯނި އަޅާނެ ޖާގައެއް ނެތް. ދޯނި އަބުރާލެވޭނެ ޖާގަވެސް އެތާކު އަޅާފަ ނެތް." އަބްދުލްހަމީދު ވިދާޅުވިއެވެ. "މީ އަޅުގަޑުމެންނަށް ސަރުކާރުން ކޮނެދެއްވާފައިވާ މަޑިވަޅެއްހޭ ނުވަތަ ބަދަރެއްހޭ."

16 މިލިއަން ރުފިޔާގެ މަޝްރޫއެއްގެ ދަށުން ހުޅުދެލީ ބަނދަރު އެމްޓީސީސީން ހަދަންފެށީ އޮކްޓޯބަރު 2007 ގައެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ހުޅުދެލީ ބަދަރުގެ 90% މިހާރުވަނީ ނިމިފައެވެ. ހުޅުދެއްޔަކީ 26 ޑިސެމްބަރ 2004 ގެ ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށެކެވެ.