Tuesday 22 April 2008

މާލޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ސިފައިން ނިންމާލައިފި

އިބްރާހީމް މުޙައްމަދު

މާލޭގައި ސިލްސިލާ މާރާމާރީ އިތުރުވެ ގިނަބައެއްގެ ލޭ އޮހޮރުވާލުމާ ގުޅިގެން މިމަހު 7 ވަނަ ދުވަހު މާލޭގެ ސަލާމާތީ ކަންތައްތައް ބަލަހައްޓަމުންދިޔަ މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހޯމަދުވަހުގެރޭ އެއޮޕްރޭޝަން ނިންމާލައިފިއެވެ. މިއަދު ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން މޭޖަރ އިބްރާހީމް އަފްޟަލް ވިދާޅުވީ 15 ދުވަހަށް ދިގުދެމިގެންދިޔަ އޮޕްރޭޝަން ނިންމާލީ މާލޭގެ ޢާއްމު ހާލަތު ކުރީގެ ހާލަތަށް ރޫޖުއަވުމާ ގުޅިގެން ސަރުކާރުން އޮޕްރޭޝަން ހުއްޓާލަން އަންގާފައިވާތީއެވެ. އަދި މި ވޭތުވެދިޔަ 15 ދުވަހުގައި ހިނގާފައިވަނީ ނުރައްކާތެރި އެންމެ ހާދިސާއެއްކަމަށް މޭޖަރ އަފްޟަލް ވިދާޅުވިއެވެ.

"މި އޮޕްރޭޝަނަށް މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު" މޭޖަރ އަފްޟަލް ވިދާޅުވިއެވެ. "އަޅުގަނޑުމެން ނިކުތްފަހުން އެފަދަ (ބޮޑެތި) މާރާމާރީއެއް ހިނގާފައެއް ނުވޭ"

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި މި އޮޕްރޭޝަންގައި 155 މީހުން ހައްޔަރުކުރެވުނު ކަމުގައިވިޔަސް ފުލުހުންނާއި ހަވާލުކުރީ 8 މީހުންނެވެ. އަދި 147 މީހަކަށް ނަސޭހަތްދީ ދޫކޮށްލެވިފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.

"މި 155 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 19 ކުދިން ހިމެނޭ" މޭޖަރ އަފްޟަލް ވިދާޅުވިއެވެ.

މިގޮތުން މިމަހު 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި ހާދިސާގައި ވަޅިއެއް ހިފައިގެން މޫނު ނިވާކޮށްގެން ހުރި ހ.ލަކީ ގައި ދިރިއުޅެމުން އަންނަ ތ.ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމު 26، ވަނީ އޭޑީކޭ ސެކިޔުރިޓީ ގާޑެއްގެ މޫނު މަތި ކަފާލުމުގެ ތުހުމަތުގައި ސިފައިން ހައްޔަރުކޮށްފައެވެ.

އަދި ފުލުހުންނާ ހަވާކުރެވުނު 8 މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭކަން އަފްޟަލް ފާހަގަކުރެއްވިއެވެ. ނަމަވެސް ރެކޯޑުތައް ނެތުމުގެ ސަބަބުން ސީދާ އަދަދު ހާމަކުރެވެން ނެތް ކަމަށް އަފްޟަލް ވިދާޅުވިއެވެ. މޭޖަރ އަފްޟަލް ވިދާޅުވީ ނަސޭހަތް ދިނުމަށްފަހު މިނިވަން ކުރި މީހުންނަކީ އާދައިގެ ކުށްތަކުގައި ހައްޔަރުކުރެވުނު މީހުންކަމަށެވެ. ނަމަވެސް ތަހުޤީޤުކުރުމަށް ފުލުހުންނަށް ހަވާލުކުރީ ބޮޑެތި ކުށްތައް ކަމުގައިވާ ޑްރަގް އަދި ބޮޑެތި މާރާމާރީ ހިންގާ ފަރާތްތަށްކަމަށް މޭޖަރ އަފްޟަލް ވިދާޅުވިއެވެ. މޭޖަރ އަފްޟަލް ފާހަގަކުރެއްވިގޮތުގައި މިހާރު ބޮޑެތި މާރާމާރީ ހިންގަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ.

"ނުރައްކާތެރި އަމަލު ހިންގާ މީހުން މިއަމަލުތައް ހިންގަނީ ވަރަށް ރާވައިގެން" މޭޖަރ އަފްޟަލް ވިދާޅުވިއެވެ. "ނަމަވެސް ކަންބޮޑުވާ ވަރަށް އެމީހުންގެ ކަންތައްތައް ހުރިހެނެއް ހިޔެއްނުވޭ"

ސިފައިން ހިންގި މި އޮޕަރޭޝަންގައި ހަރަކާތްތަރިވި ސިފައިންގެ މީހުންގެ އަދަދު ހާމަކުރަން އެފަރާތުން ދެކޮޅު ހަދައެވެ.

މިމަހު 4 ވަނަ ދުވަހު މާލޭގައި ހިންގަން ފެށި ސިލްސިލާ މާރާމާރީގައި 6 މީހަކު ޒަހަމްވެ 15 އަހަރުގެ ކުއްޖަކު މަރުވެފައިވެއެވެ. ގ.ތަނބުރުގޭ ޝިފާޢު އިސްމާއީލް މަރުވެފައިވަނީ 7 ދުވަސްވަދެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެޔަރ ޔުނިޓު (އައިސީޔޫ)ގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް އޮގަސްޓް 12 ވަނަ ދުވަހުގައެވެ.

ހުކުރުދުވަހު އޮންނަ އެމްޑީޕީގެ އިންތިޚާބުގައި މާލޭގައި ހުންނަ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސްކޫލްގައިކަމަށް އިއުލާނުކޮށްފި

25 އެޕްރީލް 2008 ވާ ހުކުރު ދުވަހު މެންދުރު ފަހު 2:00ން ފެށިގެން ރޭގަނޑު 9:00ގެ ނިޔަލަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިޚާބާ ޤައުމީ ޗެއަރޕާސަންގެ އިންތިޚާބުގެ ވޯޓުލުމަށް މާލޭގައި ބެހެއްޓޭ ވޯޓުފޮށިތައް ހުންނާނީ ކަލާފާނު ސުކޫލުގައިކަމަށް އެމްޑީޕީން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން މައުލޫމާތު ދެއްވާ ގޮތުގައި މިމަހު 25ގައި އެޕާޓިން ބާއްވާ ތަމްހީދީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 20958 މެމްބަރުންގެ އެބަތިއްބެވެ. އަދި މިއިންތިޚާބުގައި ޖުމްލަ 117 ވޯޓުފޮށި ތަފާތު 90 ރަށުގައި ބެހެއްޓެނެ ކަމަށާއި، އޭގެ ތެރޭގައި 6 ރިޒޯޓާއި، 3 ސިނާއީ ރަށާއި، އާބާދުވެފައިވާ 80 ރަށާއި މާލެ ހިމެނޭ ކަމަށް އެމްޑީޕީގެ އިންތިހާބު ކޮމެޓީން މައުލޫމާތު ދެއްވައެވެ. އަދި ސ. ހިތަދޫގައި 2 ފޮށިހުންނައިރު މާލޭގައި 27 ފޮށި ބެހެއްޓޭނެއެވެ. މޭލެގެ ފޮށިތަކުގެ ތެރެއިން ވިލިނގިއްޔާއި ހުޅުމާލޭގެ ފޮށިތައްނޫން އެހެން ހުރިހާ ފޮއްޓެއް ބަހައްޓާފައި ހުންނާނީ ކަލާފާނު ސްކޫލްގައެވެ. މާލޭގައި ހުންނަ 27 ފޮށީގެތެރެއިން 20 ފޮއްޓަކީ މާލޭގައި ދިރިއުޅޭ 20 އަތޮޅު / ދާއިރާގެ މެމްބަރުން ވޯޓުލާން މާލޭގައި ބަހައްޓާ ފޮއްށިކަމަށާއި، 4 އަވަށުގެ މެމްބަރުންނަށް ކޮންމެ އަވަށަކަށް އެއްފޮއްޓާއި، މާލޭދަފްތަރުގައި ހިމެނޭ މެމްބަރުންނަށް އެއްފޮށި ބަހައްޓާފައި ހުންނާނެކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއްވައެވެ.

ޕްރޮކްސީގެ މައްސަލާގައި ޕެޓިޝަނެއް ނެރުނުކަމުގައި ވީނަމަވެސް ގައުމީ މަޖިލިސް އެއްނުކުރެވޭނެ ކަމަށް އެމްޑީޕީގެ އަމީން އާންމު ވިދާޅުވެއްޖެ

އިސްމާއިލް

މިމަހު 25 ގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ތަމްހީދީ އިންތިހާބާއި، ޗެއަރޕާސަންގެ އިންތިހާބުގައި އެއްމެމްބަރެއްގެ ބަދަލުގައި އެހެންމެބަރަކަށް (ޕްރޮކްސީ) ވޯޓް ނުލެވޭ ގޮތަކަށް ހަދައިދިނުމަށްޓަކައި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާ ޕެޓިޝަނެއް އިއްޔެ އެމްޑީޕީގެ 81 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީގެ ސެކެޓޭރިއޭޓަށް ޕެޓިޝަނެއް ހުށަހެޅި ކަމުގައި ވީނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެކަމަށާއި، ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ވަކި ގޮތްތަކެއް އެޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައި ވާކަމަށް އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

އިއްޔެ ނެރުނު މިޕެޓިޝަނުގައި ވަނީ "އަޅުގަނޑުމެން (މިޕެޓިޝަނުގައި ސޮއިކޮށްފައިވާ މެމްބަރުން) އިލްތިމާސްކުރަނީ 25 އެޕްރީލް 2008 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި، ޗެއަރޕާސަނަކު ހޮވުމުގެ އިންތިހާބުގައި ޕްރޮކްސީ ވޯޓް ނުލެވޭ ގޮތަށް ކަންތައްތައް ހަމަޖައްސަވައި ދެއްވުމަށް، ގައުމީ މަޖިލީހަށް ހުށަހަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެމަސައްކަތް ކޮށްދެއްވުން އެދެމެވެ." މިހެންނެވެ. އަދި ކުރިން އެމްޑީޕިން ބޭއްވި އިންތިހާބުތަކުގައިވެސް ޕްރޮކްސީ ވޯޓު ބޭނުންކުރުމުން މައްސަލަތައް ޖެހިފައިވާކަމަށާއި، އަދި ޕްރޮކްސީ ވޯޓަކީ އިންތިހާބުގެ ރޫހާ ހިލާފު ކަމެއްކަމަށް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ފާހަގަ ކުރައްވާފައިވާކަމަށްވެސް އެޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލާގައި ހާމިދު ވިދާޅުވީ ޕްރޮކްސީ ވޯޓު ދިނުމުގެ ހައްގަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެޕާޓީގެ މެންބަރުންނަށް ލިބިދީފައިވާ ހައްގެއް ކަމަށާއި، އަސާސީ ގަވާއިދުގައިވާ އެއްޗެއް ބަދަލު ކުރެވޭނީ އެމްޑީޕީގެ ކޮންގްރެސްއަށް ކަމަށެވެ. އެހެންނަމަވެސް ޕްރޮކްސީއާ ބެހޭގޮތުން ބައެއް މެމްބަރުންގެ ޝަކުވާއާމެދު މަޝްވަރާކުރުމަށް ރޭގައި އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިކަމަށާއި، އަދި އެކޮމެޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ނިމުނީ ޕްރޮކްސީ ވޯޓަކީ މެމްބަރުންގެ އަސާސީ ހައްގަކަށް ވުމުން އެހާ ހަނި ގޮތަކަށް އެބަދަލުކުރުން މުހިންމު ނޫންކަމަށެވެ.

އެމްޑީޕީ ބަޔާންކުރާ ގޮތުގައި މިފަހަރުގެ އިންތިޚާބަށް 252 ޕްރޮކްސީ ހުށަހަޅާފައިވާއިރު، ސައްހަ ޕްރޮކްސީގެ އަދަދަކީ 238 އެވެ.

ޕްރޮކްސީ ވޯޓްލުމާ ދެކޮޅަށް ނެރުނު މިޕެޓިޝަނާ ބެހޭ ގޮތުން މިނިވަނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިގެން ޕްރޮކްސީ ވޯޓާ މެދު ބަހުސްކުރާނެ ވަގުތެއް މިހާރަކު ނެތްކަމަށާއި، މީގެ ކުރިން ޕްރޮކްސީ ވޯޓު ނުލެވޭނެ ގޮތް ހެދުމަށް އެއްވެސް ފަރާތަކުން ގައުމީ މަޖިލީހަށް ހުށަހަޅާފައިވެސް ނުވާކަމަށެވެ. އަދި އިއްޔެ ނެރުނު މިޕެޓިޝަނުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ޕްރޮކްސީގެ ދަށުން ނުކުމެފައިނުވާ ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕްރޮކްސީ ވޯޓު ނުލެވޭ ގޮތް ހަދައި ދިނުމަށް އެދި ނެރުނު މިޕެޓިޝަނުގެ އިސް ބައިވެރިއަކު ކަމަށްވާ މުނައްވަރަށް ތާއީދުކުރާ މޫސާ އަންވަރު ބުނީ ޕްރޮކްސީ ވޯޓް ލުމުން މައްސަލަތައް ދިމާވެފައި ވާކަމަށާއި، އަދި އެމައްސަލަތަކާމެދު އެމްޑީޕީގެ އިންތިހާބާބެހޭ ޑިރެކްޓަރ، އައްޑޫ މެންބަރު މުހައްމަދު އަސްލަމްވެސް ވާހަކަ ދައްކާފައި ވާނެކަމަށެވެ. އަދި ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި މިކަމަށް ގޮތެއް ނިންމާނެ ވަގުތު އެބައޮތްކަމަށާއި، ގައުމީ މަޖިލީސް އެއްކުރުމަކީ އުނދަގޫ ކަމެއް ނޫންކަމަށްވެސް އެފަރާތުން ބުންޏެވެ.

އިއްޔެ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި މުގައްރިރު މުހައްމަދު ރަޝީދު ވިދާޅުވީ ޕްރޮކްސީއާއި ދޭތެރޭ އެއްވެސް ކެނޑިޑޭޓަކަށް އިންކާރު ކުރުމުގެ ޖާގައެއް ނެތްކަމަށާއި، އެކެންޑިޑޭޓުންވެސް ހިމެނޭ އެމްޑީޕީގެ ކޮންގްރެސްއިން ނިންމާފައިވާ އަސާސީ ގަވާއިދުގައި މެމްބަރުންނަށް ޕްރޮކްސީ ވޯޓްލުމުގެ ހައްގު ލިބިދޭކަމަށެވެ.

އަދި އިންތިޚާބު ކޮމިޓީގެ މެންބަރު ޑރ އިބްރާހިމް ދީދީ (ޑރ ޑީޑީ) ވިދާޅުވީ ޕްރޮކްސީއަކީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި، އެޕާޓީގެ ކިތަންމެ އިސްމަގާމެއްގައި ހުންނަވާ ބޭފުޅަކު ބޭނުންވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ނިންމާފައިވާ އެއްވެސް ކަމަކާއި ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ.

 

5 މައްސަލައިގެން އެއްދުވަހު ކުރިއަށްދާން ލޭޑީ އިބްރާހީމް މަނިކަށް ކުޅަދާނަ ނުވާނެކަމަށް ވަކީލު ބުނެފި

 

އިބްރާހީމް މުޙައްމަދު

ކުރީގެ މަޝްހޫރު ފުލުސް އިންސްޕެކްޓަރ މމޚ.ދަފްތަރު ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ދައުލަތުން ދައުވާކުރާ 5 މައްސަލައައިގެން އެއްދުވަހެއްގައި ކުރިއަށްދާން ކުޅަދާނަ ނުވާނެކަމަށް އޭނާގެ ވަކީލު އަންގާރަދުވަހު ޖިނާއީ ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލިހުގައި ހާމަކޮށްފިއެވެ.

ދައުލަތުން ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ކުރާ 5 ދައުވާއަކީ ބަދުއަހުލާޤީ އަމަލުހިންގި ކަމުގެ 4 ދައުވާއާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ދައުވާއެކެވެ.

ލޭޑީ އިބްރާހީމް މަނިކުގެ ވަކީލު އަޙްމަދު ޝަފީޤު ވިދާޅުވީ މި 5 މައްސަލައިގެން އެއްފަހަރާ ކުރިއަށްދާން ދަތިވާވާހަކަ މިއަދުވެސް އަދި މިމަހު 3 ވަނަ ދުވަހުވެސް ޖިނާއީ ކޯޓަށް އަންގާފައިވާކަމަށެވެ. އަދި ހުރިހާ މައްސަލައެއް އެކިދުވަސް ތަކަކަށް ބަހާލަން ބޭނުންވަނީ މައްސަލަ ދިރާސާ ކުރުމަށް ވަގުތު ހޯދުމުގެ މަޤްސަދުގައި ކަމަށް ޝަފީޤު ވިދާޅުވިއެވެ. މިގޮތުން މައްސަލަ ދިރާސާކުރުމަށް 7 ދުވަސް ދެއްވައި ކޮންމެ މައްސަލައެއް ހަފްތާއެއްގެ ކޮންމެވެސް އެއްދުވަހެއްގައި ބާއްވައިދިނުމަށް ޤާޟީ އަބްދުﷲ ދީދީގެ އަރިހުން ޝަފީޤު އެދިވަޑައިގަތެވެ. އަދި މައްސަލަތައް އެއްދުވަހެއްގައި ބާއްވައިފިނަމަ މި 5 މައްސަލަ ތައާރަޟުވެދާނެކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ. ޝަފީޤުގެ އެދިލެއްވުމުގެ ދަށުން ޤާޟީވަނީ އަންނަ މަހު 1 ކުން ފަށައިގެން 5 ދައުވާ 5 ދުވަހަށް ބަހާލާފައިވެއެވެ.

ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ކުރެވޭ ފުރަތަމަ ދައުވާއަކީ ކޮރަޕްޝަން މަނާކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ދޫނިދޫ ޖަލުގެ އިސް މީހަކަށް ހުރެ ތަހުޤީޤަށް ބަންދުކުރެވިފައިވާ އަންހެން ކުދިން ދަންވަރު ގޮޅިން ބޭރަށް ނެރެ އެކުދިންނަށް ބޭނުންވަރަކަށް ސިނގިރެޓާއި ދުފުންދީ ބަދުއަހުލާޤީ ވާހަކަ ދައްކާ ހަދާފައިވާކަމަށް ބުނެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ދައުވާއެވެ. އަނެއް 4 ދައުވާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އަސްފާ މޫސާ ދީދީއާއި ކޮންސްޓަބަލް އައިޝަތު ސާދުނާއާއި ކޮންސްޓަބަލް މަރިޔަމް އަރީކާއާއި ކޮންސްޓަބަލް އައިމިނަތު އަމީޒާއާއި ޤަދަކަމުން ބަދުއަހުލަޤީ އަމަލު ހިންގިކަމުގެ ދައުވާތަކެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޖަލުގައި ތިބި އަންހެން ކުދިން ތަކަކަށް ނާޖާއީޒު ފައިދާ ނަގައިދިން މައްސަލަ ލޭޑީ އިބްރާހީމް މަނިކުގެ މައްޗަށް ސާބިތުވެއްޖެނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 މާއްދާއާއި ހަވާލާދީ އެ މާއްދާގެ (ށ)ގެ 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ. އަދި ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގުމުގެ ކުށުގެ 4 ދައުވާގެ ތެރެއިން ދައުވާއެއް ސާބިތުވެއްޖެނަމަ ހެއްކާ ބެހޭ ޤާނޫނުގެ 6 މާއްދާއަށް ރިޢާޔަތްކޮށް ޝާރީޢަތް ކުރުމާއި ބެހޭ ޤަވާއިދު 6ގެ 173 ވަނަ ނަމްބަރުގެ ދަށުން 25 ފަހަރާއި 39 ފަހަރާއި ދެމެދުގެ އަދަދަކުން ތަޢުޒީރުކޮށް 2 އަހަރާއި 5 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

މި 5 ދައުވާ އޭނާގެ މައްޗަށް ސާބިތުވެ އެންމެ ބޮޑު އަދަބު ދޭނަމަ 23 އަހަރަށް ޖަލަށްލައި 156 އެތި ފަހަރުން ތަޢުޒީރުކުރެވޭނެއެވެ.

ޝިފާއުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ 4 މީހަކު ފުލުހުން ހައްޔަރުކޮށްފި

މިމަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވެ ކޯމާއެއްގައި ހަފްތާއެއްވަންދެން އޮތުމަށްފަހު މަރުވި ގ. ތަނބުރުގޭ ޝިފާއު އިސްމާއިލްގެ މަރުގެ މައްސަލާގައި މައްސަލައާއި ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިގިނލި / ވަސްމީރުމާގެ ޢުމުރުން 24 އަހަރުގެ މުޙައްމަދު ވަސީމާއި ހ. ބުރުނު ޢުމުރުން 20 އަހަރުގެ ހުސައިން ނަހުލާން ޢަބްދުލް ޤައްޔޫމާއި ގ. މަސްއޮޑިގެ ޢުމުރުން 25 އަހަރުގެ އިހުސާނުއްދީން ރަޝީދާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު ޢުމުރުން 18 އަހަރުގެ މުސްތަފާ މޫސާއެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު އަނިޔާވި ޝިފާއު މަރުވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މި އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ.

އަނެއްކޮޅުން ފުލުހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މާރާމާރީއެއްގެ 3 މައްސަލައެއްގައި 9 މީހެއްގެ ތަހުގީގު ނިންމުމަށްފަހު ޝަރީއަތަށް ފޮނުވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ 13 ވަނަ ދުވަހު އދ. މާމިގިލީގައި ހިންގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 2 މީހެއްގެ މައްސަލައާއި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ހއ. ހޯރަފުށީ ބަނދަރު ސަރަޙައްދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ 6 މީހެއްގެ މައްސަލަ އެވެ. މީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހެންވޭރު ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގި މައްސަލައެކެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ މައްސަލައިގެ ތަހުޤީޤުމަރުހަލާ ނިންމާ އެޓާރނީ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެއެވެ.

ވަޒީފާގެ ބޯޑުގައި ތިބޭ ފަސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާގޮތަށް އޮތް މާއްދާ އިސްލާހުކުރަން ފާހެއްނުވި

ހުސައިން ޒަބީރު (ހޒމވ)

 ރައްޔިތުންގެ މަޖިލިސް

އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި ވަޒީފާގެ ބޯޑުގައި ތިބޭ ފަސްމެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ގޮތަށް އޮތް މާއްދާ ބަދަލުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން ފޭލިކޮށްލައިފިއެވެ.

     ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރު ހަސަން އަފީފް ތާއީދު ކުރެއްވި މި އިސްލާހަށް ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 32 މެންބަރުންގެ ތެރެއިން 22 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވާ އިރު ވަކިގޮތަކަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. އެހެންކަމުން މިއިސްލާހު  ފާހެއްނުވިއެވެ.

ހަމްޒާ ހުށަހަޅުއްވާ އަފީފް ތާއީދުކުރެއްވި މި އިސްލާހުގައިވަނީ ބޯޑް އެކުލެވިގެންވަނީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެއް މެންބަރާއި ސިވިލް ސަރވިސްއިން އެއް މެންބަރާއި ދިވެހިރާއްޖޭގެ ޗެމްބަރު އޮފް ކޮމާރސް އިންޑަސްޓްރީން ހުށަހަޅުއްވާ އެއް މެންބަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ހުށަހަޅުއްވާ އެއް މެންބަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ހުށަހަޅާ އެއް މެންބަރެވެ. މިއިސްލާހު ފާސްނުވުމުން ބިލުގެ 57 ވަނަ މާއްދާގައި އޮންނާނީ މިހާރުވެސް އޮތް ގޮތަށެވެ. އެއީ "ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެމްބަރުންގެ މައްޗަށެވެ" މިހެންނެވެ.

ވަޒީފާ ބިލަށް ހުށަހެޅި ތާއީދު ލިބިފައިވާ 46 ހުށަހެޅުމުގެ ތެރެއިން މިއަދު ޖަލްސާގައި 34 އިސްލާހަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން މިއަދު ފާސްވެފައިވަނީ މުޅިއެކު 7 އިސްލާހެވެ.

 

މިއަދު ފާސްކުރު އިސްލާހްތައް

     ގދ މެންބަރު އައްބާސް އިބްރާހިމް ހުށަހަޅުއްވާ ދ އަތޮޅު މެންބަރު އަބްދުލް ޣަފޫރު އިބްރާހިމް ތާއީދުކޮށްފައިވާ  ބިލުގެ ދެވަނަ މާއްދާކަމަށްވާ "ހިންގޭނެ ދާއިރާ"ގެ (ހ)ގެ އިސްލާހުގައިވަނީ "އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މިޤާނޫނު ހިންގޭނެއެވެ" މިހެންނެވެ. ކުރިން މިމާއްދާގައި އޮންނަނީ "ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ" ވާހަކައެވެ.

އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ގދ މެންބަރު އައްބާސް އިބްރާހިމް ތާއީދު ކުރައްވާފައިވާ ހަމަ އެމާއްދާގެ (ނ)ގެ އިސްލާހުގައި ވަނީ "ވަޒީފާ އަދާކުރާފަރާތަށް މިޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއްވާނީ، ބާޠިލު މާއްދާއަކަށެވެ" މިހެންނެވެ.

     އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ލ އަތޮޅު މެންބަރު މޫސާ މަނިކު ތާއީދު ކުރައްވާފައިވާ ބިލުގެ ފަސްވަނަ މާއްދާކަމަށްވާ "އަސާސީ އުސޫލުތަކާއި ހިލާފުވުން"ގެ (ށ) ގެ އިސްލާހުގައި ވަނީ "މިބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކުގެ ދަށުން ލިބިދޭ ޙައްޤަކާގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ ޝަކުވާތައް، ޓްރައިބިއުނަލުން އަވަސް ގޮތެއްގައި ބަލަންވާނެއެވެ. މިގޮތުން ޝަކުވާކުރާ ފަރާތާއި ޝަކުވާ ރައްދުވާ ފަރާތުގެ ވާހަކަތައް ހުށަހެޅުމަށާއި އެއަށް ޖަވާބުދިނުމަށް އެކަށީގެންވާ ފުރުޞަތު ދޭންވާނެއެވެ" މިހެންމެވެ.

ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ ހުށަހަޅުއްވާ ގއ މެންބަރު އަބްދުﷲ ޖާބިރު ތާއީދު ކުރައްވާފައިވާ ބިލުގެ 14 ވަނަ މާއްދާކަމަށްވާ "ވަގުތީ މުއްދަތު (ޕްރޮބޭޝަން)"ގެ އިސްލާހުގައި ވަނީ "ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި އެއެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާޠިލުކުރެވިދާނެއެވެ" މިހެންނެވެ. މި މާއްދާގައި ކުރިން އޮންނަނީ ތިންމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް މިފަދަ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެކަމަށެވެ.

     ލ އަތޮޅު މެންބަރު މޫސާ މަނިކު ހުށަހަޅުއްވާ ދ އަތޮޅު މެންބަރު އަހްމަދު ނާޝިދު ތާއީދު ކުރައްވާފައިވާ ބިލުގެ 26 ވަނަ މާއްދާ ކަމަށްވާ "ވަޒީފާ ދޫކޮށްލުން" (ހ)ގެ އިސްލާހުގައި ވަނީ "ވަޒީފާދޭ ފަރާތުން މިޤާނޫނާ ނުވަތަ ވަޒީފާގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރާނަމަ ވަޒީފާއާދާކުރާ ފަރާތުން ވަޒީފާދިން ފަރާތަށް އެކަން ހުށަހެޅުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން ދޭ ނޯޓިސްގައި އެފަދަ ކަންކަން ރަނގަޅުކުރުމަށް ދީފައިވާ މުއްދަތުގައި އެދިފައިވާ ކަންކަން ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ރަނގަޅުނުކޮށްފިނަމަ، ވަޒީފާގެ އެއްބަސްވުމުގައި ވަޒީފާއިން ވަކިވުމުން ދޭންޖެހޭ ނޯޓިސް ދިނުމަށްފަހު، ވަކިވުމުގެ ފުރުސަތު ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވެއެވެ" މިހެންނެވެ. މި މާއްދާގައި ކުރިން އޮންނަނީ "ދާއިމީ ވަޒީފާއެއް ދެމިއޮންނަ މުއްދަތު ގުނަން ފެށޭނީ، ވަޒީފާގެ މަސައްކަތް އަދާކުރަން މުވައްޒަފަކު ފަށާ ދުވަސް ހިމަނައިގެންނެވެ. އަދި އެވަޒީފާއިން ވަކިވާ، ނުވަތަ ވަކިކުރެވޭ ދުވަސް ހިމެނޭ ގޮތަށް، އެ ވަޒީފާގެ މުއްދަތު ދެމި އޮންނާނެއެވެ" މިހެންނެވެ.

     މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު ސަލީމް ތާއީދު ކުރައްވާފައިވާ ބިލުގެ 33 ވަނަ މާއްދާކަމަށްވާ "ދުވާލަކު ޢާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ކަނޑައެޅުން"ގެ އިސްލަހުގައި ވަނީ "އާންމުކޮށް ދުވާލަކު އެންމެ ގިނައިން މަސައްކަތްކުރެވޭނެ ގަޑިތައް ކަނޑައަޅާ ގަވާއިދެއް ހެދުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެންވެއެވެ" މިހެންނެވެ.

އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހަޅުއްވާ ގއ މެންބަރު އަބްދުﷲ ޖާބިރު ތާއީދު ކުރައްވާފައިވާ ބިލުގެ 57 ވަނަ މާއްދާކަމަށްވާ "ބޯޑު އެކުލެވިގެންވާ ގޮތް" މީގެ (ށ)ގެ އިސްލާހުގައިވަނީ "ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރަންވާނީ، ބޯޑުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މީހުންނެވެ" މިހެންނެވެ. މި ހުށަހެޅުމުގައި ކުރިން އޮތީ "ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރަންވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތާއި ވަޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި ޤާބިލުކަން ހުރި މީހުންނެވެ" މިހެންނެވެ.

މިއަދުގެ ޖަލްސާގައި، މިބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވުމުގެ ކުރިން، ކޮޅުމަޑުލު މެންބަރު މުޙަންމަދު ޝަރީފް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މައުރޫފް ޖަމީލ ކުރައްވާ ސުވާލުކުރެއްވުން އޮތެވެ. މިސުވާލަށް ވަޒީރު ދެއްވި ޖަވާބާ ގުޅިގެން، އިތުރު ސުވާލު ކުރެއްވުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި، 9 މެންބަރަކު 11 ސުވާލު ކުރެއްވިއެވެ.

     ހުސްވަގުތުކޮޅުގެ ކުރިން، 38 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 37 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަޙްމަދު ޒާހިރެވެ.

ގަލްފް ކްރާފްޓުގެ ޔާޑުން، އަކުވާސަންގެ ޔޮޓު ނެރެދިނުމުގެ މައްސަލަ

 ގަލްފް ކްރާފްޓުން ޔޮޓު ނުނެރިވިގެން އުޅެނީ ފުލުހުން ގަވައިދެއް އިސްލާހުކުރާތީ ކަމަށް ބުނެފި

 

މުހައްމަދު އަޝްރަފް

އަކުވާ ސަން ޕްރައިވެޓް ލިމިޓެޑްގެ ޔޮޓެއް ކަމުގައިވާ "ޑްރީމް ވޮޔެޖަރ" ގަލްފް ކުރާފްޓުން ބާލައި، އަކުއާސަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް މަދަނީ ކޯޓުން ނެރިފައިވާ އަމުރު ފުލުހުންނަށް ތަންފީޒް ނުކުރެވިގެން އުޅެނީ ގަވައިދެއް ހަދާތީ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އަކުވާސަންގެ ވަކީލު ވިދާޅުވެއްޖެއެވެ.

މިމައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައިވަނިކޮށް ދައުވާ ކުރާ ފަރާތަށް އިތުރު ސުވާލުތަކެއް ކުރުމަށް މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަކުވާސަންގެ ވަކީލު ވިދާޅުވީ ގަލްފް ކުރާފްޓަށް އެހެލާފައިވާ އަކުވާސަންގެ ޔޮޓް އަދިވެސް ބާލައިދީފައިނުވާ ކަމަށެވެ. އަދި ޔޮޓް ބާލައިދިނުމަށް ކޯޓު އަމުރެއް ނެރިފައިވީނަމަވެސް ޔޮޓް ނުބޭލިގެން އުޅެނީ ފުލުހުން ގަވައިދެއް ހަދާތީ ކަމަށް މިކަމާ ގުޅިގެން ފުލުސް އޮފީހަށް ސިޓީއެއް ފޮނުއްވުމުން ޖަވާބުދީފައިވާ ކަމަށެވެ.

އަކުވާ ސަނުން ބުނަމުންދަނީ "ޑްރީމް ވޮޔެޖަރ" އެހެލުމަށް ގަލްފު ކުރާފްޓުން އެއްބަސްވެ އުޅަނދު އެހެލުމަށްފަހު އެއުޅަނދު މަރާމާތުކޮށް ނިމެމުން ދަނިކޮށް އެކުންފުނިން ދެއްވި ކޯޓޭޝަނާ ޚިލާފަށް މާބޮޑު އިންވޮއިސްއެއް ފޮނުވައި ދެފަރާތުގެ ދެމެދުގައި 06 ޑިސެމްބަރ 2006ގައި އެއްބަސްވުމުގެ ދަށުން ގަލްފް ކްރާފްޓުން ފޮނުވި ކޯޓޭޝަނަށް ނޫންގޮތަކަށް ފައިސާ ނުދެއްކޭނެކަމަށް އަކުވާ ސަނުން ބުނުމުން ޔޮޓްބަލާނުދީ ހިފަހައްޓާފައި އޮތް އޮތުމަކީ އަކުއާސަންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ގާޒީ ވިދާޅުވީ ޔޮޓް ބޭލުމުގެ ކަންތައް އޮތީ ކިހިނެއްތޯ ބެލުމަށް ކޯޓުންވެސް ފުލުސް އޮފީހަށް ދެ ފަހަރު ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. ފުރަތަމަ ފޮނުވި ސިޓީގެ ޖަވާބުގައި ފުލުސް އޮފީހުން ބުނެފައިވަނީ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައަށް ގޮތެއް ނުނިމޭތީ ޔޮޓް ނުބޭލިގެން އުޅެނީ ކަމަށާއި ނަމަވެސް ފަހުން މަދަނީ ކޯޓުން ފޮނުވި ސިޓީއަށް ފުލުހުސް އޮފީހުން ޖަވާބެއް ލިބިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަކުވާ ސަންގެ ވަކީލު ވިދާޅުވީ ފުލުހުން ގަވައިދެއް އިސްލާހުކުރާތީ ޔޮޓް ނުބޭލިގެން އުޅޭ ވާހަކައަކީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އަމަލު ކުރުވޭ އުސޫލުތަކެއްވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އިތުރު ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ ޝަރީއަތުން އަކުވާ ސަނާ ބައެއް ސުވާލު ކޮށްލަން ބޭނުންވާތީ ކަމަށެވެ. އެގޮތުން ގާޒީ އަކުވާ ސަނާ ސުވާލުކުރެއްވީ އަކުވާ ސަންގެ ޔޮޓު އެހަލާ ބާލައި ދިނުމަށް ގަލްފް ކުރާފްޓުން ފޮނުވި 1082 ނަންބަރު ކޯޓޭޝަނުގައިވާ ފައިސާގެ ތަފްސީލެއް ޝަރީއަތައް ހުށަހަޅުއްވާފައިނުވާތީ އެފައިސާގެ ތަފްސީލަކީ ކޮބާތޯ އާއި ގަލްފް ކުރާފްޓުން އަކުވާސަންގެ ޔޮޓް ބާލައިނުދީ ހިފަހައްޓާ ހިފެހެއްޓުމަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އަކުވާ ސަނުން އެދިފައިވާ ކަމަށާއި ނަމަވެސް އެގެއްލުމުގެ ތަފްސީލު ހުށަހަޅުއްވާފައިނުވާ ކަމަށެވެ.  

އަކުވާ ސަންގެ ވަކީލު ވިދާޅުވީ މާދަމާވެސް މިމައުލޫމާތު އެރުވިދާނެ ކަމަށެވެ. މިމައްސަލަ މިއަދު ނިންމާލެއްވީ އަކުވާ ސަނަން މިމައުލޫމާތު ހުށަހެޅުއްވުމަށް ފުރުސަތެއް ދެއްވުމަށް ފަހުގައެވެ.  

މިއުޅަނދު އެހެލާ ބާލައި ދިނުމަށް ގަލްފް ކްރާފްޓްގެ ފަރާތުން 06 ޑިސެމްބަރ 2006 ދުވަހު ދީފައިވާ ކޯޓޭޝަންގައި ވާގޮތުގެ މަތިން ގަލްފް ކްރާފްޓަށް ދައްކަންޖެހޭ ކަމަށް އަކުއާސަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގަބޫލު ކޮށްފައިވަނީ 43910.50 US$ (ސާޅީސް ތިންހާސް ނުވަސަތޭކަ ދިހަ ޑޮލަރ ފަންސާސް ސެންޓް) އެވެ. މިފައިސާ 5 ދުވަހުގެ ތެރޭގައި ދެއްކުމުން މިޔޮޓް ބާލައި، އަކުއާސަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ކޯޓު އަމުރެއްވެސް ނެރިފައިވެއެވެ.

އަނެއްކޮޅުން ގަލްފް ކުރާފްޓުންވަނީ ކޯޓު އަމުރުގެ މައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ހައިކޯޓުން މިމައްސަލާގައި އަދި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ރައްޔިތުން ހޭލުންތެރިކުރުމުގެ އެއް އަހަރު ދުވަހުގެ މީޑިޔާ ކެމްޕޭނެއް މަދަނީ ޖަމިއްޔާތަކުން ފަށަނީ

ގައްމާޒު

ދިވެހި ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ އިޖްތިމާއީ، އިޤްތިސާދީ އަދި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެއް އަހަރު ދުވަހުގެ މީޑިޔާ ކެމްޕޭނެއް ފެށުމަށް ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބައެއް އަމިއްލަ ޖަމިއްޔާތަކުން މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލބިއްޖެއެވެ.

ހަބަރު ލިބިފައިވާ ގޮތުގައި މިކެމްޕޭން ފެށުމުގެ ގޮތުން ރާއްޖޭގައި ނިކުންނަ ނޫސް މަޖައްލާތަކުގައި ފާއިތުވި ހަތަރު އަހަރެއްހާ ދުވަހު ޝާއިއުކޮށްފައިވާ ރާއްޖޭގައި ހިނގާ މުހިއްމު ހާދިސާތަކާއި މައްސަލަތައް ދައްކުވައިދޭ މައުރުޒެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިމައުރުޒުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް އައިސްފައިވާ ބަދަލުތައް ނޫސްތަކުން އާއްމުކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު ދައްކުވައިދޭނެކަމަށާއި އަދުގެ ރާއްޖެއށް ކުރިމަތިވަމުން އަންނަ ރަގަޅު އަދި ނުރަގަޅު ކަންތައްވެސް ދައްކުވައިދިނުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ. އަދި މައުރުޒު ފެށުމުގެ ގޮތުން ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް އާއްމުކޮށް ހުޅުވާލާފައިވާ ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ކެމްޕޭނުގައި ބައިވެރިވާ ޖަމިއްޔާތައް އަދި އިއުލާންކޮށްފައެއް ނުވެއެވެ. އަދި މިކެމްޕޭން ފަށާތާރީހެއްވެސް އާއްމުކޮށްފައެއް ނުވެއެވެ.

 

ހޯރަފުށީ ކޯޓުގެ ކުރީގެ ސީނިއަރ ކުލާކް ޖަސްޓިސް އާ ދެކޮޅަށް ދައުވާ ކުރާ މައްސަލަ

ދައުވާކޮށްފައިވަނީ ސަރުކާރު ބަދުނާމު ކުރާކަށް ނޫން، ގެއްލިފައިވާ ހައްގު ހޯދުމަށް - ޒުނޭރާ

މުހައްމަދު އަޝްރަފް

ހއ ހޯރަފުށީ ކޯޓުގެ ސީނިއަރ ކްލާކެއްގެ ވަޒީފާގައި ހުރި އެރަށު އަސްރަފީގޭ ޒުނޭރާ މުހައްމަދު ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޖަސްޓިސް މިނިސްޓްރީއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ސަރުކާރު ބަދުނާމު ކުރަން ނޫން ކަމަށާއި މިދައުވާ ކޮށްފައިވަނީ ގެއްލިފައިވާ ހައްގު ހޯދުމަށް ކަމަށް ޒުނޭރާ އަންގާރަދުވަހު ބުނެފިއެވެ.

މަދަނީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ހއ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާގައި 9 އަހަރު ހޭދަކޮށްފައިވާ ޒުނޭރާ ބުނީ 14 އޮކްޓޫބަރު 2002 ގައި އޭނާ ވަޒީފާއިން ވަކިކުރިތާ ހަފްތާއެއްގެ ތެރޭގައި ވަޒީފާއިން ވަކިކުރި ސަބަބު ހޯދުމަށް މަސައްކަތް ފެށި ކަމަށާއި އެގޮތުން ރައީސް އޮފީހަށާއި ޖަސްޓިސް މިނިސްޓްރީއަށާއި ދިވެހި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ތާކުން ކުރިއެރުމެއް ނުލިބުމުން ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ބުންޏެވެ.

ޒުނޭރާ ބުނީ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާއިން ސީނިއަރ ކުލާކެއްގެ ވަޒީފާއަށް ބަދަލުވެފައި ހުއްޓައި ނުހައްގުން އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ ހޯރަފުށީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުﷲ ރަޝީދުގެ ހަމައެކަނި ބަހަށް ބެލުމަށްފަހުގަ ކަމަށެވެ. ކުރީ ދުވަހުގެ ޝަރީއަތުގައި ޒުނޭރާ ބުނީ އޭނާ ވަޒީފާއިން ވަކިކުރުމަށްޓަކައި ތަފާތު އިންޒާރުތައް ދީފައިވަނީ އަބްދުﷲ ރަޝީދު ކޯޓުގެ ފައިސާތަކަކަށް ހިޔާނަތްތެރިވެވަޑައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ބޯޑަށް އޭނާ ހުށަހެޅުމާ ގުޅިގެން ކަމަށެވެ. އަދި ސަރުކާރުން ނުހައްގުން ކޮށްފައިވާ އަމަލެއްގެ ސަބަބުން އޭނާގެ ގެއްލިފައިވާ ހައްގު ޝަރީއަތުން ލިބިދެއްވުމަށްވެސް މިއަދު ޒުނޭރާ ގޮވާލިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ޒުނޭރާ ބުނީ ސަރުކާރު އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

ނަމަވެސް މިދައުވާއަށް ޖަވާބު ދެއްވަމުން އެދުވަހު ދައުލަތުގެ ވަކީލާ ވިދާޅުވީ ޒުނޭރާ ވަޒީފާއިން ވަކިކުރައްވާފައިވަނީ އޭނާގެ އަމަލުތައް ރަނގަޅު ކުރުމަށް ނަސޭހަތްދީ އެ ނަސޭހަތްތައް ގަބޫލުނުކޮށް އޭނާގެ އުޅުން ރަނގަޅުކޮށްފައިނުވާތީ ކަމަށެވެ. ދައުލަތުން ވިދާޅުވީ ތަނުގެ މަސްލަހަތު ގެއްލޭ ގޮތަށް ޒުނޭރާ އަމަލުކޮށްފައިވާތީ ލިޔެކިޔުމުން އޭނާއަށް އެތައް އިންޒާރެއް ދެވިފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިންޒާރުދެވި ސަރުކާރު މުވައްޒަފުންނާ ބެހޭ ގަވއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ. 

ނަމަވެސް ޒުނޭރާ މިއަދު ބުނީ އޭނާއަށް ނަސޭހަތާއި އިންޒާރު ދިނީ އެއިންޒާރުގައިވާ އެއްވެސް ކަމެއް އޭނާ ކޮށްގެން ނޫން ކަމަށެވެ. އަދި އޮފީހުގެ މަސްލަހަތު ގެއްލޭ ގޮތަށް އޭނާ ކުރީ ކޮންކަމެއްތޯ އާއި މެޖިސްޓްރޭޓުންނަށް ދަތިވާގޮތަށް އޭނާ ކުރީ ކޮންކަމެއްތޯ ޒުނޭރާ ސުވާލު ކުރިއެވެ.

ދައުލަތުން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ޖަވާބެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެދުވަހުން ދައުލަތުން ހުށަހަޅުއްވަން ބޭނުންވާ ހެކީންވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ހެކީން ހުށަހަޅުއްވަނީ ކޮންކަމަކާ ގުޅިގެންތޯ ޒުނޭރާ ސުވާލު ކުރުމުން ގާޒީ ވިދާޅުވީ ދައުލަތުން ހެކީން ހުށަހަޅުއްވާ ދުވަހު އެ ތަފްސީލުވެސް ވިދާޅުވެދެއްވާނެ ކަމަށެވެ.

ޒުނޭރާ ވިދާޅުވީ މިޝަރީއަތަށް ނުފޫޒް ފޯރުވުމުގެ ގޮތުން ދައުލަތަށް އެއްވެސް ވާހަކައެއް ވިދާޅު ނުވެވޭނެ ކަމަށެވެ.

ގާޒީ ވިދާޅުވީ މިޝަރީއަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި މައްސަލައާ ގުޅޭ ގޮތުން ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ދައުލަތަށްވެސް ލިބިގެންވާ ކަމަށެވެ.  


 

ގެދޮރު އެޅުމަށްދަތިވެފައިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުސަތު ބުދަދުވަހު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ

ބޯހިޔާވަހިކަން ހޯދުމަށް މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުސަތު ބުދަދުވަހު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރ އިބްރާހިމް ރަފީގް ވިދާޅުވެއްޖއެވެ. 

     ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރަފީގް ވިދާޅުވީ މިއަހަރުގެ ލޯންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ސްކީމަކަށް ބަހާލައިގެން ކަމުގައެއެވެ. ފުރަތަމަ ސްކީމަކީ އަތޮޅުތަކުގައި ދިރިއުޅޭ ބޯހިޔާވެހިކަމުގެ ދަތިތައްހުރި ފަރާތްތަކަށް 2 ލައްކަ ރުފިޔާގެ ރޭޓުން ދެއްވާ ލޯނެވެ. ދެވަނަ ސްކީމް އަމާޒު ކުރެވިފައިވަނީ މާލޭ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ. ދެވަނަ ސްކީމުގައި ދެއްވަން ހަމަޖެހިފައިވަނީ ކޮންމެ ފަރާތަކަށް އެންމެ ގިނަވެގެން 3 ލައްކަ ރުފިޔާގެ ލޯނެވެ. ތިންވަނަ ސްކީމަކީ މިއަހަރުން ފެށިގެން ސަރުކާރުން ސޯޝަލް ހައުސިންގ ގެ ގޮތުގައި ދޫކުރާ ފްލެޓަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ދެއްކުމަށް ދޫކުރާ ލޯން ސްކީމެވެ. މި ސްކީމަށް އެންމެ ގިނަވެގެން ދޫކުރަނީ ފަރާތަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާކަމަށްވެއެވެ.

     ހިޔާވަހިކަން ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި 100 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

     ރަފީގު ވިދާޅުވި ގޮތުގައި ލޯން ދޫކުރާނީ ލޯނަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ލޯނެއްގެ ބޭނުންޖެހިފައިވާ ފަރާތްތަކަށެވެ.

     މިގޮތަށް ދޫކުރާ ލޯން އަނބުރާ ދައްކަން ޖެހެނީ 20 އަހަރުގެ ތެރޭގައި 5 އިންސައްތަ އިންޓަރެސްޓަކާއި އެކުއެވެ.

ހަދާ ގާނޫނަކުން، ގަވާއިދަކުން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ

އަމްރު މޫސާ

 

ރާއްޖޭގައި މުސްތަގިއްލު އިންސާފުވެރި އިންތިޚާބުތައް ނުބޭއްވެނީ އެކަމާބެހޭ ގާނޫނުތައް ނެތިގެން ހެއްޔެވެ؟ މިހެން މިދެންނެވީ، ރާއްޖޭގައި ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލު ރިޔާސީ އިންތިޚާބެއް ބޭއްވުމަށްޓަކައި ގާނޫނުތަކެއް ހަދައި، އެގާނޫނުތައް ނިންމަން އުޅޭކަމަށް، އަތްގަދަކޮށްގެން އުޅޭ ޑީއާރޕީން ބުނާތީއެވެ. ވޭތުވެދިޔަ 30 އަހަރު ރާއްޖޭގައި ބޭއްވި އިންތިޚާބުތަކަށް ބާރާއި ނުފޫޒާއި ފައިސާ ބޭނުންކޮށްފައިވަނީ 17 އަހަރު ހެދި ގާނޫނު އަސާސީގައިވެސް، އަދި އޭގެ ކުރީ އަސާސީގައިވެސް މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ލިބިދީފައިވަނިކޮށެވެ. މިފަހަރު ގާނޫނަކުން މިކަން ފުއްދާލެވޭކަށް ނެތެވެ. އިންތިޚާބުތަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ އާދަ، ކަށީގައި ހިފާފައިވާ ސަރުކާރުގެ ބާރު ކަނޑުވާލުމުން މެނުވީ، މިފަދަ އަދުލުވެރި އިންތިޚާބެއް ނުބޭއްވޭނެކަމީ ދުވާލުކަށަވަރު ވާ ފަދައިން ޔަގީންވާ ކަމެކެވެ. ބަހާ އަމަލު ދުވަހަކުވެސް ދިމާވެފައިނުވާ ސަރުކާރަކުން، ކިތަންމެ ވަރަކަށް ބުންޏަސް ރައްޔިތުން ތިބީ ކުރީގެ ގޮތުގެ މަތިން، އެކަން ކުރާ ގޮތަކަށް ނޫނެވެ. މިފަދަ، ކަންކަން ގާނޫނާ ޚިލާފަށް، ކުރާ ފަރާތަކީ ޚުދު ސަރުކާރުގެ އިސްފަރާތްތަކާ ރައީސް މައުމޫނު ގުޅިގެން ކަމަށް ވީހިނދު، ގާނޫނު އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެތޯއެވެ. ފިޔަވަޅު އަޅަނީވެސް ސަރުކާރުންނެވެ. ނާޅާނީވެސް ސަރުކާރުންނެވެ. އެބާރުވެސް އޮތީ ހަމަ އެފަރާތުގައެވެ. ރާއްޖޭގެ ގާނޫނާ ގަވާއިދުތަކަށް، ހުރުމަތެއް ނުބަހައްޓާ މައުމޫނު ގަދަބާރުން ވެރިކަން ކުރުމަށްޓަކައި ކުރި ވޯޓުގެ ވައްކަން ޝަރީއަތަށް ސާބިތުކުރެވެން އޮތަސް، ސަރުކާރުގެ ބާރުގެ ދަށުގައި އޮތް، އަދުލު އިންސާފުގެ ބާރު އެކަން ކުރަން އެއްބަހެއް ނުވާނެއެވެ. އެފަދަ ވާހަކަ ދައްކާ މީހުންނާމެދު އަޅަނީ އަނިޔާވެރި ފިޔަވަޅެވެ. ސަރުކާރުން މާނަކުރަނީ ސަރުކާރު ބަދުނާމު ކުރާ ކަމަށެވެ. ފަސާދަކުރާ ކަމަށެވެ. މިފަދަ މީހުން ޖަލަށްލާ ދީފައި ހުރި އަނިޔާތަކުގެ ރަހަ އެމީހުންގެ ކަރުބުޑުން އަދިވެސް ނުފިލައެވެ. ކޮންމެ ގާނޫނެއް ހެއްޖަސް، ވޯޓު އޮޅުވާލުމަށް އެ ގާނޫނު މަނާކުރާކަން ލިޔުމުން ފެންނަކަން ފިޔަވައި ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އިޚްލާސްތެރި ސަރުކާރެއް ނޫންކަމުންނާ ވޭތުވެ ދިޔަ މާޒީއިން ލިބިފައިވާ އިބުރަތާ ކުރެވިފައިވާ ހިތި ތަޖްރިބާތަކުގެ އަލީގައި، އިންތިގާލީ ސަރުކާރެއް އުފަން ނުވެއްޖެނަމަ، މިފަހަރު ވޯޓުލުން ރާއްޖޭގައި، ބޭއްވިދާނެކަމާމެދު ޝައްކެވެ. ބޭނުމީ، ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައް ހިގައި ގައުމީ މަސްލަހަތު ގެއްލި ލޭއޮހޮރުވުންތޯއެވެ؟ ނޫނީ، މައުމޫނުގެ ވެރިކަން އެއްފަރާތުގައި ބާއްވައި، ނުފޫޒުން ރައްކާތެރިކުރެވިފައިވާ، ސަރުކާރެއްގެ ދަށުން މިނިވަން އިންތިޚާބެއް ބޭއްވުން ތޯއެވެ؟

މައުމޫނުގެ ވެރިކަން ދިފާއުކުރެވިދާނެކަމަށް ހީކޮށްގެން ތިއްބާ، މައުމޫނު ފޭލިވެއްޖެނަމަ ދެންވާނީ ކިހިނެއް ބާވެއެވެ. މައުމޫނާ އެއްކޮޅަށް ނުކުންނާނީ ފުލުހުންނެވެ. ދެކޮޅަށް ނުކުންނާނީ ރައްޔިތުންނެވެ. ވާގޮތެއް އެގިދާނެތާއެވެ. އަމިއްލަ މަސްލަހަތާ ގައުމުގެ މަސްލަހަތު އިސްކުރާނީ ކޮންބައެއްކަންވެސް ހާމަވެގެންދާނެއެވެ. ދެރަކަމަކީ ގާނޫނާ ޚިލާފަށް، ޑީއާރޕީން ރިޔާސީ އިންތިޚާބަށް ވާދަކުރުމެވެ. ރައްޔިތުން ނުވެސް ދެނެތިއްބާ ވެރިކަން ކުރާ ޕާޓީއޭ ކިޔައިގެން ރައްޔިތުންގެ ސަރުކާރު ވަގަށް ނަގާ ޑީއާރޕީގެ ސަރުކާރަކަށް ހަދައިގެން އުޅޭކަމެވެ. ސަރުކާރުގެ މުއައްޒަފުން ސިވިލް ސާވިސް ދަށަށް ދިޔައީމާ، ޑީއާރޕީގައި ދެން ތިބޭނީ ކޮންބައެއް ބާވެއެވެ. ބަންގާޅީން ބާވެއެވެ. މިހެން ވެއްޖެނަމަ ހާދަ ފައްކާވާނެތާއެވެ. މުސްކުޅިން ބުނާހެއް ނުވެޔެއް އަދިއެއް ނުދެއެވެ. އަމިއްލައަށް ފޭއްސާ އިލޮށިގަޑު އަމިއްލަ ލޮލަށް ހެރި، ބޮލާފޮށާ އެޅި، ރައްޔިތުންގެ ކުރިމަތީގައި އަގާއި ގަދަރު ގެއްލި، ފުރައްސާރައާއި މަލާމާތް ރައްދުވާ ބަޔަކަށް މިބައިގަޑު ވާނެކަމީ ޝައްކުކުރަންވީ ކަމެއް ނޫނެވެ. މިހެން ނުވެ ސަލާމަތްވާނެ ގޮތްގޮތްވެސް އެބަހުއްޓެވެ. ވިސްނުމުގެ ބޭނުން ހިފިއްޖެނަމައެވެ. ރައްޔިތުންނާ ދެކޮޅުވެގެން ބާރުގެ ދައުވާ ކުރުމަކުން ކުރާނެ މަންފާ ހުސްވެއްޖެއެވެ. ވަގުތުވެސް ދަނީ ފާއިތުވަމުންނެވެ.

ރައީސް މައުމޫނަށް ދަ ވޯލްޑް އިޒް ނޮޓް އިނަފް

އަބްދުއްރަޝީދު

(ރިޔާސީ 2008 ވެބްސައިޓުން ނަގާފައި)

 

ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ މިތާގައި އުޅުއްވަނީ ވަރަށް އުފަލާއި މަޖަލުގައެވެ. ބޭނުންއެއްޗެއް ކައި އަދި ބޭނުންއެއްޗެއް ބޮއި ހެދުމުގެ އިތުރުން ބޭނުންވިކަމެއް ކުރެވޭގޮތަށް ދިވެހިން ވަނީ އެމަނިކުފާނުގެ ކަންތައްތައް ހަމަޖައްސައިދީފައެވެ. ރައީސް މައުމޫނުގެ ހަރަދުތަކަކީ ވަރަށް ބޮޑުއެއްޗެކެވެ. މިހާރުވެސް އެފެންނަނީ އިރުއިރުކޮޅާ ފުރަފުރައިގެންދާތަނެވެ. މިއިން ކޮންމެ ވަގުތަކު ހޭދަ ކުރައްވަނީ ދިވެހި  މިނިކަމެތި ރައްޔިތުންގެ ފައިސާއެވެ. ދިވެހިންގެ ތެރޭގައި މިއަދުވެސް އެތައް ބަޔަކީ ވަގުތީ ހިޔާގައި ދިރިއުޅެމުން އަންނަ ބައެކެވެ. ސުނާމީގައި ހާލުގައި ޖެހުނު ރައްޔިތުންނެވެ. އަދި އެއްފަސް ކުރުމުގެ ނަމުގައި އެއްތަނުން އަނެއްތަނަށް ރައްޔިތުން ބަދަލުކުރާއިރު ބައެއްފަރާތްތައް ވަނީ މުޅިދިރިއުޅުން އެފުށް މިފުށައްޖެހިފައެވެ. މިހެން މިކަން މިގޮތަށް އޮންނައިރުވެސް ރައީސް މައުމޫނު ބޭސްފަރުވާ ކުރެއްވުމަށް އިރުއިރުކޮޅާ އެވަޑައިގަންނަވަނީ ސިންގަޕޫރަށެވެ. ނުވަތަ ޗުއްޓީ ހައްދަވަން ކޮންމެވެސް ގައުމަކަށެވެ.

މިހުރިހާ ކަމެއް މިހެން އޮތުމާއިއެކުވެސް ދިވެހިން ގަބޫލުކުރާ ހަމަތަކެއް ހުރެއެވެ. އެއީ ދިވެހި ގައުމުގެ ރައީސަކީ އިއްޒަތުގައި އުޅޭބޭފުޅަކަށްވުމެވެ. އެހެންނަމަވެސް އެއީ އިސްރާފަށްވެއްޖެނަމަ އެއީ ހިތާމަހުރިކަމެކެވެ. ރައީސް މައުމޫނުގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ގައުމުގެ ހަޒާނާއަކީ އެބޭފުޅުންގެ ހައްގެކެވެ. އުޅުއްވަނީ އިރާގުގެ ސައްދާމާއި އެބޭފުޅާގެ ދެފިރިހެން ދަރިން އުޅުއްވި ގޮތަށެވެ. ރައީސް މައުމޫނުގެ ދެފިރިހެން ދަރިންނަކީވެސް ސައްދާމުގެ ދެފިރިހެން ދަރިންނާއި ވަރަށް އުޅުން އެއްގޮތް ދެބޭފުޅުންނެވެ. ދިވެހިރާއްޖޭގެ ރައީސް މައުމޫނުގެ ފާރިޝް އާއި ޣައްސާނަކީ ސައްދާމުގެ އުދޭ އާއި ގުސޭފަދަ އުޅުމަކަށް ލޯބިކުރާ ދެބެއިންނެވެ. ދިވެހި އުދޭ އާއި ގުސޭގެ އުޅުމުގައިވެސް ކަޅަލަފަދަ ވެބްސައިޓްތައް ހިންގުމާއި މީސް މީހުންގެ އަބުރާއި ކަރާމާތައް އަރައިގަތުމާއި، މީސް މީހުންނަށް ބިރު ދެއްކުމާއި، ހިތްހަމަޖެއްސުމަށް ދުންޔަވީގޮތުން ހޯއްދެވެން އޮތް ހުރިހާ އުފަލެއް ހޯއްދެވުން ހިމެނެއެވެ.

ފާރިޝް އާއި ޣައްސާނަކީ ވަރަށް އާދަޔާ ޚިލާފަށް ގޭންގްތައްވެސް ގެންގުޅުއްވާ ދެބޭފުޅުންނެވެ. މިދެބެއިން ބޭނުން ގޮތަކަށް ބައިތުލްމާލުން ހަރަދު ކުރެވެއެވެ. ބޭނުންވި ކޮންމެ އެއްޗެއް ހޯއްދަވަން ޖެހެއެވެ. ހީވަނީ ބުރުނައީގެ ރަސްގެފާނުގެ އާއިލާހެންނެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ ރައީސް ގެ ރަސްމީ އަގުބޮޑު ލޯންޗް ކޮޅެވެ. މިލޯންޗުގެ ހަގީގަތަކީ މިއީ ފާރިސް އާއި ޣައްސާނު ޖޭމުސް ބޮންޑު ފިލްމެއްކަމަށްވާ "THE WORLD IS NOT ENOUGH" މިފިލްމު ބެލުމަށްފަހު އެފިލްމުގައި ޖޭމްސް ބޮންޑް ބޭނުންކުރި ލޯންޗް ކަމުގޮސްގެން ހަމަ އެގަތަށް ލޯންޗެއް ހައްދަވަން ބޭނުން ފުޅުވުމެވެ. ހަބަރު ލިބޭގޮތުގައި ޖޭމްސް ބޮންޑް އެފިލްމުގައި ބޭނުންކުރި ލޯންޗް ޑިޒައިންކޮށް އުފެއްދި ފަރާތް ހޯއްދަވައި އެންމެފަހުން ހަމައެގޮތަށް ޖޭމްސް ބޮންޑް ފިލްމުގައި ބޭނުން ކުރިކަހަލަ ލޯންޗެއް ހޯއްދެވީއެވެ. މިއީ ދިވެހިންނަށް ނޭގިހުރި ހަގީގަތްތަކެވެ. މިހިރީ ދިވެހި ގައުމުގެ ހަޒާނާ ހުސްވާގޮތެވެ. މިއީ މިއަދު ގިނަ ދިވެހިން ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހުމުގެ ހަގީގީ ސަބަބެވެ. މިއީ މިއަދު މިތަނުގައި ބޯހިޔާވަހިކަން ހަމަނުޖެއްސިގެން އުޅޭ ސަބަބެވެ. ދިވެހިންގެ މިގައުމު މިފަދަ އިސްރާފާއި މަޖަލަށް ލޯބިކުރައްވާ ވެރިއެއްގެ ކިބައިން ސަލާމަތް ކުރުމަށް އަންނަ ރިއާސީ އިންތިހާބުގެ ބޭނުން ހިފަމާތޯއެވެ.

މަޖިލިހުގެ ތަޅުމުގައި ބަންޑުންވެގެން ދިޔަ އިންތިގާލީ އުދާސް

(ތިރީގައި މިވަނީ 20 އޭޕްރިލް 2008 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 268 ވަނަ ޖަލްސާގައި ބައެއް މެމްބަރުން ދެއްކެވި ވާހަކައެވެ. މި ވާހަކަތައް ނަގާފައިވަނީ އެ މަޖިލީހުގެ ޔައުމިއްޔާއިންނެވެ.)

 

(21 ވަނަ ދުވަހުގެ މިނިވަން ނޫހާ ގުޅޭ)

ނިޒާމާބެހޭ ނުކުތާ: ކޮޅުމަޑުލު މެންބަރު ޙުސައިން ރަޝީދު ޙަސަން ވާހަކަދެއްކެވުން:

`އާދެ، އަޅުގަނޑު އެއްޗެއް ދަންނަވަން ބޭނުންވަނީ މިދިޔަ ބަންދުތެރޭގައި، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ނުރަސްމީ ބައްދަލުވުމެއްގެ ސިފާގައި ނަމަވެސް މިކަމަށް އިޞްލާޙު ހުށަހަޅުއްވާފައި އޮތް މެންބަރުން ބައްދަލުކުރެއްވުމަށްފަހު، އޭގެ ނަތީޖާއެއްގެ ގޮތުން މުލަކަތޮޅު ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދު އޭނަ ހުށަހަޅުއްވާފައިވާ 32 ވަނަ ހުށަހެޅުމަށް ގެންނެވި ބަދަލާބެހޭގޮތުން އެއްޗެއް ދަންނަވާލަން. އާދެ، އަނީސާ އަޙްމަދު ހުށަހެޅުއްވި 32 ވަނަ އިޞްލާޙު ހުށަހެޅުއްވުން. އޭގައި ކުރިން އޮތްގޮތާ ޚިލާފަށް މިހާރު ބަދަލުތަކެއް ގެންނަވާފައި އެބަހުރި. ނަމަވެސް ގެންނެވި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑު ކަންބޮޑުވާ ކަންތައްތަކެއް އެބަކުރިމަތިވޭ. އެވާހަކަ ދަންނަވާލުމަށް މިފުރުޞަތުގެ ބޭނުން ތިޔަ ޢިއްޒަތްތެރި މެންބަރުންނާ މަޖިލީހުގެ ރައީސްގެ އިޒުނައާއެކު ދަންނަވާލަން، ވަރަށް ކުރުކޮށް އަޅުގަނޑު ދަންނަވާލާނަން. އާދެ، ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވަން ބޭނުންވަނީ އެމާއްދާގެ (ށ) އާބެހޭގޮތުން. މީގައި މިބުނަނީ، މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކޮށް އެމީހަކު މަޤާމާއި ޙަވާލުވަންދެން މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއޭ. މީގައި މިފާހަގަކުރަން މިޖެހެނީ އިންތިޚާބު ބާއްވާ، ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށް އޭނަ މަޤާމާއި ޙަވާލުވަންދެން މިހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް ދެމިއޮންނަކަން. އޭގެ މާނައަކީ ޤާނޫނުއަސާސީ އިޞްލާޙުކޮށް ނޫނިއްޔާ އެއަށް ޢަމަލުކުރަން ފެށުމާއެއްކޮށް ވަޒީރުންގެ މަޖިލިސް ބަދަލުކުރަން ނުޖެހޭކަން މިއޮތްގޮތުން. އެއީ ދެމިއޮންނަންޏާ. ދެން އޭގެއިތުރަށް މިއޮންނަނީ މިމުއްދަތުގެ ތެރޭގައިވެސް ވަޒީރުންގެ މަޖިލީހަށް އިތުރު ބަދަލު ގެނެވިދާނޭ. ތިބޭފުޅުންގެ ސަމާލުކަމަށް އަޅުގަނޑު މިވާހަކަ ދަންނަވާލާފައި (ނ) ގައި އޮތް އެއްޗެއް އަޅުގަނޑު ދަންނަވާލާނަން. (ނ) ގައި މިބުނަނީ، މިޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުގައި މިޤާނޫނުއަސާސީގެ .... ވަނަ މާއްދާ، އެއީ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނޭ. މިހާރު މީގައި މިވާގޮތަކީ މިޤާނޫނުއަސާސީގެދަށުން ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، މިހާރު މިއުޅެނީ މިޤާނޫނުއަސާސީ ފަށާއިރުގައި، ޢަމަލުކުރަން ފަށާއިރުގައި އޮންނަ ވަޒީރުންގެ މަޖިލީހުގެ ވާހަކައެއްނޫން މިދައްކަނީ. މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު ރިޔާސީ އިންތިޚާބެއް ބާއްވައި ޢައްޔަންކުރާ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ ވާހަކަ މިދައްކަނީ. އެ ވަޒީރުންގެ މަޖިލީހުގައި މިހުންނަންޖެހެނީ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 2 ވަނަ މާއްދާގެ (ހ) ގައި ހުންނަ ސިފަތައް. އަޅުގަނޑު ދަންނަވާނަން 2 ވަނަ މާއްދާގެ (ހ) ގައި އޮތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވެވޭނީ އަންނަނިވި ޝަރުޠުުތައް ފުރިހަމަވާ މީހުންނަށް ވެގެންނޭ. 1- ދިވެހި ރައްޔިތަކަށްވުން، 2- ބޭރުޤައުމެއްގެ ރައްޔިތަކަށްވުން، 3- އުމުރުން 25 އަހަރު ފުރިފައިވުން. 4- މުސްލިމަކުކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން. އެހެންވީމަ، މިއީ ދަންނަވަން މިއުޅޭ އެއްޗަކީ އަޅުގަނޑުމެންނަށް ހީވަނީތޯއޭ ދިވެހިރާއްޖޭގައި ފުރަތަމަ މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެއްކޮށް ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު، މިދެންނެވީ، މި ސިފަތައް ހަމަވާ ބަޔަކު ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރުން ނޫނިއްޔާ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހަކު އުޅެފާނެކަމަށް. މިޤާނޫނުއަސާސީ އޮތް އެއްޗެއް، މިބާބުގައި އެހެން އިސްތިސްނާއެއް ނެތް ޙާލަތެއްގައި މިވާހަކަ ބުނުމުގެ ބޭނުމަކީ ޙަޤީޤަތުގައި ޓްރިޒަވެއް ފާހަގަކުރުން. ތެދެއް އެއީ ތެދެކޭ ބުނުންކަހަލަ ކަމެއް އެއީ. އެހެންވީމަ، މިވާހަކަ މިތާ ގެންނާކަށް ނުޖެހޭ. ސަބަބަކީ މިތާ އޮތަސް ނެތަސް މިޤާނޫނުއަސާސީގައި އޮތްގޮތަށް ޢަމަލުކުރާހިނދު، ވަޒީރުންގެ މަޖިލީހުގެ މީހަކަށް އާދެވޭނީ މިޤާނޫނުއަސާސީއަށް ޢަމަލުކުރުމަށްފަހު މިސިފަތައް ހަމަވާ މީހުންނަށް އާދެ، ކުރުކޮށް މިދަންނަވަނީ. ދެން އަޅުގަނޑު މިފާހަގަކުރަނީ (ރ)، މިމާއްދާގެ (ނ) ގައިވާގޮތުގެ މަތީން އެންމެ ފުރަތަމަ ވަޒީރުންގެ މަޖިލިސް ޢައްޔަންކުރުމުގައި މިޤާނޫނުއަސާސީގެ ..... ވަނަ މާއްދާ، ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) އިން އިސްތިސްނާވާނެއޭ. މިހާރު މިވާގޮތް ދެން ބައްލަވާ އިނގޭތޯ. މިހާރު މިވާގޮތަކީ ފުރަތަމަ މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާ، (ނ) ގައި އޮތީ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއެއް އިންތިޚާާބުކުރުމަށްފަހު އޭނަ ޢައްޔަންކުރާ ވަޒީރުން މަޖިލީހުގެ ވާހަކަ. މިހާރު މިއޮތް ވަޒީރުންގެ މަޖިލީހުގެ ވާހަކައެއްނޫން މިދައްކަނީކީ. އޭނަ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް މި އިސްތިސްނާވަނީ ކޯއްޗަކުންތޯ. އިސްތިސްނާވަނީ މަޖިލީހަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤަސްދުުކުރާ މީހުންގެ ނަންތައް މަޖިލީހަށް ހުށަހަޅާ، އެމީހުން ރުހުން ލިބެންޖެހޭކަމަށް. މަޖިލީހުން ކޮންފޮމޭޝަން، މަޖިލީހުގެ ރެޓިފިކޭޝަން ހޯދުމުގެ ޕްރޮސެސްއިން ދިވެހިރާއްޖޭގައި ޤާނޫނުއަސާސީ އިންތިޚާބު ކޮށްފައި، ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކޮށްފައި އޭނަ ޢައްޔަންކުރާ ފުރަތަމަ ވަޒީރުންގެ މަޖިލިސް އެބަޖެހެޔޭ ޤާނޫނުއަސާސީން މިބުނާ ރެޓިފިކޭޝަން، މަޖިލީހުގެ ރުހުން އޮތްތޯ ބަލާ ބެލުމުން އިސްތިސްނާކުރަން. އެވާހަކަ މިދައްކަނީ. ކުރިން އޮތް ހުށަހެޅުމާ ކަނޑައެޅިގެން ތަފާތު ހުށަހެޅުމެއް ގެންނަވާފައި މިއޮތީ. މިއީކީ އަޅުގަނޑަށް ޔަޤީން ތިބޭފުޅުން އަކުރުން އަކުރަށް ދިރާސާކުރައްވައިފިއްޔާ މިއީ ހަމަ އޮޅުމެއް. ހަމަ އޮޅުމެއް. ކުރީގައި އޮތް އިސްތިސްނާއެއް ނޫން މިގެނެސް މިއޮތީކީ. އެއަށް ބަދަލެއް އައިސް މިއޮތީ. ވަރަށް ބޮޑަށް ބަދަލުވެފައި މިއޮތީ. މުޅިން އެހެން ގޮތަކަށް. އެއީ އަޅުގަނޑުމެންގެ މަޤްޞަދެއްނޫން އެއީކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަން މުސްތަޤިއްލު އިންތިޚާބެއް.. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ވަޒީރުންގެ މަޖިލިސް މިޤާނޫނުއަސާސީގައި މިބުނާ މަޖިލިސްގެ ރުހުން ހޯދަންޖެހޭކަމުން އިސްތިސްނާ ހޯދުމަކީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

 

ނިޒާމާބެހޭ ނުކުތާ: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު  ޝާހީން ޙަމީދު ވާހަކަދެއްކެވުން:

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އާދެ، އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާލާނަން. މިހާރު ހުށަހެޅިފައި މިއޮތް ހުށަހެޅުން 32 އެ އިޞްލާޙުކުރެވިފައި އޮތް ހުށަހެޅުން، އެ އައިސްފައި މިވަނީ އަޅުގަނޑު ދެކޭގޮތުގައި ވެއްޖިއްޔާ ނަތީޖާއަކީ ނުވަތަ ނަތީޖާއެއް ގެންނަން ހުށަހެޅިފައި މިވަނީ، ނުރަސްމީ ބައްދަލުވުމުގައި ދެކެވުނު ވާހަކައަކާއި ގުޅިގެން. އެހެންނަމަވެސް، މިހުށަހެޅުމުގެ (ނ) ގައި މިވާ ކަންތައްތަކަކީ މުޅިން އެ ނުރަސްމީ ބައްދަލުވުމުގައި އެކަމާބެހޭގޮތުން ވާހަކަފުޅު ދެއްކެވި ނުވަތަ އިޢުތިރާޟްކުރެއްވި ބައެއް ބޭފުޅުން ދެއްކެވި ކަންތަކާއި މުޅިން އެއްގޮތަކަށް ނޫނޭ. އޭގައި އަޅުގަނޑުވެސް އެދޭގޮތަކީ މިހާރު މިހުށަހެޅުމުގައި އޮތް (ނ) ބަދަލުކޮށްދެއްވުމަށް. އެއީ ވަޒީރުން މަޖިލީހުގެ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ނުހިމެނޭގޮތަށް އެ ވަޒީރުންގެ މަޖިލިސް އެކުލެވޭގޮތަށް އެކަން ބަދަލުކޮށްދެއްވުމަށް. ދެން އަޅުގަނޑަށް ވިސްނިފައި އޮތްގޮތުންވެއްޖިއްޔާ އެގޮތަށް ބަދަލުކޮށްދެއްވާނެ. އެހެންވީމާ، އެފުރުޞަތު ދެއްވާނެކަމަށް ވަންޏާ އަޅުގަނޑަށް ހީވަނީ މިހުށަހެޅުމަށް އިތުރު ކުރިއެރުން ނުވަތަ ރަނގަޅު ގޮތެއް ބަދަލުވެދާނެހެން. އެވާހަކަ ދަންނަވާލަންވެގެން ޝުކުރިއްޔާ.

 

ނިޒާމާބެހޭ ނުކުތާ: ހުވަދުއަތޮޅު އުތުރުބުރީ މެންބަރު  ޢަބްދުﷲ ޖާބިރު ވާހަކަދެއްކެވުން:

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ހިތަށްއަރަނީ ހަމަ އަޅުގަނޑުމެން އެބަޖެހެއޭ ގޮތެއް ހޯދަން މި މައްސަލާގައި. މިހާރު ދެން އަނީސާ، މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އާ ވާހަކަފުޅެއް ދައްކަވާނެކަމަށް ދެންމެ ރިޔާސަތުން ވިދާޅުވެއްޖެ މިހުށަހެޅުމާއި ގުޅިގެން. އަޅުގަނޑަށް ވިސްނޭގޮތުގައި ވެއްޖިއްޔާމު މިހާރު މިރާއްޖޭގައި މިތިއްބެވި ހުރިހާ ވަޒީރު ބޭފުޅުންނަކީވެސް ވަރަށް ޚިދުމަތްތެރި ވަރަށް މުރާލި ވަރަށް ވިސްނުންތޫނު ވަރަށް ޙިކުމަތްތެރި، ވަރަށް ހިންގުންތެރި ބޭފުޅުން. އެބޭފުޅުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން އަދި އެންޑޯޒް ކުރަންވިޔަސް އެއީކީ މައްސަލައެއް ނޫން، އެކަންވެސް ކުރެވޭނެ. އެހެންވީމާ، ހަމަގައިމުވެސް ކުރިއަށް ދެވޭނެ ގޮތަކަށް އަޅުގަނޑުމެން ކުރިއަށްދާން އެބަޖެހޭ. އިންތިޤާލީ މަރުޙަލާއެއް އަޅުގަނޑުމެން ބިނާމިކުރީ ޤާނޫނުއަސާސީން އަޅުގަނޑުމެން ރައްޔިތުންނަށް ވާސިލު، އިންތިޚާބުތަކަށާއި ކަންކަމަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އެކަންތައްތައް ހޯދުމުގެ މަޤްޞަދުގައި. އެ މަޤްޞަދު އަޅުގަނޑުމެންނަށް ހާސިލުކުރެވެން މިއަންނަނީ، މިހާރު އޮތް ވަޒީރުންގެ މަޖިލިސް އެންޑޯޒްްނުކޮށް ކުރިއަށް ގެންގޮސްގެން އާ ސަރުކާރާއި ހަމައަށް ވާސިލުވުން އެއީކަމަށް ވަނީކަމަށް ވަންޏާ އެކަންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން މިހާރު ތިއްބެވި ވަޒީރުން އެންޑޯޒް ނުކޮށްފާނެކަމަށް ހީވާންވީ އެއްވެސް ސަބަބެއް އޮންނަންޖެހޭނެ ކަމަކަށްވެސް އަޅުގަނޑު ޤަބޫލެއް ނުކުރަން. އެއީ މިހެން މިދެންނެވީ، ރާއްޖެއަކު ނެތް ހަމަ ގައިމުވެސް ވަޒީރުކަންކުރާނެ މާގިނަ ބަޔަކު. އަޅުގަނޑުމެންނަށް ފެންނާން މިހުރި ގޮތުގައި ވެއްޖިއްޔާ އެއްބަޔަކު ގިނައިން ވަޒީރުކަމުގައި މިތިބީ. އެހެންވެއްޖެކަމަށްވަންޏާ ކުއްލިއަކަށް ވަޒީރުކަންކުރާނެ ބައިވަރު ބޭފުޅުން ނުލިބުމަކީ ހަމަ އެކަށީގެންވާކަމެއް މިއޮތް ކުޑަ މުއްދަތުގެ ތެރޭގައި. ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއްކަމަކީ، އަޅުގަނޑުމެން އިންތިޤާލީ މަރުޙަލާގައި މިހާރު ފާސްކޮށްފައި ހުރި ދެކަމަކަށް އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ވިސްނާލާއިރު އެއްކަމަކީ، ދިވެހިރާއްޖޭގައި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއާއި މިހާރު އޮތް ކެބިނެޓާއި މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ދެއަހަރެއްހާ ދުވަސްވަންދެން އިންތިޤާލީ މަރުޙަލާއެއްގައި ތިބެވޭގޮތަށް މިއޮތީ ފާސްކޮށްފައި. އެހެންވެއްޖެކަމަށްވަންޏާމުން އަޅުގަނޑުމެން ތެޅިފޮޅިގެން ދެން އެއްވެސް ކަމެއް ކުރާކަށެއްވެސް ނުވެސް ޖެހޭ. އެއީ ދެއަހަރުދުވަހުގެ މުޙުލަތު އެބައޮތް. ދެއަހަރުދުވަސް ތެރޭގައި ކަންތައްތައް ކުރެވޭނެ ގޮތަކަށް ޑިޒައިންކުރުމުގެ ފުރުޞަތު މިހާރު އެބައޮތް. ޤާނޫނުއަސާސީ ތަޞްދީޤުކޮށްގެން އަދި ދެއަހަރުދުވަސް ތެރޭގައި އެކަން ކުރެވެން އެބައޮތް. އެހެންވެއްޖިއްޔާ މިހާރު މިއޮތް ޙާލަތުގައި ގޮސްފައި އާ ޙާލަތަކަށް ޤައުމު ބަށްޓަންކުރުމަށްޓަކައި ދެން ކުރަންޖެހޭ ކަންތަކެއް ކަންނޭނގޭ އަޅުގަނޑުމެން ކުރަން މިޖެހެނީ. އެހެންވީމާ، މިތާނގައި ހުރިހާ ބޭފުޅުން ނިޒާމާބެހޭ ނުކުތާ ނަގައިގެން ވާހަކަ މިދެއްކީ ހަމަ، އަޅުގަނޑަކަށް ހިއެއްނުވޭ  ދެން ކޮންމެހެން އަނެއްހެން ނުދައްކަންޖެހޭ ވާހަކަތަކެއް ކަމަކަށެއް. ދައްކަންޖެހޭ ވާހަކަތަކެއް. އެކަމަކު، އައިޑިއާއަކަަށް މިވަނީ ސްމޫތްކޮށް އަޅުގަނޑުމެން މިކަންތައްތައް ގެންދެވޭނެ ގޮތެއްގެ މައްޗަށްކަމަށް ވާއިރުގައި ވަކި ބަޔަކު ވަކިކަމަކުން އިސްތިސްނާވެ ވަކި ބަޔަކު، އެއީ މަދު މީސްކޮޅެއް އޮތް ޤައުމަކަށްވާތީ. އެއީ އަޅުގަނޑުމެންނަށް އަބަދުވެސް މިފެންނަނީ އެއްބަޔަކަށް ހުރިހާ ކަމެއް ކުރެވޭގޮތަކަށް މިއޮންނަނީ މީސްކޮޅު މަދުވީމަ. އެއީ، މީސްމަދު ޤައުމުތަކުގައި ކަންތައްތައްވެސް އޮންނަނީ މިކަހަލަ ގޮތަކަށް. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ ކޮންމެގޮތަކަށްވީނަމަވެސް މިޤާނޫނުއަސާސީ އިޞްލާޙުކޮށްގެން މިއިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެން ބުރަކިޖެހިފައި ހުރި ބުރަކިޖެހުން އެބަޖެހޭ ނައްޓުވަން. އެކަމަށްޓަކައި ޢިއްޒަތްތެރި ރިޔާސަތުން އެބަޖެހޭ ވޯޓަށް އައްސަވަން ކަންތައްތައް ވޯޓަށް އައްސަވާ މަޖިލީހުގެ ފްލޯރއިން ގޮތްތަކެއް ނިންމަވާ ކުރިއަށްގެންދެވޭނެ  މެކެނައިޒަމެއް އެބަ ރާވަންޖެހޭ. ކޮންމެފަހަރަކު ކޮންމެ މެންބަރަކުވެސް ވޯޓަށް ނާއްސަވަން އެބަ ވިދާޅުވޭ. އެވިދާޅުވުމަކަށް އަޅުގަނޑު ތާއީދެއް ނުކުރަން. އަޅުގަނޑުމެންގެ ވިސްނުން ދެވޭނީ ހަމަ ވޯޓަށް އެހީމަ. ވޯޓުއަޅާ ގޮތެއްގެ މައްޗަށޭ ނިމެންވާނީ މި މަޖިލީހުން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް.

 

ނިޒާމާބެހޭ ނުކުތާ: މިލަދުންމަޑުލު ދެކުނުބުރީ މެންބަރު ޢަބްދުﷲ ޔާމީން ވާހަކަދެއްކެވުން:   

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. މ.އަތޮޅު ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދު ހުށަހެޅުއްވި މި 32 ވަނަ ހުށަހެޅުމަށް ގެންނެވި އިޞްލާޙާބެހޭގޮތުން ނިޒާމާބެހޭ ނުކުތާގެ ދަށުން މިދެކެވޭ ވާހަކަތައް، މިބަހުސްގައި އަޅުގަނޑަށް ފެންނަ އެއްޗެއް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މިހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމެއްކަމަކަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުންވެއްޖެއްޔާ އިންތިޤާލީ މަރުޙަލާއެއް މިގެންނަނީ ޤާނޫނުއަސާސީ، މިހާރު މިއިޞްލާޙުކުރާ ޤާނޫނުއަސާސީއާ ހަމައަށް ވާސިލްވުމަށްޓަކައި އެދެވޭ އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް ގެނައުމަށް. މުއައްސަސާތަކެއް ބިނާކުރުމަށް. އޭގެ ބޭނުމަކަށްވަނީ، ޢަދުލުވެރި މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުން އޭގެ ބޭނުމަކަށްވަނީ. އޭގެ ބޭނުމަކީ އެއްވެސްގޮތަކަށް ޖާގައެއް ހޯދައިގެން މިހާތަނަށް ފާސްކޮށްފައި ހުރި ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމެއްނޫން. އެއީކީނޫން އިންތިޤާލީ މަރުޙަލާއެއްގައި މިކުރާ މަސައްކަތަކީ. ދެން އިންތިޤާލީ މަރުޙަލާގައި މިހާރު ހުށަހެޅިފައި މިއޮތް މައްސަލަ، އަނީސާ އަޙްމަދު މި ހުށަހަޅުއްވާފައި މިއޮތް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ނޫނިއްޔާ ވަޒީރުންގެ މަޖިލީހަކީ އެންޑޯޒްނުކޮށް އޮންނަ ވަޒީރުންގެ މަޖިލީހަކަށްވާން. އަޅުގަނޑު ދަންނަވާނީ ޤާނޫނުއަސާސީ އިންތިޤާލީ މަރުޙަލާއެއްނޫން ކޮންމެ މަރުޙަލާއެއްގައި އޮތަސް ދައުލަތެއް ހިނގާކަމަށްވަންޏާ އަބަދުވެސް ރައްޔިތުންގެ މަޖިލީހެއް އޮންނާނެ. އެއީ ޑިމޮކްރަސީގެ އެއް މުއައްސަސާ. އެއޮންނާނެ. އެބިނާ އޮންނާނެ. އެރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަނާދޭތެރޭ ބަޔަކު ހިތްހަމަނުޖެހޭކަމަށްވަންޏާ އެއީ ތަފާތު މައްސަލައެއް. އެހެންނަމަވެސް އެއޮންނަ ރައްޔިތުންގެ މަޖިލީހުގެ ވެލިޑިޓީއެއްގެ ސައްޙަކަމާމެދު ސުވާލެއް ނުއުފެދޭ. އެސުވާލެއް ނުވެސް ކުރެވޭނެ. މިހާރު ހުށަހެޅިފައި މިއޮތް އިޞްލާހަކީ އަޅުގަނޑު ޤަބޫލުކުރާގޮތުންވެއްޖެއްޔާ ހަމައެކަނި އަޅުގަނޑުމެންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ސްކޯޕުން ބޭރުގައި އޮތް މައްސަލައެއް. މިމައްސަލައަކީ ރައްޔިތުންގެ ރެފަރެންޑަމަކަށް ރައްޔިތުންގެ ސީދާ ވޯޓަކަށް ގޮސްގެން ރައްޔިތުން އެންޑޯޒް ކޮށްފައި އޮތްކަމެއް. އެއީ ކޮންކަހަލަ ނިޒާމެއްގައިތޯ ދިވެހިރާއްޖޭގެ ވެރިކަން އޮންނާނީ މިޤާނޫނުއަސާސީ އިޞްލާޙުވުމަށްފަހު. މިއީ ރައްޔިތުން ކައިރީ ވާހަކަތަކެއް ދައްކައި ރައްޔިތުންގެ ވޯޓު ދީފައި އޮތް މައްސަލައެއް. މިފާސްވެފައި މިއޮތީ މިތާ އޮންނާނީ ރިޔާސީ ނިޒާމެކޭ. ރިޔާސީ ނިޒާމެއްގެ އެއް އަސްލަކަށް މިވަނީ، އެއް ބިނާއަކަށް މިވަނީ، ތިއްބަވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ޙަޤީޤަތުގައި ރައްޔިތުންގެ މަންދޫބުން އެންޑޯޒްކުރާ ބަޔަކަށް ވާންޖެހޭނެ. އެބިނާ މުގުރަން އަޅުގަނޑުމެން މިހާރު މިމަސައްކަތް ކުރަނީ. އެހެންވީމާ، މީކީ އަޅުގަނޑު ޤަބޫލުކުރާގޮތުންވެއްޖެއްޔާ މި، ރައްޔިތުންގެ އެންޑޯޒްމަންޓް ލިބުނު ރިޔާސީ ނިޒާމާ ހަމަ ވަރަށް ޚިލާފު މައްސަލައެއް މިއީ. މިއީކީ އަޅުގަނޑުމެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަތްމަތީގައި އެކަނި އޮތްކަމެއްނޫން. އަޅުގަނޑުމެން އަތްމަތީގައި ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ޙައްޤު އޮވެމެ މިހާ މުހިންމު މައްސަލައެއްގައި، މި ރައްޔިތުންނާބެހޭ މައްސަލައަކަށްވާތީ ރައްޔިތުންނާ ހަމައަށް މިމައްސަލަ މިއޮތީ ފޮނުވާފައި. ރައްޔިތުން މިއޮތީ މިއަށް ބަހެއް ބުނެފައި. އެބުނެފައި އޮތް ބަސް އަޅުގަނޑުމެން މިހާރު މިއުޅެނީ އަނބުރާ އެހެންގޮތަކަށް ބަދަލުކުރަން. އެހެންވީމާ، އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މިކަން މިތާ ކުރެވެންވާނެކަމަކަށެއް. ރައީސުލްޖުމްހޫރިއްޔާއަކު ޢައްޔަންކުރައްވާ ވަޒީރުންގެ މަޖިލީހަކީ އޭރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންޑޯޒްމަންޓް ލިބޭ ރައްޔިތުންގެ މަޖިލީހަކަށް ވެގެންނޫނިއްޔަކާއެއް މިއިންތިޤާލީ މަރުޙަލާގައިވެސް މިހާރު ފާސްކޮށްފައި އޮތް ޤާނޫނުއަސާސީ އޮތްގޮތަކަށް މިކަމެއް ނުގެންދެވޭނެ. މިއީ ބޮޑު ތަޢާރަޟެއް. އެހެންވީމާ، މިއީ މައްސަލައެއް. އެހެންވީމާ، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުންވެއްޖެއްޔާ މިމައްސަލައަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ދޫކޮށްލައްވާފައި ރައްޔިތުންނާ ހަމައަށް ގެންދަވާފައި ރައްޔިތުންގެ އާނ ބަސް ހޯދައިގެން ވަކި ނިޒާމެކޭ މިއީ ރައްޔިތުންނަށް އަޅުގަނޑުމެން ކިޔައިދީފީމު ރިޔާސީ ނިޒާމަކީ. ރިޔާސީ ނިޒާމުގެ އެންމެ މުހިންމު އެއް އަސާސަކީ، ތިއްބަވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންގެ އާނބަސް ލިބޭ ރުހުން ލިބޭ ބޭފުޅުންނަށް ވާންޖެހޭނެއޭ. އެހެންވީމާ، މިއާ ޚިލާފުގޮތަކަށް މިކަން ކުރާކަމަށްވަންޏާ މިއީ ވަރަށްބޮޑު މައްސަލައެއް. ދެން މަނިކުފާނު ވޯޓަކާ ހަމައަށް ގެންދިއުމާއި ނުގެންދެވުން އެއީ މަނިކުފާނު އަތްޕުޅު މަތީގައި އޮތް މައްސަލައެއް. އޭގަ ޚާއްޞަ މަޖިލީހުގެ މެންބަރުން ވޯޓުދެއްވާއިރު، އަޅުގަނޑު މިދެންނެވިހެން މި ނިޒާމީ މައްސަލައަކީ ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުން ނިންމާފައި އޮތް މައްސަލައަކަށްވާތީ އަޅުގަނޑުމެން އިންތިޚާބުކޮށްފައި ތިބި މީހުން މިކަމާދޭތެރޭ ވިސްނަންޖެހޭނެވާހަކަ ދަންނަވަން. ޝުކުރިއްޔާ.

 

ނިޒާމާބެހޭ ނުކުތާ: ވަޒީރުންގެ މަޖިލީހުގެ މެންބަރު މުޙަންމަދު ނަޝީދު ވާހަކަދެއްކެވުން:

ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންގެވެސް މިހާރު އެބަ ވިސްނުން

އެއްގޮތްވޭހެން. އަދި މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަނީސާ އަޙްމަދުގެ ހުށަހެޅުއްވުންވެސް ނުރަސްމީ ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ރޫޙާ އެއްގޮތަށް ހުށަހެޅުއްވުމުގައި ވަކި ގޮތަކަށް މާނަ ވިދާޅުވުމުގެ ސަބަބުން (ނ) އެހިމެނިފައިވާ އަކުރުގެ އެމާނަ ދޭހަނުވަނީކަމަށް އަޅުގަނޑަށް ފެންނަނީ. އަދި މިހާރު މ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު އަނިސާ އަޙްމަދު އެބަ މަސައްކަތްކުރައްވާ ރިޔާސަތުން ފުރުޞަތެއް ހޯއްދަވައިގެން މި (ނ) މިހާރު އެވިދާޅުވާގޮތަށް ބަދަލުކުރަން. އަދި އަޅުގަނޑަށް ވިސްނޭގޮތުގައި މިހާރު މިމަސައްކަތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދެން ކުރިއަށްދާނީ އަޅުގަނޑުމެން ދެކަމަކަށް އެއްބަސްވެގެންކަމަށް އަޅުގަނޑަށް ފެނޭ. އަދި އެކަމުގައި ހަމަ އެއްވެއް މައްސަލައެއް ނެތްކަމަށްވެސް އަޅުގަނޑަށް ފެނޭ. ފުރަތަމަ ކަމަކީ، މިހާރު ޤާނޫނުއަސާސީ ތަޞްދީޤުކުރާއިރުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއާއި އޮންނަ ވަޒީރުންގެ މަޖިލިސް އެގޮތުގައި 11 ނޮވެމްބަރާއި ހަމައަށް ދެމިގެން ދިއުން. އެކަމަކު 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރެވިގެން އާ ރައީސަކު އިންތިޚާބުވީމާ ދެން އޭނަ ޢައްޔަންކުރާ ވަޒީރުންގެ މަޖިލީހަކީ އޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުހިމެނޭ ވަޒީރުންގެ މަޖިލީހަކަށްވުން. އަދި އެވަގުތު އޮންނާނީ ހަމަ މިހާރު އޮތް ރައްޔިތުންގެ މަޖިލިސްކަމުގައިވެފައި، މާރޗް މަހާއި ހަމައިން ރައްޔިތުންގެ މަޖިލިސް އާވެގެންދިޔަކަމުގައި ވީނަމަވެސް، އޭގެ ކުރިންވެސް 11 ނޮވެމްބަރުގައި ވެރިކަމާއި ޙަވާލުވާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ކެބިނެޓް އޭރު އޮތް ރައްޔިތުންގެ މަޖިލީހަށްވެސް އެންޑޯޒްމަންޓަށް ހުށަހެޅުން. އަދި ފަހުގެ ރައްޔިތުންގެ މަޖިލީހުން އެހެންގޮތަކަށް ބޭނުންވާކަމަށްވަންޏާމު އެދަނޑިވަޅުގައިވެސް އެންޑޯޒްމެންޓަށް ފޮނުވަންޖެހޭކަމަށްވަންޏާ ފޮނުވައިދިނުން. އަޅުގަނޑަށް ހީވަނީ މި (ނ) އާއި (ރ) ގައިހެން މިހާރު މައްސަލަ މިއުޅެނީ. (ނ) ގައި މިހާރު ދެން ހަމަ ވަރަށް ސާފުކޮށް އެބަ ވިދާޅުވާން މަސައްކަތްކުރައްވާ 11 ނޮވެމްބަރުގައި ވެރިކަމާއި ޙަވާލުވާ ރައީސްގެ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބޭނެއޭ. މިހާރު މިއިޝޫ ނިކުންނަނީ އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް އެންޑޯޒްމެންޓަށް ފޮނުވާނެތޯ. އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ، ވާހަކައަކީ، މިހާރު ދެމިގެން ދާ ރައްޔިތުންގެ މަޖިލީހަށް ރުމުހުމަށް ހުށަހަޅާނެތޯ އޭރު އެކުލަވާލެވޭ ވަޒީރުންގެ މަޖިލިސް. ނޫނީ އާ މަޖިލިސް އައިމަތޯ ރުހުމަށް ހުށަހަޅާނީ. މ.އަތޮޅުގެ މެންބަރުގެ ހުށަހެޅުމުގައި މިހާރު އޮތީ، އާ މަޖިލިސް އައިމައޭ ހުށަހަޅާނީ. އެކަމަކު މެންބަރުންގެ ވާހަކަފުޅު މިހާރު މިހިރީ މިހާރު މިދެމިގެންދާ މަޖިލީހަށްވެސް ހުށަހަޅަން. އެއީވެސް ހަމަ ރަނގަޅުގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ. އިންޓަވަލްގެ ވަގުތުގެ ތެރޭގައި އަޅުގަނޑުމެންނަށް ހުށަހެޅުން އެގޮތަށް ބަދަލުކޮށްލާފައި އަލުން މ.އަތޮޅު މެންބަރަށް ހުށަހެޅުއްވިއްޖިއްޔާ މިމައްސަލަ ޙައްލުވާނެކަމަށް އަޅުގަނޑަށް ފެނޭ. ޝުކުރިއްޔާ.