Saturday 26 April 2008

ބޮޑު އަޣްލަބިއްޔަތަކުން ރިޔާސީ ކެންޑިޑޭޓުކަން އަންނި ކާމިޔާބު ކުރައްވައިފި

ދެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާ ކުރައްވާނީ މިޕާޓީ ހިމެނޭ ބާރެއް -  އަންނި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓަކަށް 68 ޕަސެންޓްގެ އަގުލަބިއްޔަތަކުން ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ހޮވި ވަޑައިގެންފިއެވެ.

ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭ 9:00 އަށް މުޅިރާއްޖޭގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީޒު 2008 އިންތިހާބުގައި ރޭ 10:00 ފެށިގެން އިއުލާން ކުރެއްވި ވަގުތީ ނަތީޖާއިން ކުރި ހޯއްދެވި މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ޖުމުލަ 7656 ވޯޓެވެ. އަދި މިއިންތިހާބުގައި އަންނި އާއެކު ވާދަ ކުރެއްވި އަނެއް ދެ ކެންޑިޑޭޓުން ކަމުގައިވާ ޕާޓީގެ ރައީސް ޑރ މުހައްމަދު މުނައްވަރަށް ލިބިވަޑައިގެންނެވީ ޖުމުލަ 2394 ވޯޓެވެ. ރީކޯ މޫސާ މަނިކަށް ލިބިވަޑައިގެންނެވީ ޖުމުލަ 989 ވޯޓެވެ.

މުޅި ޖުމުލަ 11200 މީހުން ވޯޓު ލި މިއިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ނަޝީދު މިއިންތިހާބުގައި ކުރި ހޯއްދަވާފައިވަނީ 68 ޕަސެންޓުގެ އަގުލަބިއްޔަތުންނެވެ. މިއިންތިހާބުގައި ޑރ މުނައްވަރަށް 21 ޕަސެންޓް ލިބިވަޑައިގެންފައިވާއިރު މޫސާ މަނިކަށް ލިބިވަޑައިގެންފައިވަނީ 9 ޕަސެންޓުއެވެ. މިއިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބައިފައިވަނީ 20958 މެންބަރުންނަށް ކަމަށްވާއިރު ވޯޓުލާފައިވަނީ 53.4% މެންބަރުންނެވެ.

އިންތިހާބުގެ ވޯޓުގެ ނަތީޖާ މުޅިން އިއުލާންކޮށް ނުނިމެނީސް ރޭ ދަންވަރު 3:00 ގައި މުނައްވަރާއި ރީކޯ މޫސަ ވަނީ މިއިންތިހާބުގައި މުހައްމަދު ނަޝީދަށް ކުރިލިބުނު ކަމަށް ނިންމައި އެބޭފުޅާއަށް މަރުހަބާ ދަންނަވާފައެވެ. މުނައްވަރު ވިދާޅުވީ ވަގުތީ ނަތީޖާ އިއުލާންކޮށް ނުނިމުނު ކަމުގައި ވިޔަސް މިއިންތިހާބުގައި މިހާރު މޮޅުވީ ކާކުކަން އެނގިފައިވާތީ މުހައްމަދު ނަޝީދަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދައްނަވާ ކަމަށެވެ. އަދި ޕާޓީގެ ޗެއަރޕާސަންގެ އިންތިހާބުގައި ކުރި ހޯއްދެވި މާރިޔާ އަހުމަދު ދީދީއަށްވެސް މަރުހަބާ ދެންނެވިއެވެ.

އަންނި ވިދާޅުވީ "އަޅުގަނޑުމެންނަށް އިނގޭ އަޅުގަނޑުމެންގެ ޕާޓީ ކާމިޔާބު ކުރާނީ 11 ނޮވެމްބަރު 2008 ވާ އަންގާރަ ދުވަހު ދެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ހުވާ ކުރައްވާނީ މިޕާޓީ ހިމެނޭ ބާރެއް ކަން، އެއީ އަޅުގަނޑުމެންނަށް އެއްވެސް ހާލެއް ޝައްކު ހިނގާ ކަމެއް ނޫން" ކަމަށެވެ.

މުނައްވަރު ވިދާޅުވީ މިއިންތިހާބަށް އެބޭފުޅުން ކުރިމަތިލެއްވީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ކަން ދެނިތިބެގެން ކަމަށާއި މިއިންތިހާބު ނިމުމާއެކު ޕާޓީއިން އެބޭފުޅުން ކުރައްވަމުން އައި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަވަސްވެ ގަންނާނެ ކަމަށެވެ.

ރީކޯ މޫސަ ދެއްކެވި ވާހަކާގައި ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިއަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ކަމަށް އޭނާއަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ވިދާޅުވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް އިސްލާހު ގެނައުމަށްޓަކައި ރީކޯ މޫސަ ފެށި މަސައްކަތް ކުރެވުނު ކަމަށް ވާނީ ރައީސް މައުމޫނު މިރާއްޖޭގެ ވެރިކަމުން ބޭލުނު ދުވަހަކުން ކަމަށާއި އެދުވަހާއި ހަމައަށް ކުރިމަތިވާ ކޮންމެ ހުރަހެއް ގިރާކޮށް އެކަން ނިމުމަކާ ހަމައަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އިހްލާސްތެރިކަމާއެކީގައި ތިބޭފުޅުން ހަމަ މިއަދު ވޯޓު ލެއްވި ގޮތަށް މުސްތަގްބަލުގައިބެސް ވޯޓު ދެއްވައްޗޭ" މޫސާ މަނިކުވިދާޅުވިއެވެ.

މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ މިއިންތިހާބުގައި ތިން ކެނޑިޑޭޓުންވެސް ބައިވެރިވެގެން މަސައްކަތް ކުރަމުންދިޔައީ މުޅިރާއްޖެއަށް ޑިމޮކްރެޓިކް އުސޫލުތަކެއްގެ މިސާލު ދެއްކުމަށްޓަކައި ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީ މިތިބީ ކާމިޔާބުގެ މަތީގައި، އަޅުގަނޑުމެން އެންމެން މިރޭ މިތިބީ މޮޅުވެފައި، އަޅުގަނޑުމެންގެ ތެރޭގައި ބަލިވީ ހަމަ އެކަކުވެސް އަޅުގަނޑު ދަންނަވާނީ ނެތޭ" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ޑރ މުހައްމަދު މުނައްވަރަކީ ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުގެމަތިން ޕާޓީގެ އެންމެ އިސް ސިޔާސީ ލީޑަރު ކަމަށެވެ. އަދި ޑރ މުނައްވަރުގެ ލަފަޔާއި އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރީކޯ މޫސަ ކުރެއްވި މަސައްކަތުން އެމްޑީޕީއަށް އޭނާގެ ހިދުމަތް ލިބިގެންދިޔައީ ޕާޓީގެ އެންމެ މެންބަރުން ނިހާޔަތަށް އުފާވާ ދަރަޖައަށް ކަމަށެވެ.

ޕާޓީގެ ވަގުތީ ޗެއަރޕާސަންކަން ބަލަހައްޓަވައި ދެއްވި މުހައްމަދު ލަތީފަށް ނިސްބަތްކޮށް އަންނި ވިދާޅުވީ އޭނާއަކީ ޕާޓީގެ އުފެއްދުމުގެ މަސައްކަތުގައިވެސް ވަރަށް ބޮޑު ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މިއަދު ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމް މާރިޔާ އަހުމަދު ދީދީއަށް ހަވާލު ކުރައްވާފައި އެބޭފުޅާ ވަޑައިގެންނެވި ނަމަވެސް އެބޭފުޅާގެ އެހީތެރިކަމާއި ބައިވެރިވުން ޕާޓީއަށް ނިހާޔަތަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އަންނި ވިދާޅުވިއެވެ.

"މާރިޔާ މިޕާޓީއާ ހަވާލު ވެވަޑައިގަންނަވަނީ، އަޅުގަނޑު ޔަގީން ކުރަން މާރިޔާގެ ޗެއަރޕާސަން ކަމުގައި މިޕާޓީ ދެން ކުރިއަށް ދާނީ ފަތު އަޑުގަ ކަމަށް" އަންނި ވިދާޅުވިއެވެ.   


 

އެމްޑީޕީގެ މެމްބަރުން އެމީހުންނަށް ލިބިފައިވާ ހައްގު ވިއްކާނުލާނެކަން ސާބިތުވެއްޖެކަމަށް 83% އިން ޗެއާޕާސަންކަން ކާމިޔާބުކުރެއްވި މާރިޔާ ވިދާޅުވެއްޖެ

އިސްމާއިލް

އެމްޑީޕީގެ މެމްބަރުންނަކީ އެމީހުންނަށް ލިބިފައި ހައްގު އެއްވެސް ހާލަތެއްގައި ވިއްކާލާނެ ބައެއް ނޫކަން ގައުމީ ޗެއަރޕާސަނަކު ހޮވުމަށް ބޭއްވި އިންތިހާބުން ސާބިތުކަމާއެކު ދައްކައިދީފިކަމަށާއި، އަދި ޑިމޮކްރަސީގެ އާމަރުހަލާއަކަށް އެއިންތިހާބަށް ފަހު ދެވިއްޖެކަމަށް އެމްޑީޕީގެ ގައުމީ ޗެއަރޕާސަނަކު ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކ އަތޮޅު މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ވޯޓެއް ގަންނަން ބައިރުފިޔާއެއްވެސް ހަރަދެއް ނުކުރަން. އެމްޑީޕީގެ މެމްބަރުންނަކީ އެބޭފުޅުންނަށް އެލިބިފައިވާ ހައްގު އެއްވެސް ހާލަތެއްގެ ވިއްކާލައްވާ ބޭފޫލުންނެއް ނޫންކަން ސާބިތުކަމާއެކީ މިރޭ ދައްކައިދީފި. މިއިންތިހާބުގަ އެއްވެސް މައްސަލައެއް އަޅުގަނޑަކަށް ނުފެނެއޭ" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް އާއި ގައުމީ ޗެއަރޕާސަނަކު ހޮވުމަށް ބޭއްވި އިންތިހާބަށް ފަހު ހުކުރުދުވަހުގެރޭ ކަލާފާނު ސުކޫލުގައި މި ދެއިންތިހާބުގައި ވާދަކުރެއްވި ކެނޑިޑޭޓުން ބެއްވި ހާއްސަ ބައްދަލުކޮށްލުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި އެޕާޓީގެ ގައުމީ ޗެއާޕާސަނަކު ހޮވުމުގެ އިންތިހާބު މާރިޔާ ކާމިޔާބު ކުރެއްވީ 83 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. ވޯޓްލީ 11200 މީހުންގެ ތެރެއިން 9263 ގެ ވޯޓް މާރިޔާ ހޯއްދެވިއެވެ. މާރިޔާއާ ވާދަކުރެއްވި މުހައްމަދު ނާޒިމް (ބައުންޓީ)އަށް ލިބިވަޑައިގަތީ 1518 ވޯޓެވެ. އެއީ 14% އެވެ.

ރޭގެ މިބައްދަލުކޮށްލުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރެއްވި ތިން ކެނޑިޑޭޓުންވެސް ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ދައްކުވައިފިކަމަށާއި، އެބޭފުޅުން ގައުމީ ބަހުސެއް ކުރެއްވުމަށް ފަހު އެކުވެރިކަމާއެކު ވަޑައިގެންނެވި ރީތި ގޮތަކީ އެއްޑީޕީގެ މެމްބަރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތް ނުވާ މެމްބަރުންވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގެން ކަމެއް ކަމަށެވެ.

އިންތިހާބު ކުރިއަށް ދިޔަ ގޮތާމެދު ވާހަކަދައްކަވަމުން ގައުމީ ޗެއަރޕާސަނަކަށް ވާދަ ކުރެއްވި މުހައްމަދު ނާޒިމް (ބައުންޓީ) ވިދާޅުވީ އެއްވެސް ކަހަލަ ހިތްހަމަ ނުޖެހޭ ކަމެއް އެއިންތިހާބުން ފެންނަންނެތްކަމަށާއި، އިންތިހާބާ މެދު ޖެއްސޭނެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި އިއްޔެ ނިމިގެންދިޔަ ދެއިންތިހާބުގެ ތެރެއިން އެންމެ އިންސާފުވެރިކޮށް ދިޔައީ ޗެއަރޕާސަންއަކު ހޮވުމަށް ބޭއްވި އިންތިހާބުކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް މިތަނަކުން ފެންނާކަށް ނެތޭ. އަޅުގަނޑުގެ އެއްވެސް މައްސަލައެއް އިންތިހާބާއި މެދަކު ނެތް" ނާޒިމް ވިދާޅުވިއެވެ.

ގައުމީޗެއަޕާސަންގެ އިންތިޚާބުގައި ވާދަކުރެއްވި ދެބޭފުޅުންވެސް ބޮޑު ކެމްޕޭންނެއް ނުކުރައްވައެވެ. އަދި އެކަމުގެ ސަބަބު ހާމަކުރައްވަމުން މިދިޔަ ބުރާސްފަތި ދުވަހު މާރިޔާ ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަގުސަދަކީ އެޕާޓީ ވެރިކަމަށް އައުންކަމަށާއި، އެހެން ވުމުން ރިޔާސީ ޕްރައިމަރީ އޮންނަ ވަގުތެއްގައި އެއިންތިހާބަށް ހިޔަނި އެޅޭގޮތަށް އެއްވެސް ކަމެއްކުރަން ބޭނުންނުވާތީ މަޑުކޮށްލައިގެން ހުންނެވީ ކަމަށެވެ. އެހެން ނަމަވެސް ފޯނުންނާއި އެފަދަ ވަސީލަތްތަކުން ކެމްޕޭން ކުރިއަށް ގެންދެވި ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންތިހާބަށް ކުރިމަތި ލެއްވުމަށް ފަހު ނޫސްވެރިންނާއެކު މާރިޔާ ބެއްވި ހަމައެކަނި ބައްދަލުވުމުގައި ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގެންފިނަމަށް ކުރައްވާނެ އެންމެ މުހިންމު ކަމެއްކަމަށް މާރިޔާ ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރެއްވުން ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ހަމަޖެހުމުން އެކަމާ ގުޅިގެން ޕާޓީގެ އޮނިގަޑަށްވެސް ބަދަލުތަކެއް ގެންނަވާނެކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމް.ޓީ.ޑީ.ސީއިން ގަންނަ ކޮންމެ ހިއްސާއަކަށް 90ރ ދޫކުރައްވާ ގޮތަށް ނިންމެވުމުން ޓޫރިޒަމުން މަރުހަބާ ކިޔައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) ގެ ހިއްސާދާރުން ބައްލަވައި ގެންފައިވާ ކޮންމެ ހިއްސާއަކަށް 90ރ ދޫކުރައްވަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމެވުމާ ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ހުސައިން އަފީފަށާއި ބޯޑުގެ ހުރިހާ ޑިރެކްޓަރުންނަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަނުން މަރުހަބާ ދަންނަވައިފިއެވެ.

     ޓޫރިޒަމް މިނިސްޓްރީއިން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައިވަނީ ފަތުވެރިކަމުގެ ސިނާއަތުގެ ފައިދާ ގިނަ ބަޔަކަށް ލިބިދިނުމުގެ މަގްސަދުގައި ސަރުކާރުން އުފެއްދި އެމް.ޓީ.ޑީ.ސީގެ  މަގްސަދު ހާސިލުވަމުންދާކަން ބޯޑުގެ މިނިންމުގެ ސަބަބުން މިއަދު ކުންފުނީގެ ހިއްސާދާރުންނާއި ގިނަ ބަޔަކު ގަބޫލުކޮށް ކުންފުނީގެ ހިއްސާދާރުންނަށް ބޮޑު އުފަލެއް ލިބިގެންދާނެ ކަމަށެވެ.

     "އަދި މިހަބަރުގެ ސަބަބުން އެމް.ޓީ.ޑީ.ސީގެ ހިއްސާގެ އަގުމަތިވެ، އެމް.ޓީ.ޑީ.ސީގެ މިއަދުގެ ޑިރެކްޓަރުންގެ ބޯޑުގެ އެންމެހާ މެމްބަރުންނާއި، ކުރިން ޑިރެކްޓަރުންގެ ގޮތުގައި ބޯޑުގެ މެމްބަރުކަން ކުރައްވާފައިވާ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިނިސްތްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އިން މަރުހަބާ ދަންނަވައި ޝުކުރު އަދާކުރަމެވެ" ޓޫރިޒަމް މިނިސްޓްރީއިން ބުރާސްފަތިދުވަހު ނެރުނު ހަބަރުގައި ބަޔާން ކުރައްވާފައިވެއެވެ.

     އެމް.ޓީ.ޑީ.ސީގައި ރާއްޖޭގެ ހުރިހާ އަތޮލަކަށް ނިސްބަތްވާ 22،035 ހިއްސާދާރުން އެބަތިބި ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ތަހުޤީޤު ފުރިހަމަ ނުވާކަމަށްބުނެ އިޝްހާރު މަރާލި ހާދިސާ ފުލުހުންނަށް އަނބުރާ ފޮނުވާލައިފި

އިބްރާހީމް މުޙައްމަދު

ހ.ކުބުރާ އަލީ އިޝްހާރަށް (ޗޯޓޭ) 21، ހުސްވި އަހަރު ޑިސެމްބަރު މަހު މަރާލި ހާދިސާގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ 5 މީހުންގެ ތަހުޤީޤު ފުރިހަމަ ނުވާކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އޭޕްރީލް 24 ވަނަ ދުވަހު ހުށަހަޅައިފިއެވެ. 4 މަސްވެފައިވާ މިހާދިސާގެ ތަހުޤީޤު ފުލުހުން ނިމިފައިވާކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނީ އޭޕްރީލް 20 ވަނަ ދުވަހުއެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ހުސައިން ޝަމީމް ހާމަކުރެއްވިގޮތުގައި ފުލުހުންގެ ތަހުޤީޤުގައި އިތުބާރު ހިފޭ މަންޒަރު ދުށް ފަރާތްތަކުގެ ބަޔާންތައް ހިމެނިފައެއް ނުވެއެވެ. މިހެންވުމުގެ ސަބަބުން މިމައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން އޭޕްރީލް 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ހިނގަމުންދާ ގުރޫޕް މާރާމާރީއާއި ގުޅިގެން މައުލޫމާތު ދެމުން އެފަރާތުން ހާމަކުރިގޮތުގައި މިމައްސަލަތައް އަވަސް ކުރުމަށް ކަނޑައަޅާފައިވީ ކަމުގައިވިޔަސް ފުލުހުން ހުށަހަޅާފައިވަނީ ހެކިލިބޭ ވަރަށް މަދު ތަހުޤީޤު ބަޔާންތަކެކެވެ.

އިޝްހާރުގެ މަރުގެ ތަހުޤީޤު ފުރިހަމަ ނުވާ ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 22 އޭޕްރީލް ގައި ފުލުހުން ޢާއްމު ކުރި ބަޔާން ބުނާގޮތުގައި މިމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ "ތަޙްޤީޤް މަރުހަލާ ނިންމާ" ފައެވެ.

ނަމަވެސް އެޓާނީ އޮފީހުން ޝަމީމް ވިދާޅުވީ "މިސާލަކަށް، (މިހާދިސާއާ ގުޅިގެން) ސުވާލުކުރެވުނު މީހުންގެ ފަރާތުން އެނގުނުގޮތުގައި އިޝްހާރަށް ވަޅިންހަމަލާ ދިނުމުން އޭނާ ވަނީ އޭނާގެ ގޭ ކުރިމަތީގައި ހުރިގެއަށް. އަދި އެގޭ މީހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ. ނަމަވެސް ތަހުޤީޤައެއް ނެތް އެގޭ މީހުންނާ ސުވާލުކުރެވިފައި"

ޝަމީމު މިކަލަ އިތުރު މިސާލެއް ޖައްސަވަމުން ވިދާޅުވީ މަންޒަރު ދުށް ފަރާތަކުން ފުލުހުންނަށް ޚަބަރުދިންގޮތުގައި މިވަގުތު ފުލުހުންގެ ބަންދުގައި ހުރި މީހަކު އެދުވަހު އިޝާރަށް ހަމަލާދެނިކޮށް އޭނާއަށް ފެނިފައިވާކަމަށެވެ. ނަމަވެސް އެމީހަކަށް ދައުވާކުރަން ހުށަހެޅިފައިނުވާއިރު ތަހުޤީޤު ކުރެވިފައެއް ނުވެއެވެ.

"މަންޒަރު ދުށް ފަރާތުން އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ ހަމަލާދިން މީހާ އިޝްހާރުގެގައިގާ ވަޅިއަޅައި ޖެހިމަންޒަރު ފެނުނުކަމަށް" ޝަމީމް ވިދާޅުވިއެވެ. "މިއީ މަރުގެ މައްސަލައެއް. މިފަދަ މައްސަލަތައް ކުޑަކަމެއްގެ ގޮތުގައި ބެލެވިގެން ނުވާނެ"

ފުލުހުން ތަހުޤީޤު ބަޔާންތަކުގައި ބުނިގޮތުގައި މިހާދިސާއާ ގުޅިގެން އިތުރު ބަޔާންތަކެއް ނަގަން ޖެހޭކަމަށާއި އަދި އެބަޔާންތައް ނިމުމުން އެތަކެތި އެޓަރނީ އޮފީހަށް ރައްދުކުރެވޭނެއެވެ. ނަމަވެސް ޝަމީމް ދެކިލައްވާގޮތުގައި އެޓަރނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅަން ޖެހޭނީ މައްސަލަ އެއްކޮށް ތަހުޤީޤުކޮށް ނިމުމަށް ފަހުގައެވެ.

"ދެއަހަރު ފަހުން އަހަރަމެންނަކަށް ނުބުނެވޭނެ މިވެނިމީހަކުވެސް (އަދި އެބަހުއްޓޭ) މަރާލުމުގައި ބައިވެރިވި" އޭނާ ވިދާޅުވިއެވެ.

އެއްބަސްވުން

އިޝްހާރުގެ މަރުގެ ހާދިސާއާއި ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައިވަނީ ގދ.ގައްދޫ ތިންފިޔަ މުޙައްމަދު އަހުސަން (އަހޫ) 24، ހއ.ހޯރަފުށީ ރަހުމާނީހިޔާ ޝިފާއުﷲ އަބްދުލް ވާހިދު (ޝިފާ) 25، ސ.މީދޫ ގުލްޝަން މިނަން ރަޝީދު (ފިނދަނަ) 22، ހ.ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީނު (ރަބަރޭ) 21، އަދި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.  

ފުލުހުންނާއި ޝަމީމް މައުލޫމާތުދިންގޮތުގައި 17 އަހަރުގެ ކުއްޖާ ވަނީ މިއަމަލު ހިންގިކަމަށް އެއްބަސްވެފައެވެ.

އިޝްހާރު މަރުވެފައިވަނީ ގުރޫޕަކުން ތަޅައިގަނެ ވަޅިއެޅުމުގެ ސަބަބުން އަނިޔާތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނުތާ ގަޑިއިރެއްނުވަނީސް ޑިސެމްބަރ 2 ވަނަ ދުވަހުގައެވެ.

މިހާދިސާގައި އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ ރަޝީދު އަދި 17 އަހަރުގެ ފިރިހެންކުއްޖާއެވެ. އަދި މާރޗްމަހު ރަޒީން ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައިވާއިރު އަހުސަނާއި ވަހީދު ފުލުހުންނާއި އަމިއްލައަށް ހަވާލުވީ އޭޕްރީލް މަހު ކުރީކޮޅުގައެވެ.

މީގެ ކުރިން ފުލުހުން ހަމާކޮށްފައިވާގޮތުގައި ރަޒީން، އަހުސަން އަދި ވަހީދު ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ވޮރެންޓްސްނެރޭނެކަމަށެވެ.

އަދަދުތައް

އިޝްހާރުގެ މަރުގެ ހާދިސާއަށްފަހު ގުރޫޕު މާރާމާރީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. މިގޮތުން ވަރަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ގ.ތަނބުރުގޭ ޝިފާއު އިސްމާއީލް ވަނީ 7 ދުވަހު ކޯމާއެއްގައި އޮވެ މަރުވެފައިވެއެވެ.

މާރާމާރީ ހާދިސާތަކުގެ މައްސަލަތައް އެޓަރނީ ޖެނެރަލް އޮފީހުން ދިގުލައި ދާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާތީ ބުރާސްފަތި ދުވަހު އެ ވުޒާރާއިން އިންތިޒާމްކުރި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބުދާރީވެފައިވެއެވެ.

"ގްރޫޕް މާރާމާރީގެ 3 ހާދިސާއާއި ގުޅުންހުރި 8 މީހެއްގެ މައްސަލަ ފުލުހުން އަޅުގަނޑުމެންނަށް މިމަހު ހުށަހަޅާފައިވޭ" ޝަމީމް ވިދާޅުވިއެވެ. "ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން މިމައްސަލަތައް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން"

މާރާމާރީގެ ހާދިސާތައް އިތުރުވުމާއި ގުޅިގެން އޭޕްރީލް 7 ވަނަ ދުވަހާއި އޭޕްރީލް 21ގެ ނިޔަލަށް މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަރާތުން މާލޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވެފައިވެއެވެ.

ސިފައިންގެ މޭޖަރ އިބްރާހީމް އަފްޟަލް ހާމަކުރެއްވިގޮތުގައި ސިފައިން މާލޭގެ މަގުތައް ބަލަހައްޓަން ހަވާލުވި މުއްދަތުގައި 6 މީހަކު ހައްޔަރުކޮށް ފުލުހުންނަށް ހަވާލުކުރެވިފައިވެއެވެ. އަދި ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމުއްދަތުގައި މަދުވެގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

ސިފައިން ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވުމުގެ ކުރިން ފުލުހުން ހާމަކޮށްފައިވާގޮތުގައި ގްރޫޕް މާރާމާރީއާއި ގުޅިގެން ޖުމްލަ 80 އަށްވުރެ ގިނަ މީހުން އެފަރާތުން ހައްޔަރުކޮށްފައިވާއިރު ތުހުމަތުކުރެވޭ 70 މީހެއްގެ މައްސަލަ ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައެވެ.

އިންތިހާބާ ގުޅޭ ތަމްރީނުހޯދުމަށް އެމްޑީޕީގެ 3 މެމްބަރަކު އިނގިރޭސިވިލާތަށް ފުރައިފި

އިބްރާހީމް މުޙައްމަދު

އިންތިހާބާ ގުޅުން ހުރި ތަމްރީނުތަކެއް ހޯދުމުގެ މަޤްސަދުގައި ދިވެހިރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓީ (އެމްޑީޕީ)ގެ ތިން މެމްބަރަކު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ހޮނިހިރުދުވަހު ފުރައިފިއެވެ. އެމްޑީޕީން ހާމަކުރިގޮތުގައި މި ދަތުރު އިންތިޒާމް ކުރަނީ އިނގިރޭސި ވިލާތުގެ އިދިކޮޅު ސިޔާސީ ޕާޓީކަމުގައިވާ ކޮންޒަވޭޓިވް ޕާޓީންނެވެ. އަދި މި ދަތުރުގައި ބައިވެރިވަނީ އެމްޑީޕީގެ ޢާއްމު މެމްބަރެއްކަމުގައިވާ އަޙުމަދު ޝާހިދު(ސާބެ)އާއި އެމްޑީޕީ ރ.އަތޮޅުގެ ރައީސް އަދި ނިމިގެން ދިޔަ އެމްޑީޕީ ޕްރައިމެރީސްގެ އިންތިހާބު ކޮމެޓީގެ މުޤައްރިރު މުޙައްމަދު ރަޝީދާއި އެމްޑީޕީގެ އައްޑޫ ދާއިރާގެ ނާއިބު ރައީސް އަބްދުﷲ ސާދިގު ކަމަށް އެޕާޓީން ޚަބަރު ދިނެވެ.  

މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މިނިވަން ނޫހަށް ދެއްވި ބަސްދީގަތުމުގައި ޝާހިދު ވިދާޅުވީ 7 ދުވަހުގެ މިދަތުރުގެ ސަބަބުން ކުރިއަށްއޮތް އިނގިރޭސިވިލާތުގެ ލޯކަލް އިލެކްޝަނެއް ކުރިއަށްދާގޮތް ވަރަށް ރަނގަޅަށް އެނގިގެން ދާނެކަމަށެވެ. އަދި ކެމްޕެއިން ކުރާނެ ގޮތާއި ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބަށް ރަނގަޅަށް ތައްޔާރު ވުމުގެ ފުރުސަތުވެސް ލިބިގެން ދާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"މިއީ ވެސްޓްމިސްޓަރ ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ހަރަކާތެއް" އެމްޑީޕީގެ ޖޫން 2007ގެ ރިޔާސީ އިންތިޚާބު ކޮމެޓީގެ މުއާވިންކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވިއެވެ.

ލ އަތޮޅުން ގިރިއަކަށް އެރި ފުވައްމުލަކު ބޯޓު ފުންކޮށްފި

ލ. އަތޮޅު ކުނަހަންދޫގެ ފަޅުގެ ދަތިކަމުގެ ވާހަކަތައް އެރަށު މީހުން ދައްކަމުންދަނިކޮށް އެރަށު ފަޅު ތެރޭގައި އޮތް ގިރިއަކަށް އަރައި ބީހުނު ފުވައްމުލަކު އުޖާލާ ބޯޓު ފުންކުރެވިއްޖެކަމަށް އެބޯޓުން މައުލޫމާތު ދީފިއެވެ.

ބުރާސްފަތިދުވަހު މެންދުރު 1:30 ކަންހާއިރު މި ބޯޓު ފުންކޮށްފައިވަނީ ސިފައިންގެ އެހީގައި ބޯޓުގައި ހުރިހާ މުދާ ދޯންޏަކަށް ނެގުމަށްފަހުގައި ކަމަށް ބޯޓުން މައުލޫމާތުދެއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ކަންހާއިރު އުޖާލާ ބޯޓު ކުނަހަންދޫ ފަޅުގައި އޮތް ގިރިއަކަށް އަރާފައިވަނީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރު ކުރަމުންދަނިކޮށް މޫސުން ގޯސްވުމާ ގުޅިގެން ކުނަހަންދޫ ފަޅުތެރެއަށް ވަނުމާ ގުޅިގެން ކަމަށް މައުލޫމާތުލިބިފައިވެއެވެ.

އުޖާލާ ބޯޓު ގިރިއަށް ބީހުނު އިރު އެ ބޯޓުގައި ގެދޮރު ޢިމާރާތްކުރުމުގެ ސާމާނާއި ވިޔަފާރިވެރިންގެ މުދާ ގިނަ އަދަދަކަށް ހިމެނޭކަމަށްވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިންވެސް ގިނަ އަދަދަކަށް ތިބިކަމަށްވެއެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާ އާ ގުޅިގެން މިބޯޓުން ދަތުރުކުރި ބައެއްމީހުން ވަނީ ކުނަހަންދޫގެ ދޯނި ފަހަރުގައި ކުނަހަންދޫއަށް ގެންގޮސްފައެވެ. ކުނަހަންދޫއަކީ ލަފާ ފުރުފުމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

2000 ބަސްތާ ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައި 1200 ބަސްތާ ސިމެންތި މޫދަށް އުކާލައިފި

މުހައްމަދު އަޝްރަފް

 

 މާލެއިން 2000 ބަސްތާ ސިމެންތި ބަރުކޮށްގެން ކ.ކާށިދުއަށް ދަތުރުކުރި މ.ފުރަވެނި މުޙައްމަދު މޫސާގެ "ގާފިލާ" ދޯނި ކ.ކާށިދޫގެ ނެރުމައްޗަށް ބުރާސްފަތިދުވަހުގެރޭ 12:30 ކަންހާއިރު އަރައިފިއެވެ.

މިހާދިޘާގައި މިދޯނިން ދަތުރު ކުރި 5 ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފަނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި އެދޯނީގައިހުރި ސިމެންތީގެ ތެރެއިން 1200 އެއްހާ ބަސްތާ ސިމެންތިވަނީ މޫދަށް އުކާލާފައެވެ. ކާށިދޫ ރައްޔިތުންނާއި، ކާށިދޫ ޕޮލިސް ސްޓޭޝަން އަދި ދޯނީގެ ވެރިފަރާތް ގުޅިގެން ކުރެވުނު މަސަތްކަތުން އިއްޔެ 11:25 ކަންހާއިރު މިދޯނިވަނީ ފުންކުރެވިފައެވެ.

މިހާދިޡާގެ މައުލޫމާތު މޯލްޑިވްސް ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް ލިބުމާ ގުޅިގެން ކާށިދޫއޮފީހަށް ގުޅައި މިދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2 ދޯނި އެސަރަހައްދަށް ފޮނުވިފައިވާ ކަމަށްވެއެވެ. ނަމަވެސް އެސަރަހައްދަށް ފޮނުވުނު 2 ދޯންޏަށް، ގާފިލާދޯއްޏާއި ކައިރިކުރެވޭގޮތް ވަނީ ނުވެފައެވެ.

މީގެއިތުރުން އިއްޔެރޭވެސް ކަނޑުމަތީގެ 2 ހާދިސާއެއްގެ ރިޕޯރޓް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ. ކޯސްޓްގާޑަށް ލިބެމުންދާ ހާދިސާތަކުގެ ތެރެއިން ގިރިފަރަށް އެރުމުގެ ގިނަ ހާދިސާތަކަކީ ރޭގަނޑު ދިމާވެފައިވާ ހާދިސާތަކެއްކަމަށް މައުލޫމާތުދެއެވެ.

ރޭގަނޑު ދަތުރުތައް ރޭއްވުމަށް ވުރެން ބޮޑަށް ދުވާލު ދަތުރުތައް ރާއްވަވައިގެން ދަތުރުތައް ކުރެއްވުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ވެރިފަރާތުން ސަމާލުކަން ދެއްވުމަކީ ކޯސްޓްގާރޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ކޯސްޓްގާޑުން މައުލޫމާތުދެއެވެ. އަދި ރޭގަނޑު ދަތުރުކުރައްވާނަމަ ގިރިފަރު ގިނަ އަތޮޅުތަކުގެ ތެރެއިން ދަތުރުކުރެއްވުމުގެ ބަދަލުގައި އަތޮޅުތަކުގެ ބޭރުން ދަތުރުކުރެއްވުމާއި ރަށްރަށުގެ ނެރުން ވަދެ ނިކުތުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.

އަތޮޅު ކޮމެޓީގެ ޓީމު އިސްދޫކަލައިދޫގެ ކަލައިދޫ އޮފީހުގައި ބަންދު ކޮށްފި

އިސްމާއިލް

 

ދެއަވަށު މެދުގައި ހުންނަ ސިއްހީ މަރުކަޒަށް ކަރަންޓު ދިނުމުގައި ޚިޔާލުތަފާތުވެގެން ހައްދުންމަތީ އިސްދޫކަލައިދޫއަށް ރިޕޯޓެއް ހެދުމަށް ލ އަތޮޅު އޮފީހުން ފޮނުވި ޓީމު އިސްދޫކަލައިދޫގެ ކަލައިދޫ އޮފީހުގައި އެއަވަށު ރައްޔިތުން ބަންދު ކޮށްފިއެވެ.

އިސްދޫ ކަލައިދޫން މިނިވަނަށް މައުލޫމާތު ދިން ކަލައިދޫ އަވަށު މީހަކު ބުނީ ހޮނިހިރުދުވަހު 10 ޖަހާ ކަންހާއިރު އެރަށަށް އައި އަތޮޅު އޮފީހުގެ މިޓީމުގެ 6 މީހުން ބަންދުކުރީ ރައްޔިތުންގެ މައްސަލަތައް ހައްލު ކޮށްދޭން މަސައްކަތް ނުކުރާތީކަމަށާއި އެމީހުން ދޫކޮށްލެވޭނީ އެރަށުގެ މައްސަލަތައް ހައްލު ކޮށްދިނުމުންކަމަށެވެ. އެމީހުން ރަށު އޮފީހުގައި ބަންދު ކޮށްފައި ތިބި ނަމަވެސް ކެއުމުގެ ކަންތައްތައް ކަލައިދޫ ރައްޔިތުން ހަމަޖައްސައި ދޭކަމަށްވެސް އޭނާ ބުންޏެވެ.

ސިއްހީ މަރުކަޒަށް ކަރަންޓް ދިނުމުގައި ޚިޔާލުތަފާތުވެގެން ހައްދުންމަތީ އިސްދޫކަލައިދޫގެ ދެއަވަށް ގުޅުވައިދޭ މަގު ދެއަވަށުންވެސް ކޯރު ކޮނެ މަގު މިހާރު ވަނީ ބަންދުކޮށްލައިފައިކަމަށާއި، ކޮންމެ އަވަށަކުންވެސްވަނީ، އެއަވަށެއްގެ ކޮޅަށް ޞިއްހީ މަރުކަޒުވާނެހެން އަނެއް އަވަށު ކޮޅުން ދިގު ފުން ވަޅުގަނޑެއް ކޮނެފައި ކަމަށްވެސް މިނިވަނަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އަދި ކަލައިދޫ އަވަށުގެ ބަޔަކުގޮސް އިސްދޫ އަވަށާއި ޞިއްހީ މަރުކަޒާ ދެމެދު ގާތްގަޑަކަށް 4 ފޫޓްފުޅާ ގ ފޫޓެއްހާ ފުން ވަޅުގަނޑެއް މަގުހުރަސްކޮށް ކޮނެފައިވާއިރު، އިސްދޫއަވަށުގެ ބަޔަކުގޮސް ވަނީ ކަލައިދޫ އަވަށާ ޞިއްހީ މަރުކަޒާ ދެމެދު ގާތްގަޑަކަށް ދިހަފޫޓް ފުޅާކޮށް އަށެއްކަ ފޫޓް ފުންމިނުގައި މަގު ހުރަސްކޮށް ވަޅުގަނޑެއް ކޮނެފައިކަމަށް ވެސް އެނާ ބުންޏެވެ.

ކަލައިދޫ މީހުން ބުނާ ގޮތުން ސަރުކާރުން ހުރިހާ އެހީއެއް ވެދެނީ އިސްދޫ އަވަށު މީހުންނަށް ކަމަށާއި، ކަލައިދޫ އަވަށު މީހުންނަކީ ތިބޭބައެއްކަންވެސް ސަރުކާރުން ނުދަންނަ ކަމަށެވެ. އަދި ސުނާމީގައި އެންމެ ބޮޑަށް ހާލުގައި ޖެހުނީވެސް ކަލައިދޫ އަވަށު މީހުންކަމަށާއި ނަމަވެސް ސަރުކާރުން އެހީ ދީފައިވަނީ އިސްދޫ އަވަށު މީހުންނަށް ކަމަށްވެސް ކަލައިދޫ އަވަށު ރައްޔިތުން ބުނެއެވެ.

ދެއަވަށުގެ ދެމެދު އޮތް ހަމަނުޖެހުން ނިމޭނީ ސަރުކާރުން ޒިންމާ ދާރުވެ ހުރިހާ ރައްޔިތުންނަށް އެއް ހަމައަކުން ކަންތައް ތައް ކޮށްދިނުމުން ކަމަށާއި، ކަލައިދޫ އަވަށުގައި ދިރިއުޅޭ 1000 ހާ މީހުންނަކީވެސް ރާއްޖޭގައި އުޅޭބައެއްކަން ސަރުކާރުން ދަންނަން ޖެހޭނެ ކަމަށްވެސް އެރަށުގެ ރައްޔިތުން ބުނެއެވެ.

އިހަންވަންދޫއަށް ގާސިމް ވަޑައިގަތްކަމުގައިވިއަސް ލާރި ބަހައިގެން އެމްޑީޕީގެ ވޯޓެއް ނުގަނެވޭނެ ކަމަށް އަލީ ޝީޔާމް ވިދާޅުވެއްޖެ

އިސްމާއިލް

ލާރި ބަހައިގެން އެމްޑީޕީގެ ވޯޓެއް ނުގަނެވޭނެ ކަމަށް މައްޝޫރު ވިޔަފާރި ވެރިއެއްކަމަށްވާ 3އޭ ކުންފުނީގެ ޗެއާރމަން އަދި އެމްޑީޕީގެ ގައުމީމަޖިލީހުގެ މެމްބަރު އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ ޗެއާޕާސަނަކު ހޮވުމަށް ބޭއްވި އިންތިހާބާއި އެޕާޓީގެ ރިޔާސީ ޕްރައިމަރީސް ގައި ވޯޓްލާ ވަގުތާ ގާތްކޮށް ފިނޭންސް މިނިސްޓަރ އަދި ޑީއާރުޕިގެ ނައިބް ޒައީމް ގާސިމް އިބްރާހިމް ހއ އިހަންދޫއަށް ހުކުރުދުވަހު ވަޑައިގަނެ އެއިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށް ހަބަރު ލިބުމާ ގުޅިގެން މިނިވަނަށް މައުލުމާތު ދެއްވަމުން އަލީ ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް ދަނީ އެކިގޮތްގޮތަށް ހުރަސް އަޅަމުންކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ޒަމާނުންސުރެ ކުރަމުން އައިގޮތަށް ލާރި ބަހައިގެންނެއް އެމްޑީޕިގެ ވޯޓެއް ނުގަނެވޭނެ ކަމަށެވެ. އަދި ގާސިމްގެ އެހީ ގަބޫލު ކުރި ނަމަވެސް އެމްޑީޕީގެ މެމްބަރުންނެއް ގާސިމް ބުނާ ގޮތަކަށް ވޯޓެއް ނުދޭނެ ކަމަށްވެސް އަލީ ޝިޔާމް ވިދާޅުވިއެވެ.

"މިއަދު ފެނިގެން އެދިޔައީ މެމްބަރުން ދެކޭގޮތް. އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ހަގީގަތުގަ ޑީއާރުޕީގެ ނައިބު ޒައީމް ގާސިމް އިބްރާހިމްވެސް ވޯޓަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރަމުން ދިޔަތަން. އެހެން ނަމަވެސް މިޕާޓީގެ މީހުންނަކީ ވަރަށް ހޭލުންތެރި ބައެއް. އެހެންވީމަ ގާސިމް އިބްރާހިމަށް ނުފޫޒު ފޯރޭ ވަރަށް ވުރެ ބޮޑަށް މިޕާޓީގެ ވިސްނުން މިއޮތީ މާކުރިއަށް ގޮސްފަ. ހަގީގަތު އަދިވެސް އެއުޅެނީ ގާސިމަށް ބަދަލު ނައިސްގެން. ގާސިމް އަދިވެސް އެހުރީ އެންދެރިމާގޭ ގެންގުޅޭ ކުއްޖެއްގެ ވިސްނުމުގައި. އެހެންވީމަ އަޅުގަނޑު އަދިވެސް ގޮވާލަން އޮތީ. ގެންގުޅޭ ކުއްޖެއްގެ ގޮތުން ސަލާމަތް ވާށޭ" އަލީ ޝިޔާމް ވިދާޅުވިއެވެ.

މިނިވަނަށް މައުލޫމާ ދިން އިހަވަންދޫ ރައްޔިތަކު ބުނީ އިއްޔެ ގާސިމް އިބްރާހިމް ހުކުރުވަގުތާ ގާތްކޮށް އިހަވަންދޫއަށް ވަޑައިގެންނެވިކަމަށާއި، އަދި ހުކުރު ނަމާދަށް ފަހު ގާސިމާއި އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައްދަލުކުރިކަމަށެވެ. އަދި މިބޭއްވި ބައްދަލުކޮށްލުމުގައި ގާސިމް ވާހަކަދެއްކެވީ ހަގީގަތާއި އަދި އިހަވަންދޫ ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ކަމަށެވެ. ގާސިމް ވިދާޅުވަމުންދިޔައީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެމުންދާކަމަށާއި، އެހެން ވުމުން އިހަވަންދޫ ރައްޔިތުންނާއި ގާސިމާ ދެމެދު ހޫނު ޒުވާބު ތަކެއް ކުރެވުނުކަމަށްވެސް އެފަރާތުން ބުންޏެވެ. އަދި އިއްޔެ ކުރިއަށް ދިޔަ އެމްޑީޕިގެ ޕްރައިމަރީސް ގައި ޑރ މުނައްވަރަށް ވޯޓް ދެއްވުމަށް އެރަށު ބައެއް ރައްޔިތުންގާތު ގާސިމް އެދިފައި ވާކަމަށްވެސް އެފަރާތުން ބުންޏެވެ.

"ގާސިމް މުޅިންވެސް މަސައްކަތްކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ ދައްކަން. ގާސިމާ ވަރަށް ގަދައަށް ޒުވާބު ކުރެވުނު އެތަނުގަ. ބައެއްމީހުން ލޭހޫނުވެގެން ގަޔަށް އަތްފޯރުވާ ހިސާބަށްވެސް ދިޔަ. އިންތިގާލީ ބާބަށް ހެދި ގޮތުންނާ، ބަރުލަމާނީ ރިޔާސީ ނިޒާމުގެ ވޯޓުގެ ކަންތައްތައް އޭނާ ނިންމި ގޮތުންނާ މިހުރިހާ ކަމަށް ވާހަކަދެކެވުނު އެތަނުގަ" ގާސިމާ ވާހަކަ ދެއްކި އިހަވަންދޫ ރައްޔިތަކު މިނިވަނަށް މައުލޫމާތު ދެމުން ބުންޏެވެ.

އިއްޔެ އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވޯޓުގައި އިހަވަންދޫން އަންނިއަށް 207 ވޯޓު، ރީކޯއަށް 13 ވޯޓު، އަދި މުނައްވަރަށް 3 ވޯޓު ލިބިފައިވެއެވެ.

މިމައްސަލާގައި ގާސިމަށް ގުޅަންކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.