Thursday 17 April 2008

"ސީނިއަރ މިނިސްޓަރ" ކަމުގެ މަގާމަށް 5 ބޭފުޅަކު އަދި "ދައުލަތުގެ މިނިސްޓަރ" ކަމުގެ މަގާމަށް 4 ބޭފުޅަކު ހަމަޖައްސަވައިފި

"ސީނިއަރ މިނިސްޓަރު" ކިޔާ އާ މަގާމަކަށް 5 ބޭފުޅަކު އަދި ދިވެހި ދައުލަތުގެ މިނިސްޓަރ ކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިސްކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ބުރާސްފަތިދުވަހު ދެއްވައިފިއެވެ.

މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސީނިއަރ މިނިސްޓަރ ކަމުގެ މަގާމަށް އިސްކުރެއްވީ، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ކުރީގެ އެޓޮލޮސް މިނިސްޓަރު ޢަބްދުﷲ ޙަމީދާއި، ޢުމަރު ޒާހިރުއެވެ. އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ތިއްބެވި އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކާއި، އަލްއުސްތާޛު ފަތުޙުﷲ ޖަމީލުވެސް ސީނިއަރ މިނިސްޓަރުގެ މަގާމަށް އިސްކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެހެން ނަމަވެސް، އެބޭފުޅުން މިވަގުތު ރަށުގައި ވަޑައިގެން ނެތުމާއެކު، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރެއްވުން، އެބޭފުޅުން ރާއްޖެ ވަޑައިގަތުމުން ބާއްވަވާގޮތަށް ވަނީ ހަމަޖައްސާފަ ކަމަށް އެއޮފީހުން މައުލޫމާތުދެއެވެ.

ދިވެހި ދައުލަތުގެ މިނިސްޓަރ ކަމުގެ މަގާމަށް އިސްކުރެއްވީ، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކު (ސަމަރޭ)އާއި، އަލްފާޟިލާ ރާޝިދާ ޔޫސުފާއި، އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.

މިއަދު ހުވާކުރެއްވި ދައުލަތުގެ މިނިސްޓަރުން ކުރެން 3 ބޭފުޅަކު ތިއްބެވީ ރައީސް އޮފީހުގެ ދަށުން ހިނގާ އެކަހެރި މަޖިލިސް ތަކުގެ ވެރިންގެ ގޮތުގައެވެ. ޢަބްދުއްރަޝީދު ޙުސައިން ހުންނެވީ ފަބްލިކް އެންޓަރޕްރައިޒަސް ކޮމިޝަންގެ ޗެއާމަންކަމުގައެވެ. އަދި ހަޔާ އެޑިއުކޭޝަން އެންޑް ސޯޝަލް ސެކިއުރިޓީވެސް ހަވާލުކޮށްފައިވަނީ މީނާއާއެވެ. ރާޝިދާއަކީ ތައުލީމާބެހޭ ގައުމީ މަޖިލީހުގެ ރައީސާއަށް ވާއިރު ސަމަރުބުލޫ އިބްރާހިމް މަނިކަކީ ކޮމިއުނިޓީ އޯގަނައިޒޭޝަންގެ ޗެއާމަނެވެ. އައްބާސް އިބްރާހީމަކީ ދިވެހިބަހާ ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްއެވެ. މިބޭފުޅުންނަށް ދައުލަތުގެ މިނިސްޓަރުކަން ލިބުނަސް ކުރައްވާ މަސައްކަތަކަށް ބަދަލު ނާންނާނެކަމަށްވެއެވެ.

މި ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚު ޢަލީ ޙަމީދު މުޙަންމަދު ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބަޔާން ކުރައްވާފައިވެއެވެ.

މި 9 ބޭފުޅުންނަށް އާ މަގާމުތަކެއް މިހަމަޖެއްސެވީ 2 މެއި 2008 ގައި ދިވެހި ސިވިލްސާވިސް ޤާނޫނަށް އަމަލުކުރަން ފަށާއިރު، މި 9 ބޭފުޅުންވެސް ސިވިލް ސާވިސް ކޮމިޝަނުގެ އިޚްތިޞާޞްގެ ދަށުން ސަލާމަތްކުރުމަށް ހެދި އެދިފަހަރެއްގެ ގޮތުގައި ކަމަށް ވެއެވެ. ނަމަވެސް ސިވިލް ސާވިސް ޤަނޫނުގެ 3 ވަނަ މާއްދާބުނަނީ "ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތައް ދިވެހި ސިވިލް ސަރވިސްއަކު ނުހިމެނެއެވެ. (ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކޮށް، ވަކިކުރާ ފަރާތްތައް. (ށ) ވަޒީރުންގެ ނާއިބުން. (ނ) ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ. (ރ) ދިވެހި ސިފައިން. (ބ) ދައުލަތުގެ ވިޔަފާރި ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން. (ޅ) އެހެން ޤާނޫނަކުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތައްކަމުގައި ކަނޑައަޅާ ފަރާތްތައް" މިހެނެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިސްކޮށް، ވަކިކުރާ ފަރާތްތަކަކީ "ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، އުއްތަމަފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނާއިބުރައީސާއި، ވަޒީރުންނާއި، ބަންޑާރަނާއިބާއި، ޚާއްޞަ އިމްތިޔާޒުތަކާއެކު ދިވެހި ދައުލަތުން ބޭރުފަރާތްތަކަށް ފޮނުވާ މީހުންނާއި، އަތޮޅުވެރިންނާއި، ފަނޑިޔާރުންނާއި، އޮޑިޓަރ ޖެނެރަލާއި، ކޮމިޝަނަރ އޮފް އިލެކްޝަންސް" ކަމަށް ގާނޫނު އަސާސީގައިވެއެވެ.  

ގާނޫނު އަސާސީގައިވެސް އަދި ސިވިލް ސާވިސް ގާނޫނުގައިވެސް "ސީނިއަރ މިނިސްޓަރުން" އަދި "ދައުލަތުގެ މިނިސްޓަރުން" ބަޔާންކޮށްފައެއް ނެތެވެ.

ރިބުނދޫ އާބާދުކޮށް ތަރައްގީކުރުމަށް އެރަށު ރައްޔިތުން އެދެމުން ދަނީ

ދ ރިބުނދޫގައި މިހާރު ދިރިއުޅެމުންދާ ރައްޔިތުން ބޭނުންވަނީ އެރަށުގައި ދިރިއުޅެންކަމަށާއި އެމީހުން އެންމެ ކަންބޮޑުވަނީ އެރަށު ރައްޔިތުން މަދުވަމުން ދިޔުމުން ކަމަށް އެރަށު ރައްޔިތުން ހާމަކޮށްފިއެވެ. އެރަށުގެ ބައެއް މީހުން ބުނާގޮތުގައި ސުނާމީއާ ގުޅިގެން މީޑިޔާއިން 340 މީހުން ކ ތުލުސްދޫއަށް ބަދަލުވެފައިވާކަމަށް ބުނަމުން ދިޔަކަމުގައި ވިޔަސް ސުނާމީގެ ކުރިން އެރަށުގައި 732 މީހުން ދިރިއުޅެމުން ގެންދިޔައެވެ. އަދި މިހާރު 514 މީހުން އެރަށުގައި އުޅެމުން ދާކަމަށް ވެއެވެ. އެމީހުން ބުނީ ރިބުދޫގެ އާބާދީ މަދުކަމުން ސަރުކާރުން އެރަށަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

ރިބުދޫގެ ރައްޔިތުން ބުނާގޮތުގައި ރިބުދޫއަކީ އާބާދުކޮށް ތަރައްގީ ކުރެވޭނެ ރަށެކެވެ. އަދި އެރަށުގައި މިހާރު އުޅެމުންދާ ރައްޔިތުންގެ އާންމު ހާލަތު ރަގަޅުކޮށް ރަށް ތަރައްގީކުރުމަށް އެރަށުގެ އާބާދީ އިތުރުކުރަން ޖެހެއެވެ. އެމީހުން ބުނީ ސުނާމީއާއި ގުޅިގެން އެރަށުން ބަޔަކު މީހުން ފޭބީ އެރަށުގައި އުޅެވެން ނެތުމުން ނޫންކަމަށާއި އެމީހުން ފޭބީ މާލެއާއި ކައިރިއަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާތީ ކަމަށެވެ.

ރިބުދޫ ރައްކުރިއަރުވާ ކޮމިޓީގެ މެމްބަރެއް ކަމުގައިވާ މޫސާ އަބްދުއް ރަހްމާން ވިދާޅުވީ އެރަށުން އެހޭ ގިނަ ބަޔަކު ފޭބިއިރު އެކަމާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް ފަރާތަކުން ރަށު ރައްޔިތުންނާ ވާހަކަ ދައްކާފައި ނުވާކަމަށެވެ.

"އަމިއްލަ ބަޔަކު ނުކުމެގެން... އެމީހުން މިތާ ދިރިނޫޅެވިފާ ތިބި ބަޔަކު މިރަށުތެރޭގައި އެގޮތް މިގޮތަށް ވާހަކަ ދައްކައިގެން ބޮޑު ގޭގެ ލިބޭނެއޭ ކިޔައިގެން... ވަކި ހިސާބަކަށް ދިޔައީމާ މިހާރު މިތައް ޕަސަންޓު ވެއްޖެއޭ ކިޔައިގެން، 80 ޕަސަންޓޭ ބުނާއިރު އަދި 30 ޕަސަންޓު ނުލިބޭ، މިކަހަލަ ދޮގާ މަކަރާއި ހީލަތް ހަދައިގެން ބައެއްގެ ބޮލުތެރެއަށް ވަދެގަނެގެން މި އެންމެން ފައިބައިގެން ދިޔައީމާ ދެން ކިހިނެއްހޭ މިތާގައި ދިރިއުޅޭނީ ކިޔާ ހީލަތުން މީހުން ހައްލުވައިގެން ގޮސްތިބި މީހުން އެއީ..." މޫސާ އަބްދުއްރަހްމާން ވިދާޅުވިއެވެ. 

ރަންރިހީގެ މަސައްކަތަށް މުޅި ރާއްޖެއަށް މަޝްހޫރު، ފަސްގަޑު އުސް ރިބުދޫގައި މިހާރު އުޅެމުން ގެންދާ ބަޔަކީ އަސާސީ ޚިދުމަތްތަކުން މަހްރޫމުވެފައިވާ ބައެއް ކަމަށް ރިބުދޫގެ ފެމިލީ ހެލްތު ވޯކަރެއްގެ މަގާމުގައި 20 އަހަރު ހޭދަކޮށްފައިވާ ފަރިޔާލު މުހަންމަދު ވިދާޅުވެއެވެ.

"ސަރުކާރުން މީގެ ކުރީގައި ވިދާޅުވެފައި އޮތީ 1000 މީހުންނަށް ޑޮކްޓަރަކު ދޭ ވާހަކަ. ހުއްޓަ އަޅުގަޑުމެންގެ ތެރެއިން އެތައް ބަޔަކު ތުލުސްދޫއަށް އަޅާލައިފި، 732 މީހުންގެ އާބާދީއެއް އޮއްވައި. މިހާރު ސަރުކާރުން ވިދާޅުވަނީ 700 މީހުންގެ އާބާދީއެއް ނެތިއްޔާ ޑޮކްޓަރެއް ނުލިބޭނެއޭ. އަޅުގަޑުމެން ބައްޔެއް ވާކަށް ނެތް. މިހާރު ހުޅުދެލީ ޑަކްޓަރެއް އެބައާދެ ހަފުތާއަކު ދެ ދުވަހު. އެއަންނައިރު 3 ގަޑިއިރު މިކޮޅުގައި މަސައްކަތް ކުރަނީ. އަންނާނީ ހެދުނު 10 ޖަހާއިރުގަ. ފަރިޔާލު ވިދާޅުވިއެވެ. "ކޮންމެ ގޮތަކަށް ބެއްޔަސް އަޅުގަޑުމެންވެސް ހަމަ އެންމެ މީހެއް ކަމަށް ވިޔަސް، ހަ ހާސް މީހުން ކަމުގައި ވިޔަސް ދިވެހި ރައްޔިތުން ކަމަށް ވަންޏާ ލިބެންވާ އަސާސީ ޚިދުމަތް ހަމަ ހަމަ ވާންޖެހޭނެ. އެއީ އަޅުގަޑު ދެކޭ ގޮތް."

ރިބުދޫގެ ރައްޔިތުންނަކީ ސަރުކާރުން ހަމަޖައްސާ ގަވާއިދުތަކުގެ ސަބަބުން ޚިދުމަތް ލިބުމަށް ޝަރުތު ހަމަނުވާ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

"އެއްހާސް މީހުންގެ އާބާދީއަކަށް ޑޮކްޓަރުން ދިން އިރު އަޅުގަޑުމެން އޭގެ ތެރެއަކު ނުހިމެނުނު. ހަތް ސަތޭކަ މީހުންނަށް ދިން އިރުވެސް އަޅުގަޑުމެން އޭގެ ތެރޭގައި ހިމެނޭކަށް ނެތް. މިހާރު އަޅުގަޑުމެންގެ އާބާދީއަކީ 514، އެހެން ވެއްޖެކަމަށް ވެއްޖިއްޔާމު މިއިން އެއްވެސް ގޮތެއްގައި ލައްވާލާނެ އެއްވެސް ގޮތެއް ނެތޭ ހަމަ، އެކަމަކު ދިވެހި ރައްޔިތުންނޭ މިއީ." ފަރިޔާލު ވިދާޅުވިއެވެ.

 

ރިބުދޫގައި ސިއްހީ ޚިދުމަތްތައް އެކަށީގެންވާ ފެންވަރަކަށް ނުލިބޭތީ ބައެއް ކަހަލަ ސިއްހީ ފަރުވާ ރައްޔިތުން ހޯދަން ޖެހެނީ ކައިރި އެހެން ރަށްރަށުންނެވެ. ނަމަވެސް އެމީހުން ބުނިގޮތުގައި ބަލިމީހެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާއިރުވެސް ރިބުދޫގެ ފަޅުގެ ދަތިކަން ބޮޑުކަމުން ހިކިދިޔައާ ދިމާވުމުން ފަޅުގައި ތާށިވެފައި އޮންނަންޖެހި ހިތާމަވެރި ހާދިސާ ހިގާފައިވެއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައި އޮތީ މީގެ ކުރީގައި ލަފާފުރުމުގެ ދަތިކަން ހުރި ހުރިހާ ރަށެއް ތިން އަހަރުދުވަހުތެރޭ ހައްލުކޮށް ދެއްވާނެ ވާހަކަ. ނަމަވެސް މިދިޔަ އަހަރަކީ، 2007 ވަނަ އަހަރު އެބުނާ ހިސާބެއް އައިސް ކުޑަތަންވީ. މިހާރު މިއޮތީ 2008 ވަނަ އަހަރު ފަށާނެ ވާހަކަ. އަދިވެސް އަޅުގަޑުމެންނަކަށް އަލިމަގެއް ފެންނާކަށް ނެތް." ފަރިޔާލު ވިދާޅުވިއެވެ.

މޫސާ އަބްދުއްރަހްމާން ވިދާޅުވީ އޭނާ އެންމެ ދެކޭ ހިތްވާ ދުވަހަކީ ދ ރިބުދޫގެ ފަސްގަޑު މަތިން ރަންރިހީގެ މަސައްކަތްތެރިކަން އިތުރަށް ރާއްޖެތެރޭގެ މީހުންނަށްވެސް ކޯސްތައް ހިންގައި ބައިވެރިކޮށްދެވިގެން މިކަންތައްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

"އަޅުގަޑު އެންމެ ކަންބޮޑުވާކަމަކީ މިވަރުގެ ރަގަޅު ރަށަކުން އަނެއްކޮޅުން ތާރީޚީ ރަށްތަކުގެ ތެރޭގައިވެސް މިރަށަކީ ހިމެނޭ ރަށެއް. ބ އަތޮޅު ތުޅާދޫ ލިޔެލާޖެހުމަށް، ދ އަތޮޅު ރިބުދޫ ރަންރިހީގެ މަސައްކަތަށް، ގދ ގައްދޫ ތުޑުކުނާ ވިޔަން." މުސާ ވިދާޅުވިއެވެ. "މިރަށަށް ހިމެނޭ މީހަކު، މިރަށުގެ މީހަކު ކޮންމެސް ގޮތަކުން ވަޒަންވެރިނުވާ އަތޮޅެއް ދިވެހިރާއްޖެއަކު ނުވާނެ. އެކަމު އެއިން އެއްވެސް ތަނަކުންނެއް އެމީހެއްގެ ދަރިއެއްގެ ފަރާތުންވެސް އެކަމެއް އާލާވެ ދިރިގެން ގޮސްފައެއް ނުވާނެ. މާކަނާ ވިހާ ބޮޑުވާނީ މާކަނާ ބިސް އަޅާ ހާލީގައި. ހޯގުޅާ ވިހާ ބޮޑުވާނީ ހޯގުޅާގެ ހާލީގައި. އެހެން ތަނަކު ނުވޭ ބޮޑެއް."

ދ އަތޮޅުގައި ރިޒޯޓުގެ ގޮތުގައި ދަނީ ދެ ރަށެއް ހަދަމުންނެވެ.

އިންތިގާލީ މަރުހަލާގައި ދައުލަތުގެ މީޑިޔާ ތަފާތުކުރުމެއްނެތި ގެނެސްދިނުމަށް ހުށަހެޅި މާއްދާ ޑީއާރްޕީން ފެއިލްކޮށްލުމާ ގުޅިގެން މީޑިޔާ އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި

 "އިންތިގާލީ މަރުހަލާގައި ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާން ކުރާ ރ މެންބަރު ޝާހީނު ހަމީދުގެ 21 ވަނަ ހުށަހެޅުން ރައްޔިތުންގެ ހާއްސަ މަޖިލީހުން މިދިޔަ އާދީއްތަދުވަހު ފޭލިކޮށްލުމުގައި ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުން ކަނޑައެޅިގެން ވޯޓު ނުދެއްވިކަން ފާހަގަކޮށް މޯލްޑިވްސް މީޑިޔާ އެސޯސިއޭޝަނުން ނޫސް ބަޔާނެއް ނެރެފިއެވެ.

ނޫސްވެރިންގެ ޖަމްއިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރ މެންބަރު ޝާހީން ހަމީދު ހުށަހަޅުއްވައި ހއ މެންބަރު އަހުމަދު މުއިންޒު ތާއީދު ކުރެއްވި "އިންތިގާލީ މަރުހަލާގައި ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާން ކުރާ ހުށަހެޅުން ފޭލްކޮށްލުމުގައި ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުން ކަނޑައެޅިގެން ވޯޓު ނުދެއްވިކަން އެޖަމިއްޔާއިން ފާހަގަކުރާކަމަށެވެ.

ޝާހީން ހަމީދުހެ ހުށަހެޅުއްވުމުގެ 7 ވަނަ ނަމްބަރުގައި ވަނީ "ދެން އޮންނަ ރިއާސީ އިންތިހާބެއް ބާއްވާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާންދެން ވެރިކަން ހިންގާ ފަރާތުން އަންނަނިވި މައްސޫލިއްޔަތު އުފުލާން ވާނެއެވެ. (7) ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ތަފާތުބެލެހެއްޓުމާއި ހިންގުމުގައި މަޝްއޫލުވެގެން ތިބި މީހުން އެތަކެއްޗާއި ވަސީލަތްތައް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު މި ބާބުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން" މިހެނެވެ.

މިވޯޓު ނެގިއިރު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދަކީ 97 އެވެ. މިހުށަހެޅުމާ އެއްކޮޅަށް 38 މެންބަރުން ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓުނުދެއްވާ 48 މެންބަރުން ތިއްބެވިއެވެ. އިދިކޮޅަށް ވޯޓު ދެއްވީ އެއް މެންބަރެވެ.

ގިނަ ޕާޓީތައް އެކުލެވޭ ރިއާސީ އިންތިހާބެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ދައުލަތުގެ މީޑިއާ މުސްތަގިއްލުނުވެ އެފަދަ އިންތިހާބެއް އެންމެ އިންސާފުވެރިކޮށް ބޭއްވިދާނެ ކަމަށް ޝައްކު އުފެދޭ ކަމަށް ނޫސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލަނީ ދައުލަތުގެ މީޑިޔާގެ ފުރުސަތުތައް އެންމެހައި ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަކޮށްދިނުމުގެ ފުރުސަތު ވަގުތުން ތަނަވަސްކޮށްދީ އަދި އެކަން އެފަރާތްތަކަށް ކަށަވަރުކޮށްދިނުން ކަމަށް އެނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޝާހީން ހަމީދުގެ 21 ވަނަ ހުށަހެޅުއްވުމަށް ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަމައެކަނި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދާއި އއ މެންބަރު ހުސެއިން އިބްރާހީމުއެވެ.


2 ކިލޯ މަސްތުވާ ތަކެތީގެ ޝަރީޢަތް: ރެކޯޑިންގް ތަކުގައިވަނީ ވަސީމްގެ އަޑުތޯ ބެލުމަށް ރާއްޖޭން ބޭރުން ޓެސްޓު ހަދަނީ

އިބްރާހީމް މުޙައްމަދު

މިހާރު ހިނގަމުންދާ 2.18 ކިލޯ މަސްތުވާތަކެތީގެ ޝަރީޢަތުގައި ޏ.ފުވައްމުލަކު ލާލުގޭ ވަސީމް އަބްދުﷲ 42،ގެ އަޑުން ވާހަކަދެއްކިކަމަށް ބުނާ ފޯނު ކޯލް ރެކޯޑިންގްތައް ދެނެގަތުމަށް ރާއްޖޭން ބޭރަށް ފޮނުވަން ނިންމައިފިއެވެ. މިރެކޯޑިންގްތައް ރާއްޖޭން ބޭރުން ދެނެގަތުމަށް ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ރެކޯޑްކޮށްފައިވާ ކޯލް ރެކޯޑިންގްތަކުގައި ހިމެނެނީ ވަސީމްގެ އަޑު ނޫންކަމަށް އޭނާގެ ވަކީލު މުޙައްމަދު ވަހީދު މިމަހު 4 ވަނަ ދުވަހު ވިދާޅުވާ ގުޅިގެން ދައުލަތުގެ އެދުމުގެ މަތިންނެވެ.

ދައުލަތުގެ ވަކީލު ޒިމްނާ އަބްދުލް މުހުސިނު ވިދާޅުވީ ޓެސްޓުތައް ހެދުމަށް މިހާރު ބޭރުގެ ފަރާތަކަށް ވާހަކަ ދައްކަމުންދާކަމަށެވެ. އަދި ވަސީމްގެ އަޑު ބޭރަށް ފޮނުވުމަށް ރެކޯޑިންގް ހަދަން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. ޤާޟީ ވިދާޅުވީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައިވެސް ވަސީމްގެ އަޑުގެ ރެކޯޑިންގްތައް އެބަހުރިކަމަށެވެ. ނަމަވެސް ޝަރީޢަތް ނިންމަވާލުމަށްފަހު ވަސީމްގެ އަޑު ރެކޯޑު ކޮށްފައިވެއެވެ.

މިއަދުގެ ޝަރީޢަތުގައިވެސް ވަކީލު ވަހީދު ވިދާޅުވީ ފޯނުކޯލްތަކުގެ ރެކޯޑިންގްތަކުގައި އިވެމުންދަނީ ވަސީމްގެ އަޑު ނޫންކަމަށެވެ. އެއީ މޯލްޑިވްސް ޕޮލިސް ސަރވިސް ހަދައިގެން އުޅޭ ރެކޯޑިންގެއްކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެރެކޯޑިންގްގައި ވަސީމް ކަމަށް ތުހުމަތުކުރެވޭ އަޑު މުޢާމަލާތް ކުރަމުންދިޔަ ލ.އިސްދޫ ގުލްފާމުގެ އިބްރާހީމް ނައީމް 28، އާއި މ.ރަތްކޮކާ ހަސަން ސުމޭހް ހުސެން 25، ޝަރީޢަތަށް ހާޟިރުކޮށްދިނުމަށް އެދުނެވެ. ނަމަވެސް ޤާޟީ ޢަލީ ރަޝީދު ވިދާޅުވީ ޝަރީޢަތަށް ހާޟިރުކުރަން ފެނިއްޖެ ހާލަތެއްގައި އެދެމީހުންވެސް ހާޟިރުކުރެވޭނެއެވެ.

މިމަހު 4 ވަނަ ދުވަހު އިއްވި ރެކޯޑިންގް ތަކުގެ ތެރޭގައި ފެބްރުއަރީ 11 ވަނަ ދުވަހު 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ޕާކިސްތާނު ރައްޔިތެއްކަމުގައިވާ އަޒްމަތު ޚާނާއި ވަސީމް މުޢާމަލާތްކުރި ކަމަށް ބުނާ ރެކޯޑިންގް ވެއެވެ. މިފޯނުކޯލުގައި އަޒްމަތު ހާނަށް 32،000 ރުފިޔާ ދޭނެކަމަށް ވާހަކަ ދެއްކި މީހާ ބުނެއެވެ.

"ޔޫ ވޯންޓް ޑޮލާރ އޯރ ރުފިޔާ (ކަލޭ ފައިސާ ބޭނުނީ ޑޮލަރުންތަ؟ ނުވަތަ ރުފިޔާއިންތަ؟) ވަސީމްގެ އަޑުކަމަށް ތުހުމަތުކުރާ ފަރާތުން އިނގިރޭސިބަހުން ބުނެފައިވެއެވެ.

އަޒްމަތުގެ އިތުރުން މިމައްސަލައިގައި ތުހުމަތުކުރެވޭ މ.ރަތްކޮކާ ހަސަން ސުމޭހް ހުސެން 25، އާއި ލ.އިސްދޫ ގުލްފާމުގެ އިބްރާހީމް ނައީމް 28، އާއި މުއާމަލާތްކުރި 9 ރެކޯޑިންގްވެސް އިއްވިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލިހަށް ވަސީމް ތަހުޤީޤުކުރި އެއްފަރާތްކަމުގައިވާ ސްޓާފް ސަރޖަންޓް އަބްދުއް ރަހުމާނު ޒިހުނީ ހާޟިރުކުރެވުމެވެ.

ފީއަލީ އޮފީހަށް 3 ބަރޯ މުގުރާން އެޅި މައްސަލަ އެޓަރނީން އަނބުރާ ގެންދިޔުމަށް ޖިނާއީ ކޯޓުން ފުރުސަތު ދީފި

އިބްރާހީމް މުޙައްމަދު

12 އޮކްޓޫބަރު 2006 ގައި ފ.ފީއަލީ އޮފީހަށް 3 ބަރޯ މުގުރާން އެޅި މައްސަލަގައި މިހާރު ދައުވާ ކުރެވެމުންދާ 4 މީހުންގެ މައްސަލަ އެޓާނީ ޖެނެރަލް އޮފީހުން އަނބުރާ ގެންދިޔުމަށް ޖިނާއީ ކޯޓުން ފުރުސަތު ދީފިއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލިހުގައި ޤާޟީ ސައީދު އިބްރާހީމް ވިދާޅުވީ ހއ.ދިއްދޫ އަދި އައްޑު އަތޮޅު ބަޔަކުވެސް މީގެކުރިން ރަށު އޮފީހަށް މަސްއަޅާފައިވާކަމަށެވެ. ދިއްދޫގައި އަދި އައްޑު އަތޮޅުގައި ހިނގާ ދިޔަ މައްސަލަތަކާއި މިމައްސަލައާ ދެމެދު ފަރަގެއް ނެތް ކަމުގައިވިޔަސް ދިއްދޫ ރަށު އޮފީހަށް މަސްއެޅި މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހުން ޖިނާއީ ކޯޓުން އަނބުރާ ނެންގެވިކަމަށާއި އަދި އައްޑު އަތޮޅުގެ އޮފީހަށް މަސްއެޅި މައްސަލަ ޖިނާއީ ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ޤާޟީ ވިދާޅުވިއެވެ.  

"މި އެންމެންނަކީވެސް ދިވެހިރައްޔިތުން، މިހެންވެ އެންމެންނަށް އެއްހަމަޔަކުން އަމަލުކުރަން ޖެހޭނެކަމަށް ފެނޭ" ޤާޟީ ވިދާޅުވިއެވެ.  

ޤާޟީ ވިދާޅުވިގޮތުގައި މައްސަލަތަކުގައި ދައުވާކުރެވޭއިރު ޒާތީ ކަމެއް އިހުސާސުކުރެވޭގޮތަށް ދައުވާކުރެވިގެން ނުވާނެއެވެ. ނަމަވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މިމައްސަލަ އަނބުރާ ނުގެންގޮސްފިނަމަ ޖެހޭނީ މިމައްސަލައިގައިވެސް ޙުކުމްކުރަންކަމަށް ޤާޟީ ވިދާޅުވިއެވެ. މިގޮތުން މިމީހުން މަސްއެޅުމުގައި ބައިވެރިވިކަމުގެ ހެކި ކޯޓަށް ލިބިފައިވާކަމަށް ޤާޟީ ވިދާޅުވިއެވެ.

"ވަކި މުއްދަތެއް މިދެއްވީ" މައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅުމަށް ފުރުސަތު ދެއްވައި ޤާޟީ ވިދާޅުވިއެވެ. "ނުގެންދިޔަ ކަމުގައިވާނަމަ ހެކިން ހާޟިރުކޮށް ސުވާލުކުރެވޭނެ"

މި މައްސަލަގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރެވޭ ފީއަލީ ހަތަރު ޒުވާނުންނަކީ އެރަށު ނަރުގިސްވިލާގެ ދެމީހުންކަމުގައިވާ މޫސާ ޝަހީމާއި ޙުސައިން ނިޔާޒް އަދި މާބުޅާގެ މުޙައްމަދު ޢާރިފާއި މިނިވަންއުފާ ޙަސަން އާދަމެވެ.

އެޓަރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝަމީމް މިނިވަންނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދައުވާ ކުރަންވީ މައްސަލަތަކާއި އަނބުރާ ގެންދަންވީ މައްސަލަތައް ނިންމާނީ ބަންޑާރަ ނައިބު އޮފީހުން ކަމަށާއި މިއީ ޖިނާއީ ކޯޓުން ނިންމަން ޖެހޭ ނިންމުން ތަކެއް ނޫންކަމަށެވެ. އަދި ހއ.ދިއްދޫ އޮފީހަށް މަސްއަޅާލި މައްސަލައާއި އައްޑު އަތޮޅު އޮފީހަށް މަސްއަޅާލި މައްސަލަ ފީއަލީ އޮފީހަށް މަސްއަޅާލި މައްސަލައާ ވަރަށް ބޮޑަށް ތަފާތުކަމަށް ޝަމީމް ވިދާޅުވިއެވެ.

"ދައުވާއާއި ބާވަތާއި ގޮތްތައް ތަފާތުވާނެ" ޝަމީމް ވިދާޅުވިއެވެ. "މިސާލަކަށް ދިއްދޫ މައްސަލަގައި ދައުވާކޮށްފައިވަނީ ޣައިރުޤާނޫނީ އެއްވުމެއްގައި އަމަން ނަގާލި ކަމުގެ ކުށުގެ ދައުވާ. ނަމަވެސް ފީއަލީ މައްސަލަގައި މިދައުވާ ކުރެވެނީ އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ"

ނަމަވެސް އުސޫލުހަމަޖެހިފައިވާ ގޮތުން އެހެން މައްސަލަތައް ބަލާ އުސޫލުން މިމައްސަލަވެސް ހުށަހަޅައިފިނަމަ ބަލާދޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ދައުވާ ލިބޭ ހަތަރު މީހުންގެ ވަކީލު އަބްދުލް މަތީނު ޝަރީޢަތުގައި ވިދާޅުވީ ދައުވާ އެޓަރނީ ޖެނެރަލްގެ އޮފީހުން ގެންދިޔުމަށް އެދި ދެންނެވުމަށް ޖިނާއީ ކޯޓުން ކުރިން ފުރުސަތެއް ދީފައި ނުވާކަމަށެވެ. ނަމަވެސް މިއަދު ފުރުސަތު ލިބުމުން މިމައްސަލަ އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމަށް މަތީނު ވިދާޅުވިއެވެ. އަދި މިމައްސަލަ ދިގުލައިގެން ދާކަންވެސް ޝަރީޢަރުގެ މަޖިލިހުގައި މަތީނު ފާހަގަކުރެއްވިއެވެ.

"2006 ކުން ފެށިގެން ޖެހިގެން އުޅޭ މިމައްސަލައިގައި 6 ފަހަރު މިމީހުން މީހާރު ހާޟިރުކުރެވިއްޖެ" މަތީނު ވިދާޅުވިއެވެ.

ފީއަލީ އޮފީހަށް މުގުރާން އަޅާލާފައިވަނީ މަހަށް ފުރަން އުޅުނު މީހަކަށް އޮޅިގެން ރަށު އޮފީހަށް ހާޟިރުވުމަށް ޗިޓް ދިނުމުން މަހަށް ނުދެވުމުގެ ސަބަބުންނެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސިން ހޯދުމަށް ފުލުހުން ލޭބަރ މިނިސްޓްރީއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 41 ބަންގްލަދޭޝް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

އަބްދުއްރަހްމާން

 

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސިން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކެޕިޓަލް ޕޮލިސްގެ ވައިލަންސް ރިޑަކްޝަން ޔުނިޓުގެ ފުލުހުން ލޭބަރ މިނިސްޓްރީއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 41 ބިދޭސީއަކު ބުރާސްފަތިދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިކަމަށާއި މިއެންމެނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ.

 

ފުލުހުން ބުނަނ މިމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 8:00 ހާއިރު މަޖީދީ މަގުގައި ހުންނަ މޯބައިލް ފިހާރައެއް ކަމުގައިވާ ސީޕީ ފިހާރަ ކައިރިންކަމަށެވެ. މިއޮޕަރޭޝަނުގައި ފުލުހުން މިއަދު ހައްޔަރުކުރި 41 މީހުންގެ ތެރޭގައި ހިމެނެނީ ވޯރކް ޕާރމިޓް ކާރޑު ނެތް މީހުންނާއި ވޯރކް ޕާރމިޓް ކާރޑުގެ މުއްދަތު ހަމަވުމަށްފަހު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދާ މީހުންކަމަށް ފުލުހުން ބުނެއެވެ.

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ

އިސްމާއިލް

އިންތިގާލީ ބާބުގައި ފާސްކުރެވޭ އެއްޗަކުން މައުމޫނަށް ކުރިމަތިލެވޭނެ އެއްވެސް ދޮރެއް ނުހުޅެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހައްދުންމަތީ މެމްބަރު އަދި އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ މޫސާ މިނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އިއްޔެ މެންދުރުފަހު ދަރުބާރުގޭގެ ފަންސަވީސް މާލަމުގައި މޫސަ ބޭއްވެވި ނޫސް ކޮންފަރެންސެއްގައި މިހާރު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވެމުންދާ އިންތިގާލީ ބާބުގައި ރައީސް މައުމޫނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތި ލެވޭނެ ގޮތަށް ފާސްވެއްޖެ ކަމަށް ބުނެ ޑީއާރުޕީން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ އިންތިގާލީ ބާބުގައި ބުނާ އެއްޗަކުން ގާނޫނުއަސާސީގައި މިހާރު ލިޔެފައިވާ ދެދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް އޮތްއޮތުން ނަފީނުކުރެވޭނެކަމަށެވެ. އިންތިގާލީ ބާބެއްގެ ހަގީގީ ބޭނުމަކީ އިސްލާހު ކުރެވުނު ގާނޫނުއަސާސީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށެވެ. އަދި އިންތިގާލި ބާބަކުން މިހާރު ގާނޫނު އަސާސީގައި ލިޔެފައިވާ އެއްވެސް އެއްޗެއް ބަދަލެއް ނުކުރެވޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މިހާރު އެމްޑީޕީއާއި ޑީއާރުޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ "އާގާނޫނު އަސާސީ، ބާގާނޫނު އަސާސީ" މައްސަލައާ ބެހޭގޮތުން މޫސަ ވިދާޅުވީ ދިވެހި ބަހުގަ "މިއޭ" ބުނަނީ އަތްމަތީގަ އޮތް އެއްޗަކަށް އިޝާރާކޮށް ބުނާ ލަފުޒެއްގެ ގޮތުގައިކަމަށްވާއިރު، އެއީ އެއްޗެއް އާކުރަން ނުވަތަ ބާކުރަން ބުނާ އެއްޗެއް ނޫންކަމަށެވެ. އަދި މިހާރު މިއިސްލާހު ކުރަމުންދާ ގާނޫނުއަސާސީވެސް އިޝާރާތް ކުރެވޭނީ މިގާނޫނު އަސާސީއޭ ބުނެ ކަމަށާއި، އެހެން ނަމަވެސް އޭގެ މާނައަކީ އެއީ މުޅިން އާގާނޫނު އަސާސީއެކޭ ނޫންކަމަށް މޫސަ ވިދާލުވިއެވެ.

ޑީއާރުޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ރައީސާ އަނީސާ އަހުމަދު ހުށަހެޅުއްވި އިންތިގާލީ ބާބުގެ 20 ވަނަ ހުށަހެޅުން ފާސްވެގެން ދިޔަގޮތާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަނީ ޑްރާފްޓް ކޮށްގެން މަޖިލީހަށް ގެނެވުމުން ކަމަށާއި، އެހެން ނަމަވެސް އިންތިގާލީ ބާބު ޑްރާފްޓް ނުކުރެވިގެން މަޖިލީހުގެ މެމްބަރުން ތެރޭން ބަޔަކު އެބާބު ލިޔެގެން ގެނައީކަމަށެވެ. އަދި އެގޮތުން އިންތިގާލީ ބާބުގެ ހުރިހާކަމެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމާފައިވާކަމަށާއި، އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް 20ވަނަ މާއްދާގައި އަރައިފައިވާ އޮޅުން އެރީ މީގެ ކުރިން މަޖިލީހުގެ ރައީސް ކަންކުރައްވާފައިވާ ގޮތާ ހިލާފުވުމުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.  

     މިމަހު 13 ވަނަ ދުވަހު އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ ހެނދުނުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވައިގެން ފާސްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

 

މާލެތެރޭ ހިންގާ ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް އެފަރާތުން ހާމަކޮށްފި

މިހާރު މާލެ ތެރޭގައި ހިނގާ ސިލްސިލާ މަރާމަރީގެ ތަފާތު މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 57  މީހުންގެ ތެރެއިން 12 މީހެއްގެ މައްސަލައިގެ ތަހްޤީގް ނިމި އެޓާރނީގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައި ވީނަމަވެސް މި މާރާމާރީގެ އެއްވެސް މައްސަލައެއް އޭޖީ އޮފީހަށް ފޮނުވާފައި ނުވާކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

     މިނިވަނަށް މަޢުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދަޅުވީ ބުދަދުވަހު ފުލުހުންގެ ވެބްސައިޓާއި ދިވެހި ރާއްޖޭގެ މީޑިޔާއިން އެފަދަ ހަބަރެއް ފަތުރާފައި ވީނަމަވެސް ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެޓާރނީ ޖެނެރަލް އޮފީހަށް ފޮނުވާފައި ނުވާކަމަށެވެ. ޝަމީމް ވިދާޅުވީ އިއްޔެ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ހަމަކަނި މާރާމާރީގެ މައްސަލައަކީ މ އަތޮޅުގައި ކުޅުނު ފުޓްބޯޅަ މެޗެއްގައި ރެފްރީއަކާމެދު ހިނގާފައިވާ މާރަމާރީއެއްގެ މައްސަލަކަމަށާއި އިއްޔެ އާއި މިއަދުގެ 2 ޖެހުމާހަމައަށް ސިލްސިލާ މާރާމާރީގެ އެއްވެސް މައްސަލައެއް އެ އޮފީހަށް ލިބިފައިނުވާކަމަށެވެ.

     އިއްޔެ ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުން މާލޭގައި ހިންގި ސިލްސިލާ މާރާމާރީގެ ތަފާތު 3 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 12 މީހެއްގެ މައްސަލައިގެ ތަޙްޤީޤް މަރުހަލާ ނިމި އެޓާރނީ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެގޮތުން އުމުރުން 18 އަހަރުން ދަށުގެ 3 ކުއްޖެއް ހިމެނޭކަމަށް ވެސް ހާމަކޮށްފައިވެއެވެ. ހަމައެހެންމެ މާލެތެރޭގައި ފަހަކަށް އައިސް ހިންގާ ގްރޫޕް މާރާމާރީއާ ވިދިގެން ހައްޔަރުކޮށްފައިވާ 52 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުވެސް އެބަތިބިކަމަށާއި އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ 4 ކުދިން ހިމެނާއި 18 އަހަރުގެ 11 ކުއްޖަކާއި 19 އަހަރާ 38 އަހަރާ ދެމެދުގެ 37 މީހަކު ހިމެނޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އަދި މިއެންމެނަކީވެސް މާރާމާރީގެ ތަފާތު 22 މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންކަމަށްވެއެވެ. މިމައްސަލަތަކުގައި މާރާމާރީ ހިންގުމަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައިހުރި ގިނަ އަދަދެއްގެ ލަކުޑިބުރިތަކާއި، ދަނގަޑުބުރިތަކާއި ތޫނު ހަތިޔާރާއި މާސްކް ފަދަ ތަކެތި ފުލުހުން އަތުލާފައިވެއެވެ. 

ގައްދޫ ޒާހިރުގެ ކ ގުރައިދޫ ޔާޑުގައި ތިބި މުވައްޒަފުންނަށް ރައްޔިތުން ބިރުދައްކާ ހަދަމުންދާ ކަމަށް ސާބިތެއް ނުކޮށްދެވުނު

ރައްޔިތުންގެ މަޖިލީހުގެ ގދ މެންބަރު ޒާހިރު އާދަމަށް ކ ގުރައިދޫން ކުއްޔަށް ދީފައިވާ ބިމުގައި މަސައްކަތް ކުރާ ޒާހިރު އާދަމްގެ މުވައްޒަފުންނަށް ގުރައިދޫ އޮފީހުންނާއި ރކ ކޮމެޓީ މެންބަރުން ބިރުދައްކާ ހަދަމުންދާ ކަމަށް ޒާހިރު އާދަމް ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައިނުވާތީ ކޯޓު އަމުރެއް ނެރެވެން ނެތް ކަމަށް މަދަނީ ކޯޓުން ނިންމައިފިއެވެ.

މަދަނީ ކޯޓުގައި މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ ކުރައްވާ ފަރާތުން އެދިލައްވާފައިވާ ގޮތަށް ކޯޓު އަމުރެއް ނެރެވޭނީ ޒާހިރު އާދަމުގެ ފަރާތުން ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ހާމަކުރުމުން ކަމަށް ބުނެފައިވާނެ ކަމަށާއި އަދި ގުރައިދޫ ޔާޑުގައި ޒާހިރު އާދަމް ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވާ އިތުރަށް މަސައްކަތް ކޮށްފިނަމަ މާރާމާރީ ހިންގާނެކަމަށް ބުނިނަމަވެސް ޒާހިރު އާދަމަށް އެކަން ސާބިތުކޮށްދެވިފައިނުވާ ހިނދު ކޯޓު އަމުރެއް ނުނެރެވޭނެ ކަމަށެވެ.

 ޒާހިރު އާދަމްގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލު ވިދާޅުވީ އެންމެ ފުރަތަމަ މިމައްސަލަ ކޯޓަށް ވެއްދި ދުވަސްކޮޅު ކ ގުރައިދޫ ރައްޔިތުން ތަމްސީލު ކުރައްވާ ރކ ކޮމެޓީގެ މެންބަރުންގެ ފަރާތުން ޒާހިރު އާދަމްގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުތައް ދެމުން ގެންދިޔަ ކަމަށާއި ނަމަވެސް ފަހުން އެކަހަލަ ކަމެއްކޮށްފައިވާ ކަމަށް ޒާހިރު އާދަމް ވިދާޅުވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ބިރު އެބައޮތް ކަމަށް ވަކީލު ވިދާޅުވިއެވެ.

ޒާހިރު އާދަމް ދައުވާ ކޮށްފައިވަނީ 15 ސެޕްޓެމްބަރ 1998 ގައި ކ.ގުރައިދޫ އޮފީހާއި އޭނާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކ.ގުރައިދޫން ކުއްޔަށް ހިފާފައިވާ 22500 އަކަފޫޓުގެ ބިމުގައި ޒާހިރު އާދަމްގެ އަމިއްލަ ހަރަދުގައި އިމާރާތް ކޮށް ހަދާފައިވާ ޔާޑުގެ ކުލިދައްކަމުން އަންނަނިކޮށް އެތަނުގައި ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވާ އިތުރަށް މަސައްކަތް ކޮށްފިއްޔާ މާރާމާރީ ހިންގާނެކަމަށް ބުނެ ތަނުގައިތިބި ޒާހިރު އާދަމްގެ މުވައްޒަފުންނަށް ގުރައިދޫ އޮފީހުން އަންގާ ބިރުދައްކާ ހަދަމުންގެންދާ ކަމަށް ބުނެ އެތަނުގައި ފެށިފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ޒާހިރު އާދަމަށް ލިބިދެއްވާ އަދި ޒާހިރު އާދަމްގެ އެންމެހާ މިލްކިއްޔާތު އެތަކެތީގެ ޒާތުން ލިބިދިނުމަށެވެ.

ޒާހިރު އާދަމްގެ ފަރާތުން ބަޔާން ތައްޔާރުކޮށްފައިނުވާތީ މިއަދު މިމައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ޒާހިރު އާދަމަށް ބަޔާން ތައްޔާރުކުރެއްވުމަށް ޝަރީއަތުން ވަނީ ފުރުސަތެއް ދެއްވާފައެވެ.

މާރޗް މަހުގެ 30 ގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކ ގުރައިދޫއިން ޒާހިރު އާދަމަށް ދީފައިވާ ބިމަކީ ސިނާއީ މަސައްކަތްކުރުމަށް އެޓޮލްސް މިނިސްޓްރީ ގެންގުޅުއްވާ އާންމު އުސޫލުގެ ދަށުން ދީފައިވާ ބިމެއް ކަމަށްވާއިރު، އެބިން ހުސްކުރުމަށް ޒާހިރު އާދަމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެބިމުގައި ހުރި ނުއުފުލޭ މުދަލަކީ ޒާހިރު އާދަމަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި އެތަކެއްޗަކީ ގުރައިދޫ ރައްޔިތުންގެ އެއްޗެއް ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ ލޯނު ސްކީމަށް ފައިސާ ނުދައްކައި ވަޒީފާއިން ވަކިވި މީހެއްގެ މައްޗަށް ދައުވާކޮށްފި

 މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޒް ކޮމްޕެނި (އެމް.ޑަބްލިޔު.އެސް.ސީ) ގެ ވަޒީފާގެ އުޅެމުން އެކުންފުނީގެ ލޯނު ސްކީމުގެ ދަށުން ނަގާފައިވާ 66،147.29 ރުފިޔާގެ ލޯނު ފައިސާގެ އެއްބައި ނުދައްކައި އެކުންފުނީގެ ވަޒީފާއިން ވަކިވި މީހެއްގެ މައްޗަށް ފައިސާ ހޯދުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަދަނީ ކޯޓުގައި ދައުވާކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން މަދަނީ ކޯޓުގައި ދައުވާ ކޮށްފައިވަނީ ގ ހިކަހެރަ ހުސައިން މުހައްމަދު އެކުންފުނީގެ ވަޒީފާގައި އުޅެމުން ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނު ފައިސާގެ ތެރެއިން ނުދެއްކިވާ 62320 ރުފިޔާ ހޯދުމަށާއި ހުސެއިން މުހައްމަދު ވަޒީފާއިން ވަކިވެފައިވަނިކޮށް އޭނަ އެކައުންޓަށް ޖަމައުކުރެވިފައިވާ 2،430 ރުފިޔާ އާއި އެއްބަސްވުމުގައި މިފައިސާގެ އިތުރަށް ދައްކަން އެއްބަސްވެފައިވާ 6،812.71 ރުފިޔާ އާއެކު ޖުމުލަ 71،562.71 ރުފިޔާ އެއްފަހަރާ މީނަގެ އަތުން ލިބިދިނުމަށެވެ.

މަދަނީ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމް.ޑަބްލިޔު.އެސް.ސީގެ ވަކީލު ވިދާޅުވީ މީގެތެރެއިން ބައެއް ފައިސާ ހުސެއިން މުހައްމަދު ދައްކާފައިވާ ކަމަށާއި ނަމަވެސް އެފައިސާގެ ތަފްސީލު އެމް.ޑަބްލިޔު.އެސް.ސީން އަދި ލިބިފައިނުވާ ކަށެވެ. އަދި ދެން އެންމެ އަވަހަށް އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އެފައިސާގެ ތަފްސީލު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ހުސެއިން މުހައްމަދުގެ މައްޗަށް އެމް.ޑަބްލިޔު.އެސް.ސީން ކޮށްފައިވާ ދައުވާގައި ބުނަނީ 6 ސެޕްޓެމްބަރ 2007 ދުވަހު ހުސެއިން މުހައްމަދު އެކުންފުނީގެ ވަޒީފާއިން ވަކިވުމަށް އެދި އެއިގެފަހުން އެކުންފުނީގެ ވަޒީފާއަށް ނިކުތުން ހުއްޓާލައި އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަން ތަކުރާރުކޮށް އެކުންފުނީގެ ފަރާތުން އެދުމުންވެސް އެފައިސާ ދައްކާފައިނުވާ ކަމަށެވެ.  

ގާދިއްފުށީ ރައްޔިތުންގެ ބަޖެޓުން ކަތީބު ހިޔާނާތްތެރި ވެފައިވާކަމަށް އެރަށުގެ ދެ ކޮޓީއަކުން ތުހުމަތުކޮށްފި

ތ. ގާދިއްފުށީ ކަރަންޓުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ނަމުގައި ރައްޔިތުންގެ ބަޖެޓުން އެރަށު ކަތީބު އަބްދުﷲ ސާދިޤް ހިޔާނާތްތެރި ވެފައިވާކަމަށް އެރަށު ރކ ކޮމެޓީއާއި ތަރައްޤީއަށް މަސައްކަތް ކުރާ ދިހަ މެންބަރުންގެ ކޮމެޓީގެ ބައެއް މެންބަރުން ތުހުމަތުކޮށްފިއެވެ.

     ނަންހާމަކުރުމަށް ނޭދޭ ގާދިއްފުށީ ރަށު ތަރައްޤީއަށް މަސައްކަތްކުރުމަށް އެރަށު ރައްޔިތުން ހޮވާފައިވާ 10 މެންބަރުންގެ ކޮމެޓީގައި ހެމެނޭ މެންބަރަކު ބުނީ އެތައް ދުވަހެއް ވަންދެން އެރަށު ރކ ކެމެޓީގެ ބައްދަލުވުމެއް ނުބާއްވާ އޮތުމަށް ފަހު މީގެ ދެތިން ދުވަސް ކުރިން ބޭއްވި ރކ ކޮމެޓީގެ ބައްދަލުވުމުގައި ޔައުމިއްޔާ ފާސްކުރިއިރު އިންޖީނު މަރާމާތުކުރަން އެރަށަށް އައި މީހަކަށް ދޭންކަމަށް ބުނެ ވަކިއަދަދެއް ނުޖަހާ ރައްޔިތުންގެ ބަޖެޓުން ފައިސާނަގަން ހަމަޖައްސާފައިވާކަމަށެވެ. އޭނާ ބުނީ އެޖަލްސާގައި ތިއްބެވި ރކ ކމެޓީގެ މެންބަރުންނަށް އިންޖީނު ހެދުމުގެ މަސައްކަތަކަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކުރުމަށް ނިންމާފައި ނުވާތީ އެ ޔައުމިއްޔާ ފާސްކުރުމަށް މެންބަރުން ދެކޮޅުހެދިއެވެ. ނަމެވެސް އެ ކަމަކީ ހިނގާފައިވާކަމެއްކަމަށް ވިދާޅުވެ ކަތީބު އަބްދުﷲ ސާދިޤު ކޮމެޓީގެ މެންބަރުންނާ ވާހަކަ ދެއްކެވި ކަމަށާއި ނަމަވެސް އެއްވެސް މެންބަރަކު ޔައުމިއްޔާގައި ސޮއި ކުރަން އެއްބަސް ވެފައި ނުވާކަމަށް އެފަރާތުން ހާމަކުރިއެވެ. ހަމައެހެންމެ އިންޖީނު މަރާމާތުކުރުމަށް ކަމަށް ބުނެ މީހަކު ގެނައިކަމަށް ވިއަސް އެކަން ރކ ކޮމެޓީގެ އެއްވެސް މެންބަރަކަށް އެނގިފައި ނުވާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "މިރަށު އޮފީހުގެ ބަޖެޓާބެހޭ އިބްރާހިމް ރަޝީދު ބުނެފައިވަނީ ކަތީބު ބުނެގެން ރައްޔިތުންގެ ބަޖެޓުން 16700 (ސޯޅަހާސް ހަތްސަތޭކަ) ރުފިޔާ ނަގާފައިވާކަމަށް، މި މައްސަލައާ ގުޅިގެން އަތޮޅު އޮފީހަށް ގުޅުމުން ވިދާޅުވީ ފަސްހާހަށް ވުރެ މަތީގެ ހަރަދެއް ދާ މަސައްކަތެއް ނަމަ އެކަން ކުރެވޭނީ ރކ ކޮމެޓީއަށް ހުށަހަޅާ އެކަން ފާސްކުރުމަށްފަހު އަތޮޅު އޮފީހަށް އަންގައިގެނޭ، ނަމަވެސް މި ފައިސާނެގުމުގައި ރަށުގެ އެއްވެސް ފަރާތެއްގެ މަޝްވަރާ ހޯދާފައެއްނުވޭ" އެފަރާތުން ހާމަކުރިއެވެ.

     އެފަރާތުން ބުނީ ގާދިއްފުށީ ކަތީބަކީ ޕެންޝަންލިބިގެން ރާއްޖެތެރޭގެ ހާއްސަ އެހީތެރިއެއްގެ ގޮތުގައި ބެހެއްޓުމަށް ފަހު މި އަހަރުގެ ރިޔާސީ އިންތިހާބަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ދެވަނަ ފަހަރަށް ކަތީބުކަން ދެއްވާފައިވާ ބޭފުޅެއްކަމަށާއި ކަތީބު އަބްދުﷲ ސާދިޤްގެ ފަރާތުން މީގެ ކުރިންވެސް ހިޔާނާތުގެ އެތައް މައްސަލަތަކެއް ފެންމަތިވެފައިވާކަމަށެވެ. އަދި މިހާރު ރައްޔިތުންގެ ބަޖެޓުން ކަތީބު ނަގާފައިވާކަމަށް ތުހުމަތުކުރެވޭ ފައިސާތައް ހޯދުމަށްޓަކައި މައްސަލަ ބެލުމަށް ރައްޔިތުން ތައްޔާރުވަމުންދާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "އަސްލު މިރަށުގައި މިއޮތް ރކ ކޮމެޓީއަކަށް ޤާނޫނީ ހައިސިއްޔަތެއް ލިބިފައެއްނެތް، ރަށުގެ މާލިއްޔަތުން ފައިސާ ނަގައިގެން ހަރަދުކުރާއިރު ކޮމެޓީއަކަށް ނޭނގޭ އެކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް، ރކ ކެމެޓީ ނެގިފަހުން މިރަށު ތަރައްޤީއަށް މަސައްކަތްކުރާ 10 މެންބަރުންގެ ކޮމެޓީއެއްގައި އަޅުގަނޑު މިހާރު މިހަރަކާތްތެރިވަނީ، އިންތިހާބުކޮށްގެން ހޮވާފައިވާ ރކ ކޮމެޓީގައި ހިމެނެނީ 7 މެންބަރުން" އޭނާ ބުންޏެވެ.

    މިކަމާ ބެހޭ ގޮތުން މިނިވަނަށް މަޢުލޫމާތު ދެއްވަމުން ގާދިއްފުށީ އޮފީހުގެ ބަޖެޓްގެ ކަންތައްތަކާ ހާވާލުވެ ހުންނަވާ އިބްރާހިމް ރަޝީދު ވިދާޅުވީ ރައްޔިތުންގެ މާލިއްޔަތުން ކަތީބު އަބްދުﷲ ސާދިޤަށް މިމަހުގެ 9 ވަނަދުވަހު ފައިސާ ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އެފައިސާއަކީ ރކ ކޮމެޓީން ނިންމާފައިވާ ޗިޓަކަށް ދޫކޮށްފައިވާ ފައިސާކަމަށެވެ. އެގޮތުން 16700(ސޯޅަހާސް ހަތްސާތޭކަ) ރުފިޔާ ދޫކޮށްފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ.

     މިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ނަން ހާމަކުރަން ނޭދޭ ރކ ކޮމެޓީގެ މެންބަރަކު ހާމަކުރެއްވީ އިންޖީނު މަރާމާތު ކުރުމާ ބެހޭ ގޮތުން ކޮމެޓީތެރޭގައި ބަހުސްކޮށްފައިވާކަމަށާއި ނަމަވެސް ގޮތެއް ނިންމާފައިނުވާކަމަށެވެ. އެގޮތުން ވަގި ގޮތެއް ނިންމާ އެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކުރަން ޖެހޭނީ ކޮމެޓީގެ ތެރޭން އިންޖީނު މަރާމާތުކުރުމަށް ގެންނަ މީހަކު ކަނޑައަޅާ، އެކަމަށް ހޭދަވާނެ ފައިސާ ވެސް ކަނޑައެޅުމަށް ފަހު ރައްޔިތުންނަށް ހުށަހަޅެމަށް ފަހުގައިކަމަށް ކޮމެޓީން ނިންމާފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ. ނަމަވެސް އެފަދަ އެއްވެސް ނިންމުމެއް ނުނިންމާ، ކޮމެޓީއަށް ވެސް ނޭނގި މީހަކުއައިސް އިންޖީނު މަރާމާތު ކުރުމަށް ފަހު، އެނބުރި ދިއުމުން އެފަރާތަށް ފައިސާ ހަވާލުކުރުމަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ނެގުމަކީ ޤަބޫލުކުރެވޭކަމަކަށް ނުވާތީ އެއްވެސް މެންބަރަކު ޔައުމިއްޔާ ފާސްކުރުމަށް އެއްބަސްވެފައިނުވާކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     މިމައްސަލާއާ ގުޅިގެން މިނިވަނަށް މަޢުލޫމާތު ދެއްވަމުން ގާދިއްފުށީ ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވީ ރައްޔިތުންގެ ބަޖެޓުން އޭނާ ހިޔާނާތްތެރި ވެފައިވާކަމަށް އެކުރާ ތުހުމަތަކީ އެއްވެސްކަހަލަ ހަޤީގަތެއް އެކުލެވޭ ކަމެއްނޫންކަމަށާއި މަރާމާތު ކުރަން ޖެހިފައިވާ ތިން ޖަނަނޭޓަރު ހަދަން މީހަކަށް ހަވާލުކޮށްފައިވަނީ އަތޮޅު އޮފީހަށްވެސް އެކަން އެންގުމަށް ފަހުގައިކަމަށެވެ. ހަމައެހެންމެ ރކ ކޮމެޓީއާއެކު އެކަމާ މަޝްވަރާކޮށްފައި ވާނެކަމަށާއި ކޮމެޓީގެ ބައްދަލުވުން އޮތް ދުވަހު އެފައިސާގެ އަދަދު ހުށަނޭޅުނީ ބިލުހަވާލުކޮށްފައި ނުވާތީކަމަށް ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވިއެވެ.

     "އަޅުގަނޑު ނޯންނާނެ އެއްވެސް ހިޔާނާތެއްވެފައެއް، އެހެން އެދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއްނޫން، އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާކަން މިރަށު ރައްޔިތުންނަށް އިނގޭނެ، ރކ ކމެޓީގައިވެސް އެކަމާ މަޝްވަރާ ކުރެވުނު، މިހާރު މިދެކެވޭ ވާހަކައަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ވާހަކައެއްނޫން" ކަތީބު އަބްދުﷲ ސާދިޤް ވިދާޅުވިއެވެ.