Sunday 13 April 2008

ޑީއޯ ސައްޕޭ ބަދަލުގައި ޕްރޮކްސީ ވޯޓުލާ މީހެއްކަމަށް އަންނިގެ ކެމްޕޭނު މެނޭޖަރ މައުސޫމް ހަމަޖައްސަވައިފި

އިސްމާއިލް

އެމްޑީޕީގެ ކުރީގެ ވަލީކޮމެޓީގެ މެމްބަރު އަދި މައްޝޫރު ދިވެހި އޮބްޒާވަރ ވެބްސައިޓުގެ އެޑިޓަރު އަހުމަދު ޝަފީގް (ޑީއޯ ސައްޕޭ) މިހާރު އިނގިރޭސި ވިލާތުގައި ހުންނެވުމުގެ ސަބަބުން އޭނާގެ ފަރާތުން އެމްޑީޕީން ކުރިއަށް ގެންދާ އެޕާޓީގެ ތަމްހީދީ އިންތިހާބުގައި ވޯޓުލާނެ މީހެއްކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އެއިންތިހާބުގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި)ގެ ކެމްޕޭން މެނޭޖަރ އަހުމަދު މައުސޫމު ހަމަޖައްސައިފިއެވެ.

އަންނިގެ ކެމްޕޭނު މެނޭޖަރު އަހުމަދު މައުސޫމް މިއަދު ވިދާޅުވީ ސައްޕޭގެ ޕްރޮކްސީ އޭނާއާ ހަވާލުކުރުމުން އެކަން އެމްޑީޕީގެ އޮފީހަށް އަންގަވާފައި ވާނެކަމަށާއި، އަދި އެޕްރޮކްސީ އެމްޑީޕީގެ އޮފީހުން ބަލައިގެންފައި ވާކަމަށެވެ. އަދި ސައްޕޭ ވޯޓު ދެއްވަން އެދިވަޑައިގެންފައިވަނީ މުހައްމަދު ނަޝީދު (އަންނި) އަށް ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

"ސައްޕޭގެ ޕްރޮކްސީ އަޅުގަނޑާ ހަވާލުކުރީ އަންނި އަށް ވޯޓްލާން" މައުސޫމް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާފައި މިނިވަން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސައްޕޭ ވިދާޅުވީ މައުސޫމަކީ އޭނާ ވަރަށް އިތުބާރު ކުރާމީހެއް ކަމަށާއި، އޭނާގެ ވޯޓު މައުސޫމާ ހަވާލުކުރެއްވީ ވަކި މީހެއްގެ ސަޕޯޓަރެއް ވީމަ ނޫންކަމަށެވެ. އަދި މައުސޫމާ ސައްޕޭގެ ވޯޓް ހަވާލުކުރެއްވީ ސައްޕޭ އެދިވަޑައިގަންނަވާ ފަރާތަކަށް އެވޯޓު މައުސޫމް ލައިދޭނެ ކަމުގެ ޔަގީންކަން އޮތުމުންކަމަށްވެސް ސައްޕޭ ވިދާޅުވިއެވެ.

"އަހަރެންނަށް ޔަގީކަން އެބައޮތް އަހަރެން ބޭނުންވާ ފަރާތަށް އެވޯޓް މައުސޫމް ލައިދޭނެ ކަމުގެ. އަހަރެންގެ ޕްރޮކްސީ އަންނިއާ ހަވާލުކޮށްފަ މޫސައަށް ލައިދޭށޭ ބުންޏަސް އަންނި އެވޯޓް އެގޮތަށް ލައިދޭނެ" ސައްޕޭ ވިދާޅުވިއެވެ.

     އެމްޑީޕީން މައުލޫމާތު ދޭގޮތުގައި އޭޕްރިލް 25 ގައި އޮންނަ އެޕާޓީގެ ރިޔާސީ ޕްރައިމަރީޒް 2008 އާއި ޗެއަރޕާސަން އިންތިހާބުގައި ޕްރޮކްސީވޯޓުގޮތުގައި ވޯޓުދޭނެ 261 މެމްބަރުންގެ ވޯޓު ރަޖިސްޓަރީ ކޮށްފައިވެއެވެ. މިޕްރޮކްސީވޯޓުތަކަކީ ޕާޓީގެ 17 މާޗް 2008 ގެ އިއުލާނުނަމްބަރު 12 އިން އެކަމަށް ފުރުސަތު ހުޅުވާލުމުން މެމްބަރުން ހުށަހަޅާފައިވާ ޕްރޮކްސީ ވޯޓުތަކެއް ކަމަށާއި، އެޕާޓީން ޕްރޮކްސީ ހުށަހެޅުމުގެ މުއްދަތުދީފައިވަނީ 5 އޭޕްރިލް ގެ ނިޔަލަށް ކަމަށްވެސް އެމްޑީޕީ އޮފީހުން މައުލޫމާތު ދިނެވެ. އެމްޑީޕީން އެއްވެސް މެމްބަރެއް ޕްރޮކްސީ ގޮތުގައި ވޯޓުހަވާލުކުރި ކުރުން އަބުރާގެންދިއުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ގެނިޔަލަށް ވަގުތުދީފައިވެއެވެ.

     އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ރަޝީދު (ބިގޭ) މިއަދު ވިދާޅުވީ މިއަދާ ހަމައަށް މުޅިން ޔަގީން ކުރެވިފައިވާ ޕްރޮކްސީގެ އަދަކީ 247 ކަމަށެވެ. އަދި މުޅިން ޔަގީން ނުވާ ފޯމުތަކުގެ ތެރޭގައި ބަދަލުގައި ވޯޓްލާ މީހަކީ އެމްޑީޕީގެ މެމްބަރެއްކަން މުޅިން ޔަގީން ނުވާ 30 ފޯމް އޮތުމުން ބަދަލުގައި ވޯޓުލާނެ މީހެއްކަމަށް އެފޯމުތަކުގައި ބަޔާންކޮށްފައިވާ ނަންތައް ސައްހަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ވާކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

           އެމްޑީޕީގެ އިންތިހާބުގައި ޕްރޮކްސީ ބޭނުންކުރުމާއި މެދު އެޕާޓީގެ ކެނޑިޑޭޓުންގެ މެދުގައި ވަނީ ހިޔާލު ތަފާތު ވެފައެވެ. ޕްރޮކްސީ ބޭނުންކުރުމާމެދު އެޕާޓީގެ ތަމްހީދީ އިންތިހާބުގައި ވާދަ ކުރައްވާ މުހައްމަދު މުނައްވަރު ހިތްހަމަ ޖެހިވަޑައިނުގަންވާކަން ހާމަކުރައްވާފައި ވާއިރު އެއިންތިހާބުގެ އެހެން ކެންޑިޑޭޓެއްކަމަށްވާ މުހައްމަދު ނަޝީދު އަންނިވަނީ ޕްރޮކްސީއަކީ އެޕާޓީގެ އަސާސީ ގަވާއިދުން އެޕާޓީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް ކަމަށާއި، އަދި އެމްޑީޕީން ބާއްވާފައިވާ އެހެން ހަރަކާތްތަކުގައިވެސް ޕްރޮކްސީ ބޭނުން ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.

           އެމްޑިޕީގެ އަސާސީ ގަވާއިދުގެ 4 ވަނަ މާއްދާ ބުނާ ގޮތުން އެޕާޓީގެ މެމްބަރުންނަށް ލިބިދެވޭ ވޯޓުލުމުގެ ހައްގު ބޭނުންކުރުމުގައި، އެމެމްބަރަކަށް "..ވޯޓުލުމަށްޓަކާ ކަޑައެޅިފައިވާތަނަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެނަމަ، އޭނާގެބަދަލުގައި ޕާޓީގެ އެހެން މެމްބަރަކު އޭނާގެވަކީލެއްގޮތުގައި އައްޔަންކޮށް، އޭނާގެބަދަލުގައި ވޯޓުލުމަށް ހުއްދަދެވިދާނެއެވެ. އެހެން ނަމަވެސް "..މިގޮތަށް ބަދަލުގައި ވޯޓުދޭދިނުމުގައި ކޮންމެ މެމްބަރަކަށްވެސް ވޯޓުދެވޭނީ ގިނަވެގެން އިތުރު އެއް މެމްބަރުގެ ވަކީލެއްގެ ގޮތުގައި" ކަމުގާވެސް ބުނެއެވެ.

 

 

ދުނިޔޭގެ ޕާލިމަންޓުތަކުގެ އިއްތިހާދުގެ ޖަލްސާއަށް މާރިޔާއާއި އިބްރާހިމް މުހައްމަދު ސާލިހު ފުރާވަޑައިގެންފި

އަބްދުއްރަހްމާން

 

ރައްޔިތުންގެ މަޖިލިސް ފުރިހަމަ މެންބަރެއްގެގޮތުން ބައިވެރިވާ ދުނިޔޭގެ ޕާރލިމަންޓް ތަކުގެ އެންމެ ބޮޑު ޖަމްޢިއްޔާ ކަމުގައިވާ އިންޓަރ- ޕާލިމަންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދު ބުރާސްފަތިދުވަހުގެ ރޭގައި މާލޭން ފުރާވަޑައިގެންފިއެވެ.

ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިމަހުގެ 13 އިން 18 އަށް ބޭއްވޭ އައި.ޕީޔޫގެ 118 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރޭމާލޭން ފުރާވަޑައިގެންނެވި ދިވެހިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީއަށް ނިސްބަތްވާ ފާދިއްޕޮޅު މެންބަރު އަލްފާޟިލް އިބްރާހިމް މުޙަންމަދު ޞާލިޙުއާއި މާލެއަތޮޅު މެންބަރު އަލްއުސްތާޛު މާރިއާ އަޙުމަދު ދީދީ އަދި ރައްޔިތުންގެ މަޖިލީހުގެ ޢަމީން ޢާންމުގެ ނައިބު ޑރ. ޢަލީ ޝަމީމެވެ.

އައި.ޕީޔޫގެ 118 ވަނަ އަހަރީ ބައްދަލުވުން އޭޕްރީލް 13 ވަނަ ދުވަހު އިފްތިތާޙުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިއްކާގެ ރައީސް މިސްޓަރ އެމްބަކީ އެވެ .މިޖަލްސާގައި ޤާނޫނުހަދާ މަޖިލިސްތަކުގެ 1200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި، ދުނިޔާގެ އެކި ޤާނޫނުހަދާ މަޖިލިސްތަކުގެ 600 އެއްހާ މެންބަރުންނާއި 50 އެއްހާ މަޖިލިސްތަކުގެ ރައީސުން ހިމެނިވަޑައިގަންނަވައެވެ.

ޖަލްސާގައި މައިގަނޑުގޮތެއްގައި ބަހުސްކުރުމަށް ހަމަޖެހިފައިވަނީ، ދުނިޔޭގައި ފަޤީރުކަން ނައްތާލުމަށް މަސައްކަތްކުރުމާގުޅޭގޮތުންނާއި، ޤައުމީ ސަލާމަތާއި، އިންސާނީ ރައްކާތެރިކަން ދެމެހެއްޓުމުގައި ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރުގެ މައްޗަށާއި، އަދި ބޭރުގެ އެހީއާމެދު ދަޢުލަތްތަކުގެ ސިޔާސަތުތަކާ ގުޅޭގޮތުން ޕާލިމަންޓްތަކުން ކުރެވިދާނެ ދައުރުތަކާގުޅޭ ގޮތުންނެވެ.

1889 ވަނަ އަހަރު އުފެދުނު އިންޓަރ- ޕާލިމެންޓްރީ ޔޫނިއަން (އައި.ޕީޔޫ) ގައި 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ބައިވެރިވިފަހުން އައި.ޕީ.ޔޫގެ ޙަރަކާތްތަކުގައި އަންނަނީ މަޖިލިސް ބައިވެރިވަމުންނެވެ. އަދި ޚާއްޞަކޮށް، އަހަރަކު 2 ފަހަރު ބާއްވާ އެ ޖަމްޢިއްޔާގެ ކޮންމެ އަހަރީ ބައްދަލުވުމެއްގައިވެސް މަޖިލިސްދަނީ ބައިވެރިވަމުންނެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ތަރައްޤީގެ ކުރިއެރުން ހޯދުމުގައި ޕާލިމެންޓްތަކުގެ ދައުރާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ތަޖުރިބާއާއި ޒަމާނީ މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު އައި.ޕީ.ޔޫގެ މިފަދަބައްދަލުވުންތަކުގެ ސަބަބުން މެންބަރުންނަށް ލިބިގެންދެއެވެ.

 

އިންތިޤާލީ ބާބާހެދި އޭޑީކޭ ނާޝިދަށް މަރުގެ އިންޒާރުތައް ދޭންފަށައިފި

 

ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަށް އިންތިޤާލީ ބާބާހެދި ފޯނުގެ ޒަރިއްޔާއިންނާއި އަމަލުން މަރުގެ އިންޒާރުތައް ދޭން ފަށައިފިއެވެ. މިގޮތުން އާއިލާއަށާއި އޭނާ ހިންގާ ހޮސްޕިޓަލަށް 2 ފަހަރެއްގެ މަތިން ހަމަލާދީފައިވާކަމަށް އޭނާ ވިދާޅުވެއެވެ.  

ނާޝިދު މިނިވަން ނިއުސްއަށް ހުސްވި ހަފްތާ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާއަށް އިންޒާރުގެ 4 ފޯނުކޯލާއި 3 މެސެޖް އައިސްފައިވާ ކަމަށާއި އޭނާ ގަބޫލު ކުރައްވާގޮތުގައި އިންޒާރުތައް އަންނަމުންދަނީ ނާޝިދުގެ ސިޔާސީ ދައުރުގެ ސަބަބުންނެވެ.

އަންގާރަ ދުވަހުގެރޭ ދަންވަރު މޫނު ނިވާކޮށްގެން ތިބި ތިން މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ހުރި އިންޑިޔާގެ ސެކިއުރިޓީ ގާޑަކަށް ހަމަލާދީ އެހޮސްޕިޓަލުގެ ވޭނަކަށް ގެއްލުން ދިނުމަށްފަހު ފިލަން މަސައްކަތްކުރަނިކޮށް އެސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ސިފައިންނަށް ފެނިގެން އެތަނުން އެކަކު ވަނީ ހައްޔަރުކޮށްފައިކަމަށް އެމްއެންޑީއެފުން އަންގާރަ ދުވަހު ބޭއްވި ނޫސްކޮންފަރެންގައި ވާހަކަ ދައްކަވަމުން މޭޖަރ އިބްރާހީމް އަފްޟަލް ވިދާޅުވިއެވެ.

މި އޮޕްރޭޝަންގައި 13 އިންޗި ދިގުމިން ހުރި ވަޅިއެއް ހިފައިގެން މޫނު ނިވާކޮށްގެން ހުރި ތ.ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމު 26، ހ.ދަނބުމާގެއަށް ފިލަން ވަންނަނިކޮށް ކަމަށާއި މިމީހާއަކީ މިހާރު ހ.ލަކީ ގައި ދިރިއުޅެމުން އަންނަ މީހެއް ކަމަށް މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ އޭޑީކޭއަށް ހަމަލާ ދިނުމުން ގެއްލުންވާނީ އެތައް ބަޔަކަށް ކަމަށެވެ.

"ރޭ ފަތިހު 4 ޖެހިއިރު އަޅުގަނޑަށް ގުޅާފައިބުނީ، އެތާހުރި ސެކިއުރިޓީމީހާގެ މޫނުގައި ކަޓަރު އަޅާފައި އޭނަގެ މޫނުން ދުއްވާލާފައި ދަމުން ގާބުރިއެއް އެއްލައި ދެންއޮތް ވޭންވެސް ތަޅާލާފައޭ ދިޔައީ. 2 ވަނަ ޙަމަލާ ރޭގެ ފަތިހު އައީ. އެހެންވީމަ، އަޅުގަނޑުމެން މީގެ މައްސަލައަކީ، ކޮންމެހެން އޭ.ޑީ.ކޭ ހޮސްޕިޓަލު ބަންދުކުރަން ޖެހިއްޖިއްޔާމު އަޅުގަނޑުމެން އެތަނަށް ޙަމަލާތައް ގިނަވެއްޖިއްޔާމު ދެން އެކަމުން ދަތިވާނީ ނާޝިދަކަށެއްނޫން އަދި އެހެންމީނުންނަށް." ނާޝިދު ވިދާޅުވިއެވެ.  

ނާޝިދު ވިދާޅުވީ މިކަމުގެ ސަބަބުން އަންނާނެ އިޖުތިމާޢީ ވަރަށް ބޮޑެތި މައްސަލަތައް ހުންނާނެ ކަމަށާއި އަދި ދުނިޔޭގެ ލެވެލްގައި އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ވަރަށްބޮޑެތި މައްސަލަތައްވެސް އަންނާނެކަމަށެވެ.

"އެތަނަކީ ވަރަށްގިނަ ބޭރު ފަތުވެރިންނާއި މީހުން އަންނަތަނެއް. އަދި، އެތަނުގައި ތިބި ބޭރު ޑޮކްޓަރުންވެސް އިސްތިޢުފާދީފައި ދާންޖެހޭ ހިސާބަށް ގޮސްދާނެ. މިކަމުން އަޅުގަނޑުމެންގެ މިކަމުގެ ކޮންސިކުއެންސަސް ވަރަށް މަތީގައި މިހާރު އެއުޅެނީ. އެހެންވީމަ، އަޅުގަނޑު ވަރަށް މިބާވަތުގެ، ކޮންމެހެން އޭ.ޑީ.ކޭ ހޮސްޕިޓަލް އެކަންޏެއްނޫން. ދެންހުރި ކަންތައްތަކަށްވެސް އަޅުގަނޑުމެން އެބަޖެހޭ ކަންތައްތަކެއްކުރަން." ނާޝިދު ވިދާޅުވިއެވެ.

 

 

2007 ވަނަ އަހަރުގެ ކެމްބްރިޖް އިމްތިޙާނުން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ތިންކުއްޖަކު ހޯދައިފި


ޚަބަރު ދިވެހިރާއްޖޭގެ އަޑު

2007 ވަނަ އަހަރުގެ ކެމްބްރިޖް އިމްތިޙާނުން ދުނިޔޭގެ އެއްވަނަ ރާއްޖޭގެ ތިންކުއްޖަކު ހޯދައިފިއެވެ. ދުނިޔޭގެ އެއްވަނަ ހޯދާފައިވަނީ އަމީނިއްޔާ ސްކޫލްގެ ތިންކުދިންކަމަށްވާ މައްޗަންގޮޅީ ކާމިނީ ހުޅަނގުގޭ ޤަދާ ޢަބްދުﷲ ޔާމީން، ގަލޮޅު އަލިރެސް މަރިޔަމް ޒައިނާ ޝަރީފް އާއި މައްޗަންގޮޅީ އަހިގަސްދޮށުގޭ ޢައިޝަތު އިހުމާއެވެ.

މީގެތެރޭން ޤަދާ ޢަބްދުﷲ ޔާމީނާއި މަރިޔަމް ޒައިނާ ޝަރީފަށް ދުނިޔޭގެ އެއްވަނަ ލިބިފައިވަނީ އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖުނެވެ. އަދި އާޢިޝަތު އިހުމާއަށް ދުނިޔޭގެ އެއްވަނަ ލިބިފައިވަނީ ޓްރެވަލް އެންޑް ޓޫރިޒަމުންނެވެ.

2007 ވަނަ އަހަރު ޘާނަވީ ތަޢްލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލްކުރި ދަރިވަރުންނަށާއި ސްކޫލްތަކަށް ދެވޭ "ޓޮޕް އެޗީވާޒް އެވޯޑް" ދިނުމަށް ބުރާސްފަތިދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، މިދިޔައަހަރު ކެންބްރިޖް އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ 10 ވަނަ ހާޞިލްކޮށްގެން ޖުމްލަ 232 ކުދިން އިނާމް ޙާޞިލްކޮށްފައިވާއިރު، ދުނިޔޭގެ ގަދަ 10 ވަނަ ހޯދައިގެން 28 ދަރިވަރަކު އިނާމް ޙާޞިލްކޮށްފައިވެއެވެ.

ރާއްޖޭގެ ގަދަ 10 ވަނައަށް ބަލާލާއިރު 7 ދަރިވަރަކު ގަދަ 10 ޙާޞިލްކޮށްފައިވާއިރު، 22 ދަރިވަރަކު 9 ވަނަ ޙާޞިލްކޮށްފައިވެއެވެ. އަދި 26 ދަރިވަރަކު 8 ވަނަ ޙާޞިލްކޮށްފައިވެއެވެ. 7 ވަނަ ޙާޞިލކޮށްފައިވަނީ 3 ކުދިންނެވެ. އަދި 6 ވަނަ 6 ކުދިން، 5 ވަނަ 14 ކުދިން އަދި 4 ވަނަ 48 ކުދިން ޙާޞިލްކޮށްފައިވެއެވެ. އަދި 6 ދަރިވަރަކު 3 ވަނަ ޙާޞިލްކޮށްފައިވާއިރު 54 ދަރިވަރުން 2 ވަނަ ޙާޞިލްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ގަދަ ދިހަވަނައިގެ ތެރޭން ފަޚުރުވެރި އެއްވަނަ ޖުމްލަ 21 ދަރިވަރަކު ޙާޞިލްކޮށްފައިވެއެވެ.

ދުނިޔޭގެ 10 ވަނައިގައި ހިމެނުނު 28 ދަރިވަރުންނާއި އަދި އެސްއެސްސީ އިމްތިޙާނުން އެންމެމޮޅު ކުދިންނަށް ރޭގެ ޖަލްސާގައި އިނާމުދެވުނެވެ. 2006 ވަނަ އަހަރާ އަޅާ ބަލާއިރު ހުސްވި2007 ވަނަ އަހަރު ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދި ސްކޫލްތަކަށްވެސް ބުރާސްފަތިދުވަހުގެ ރޭގެ ޖަލްސާގައި އިނާމުދެވުނެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ސްކޫލަކީ 72 ޕޮއިންޓް ހޯދި ހޮޅުދޫ މޭނާ ސްކޫލެވެ. އަދި ސްކޫލްތަކުގައި ކުދިން އުޅޭ ނިސްބަތަށް ބަހާލެވިފައިވާ ހަކެޓަގަރީން ކޮންމެ ކެޓަރީއެއްގައި ހިމެނޭ ސްކޫލްތަކުގެ ތެރޭން އެއްވަނަ ދެވަނަ އަދި ތިންބަޔަށް އެންމެ ރަނގަޅު ކާމިޔާބީތައް ހޯދި ސްކޫލްތަކަށްވެސް އިނާމުދެވުނެވެ.

 ޓޮޕްޓެން އެވޯޑް އެންމެ ގިނައިން ޙާޞިލްކޮށްގެން މިބައިން އެއްވަނަ ހޯދާފައިވަނީ 21 އެވޯޑެއް ހޯދި 18 ކުދިން ނިސްބަތްވާ އަމީނިއްޔާ ސްކޫލެވެ. ދުނިޔޭގެ އެއްވަނަ އެވޯޑް ހޯދި ސްކޫލްތަކުގެ ބައިގައި ހިމެނިފައިވަނީވެސް އަމީނިއްޔާ ސްކޫލެވެ. އޯލެވެލްގެ 5 ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން 80% އަށްވުރެ ގިނަ ކުދިން ފާސްވެފައިވާތީ މަދަރުސްތުލް އަހުމަދިއްޔާއަށް މި ޖަލްސާގައި އައުޓް ސްޓޭޑިންގ ޕާފޯމަންސް އެވޯޑް ލިބުނެވެ. ފާއިތުވި 2007ވަނަ އަހަރު ކެމްބްރިޖް އޯލެވެލްގައި ރާއްޖޭން 10،000 ހާކުދިން ބައިވެރިވެ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް ރާއްޖެ ޙާޞިލްކޮށްފައިވާއިރު 2006 ވަނައަހަރުވެސް ރާއްޖެއިންވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކޮށްފައިކަން ފާހަގަކުރެވެއެވެ.

 

ސިފައިން ހައްޔަރުކުރި 47 މީހުންކުރެން 41 މީހުން ދޫކޮށްލައިފި

އަބްދުއްރަހްމާން

މާލެތެރޭގައި ހިނގަމުންދިޔަ ސިލްސިލާ މާރާމާރީތައް ހުއްޓުވުމަށްޓަކައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމް.އެން.ޑީ.އެފްގެ ފަރާތުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި، ސިފައިންގެ ބެލުމުގެ ދަށަށް މިހާތަނަށް ގެނެވިފައިވާ 47 މީހުންކުރެން 41 މީހަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ސިފައިން ބަޔާންކޮށްފިއެވެ.

ސިފައިން ބަޔާންކުރާ ގޮތުގައި 6 މީހަކު ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ހަވާލުކުރެވިފައެވެ.

ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި 7 މީހުން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މީގެތެރޭގައި 18 އަހަރުނުވާ 3 ކުދިންވެސް ހިމެނޭކަމަށް ސިފައިން ބުނެއެވެ. ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން ގެނެވިފައިވަނީ މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ތޫނު ހަތިޔާރުފަދަ ތަކެއްޗާއެކުކަމަށާއި، މިތަކެތި ފެނިފައިވަނީ މިމީހުން ދުއްވި ސައިކަލުތަކުގެ މަޑިދަށުންނާއި ކާރުތަކުގެ ތެރެއިންކަމަށް ސިފައިން ބުނެއެވެ.

ހުއްދަ ނުންގަވާ މަހިބަދޫގައި ޖަލްސާ ބޭއްވެވީ ކީއްވެތޯ ރާއްޖެތޭރޭ އެހީތެރިޔާ އެއްސެވުމާ ވިދިގެން އަންނި އޭނާއަށް ކުރުދޮށިން ދެއްވައިފި


އެމްޑީޕީ ތަމްހީދީ އިންތިޚާބު:

 

މުހައްމަދު އަޝްރަފް

      އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު (އަންނި) މިއިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އއ. މަހިބަދޫއަށް ހުކުރުދުވަހު ވަޑައިގެން ރަށު އޮފީހުން ހުއްދަ ނުނަންގަވައި ޖަލްސާ ބާއްވާފައިވާތީ އެރަށުގައި ހުންނަވާ ރާއްޖެތެރޭގެ އެހީތެރިޔާ އަބްދުލް ހަމީދު އަލީ ސުވާލު ކުރައްވައިފިއެވެ.

މަހިބަދޫ ބަނދަރު ކައިރީ ހުރި ޕާކެއްގައި ހުކުރުދުވަހު ހަވީރު އަންނި ބޭއްވެވި ޖަލްސާގައި އަންނިއާ ސުވާލުކުރެއްވުމުގެ ގޮތުން އަބްދުލްހަމީދު އަލީ ވިދާޅުވީ މަހިބަދޫއަކީ ވަރަށް ރީތި އާދަކާދައެއް ޒަމާނުއްސުރެ ގެންގުޅޭ ރަށެއް ކަމަށާއި ރައްޔިތުން ތަނަކަށް އެއްވެ ވާހަކަ ދައްކައި ބައްދަލުވުންތައް ބާއްވާ ހަދަނީ ރަށުގައި ހުރި އެކިއެކި މުއައްސަސާތަކުން ނަގަންޖެހޭ ހުއްދަތަކާ އެއްޗެހި ނަގައިގެން ކަމަށެވެ.

     މީގެ ޖަވާބުގައި އަންނި ވިދާޅުވީ "ދަންނަވަންތޯ މިއަދާ ހަމައަށްވެސް އަޅުގަޑުމެންގެ ތެރެއިން ބައެއް ކަތީބުންނާ ބައެއް މި ބާވަތުގެ ބޭފުޅުންނަށް މިތިއްބެވެނީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި. އެބޭފުޅުންނަށް ހީވެފައި މިއޮންނަނީ ކޮންމެކަމަކާ އަޅުގަޑުމެން ރައްޔިތުން އެބަޖެހެއޭ ކުޑަ ސިޓީއެއް ހިފައިގެން ގޮސް އެބޭފުޅުންގެ އަރިހުގައި އާދޭސް ދަންނަވަން ތިބެން. އެއީއެއް ނޫން ސަރުކާރު މުއައްޒަފުންގެ ވާޖިބަކީ... އަޅުގަޑުމެންގެ މީ 45 ވަނަ ބައްދަލުވުން މިދިޔަ 36 ދުވަހުގެ ތެރޭގައި. ކޮންމެ ރަށެއްގައި މި އަންނަނީ މިތަނުގައި، އެރަށެއްގެ ހުސްކޮށް އޮތް ޖާގައެއްގައި ހުސްކޮށް އޮތް ބިމެއްގައި މި ބައްދަލުވުން އަޅުގަޑުމެން ބާއްވަމުން މިއަންނަނީ"

އަންނި ވިދާޅުވީ ރައީސް މައުމޫނު މަހިބަދޫއަށް ވަޑައިގެންވެސް މިފަދަ ހުޅުވިފައިވާ މާހައުލެއްގައި ވާހަކަ ދައްކަވާނެކަމަށް އޭނާ އުއްމީދު ކުރައްވާކަމަށެވެ.

"އަޅުގަޑުމެން އުއްމީދުކުރަން އެބޭފުޅައަށް ހަޖަމު ކުރެވޭނެކަމަށް ހަމަ ތިޔައިގެން ބޭފުޅަކު ވަޑައިގެން ހަމަ އެމައިކުން އެބޭފުޅާއާ މީހަކު މެރިކަމުގެ ވާހަކަ އަހާލުމަށް. އަޅުގަޑު އުއްމީދުކުރަން... ވަރަށް ރަގަޅު މިސާލެއް އެދެއްކެވީ ރަށުއޮފީހުން. އިރާދަކުރެއްވިއްޔާ އެ މިސާލުގައި މަހިބަދޫ ރައްޔިތުން ކުރިއަށް ދާނެ. އަޅުގަޑަށް ޔަގީން މިރަށުގައި ޑިމޮކްރެސީގެ މަތިވެރި އުސޫލުތައް ގާއިމުވާނެކަން. ރަށުގެ އޮފީހުން ނުކުންނަވާ ފުރަތަމަ އޭގެ މިސާލު އެދެއްކެވީ. މިހެން އަންނަ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގައި ނުވަތަ ރެލީތަކުގައި ސުވާލުކުރުމަށް ރަށެއްގެ އޮފީހުން އައުމަކީ ވަރަށް ރަގަޅުކަމެއް" ކަމަށް އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ގާނޫނު އަސާސީ އަޅުގަޑުމެންނަށް ވަރަށް ސާފުކޮށް އެއްވެ އުޅުމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ 27 ވަނަ މާއްދާގެ ދަށުން އަޅުގަޑުމެންނަށް މިލްކުކޮށް ދީފައިވާ ހައްގެއް ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި އަޅުގަޑު ހަދުމަކޮށް އަރުވައިދޭން މި ބޭނުންވަނީ އަޅުގަޑު މިހާރު އަމަލުކުރަމުން މިދަނީ ގާނޫނު އަސާސީއެއްގެ އިންތަކުގައި ތަރަހައިގެ ތެރޭގައޭ. މި ގާނޫނު އަސާސީގެ އަޅުގަޑުމެން ރާއްޖޭގެ ގާނޫނީ ތަރަހަ މިހާރު އަމަލުކުރެވެމުން މިދާ ނޫ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ 27 ވަނަ މާއްދާ ވަރަށް ފުރިހަމައަށް އަޅުގަޑަށް މިއަދު ހަވީރު މިކަން މަހިބަދޫގައި ކުރުމަށް އެބަ ހުއްދަ ދެޔޭ" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ރާއްޖެތޭގެ އެހީތެރިންފަދަ މަގާމުތަކުގެ ބޭފުޅުން ތިއްބަވަނީ ސަރުކާރުން ހިސޯރުކޮށްފައިކަމަށެވެ.

"ސިވިލް ސާވިސް ކޮމިޝަނާ އެގާނޫނު އެއޮތީ ނިމިފައި. އަޅުގަޑުމެން އެބޭފުޅުންނަށް ހަމްދަރުދީ ވަން. އެބޭފުޅުން މިއަދާ ހަމައަށްވެސް އެތިބީ ހިސޯރުވެފައި. އަޅުގަޑުމެން މި އުއްމީދު ކުރަނީ އެބޭފުޅުންނަށް އެބޭފުޅުންގެ މިނިވަންކަމާ އެބޭފުޅުންގެ އަމިއްލަ ދިރިއުޅުމާ އަމިއްލަ ވިސްނުމާ އަމިއްލަވަންތަކަން ދާދި އަވަހަށް ލިބިގެން ދާނެކަމަށް. މޭމަހުގެ ދޭކުން ފެށިގެން އެކަން ހިގަން ފަށާނެ" އަންނި ވިދާޅުވިއެވެ. 

 

 

ޑޯލްފިން ކެފޭއާއި ގަޑިބުރު ސަރަހައްދުގައި ލޭ އޮހޮރިވިކަމަށް ތުހުމަތުކުރޭ 4 މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހްމާން

މިދިޔަ ހޯމަދުވަހު މެންދުރުފަހު އަލިމަސްއުފާ ކާނިވަލުގައި މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލިކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ބުރާސްފަތިދުވަހު މެންދުރުފަހު ހިންގި އޮޕަރޭޝަނެއްގައި އެ 3 މީހުންވެސް ހައްޔަރުކޮށްފައިވަނީ ހ. ހަލަވެލިމާގެ ކޮޓަރިއެއްގެތެރޭގައި ތިއްބައެވެ. އެމީހުންނަކީ ޢުމުރުން 21 އަހަރުގެ ހުސައިން ނާޒިމާއި ހ. ލޮބީ ޢުމުރުން 18 އަހަރުގެ ހުސައިން އުމާމްއާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

މިމީހުން ފުލުހުން ބެލުމުގެދަށަށް ގެނެސް އެމީހުން ތިބި ކޮޓަރި ޗެކްކުރުކުރުމުން 4 ވަޅިއާއި 6 ސިމްކާޑުވެސް ފެނިފައިވެއެވެ.

މީގެއިތުރުން މިދިޔަ އަންގާރަދުވަހުގެ މެންދުރުފަހު މާފަންނު ގަޑިބުރު ސަރަޙައްދުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ބުރާސްފަތިދުވަހު މެންދުރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެމީހަކީ މ. ޓްރެންގިއުލިޓީ މުޙައްމަދު އަހުސަން ސުޖާއުއެވެ.

ގަޑިބުރު ސަރަހައްދުގައި ހުރި 19 އަހަރުގެ ޒުވާނަކަށް ބަޔަކު މީހުން ހަމަލާދިން ހާދިސާގައި އޭނާގެ ހަށިގަނޑުގެ 9 ތަނެއްގައި ވަޅިއަޅައި އަނގަ އިރާލާފައިވެއެވެ. އަދި ޑޯލްފިން ކެފޭގައި ޒަހަމްވި 3 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 5 ތަނެއްގައި ތޫނުއެއްޗަކުން ހަމަލާދީފައިވާއިރު ދެވަނަ މީހާގެ 5 ތަނެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބޯފަޅާލާފައިވެއެވެ.

ހުސައިން އައްޒާމް 22 އ، އަހްމަދު ނާސިފް 24އ، އަދި އަހުމަދު މުހައްމަދަށް ހޯމަދުވަހު ހަމަލާދިނީ ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭގައި ކޮފީބޯން ތިއްބައެވެ. އެމީހުން މިނިވަން ނިއުސްއަށް ކިޔާދިން ގޮތުގައި އެ 3 މީހުން ކޮފީ ބޯން ތިއްބާ ފަސްހަވަރަކަށް މީހުން އައިސް އެމީހުން ނިސްބަތްވަނީ ކޮން ގޭންގަކަށް ކަމަށް އެހުމުން އެއްވެސް ގޭންގެއްގައި ނޫޅެންކަމަށް ބުނަމުން ދަނިކޮށް ތަޅައިގަނެ ކަޓަރު އެޅީއެވެ. ނާސިފް ބުނީ އޭނާގެ ބުރަކަށީގައި ކަޓަރު އަޅާފައިވާއިރު، އޭނާގެ ރަހުމަތްތެރިއާގެ ބަނޑު ކަފާލާފައިވެއެވެ. އަދި އައްޒާމު ބުނީ އޭނާ ގައިގައި ބޮޑު ދަނޑިބުރިއަކުން އަޅުވާލުމާ ވިދިގެން އޭނާ ހޭނެތުނު ކަމުގައެވެ. އައްޒާމާއި ނާސިފް ބުނާގޮތން އެމީހުންނަށް މިހަމަލާ އެރީ ކޮން ސަބަބަކާހުރެ ކަމެއް އެނގިފައި ނުވާކަމަށެވެ. 

ޑޯލްފިން ކެފޭއާއި ގަޑިބުރު ސަރަހައްދުގައި ލޭ އޮހޮރިވިކަމަށް ތުހުމަތުކުރޭ 4 މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހްމާން

މިދިޔަ ހޯމަދުވަހު މެންދުރުފަހު އަލިމަސްއުފާ ކާނިވަލުގައި މާރާމާރީ ހިންގައި ޒުވާނަކު ޒަޚަމްކޮށްލިކަމަށް ތުހުމަތުކުރެވޭ 3 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ބުރާސްފަތިދުވަހު މެންދުރުފަހު ހިންގި އޮޕަރޭޝަނެއްގައި އެ 3 މީހުންވެސް ހައްޔަރުކޮށްފައިވަނީ ހ. ހަލަވެލިމާގެ ކޮޓަރިއެއްގެތެރޭގައި ތިއްބައެވެ. އެމީހުންނަކީ ޢުމުރުން 21 އަހަރުގެ ހުސައިން ނާޒިމާއި ހ. ލޮބީ ޢުމުރުން 18 އަހަރުގެ ހުސައިން އުމާމްއާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ.

މިމީހުން ފުލުހުން ބެލުމުގެދަށަށް ގެނެސް އެމީހުން ތިބި ކޮޓަރި ޗެކްކުރުކުރުމުން 4 ވަޅިއާއި 6 ސިމްކާޑުވެސް ފެނިފައިވެއެވެ.

މީގެއިތުރުން މިދިޔަ އަންގާރަދުވަހުގެ މެންދުރުފަހު މާފަންނު ގަޑިބުރު ސަރަޙައްދުގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މީހަކުވެސް ބުރާސްފަތިދުވަހު މެންދުރުވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެމީހަކީ މ. ޓްރެންގިއުލިޓީ މުޙައްމަދު އަހުސަން ސުޖާއުއެވެ.

ގަޑިބުރު ސަރަހައްދުގައި ހުރި 19 އަހަރުގެ ޒުވާނަކަށް ބަޔަކު މީހުން ހަމަލާދިން ހާދިސާގައި އޭނާގެ ހަށިގަނޑުގެ 9 ތަނެއްގައި ވަޅިއަޅައި އަނގަ އިރާލާފައިވެއެވެ. އަދި ޑޯލްފިން ކެފޭގައި ޒަހަމްވި 3 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 5 ތަނެއްގައި ތޫނުއެއްޗަކުން ހަމަލާދީފައިވާއިރު ދެވަނަ މީހާގެ 5 ތަނެއްގައި ތޫނު އެއްޗަކުން ހަމަލާދީ ބޯފަޅާލާފައިވެއެވެ.

ހުސައިން އައްޒާމް 22 އ، އަހްމަދު ނާސިފް 24އ، އަދި އަހުމަދު މުހައްމަދަށް ހޯމަދުވަހު ހަމަލާދިނީ ކާނިވަލުގައި ހުންނަ ޑޮލްފިން ކެފޭގައި ކޮފީބޯން ތިއްބައެވެ. އެމީހުން މިނިވަން ނިއުސްއަށް ކިޔާދިން ގޮތުގައި އެ 3 މީހުން ކޮފީ ބޯން ތިއްބާ ފަސްހަވަރަކަށް މީހުން އައިސް އެމީހުން ނިސްބަތްވަނީ ކޮން ގޭންގަކަށް ކަމަށް އެހުމުން އެއްވެސް ގޭންގެއްގައި ނޫޅެންކަމަށް ބުނަމުން ދަނިކޮށް ތަޅައިގަނެ ކަޓަރު އެޅީއެވެ. ނާސިފް ބުނީ އޭނާގެ ބުރަކަށީގައި ކަޓަރު އަޅާފައިވާއިރު، އޭނާގެ ރަހުމަތްތެރިއާގެ ބަނޑު ކަފާލާފައިވެއެވެ. އަދި އައްޒާމު ބުނީ އޭނާ ގައިގައި ބޮޑު ދަނޑިބުރިއަކުން އަޅުވާލުމާ ވިދިގެން އޭނާ ހޭނެތުނު ކަމުގައެވެ. އައްޒާމާއި ނާސިފް ބުނާގޮތން އެމީހުންނަށް މިހަމަލާ އެރީ ކޮން ސަބަބަކާހުރެ ކަމެއް އެނގިފައި ނުވާކަމަށެވެ. 

 

ފޮޓޯ:

ކެޕްޝަން: ގަޑިބުރު ކައިރީ މީހެއްގެ އަނގަ އިރާލާފައި

 

ކަނޑިޔަކާއި ކޯރާޑިއެއްގެ އިތުރުން މިނި ކަށިކޮޅުތަކެއް ގެއަކުން ހޯދައިފި

އިބްރާހީމް މުޙައްމަދު

ކަނޑިޔަކާއި ކޯރާޑިޔަކާއި ކަޓަރުތަކެއްގެ އިތުރުން އިންސާނެއްގެ ކަށިކޮޅުތަކެއް ބުރާސްފަތިދުވަހު ފެނިއްޖެކަމަށް މޯލްޑިވްސް ފޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ. މަޖީދީމަގުގައި ހުރި މާފަންނު ސަހަރާކައިރީގައި ހުރި މ.މަދަން ގެއިން ފެނުނު ކަށިތައް ހޯދާފައިވަނީ ގޭތެރެއިން ކަމަށާއި އެއްވެސް ހާލެއްގައި ކޮނެގެން ނޫން ކަމަށް ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރ ސާޖަންޓް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އަދި މީގެ ކުރިން އިންސާނުންގެ ކަށި މަސްހުނިކޮށްގެން މަސްތުވާތަކެތި ބޭނުންކުރުގެ ހާދިސާތައް ހިނގާފައިވާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އިންސާނުންގެ ކައްޓާއި މަސްތުވާތަކެތި އެއްކޮސްގެން މަސްތުވާކަމަށް ރިޕޯޓްކުރެވިފައިވޭ" އޭނާ ވިދާޅުވިއެވެ.

މ.މަދަން ގޭގައި ކުއްޔަށް ދީފައިހުރި ފިހާރައެއްގެ މަތީގައި ހަދާފައި ހުރި މި ކޮޓަރި ތެރެއިން ފެނިފައިވަނީ 2 ފޫޓުގެ ކަނޑިއެއްކަމަށް ފުލުހުން ހާމަކުރިއެވެ. އަދި މިތަކެތީގެ އިތުރުން މަސްތުވާތަކެތިވެސް މިގެއިން ފެނުނުކަމަށް ފުލުހުންގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ. ނަމަވެސް މަސްތުވާތަކެތީގެ ބާވަތާއި އަދަދު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުންގެ ވެބްސައިޓުގައި ޝާޢިއު ކޮށްފައިވާ ފޮޓޯއިން ރާ ހުސްކުރި ފުޅިއާއި ލައްފިލުވާ ޒާތުގެ ތަކެތިވެސް ފެނެއެވެ.

ފުލުހުން މިތަކެތި ހޯދުމަށްޓަކައި އޮޕްރޭޝަން ހިންގި ވަގުތުގައި ސިފައިން ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދިޔަ މަންޒަރު ފެނިގެންދިޔައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދަށް ޖަމާވިއެވެ. މިމައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މިހާރު ތަހުޤީޤުކުރެވެމުންދާކަށް ފުލުހުން ހާމަކުރިއެވެ.

އާދީއްތަ ދުވަހުގެ ހާއްސަ މަޖިލީހުގެ ޖަލްސާ ކޯރަމް ގެއްލުވާލައިފިނަމަ ހިންދިރުވާލައިގެން ނުތިބެވޭނެ ކަމަށް އަންނި އިންޒާރުދެއްވައިފި

 

މުހައްމަދު އަޝްރަފް

 

ޑީއާރުޕީގެ ބައެއް އިންތިޤާލީ ހުށަހެޅުންތަކަށް ވޯޓަށް އައްސަވާނެކަމުގެ ޔަޤީންކަން ނުލިބުމުން ޑީއާރުޕީން ކޯރަމް ނަގާލާ މައްސަލާގައި އަންނަ އާދީއްތަ ދުވަހު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގެ ކޯރަމްވެސް ގެއްލުވާލަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.  

ހުކުރު ދުވަހު އއ ރަސްދޫގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ގާނުނު ހަދާ މަޖިލީހަށް މެންބަރުން ހާޒިރުނުވުމަށް ސަރުކާރުން އެންގެވުމަކީ އަޅުގަނޑުމެންނަށް ހިންދިރުވާލައިގެން ނުވަތަ ހަޖަމްކޮށްލައިގެން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ގައުމެއްގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ނޭންގޭނެ ގާނޫނޫ ހަދާ މަޖިލީހަކަށް ބޭފުޅުން ވަޑައިނުގަތުމަކަށް، އާދީއްތަ ދުވަހު މަޖިލީހުގެ ގާނޫނީ އަދަދު ހަމަނުވަނީ ކަމުގައިވަނީނަމަ އަޅުގަނޑުގެ ހިތުން މިރާއްޖެ ވަދެގެންދާނީ ހަރާބުގެ ތެރެއަށް" އަންނި ވިދާޅުވިއެވެ.

 ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ސާފު ގޮތުގައި ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށްވާއިރު، ރައީސް މައުމޫނުވެސް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުރަސް ނޭޅުއްވުމަށް އަންނި ގޮވާލެއްވިއެވެ.

އަންނި ވިދާޅުވީ 1932 ގައި ރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ގާނޫނު އަސާސީގެ މަސައްކަތް ލަސްކޮށް ހުރަސް އެޅުމަށް އޭރު ހުންނެވި ރަދުން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެފަހަރު ގާނޫނު އަސާސީ އިސްލާހުކުރެވި، ތަސްދީގް ކުރެވުނީ ރަދުންގެ ދެ ބަފައިކަލުން ފުވައްމުލަކަށް އަރުވާލާފައި ކަމަށެވެ. އަދި މިހާރު ރައީސަކަށް ހުންނެވި ބޭފުޅާއަށް އެފަދަ ގޮތެއް މެދުވެރިވުމަށް އަޅުގަނޑުމެން ބޭނުންނުވާ ކަމަށްވެސް އަންނި ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދޭ ގޮތަކީ މިރާއްޖޭގެ ރައީސުންނަށް ރައްޔިތުންގެ ގަދަރާއި އިއްޒަތް ލިބިފައިވުން" އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ މިރާއްޖޭގައި މިހާރު ގާނޫނީ ހަމަތަކުން ހިނގާ ސަރުކާރެއް ނެތް ކަމަށާއި މިކަމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް މިހާރު މިއޮތީ ރައްޔިތުންގެ ވާޖިބު އަދާކުރަން މަޖުބޫރުވެފަ" އަންނި ވިދާޅުވިއެވެ.

އަންނިގެ ރިޔާސީ ކެމްޕެއިންގައި އއ. ކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ނޫ ގާނޫނު އަސާސީގެ" ދަށުން ރައީސް މައުމޫނު ވެރިކަމަށް ކުރިމަތިލައްވައިފިނަމަ ސީދާ ހަރަކާތަށް ނިކުންނަވާނެ ކަމަށެވެ.

"އަޅުގަނޑު މިހިރީ ހަމަގައިމުވެސް ފަހަށް ޖެހެން ތައްޔާރަކަށް ނޫން، ލޭ އޮހުރުވުން ހިނގުން އެއީ އަޅުގަނޑު ހަމަގައިމުވެސް ދެކެން ބޭނުންވާ ތަނެއް ނޫން" އަންނި ވިދާޅުވިއެވެ.

އަންނި ދެއްކެވި ވާހަކާގައި މިހާރު މާލެ ތެރޭގައި މިހިނގާ ގުރޫޕް މާރާމާރީތަކަކީ ވެރިކަން ދެމެހެއްޓުމަށްޓަކައި ބަޔަކު ރާވައިގެން ކުރުވާ ކަމެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. އެގޮތުން މަޝްހޫރު ބޮޑު ހުޅު ހާދިސާ ހިނގާފައިވަނީވެސް މިފަދަ ގޮތަކަށް ރާއްޖޭގައި އޭރުއޮތް ވެރިކަން ދެމެހެއްޓުމަށް ބަޔަކު މީހުން ރާވައިގެން ކަމަށް ވިދާޅުވިއެވެ.

ޅ އަތޮޅަށާއި ބ އަތޮޅަށާއި އަރި އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އަންނި މާލެ ވަޑައިގަތީ ހޮނިހިރުދުވަހު މެންދުރުފަހުއެވެ.

 

އަނިޔަކުރާތީ ދޫނިދޫގައި ތިބި ބައެއް ގައިދީން ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އިސްމާއިލް

 

މިހާރު މާލެތެރޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީއަށް ނިސްބަތްވާކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ހައްޔަރު ކޮށްފައި ތިބި ބައެއް ގައިދީންނަށް މުއާމަލާތް ކުރާގޮތާމެދު އިހްތިޖާޖު ކުރުމުގެ ގޮތުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް އެމީހުން ފަށައިފިއެވެ.

މުއުތަބަރު ފަރާތަކުން މިނިވަނަށް މައުލުމާތު ދިންގޮތުގައި މި ހައިހޫނުކަމުގެ ހަޅުތާލު ފަށައިފައިވަނީ ދޫނިދޫގައި މިހާރު ހައްޔަރުކުރެވިފައިވާ އިދިކޮޅު ގޭންގުތަކުގެ ތެރެއިން ދެގޭންގެއްގެ ގައިދީން ބުރާސްފަތިދުވަހު ތަޅާފޮޅުމާ ވިދިގެން ފުލުހުން އައިސް ވަކި ގޭންގަކަށް އެކަމުގެ އަދަބު ދިނުމުންނެވެ. އެފަރާތުން ބުނާގޮގައި ގައިދީންގެ ދެއަތުގައި ފުލުހުން ބިޑިއަޅުވައި، ކަނުބަނދެ، ދޫނިދޫގައި ހުންނަ "އަލްކަޓްރާޒް" ކިޔާ އިމާރާތުގެ ސިޑިބަރިން "ރޯލު ޖައްސާ" ހަދާފައިވެއެވެ. އަދި ބައެއް ގައިދީން ބިޑިއަޅުވާފައި ބޭރަށް ނެރި ބައިތިއްބާފައި ވާކަމަށްވެސް ވެއެވެ.

މިނިވަން ނިއުސްއަށް މައުލޫމާތު ދިން އެއް މަސްދަރު ބުނިގޮތުގައި ދުވާލަކު ބައިގަޑިއިރަށް ކަސްރަތަށް ނެރުމަށް ހަމަޖެހިފައިވާއިރު، މިކަމުންވެސް ވަނީ ގައިދީން މަހްރޫމްކޮށްފައެވެ. އަދި ވަކީލުންނާ ވާހަކަ ދެއްކުމުގެ ދޮރުވެސް މިގައިދީންނަށް ބަންދޮކޮށްފައިވާކަމަށް މަސްދަރު ބުނެއެވެ. މިމައްސަލާގައި ހަޅުތާލުކޮށްގެން އުޅޭ ގައިދީންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންހިމެނެއެވެ. ބައެއް ކުދިންގެ އުމުރަކީ އެންމެ 14 އަހަރެވެ.

މިމައްސަލާގައި ހަޅުތާލު ކުރުމުން ފުލުހުން ރައްދުދިނީ މިގައިދީން ކަނުބަނދެ ބިޑިއަޅުވާ، ރޯލު ޖައްސާ މިފަދަ އަނިޔާތަކުންކަމަށް ވެއެވެ. އަދި އަނިޔާތަކުގެ ސަބަބުން އެއް ގައިދީގެ ފަޔަށް ލިބުނު ހާނިކައިގެ ސަބަބުން މިހާރު ފައިއަޅަން ނުކުރޭކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހުންގެ ތެރޭގައި ހިމެނޭ ހެންވޭރު ގްރީންހެވަން ހުޝާމަށްވެސް ވަރަށް ބޮޑަށް އަނިޔާ ވެފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދިނެވެ. މިނިވަން ނިއުސްއަށް މައުލޫމާތުދިން މަސްދަރު ބުނީ މިހާރު ދޫނިދޫގައި ބަންދުކޮށްފައިހުރި އޭނާގެ ރައްޓެއްސެއްގެ ބޮލާއި ފުރަގަސް ފަރާތުގައި ތަޅާފައިވާކަމަށެވެ. މިއަނިޔާގެ ބޭނުމަކީ އެކުދިން ކުށަށް އިއުތިރާފު ކުރުވުންކަމަށް އޭނާ ބުންޏެވެ.

މިމައްސަލައިގައި މޯލްޑިވެސް ޕޮލިސް ސަރވިސްއިން ބުނީ ދޫނިދޫ ޖަލުގައި އެފަދަ ކަންތައްތަކެއް ހިންގާފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭމީހުން އަބަދުވެސް ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާކަމަށާއި، ނަމަވެސް މާބޮޑު ހަމަނުޖެހުމެއް ހިންގާފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

 

 

 

ކޯމާގައި އޮތް 14 އަހަރުގެ ކުއްޖާ ހަފްތާއެއްފަހުން މަރުވެއްޖެ

 

ސިލްސިލާ މާރާމާރީ:

ކޯމާގައި އޮތް 14 އަހަރުގެ ކުއްޖާ ހަފްތާއެއްފަހުން މަރުވެއްޖެ

·        އިޔުމަންރައިޓްސް ކޮމޝަނަރ އަދި ޔޫތު މިނިސްޓަރ ކަންބޮޑުވުން ފާޅުކޮށްފި

އިބްރާހީމް މުޙައްމަދު

 

މިމަހު 4 ވަނަ ދުވަހުގެ ދަންވަރު މާލޭގައި ފެށި ސިލްސިލާ މާރާމާރީގައި އެންމެ ފުރަތަމަ ޒަހަމްވި އުމުރުން 14 އަހަރުގެ ކުއްޖާ 7 ދުވަސްވަދެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިންޓެންސިވް ކެޔަރ ޔުނިޓު (އައިސީޔޫ)ގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު މަރުވެއްޖެއެވެ.

އާއިލާ މީހަކު މައުލޫމާތު ދިންގޮތުގައި ގ.ތަނބުރުގޭ ޝިފާޢު މަރުވެފައިވަނީ ދަންވަރު 1:20 ހާއިރެވެ. އަދި ޑޮކްޓާރާ ހަވާލާދީ ބުނީ ޝިފާޢު މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެން ކަމަށެވެ.

"ފުލުހުން އައިސް ފޮޓޯ ނަގައި މައުލޫމާތު ސާފުކުރި" އޭނާ ބުންޏެވެ.

ނަމަވެސް ޝިފާޢުއަށް ހަމަލާދިން ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނޭނގޭކަމަށް އާއިލާ މެމްބަރު ބުންޏެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ހާމަކޮށްފައިވާގޮތުގައި އޮލިމްޕަސް ކައިރީގައި ޝިފާޢުއަށް ހަމަލާދިން ހާދިސާއާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ސާޖަންޓް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ އޮލިމްޕަސް މާރާމާރީއާ ގުޅިގެން 3 މީހުން ހައްޔަރުކޮށްފައިވާއިރު އެރޭ އިތުރު މަރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި އިތުރު 2 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

"އެ އެންމެން އަދިވެސް ތިބީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި" ސާޖަންޓް ޝިޔާމް ވިދާޅުވިއެވެ.

ޝިފާޢު މަރުވެފައިވަނީ އޭނާގެ ބޮލުގެ ނާށިގަނޑާއި މެޔަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ހޭނާރައި ކޯމާއެއްގައި އޮށްވައެވެ. ޝިފާޢު ވަޅުލެވުނީ މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ. ފުލުހުން ހާމަކުރިގޮތުގައި މިހާދިސާގެ ތަހުޤީޤު އަދިވެސް ދަނީ ކުރިއަށެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނަރ އާއި ޔޫތު މިނިސްޓަރގެ ކަންބޮޑުވުން

އާސަހަރާގައި ހުންނަވާ ހިޔުމަން ރައިޓްސް ކޮމިޝަނަރ އަޙްމަދު ސަލީމް ވިދާޅުވީ މިފަދަ މާރާމާރީތައް ހުއްޓުވުމަށް އެކޮމިޝަންގެ ފަރާތުން އަންނަނީ ގިނަގުނަ މަސައްކަތްތައް ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ 100 އިންސައްތަ މުސްލިމު ބޮޑު އާއިލާއެއް" ސަލީމް ވިދާޅުވިއެވެ. "މިއީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން. މިހާރު މިކަން (މާރާމާރީ) އާއްމުވެއްޖެ"

ސަލީމް ވިދާޅުވިގޮތުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަން ޖެހެއެވެ. މިގޮތުން ތަޅާފޮލާމުންދާ ގުރޫޕުތައް އެއްގަލަކަށް އެރުވުމަށް ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކުރެވިދާނެކަމަށް ސަލީމް ވިދާޅުވިއެވެ. މިމަހު 9 ވަނަ ދުވަހު މޯލްޑިވްސް ނެޝިނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މޭޖަރ އިބްރާހީމް އަފްޟަލްވެސް ވިދާޅުވެފައިވަނީ އެފަރާތުން ތަޅާފޮޅަމުންދާ ގުރޫޕުތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަން ހުންނެވީ ތައްޔާރަށް ކަމަށެވެ.

ސަލީމް ވިދާޅުވީ މިހިނގަމުންދާ ހަމަނުޖެހުމަށް ވަގުތީ ހައްލެއް ގެނެވުމުގެ ބަދަލުގައި ދާއިމި ހައްލެއް ހޯދަން އިސްކަން ދޭންޖެހޭކަމަށެވެ. މިގޮތުން ދާއިމީ ހައްލެއް ހޯދުމުގެ މަޤްސަދުގައި ދާދިފަހުން ފުލުހުންނާ ވާހަކަ ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ފުލުހުންނަށް ލަފާވެސް ދީފައިވަނީ އެޅިދާނެ ފިޔަޅުތައް" ސަލީމް ވިދާޅުވިއެވެ. "ޤާނޫނު ތަންފީޒުކުރެވޭނީ އެފަރާތްތަކަށް"

މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓަސް މުޙައްމަދު ވަހިއްދީން އާސަހާރާގައި ހުންނަވައި މިނިވަން ނޫހަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ 14 އަހަރުގެ ޝިފާޢު މަރުވުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި އަމިއްލަ ހައިސިއްޔަތުން މިފަދަ ކަންތައްތައް ހައްލުކުރަން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޤާނޫނު ތަންފީޒުކުރެވިގެން މިކަން ހައްލުވާނެ" ކުރިން ހިޔުމަން ރައިޓްސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ވަހިއްދީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މި ތަޅާފޮޅުތައް ހުއްޓުވޭނީ އެއަމަލު ހިންގާ ފަރާތްތަކުގެ މަޤްސަދާއި ސަބަބު އޮޅުންފިލުވައިގެންނެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުވެސް ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެއެވެ. ހ.ކުބުރާ އަލީ އިޝްހާރަށް (ޗޯޓޭ) ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ހޯދަން ބޭނުންވާ އެންމެ މިހާރުތިބީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައެވެ.

ފޮޓޯ: ހިޔުމަން ރައިޓްސް އަދި ސްޕޯޓްސް އެކުއެކީގައި

ކެޕްޝަން: ސަލީމް އަދި ވަހިއްދީން އާސަހަރާގައި ކަންބޮޑުވެފައި

 

ކޯޓޭޝަން: "އަޅުގަނޑުމެންނަކީ 100 އިންސައްތަ މުސްލިމު ބޮޑު އާއިލާއެއް. މިއީ ޤަބޫލުކުރެވޭ ކަންތައްތަކެއް ނޫން. މިހާރު މިކަން (މާރާމާރީ) އާއްމުވެއްޖެ" – ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް