Monday 21 April 2008

މިމަހު 25 ގައި އެމްޑީޕީން ބާއްވާ އިންތިހާބަކީ ގޮންޖަހާ ނުލެވޭ ވަރުގެ ނަމޫނާ އިންތިހާބަކަށް ހަދާނަން - މުގައްރިރު

އިސްމާއިލް

މިއަދު ދަރުބާރު ގޭގައި އެމްޑީޕީގެ ތަމްހީދީ އިންތިހާބާ ބެހޭ ކޮމެޓިން ބޭއްވި ނޫސް ކޮންފަރަންސެއްގައި މިނިވަނުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެކޮމެޓީގެ މުގައްރިރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ މިމަހު 25 ގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ތަމްހީދީ އިންތިހާބާއި، ޗެއަރޕާސަންގެ އިންތިހާބު އެއީ ގޮންޖަހާ ނުލެވޭވަރުގެ ނަމޫނާ އިންތިހާބަކަށް ހައްދަވާނެކަމަށެވެ. ދިވެހި ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ބާއްވާ ގައުމީ އިންތިހާބުތަކަށް ވުރެ ފެންވަރު ރަނގަޅު އެތެރެ ފެންނަ އިންތިހާބެއް 4 ލައްކަ ރުފިޔާ ހަރަދުކޮށްގެންވެސް ބޭއްވިދާނެ ކަން އެންޑީޕީން މިމަހު ބާއްވާ އިންތިހާބުން ސާބިތު ކޮށްދޭނެ ކަމަށް މުގައްރިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނެޝަނަލް އެގްޒެކްޓިވް ކޮމެޓީން ނިންމާފަ އޮތީ މިއިންތިހާބަށް ހަރަދު ކުރެވޭނީ 4 ލައްކަ ރުފިޔާ ކަމަށް. އެބަޖެޓަށް ފައްތައިގެން މިއިންތިހާބަކީ ގޮންޖަހާ ނުލެވޭވަރުގެ ނަމޫނާ އިންތިހާބަކަށް ހަދާނަން، ދިވެހިރާއްޖޭގައި މިބޭއްވޭ ނެޝަނަލް އިލެކްޝަންތަކުގައި އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރައްވައިގެން މިބާއްވާ އިންތިހާބު، މިހާ ޓްރާންސްޕޭރަންޓްކޮށް 4 ލައްކަ ރުފިޔާއިން ކުރެވިދާނެ ކަމެއްކަން އަޅުގަނޑުމެން ސާބިތު ކޮށްދޭނަން" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ނޫސްވެރިން އެންމެ މުހިންމު ކަމަކަށް ނެންގެވީ އެމްޑީޕީގެ މިއިންތިހާބުގައި ޕްރޮކްސީ ނުވަތަ ވޯޓްލާން ދިއުމަށް އުޒުރުވެރިވާ މެމްބަރުންގެ ބަދަލުގައި އެހެން މެމްބަރަކު ފޮނުވުމާމެދު އެމްޑީޕީގެ ރައީސް ޑރ މުހައްމަދު މުނައްވަރާއި އަދިވެސް އެހެން ބައެއް މެމްބަރުން ދެކޮޅުހައްދަވާ މައްސަލައެވެ.

މުހައްމދު ރަޝީދު ވިދާޅުވީ ޕްރޮކްސީއާއި ދޭތެރޭ އެއްވެސް ކެނޑިޑޭޓަކަށް އިންކާރު ކުރުމުގެ ޖާގައެއް ނެތްކަމަށާއި، އެކެންޑިޑޭޓުންވެސް ހިމެނޭ އެމްޑީޕީގެ ކޮންގްރެސްއިން ނިންމާފައިވާ އަސާސީ ގަވާއިދުގައި މެމްބަރުންނަށް ޕްރޮކްސީ ވޯޓްލުމުގެ ހައްގު ލިބިދޭކަމަށެވެ. އަދި އެހެން ވުމުން މެމްބަރުންނަށް ޕްރޮކްސީ ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް ޖުމްލަ 238 ޕްރޮކްސީ ވޯޓް ރަޖިސްޓްރީ ކޮށްފައިވާކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ޕްރޮކްސީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިންތިޚާބު ކޮމިޓީގެ މެންބަރު ޑރ އިބްރާހިމް ޑީޑީވެސް ވިދާޅުވީ ޕްރޮކްސީއަކީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ މެމްބަރުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަމަށާއި، އެޕާޓީގެ ކިތަންމެ އިސްމަގާމެއްގައި ހުންނަވާ ބޭފުޅަކު ބޭނުންވި ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ނިންމާފައިވާ އެއްވެސް ކަމަކާއި ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް ޑރ ޑީޑީ ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްކޮންފަރެންސްގައި ވޯޓް ލެވޭނެ މީހުންގެ ލިސްޓްގައި މަރުވެފައި ތިބި މީހުން ހިމެނޭތޯ ނޫސްވެރިއަކު ދެންނެވުމުން އެކަމާ އެއްބަސް ވެވަޑައިގަނެ އިންތިހާބާއި ބެހޭ ކޮމެޓީގެ މެމްބަރު ޑރ ޑީޑީ ވިދާޅުވީ ޕާޓީތަކުގައި ހިމެނޭ މީހުންގެ ލިސްޓް ސައްހަ ކުރުމަކީ ސިޔާސީ ޕާޓީގެ ދަފްތަރު ބަލަހައްޓަވާ ބައެއްގެ ޒިންމާއެއްކަމަށާއި، އެލިސްޓްގައި މަރުވެފައިވާ މީހުން ތިބި ނަމަވެސް އޭގެ ނާޖާއިޒް ފައިދާއެއް އެއްވެސް މިހަކަށް ނުނެގޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޑރ ޑީޑީ ވިދާޅުވީ ވޯޓްލާ މީހާ ވޯޓްލާން ހާޒިރު ވާއިރު އޭނާގެ ފޮޓޯ ޖެހި ލިޔުމެއް ގެންނަން ޖެހޭ ގޮތަށް ހަމަޖައްސާފައި ވާނެ ކަމަށާއި، އަދި ވޯޓްލާ ނިމުމުން ވޯޓްލީމީހުންގެ ލިސްޓް އާއްމު ކުރެވޭނެކަމަށެވެ.

އެމްޑީޕީން މައުލޫމާތު ދެއްވާ ގޮތުގައި މިމަހު 25ގައި އެޕާޓިން ބާއްވާ ތަމްހީދީ އިންތިހާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 20958 މެމްބަރުންގެ އެބަތިއްބެވެ. އަދި މިއިންތިޚާބުގައި ޖުމްލަ 117 ވޯޓުފޮށި ތަފާތު 90 ރަށުގައި ބެހެއްޓެނެ ކަމަށާއި، އޭގެ ތެރޭގައި 6 ރިޒޯޓާއި، 3 ސިނާއީ ރަށާއި، އާބާދުވެފައިވާ 80 ރަށާއި މާލެ ހިމެނޭ ކަމަށް އެމްޑީޕީގެ އިންތިހާބު ކޮމެޓީން މައުލޫމާތު ދެއްވައެވެ. އަދި ސ. ހިތަދޫގައި 2 ފޮށިހުންނައިރު މާލޭގައި 27 ފޮށި ބެހެއްޓޭނެއެވެ. މޭލެގެ ފޮށިތަކުގެ ތެރެއިން ވިލިނގިއްޔާއި ހުޅުމާލޭގެ ފޮށިތައްނޫން އެހެން ހުރިހާ ފޮއްޓެއް ބަހައްޓާފައި ހުންނާނީ ކަލާފާނު ސްކޫލްގައެވެ. މާލޭގައި ހުންނަ 27 ފޮށީގެތެރެއިން 20 ފޮއްޓަކީ މާލޭގައި ދިރިއުޅޭ 20 އަތޮޅު / ދާއިރާގެ މެމްބަރުން ވޯޓުލާން މާލޭގައި ބަހައްޓާ ފޮއްށިކަމަށާއި، 4 އަވަށުގެ މެމްބަރުންނަށް ކޮންމެ އަވަށަކަށް އެއްފޮއްޓާއި، މާލޭދަފްތަރުގައި ހިމެނޭ މެމްބަރުންނަށް އެއްފޮށި ބަހައްޓާފައި ހުންނާނެކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއްވައެވެ.

އެމްޑީޕީ ތަމްހީދީ އިންތިޚާބް: ވަގުތުން ފޮނުވާ ޑިބޭޓުގެ އެންމެ ފަހު ތައްޔާރީތައް ވަމުން ދަނީ

ރިޝްމާ

 

އެމްޑީޕީގެ ތަމްހީދީ އިންތިޚާބު 2008 ގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންކަމުގައިވާ ޑރ.މުހަންމަދު މުނައްވަރާއި، މޫސާ މަނިކު (ރީކޯ) އަދި މުހަންމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަންނަވާ ލައިވް ބަހުސް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ދިއެފްއެމްއިން ބުނެފިއެވެ.

މީޑިއާއެސޯސިއޭޝަންގެ އެހީއާއެކު ތަފާތު މީޑިއާގްރޫޕްތަކެއް އެކުވެގެން 2 އޭޕްރިލް 2008 ގައި ވަނީ މި 3 ކެންޑިޑޭޓުން ބައިވެރިވި ސުވާލާއި ޖަވާބު ސެޝަނެއް ދަރުބާރުގޭގައި ބާއްވާފައެވެ.

ދި.އެފް.އެމް.ގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހިމް ޚަލީލް މިއަދު ވިދާޅުވީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޭޕްރިލް 23 ވާބުދަ ދުވަހުގެ ރޭ 9:30 އިން 11:00 އަށް ބާއްވާ ޑިބޭޓް ވަގުތުން ދުރަށްދައްކާނެކަމުގެ ޔަޤީންކަން ޓީވީ މޯލްޑިވްސް ދީފައިވާކަމަށެވެ. މި ޑިބޭޓް ވަގުތުން ދެއްކުމުގެ އިތުރުން ހޯލަށްވަދެ އަޑުއެއްސެވުމަށް ދައުވަތު ދެވިފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށާއި އަދި ބައެއް ނޫސްވެރިންނަށް ކަމަށް ޚަލީލު ވިދާޅުވިއެވެ. އެހެން ބޭފުޅުންނަށް ވަދެވަޑައިގެންނެވޭނީ 200 ރުފިޔާއަށް ލިބޭ ޓިކެޓެއް ބައްލަވައިގަނެގެންކަމަށް ޚަލީލު ވިދާޅުވިއެވެ.

ޑިބޭޓްތަކުގެ ޓިކެޓް ވިއްކުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ފުދޭވަރެއްގެ ބޮޑު ހޭދައެއް ވާތީ 200 ޓިކެޓް ވިއްކަން ނިންމެވީކަމަށް ޚަލީލު ވިދާޅުވިއެވެ. ހަމައެހެންމެ އެގޮތަށް ނިންމީ ތިން ކެންޑިޑޭޓުން އުޅުއްވާއިރު، އެ ކެންޑިޑޭޓުންގެ ނިސްބަތްވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި ތިން ކެންޑިޑޭޓުންނަށް ޓިކެޓް ވިއްކުމުގައި އެބޭފުޅުންނަށް ތާއީދުކުރައްވާ މީހުންނަށް ހަމަހަމަކޮށް ޓިކެޓް ދޭ އުސޫލެއް ގެންގުޅޭނެ ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.

މި ޑިބޭޓްގައި ތިން ކަމެއް ހިފަހައްޓާނެ ކަމަށް ހަލީލު ވިދާޅުވިއެވެ. އެއީ އެމްޑީޕީ ގެ މަސްލަޙަތާއި، ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ މަސްލަޙަތާއި، ރައީސުލްޖުމްޙޫރިއްޔާގެ މަސްލަޙަތެވެ. މިކަންތައްތަކަކީ ހުރިހާއެންމެންގެ މަސްލަޙަތަށްޓަކައި ކުރެވޭ ކަމެއް ކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.      

މިއަހަރު ޙައްޖާއި އުމުރާއަށް ދިޔުމަށް ދައްކާފައިވާ ފައިސާގެ އިތުރަށް ފައިސާ ނަގަން ޖެހިދާނެކަމަށް ބައެއް ޖަމާއަތްތަކުން ބުނެފި

އަބްދުއްރަހްމާން

 މިއަހަރު ޙައްޖާއި އުމުރާއަށް ދިޔުމަށް ހައްޖުއުމުރާ ޖަމާއަތްތަކަށް ދައްކާފައިވާ ފައިސާގެ އިތުރަށް ފައިސާ ނަގަން ޖެހިދާނެކަމަށް ޙައްޖާއި އުމުރާއަށް މީހުންގެންދާ ބައެއް ޖަމާއަތްތަކުން ބުނެފިއެވެ. ދިވެހިރާއްޖޭގެ އަޑަށް މައުލުމާތު ދެމުން ބައެއް ގުރޫޕްތަކުން ބުނީ މިކަން މިގޮތަށް ކުރަންވިސްނީ މައްކާގެ ޚިދުމަތްތަކާ ހޮޓާތަކުގެ އަގު މިފަހުން ބޮޑުތަން އަނެއްކާވެސް މައްޗަށް ދިޔުމާގުޅިގެން ކަމުގައެވެ. އަދި ޙަރަމް ފުޅު ހިމެނޭ ސަރަޙައްދު ބޮޑު ކުރުމާގުޅިގެން ދުރު ހިސާބުތަކުން ހޮޓާތައް ލިބުމާ ދަތުރު ފަތުރުގެ އަގުތައް ބަދަލު ވެފައިވާކަމަށްވެސް ބައެއް ޖަމާއަތްތަކުން ބުނެއެވެ. ބައެއް ހައްޖު ގުރޫޕް ތަކުން ބުނަނީ މިހާރު ފައިސާ ދައްކާފައިވާ މީހުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ފައިސާ ދައްކާފައިވާ މީހުންނާއެކު، ދެތިން ދުވަހުގެ ތެރޭ މަޝްވަރާ ކުރާނެކަމުގައެވެ.

ޕާޓީތަކަށް ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ދެއްވާނެކަން ކަށަވަރުކުރައްވާފައި ވަނިކޮށް، މީޑިއާ އެސޯސިއޭޝަނުން ޑީއާރުޕީ ކުށްވެރިކޮށް ނޫސްބަޔާން ނެރުނީތީ މިނިސްޓަރު ނަޝީދު ހިތާމަކުރައްވައިފި

އަބްދުއްރަހްމާން

 

އިންތިގާލީ މަރުލަހާގައި ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ދިނުމުގެ ހުށަހެޅުން ސަރުކާރުން ފޭލިކޮށްލާފައިވާތީ އެކަން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން (އެމްއެމްއޭ) އިން ބަޔާނެއްނެރިފައިވަނީ ދެކޮޅު ނުބަލާކަމަށް އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދު އޭނާގެ ބޮލްގްލައި ވިދާޅުވެއްޖެއެވެ. މިނިސްޓަރު ނަޝީދު ވިދާޅުވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ހުރިހާ ޕާޓީތަކަށް ދައުލަތުގެ މީޑިޔާއިން ހަމަހަމަ ފުރުސަތު ލިބޭނެކަމަށް އޭނާ މީގެ ހަފްތާތަކެއްކުރިން ކަށަވަރުކޮށްދެއްވާފައި ވާއިރު، އެކަން ވަންހަނާކޮށް ނޫސްވެރިންގެ ޖަމިއްޔާއިން ނޫސްބަޔާން ނެރިފައިވާތީ ހިތާމަކުރާކަމަށެވެ.

މޯލްޑިވްސް މީޑިޔާ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި "އިންތިގާލީ މަރުހަލާގައި ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް" ބަޔާން ކުރާ ރ މެންބަރު ޝާހީން ހަމީދުގެ 21 ވަނަ ހުށަހެޅުން ރައްޔިތުންގެ ހާއްސަ މަޖިލީހުން 13 އޭޕްރިލްގައި ފޭލިކޮށްލުމުގައި ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުން ކަނޑައެޅިގެން ވޯޓު ނުދެއްވިކަން ފާހަގަކޮށްފައިވެއެވެ.  

ޝާހީން ހަމީދުހެ ހުށަހެޅުއްވުމުގެ 7 ވަނަ ނަމްބަރުގައި ވަނީ "ދެން އޮންނަ ރިއާސީ އިންތިހާބެއް ބާއްވާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާންދެން ވެރިކަން ހިންގާ ފަރާތުން އަންނަނިވި މައްސޫލިއްޔަތު އުފުލާން ވާނެއެވެ. (7) ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ތަފާތުބެލެހެއްޓުމާއި ހިންގުމުގައި މަސްއޫލުވެގެން ތިބި މީހުން އެތަކެއްޗާއި ވަސީލަތްތައް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު މި ބާބުގައި ބަޔާންކޮށްފައިވާ އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން" މިހެނެވެ.

ގިނަ ޕާޓީތައް އެކުލެވޭ ރިއާސީ އިންތިހާބެއް މި އަހަރުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ދައުލަތުގެ މީޑިއާ މުސްތަގިއްލުނުވެ އެފަދަ އިންތިހާބެއް އެންމެ އިންސާފުވެރިކޮށް ބޭއްވިދާނެ ކަމަށް ޝައްކު އުފެދޭ ކަމަށް ނޫސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ. އަދި ނޫސްވެރިންގެ ޖަމިއްޔާއިން ގޮވާލަނީ ދައުލަތުގެ މީޑިޔާގެ ފުރުސަތުތައް އެންމެހައި ޕާޓީތަކާއި ކެންޑިޑޭޓުންނަށް ހަމަކޮށްދިނުމުގެ ފުރުސަތު ވަގުތުން ތަނަވަސްކޮށްދީ އަދި އެކަން އެފަރާތްތަކަށް ކަށަވަރުކޮށްދިނުން ކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޝާހީން ހަމީދުގެ 21 ވަނަ ހުށަހެޅުމަށް ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަމައެކަނި އިންފޮމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދެވެ.

މިމައްސަލާގައި މިނިސްޓަރު ނަޝީދު ވިދާޅުވަނީ އަންނަ އިންތިޚާބުގައި ޕާޓީތަކަށް ދައުލަތުގެ މީޑިޔާ ހުޅުވާލުމުގެ ގަވައިދު ބަޔާންކުރާ މެމޮރެންޑަމެއްގެ ދެލި ކޮޕީ މިހާރުވަނީ ނިމިފައިކަމަށެވެ. މިމެމޮރެންޑަމް މިހާރު އޮތީ އިނގިރޭސިބަހުންކަމަށް ވެފައި، އޭގެ ތަރުޖަމާ މިހާރު ނިމެނީކަމަށާއި އޭރުން އެލިޔުން ސިޔާސީ ޕާޓީތަކަށް ކޮމެންޓުކުރުމަށް ފޮނުވޭނެކަމަށެވެ. އަދި މިމަސައްކަތް ދުނިޔޭގެ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަސްކަމަށްވާ 3 މެއިގެ ކުރިން ނިމޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއެވެ.

މިނިސްޓަރު ނަޝީދު ވިދާޅުވީ ޝާހީނު ހަމީދުގެ އިންތިޤާލީ ހުށަހެޅުން 21 އަށް ޑީއާރުޕީން ވޯޓު ނުދިނީ އެހުށަހެޅުމުގައި ތަފާތު 7 ކަމެއް އެއް ހުށަހެޅުމެއްގެ ގޮތުގައި އޮތުމުންނެވެ. މީގެތެރެއިން ދައުލަތުގެ މީޑިޔާގެ ވަސީލަތްތައް ހަމަހަމަކުރުމުގެ ވާހަކަ ހަމައެކަނި އައިސްފައިވަނީ 7 ވަނަ ނަންބަރުގައި އެކަނިކަމަށް މިނިސްޓަރު ވިދާޅުވެއެވެ. ވީމާ މިހުރިހާކަމެއް އެއްކޮށް ވޯޓަށް އެހުމުން ޑީއާރުޕީ މެންބަރުން އެހުށަހެޅުމަށް ވޯޓު ނުލުމާ ވިދިގެން، ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ޕާޓީތަކަށް ދިނުމަށް ޑީއާރުޕީ މެންބަރުން ނުރުހޭކަމަށް ދެކިގެން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

މިމައްސަލާގައި މީޑިއާ އެސޯސިއޭޝަންގެ ރައީސް ތޮއްޔިބް މުހައްމަދު ވިދާޅުވީ މީޑިޔާ އެސޯސިއޭޝަނުގެ މަޤްސަދަކީ ރާއްޖޭގައި މިނިވަން މުސްތަޤިއްލު މީޑިޔާގެ ވެއްޓެއް ޤާއިމުކުރުންކަމަށް ވާއިރު، އެކަމަށް ހުރަސް އެޅޭގޮތަށް ކުރާ ހުރިހާކަމަކާމެދު އެއެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރުމަކީ ލާޒިމްކަމެއްކަމަށެވެ.

 

އެމްޑީޕީން ބޭރު ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވަން ނޫޅުމަށް އަންނި ފުވައްމުލަކުގައި ގޮވާލައްވައިފި

މި އިންތިހާބު ނެތްނަމަ އައްޑު އަތޮޅުގައި އަލުން އަނބުރާ ރީދޫ ކުލައެއް ނުލީސް – އަންނި

ހުސައިން ޒަބީރު (ހޒމވ)

ހޯމަދުވަހުގެ ރޭ ޏ ފުވައްމުލަކު މާލެގަމު އަވަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ އިންތިހާބަށް ޕާޓީން ބޭރު ފަރާތްތަކުން ނުފޫޒު ފޯރުވަން ނޫޅުމަށް އެމްޑީޕީ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއާޕާސަން މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

     މާލެގަމު އަވަށު މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންނި ވިދާޅުވީ އިންތިހާބަށް ޕާޓީން ބޭރުގެ ނުފޫޒު ފޯރުވަން މަސައްކަތް ކުރިނަމަވެސް އެކަމަށް އެމްޑީޕީ މެންބަރުން އެއްބާރުލުން ދީގެން ނުވާނެކަމަށެވެ. އެގޮތުން އެމްޑީޕީ ތެރޭން ލިބޭ އެހީހާއި މަދަދު ބޭނުން ކުރެއްވިޔަސް ޕާޓީން ބޭރުގެ ފަރާތްތަކުން ލިބޭ އެފަދަ އެހީއާއި މަދަދުގެ ބޭނުން އެމްޑީޕީ މެންބަރުން ނުކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށް އަންނި ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެހާ މެންބަރުންނަށް އެނގިލައްވާނެ މިއީ އެމްޑީޕީގެ އިންތިހާބެއްކަން، މިއާ އެހެންބަޔަކު ބެހިގެންނުވާނެ، ސިޔާސީ މެންބަރުން ކައިރީވެސް އަޅުގަނޑުމެން އެދެނީ މި އިންތިހާބާ ބެހިވަޑައިނުގަންނަވާށޭ، ތިބޭފުޅުން އަމިއްލައަށް ތިބޭފުޅުންގެ އިންތިހާބު ބާއްވާށޭ، އަޅުގަނޑުމެން ވަރަށް އުފަލުގައޭ މިކަން މިކުރަނީ، އަޅުގަނޑުމެން ޕާޓީ ބިނާވަމުންނޭ މިދަނީ، މި އިންތިހާބު ނެތްނަމަ އަޅުގަނޑެއްވެސް 62 ރަށަކަށް 60 ދުވަހުގެ ތެރޭގައި ނުދިޔައީސް، މި އިންތިހާބު ނެތްނަމަ އައްޑު އަތޮޅުގައި އަލުން އަނބުރާ ރީދޫ ކުލައެއް ނުލީސް، އަޅުގަނޑުމެން ޕާޓީއަށް ހާދަބޮޑު ތަރުހީބެކޭ މި އިންތިހާބުގެ ސަސަބުން ލިބެމުން މިދަނީ، އެހެންވީމަ ޑީއާރުޕީވެސް އަޅުގަނޑުމެންގެ އިންތިހާބާ ނުބެހި އެބޭފުޅުންގެ އެތެރޭގެ އިންތިހާބު ބޭއްވެވީމަ ނިމުނީ، ދެން އޭގެ ތެރޭންވެސް ދެވި ހިފާފަތިބި މީހުން އަތްލާނެ، ކޮންމެސްގޮތެއް ހަދާލެވޭތޯ އިންތިހާބުގެ ތެރޭގައި ވެސް، އެހެންވީމަ އަޅުގަނޑު އުންމީދުކުރަން އަޅުގަނޑުމެންގެ މެންބަރުން އަޅުގަނޑުމެންގެ ޕާޓީގެ ބޭރުން އެއްވެސް މަދަދެއް، ފައިސާއެއް ނުހޯއްދަވާނެކަމަށް" އަންނި ވިދާޅުވިއެވެ.

އަންނިގެ ވާހަކަފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހިމެނޭ އިއްތިހާދުން މައުމޫނާ ދެކޮޅަށް ނުކުމެ ޔަޤީންކަމާއެކު 70 ހާސް ވޯޓު ހޯދާތަން މިހާރުވެސް ފެންނަމުންދާކަމަށް ވިދާޅުވެ، މިއަހަރު 11 ނޮވެމްބަރުގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާނީ އެމްޑީޕީ ޝާމިލުވާ އިއްތިހާދުގެ ވެރިއެއްކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މިހާރު ހިނގަމުންމިދާ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނަކީ ކުރައްވާ ކޮންމެ ކަމަކަށްވެސް އެމަނިކުފާނުގެ ތިންވަނަ އަތް ބޭނުން ކުރައްވާ ބޭފުޅެއްކަމަށާއި މިތިންވަނަ އަތް މައުމޫނުގެ ރިޔާސީ އިންތިހާބުގެ ނިޝާނުގެ ގޮތުގައި ފެންނަމުން ދާކަމަށް އަންނި ވިދާޅުވިއެވެ. ހަމައެއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީން މެންބަރުން މިހާރު ކުރަންޖެހޭނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޑީއަރުޕީގެ މެންބަރުނަށާއި ވަކިޕާޓީއަކަށް ނުވަދެ ތިބި ރައްޔިތުންނަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ލޯތްބާއި އިހްތިރާމް ދިނުންކަމަށް އަންނި ވިދާޅުވިއެވެ. 

އަންނިގެ ވާހަކަފުޅުގައި އެމްޑީޕީގެ މެންބަރުންގެ ތާއީދާއި ވޯޓު ހޯއްދަވަން އޭނާ މިއެދިވަޑައިގަންނަވަނީ މިވީހާދުވަހު ކުރަމުން އައި މަސައްކަތުގެ އެންމެ އުނދަގޫ މަރުހަލާ ކަޑައްތު ކުރައްވަންކަމަށް ވިދާޅުވެ، އެކަން އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނީ ގުޅިފައިވާ އިއްތިހާދުން އެއްކެނޑިޓޭޓަކު ނެރެ ރައީސް މައުމޫނާ ވާދަކޮށްގެން ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ގުޅިފައިވާ އިއްތިހާދުގެ ތެރޭގައި އެކަމަށް ތާއީދު އެބައޮތްކަމަށް އަންނި ވިދާޅުވިއެވެ. އަންނި ވިދާޅުވީ މިއަދު ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ލިބިފައިނުވާ އެންމެ ބޮޑު ސިއްރަކީ ވެރިކަން ނުތާހިރުވުންކަމަށް ވިދާޅުވެ އެކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.

     ފުވައްމުލަކު ގައި ހުންނަ މިނިވަން ރިޕޯޓަރ އަހްމަދު އިބްރާހިމް (ކެޑޭޓް) ބުނީ ރޭގެ ޖަލްސާ ބާއްވާފައިވަނީ އެރަށުގައި އެންމެ މަދުން މީހުން އުޅޭ އަވަރަށުގައިކަމަށް ވިޔަސް އެއަވަށުން އެކަށީގެންވާ ތަރުހީބެއް ލިބިފައިވާކަމަށެވެ. ރޭގެ ޖަލްސާ ހިނގަމުން ދިޔައިރު، ހަމައެހޯލުގައި ޑީއާރުޕީގެ ބައްދަލުވުމެއް ކުރިއަށް ދިޔަކަމަށާއި އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ޑީއާރުޕީއަށް ނިސްބަތްވާ އެރަށު ތަށިމުށިގޭ ހައްވާ އަހްމަދާއި ލާފްސައިޓް ސޮފިއްޔާ އަހްމަދު ދީދީ އާއި ގޯރަން އައިމިނަތު އަހްމަދު ދީދީ އާއި އިރާޤުގޭ ފާތުމަތު ހުސައިން އެސަރަހައްދަށް އައިސް ވަރަށް ބޭއަދަބީ ބަހުން ހަޅޭއްލަވާ އަޑުގަދަކޮށް ހަދާ ޖަލްސާ ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރިކަމަށާއި ނަމަވެސް އެކަން ކާމިޔާބުނުވުމުން އެމީހުން އެސަރަހައްދުން ގޮސްފައިވާކަމަށް ކެޑޭޓް ހާމަކުރިއެވެ. ހަމައެހެންމެ އެރަށު މިސްރުގޭ އަލިދީދީ އާއި އައިމިނަތު ދީދީވެސް ހޯލުބޭރުގައި އަޑުގަދަކޮށް ހަދާފައިވާކަމަށް އެފަރާތުން ހާމަކުރިއެވެ.

މާރާމާރީ ހާދިސާއަކާ ގުޅިގެން ހިމަންދޫ ބޮޑު ކަތީބާއި ދެކޮޅަށް ފުލުހުންގެ އޮފިޝަލަކު ހެކިބަސްދީފި

އިބްރާހީމް މުޙައްމަދު

އއ.ހިމަންދޫ ސްކޫލްގައި ކިޔަވާދެއްވަމުން ދިޔަ ބިދޭސީ މުދައްރިސެއްގެ ބޯ ފަޅާލައި މާރާމާރީ ހިންގި ހާދިސާގައި ހަމަލާ ދެވުނު ކޮޓަރީގައި އޮހޮރިފައިހުރި ލޭތައް ފުލުހުންގެ އަމުރަށް ކިޔަމަންނުވެ ދޮވެ ސާފުކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންދާ އެރަށު ބޮޑު ކަތީބު އއ.ހިމަންދޫ ރޯޒްމީޑް އިބްރާހީމް އަބްދުއްރަޙްމާނާއި ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިޝަލަކު ހެކިބަސްދީފިއެވެ. 29 ސެޕްޓެމްބަރ 2006 ގައި ހިނގާދިޔަ މިހާދިސާގައި ބޮޑުކަތީބުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ސަމީރު ވިދާޅުވީ އޮހޮރިފައިވާ ލޭތައް ދޮވެ ސާފުކުރުމަށް އެއްވެސް އިރުޝާދެއް ބޮޑު ކަތީބަށް ދީފައި ނުވާކަމަށެވެ. ނަމަވެސް ފޮރިންސިކްގެ ޓީމުން ހެކިތައް ހޯދުމުގެ ބޭނުމުގައި ހާދިސާ ހިނގި އއ.ހިމަންދޫ ކުރިބޯށިގޭ ކޮޓަރިއަށް އެއްވެސް ބަދަލެއް ނުގެނެވުމަށް އަންގާފައިވާކަމަށް ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ.

"ފޯނުން އެންގިން އެއްވެސް ބަދަލެއް ނުގެންނަން" ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ. "އެހެން ބޭފުޅަކަށްވެސް އިރުޝާދު ދީފައެއް ނުވާނެ"

ބޮޑުކަތީބުގެ ވަކީލު އާދަމް ޒަނީނު އަޙްމަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވީ ހިމަންދޫ ބޮޑު ކަތީބާ މި މުއާމަލާތްތައް ކުރެއްވީ ފޯނުން ކަމަށެވެ. ލިޔެކިޔުމުގެ އެއްވެސް މުއާމަލާތެއް ނެތުމުން ޝަރީޢަތުގެ މަޖިލިހުގައި ޒަނީނު ޝަކުވާ ކުރެއްވިއެވެ. އަދި ބޮޑު ކަތީބު މިމައްސަލަ ފުލުހުންނަށް ލިޔެކިޔުމުން ހުށަހަޅާފައިވަނިކޮށް ސްޓޭޝަން އިންސްޕެކްޓަރ ސަމީރު އެއްވެސް ލިޔެކިޔުމުގެ ޒަރިއްޔާއިން ޖަވާބެއް ނުދެއްވާކަން ޒަނީނު ހާމަކުރެއްވިއެވެ. ހުސްވި އަހަރު އޮކްޓޫބަރ 7 ވަނަ ދުވަހު ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ދައުވާކުރެވޭ މީހުންގެ ފަރާތުންވެސް ވަކާލާތުކުރައްވަނީވެސް ޒަނީނެވެ.

ހިމަންދޫ ބޮޑު ކަތީބު ފުރުސަތަކަށް އެދި ވާހަކަދައްކަވަމުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމު ރަށަށް ގޮސްފައިވަނީ ދެދުވަސް ފަހުން ކަމަށެވެ. އަދި މާލޭން ދިޔަ މިޓީމުގެ އިސްވެރިޔާ ކަމުގައިވާ ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ހިމަންދޫއަށް ވަޑައިގަތީ އއ.ރަސްދޫގައި ރޭކުރެއްވުމަށް ފަހުގައިކަންވެސް ބޮޑު ކަތީބު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެތަން ދޮވެލީ ދެދުވަސް ފަހުން އެތަން ކުނިވެ ތަޣައްޔަރުވެ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރަށް" ބޮޑު ކަތީބު ވިދާޅުވިއެވެ.

އަދި ދޮވުމުގެ ހުއްދަ ދެއްވީ ސްޓޭޝަން އިންސްޕެކްޓަރ ސަމީރުގެ އިރުޝާދުގެ ދަށުން ކޮންސްޓަބަލް މުޙައްމަދު ހަލީމުކަން ބޮޑު ކަތީބު ފާހަގަކުރެއްވިއެވެ. ބޮޑު ކަތީބު ވިދާޅުވީ މިހާދިސާގެ ހުރިހާ ނިޝާން ފުހެލުމަށް އޭނާ ބޭނުންވިނަމަ އޮހޮރިފައިވާ ލޭތައް ދޮވެލާނީ ދެ ދުވަސްވަންދެން ތަހުޤީޤު ޓީމަށް އިންތިޒާރުކުރުމެއްނެތި ހާދިސާ ހިނގި ދުވަހުގައި ކަމަށެވެ. ސަބަބަކީ ލޭއޮހޮރުވާލި ގެއަކީ އޭނާގެ އަނބިކަނބަލުންގެ ގެއެވެ. އަދި އޭނާއަކީ ރަށުގެ ބޮޑު ކަތީބުކަމުގައިވާތީއެވެ. ނަމަވެސް ހިމަންދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާގޮތުގައި މާރާމާރީގައި އޮހޮރުވާލިލޭތައް ކަތީބުގެ އަމުރަށް ހާދިސާ ހިނގި ދުވަހު ދޮވެފައިވެއެވެ.

ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވީ އޭނާ ތަހުޤީޤުކުރައްވަން ހިމަންދޫއަށް ވަޑާއިގެންނެވުމުން ކަތީބު ދެއްކެވީ އޭނާގެ ފޯނުން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި ފޮރިންސިކް ޓީމަށް ވެއްޓިފައިވާ އިސްތައްޓެއްގެ ޒަރިއްޔާއިންވެސް ހެކިތައް ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާކަން ފާހަގަކުރައްވައި މާރާމާރީ ހިންގިތަން ދޮވެލުމުން ތަހުޤީޤަށް ބޮޑު ހީނަރުކަމެއް އައިކަން ސްޓޭޝަން އިންސްޕެކްޓަރ ސަމީރު ވިދާޅުވިއެވެ.

ބިދޭސީ ޓީޗަރެއްކަމުގައިވާ ދަރުމަސީލަށް 4 މީހަކު ހަމަލާދީފައިވަނީ ކުރިބޯށިގޭ ފާހާނާތެރެއިން ވަދެވޭ ކުޑަދޮރަކުން ވަދެ ފަތިބުރިއަކުންނެވެ. މިހާދިސާގައި އަނިޔާކުރުމަށް ބޭނުންކުރި ފަތިބުރިވެސް ހާދިސާ ހިނގިތަނުގައި ނެތްކަން ސްޓޭޝަން އިންސްޕެކްޓަރ ސަމީރުގެ ތަހުޤީޤު ރިޕޯޓުން ހާމަވެއެވެ.

މިހާދިސާގެ އަޑުއެހުން ޤާޟީ އަބްދުލް ބާރީ ޔޫސުފް ނިންމަވާލެއްވީ ދެން ބޭއްވޭ ޝަރީއަތުގެ މަޖިލިހެއްގައި ކޮންސްޓަބަލް މުޙައްމަދު ހަލީމް ކޯޓަށް ހާޟިރުކުރާނެކަމަށް ވިދާޅުވެފައެވެ. މިޝަރީޢަތުގެ ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވީ ހަސަން ޝިޔާމެވެ.

މިއަދުގެ ޝަރީޢަތް އަޑުއެހުމަށް ހިމަންދޫ ބައެއް ޒުވާނުން ހާޟިރުވެފައިވެއެވެ. ނަމަވެސް ހުސްވި އަހަރު އޭޕްރީލް 5 ވަނަ ދުވަހު ޖިނާއީ ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލިހަށް އެއްވެސް ފަރާތަކަށް އަޑުއެހުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. ހިމަންދޫ ޓީޗަރުގެ ބޯފަޅާލި ހާދިސާ ހިނގުމުގެ 6 މަސްދުވަސްކުރިން އޮފީހުގައި ހުރި ކޮމްޕިއުޓަރެއް ވަގަށްނެގި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް މި ކޮމްޕިއުޓަރު ވަލުތެރޭން ފެނުނުކަމުގައިވިއަސް އޭގާއި އަތްނުލުމަށް ރަށު އޮފީހުގެ ލައުޑް ސްޕީކަރުން ގޮވާފައިވެއެވެ.

އިޝްހާރު މަރާލިކަމަށް ތުހުމަތުކުރެވޭ 5 މީހެއްގެ މައްސަލަ އެޓާނީއަށް ފޮނުވައިފި

އިބްރާހީމް މުޙައްމަދު

މިދިޔަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު ހ.ކުބުރާ އަލީ އިޝްހާރަށް (ޗޯޓޭ) ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ 5 މީހެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. އެޓަރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިމީހުންގެ މައްސަލަ ހުށަހަޅާފައިވަނީ މިމަހު 20 ވަނަ ދުވަހުގައި ކަމަށެވެ.

"އަޅުގަނޑުމެން މިމައްސަލަ ކޯޓަށް ހުށަހެޅުމުން ނަންތައް ހާމަކުރާނަން" ޝަމީމް ވިދާޅުވިއެވެ.

އިޝާރު މަރާލި މައްސަލައިގައި ފުލުހުން ތުހުމަތުކުރާ 5 މީހުންނަކީ ގދ.ގައްދޫ ތިންފިޔަ މުޙައްމަދު އަހުސަން (އަހޫ) 24، ހއ.ހޯރަފުށީ ރަހުމާނީހިޔާ ޝިފާއުﷲ އަބްދުލް ވާހިދު (ޝިފާ) 25، ސ.މީދޫ ގުލްޝަން މިނަން ރަޝީދު (ފިނދަނަ) 22، ހ.ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީނު (ރަބަރޭ) 21، އަދި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިޔާ ކޯޑިނޭޓަރ ލާންސް ކޯޕްރަލް އަޙްމަދު ނާފިއު ވިދާޅުވީ މި މައްސަލައާ ގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުތައް ހާމަކުރެވޭނެކަމަށެވެ.

ރިޔާޒު ރަޝީދުގެ މައްޗަށް ސީނާ ޒާހިރު ހުށަހެޅި އަބުރުގެ މައްސަލަ

 އިންޓަވިއުގެ ދޮގު ތެދު ބެލުމަށްޓަކައި ހަވީރު ނޫހުގެ ރިޕޯޓަރަކާއި ޖަޒީރާ ނޫހުގެ ރިޕޯޓަރަކު ކޯޓަށް ހާޒިރުކުރުމަށް ނިންމައިފި

މުހައްމަދު އަޝްރަފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަހްމަދު ޒާހިރު (ސީނާ)ގެ އަބުރަށް ގެއްލުންވެފައިވަނީ ރައްޔިތުންގެ ޚާއްސަ މަޖިލހުގެ ތ މެންބަރު ރިޔާޒް ރަޝީދާ ހަވާލާ ދެއްވާ ދުވަހު ނޫސްތަކުގައި ޖަހާފައިވާ ހަބަރު ތަކުގެ ސަބަބުން ކަމަށް ބުނެ އެ ހަބަރު ތަކުގެ ދޮގު ދެތު ބެލުމަށްޓަކައި ހަވީރު ނޫހުގެ ރިޕޯޓަރަކާއި ޖަޒީރާ ނޫހުގެ ރިޕޯޓަރަކު ކޯޓަށް ހާޒިރުކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހާއްސަމަޖިލީހުގެ ރައީސްގެ މެންބަރ އަހްމަދު ޒާހިރު (ސީނާ ޒާހިރު) ޚާއްސަ މަޖިލހުގެ ތ މެންބަރު ރިޔާޒް ރަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވަނީ 2 ސެޕްޓެމްބަރ 2007 ދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގެ ކޯރަމް ގެއްލި މެދުކެނޑުމުން ރިޔާޟް ރަޝީދު ޖަލްސާ ކުރާހޯލުން ނުކުތުމަށްޓަކައި ގޮސް އިރުމަތީ ފަރާތު ދޮރޯށި ދޮށުގައި ހުރެ، އެޖަލްސާ މެދުކެނޑުމަށް ދިމާވިހާދިސާ ހިނގީ އަހްމަދު ޒާހިރުގެ ސަބަބުން ކަމަށް ބުނުމުން އަހްމަދު ޒާހިރު ރިޔާޟް ރަޝީދާ ދިމާއަށް ދުވެފައި ވަޑައިގެން ރިޔާޟް ރަޝީދުގެ ގަޔަށް އަހުމަދު ޒާހިރު އަތްލާފައިވާ ކަމަށް ބަޔާންކުރުމާ ވިދިގެންނެވެ.

އަހުމަދު ޒާހިރުގެ ފަރާތުން ވަކާލާތު ކުރައްވާ ދެވަނަ ވަކީލު ޝާހީން ހަމީދު ހޯމަދުވަހު ވިދާޅުވީ ބައެއް ދުވަހު ނޫސްތަކުގައި ޖަހާފައިވާ ހަބަރު ތަކުގެ ދޮގު ތެދު ބެލުމަށްޓަކައި ކޯޓަށް ހާޒިރުކުރުމަށް ބޭނުންވަނީ ދުވަހު ނޫސް ހަވީރުގެ ރިޕޯޓަރު އާދަމް ހަލީމާއި ޖަޒީރާ ނޫހުގެ ރިޕޯޓަރު އަހުމަދު މުހުސިން ކަމަށެވެ. އަދި މިމައްސަލައާ ގުޅޭގޮތުން ހާމަ ނޫހުގަޔާއި މިއަދު ނޫހުގައިވެސް ހަބަރެއް ލިޔެފައިވާ ކަމަށާއި ނަމަވެސް އެ ނޫސްތަކުގައި ހަބަރު ލިޔުއްވި ބޭފުޅުންގެ ނަން ޖަހާފައިނުވާތީ އެއީ ކޮން ބޭފުޅުންނެއް ކަމެއް ނޭންގޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދެން ޝަރީއަތުގެ މަޖިލީހެއް ބޭއްވުމުގެ ކުރިން އެބޭފުޅުންގެ ނަންތައް ސާފު ކުރެއްވުމަށްފަހު ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާޒު ރަޝީދުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މިމައްސަލައާގުޅޭ ގޮތުން މިނޫސްތަކުގައި ވަރަށް ހަޑި ހުތުރު އިބާރާތްތައް ލިޔެފައިވާ ކަމަށެވެ. ނަމަވެސް އެއިބާރާތްތައް ރިޔާޒު ރަޝީދު ނޫސްވެރިންނަށް ކޮމިއުނިކޭޓްކޮށްފައި ނުވާ ކަމަށާއި އަދި އެފަދަ ލަފްޒެއް ރިޔާޒް ރަޝީދު ބޭނުން ނުކުރައްވާ ހިނދު އަބުރާ ބެހޭ ދައުވާ ރިޔާޒް ރަޝީދުގެ މައްޗަށް ނުކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރ 2 ވަނަ ދުވަހު ރިޔާޒް ރަޝީދުގެ ގައިގާ އަހުމަދު ޒާހިރު އަތްޕުޅު ލައްވައި މާރާމާރީ ހިންގެވި މަންޒަރު މަޖިލީހުގެ ބައެއް މެންބަރުންނަށް ފެނިވަޑައިގެން ފެނުނު ކަންތައްތައް މިނޫސްތަކަށް ކިޔާދީފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު މާރިޔާ އަހުމަދު ދީދީ ޖަޒީރާ ނޫހަށް ދެއްވި ބަސްތީ ގަތުމެއްގައި އަހުމަދު ޒާހިރު ރިޔާޒް ރަޝީދުގެ ކަރުގައި ހިއްޕެވިތަން ފެނިވަޑައިގަތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އަހުމަދު ޒާހިރު، ރިޔާޒު ރަޝީދުގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލި މަންޒަރު ފެނިފައިވާ ކަމަށް ބ. މެންބަރު އަލީ ފާއިޒު ވިދާޅުވެފައިވާ ކަމަށެވެ. މީގެއިތުރުން ޅ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި އދ މެންބަރު އިލިޔާސް ހުސެއިނަށްވެސް ރިޔާޒް ރަޝީދުގެ ކޮނޑު ފުޅުގައި އަހުމަދު ޒާހިރު އަތްޕުޅު ލެއްވި މަންޒަރު ފެނިފައިވާ ކަމަށް ބުނެ މިނޫސްތަކަށް އިންޓަވިއު ދެއްވާފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ނޫސްތަކަށް މި މެންބަރުން ދެއްވާފައިވާ އިންޓަވިއުތަކުންވެސް ރިޔާޒް ރަޝީދުގެ ނުރުހުމުގައި އަހުމަދު ޒާހިރު އޭނާގެ ގަޔަށް އަތްލައި ހާދިސާއެއް ހިނގާފައިވާކަން އެނގޭ ކަމަށެވެ. އަދި މިމައްސަލާގައި އަހުމަދު ޒާހިރު ނެރުނު ނޫސް ބަޔާނުގައި މާރާމާރީ ހިންގެވި ކަމަށް ހުދު އަހުމަދު ޒާހިރުވެސް އިއުތުރާފުވެފައިވާ ކަމަށެވެ.   

ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި މިމައްސަލާގައި ރިޔާޒް ރަޝީދު ނޫސްވެރިންނަށް ދެއްވި އިންޓަވިއުގެ ރެކޯޑިންގ އަޑު އިއްވުން އޮންނާނެ ކަމަށެވެ. ނަމަވެސް އަހުމަދު ޒާހިރުގެ ފަރާތުން ހުށަހެޅުއްވި މިރިކޯޑިންގެ އަޑު ސާފް ނުވާތީ އެއީ ރިޔާޒް ރަޝީދުގެ އަޑު ކަމަށް ޔަގީންނުކުރެވޭ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މިއިންޓަވިއުގައި ރިޔާޒް ރަޝީދު އެއްބަސްވެ ލައްވަނީ އަހުމަދު ޒާހިރު، ރިޔާޒް ރަޝީދުގެ ގަޔަށް އަތްޕުޅު ލެއްވި ކަމަށްވެފައި ނޫސްތަކުގައި އެއަށްވުރެ އިތުރަށްވެސް ބައެއް ވާހަކަތައް ރިޔާޒް ރަޝީދާ ހަވާލާދެއްވާ ލިޔެފައިވާ ކަމަށެވެ. އަދި ދައުވާ ކުރެވެނީ ރިޔާޒް ރަޝީދުގެ މައްޗަށް ކަމަށްވެފައި ޝަރީއަތުން ބުރަ ވެވޭނީ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަ ތަކަށްވުރެ ބޮޑަށް ސީދާ ރިޔާޒް ރަޝީދުގެ ވާހަކަތަކަށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މިމައްސަލާގެ ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ މިމަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. 

ޤާނޫނީ ޢަދަދު ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާ ކެންސަލް ކުރައްވައިފި

ހޯމަދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 16 ވަނަ ޖަލްސާ ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދަށް މެންބަރުން ހާޒިރުވެވަޑައި ނުގެންނެވުމާއެކު ކެންސަލް ކުރައްވައިފިއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދަކީ 26 މެންބަރުން ކަމަށްވުމާއެކު މިއަދުގެ ޖަލްސާގެ ޤާނޫނީ ޢަދަދު ހަމަވޭތޯ ބެއްލެވުމަށްފަހު ރިޔާސަތުން ޖަލްސާ ކެންސަލްކުރެއްވީ 9:08 މިނިޓެގައެވެ. އެއިރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 24 މެންބަރުންނެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްގެންދެވުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަކަމަކަށް އޮތީ ކޮޅުމަޑުލު މެންބަރު މުޙަންމަދު ޝަރީފް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙަންމަދު މައުރޫފް ޖަމީލާ ކުރައްވާ ސުވާލުކުރެއްވުމެވެ.  

ސުވާލުކުރުމުގެ ވަގުތަށްފަހު ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާއާއި ތިންވަނަ ކިޔުން ކުރިއަށް ގެންދެވުމެވެ. އެއަށްފަހު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސާއި ނާއިބުރައީސާއި މެންބަރުންނަށް ދެވޭ މުސާރައާއި ޢިނާޔަތްތައް އިތުރުކުރެއްވުމާމެދު މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް ހުށަހެޅުމާއި 2008 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުމުގެ އިތުރަށް އައްޑުއަތޮޅު ވިލިނގިލި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މައްސަލަ ބެލުމަށް މަޖިލީހުން ހޮއްވެވި ކޮމިޓީން އެމައްސަލަ ދިރާސާކޮށް އެކުލަވާލެއްވި ރިޕޯޓް ހުށަހެޅުންވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވެއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 22 އޭޕްރީލް 2008 ވާ އަންގާރަ ދުވަހު ހެނދުނު 9 ޖަހާއިރުއެވެ.

 

 

ނ.ހޮޅުދޫ އޮފީސް ބަންދުކުރަން ނުދިނުމުގެ މައްސަލަ

ހޮޅުދޫ އޮފީސް ބަންދުކުރުމުގެ ފުރުޞަތު ދޭނީ ބޭސްފިހާރަ އެޅުމުގެ ލިޔުމެއް ރކ ކޮމެޓީއަށް ހަވާލުކުރުމުންކަމަށް އޮފީސް ތެރޭ ތިބި މީހުން ބުނެފި

ހުސައިން ޒަބީރު (ހޒމވ)

ނ ހޮޅުދޫގައި ރައްޔިތުންގެ ބޭސްފިހާރަ އެޅުމަށްޓަކައި އެރަށު ރކ ކޮމެޓީން ހަމަޖައްސާފައިވާ ބިމުގެ މައްސަލާގައި އޮފީސް ބަންދުކުރުމުގެ ފުރުޞަތު ދޭނީ ބޭސްފިހާރަ އެޅުމުގެ ހުއްދަ ލިޔުމަކުން އެރަށު ރކ ކޮމެޓީއާ ހަވާލުކުރުމުންކަމަށް އޮފީސް ތެރޭތިބި މީހުން ހާމަކޮށްފިއެވެ.

     މިނިވަނަށް މަޢުލޫމާތު ދެމުން އެކަމުގައި ހަރަކާތްތެރިވާ މީހަކު ނަން ހާމަކުރުމަށް ނޭދި، ބުނިގޮތުގައި އޮފީސް ބަންދުކުރިއަނުދީ ހިފެހެއްޓެމުމަށް އޮފީހަށް ޒުވާނުންގެ 15 މީހުން ވަދެފައިވަނީ އާދީއްތަދުވަހު މެންދުރު 12:20 ގައެވެ. އެހެން ޢަމަލުކުރަން ޖެހުނީ ރައްޔިތުންގެ އަސާސީ ހިދުމަތަކަށް ބޭނުންވާނެ ވަސީލަތެއް އެރަށުން ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްކަމަށާއި، ސިއްހީ ހިދުމަތަށް އެރަށު އޮފީހުން ސަމާލުކަން ނުދެއްވާތީ އެކަމުގެ ސަމާލުކަން ހޯދުމަށްކަމަށެވެ. އެގޮތުން ރކ ކޮމެޓީން ބޭސް ފިހާރައެޅުމަށް ހަމަޖައްސާފައިވާ ބިމުގައި ބޭސްފިހާރައެޅުމުގެ ހުއްދަ ރކ ކޮމެޓީއަށް ދެއްވާންދެން ރަށުއޮފީސް ބަންދުކުރިއަނުދީ އެކަން ކުރިއަށް ގެންދާނެކަމަށް އެފަރާތުން ހާމަކުރިއެވެ. ހަމައެހެންމެ މިހާރު ބޭސް ހޯދަން ޖެހޭ ތަނަކީ ތިންފުޅި ބޭސް ބަހަސްޓައިގެން ހިންގާ ތަނެއްކަމަށާއި، އަދިވެސް ބޭސް ގަންނަން ބޮޑު އަގު ދީގެން ދާން ޖެހެނީ އަތޮޅުގެ ބައެއް ރަށްރަށަށްކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     ހޮޅުދޫގައި ރައްޔިތުންގެ ބޭސްފިހާރައެއް ހުޅުވުމަށް މަސައްކަތްތަކެއް ކޮށްގެން އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ފައިސާ ރައްޔިތުންގެ ބަޖެޓަށް ސަރުކާރުން ޖަމާކޮށްދީފައިވާކަމަށާއި މިހާރު ހަމައެކަނި މަސައްކަތަށް ބޭނުން ވަނީ އިމާރާތްކުރާން ހަމަޖައްސާފައިވާ ބިމުގެ ހުއްދަކަމަށް އެފަރާތުން ހާމަކުރިއެވެ. އެގޮތުން ހުއްދަ ހޯދުމަށް ރަށު އޮފީހަށް އެދިގެން އުޅޭތާ މިހާރު މަސްދުވަސް ވެދާނެކަމަށް ވެސް އެފަރާތުން ހާމަކުރިއެވެ.

     "އަޅުގަނޑުމެންނަށް މިރަށުގައި މިހާރު ހިންގާ ބޭސްފިހާރައިން ލިބެނީ ދެތިން ފުޅި ބޭސް، އަޅުގަނޑުމެން ބޭނުމެއްނޫން ދެތިން ފުޅި ބޭސްގަންނަށް 1000 ރުފިޔާ ހަރަދުކޮށްފައި މަނަދޫއަށް ނޫނީ އުނގޫފާރަށްދާކަށް، އެވަރުގެ ތަނަވަސްކަމެއްނެތް ރައްޔިތުނަށް ލިބިފައެއް، އެހެންވީމަ އެކަމަށް ހެޔޮ މަގެއް ތަނަވަސްކޮށްދިނުމަށް އަޅުގަނޑުމެން ނުކުމެގެން މިއުޅެނީ" އެފަރާތުން ބުންޏެވެ.

     އެފަރާތުން ބުނީ އޮފީސް ބަންދުނުކޮށް ހިފަހައްޓައިގެން އިސްކޮށް ހަރަކާތްތެރިވަނީ 15 ޒުވާނުން ކަމަށްވާއިރު، އޮފީސްތެރޭގައި ތިބޭނީ ޑިއުޓީ ބަހައިގެންނެވެ. އެގޮތުން ކޮންމެ ޑިއުޓީއެއްގައި ހައެއްކަ މީހުން ތިބޭކަމަށާއި އެއްބަޔަކު ރޭގަނޑު ޑިއުޓީ ނިންމާލުމުން އަނެއް ބަޔަކު ދުވާލު ޑިއުޓީއަށް އަންނަނީކަމަށް އެފަރާތުން ހާމަކުރިއެވެ.

     މިކަމާބެހޭ ގޮތުން ނ ހޮޅުދޫ ކަތީބު މުހަންމަދު ރަޝީދު ވިދާޅުވީ އޮފީސް ބަންދުކޮށްގެން އުޅެނީ ރައްޔިތުންގެ ބޭސްފިހާރަ އަޅަން ރަށުއޮފީހާއި ރކ ކޮމެޓީން ހަމަޖައްސާފައިވާ ބިމުގައި އެމަސައްކަތް ކުރުމުގެ ހުއްދަ ނުދީގެންކަމަށް ވާއިރު، އެފަދަ ކަންތައްތައް ހަމަޖައްސަނީ އަތޮޅު އޮފީހުންކަމަށެވެ. އަދި އަތޮޅު އޮފީހުން އެކަންތައް މިހަރު ކުރައްވަމުން ގެންދަވާކަމަށާއި އަތޮޅު އޮފީހުން ބިން ދޫނުކުރާހާ ހިނދަކު ރަށުއޮފީހަށް އެކަމުގެ ހުއްދަ ދެއްވެން ނޯންނާނެކަމަށް ކަތީބު ވިދާޅުވިއެވެ. ކަތީބު އަހްމަދު ރަޝީދު ވިދާޅުވީ އިއްޔެ  7:00 ން ފެށިގެން އަދިވެސް އޮފީސް ބަންދުނުކުރާކަމަށާއި މިހާރުވެސް އޮފީސް ކައިރީ ބަޔަކު ހަރަކާތްތެރިވަމުން ދާކަމަށެވެ.

ސިފައިންގެ ދުވަސް ފާހަގަކޮށްފި

އަބްދުއްރަހްމާން

 

ދިވެހި ސިފައިންގެ 116 ވަނަ އަހަރީދުވަސްކަމަށް ބުނެ އެދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ހޯމަދުވަހު ބަންޑާރަކޮށީގައި ބާއްވައިފިއެވެ. މިއަދު ހެދުނު 6:00 ގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންގެ އެންމެ މަތީ ވެރިއާގެ ނާއިބް އޮނަރަބަލް އަލްފާޟިލް އިސްމާއިލް ޝަފީޢުއެވެ.

މިރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރު އާއި ސިފައިންގެ އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ސިފައިންގެ 116 ވަނަ އަހަރަށް ކަނޑައަޅުއްވާފައިވާ ޝިއާރު އިއުލާން ކޮށްދެއްވިއެވެ. ދިވެހި ސިފައިންގެ 116 ވަނަ އަހަރުގެ ޝިއާރަކީ "ސަފުތަކުގެ ބަދަހިކަމަކީ ކާމިޔާބުގެ ސިއްރު" އެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި 2008 އޭޕްރީލް 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިއްތިފާގުން ސިފައިންގެ ބިލް ފާސްވެގެން ދިޔުމަކީ ސިފައިންގެ މަސައްކަތަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި މީގެއިތުރުން ސިފައިންގެ ޤައުމީ ޚިދުމަތުގައި މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ސަފުތަކުގެ ބަދަހިކަމަށް ގުޑުމެއް ނައިސް ދުވަހުން ދުވަހަށް ހަރުދަނާ ވެގެން ދިއުމަށް ދިވެހި ސިފައިންނަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ ޚާއްޞަ ދުއާ ދެންނެވުމަކުންނެވެ.

ދިވެހި ސިފައިންނަށް ކުއްލިއަކަށް 100 އަހަރުފުރުނީ 1992 ވަނަ އަހަރުއެވެ.

އޮކްޓޯބަރު 10ގެ ކުރިން ރިޔާސީ އިންތިޚާބާއި 2009 މާޗް 31 ގެ ކުރިން މަޖިލިސް އިންތިޚާބުކުރާ ގޮތަށް ފާސްކޮށް އިންތިޤާލީ ބާބު ނިންމާލައިފި

 ހުސައިން ޒަބީރު (ހޒމވ)

މިއަހަރުގެ އޮކްޓޯބަރ 10 ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް "މި ޤާނޫނު އަސާސީ"ގެ ދަށުން މީހަކު އިންތިހާބުކޮށް، 2009 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީސް އިންތިހާބުކޮށް ނިންމަންވާނެކަމަށް ފާސްކުރުމަށްފަހު އާދީއްތަދުވަހު މެންދުރުފަހު އޮތް ޚާއްސަ މަޖިލީހުގައި އިންތިޤާލީ ބާބުގެ މާއްދާތައް ފާސްކޮށް ނިމިއްޖެކަމަށް ޚާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އިއުލާނުކުރައްވައިފިއެވެ.

     ހާއްސަ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު އަނިލް ތާއީދު ކުރެއްވި ގޮތަށް، 35 ވަނަ ހުށަހެޅުން، ރިޔާސާތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 80 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު ވަގިގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރުން ތިއްބެވިއެވެ.

     ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން މިއަދު ފާސްކުރެއްވި 35 ވަނަ ހުށަހެޅުމުގައިވަނީ  "(ހ) މި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެއެވެ. (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިންތިހާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ 11 ނޮވެމްބަރ 2008 ދުވަހު މަޤާމުގެ ވުވާކޮށް ހަވާލުވާންވާނެއެވެ" މިހެންނެއެވެ.

     ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގޮތުން އަނީސާ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު އަނިލް ތާއީދު ކުރެއްވި ގޮތަށް ރިޔާސާތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 91 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް 78 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއިރު ވަގިގޮތަކަށް ވޯޓު ނުދެއްވާ 8 މެންބަރުން ތިއްބެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ގޮތުން މިއަދު ފާސްކުރެއްވި 36 ވަނަ ހުށަހެޅުމުގައިވަނީ "(ހ) މި ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބު 2009 މާރޗް 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެއެވެ. (ށ) މިމާއްދާގެ (ހ) ގައިވާގޮތުގެ މަތިން އިންތިހާބުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމީހުންގެ މަޤާމުގެ ހުވާކޮށް އެމަޤާމުތަކާ ހަވާލުވުމަށްފަހު، މި ޤާނޫނުއަސާސީގެ ދަށުން އިންތިހާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މެއި 1 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެ" ކަމަށެވެ.

މިއަދު ޖަލްސާގައި އަނީސާ ހުށަހަޅުއްވާ ރައީސް މެންބަރު މުހަންމަދު އަނިލް ތާއީދުކޮށްފައިވާ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުގެ މަޖިލިސް ދެމިއޮތުމުގެ" ހުށަހެޅުމާ ދެކޮޅަށް އިދިކޮޅު މެންބަރުން އަޑުގަދަކުރަނިކޮށް އެއަށް ވޯޓަށް އެހި އެ ހުށަހެޅުން ވެސްވަނީ ފާސްކޮށްފައެވެ.

     ޤާނޫނު އަސާސީއަށް ކިޔަމަންގަތުމާބެހޭ ގޮތުން މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހިން ހަމީދު ހުށަހަޅުއްވާ ހއ މެންބަރު އަހްމަދު މުއިއްޒު ތާއީދު ކުރެއްވި 17 ވަނަ ހުށަހެޅުން ވެސް މިއަދު މަޖިލީހުން ފާސްކުއްރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާކަމަށް ވޯޓު ދެއްވީ 79 މެންބަރުނެވެ. ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓު ދެއްވާފައިވާ އިރު ވަގިގޮތަކަށް ފެނިވަޑައިނުގަންނަވާކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެހެންކަމުން މިހުށަހެޅުން ފާސްވިއެވެ.

     އެ ހުށަހެޅުމުގައި ބުނާގޮތުން މި ޤާނުނޫ އަސާސީއަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ވެރިކަން ހިންގާފަރާތުން، ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނުތަކުގެ ތާވަލެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެއެވެ. އަދި ޤާނޫނުތައް އިސްލާހުކުރާނެ ނުވަތަ އުވާލާނެ މަރުހަލާތައް ޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާންވާނެއެވެ.

      މިއަދުގެ މެންދުރުފަހުގެ ޖަލްސާގައި ވޯޓަށް އައްސަވާ ނިމުމުން ޖަލްސާ ވަނީ 14:57 ގައި ނިންމާލައްވާފައެވެ. 81 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ މެންދުރުފަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް ނިންމާލަމުން ވިދާޅުވީ އިންތިޤާލީ ބާބުގެ މަސައްކަތް މިހިސާބުން ނިމުނީކަމަށާއި ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނުކުރާނެކަމަށެވެ.

 

މިއަދުގެ މެންދުރުފަހުގެ ޖަލްސާގައި ވޯޓަށް އައްސަވާ ނިމުމުން ޖަލްސާ ވަނީ 14:57 ގައި ނިންމާލައްވާފައެވެ. 81 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ މެންދުރުފަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް ނިންމާލަމުން ވިދާޅުވީ އިންތިޤާލީ ބާބުގެ މަސައްކަތް މިހިސާބުން ނިމުނީކަމަށާއި ދެން ޖަލްސާއެއް އޮންނަ ދުވަހެއް އިއުލާނުކުރާނެކަމަށެވެ.

 

 

އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ 32 ވަނަ ހުށަހެޅުން ފާސްކޮށްފި

އާދީއްތަދުވަހު ބޭއްވި ރާއްޔިތުންގެ ހާއްސަ މަޖިލީހުގައި ހެނދުނުގެ ޖަލްސާގައި، މ މެންބަރު އަނީސާގެ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ" ހުށަހެޅުމަކީ ޤާނޫނު އަސާސީގެ ރޫހާ ޚިލާފު ހުށަހެޅުމެއްކަމަށް އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުން ދަނިކޮށް އޭމާއްދާ ރިޔާސަތުން ވޯޓަށް އަހައި ފާސްކޮށްފިއެވެ.

     އިންތިޤާލީ ބާބާބެހޭ ބައިގައި ރައްޔިތުންގެ މަޖިލީހުގެ މ އަތޮޅު މެންބަރު އަނީސާ އަހްމަދު ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހަންމަދު އަނިލް ތާއީދުކުރެއްވި 32 ވަނަ ހުށަހެޅުމުގައި ތިންބާރު ވަކިވެފައިނުވާތީ ގާނޫނު އަސާސީގެ ރޫހާ ޚިލާފުކަމަށް މިދިޔަ ހަފްތާގައި ރިޔާސަތުން އެންގުމާ ގުޅިގެން މިހުށަހެޅުން މިއަދު ހެނދުނު އަނީސާ ހުށަހެޅުއްވީ އިސްލާހުކޮށްފައެވެ.

ނަމަވެސް ނިޒާމީ ނުކުތާ ނަންގަވައިގެން އިދިކޮޅު މެންބަރުންނާއި ވަކި ޕާޓީއަކަށް ނުޖެހޭ މެންބަރުން ވިދާޅުވަމުން ގެންދެވީ އަނީސާގެ ހުށަހެޅުމަށް ގެނެވިފައިވާ އިސްލާހަކީ ކުރިން އެމާއްދާ އޮތް ރޫހާ މާބޮޑު ތަފާތެއް ހިމެނޭ އިސްލާހެއް ނޫންކަމަށެވެ.

މިއަދު ހެނދުނު މިހުށަހެޅުން ހުށަހެޅިއިރު އެ ހުށަހެޅުމުގެ (ހ) އާއި (ށ) ގައިވަނީ ރައީސްއާއި ކެބިނެޓް އަންނަ ރިޔާސީ އިންތިޚާބުގައި ރައީސްއަކު ހޮވަންދެން ދެމި އޮންނާނޭކަމަށެވެ. އަދި މި ހުށަހެޅުމުގެ (ރ)ގައިވަނީ އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބަށްފަހު ވަޒީރުންގެ މަޖިލިސް ޢައްޔަނުކުރުމުގައި މިޤާނޫނު އަސާސީގެ ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) ގައި އޮންނަ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބެންޖެހޭނެކަމަށް އޮންނަ އަކުރު އިސްތިސްނާވާނެކަމަށެވެ. ނަމަވެސް މިޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލިސް އިންތިހާބުވުމުން އެމަޖިލީހުގެ ރުހުން ހޯދުމަށް މިޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ހުށަހަޅަން ޖެހޭނެކަމަށެވެ.

އަނީސާގެ މި "އިސްލާހުކުރެވުނު" ހުށަހެޅުމަށް މެންބަރުން ވިދާޅުވެފައިވަނީ (ރ) ގައިބުނާ އިސްތިސްނާވުން ކަނޑާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރަންވާނީ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤަސްދުކުރާ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުގެ ރުހުން ލިބިގެންކަމަށް ލިޔެ 32 ވަނަ ހުށަހެޅުން އިސްލާހު ކުރުމަށެވެ.

ނަމަވެސް ހުސްވަގުތުކޮޅަށް ފަހު މިހުށަހެޅުން އަނީސާ އިސްލާހުކޮށްފައިވަނީ ހުށަހެޅުމުގެ (ރ) އެއްކޮށް އުނިކުރުމަށް ފަހުއެވެ. އެހެންކަމުން މެންބަރުން އެދިފައިވާ ގޮތާ ޚިލާފަށް މިހުށަހެޅުން ބަދަލުވެގެން ދިޔައެވެ.

ހުސްވަގުތުކޮޅަށްފަހު ގެނައި ރީޑްރާފްޓުކުރެވުނު ހުށަހެޅުމުގައި ވަނީ "(ހ) މިޤާނޫނޫއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމަށް ހަވާލުވަންދެން މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. (ށ) މިޤާނޫނު އަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމާއި ހަވާލުވަންދެން، މިޤާނޫނު އަސާސީއަށް ޢަމަލުކުރަންފަށާއިއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށްފައިވާ ވަޒީރުންގެ މަޖިލިސް ދެމިއޮންނާނެއެވެ. އަދި އެމަޖިލީހަށް ބަދަލު ގެނައުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން" ވާކަމަށެވެ. ހަމައެހެންމެ މިހުށަހެޅުމުގެ (ނ) ގައިވަނީ "މިޤާނޫނު އަސާސީގެ ދަށުން އޮންނަ ރިޔާސީ އިންތިހާބަށް ފަހު ޢައްޔަނުކުރާ ވަޒީރުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިގެން ނުވާނެއެވެ" މިހެން އެކަންޏެވެ. ކެބިނެޓަށް މަޖިލީހުގެ ރުހުން ލިބެންޖެހޭނެކަން އެއްގޮތަކަށްވެސް ނަންގަނެފައެއް ނެތެވެ.

މިހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން ހާޒިރުވެވަޑައިގެން ތިއްބެވި 83 މެންބަރުންގެ ތެރެއިން ފެވިވަޑައިގަނަވާކަމަށް 61 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 8 މެންބަރަކު ވޯޓު ދެއްވާފައި ވާއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ. އެހެންކަމުން މިހުށަހެޅުން ފާސްވިއެވެ. ވޯޓުގައި އެއްގޮތަކަށްވެސް ބައިވެރިނުވާ 19 މެންބަރުން ތިއްބެވިއެވެ.

މި މައްސަލާގައި ވޯޓަށްފަހު ލ މެންބަރު މޫސާމަނިކު ނިޒާމީ ނުކުތާގައި ވާހަކަފުޅު ދައްކައްކަވަމުން ދަނިކޮށް ރިޔާސަތުން އަމުރަށްކިޔަމަން ނުވިކަމަށްބަލާ މޫސާމަނިކު ނަން އިޢުލާން ކުރިއެވެ. އެއަށް ފަހު މަޖިލީސް 10 މިނިޓައަށް މެދުގަނޑާލުމަށް ފަހު ފެށުމުން ވެސް މޫސާ މަނިކު މަޖިލީހުގެ ތަޅުމުގައި ނިޒާމީ ނުކުތާއަށް ވާހަކަދައްކަވަން ފެށުމުން ރިޔާސަތުން އޭނާއަށް މަޖިލީހުން ނިކުތުމަށް އެދިވަޑައިގަތުމުން މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން ނިކުންނަނީކަމަށް ވިދާޅުވެ އޭނާ މަޖިލީސް ދޫކުރައްވާ ވަޑައިގަތެވެ.