Monday 14 April 2008

ތުޅާދޫ ސްކޫލުގައި އާދަޔާ ޚިލާފު ގޮތްތަކެއްވެ ހުރިތަނަށް ވެއްޓޭ ކުދިން ގިނަވަމުންދާތީ ރަށު މީހުން ކަންބޮޑުވަނީ

ބ.ތުޅާދޫގެ ސްކޫލް ކުދިންގެ ތެރޭގައި ހުރިތަނަށް ކުއްލިއަކަށް ވެއްޓި ހަށިގަޑަށް ވާންއަރައި ގޮތްތަކެއް ވާތީ ސްކޫލަށް ނުދެވޭ ގާތްގަޑަކަށް 10 ކުދިން އެބަ ތިބިކަމަށް އެރަށު ބައެއް ރައްޔިތުން ބުނެފިއެވެ. އެމީހުން ބުނިގޮތުގައި ސްކޫލަށްދާ ބައެއްކުދިންނަށް މިގޮތްތަކެއް ވަމުން އަންނަތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. އަދި ކުދިންނަށް މި ގޮތްތައް ވާން ފެށުމުން ހަށިގަޑުގެ މެދު އިދިފުށަށް ލެބިގެން ގޮސް އަތްފަޔަށް ވާގި އަރައި ބައެއް ފަހަރު ދެގަޑިއެއްހާއިރުވެސް އެގޮތުގައި އޮވެއެވެ.

މިނިވަނުގެ ރިޕޯޓަރެއް ބ ތުޅާދޫއަށް ކުރި ޒިޔާރަތެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް އެގޮތްތައް ވެފައިވަނިކޮށް ފެނިފައިވެއެވެ. އެއިރު 7 މީހުންވެގެން އެދެއްގެ މަތީގައި އޭނާ ބާއްވައި އޭނާއަށް ގެއްލުމެއް ނުވާގޮތަށް ހިފެހެއްޓޭތޯ ބަލަމުން ގެންދިޔައެވެ.

އުމުރުން 16 އަހަރުގެ ސްކޫލު ކުއްޖެއްގެ މައިންބަފައިން މައުލޫމާތު ދިންގޮތުގައި އެމީހުންގެ ދަރިފުޅު މިއަހަރު ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެވްރެޖުކޮށް ދުވާލަކު 3 ފަހަރު ވެއްޓި އެގޮތްތައް ވަމުން ދެއެވެ.

"ސްކޫލުގައި އިންދާ ނޭވާ ހާސްވާންފެށީ ވަރަށް ބޮޑަށް. ދެން ވާގޮތެއް ނޭގޭ. އެއީ ފުރަތަމަ.. އަށެއްގައި ނޭވާ އެންމެ ބޮޑަށް ހާސްވާން ފެށީ... ދެވަނަ އަހަރު ނުވައެއްގައި ބަޑުގައި ރިއްސަން ފެށީ... އޭގެ ފަހުން ދެން މިކަންތައް ލައިގަންނަން ފެށީ." 16 އަހަރުގެ ކުއްޖާ ކިޔައިދިނެވެ. "އެދުވަހު ނޭވާ ހާސްވެފައި ބަޑުގައިވެސް ރިއްސާފައި، އަތްފައި ފިނިވެފައި ދެން ނުވާކަށް ގޮތެއް ނެތް، ބޮލުގައި ރިއްސާފައި. އެހެންޏާ ދިމާ ނުވާކަހަލަ ގޮތްތަކެއް ދިމާވާން ފެށީ. ދެން އެއަށް ފަހު ވާގޮތެއް ނޭގޭ"

އޭނާ ބުނާގޮތުގައި ރަށުގެ ހެލްތު ސެންޓަރުގެ ޑޮކްޓަރަކަށް ދެއްކުމުން ބުނީ އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އަދި މާލެއައިސް ޑޮކްޓަރަށް ދެއްކިފައިވީނަމަވެސް އެކަން އޭނާއަށް ދިމާވާ ސަބަބެއް އޮޅުން ފިލާފައެއް ނުވެއެވެ.

"ބަޑުގައި ރިއްސާތީ ދެއްކީ. ޓެސްޓު ތަކެއްވެސް ހެދިން. އެއްވެސްކަމެއް ނެތޯ ބުނީ." އޭނާ ބުންޏެވެ. "ނަމަވެސް އެހެން ވާން އުޅޭއިރު ވަރަށް ބޮޑަށް ރިއްސާ."

ސްކޫލްގެ ޕްރިންސިޕަލް މރ ދޭވަދާސަން މައުލޫމާތު ދިންގޮތުގައި މިއަހަރު މައްސަލަ ޖެހިފައިވަނީ ގްރޭޑް 10 ގެ 5 ކުއްޖަކަށާއި ގްރޭޑް 5 ގެ 2 ކުދިންނަށެވެ. އަދި ފަންޑިތަވެރިއެއްގެ ފަރުވާ ލިބި ރަގަޅުވެގެން މިހާރު އެއް ކުއްޖަކު ސްކޫލަށް ދާން ފަށައިފިއެވެ.

މރ ދޭވަދާސަން މައުލޫމާތު ދިންގޮތުގައި އައިޖީއެމްއެޗްގެ ސައިކިއޭޓްރިސްޓެއް ސްކޫލަށް ގޮސް އެކުދިން ބެލުމަށްފަހު އެކުދިންނަށް ދިމާވެފައިވަނީ ނަފްސާނީ މައްސަލައެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް ރަށު ރައްޔިތުން ގަބޫލުކުރާގޮތުގައި ކުދިންނަށް ދިމާވެފައިވަނީ ޖިންނީގެ އުދަގޫކަމަށް އޭނާ ބުންޏެވެ.

ކުއްޖާ ކިޔައިދިން ގޮތުގައި ކުދިންނަށް ދިމާވާ މި މައްސަލައާ ދޭތެރޭ ސްކޫލުގެ ޓީޗަރުން ދެކެނީ އެއީ އެކުދިން ނުކިޔަވަން މެދުވެރިކުރާ އުޒުރެއް ކަމުގައެވެ.

"ޓީޗަރަކު ބުނަނީ މިވީހާ ދުވަހުވެސް އަހަރުމެންވެސް މިއުޅެނީ މި ސްކޫލުގައި ނޫންހެއްޔޯ. ދެން އެމީހުންނަށް ނުވާ ގޮތްތަކެއް ކީއްވެގެން ހެއްޔޯ އަޅުގަޑަށް ދެން ވާންވީ." އޭނާ ކިޔައިދިނެވެ. "ދެން ބުނަނީ ނުވާންވާ ގޮތްތަކެއް ވާތީ އޯ މިބުނަން ޖެހެނީ. ވަރަށް ދުވަސް ވެއްޖެއޯ ޓީޗަރުންވެސް އެތާ އުޅެނީ އެކަމަކު އެމީހުންނަކަށް އެކަހަލަ ކަމެއް ދިމައެއް ނުވެޔޯ. ދެން ބުނަނީ ރަގަޅަށް ނުކާތިއްޔޯ. އަމިއްލަ އަށޯ ރަގަޅުވެވޭނީ މިކަހަލަ ކަންތައްވެސް." 

ކުއްޖާ ސްކޫލުގައި ކިޔަވަމުން ދަނިކޮށް ހުރަސް އެޅިފައިވާތީ އޭނާގެ މައިންބަފައިންގެ ކަންބޮޑުވުން މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

"ސްކޫލުގައި ކިޔަވަކިޔަވާ ހުރި ކުއްޖެއް. މިހާރު ސްކޫލަށްވެސް ނުދެވޭ. އޭނާގެ ކިޔެވުން މިހާރު މިއޮތީ ހުއްޓިފައި." ކުއްޖާގެ މަންމަ ބުންޏެވެ.

ކުއްޖާގެ ބައްޕަ ބުނާ ގޮތުގައި ކުއްޖާއަށް ފަރުވާ ލިބި ރަގަޅުވުމުން ނޫނީ ސްކޫލަށް ނުފޮނުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލަށް އަންގައިގެން އެކަން ތުޅާދޫ ސްކޫލުން މިހާރު ވަނީ އޭނާއަށް އަންގަވާފައެވެ.

"އެޑިޔުކޭޝަނުގައި ތިބީ ކޮހުންކަމަށް ލަފާކުރެވެނީ. އެމީހުން ފޮނުވާފައި އޮތީ ފެކްސްއެއް. އަހަރުމެންގެ ދަރި ބަލިކަމުން ސްކޫލަށް ނުފޮނުވާގޮތަށް... އެމީހުން އޮންނަނީ ބުނެފަ ފަރުވާކޮށްގެން ނޫންނަމަ ޑޮކްޓަރަށް ދައްކައިގެން ބަރާބަރަށް ރަގަޅުވީމަ އޭ ފޮނުވަން ޖެހޭނީ. ގެރެންޓީ އޮންނަންޖެހޭނެއޭ. މިހާރު އެޑިޔުކޭޝަނުގައި ތިބޭ މީހުންނަށް އެގޭބާ އެމީހުންނަށް އެޑިޔުކޭޝަނުގައި ތިބެފައި ގެއަށް ދެވޭނެކަން. ގެރެންޓީ އޮވޭބާ އެމީހުންނަށް." ކުއްޖާގެ ބައްޕަ ބުންޏެވެ.

ތުޅާދޫގައި އެހެން ކުއްޖެއްގެ ބައްޕަ މައުލޫމާތު ދިންގޮތުގައި އޭނާގެ ދަރިފުޅު ގްރޭޑް 6 ގައި ކިޔަވަމުން ދަނިކޮށް 2004 ވަނަ އަހަރުން ފެށިގެން އަންނަނީ ހުރިތަނަށް ވެއްޓި ގޮތްތަކެއް ވަމުންނެވެ.

"ފަސް ހަތަރު މީހުންނަކަށް ނުހިފެހެއްޓޭ އެހެން ވެގެން ދާއިރުގައެއް." ކުއްޖާގެ ބައްޕަ މައުލޫމާތު ދިނެވެ. "ރޭގަޑު ހައެކުން ފެށިގެންގޮސް އެރޭގެ ދިހަގަޑިބައިވަންދެން އެފަދަ ހާލެއްގައި އަހަރުމެން އެބަ ތެޅެންޖެހޭ. ވަރު އަރުވަން ފަށައިފިއްޔާ އަހަރުމެން ތިބެނީ އަތްމައްޗަށް ނަގައިގެން... ދުވާލަކު 3 ފަހަރުވެސް ވޭ އެހެން... ޑޮކްޓަރު ބުނީ މާބޮޑު ކަމެއް ނެތޭ. އޭނާ ކިޔެވުމުގެ އުއްމީދު އެބައޮތޭ. އޭނާ ކިޔަވާހިތްނުވަނިއްޔޭ. އެއީ އެމީހުން ބުނާ އެއްޗަކީ. އެކަމަކު ބޭސް ދިން 6 މަސްދުވަހުގެ ބޭސް... އަނެއްހެން ބަލަންޏާ ހުރީވެސް ފިޓު ޖެހޭ ބޭސް ދީފައި. އެއްމަހާ 15 ދުވަސްވެސް ނުވާނެ އަދި ޑޮކްޓަރަށް ދެއްކިފަހުން."

އޭނާ ބުނިގޮތުގައި އޭނާގެ ދަރިފުޅަކީ ގްރޭޑް 7 އާ ހަމައަށް އައިއިރުވެސް އޭ ރިޕޯޓު ލިބޭ ކުއްޖެކެވެ.

ނަމަވެސް ވ ފުލިދޫގެ ފަންޑިތަ ވެރިއެއް ގާތުން ފަރުވާ ހޯދުމަށްފަހު މިވީ 2 ހަފުތާގައި އޭނާގެ ދަރިފުޅަށް އަދި އެފަދަ ކަމެއް ދިމަލެއް ނުވެއެވެ.

އޭނާ ބުނިގޮތުގައި މާލެއާއި ރާއްޖެއިން ބޭރުން އޭނާގެ ދަރިފުޅަށް ފަރުވާ ހޯދައި ނަފްސާނީ ޑަކްޓަރުންނަށްވެސް ވާނީ ކުއްޖާ ދައްކާފައެވެ. އަދި އެކަމަށް 10،000 ވުރެ އިތުރަށް އޭނާ މިހާރު ފައިސާ ޚަރަދުކޮށްފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް އެހީއެއް އޭނާގެ ދަރިފުޅަށް ލިބިފައެއް ނެތެވެ.

އެޑިޔުކޭޝަނަށް ގޮސް ޒާހިޔާއާ ބައްދަލުކޮށްދިނުމަށް އެދުނިން. އެކަމަކު ނުކޮށްދިން." އޭނާ ބުންޏެވެ.

އެރަށުގެ އުމުރުން ދުވަސްވެފައިވާ މީހަކު ބުނިގޮތުގައި އެރަށުގެ ކުދިންނަށް މި މައްސަލަ އެންމެ ފުރަތަމަ ދިމާވަނީ ސްކޫލުންނެވެ. އޭނާ ބުނިގޮތުގައި އެ ސްކޫލް އަޅާފައިވަނީ ރައީސް މައުމޫނު ވެރިކަމަށް އިސްވިތަނުންނެވެ. ގަބުރުސްތާނެއް ގޮތުގައި އެރަށުގައި ބޭނުންކުރެވެމުން އައި އެ ބިމަކީ ސްކޫލް އެޅުމުގެ ކުރިން ބޯޅަދަޑެކެވެ.

 

މިހާރުގެ އަސާސީ އުވާލާގޮތަށް ފާސްކުރުމާ ގުޅިގެން ރައީސްއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގެ މާއްދާއަށް ވޯޓަށް އެހިގެން ނުވާނެ ކަމުގައި މެންބަރުން ވިދާޅުވެއްޖެ

އިސްލާހުކުރެވޭ ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ ކަމަށް އާދީއްތަދުވަހު އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމާގުޅިގެން އެއަސާސީގެ ދަށުން އެކުލަވާލާފައިވާ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް، އިންތިޤާލީ މަރުހަލާގައި ދެމިއޮތުމަށް ވޯޓަށް އެހިގެން ނުވާނެ ކަމުގައި ބައެއް މެންބަރުން ވިދާޅުވެ ނިޒާމީ ނުގުތާ ނެންގެވުމުން، ހޯމަދުވަހުގެ މެންދުރުފަހުގެ ޖަލްސާގައި އެއްވެސް ހުށަހެޅުމަކަށް ވޯޓަށް ނޭހި ނިމިއްޖެއެވެ.

 

އަނީސާގެ 20 ވަނަ ހުށަހެޅުން

އިއްޔެ ފާސްކުރި އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 20 ކަމަށްވާ "އަމަލު ކުރަން ފެށުން" ގައިވަނީ "މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީ" ކަމަށެވެ.

 

އަނީސާގެ 32 ވަނަ ހުށަހެޅުން

މިއަދު މައްސަލަޖެހުނު އަނީސާ އަހުމަދަށް ނިސްބަތްވާ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމު"ގައިވަނީ "(ހ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަގާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަގާމާ ހަވާލުވަންދެން، މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެއެވެ. (ށ) މި ޤާނޫނުއަސާސީގެ ދަށުން އޮންނަ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މި ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަޤާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަޤާމާ ހަވާލުވަންދެން، ވަޒީރުންގެ މަޖިލީހުގެ ގޮތުގައި ދެމިއޮންނާނީ މިޤާނޫނުއަސާސީއަށް އަމަލުކުރަންފަށާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެކެވެ. މިގޮތުން އިންތިޤާލީ މަރުހަލާގައި ވަޒީރުންގެ މަޖިލިސް ދެމިއޮތުމުގައި މިޤާނޫނުއަސާސީގެ (ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) (...) ވަނަ މާއްދާއާއި، މި ޤާނޫނުއަސާސީގެ (ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) (...) ވަނަ މާއްދާއަށް އަމަލެއް ނުކުރާނެ" ކަމަށެވެ.

މާލޭ މެންބަރު އިބްރާހިމް އިސްމާއީލާއި މާލޭ މެންބަރު މުހައްމަދު ޝިހާބާއި އަދި ގިނަ އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލިސް ދެމިއޮތުމަށް 32 ވަނަ ހުށަހެޅުއްވުމުގައިވާއިރު މ.މެންބަރު އަނީސާ އަހުމަދުގެ އިއްޔެ ފާސްވި 20 ވަނަ ހުށަހެޅުމާ މަސްލަހަތު ފުށުއަރާތީވެ، ވޯޓަށް އެހިގެން ނުވާނެކަމަށެވެ.

 

ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވުން

     މިމައްސަލާގައި މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އިއްޔެ ވިދާޅުވީ "އަޅުގަނޑު ދަންނަވަން އޮތް އަނެއް ނުކުތާއަކީ، 32 ވަނަ ހުށަހެޅުމާ ގުޅިގެން، ކުރީގައިވެސް އަޅުގަނޑު ދެންނެވިން ޢިއްޒަތްތެރި ރައީސް، އިންތިޤާލީ މަރުޙަލާގައި އަޅުގަނޑުމެންނަށް ޤާނޫނުއަސާސީގައި މި މެއިން ޓެކްސްޓުގައި މި މައިގަނޑު ބައިގައި އެއޮތް އެއްޗަކުން ޚިލާފެއް އުފައްދަންޖެހޭ ކަމެއް ކޮންމެހެން ކުރަންޖެހިއްޖިއްޔާ އަޅުގަނޑުމެން ކުރިކަމުގައިވިޔަސް އެނޫން ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އެއީ އެއުސޫލު އަޅުގަނޑުމެން ވާނެ ޤަބޫލުކުރަން. 32 ވަނަ ހުށަހެޅުމުގެ (ށ) ގައި މިއޮންނަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް، ރައްޔިތުގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާގެ (ރ) އާއި ވަޒީރުންގެ މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާގެ (ނ) އިސްތިސްނާކުރުން މިމުއްދަތުގައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު ނުދެކެން ވޯޓަށް އެއްސެވޭނެ ކަމެއް ކަމަކަށް. އަބަޔާއެކުގައި މި ވޯޓަކަށް ނޭއްސެވޭނެ. ސަބަބަކީ ޤާނޫނުއަސާސީ އަޅުގަނޑުމެން ޢަމަލުކުރަން ފަށައިފިކަމަށްވަންޏާ، އޭގެތެރެއިން ތަންފީޒުކުރެވެން ހުރި ކޮންމެ އުސޫލެއް އަޅުގަނޑުމެން ޖެހޭނީ އިންތިޤާލީ މަރުޙަލާގައިވެސް ތަންފީޒުކުރަން. ތަންފީޒުކުރުމަށް ކުރެވޭނެ އެއްވެސް ގޮތެއް ނެތީވިއްޔާ އެހެން ގޮތެއް އަޅުގަނޑުމެން ހޯދަން މިޖެހެނީ. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ޢިއްޒަތްތެރި ރައީސް، ވަޒީރުންގެ މަޖިލީހުގައި މިތިއްބެވި ބޭފުޅުން ހަމަ މިތާ ތިއްބަވައިގެން އަމިއްލަ ޒަމީރަށް ކެތްވާނެތޯއޭ މިއަށް ވޯޓުދެއްވަން. ކިހިނެތްތޯއޭ ދެއްވާނީ. މިއޮތީ ވަޒީރުންގެ މަޖިލީހަށް އޮތް ޗެކް އެންޑް ބެލެންސްގެ ފުރަތަމަ އެތި ނިގުޅައިގަންނަގޮތަށް އޮތް މާއްދާއެކެ. މިވެސް ހަމަ ތިބޭފުޅުން ޤައުމީ މަސްލަޙަަތޭ، ނޫނީ ޤައުމަށް އެންމެ ރަނގަޅު ގޮތޭ ވިދާޅުވެފައި ހަމަ އަމިއްލަ ނަފްސަށް މިތާ ތިއްބަވައިގެން ކުރައްވާނެ ކަންތައް ތޯއޭ. މިހިސާބުން މިސުވާލު ދަންނަވަން ޖެހުނީމަ މިދެންނެވީ" ކަމަށެވެ.

ސ.އަތޮޅު މެންބަރު ހުސްނުއް ސުއޫދު ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އަންޔަންކުރި މެންބަރުން ތިއްބެވުމަށް މިހާރު ތިއްބެވި އައްޔަންކުރި މެންބަރުން ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން ތިބުމަށް މިހާރު ތިބި ވަޒީރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން އެފަދަ ހުށަހެޅުމަކަށް ވޯޓު ދެއްވުމަކީ ހަޔާތްކުޑަކަމެއް ކަމުގައި ސުއޫދު ފާހަގަކުރެއްވިއެވެ.

ރައީސް މެންބަރު އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ހަޔާތް ކުޑަވާންވެއްޖެޔާމުން އެބޭފުޅުންވެސް ހަމަ ހަޔާތްކުޑަވެދާނެ ކަމަށެވެ.

ތ.މެންބަރު ހުސައިން ރަޝީދު ވިދާޅުވީ 32 ވަނަ ހުށަހެޅުން ޤާނޫނު އަސާސީގެ ރޫހާ ހިލާފު ވާކަމާއި މިހާރު ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާއާއި ވަޒީރުން މަޖިލީހުގެ ބާބުގެ 1 ވަނަ މާއްދާއަށް އަމަލު ނުކުރަން އޮތް އޮތުން އޭނާއަށް ގަބޫލުނުކުރެވޭ ކަމަށެވެ.  

ސ.މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންތިޤާލީ މަރުހަލާގައި އޮންނަ ރައްޔިތުންގެ މަޖިލީހެއްގައި އައްޔަންކުރި މެންބަރުން ތިބެގެން ނުވާނެ ކަމަށެވެ.  އިދާރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ދެއްވި ލަފާގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރަށް އަމަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

     އިދާރީ ކޮމިޓީން ރައީސް ގާސިމަށް ލަފާދީފައިވަނީ މިހާތަނަށް ޤާނޫނު އަސާސީގައި ފާސްކޮށްފައިވާ އެއްވެސް މާއްދާއަކާ ތާރުޟުވާ އެއްވެސް އެއްޗެއް އިންތިޤާލީ ބާބުގައި ވޯޓަށް ނޭހުމަށެވެ.

     ހުސްވަގުތުކޮޅުގެ ކުރިން 100 މެންބަރުން އަދި ހުސްވަގުތުކޮޅުގެ ފަހުން 92 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމެވެ.
ދެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ، 20 އޭޕްރީލް 2008 އާދީއްތަދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

 

މަޖިލިސް ސުވާލު: މާލެއަށް ފަރުވާހޯދަން އަންނަ އަތޮޅުތެރޭ ރައްޔިތުންނަށް ވަކި އުސޫލެއް ހަމަޖެހިފައިނެތް ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން، ރާއްޖޭގެ އެކި ރަށްރަށުން ސިއްޙީ ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އަންނަ މީހުންނަށް ވަކި އުސޫލެއް ހަމަޖެހިފައިނެތް ކަމަށް ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހީމް ވިދާޅުވެއްޖެއެވެ.

     "އައި.ޖީ.އެމް.އެޗަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ފަރުވާ ދޭ ތަނަކަށްވާތީ، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނާއި، އަތޮޅުތަކުން އެފަހަރަކު އަންނަ މީހުންނާއި، އަދި މާލޭގެ މީހުން ދެއްކުމުގައި ވަކިވަކިން އެނގޭނެގޮތެއް ރެކޯޑްކުރެވިފަކާ ނުހުރޭ. އަދި މިހާރުގެ އުސޫލުތަކަށް ބަލާއިރު އެގޮތަށް އެކަން ކުރުން އެއީ މާ ހަމަޖެހޭ ކަމެއްކަމަކަށް ވާނެކަމަކަށްވެސް ނުފެނޭ" އިލިޔާސް އިބްރާހިމް ވިދާޅުވިއެވެ.

     މާލޭ މެންބަރު އިބްރާހިމް އިސްމާއީލު އެއްސެވި އަނެއް ސުވާލަކީ މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި ދުވަސްތައް ބޭކާރުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު ދިރިއުޅޭ ރަށެއްގެ ޞިއްޙީ މަރުކަޒު ނުވަތަ އަތޮޅު ހޮސްޕިޓަލް ނުވަތަ ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށްގެން ޑޮކްޓަރުންގެ އެޕޮއިންޓްމަންޓާ، އެނޫންވެސް އެޕޮއިންޓްމަންޓްތައް ކުރިން ހެދޭނެ އެއްވެސް އިންތިޒާމެއް ކުރައްވާފައި މިހާރު އެބައޮތްތޯއެވެ.

ޖަވާބުގައި އިލިޔާސް ވިދާޅުވީ މިފަދަ އެޕޮއިންޓްމަންޓް ހަދާދެވޭ އިންތިޒާމް މިހާތަނަށް ހަމަޖައްސާވާފައި ނޯންނަކަމަށެވެ.

"ސަބަބަކީ، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ކޮންމެ މީހަކަށް އެމީހަކު އަމިއްލައަށް އެޕޮއިންޓްމަންޓް ހެދޭނެގޮތަށް ހަމަޖައްސާ، އެކަމަކީ ޢާންމުކޮށް އިޢުލާންކޮށްފައިވާ އަދި ޓެލިފޯނުގެ ޒަރިއްޔާއިން ކުރެވޭ މިހާރުވެސް ކުރަމުންދާ ކަމެއް. ކަންމިހެންއޮތުމާއެކު އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް އެކަން ކުރުމުން އިތުރު މައްސަލަތައް ކުރިމަތިވާނެކަމަށް ފެންނާތީ ތިޔަ ވިދާޅުވި ތިޔަ ވިދާޅުވިގޮތަށް އެޕްއިންޓްމަންޓްގެ ކަންތައްތައް އަދި ހަމަޖައްސާކަށް އަޅުގަނޑުމެންނަކަށް ގަސްދުކުރެވިފައި" ނުވާކަމަށެވެ.

އިލިޔާސް ވިދާޅުވީ ވޭތިވެދިޔަ 2007 ވަނަ އަހަރު، ފަރުވާ ހޯދުމަށް އަތޮޅުތަކުން 495 ބަލިމީހުން އައި.ޖީ.އެމް.އެޗް.އަށް ގެނެވިފައިވާކަމަށެވެ. އަތޮޅު ހޮސްޕިޓަލްތަކުން ރީޖަނަލް ހޮސްޕިޓަލްތަކަށް 113 ބަލިމީހުން ފޮނުވިފައިވާއިރު އެކިއެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން 934 މީހުން އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވިފައިވާކަމަށް އިލިޔާސް ވިދާޅުވިއެވެ.

     މިނިސްޓަރ ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން މިހާރު މާލެއަންނަ ނުޖެހޭކަމަށެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލްތަކުން ފަރުވާލިބެން ހުންނަކަމަށެވެ. ކޮންމެހެން މާލެއަންނަ ޖެހެނީ ބޮޑެތި ކަންތައްތަކުގައި ސީރިއަސް ވުމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

     މަލޭ މެންބަރު އިބްރާހިމް އިސްމާއީލް މިނިސްޓަރާ ސުވާލު ކުރައްވަމުން ވިދާޅުވީ އައިޖީއެމްއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެކަން ނުވެ ގިނަ ދުވަސްތަކެއްވާކަމަށާއި އެކަން އެގޮތަށް ދިމާވަނީ ކީއްވެގެންތޯ އެވެ.

     "މިހާރު އައި.ޖީ.އެމް.އެޗް.ގައި ހުރީ ގާތްގަނޑަކަށް 10 ވަރަށް އަހަރުވެފައިހުރި ސީޓީ ސްކޭން މެޝިން. އެއަށް ލޯޑުބޮޑުވެގެން ދުވާލެއްގެ މައްޗަށް ހެދެނީ ވަކިވަރެއް. އާދެ، މިމައްސަލައާ ގުޅިގެން އިތުރު ސީ.ޓީ ސްކޭނެއް ބެހެއްޓޭތޯ އަޅުގަނޑުމެން ވޭތުވެދިޔަ ދެތިން އަހަރުވެސް މަސައްކަތްކޮށް ވަރަށް އަގުބޮޑު އެއްޗަކަށް ވާތީ ނުވެފައި އޮތް އެއްޗެއް ކަމުގައިވިޔަސް މިއަހަރު އެކަން ވެދާނެކަމުގެ ފެހި ސިގްނަލެއް މިހާރު ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެނަށް ލިބިފައި އެބައޮތް" ކަމަށް އިލިޔާސް ވިދާޅުވިއެވެ.

     މީގެ އިތުރުން ތ.އަތޮޅު މެންބަރު އަހުމަދު ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމްއާރުއައި އަދި ރާއްޖޭގައި ނުހެދޭކަމަށް ވާއިރު އެހިދުމަތަކީ ކޮންމެހެން ބޭނުން ހިދުމަތެއްކަމަށެވެ. ވީމާ ސަރުކާރުގެ ޚާއްޞަކަމެއްގެ ގޮތުގައި މިއަހަރު އެކަންކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އަންގަވައިގެން އޭގެ ސްޕެސިފިކޭޝަން މިހާރުވީ ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިކަމަށެވެ.

     މިހާރު އަތޮޅުތަކުގައި 6 ރީޖަނަލް ހޮސްޕިޓަލާއި، 13 އަތޮޅު ހޮސްޕިޓަލާއި، 125 ޞިއްޙީމަރުކަޒާއި، 38 ހެލްތުޕޯސްޓް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އާދެ، އޭގެ މާނައަކީ 145 ރަށުގައި މިހާރު ޑޮކްޓަރުން އެބަތިއްބޭ. އަދި ދެންމެ އެންމެފަހުން ވިދާޅުވި ލެބޯޓްރީގެ ޚިދުމަތްވެސް ދެވޭ މިހާރު 78 ރަށުގައި އެބަހުރި" އިލިޔާސް ވިދާޅުވިއެވެ.

ވަޒީފާގެ ބިލު ވަޒީފާ ދޭފަރާތްތަކުން ވަޒީފާގައި ކުރަންޖެހޭ ކަންތައްފިޔަވައި އެހެން ކަންތައްތައް ނުކުރެއްވުމަށް އިސްލާހު ހުށަހަޅުއްވައިފި

 

ހޯމަދުވަހު ހެނދުނު ރައްޔިތުންގެ މަޖިލީހުގައި އޮތް ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓްކުރުމުގެ މަރުޙަލާގައި، ވަޒީފާ ދޭފަރާތްތަކުން ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ފިޔަވައި އެހެން ކަންތައްތައް މުވައްޒަފުން ލައްވައި ނުކުރެއްވުމަށް މާލޭ މެންބަރު އިބްރާހިމް އިސްމާއީލް ވަޒީފާއާބެހޭ ބިލަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

    މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިބްރާހިމް އިސްމާއީލް ވިދާޅުވީ ބިލުގެ 15 ވަނަ މާއްދަކަމަށްވާ "ވަޒީފާ ބަޔާން" މިމާއްދާގައި ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތައް ކުރުން އޮތުމަކީ އެމީހެއްގެ ނަފުސު ވިއްކާލެވޭ ކަހަލަ ކަމެއްކަމަށެވެ.

     "ވަޒީފާދޭ ފަރާތްތަކުން ވަޒީފާ ބަޔާނުގައި ސޮއި ކުރައްވާއިރު ތިރީގައި އޮންނާނެ ލިޔެފައި ވަޒީފާގެ އިތުރުން ވެރިން އަންގާ އެންގުންތަކަށް އަމަލު ކުރުން، ދެން ކޮންމެ ކަމެއްވެސް ކުރުވަފާނެ ހާއްސަކޮށް ސަރުކާރުން ވަޒީފާދޭ ބަޔާނުގައި މިހެންއޮންނަނީ. މިހެން މިގޮތަށް އޮތުމުން މީހެއްގެ ނަފްސު ވިއްކާލެވެނީ" އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމް ބިލުގެ 90 ވަނަ މާއްދާކަމަށްވާ "ޤާނޫނަށް އަމަލުކުރަން ފެށުން" މިމާއްދާއަށް އިތުރުކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާ މިޤާނޫނު ތަސްދީޤްކުރާތާ 6 މަސްދުވަސްތެރޭގައި އަމަލުކުރަން ފެށުމެވެ.

މިއަދުގެ ޖަލްސާގައި ބިލަށް އިޞްލާޙު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވުމުން 7 އިޞްލާޙެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ.  

     ވަޒީފާއާބެހޭ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، ޤައުމީ ތަރައްޤީ ކޮމިޓީގެ މުޤައްރިރު، އައްޑުއަތޮޅު މެންބަރު އިބްރާހިމް ޝަރީފްއެވެ.

     ޝަރީފް ވިދާޅުވީ މިބިލުގައި ވަޒީފާދޭފަރާތްތަކުން ދުވާލަކު 8 ގަޑިއިރަށްވުރެ ގިނަވަގުތު މުވައްޒިފުން ލައްވާ މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނާނެކަމަށެވެ. ޝަރީފް ވިދާޅުވީ ވަޒީފާދޭ ފަރާތްތަކުން ކަންބޮޑުވުން ފާހަގަ ކުރެއްވީ އެއްކަމަކީ ބަންދު ދުވަސްތަކާއި އިތުރު ގަޑީގައި މުވައްޒިފުން ކުރާ މަސައްކަތަށް ފައިސާދޭންޖެހޭ ގޮތަށް އޮތުމުންނެވެ.

އިންތިޤާލީ ބާބު: ދެން އަންނަ އިންތިޚާބެއްގައި މައުމޫނަށް ކުރިމަތިލެވޭނެކަމާމެދު އެއްވެސް ސުވާލެއް މިހާރު ނެތް – އަނީސާ

 

އިންތިޤާލީ ބާބުގައި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އުވޭނެކަމަށް ޑީއާރުޕީ މެންބަރުން އާދީއްތަދުވަހު ފާސްކުރުމާ ވިދިގެން ދެން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނަށް ކުރިމަތިލެވޭނެކަން ކަށަވަރު ވެއްޖެކަމަށް ޑީއާރުޕީން ބުނެފިއެވެ.

     އިއްޔެގެ ވޯޓަށްފަހު ޑީއާރުޕީ ޕާލިމެންޓަރީ ގްރޫޕްގެ ރައީސާ އަނީސާ އަހްމަދު މިނިވަން ނިއުސްގައި ވިދާޅުވީ "ދެން އަންނަ އިންތިޚާބެއްގައި ގައްޔޫމަށް ކުރިމަތިލެވޭނެކަމާމެދު އެއްވެސް ސުވާލެއް މިހާރު ނެތް" ކަމަށެވެ.

     އިއްޔެ އޮތް ރައްޔިތުން ހާއްސަ މަޖިލީހުގެ ހެނދުނުގެ ޖަލްސާގައި އަނީސާ އަހުމަދު ހުށަހަޅުއްވާ މުހައްމަދު އަނިލް ތާއީދު ކުރެއްވި ހުށަހެޅުން 20 ކަމަށްވާ "އަމަލުކުރަން ފެށުމުގައި" ބަޔާންކޮށްފައިވަނީ، "(ހ) މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފަށާނީ، މިޤާނޫނުއަސާސީ ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. (ށ) މި ޤާނޫނުއަސާސީއަށް އަމަލުކުރާ ދުވަހުން ފެށިގެން، 1 ޖަނަވަރީ 1998 ގައި އަމަލުކުރަން ފަށާފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" އުވުނީއެވެ. (ނ) މިމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް މިގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެންދެން މި ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރެވޭނީ މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ.

ރިޔާސަތުން މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ހާޒިރުވެތިއްވެބި 98 މެންބަރުންގެ ތެރެއިން 68 މެންބަރުން ފެނިވަޑައިގަންނަވާކަމަށް ވޯޓުދެއްވިއެވެ. ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 20 މެންބަރުންނެވެއެވެ. އަދި އެއްވެސްކޮޅަކަށް ޖެހިވަޑައިނުގެން ވޯޓުދެއްވީ 6 މެންބަރުންނެވެ.

އަނީސާ ވިދާޅުވީ މިހުށަހެޅުން ރައީސް ގާސިމް ވޯޓަށް އައްސަވާނެކަމާމެދު ޝައްކު އުފެދިފައިވާއިރު، މިހުށަހެޅުމަމެދު ޑީއާރުޕީން ނެގީ "ޗާންސެއް" ކަމަށެވެ. މިޗާންސުން ކާމިޔާބުގެ ގާސިމް މިހުށަހެޅުމަށް ވޯޓަށް އައްސަވާ، މިހުށަހެޅުން ފާސްވުމުން "މި ޤާނޫނުއަސާސީ"ގެ މާނަވެސް ކަނޑައެޅުނީކަމަށް އަނީސާ ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލާގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ރައީސް ހަސަން އަފީފު ވިދާޅުވީ ހުށަހެޅުން 20 ފާސްވުމާ ގުޅިގެން މައްސަލަ ނުނިމޭކަމަށެވެ. މިމައްސަލަ ނިމޭނީ މިފަދަ ހުށަހެޅުންތައް މާނަކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި އެކޯޓުން ނިންމާ ގޮތަކުންކަމަށް އަފީފު ވިދާޅުވިއެވެ.

     އަނީސާގެ އިތުރު ހުށަހެޅުމެއްކަމަށްވާ ފުރަތަމަ ރިޔާސީ އިންތިހާބު ބާއްވައި މިޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެމަގާމަށް މީހަކު އިންތިހާބުކޮށް އެމީހަކު އެމަގާމާ ހަވާލުވަންދެން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގައި ދެމިހުންނާނެކަމަށް އޮތް ހުށަހެޅުންވެސް މިއަދު ފާސްވާނެކަމަށް ބެލެވެއެވެ.

     މިމައްސަލާގައި އަފީފް ވިދާޅުވީ ރައީސް މައުމޫނު ވެރިކަމުގައި ހުންނަވައިގެން މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވޭބެކަމާމެދު ބިރު އެބައޮތްކަމަށެވެ. ނަމަވެސް ވޯޓުލާ އާންމު ރައްޔިތުން "ސާބިތުކަންމަތީ" ތިބޭނަމަ އަދިވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ޖާގަ އެބައޮތްކަމަށް އަފީފު ވިދާޅުވިއެވެ.

 

ޕީއޭގެ ދައުރު

     އަނީސާގެ 20 ވަނަ ހުށަހެޅުމަށް ވޯޓުލެއްވި އަބްދުﷲ ޔާމީނުގެ ޕީއޭއަށް ނިސްބަތްވާ މެންބަރުންގެ ތެރޭގައި ހއ މެންބަރު ޖައުފަރު އީސާ އާދަމާއި، ގއ މެންބަރު އަބްދުﷲ ޖާބިރު ހިމެނިވަޑައިގަންނަވައެވެ. އަބްދުﷲ ޔާމީނާއި މ މެންބަރު އަހުމަދު ނާޒިމު ޖަލްސާއަކަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.

 

 

 

 

 

 

މަސްތުވާތަކެތީގެ ތަފާތު ދެ މައްސަލައަކާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރުކޮށްފި

 

އަބްދުއްރަހްމާން

 

މަސްތުވާތަކެތީގެ ތަފާތު ދެމައްސަލައަކާ ގުޅިގެން 4 މީހަކު ފުލުހުން ހައްޔަރުކޮށްފިކަމަށް ފުލިހުން ބުނެއެވެ. މީގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރަން އުޅޭކަމުގެ ރިޕޯރޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މިމީހުން ތިބި ކޮޓަރި ތެރެއިން މަސްތުވާ ތަކެތީގެ ބާވަތެއްކަމުގައި ބެލެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ކުދި 3 ރަބަރު ޕަކެޓް ފެނިގެންނެވެ.

ފުލުހުން ބުނަނީ މިމީހުން ތިބި ކޮޓަރީގެ ފާޚާނާ ފުލުހުން ޗެކްކޮށް ބެލިބެލުމުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައިވާކަމަށެވެ.  

އަދި ހަތަރު ވަނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އާދީއްތަދުވަހުގެ ވަގުތެއްގައި ހދ.ކުޅުދުއްފުށީގެ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ހުށަހެޅުނު ރިޕޯރޓަކާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އެގެއަށް ގޮސް ބެލިބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ބެލެވޭ އެއްޗެއް އަޅާފައި ހުރި ކުދި ރަބަރު 3 ޕަކެޓް ފެނިފައިވާކަމަށް ވެއެވެ.

 

ހިމަންދޫ ޓެރަރިޒަމް ޝަރީޢަތް: އަބްދުﷲ ޢަލީގެ މައްޗަށް ހެކިބަސްދިނުމަށް 3 ފުލުހަކާއި ދެސިފައިންގެ މީހަކު ހާޟިރުކޮށްފި

އިބްރާހީމް މުޙައްމަދު

މިހާރު ހިނގަމުންދާ އއ.ހިމަންދޫ ވަކިޖަމާއަތެއްގައި ނަމާދުކުރާ މީހުންގެ ޝަރީޢަތުގައި މަޝްހޫރު އަބްދުﷲ ޢަލީ (ހއ.މޮޅަދޫ ބަހާރުގެ އަބްދުﷲ ޢަލި މަނިކު) 7 އޮކްޓޫބަރު 2007 ގައި ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަން ސާބިތުކޮށްދިނުމަށް ހެކިންގެ ގޮތުގައި 3 ފުލުހަކާއި ސިފައިންގެ މީހެއް ހާޟިރުކޮށްފިއެވެ. އަބްދުﷲ ޢަލީއަށް ދައުވާކުރަނީ ދިވެހިރާއްގޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ހެކިބަސް ދިން 4 މީހުންވެސް ބުނެފައިވަނީ ވަކިޖަމާއަތެއްގައި ނަމާދުކުރި މީހުންތައް ތިބީ މޫނު ނިވާކޮށްގެން ހެލްމެޓް އަޅައިގެން ކަމަށާއި ތަހުޤީޤަށް ބަޔާން ދިނުމަށް މިމީހުން ދެނަގަތީ ވީޑިޔޯ އަދި ފޮޓޯތައް ބަލައިގެން ކަމަށެވެ. އަބްދުﷲ ޢަލީ އާއެކު ޓެރަރިޒަމްގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ އިތުރު 12 މީހަކު މިއަދުގެ މަޖިލިހުގައި އިނުމާއި ގުޅިގެން އެ 12 މީހުންގެ މައްޗަށްވެސް ޤާޟީ ޢަލީ ރަޝީދު ހެކިބަސް ނެންގެވިއެވެ.

ޕާކިސްތާނުން ދީނީ އިލްމު އުނގެނިގެން ހުންނެވި އަބްދުﷲ ޢަލީގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ އެއްފަރާތް ކަމުގައިވާ އަޙުމަދު ޝަހީމް ވިދާޅުވީ ހެކިވެރިން ތަހުޤީޤު ބަޔާނަށް ރިޢާޔަތް ކުރުމަށް އެދޭތީ އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބޭކަމަށެވެ. ޤާޟީވެސް ވިދާޅުވީ ހެކިވެރިން ތަހުޤީޤަށް ދިން ބަޔާންތައް އިއްވައިފިނަމަ ހެކިދިނުމަށް އެހީތެރިވެވިދާނެކަމަށެވެ. މިސަބަބަށްޓަކައި ތަހުޤީޤުބަޔާންތައް އިއްވުމަށް ޤާޟީ ފުރުސަތެއް ނުދެއްވައެވެ.

"އަޅގަނޑުގެ އެއްވެސް ސުވާލަކަށް މީނައެއް ޖަވާބެއް ނުދެވޭ" ހެކިދިނުމަށް ހާޟިރުވި ފުލުހަކާ މުހާތަބްކުރައްވައި ޝަހީމް ވިދާޅުވިއެވެ. "އަބްދުﷲ އަލިމަނިކު ޓެރަރިޒަމްގެ ކޮން އަމަލެއްތޯ ހިންގީ؟"

މިއަދު ޖިނާއީ ކޯޓަށް ހާޟިރުކުރި 12 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ބުނީ މައްސަލައިގެން ކުރިއަށް ދަނީ ވަކީލުންގެ ހާޟިރުގައެވެ. މިގޮތުން ގިނަ ބަޔެއްގެ ވަކީލުގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަހީމާއި ޒަނީނު އާދަމާ ގުޅިގެންނެވެ. އަދި މިމީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ހުސްނުއް ސުއޫދު ވަކާލާތުކުރައްވާތީ އެބޭފުޅާވެސް ޝަރީއަތުގެ މަޖިލިހުގައި ވާހަކަދައްކަވާފައިވެއެވެ.

ޝަހީމް އަދި ސުއޫދު ހެކިވެރިންނާ ކުރި ސުވާލުތަކުގެ ތެރޭގައި އެމީހުންގެ މުވައްކިލުން ދެއްކުމަށާއި އެމީހުން ކުރި އަމަލުތައް ބަޔާންކުރުމަށް އެދިފައިވެއެވެ. ނަމަވެސް އެއްވެސް ހެކިވެރިޔަކަށް މީހެއް ފާހަގަކުރުމުގެ އިތުރުން ހިންގި އަމަލެއް ބަޔާންކުރަން ވަނީ ނުކުޅެދިފައެވެ.

ސުއޫދު ވިދާޅުވީ މިހެކިވެރިންގެ ހެކިބަސް "ކޮލިފައި" ނުވާކަމަށެވެ. އަދި އެމީހުންގެ ކިބައިގައި ހެކިވެރިންގެ ޝަރުތުތައް ފުރިހަމަ ނުވާކަން ޤަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ. މިހެކިވެރިންގެ ހެކިބަސް ޤަބޫލުނުކުރެވޭކަމަށް ޝަހީމްވެސް ވިދާޅުވިއެވެ. އަދި ވީޑިޔޯތަކުން ފެނުނު މީހުން މޫނު ނިވާކޮށްފައިވާއިރު ފަހުން މޫނުގައި އަޅާފައިވާ މޫނުމަތި ބަދަކުރެވޭނެކަމަށް ޤަބޫލުކުރައްވަންތޯ އެއް ހެކިވެރިއެއް ކަމުގައިވާ ސިފައިންގެ ޕްރައިވެޓް ސޯލިހު މޫސާއާއި ސުވާލުކުރެއްވިއެވެ. ޖަވާބުގައި ސޯލިހު ބުނެފައިވަނީ އެގޮތަށް ކަންތައްކުރެވިދާނެކަމަށެވެ.

ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަބްދުﷲ ޢަލީއަށް މީގެ ކުރިވެސް ގިނަ ޙުކުމްތަކެއް ކޮށްފައިވެއެވެ.

 

 

އަންހެން ކުއްޖެއްގެ ގައިގާ ކަޓަރުއަޅާ މާރާމާރީ ހިންގަންއުޅުނުކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި


އަބްދުއްރަހްމާން

އަންހެން ކުއްޖެއްގައިގައި ކަޓަރު އަޅާ މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރޭވޭ މީހަކު ސިފައިން ރޭ ހައްޔަރުކޮށްފިއެވެ. މީނާ ހައްޔަރުކޮށް ބަލާ ފާސްކުރުމުގެ ތެރޭ މީނާ އަތުން ވަގަށްނާގައިފައިވާ ތިން ޕާސްޕޯރޓް ފެނިފައިވާކަމަށްވެސް ސިފައިން ބުނެއެވެ. އެހެންނަމަވެސް މީ ކާކުކަމެއް އަދި މީނާ މި މާރާމާރީ ހިންގަން އުޅުނީ ކޮންތާކުކަމެއް އެމްއެންޑީއެފްއިން ބަޔާންކޮށްފައެއް ނެތެވެ. މާލެތެރޭ ހިންގާ މަރާމަރީތައް ހުޢްޓުވުމަށް ސިފައިން ހިންގާ ހާއްސަ އޮޕރޭޝަންގައި ވޭތުވެދިޔަ 24 ގަޑިރުތެރޭވެސް ދެމީހަކު ތޫނު ހަތިޔާރާއެކު ސިފައިން ހައްޔަރުކޮށްފައިވެއެވެ. މި އޮޕރޭޝަނަށް ހަފްތާއެއްވީ އިރު ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ 63 އަކަށް އަރާފައެވެ. މީގެ ތެރެއިން 7 މީހުން އިތުރު ތަހްގީގަށް ފުލުހުންނާއި ހަވާލްކޮށްފައިވާއިރު ދެން ބާކީ ތިބި އެންމެންވަނީ ނަސޭހަތްދިނުމަށް ފަހު ދޫކޮށްލާފައިކަމަށް ސިފައިންބުނެއެވެ. ނަސޭހަތްދިނުމަށްފަހު ދޫކޮށްލާ މީހުންގެ ހަރަކާތްތައް ބާލަ މޮނީޓަރ ކުރާކަމަށް ސިފައިންބުނެއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެރޭ ހިނގި މާރާމާރީއެއްގައި ސީރިއަސް ޒަހަމްތަކެއްވި 14 އަހަރުގެ ކުއްޖާ ކޯމާއެއްގައި އޮންނަތާ ހަތްދުވަސްފަހުން މިދިޔަ ހުކުރު ދުވަހުގެރޭވަނީ މަރުވެފައެވެ. މިދިޔަ އަހަރު ފަހު ކޮޅުވެސް މާލެތެރޭ ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ޒަހަމްވި 22 އަހަރުގެ އަލީ އިޝްހާރުވެސް ވަނީ ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ.

ސިފައިންގެ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ އަންނި ބައްދަލުކުރައްވައިފި

އިސްމާއިލް

އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ސިފައިންގެ ދާއިރާގައި ދިވެހިންނަށް ގިނަ ދުވަސްތަކެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

އާދީއްތަދުވަހުގެ ރޭ 9:00 ގައި ނަސަންދު ހޮޓެލްގައި އޮތް މިބައްދަލުކޮށްލުމުގައި އަންނި ވިދާޅުވީ ސިފައިންނަކީ އެބޭފުޅުންގެ ފުރާނަ އަތްމަށްޗަށް ލައިގެން ގައުމުގެ ދިފާއުގަ ނުކުމެ ތިއްބެވި ބޭފުޅުންކަމަށް ވީނަމަވެސް ސަރުކާރުން ވަކިވުމަށް ފަހު އެބޭފުޅުން އެއްވެސް ތާކުން ތާކު ނުޖެހޭ ބައެއްގެ ގޮތުގަ މަގުމައްޗަށް އެއްލާލައިފަ ވާކަމަށެވެ. އަދި ގައުމަށް އެފަދަ އަގުބޮޑު ހިދުމަތް ތަކެއް ކޮށްދީފައިވާ ބޭފުޅުންގެ އަގު، ސަރުކާރުން އެއްގޮތަކަށްވެސް ވަޒަން ނުކުރާކަން އަންނި ފާހަގަ ކުރެއްވިއެވެ.

ރޭބެއްވި މިބައްދަލުކޮށްލުމުގައި އަންނި ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ރާއްޖެއަށް މިފަދަ އަގުބޮޑު ހިދުމަތްތައް ކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރައްވާނެ ކަމަށާއި، އެގޮތުން އެފަދަ ބޭފުޅުންނަށް ހިދުމަތުގެ ޕެންޝަނެއް ދެއްވާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮންނަ ފަދައިން ކުރިން ސިފައިންގޭގައި އުޅުއްވި ބޭފުޅުން އިސްނަންގަވައިގެން ސިފައިންގޭގައި ހިދުމަތް ކޮށްދެއްވި މީހުންގެ ޖަމިއްޔާއެއް އުފައްދަވާނެކަމަށް އުއްމީދު ކުރައްވާކަމަށް އަންނި ވިދާޅުވިއެވެ.

ކުރީގެ ސިފައިންގެ ތެރޭގައި އުޅުއްވި ބޭފުޅުންނާއެކު އަންނި ބޭއްވި މިބައްދަލުކޮލުމުގައި ބައިވެރިވެލެއްވި އެމްޑީޕީގެ ހިޔަނި ކެބިނެޓުގެ ޑިފެންސް މިނިސްޓަރ އަދި ކުރީގެ ސިފައިންގޭގެ އިސް ބޭފުޅެއްކަމަށްވާ އަމީން ފައިސަލް ވިދާޅުވީ ރޭގެ ބައްދަލުވުމަށް ދައުވަތު އެރުވި ބޭފުޅުންގެ ތެރޭން ހުރިހާ ބޭފުޅުންހެން ވަޑައިގެން ކަމަށާއި، އޭގެ ތެރޭގައި މުހައްމަދު އަމީން ދައުރުން ފެށިގެން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނި ވަޑައިގަންނަވާކަމަށެވެ. އަދި ސިފައިންގޭގެ އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ކަމަށްވެސް އަމީން ފައިސަލް ވިދާޅުވިއެވެ.

30 އަށް ވުރެ ގިނަ ކުރީގެ ސިފައިން ވަޑައިގެންނި މިބައްދަލުވުމުގެ އެއް ބައިވެރިއެއް ކަމަށްވާ، ކުރީގެ ސިފައިގެ ޕްރައިވެޓް ރޭންކުގައި 7 އަހަރާއި 6މަސްދުވަހު ހިދުމަތް ކުރައްވި މޫސާ އިސްމާއީލު މިބައްދަލުވުމާ ބެހޭގޮތުން މިނިވަނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ ފަރާތްތަކާއެކު މިގޮތަށް ބައްދަލުވާ ބައްދަލުވުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށާއި، އަދި ރޭގެ ބައްދަލުވުމުގައި މުހައްމަދު ނަޝީދު (އަންނި) ދެއްކެވީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށެވެ. މިގެ އިތުރުން މޫސަ ވިދާޅުވީ ހިދުމަތުގެ އަގުވަޒަން ކުރުމަށް އެއްވެސް ކަހަލަ ކަމެއް ސަރުކާރުން އޭނާއަށް ކޮށްދީފައި ނުވާކަމަށެވެ.

 


ސިވިލް ސާވިސް އިސްލާހުތައް ފޭލިވުމުގެ ސަބަބަކީ ތަސްމީނުގެ ނުފޫޒުން ޑީއާރުޕީގެ ކޮންގްރެސްގައި ކަތީބުން އޭނާއަށް ވޯޓުލާނެކަމަށް ޑީއާރުޕީގެ އެހެން މެންބަރުން ދުށުންކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއްޖެ

އަބްދުއްރަހްމާން

     މިހިނގާމަހު 1 ވަނަ ދުވަހު ސަރުކާރުން ހުށަހެޅި ސިވިލް ސާވިސް ބިލު މަޖިލީހުން ބޭރުކޮށްލުމުގެ ބަދަލުގައި ޑީ.އާރް.ޕީ އަށް ނިސްބަތްވާ މެންބަރުންގެ ޚިޔާލު އެއްގޮތްވިނަމަ، އެ ބިލު ބަލައިގަތުމަށް އެދުވަހު ނިމިގެން ދިޔައީސްކަމަށް އިންފޮމޭޝަން މިނިސްޓަރު އޭނާގެ ބްލޮގްގައި ހޯމަދުވަހު ލިޔުއްވައިފިއެވެ.

     "ކިތަންމެ ސަބަބުތަކެއް ރަސްމީގޮތުން ހުށަހެޅިގެން ދިޔަނަމަވެސް، އެއިން އެއް ސަބަބަކަށްވުރެވެސް ބޮޑު އެހެން ސަބަބެއްވެއެވެ. އެއީ، ކަތީބުން، ސިވިލް ސަރވިސްއިން ބޭރުކުރުމަށް ހުށަހަޅާފައި އޮތްއޮތުން މާނަކުރެވިގެން ދިޔަގޮތެވެ. ރަސްމީގޮތުން ދައްކަމުންދިޔަ ޙުއްޖަތަކީ، ރިޔާސީ އިންތިޚާބަށް ވޯޓު ހޯދުމުގައި ނުފޫޒު ފޯރުވާނެ ވާހަކައެވެ. އެހެނަސް ޙަޤީޤަތަކީ، އެއެއް ނޫނެވެ. ޙަޤީޤަތަކީ، އަންނަން އުޅޭ ޑީ.އާރް.ޕީގެ ކޮންގްރެސްގައި، ރިޔާސީ ކެންޑިޑޭޓަކަށް މީހަކު ހޮވުމުގައި، އަތޮޅުތަކުގެ ގޮފިތަކުން ހާޒިރުވާ މެންބަރުންގެ ތެރޭގައި ކަތީބުން ހިމަނައިގެން މިހާރުގެ އެޓޮލްސް މިނިސްޓަރު ނޭދެވޭ ފައިދާއެއް ނެންގެވުމަށް މަސައްކަތެއް ކުރައްވަނީކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވެން ފެށުން" ކަމަށް މިނިސްޓަރު ނަޝީދު ލިޔުއްވައެވެ.

މިނިސްޓަރު ނަޝީދު ބަޔާންކުރައްވާފައިވަނީ "ޑިމޮކްރަސީއާ ދެކޮޅުވުމާއި، ސިވިލް ސަރވިސްއާ މަޝްވަރާނުކުރުމާއި، އިންސާނީ ޙައްޤުތަކުގެ އުސޫލާ ދެކޮޅުވުމަކީ، ޢާންމުންގެ ކުރިމަތީގައި ބޭނުންކުރެވުނު ޙުއްޖަތެކެވެ. ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތް އަޅުގަނޑު މިދެންނެވީއެވެ. އެކަންވީ އެހެން" ކަމަށެވެ.

"ރަސްމީގޮތުން ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ފޭލިވީ، އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ބޭނުންވާ 26 ވޯޓު ނުލިބުމުންނެވެ. ބިލު ފާސްވުން ނުވަތަ ނުވުން އެއީ އަދި ފަހުގެ މަރުޙަލާއެއްގައި ހިނގާނެކަމެކެވެ. އެ ބިލު ބަލައިގަތުމަށް، ޑީ.އާރް.ޕީއަށް ނިސްބަތްވާ، ސަރުކާރާ ގުޅުންހުރި މެންބަރުން ވޯޓު ނުދެއްވި ސަބަބު އެންމެބޮޑަށް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށެވެ. އަމިއްލަ ސިޔާސީ، ސަބަބުތަކަކަށް އެ ސަބަބުތައްވުން ވަރަށް އެކަށީގެންވެއެވެ. އެހެންނަމަވެސް، އެ ބޭފުޅުންގެ ވޯޓު ލިބުނުނަމަ، ބިލު މަޖިލީހަށް ބަލައިގަންނަން ފާސްވީސްކަން ކަށަވަރު" ކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއެވެ.

     ކަތީބުން ސިވިލް ސާވިސްއިން އިސްތިސްނާކުރުމަށް ސަރުކާރުން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވަނީ ޤާނޫނުއަސާސީއަށް ބަދަލު އަންނަމުންދާ މިދަނޑިވަޅުގައި ޤާނޫނުއަސާސީ ތަސްދީޤުކުރުމަށްފަހު، ޤާނޫނުއަސާސީގައި ބުނެފައިވާ މުސްތަޤިއްލު މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްވުމުގެކުރިންވެސް، ޤާނޫނުއަސާސީގައިވާ ގޮތަށް އެމުއައްސަސާތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުންނާއި ޤާނޫނުއަސާސީ ތަސްދީޤުކުރުމާއެކު އެމުއައްސަސާތަކުގެ މުވައްޒަފުންނާގުޅޭ ކަންތައްތައް އެމުއައްސަސާތަކާ ޙަވާލުކުރުމަށްޓަކައި އެމުއައްސަސާތަކުގައި ހިމެނޭ މީހުންނަކީ ސިވިލް ސަރވިސްގައި ނުހިމެނޭ ބައެއްކަމަށް ހެދުން މުހިންމުކަމެއްކަމަށް ސަރުކާރުން ދެކިވަޑައިގަންނަވާ ކަމަށެވެ.

"މިގޮތުން ސިވިލް ސަރވިސްގައި ނުހިމެނޭނެކަމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނާއި، ޤާނޫނު ހެދުމުގެ ބާރުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންނާއި، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުގެ މުވައްޒަފުންނާއި، އެންޓި-ކޮރަޕްޝަން ބޯޑުގެ މެންބަރުންނާއި މުވައްޒަފުންނާއި، ކަތީބުންގެ މަޤާމުތަކުގައި ތިބި މީހުންނާއި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނެއްގެ ދަށުން އެކުލަވާލެވޭ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުވައްޒަފުން" ކަމަށް ސަރުކާރުން ބަޔާންކުރިއެވެ.

މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރު ނަޝީދު މިއިސްލާހުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސް އޮފީހަށް ފޮނުވި ލިޔުމުގައި ކަތީބުން އިސްތިސްނާވާކަމަށް ލިޔުއްވާފައެއް ނުވެއެވެ. ކަތީބުގެ އަކުރު އިސްތިސްނާގެ ލިސްޓަށް އިތުރުކުރީ، މިލިޔުން ރައީސް އޮފީހަށް ދިޔަފަހުން ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި އެޓްލްސް މިނިސްޓަރު ތަސްމީނު އަލީގެ ނުފޫޒުންކަމަށް ވެއެވެ.

 

 

 

ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމުގެ ބާރު ޖަސްޓިސްއަކަށް ލިބިގެނެންނުވޭ – ހޯރަފުށީ ކޯޓުގެ ކުރީގެ ކާތިބާ


މުހައްމަދު އަޝްރަފް

 

ހއ ހޯރަފުށީ ކޯޓުގެ ކާތިބާއަކަށް ހުރި އެރަށު އަސްރަފީގޭ ޒުނޭރާ މުހައްމަދު ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ޖަސްޓިސް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމާއި އެދައުވާއަށް އިންކާރު ކުރައްވާ ކަމަށް ދައުލަތުން މިއަދު ވިދާޅުވެއްޖެއެވެ.

މަދަނީ ކޯޓުގައި މިދައުވާ ހުށަހަޅުއްވާ ދެއްވަމުން މިމަހުގެ 2 ވަނަ ދުވަހު ޒުނޭރާ ވިދާޅުވީ 14 އޮކްޓޫބަރު 2002 ގައި އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލިބިވަޑައިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.

ނަމަވެސް މިދައުވާއަށް ޖަވާބު ދެއްވަމުން ދައުލަތުން މިއަދު ވިދާޅުވީ ޒުނޭރާ ވަޒީފާއިން ވަކިކުރައްވާފައިވަނީ އޭނާގެ އަމަލުތައް ރަނގަޅު ކުރުމަށް ނަސޭހަތްދީ އެ ނަސޭހަތްތައް ގަބޫލުނުކޮށް އޭނާގެ އުޅުން ރަނގަޅުކޮށްފައިނުވާތީ ކަމަށެވެ. ދައުލަތުން ވިދާޅުވީ ތަނުގެ މަސްލަހަތު ގެއްލޭ ގޮތަށް ޒުނޭރާ އަމަލުކޮށްފައިވާތީ ލިޔެކިޔުމުން އޭނާއަށް އެތައް އިންޒާރެއް ދެވިފައިވާ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިންޒާރުދެވި ސަރުކާރު މުވައްޒަފުންނާ ބެހޭ ގަވއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ. 

އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުން ޒުނޭރާ މިއަދު ވިދާޅުވީ ކޯޓުގެ މަސްލަހަތު ގެއްލޭ ގޮތަށް އޭނާ ކުރި ކަމެއް ދައުލަތައް ސާބިތުކޮށްދެވިފައިނުވާއިރު، ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމަށްޓަކައި އިންޒާރު ފޮނުއްވުމުގެ ބާރު ޖަސްޓިސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ. އަދި ބާރުގެ ބޭނުން ކޮށްގެން ޖަސްޓިސް މިނިސްޓްރީއަށް ލިޔެކިޔުންތަކެއް ހެދިދާނެ ކަމަށާއި ނަމަވެސް އޭގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށްވެސް ޒުނޭރާ ވިދާޅުވިއެވެ.

މިމަހުގެ 2 ވަނަ ދުވަހު މިމައްސަލަ ހުށަހަޅުއްވާ ދެއްވަމުން ޒުނޭރާ ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރައްވާފައިވަނީ ޑިސެމްބަރ 1992 ފެށިގެން ހއ ހޯރަފުށީ ކޯޓުގެ ކާތިބާއެއްގެ ވަޒީފާ އަދާކުރަމުން އައިސް ސީނިއަރ ކްލާކެއްގެ މަގާމުގައި އަހަރީ ޗުއްޓީގައި ހުއްޓައިކަމަށެވެ. އަދި މިދައުވާ ކުރެއްވީ ސަރުކާރު މުވައްޒަފުންގެ ގަވައިދާ ހިލާފަށް ވަޒީފާއިން ވަކިކުރައްވާފައިވާތީ ވަޒީފާ މެދުކެނޑިގެން ދިއުމުގެ ސަބަބުން ގެއްލިގެން ދިޔަ މުސާރައާއި ކެންސަލް ޗުއްޓީ އާއި ރަމަޟާން އިނާޔަތާއި މެޑިކަލް އެލަވަންސާއި އިތުރު ގަޑީގެ އިނާޔަތުގެ ބަދަލަށް ލިބެންޖެހޭ 193172.99 (އެއްލައްކަ ނުވަދިހަ ތިން ހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ ނުވަދިހަ ނުވަލާރި) ލިބިދިނުމާއެކު ވަޒީފާ އަލުން ލިބިދިނުމަށް އެދި ކަމަށެވެ.

ޒުނޭރާ ވަޒީފާއިން ވަކިކުރުމަށްޓަކައި ތަފާތު އިންޒާރުތައް ދީފައިވަނީ ހޯރަފުށީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަބްދުﷲ ރަޝީދު ކޯޓުގެ ފައިސާތަކަކަށް ހިޔާނަތްތެރިވެވަޑައިގަތް މައްސަލަ އެންޓި ކޮރޮޕްޝަން ބޯޑަށް އޭނާ ހުށަހެޅުމާ ގުޅިގެން ކަމަށްވެސް ޒުނޭރާ މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމައްސަލަ އެންޓިކޮރޮޕްޝަން ބޯޑުން ބެއްލެވުމަށްފަހު އަބްދުﷲ ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅުއްވާފައިވާ ކަމަށެވެ. އަދި މިމައްސަލާގައި މެޖިސްޓްރޭޓް ޖަސްޓިހުގައި ޝަކުވާތަކެއް ކޮށްފައިވާތީ އޭނާ ޖަސްޓިސް މިނިސްޓްރީއަށް ހާޒިރުކޮށް ބަޔާނެއް ނެންގެވި ކަމަށްވެސް ވިދާޅުވިއެވެ.

ޒުނޭރާ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މެޖިސްޓްރޭޓް ކޮށްފައިވާ ހިޔާނާތުގެ މައްސަލާގެ ހެއްކާއި ގަރީނާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

   


 

އައިނާ ކުންފުނިން ތާޖުއްދީން ސުކޫލާ ދެކޮޅަށް ކުރާ ދައުވާގެ މައްސަލަ

މަސައްކަތާ ހަވާލުވެތިބި ދެމީހުން ހާޒިރުކޮށް ހެކިބަސް ނަންގަވައިފި

މުހައްމަދު އަޝްރަފް

 

ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދަން އަމިއްލަ ކުންފުންޏެއް ކަމުގައިވާ އައިނާ ވުޑްވޯކްސްއިން ތާޖުއްދީން ސްކޫލާ ދެކޮޅަށް ކުރާ ދައުވާއާ ގުޅިގެން ތާޖުއްދީން ސްކޫލު އިމާރާތްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަންގަވައިފިއެވެ.

މިއަދު ކޯޓަށް ހާޒިރު ކުރެވުނު ދެ މީހުންނަކީ އައިނާ ވުޑްވޯކްސްއިން ތާޖުއްދީން ސްކޫލުގެ މަސައްކަތް ސަބް ކޮންޓްރަކްޓުކޮށްފައިވާ ޑިއު ކޮންޓްރަކްޓިން ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުﷲ ވަސީމާއި އެކުންފުނީގެ ފަރާތުން ތާޖުއްދީންގައި މަސައްކަތް ކުރަމުންދިޔައިރު އެތަނުގައި ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު ޒަކީއެވެ.

ޑިއު ކޮންޓްރަކްޓިން ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރު އަބްދުﷲ ވަސީމު މިއަދު ބުނީ އެކުންފުނީގެ ފަރާތުން ތާޖުއްދީން ސްކޫލު އިމާރާތުގެ ބޮޑު ކޮޓަރިއެއްގެ ޝީޓު އެއްކޮށް ތަޅާލައި އެތަނުގައި ހުރި ދަނގަޑުތައް ބަދަލުކޮށް އަލުން ޝީޓް އަޅަން ތައްޔާރުވެފައި އޮއްވައި މަސައްކަތް ހުއްޓާލުމަށް ތާޖުއްދީން ސްކޫލުން އަންގާފައިވާ ކަމަށެވެ. އަދި އެތަނުގައި އެކުންފުނީގެ ފަރާތުން މަސައްކަތް ކުރަމުން ގެންދިޔައީ ސްކޫލުގައި ކިޔަވައިދޭ ވަގުތުތަކަށް ބަލައިގެން ކަމަށްވާތީ އެގްރީމެންޓުގައިވާ މުއްދަތަށް މަސައްކަތް ނުނިންމޭނެ ކަމަށްވެސް ބުންޏެވެ.

އޭނާ ބުނީ މިމައްސަކަތާ ހަވާލު ވެހުރި ކޮންސަލްޓެންޓުގެ ބަހެއް ނުލިބޭތީ ޝީޓު އެޅުމަށް ތަކެތި ތައްޔާރުކޮށްފައިވެސް އެމަސައްކަތް ފެށިފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ފަހުން ކޮންސަލްޓެންޓު ހޯދިއިރު އޭނަ ފުރައިގެން ގޮސްފައިވާ  ކަމަށާއި އެކަމުގެ ސަބަބުން އެތަނުގައި ކުރި މަސައްކަތުގެ ފައިސާވެސް ނުލިބިވާ ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް ބޭނުންކުރި ސާމާނާއި ތަންތަނުން ކުއްޔަށް ގެނެސްފައިހުރި ތަކެތިވެސް އެކުންފުންޏަށް އަނބުރާ ލިބިފައިނުވާ ކަމަށާއި އެތަކެތީގެ ކުއްޔަށްވެސް މިހާރު އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ އަރައިގެން ގޮސްފައިވާ ކަމަށް ބުންޏެވެ.  

"އަދި މިހާތަނަށްވެސް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ އެކަމު ދެއްވާތަނެއް ނާދޭ" އަބްދުﷲ ވަސީމު ބުންޏެވެ.

މިމައްސަލާގައި މިދިޔަ މާރޗު މަހުގެ 2 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ވަކީލު މަސްތޫރު ހުސްނީ ވިދާޅުވީ ހެކިންގެ ގޮތުގައި އައިނާ ކުންފުނީގެ ފަރާތުން ދެ ހެކިން ހުށަހެޅުމަށް އެދޭ އެދުމަށް އިންކާރުކުރާކަމަށެވެ. އޭނާ ވިދާޅުވީ މިމަސައްކަތަށް ވެފައިވާ އެއްބަސްވުގައި ވަކި މުއްދަތެއްގެ ތެރޭގައި ނުނިމިއްޖެނަމަ މަސައްކަތް އަތުލުމަށް ލިޔެފައިވާނެކަމަށާއި އެހެންކަމުން އެ އެއްބަސްވުމުން އެކަން ސާބިތުވާން އޮންނައިރު، ހެކިން ހާޒިރުކޮށްގެން ހެކިބަސް ނަގަން ނުޖެހޭނެކަމަށެވެ.

އަދި އައިނާއިން ހޯދަން ހުށަހަޅާފައިވާ ފައިސާއަކީ އެއްބަސްވުމާ ހިލާފަށް ފޮނުވާފައިވާ ބިލުތަކެއްކަމަށްވެސް ވިދާޅުވިއެވެ.  އަދި އެކުންފުނިން ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރި އިރު، ބަހަށްޓާފައި ހުއްޓާ ގެއްލިގައިވާކަމަށް ބުނާ ތަކެތި ގެއްލިފައިވާނަމަ އެއީ ތާޖުއްދީން ސުކޫލުން ޒިންމާވާން ޖެހޭނެ ކަމެއް ނޫންކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

 

ޚާއްސަ މަޖިލީހުން އާދީއްތަދުވަހު ފޭލިކޮށްލި އިންތިގާލީ ބާބުގެ މުހިންމު ހުށަހެޅުންތައް

ތިރީގައި މިވަނީ 13 އޭޕްރީލް 2008 ވީ އާދީއްތަދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުމުގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވާ ވަޒީރު ބޭފުޅުންނާއި އެޕާޓީގެ އެހެނިހެން މަޖިލިސް މެންބަރު ކަނޑައެޅިގެން ވޯޓުނުދެއްވުމުގެ ސަބަބުން ފޭލިވި މުހިންމު ހުށަހެޅުންތަކެވެ.

 

18 ވަނަ ހުށަހެޅުން (ޝާހީން ހަމީދުގެ)

ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ކުށްތައް

އިދާރީމޭޒުން އިއްވެވުން:

މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޝާހީން ޙަމީދު ހުށަހަޅުއްވާ، ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު މުޢިއްޒު ތާއީދުކުރައްވާފައިވާ ހުށަހެޅުން. ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ކުށްތައް. މިޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެކުރިން ކުށަކަށް އަދަބު ކަނޑައެޅިގެން ޙުކުމްތަންފީޒު ކުރަމުން ގެންދާ މީހުންގެ ތެރެއިން މިޤާނޫނުއަސާސީއާ ތަޢާރުޟުވާ ކުށަކަށް ޙުކުމް ކަނޑައެޅިފައިވާ މީހުން މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފަށާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި މިނިވަންކޮށް ދޫކޮށްލަންވާނެއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު.

ތާއީދުކުރެއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު މުޢިއްޒު.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 99

ވޯޓު ދެއްވީ: 34

ވޯޓު ނުދެއްވާ: 04

ވަކިގޮތަކަށް ވޯޓުނުދެއްވާ: 47

 

21 ވަނަ ހުށަހެޅުން (އަހްމަދު ނާޝިދުގެ)

ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް؛

އިދާރީމޭޒުން އިއްވެވުން:

ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. ވެރިކަން ހިންގާ ފަރާތުގެ ޒިންމާތައް؛ ދެން އޮންނަ ރިޔާސީ އިންތިޚާބެއް ބާއްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހާ މަޤާމާއި ޙަވާލުވަންދެން ވެރިކަން ހިންގާ ފަރާތުން އަންނަނިވި މަސްއޫލިއްޔަތުތައް އުފުލާންވާނެއެވެ. 1- ދުވަހުން ދުވަހަށް އާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި އާދައިގެ މަތިން ކުރާކަންތައްތަކެއް ކުރުން. 2- ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިއިރު ވެރިކަން ހިންގާ ފަރާތުން ފަށްޓާފައިވާ މަޝްރޫޢުތަކާއި މަސައްކަތްތައް ކުރިއަށްގެންދިއުން. 3- ރައްޔިތުންގެ މަޖިލީހުގެ ރުހުމެއްނެތި އެއްވެސް ފަރާތަކަށް ދައުލަތުގެ މުދަލެއް ކުއްޔަށްދީ، ރަހުނުކޮށް، ވިއްކާ ނުވަތަ މިނޫންވެސް ގޮތަކަށް ދޫކޮށްލައިގެން ނުވާނެއެވެ. މިޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށިއިރު، ޢަމަލުކުރަންފެށި ޤާނޫނެއްގެ ދަށުން ވެރިކަންކުރާ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. 4- ޤާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކާއި މިނިވަންކަމާގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމާއި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ އުސޫލުތައް ކަނޑައެޅިފައިވަނީ ކޮންކޮން މަޤްސަދެއް ޙާޞިލްކުރުމަށްކަން ރައްޔިތުންނަށް އަންގައިދިނުމާއި މިކަންކަމާބެހޭ މަޢުލޫމާތު ދިނުން. 5- އިންތިޚާބުތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށްދީ މަޢުލޫމާތުދިނުން. 6- ވެރިކަން ހިންގާ ފަރާތުން އާ މަޤާމުތައް އުފައްދައި، މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުންދީ ހަދައިގެންނުވާނެއެވެ. ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ ދަށުން މަޤާމުތައް އުފައްދައި މަޤާމުތަކަށް މީހުން ޢައްޔަންކޮށް މަޤާމުގެ ކުރިއެރުން ދިނުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ. 7- ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަޝްޢޫލްވެގެން ތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން. 8- ޤާނޫނުއަސާސީ ހިންގުމާއި ތަންފީޛުކުރުން.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.

ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލު މެންބަރު ޙަސަން ޢަފީފް.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 97

ވޯޓު ދެއްވީ: 42

ވޯޓު ނުދެއްވާ: 06

ވަކިގޮތަކަށް ވޯޓުނުދެއްވާ: 38

 

22 ވަނަ ހުށަހެޅުން (އަހްމަދު ނާޝިދުގެ)

ގާނޫނު އަސާސީއާ ތައާރަޒުވާ މައްސަލަތައް އުވުން

އިދާރީމޭޒުން އިއްވެވުން:

ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން އަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. ޤާނޫނުއަސާސީއާއި ތަޢާރުޟުވާ މައްސަލަތައް އުވުން. ދައުުލަތުން އުފުލާ ނުނިމިވާ މައްސަލަތަކުގެ ތެރެއިން ޤާނޫނުއަސާސީއާއި ތަޢާރުޟުވާ ޤާނޫނެއްގެ ދަށުން އުފުލިފައިވާ މައްސަލަތައް ބާޠިލްވާނެއެވެ. އަދި އަމައްސަލަތައް އަނބުރާ ގެންދަންވާނެއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.

ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލު މެންބަރު ޙަސަން އަފީފް.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 94

ވޯޓު ދެއްވީ: 40

ވޯޓު ނުދެއްވާ: 05

ވަކިގޮތަކަށް ވޯޓުނުދެއްވާ: 42

 

23 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ ހުށަހެޅުން)

އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓި ކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން އިދާރީ ދާއިރާތައް ހިންގުން.

އިދާރީމޭޒުން އިއްވެވުން:

ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު، ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާ، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޙަސަން ޢަފީފް ތާއީދުކުރައްވާފައިވާ ހުށަހެޅުން. އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓި ކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން އިދާރީ ދާއިރާތައް ހިންގުން. (ހ)  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މި ޤާނޫނުއަސާސީގެ ލާމަރުކަޒީގެ އުސޫލުން ހިންގުން، މިބާބުގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް، އެކައުންސިލްތައް މަސްޢޫލިއްޔަތާ ޙަވާލުވަންދެން ޤާނޫނުއަސާސީއަށް ޢަމަލު ކުރާންފަށާއިރު އަތޮޅުވެރިއެއްގެ ގޮތުން އަތޮޅު އޮފީހަކާ ޙަވާލުވެ ހުރި ކޮންމެ މީހަކާއި ރަށުއޮފީސްތަކުގައި ތިބި ރަށްރަށުގެ ބޮޑުކަތީބުންނާއި ކަތީބުންނާއި ކުޑަކަތީބުން، އަދި މާލޭ މުނިސިޕަލްޓީގެ ރައީސާއި މާލޭގެ އަވަށު އޮފީސްތައް ހިންގުމާ ޙަވާލުވެ އެންމެ އިސްކޮން ހުރި ސަރުކާރު މުއައްޒަފަކު (ސިވިލް ސަރވަންޓް) އެބައި މީހުންގެ މަސްޢޫލިއްޔަތާއި ވާޖިބުތައް އަދާ ކުރުންމަތީ ދެމި ތިބޭން ވާނެއެވެ. މާލޭގެ އަވަށްތައް ޖަވާބުދާރީ ވާނީ މާލޭ މުނިސިޕަލްޓީއަށް އެކަންޏެވެ. (ށ) އަތޮޅު ވެރީންނާއި ރަށްރަށުގެ ވެރީން އަދި މާލޭގެ މުނިސިޕަލްޓީގެ ރައީސާއި އަތޮޅުވެރިން އެއްވެސް ސިޔާސީ ޙަރަކާތްތަކެއްގައި ބައިވެރިވެގެންނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކަށް ތަފާތުކޮށް އެހީވެދީ އަދި އެއްވެސް ސިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ހުރަސް އަޅައިގެންނެއް ނުވާނެއެވެ. އަދި އެއްވެސް މީހެއްގެ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ނުވާނެއެވެ. އިންތިޚާބުތަކާބެހޭ ކަންތައްތަކުގައި އަތޮޅުވެރީންނާއި ރަށްރަށުގެ ވެރީން ލަފަޔާއި އިރްޝާދު ހޯދާނީ އަދި ޖަވާބުދާރީވާނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން އަށެވެ. (ނ) މާލޭ މުނިސިޕްލްޓީގެ ރައީސާއި އަތޮޅު އަތޮޅުގެ އިތޮޅުވެރީންނާއި ރަށްރަށުގެ ވެރީން ހިމެނޭނީ ސިވިލް ސަރވިސްގެ ތެރޭގައިއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު،

ނިލަންދެއަތޮޅު ދެކުނުބުރީ މެންބަރު އަޙްމަދު ނާޝިދު.

ތާއީދުކުރެއްވި މެންބަރު: ކޮޅުމަޑުލުގެ މެންބަރު ޙަސަން ޢަފީފް.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 98

ވޯޓު ދެއްވީ: 34

ވޯޓު ނުދެއްވާ: 05

ވަކިގޮތަކަށް ވޯޓުނުދެއްވާ: 45

 

26 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބުން

އިދާރީމޭޒުން އިއްވެވުން:

ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާ މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާބު ތާއީދުކުރައްވާފައިވާ ހުށަހެޅުން؛ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބުން، (ހ)- މިބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް މިޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވެންދެން މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އިންތިޚާބުކޮށްފައި، މިހާރު ތިބި މެންބަރުންގެ ތެރެއިން މިޤާނޫނުއަސާސީގެ ... ވަނަ މައްދާ  ("ރައްޔިތުންގެ މަޖިލިސް" މިބާބުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޤާމެއް އަދާކުރަމުންނުދާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބައިމީހުންގެ މަޤާމުގައި ދެމިތިބެވޭނެއެވެ. (ށ)- މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޤާމުގައި ދެމިތިބޭއިރު، ޤާނޫނުއަސާސީގެ ... ވަނަ މާއްދާ ( "ރައްޔިތުންގެ މަޖިލިސް" މިބާބުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަޤާމެއް އަދާކުރަމުން ގެންދިއުމުގެ ސަބަބުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެނަމަ، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި 1 (އެއް) މަސްދުވަހުގެ ތެރޭގައި ބައިއިލެކްޝަނެއް ބާއްވައި، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާންވާނެއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.

ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 99

ވޯޓު ދެއްވީ: 22

ވޯޓު ނުދެއްވާ: 13

ވަކިގޮތަކަށް ވޯޓުނުދެއްވާ: 58

 

27 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުން.

އިދާރީމޭޒުން އިއްވެވުން:

ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަމީރު ހުށަހަޅުއްވާ މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާބު ތާއީދުކުރައްވާފައިވާ ހުށަހެޅުން. އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުން. ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހުން ފެށިގެން ލަސްވެގެން ތިން މަސްދުވަހު ތެރޭގައި ޤާނޫނުއަސާސީގެ އަށްވަނަ ބާބު، "ލާމަރުކަޒީ އުސޫލުން ހިންގުން" ގައިވާ ކައުންސިލްތައް ހިންގުމަށް ބޭނުންވާ މަޤާމުތަކަށް ޤާނޫނުގައިވާ ގޮތުގެމަތިން މެންބަރުން އިންތިޚާބުކުރާންވާނެއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.

ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 94

ވޯޓު ދެއްވީ: 36

ވޯޓު ނުދެއްވާ: 02

ވަކިގޮތަކަށް ވޯޓުނުދެއްވާ: 48

 

28 ވަނަ ހުށަހެޅުން (އަހްމަދު ސަމީރުގެ)

ރިޔާސީ އިންތިޚާބު

އިދާރީމޭޒުން އިއްވެވުން:

ތިލަދުންމަތީ އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ސަމީރު ހުށަހަޅުއްވާ، މާޅޮސްމަޑުލު އުތުރުބުރީގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު، މާލޭގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޝިހާާބު، ތާއީދުކުރައްވާފައިވާ ހުށަހެޅުން. ރިޔާސީ އިންތިޚާބު. ޤާނޫނުއަސާސީ ތަޞްދީޤުކުރާ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި މިހާރު ހުރި މީހެއްގެ ދައުރު ހަމަވުމުގެ ސަތޭކަވިހި ދުވަހާއި ތިރީސް ދުވަހާއި ދެމެދުގައި ލަސްވެގެން އިންތިޚާބު ބާއްވާ އެ މަޤާމަށް މީހަކު އިންތިޚާބުކުރާންވާނެއެވެ.

 

ވޯޓުގެ ނަތީޖާ:

ހުށަހެޅުއްވި މެންބަރު: ތިލަދުންމަތީ އުތުރުބުރީ މެންބަރު އަޙްމަދު ސަމީރު.

ތާއީދުކުރެއްވި މެންބަރު: މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު، ކޮޅުމަޑުލު މެންބަރު ރިޔާޟް ރަޝީދު، މާލޭ މެންބަރު މުޙަންމަދު ޝިހާބު.

 

ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަދަދު: 91

ވޯޓު ދެއްވީ: 22

ވޯޓު ނުދެއްވާ: 03

ވަކިގޮތަކަށް ވޯޓުނުދެއްވާ: 55

 

ދައުލަތުގެ ތަކެއްޗާއި ވަޞީލަތްތައް ބެލެހެއްޓުމާއި ހިންގުމުގައި މަޝްޢޫލްވެގެން ތިބި މީހުން އެތަކެއްޗާއި ވަޞީލަތްތައް ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު މިބާބުގައި ބަޔާންކޮށްފައިވާ އިންތިޚާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ލިބިދިނުން. މީގެ ތެރޭގައި ދައުލަތުގެ މީޑިޔާގެ ވަޞީލަތްތަކުގެ ބޭނުން ހަމަހަމަގޮތުގައި ލިބިދިނުން – ނާޝިދުގެ ފާސްނުވި ހުށަހެޅުމެއް