Tuesday 15 April 2008

ބަނދަރުގެ މައްސަލާގައި މުއައްޒަފުންނާއެކު ރަސްދޫ ރަށުއޮފީސް ބަންދުކޮށްފި

އިސްމާއިލް

އަރި އަތޮޅު އުތުރުބުރީ އަތޮޅުވެރިކަންކުރާ ރަށް ކަމަށްވާ ރަސްދޫގެ ބަނދަރުގެ މައްސަލާގައި ރައްޔިތުން ނުކުމެ ރަށުއޮފީސް ބަންދުކޮށްފިއެވެ.

މިނިވަނަށް މައުލޫމާތުދިން ރަސްދޫ ރައްޔިތަކު ބުނީ އެރަށުގެ ބަނދަރުގެ ކަންތަކާމެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ވަނިކޮށް މިއަދު އެކަމާބެހޭ ޓީމެއް މާލޭން އައުމުން ރައްޔިތުން ނުކުމެ ރަށުއޮފީސް ބަންދުކުރީކަމަށެވެ. އަދި ރަށުއޮފީހުގެ ބަޔަކުން ކަރަންޓު ކަނޑާލާއފަވާކަމަށްވެސް އޭނާ ބުންޏެވެ

މިމައްސަލައާ ގުޅިގެން ރަސްދޫ ކަތީބު ޝުކޫރު ވިދާޅުވީ މިއަދު 10:30 އެހާކަންހާއިރު ރައްޔިތުން އޮފީސް ބަންދުކުރީ އެރަށުގެ ބަނދަރު ހެދުމަށް ސަރުކާރުން ހަމަޖައްސާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. ކަތީބު ވިދާޅުވީ ރަސްދޫގެ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށް، ކޮންސްޓްރަކްސަން މިނިސްޓްރީން ނުރަސްމީކޮށް ބުނެފައިވިއަސް، ރައްޔިތުން އެދެމުން ދަނީ އެކަން ކޮށްދޭނެކަން ކަށަވަރުވާ ލިޔުމެއް ދިނުމަށެވެ.

ރަސްދޫގެ ބަނދަރުގެ މައްސަލައާ ބެހޭގޮތުން ރަސްދޫގެ ރކ ކޮމެޓީގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ 2006 ވަނަ އަހަރުގެ ނިޔަލަށް އަތޮޅު ވެރިކަން ކުރާ ހުރިހާ ރަށްރަށުގެ ބަނދަރު ނިންމަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވީނަމަވެސް އަދިވެސް ރަސްދޫގެ ބަނދަރު ހެދޭގޮތް ވެފައި ނުވާކަމަށެވެ. އަދި މިހާރު އެރަށުގައި ސަރުކާރުން ހަދައި ދިނުމަށް ހަމަޖައްސާފައިވަނީ 750 ފޫޓުގެ ބަނދަރެއްކަމަށެވެ. އަދި ސަރުކާރުން އެތައްފަހަރަކު ސާރވޭކޮށް ކުރެހުންތައް ކުރަހާ، ބަނދަރު ހަދާނެ ގޮތަކާމެދު ރައްޔިތުންގެ ހިޔާލު ހޯދާފައިވާކަމަށާއި އެއިން ކޮންމެ ފަހަރަކު ރަށުއޮފީހާއި، ރަށްކުރިއަރުވާ ކޮމެޓީއާއި ރައްޔިތުން އެދިފައިވަނީ 1200 އަކަ ފޫޓުގެ ބަނދަރެއް ހެދުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެރަށުގެ ބަނދަރު 750 ފޫޓު ދިގުމިނުގައި ހަދާކަން އެނގުނީ މިއަދު ކޮންޓްރެކްޓަރުންނާއި ކޮންސްޓްރެކްޝަން މިނިސްޓްރީގެ ބޭފުޅުންނާއި، އަތޮޅުވެރިން ރަސްދޫއަށް ވަޑައިގެން އެރަށު ރކ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާ ދެއްވި މައުލުމާތުން ކަމަށެވެ. އަދި އެރަށުގެ ބަނދަރު ދެވަނަ ފޭހެއްގައި ބޮޑު ކުރެވިދާނެކަމަށް ބުނިކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރަސްދޫ ރައްޔިތުން ބޭނުންވަނީ 1200 އަކަ ފޫޓުގެ ގެ ބަނދަރެއްކަމަށާއި، ދެވަނަ ފޭހެއްގައި ނަމަވެސް ބަނދަރު ނިމޭއިރު 1200 ފޫޓް އޮންނާނެ ކަމުގެ ލިޔުމެއް ލިބިގެން ނޫނީ ރައްޔިތުން ރަށުއޮފީސް ދޫކޮށް ނުދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުން ނުކުމެ ރަށުއޮފީހުގައި ބަންދުކޮށްފައި ތިބީ ރަށުއޮފީހުގެ މުވައްޒަފުންނާއި، ރކ ކޮމެޓީގެ މެމްބަރުންނާއި، ބަނދަރު ކޮމެޓިއާއި، އަތޮޅުވެރިޔާއާއި އަތޮޅުވެރިޔާގެ އެހީތެރިޔާއާ އެކުކަމަށެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ 3 ބޭފުޅުންނާއި، އަމީން ކޮންސްޓްރަކްޝަންގެ ބޭފުޅެއްވެސް ރަށުއޮފީސް ތެރޭގައި ބަންދުކޮށްފައި ވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ރަށުއޮފީހުގައި އެފަރާތްތައް ބަންދުކޮށްފައި ވީނަމަވެސް އެމީހުންގެ ކެއުމުގެކަންތައްތައް ރައްޔިތުން ހަމަޖައްސައިދޭ ކަމަށާއި، އެމައްސަލަ ކޮންމެވެސް އެއްކޮޅެއްގައި ނުޖެހެނީސް އޮފީސް ދޮށުން ރައްޔިތުން ނުދާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރަސްދޫގެ ބަނދަރު ފެށޭނެކަމަށް ސަރުކާރުން އަންގާފައި ވަނިކޮށް، އެއަތޮޅުގެ އެންމެ މީހުން މަދު ރަށުގެ ބަނދަރު ނިންމާދެއްވާފައިވާކަންވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި ރަސްދޫ ރައްޔިތުންނާއި ރަސްދޫ ރކ ކޮމެޓީގެ އިތުރުން އަތޮޅު އޮފީސް ގުޅިގެން އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސް ކުރެވޭތޯ އެތައް މަސައްކަތެއް ކޮށްފައި ވާކަމަށާއި، އެހެންނަމަވެސް އެއްވެސް ކާމިޔާބީއެއް ލިބިފައި ނުވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިމަހު 9 ވަނަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަސްދޫގެ ބަނދަރާ ބެހޭގޮތުން އަރިއަތޮޅު އުތުރުބުރީ މެންބަރު އަޙްމަދު ޒުބެއިރު ކޮންސްޓްރަކްޝަން މިނިސްޓަރަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މައުރޫފު ޖަމީލު ވިދާޅުވީ ރަސްދޫގެ ބަނދަރު ކުޑަކޮށް ހެދި ނަމަވެސް އެރަށުގައި ބޮޑު ވިލެއް އޮތުމުން ފަޅުގެ ދަތިކަމެއް ނުޖެހޭނެކަމަށެވެ.

"އއ. ރަސްދޫއަކީ ޤުދުރަތީ ވަރަށްބޮޑު ވިލެއް އޮތް ރަށެއް. އެހެންވީމާ، އެހެން އޮންނަ ރަށެއްގައި މަސައްކަތް ކުރަންޖެހޭއިރު، ކުރަންޖެހޭ ޚަރަދުތަކާއި ގާމަތީ ރަށެއްގައި ނޫނިއްޔާމުން އެހެން ވަރަށް އުނދަގޫ ގޮތަކަށް އޮންނަތަނެއްގައި ވެއްޖިއްޔާމުން މިޚަރަދުކުރަންޖެހޭ ގޮތް ވަރަށް ތަފާތު ވެދާނެ. އަޅުގަނޑުމެންގެ މަސައްކަތުގެ ކޮލިޓީއަކަށެއް އެއްވެސް ކަހަލަ ބަދަލެއްނާދޭ އެކި ރަށްރަށުގައި. އަޅުގަނޑުމެން މިހާރު މިހުންނަނީ ހަމަ އެއް މިންގަނޑުތަކެއް ސްޕެސިފައި ކޮށްފައި. އއ. ރަސްދޫގެ ބަނދަރު އަޅުގަނޑުމެން 250، 750 ފޫޓް، އެގޮތަށް ސައިޒް އޮތްކަމުގައި ވިއަސްވެސް އެރަށުގެ ޤުދުރަތީ ބަނދަރު އޮންނަގޮތުން ލިބޭ ވަރަށްބޮޑު ބޭސިންގއެއް. އެއީ އެރަށުގެ ބްރޭކް ވޯޓަރ ޖަހަންޖެހެނީ ވިލުގެ ބޭރުދުނީގައި. އެހެންވީމާ، ވިލު ސަރަޙައްދު އެއްކޮށް ޕްރޮޓެކްޓެޑް ބޭސިންގއެއް ގޮތުގައި ލިބެނީ. އެހެންވީމާ، މިރަށުގެ ޤުދުރަތީ ގޮތުން އެއޮންނަ ވިލު އޮންނަ ގޮތުން ރެސްޕޮންޑްކުރަން ޖެހޭއިރު، އޮންނަނީ ވަރަށް ތަފާތު ގޮތަކަށް އެހެންރަށްތަކާ. މިއޮންނަ ސްޓޭންޑަރޑް މިންގަނޑަކަށެއްނޫން އެރަށުގެ މަސައްކަތް އޮންނަނީކީއެއް. ކޮންޓްރެކްޓަރ ކޮންޓްރެކްޓުގައި ސޮއިކޮށްފައި މިއޮންނަނީ މިދިޔައަހަރު ޑިސެމްބަރގައި. ކޮންޓްރެކްޓްގެ މުއްދަތު ގުނަންފަށާ 4 ފެބްރުއަރީން. އެހެންވީމަ، ޖޫން މަހުގެ ތެރޭގައި ކޮންޓްރެކްޓަރ ޙަވާލުކޮށްފައި ހުރި ހުރިހާ ރަށެއްގެވެސް މަސައްކަތް ފަށަންޖެހޭނެކަމަށް ކޮންޓްރެކްޓްގައި އޮންނަނީ" މައުރޫފް ޖަމީލް ވިދާޅުވިއެވެ

އިންތިޤާލީ ބާބު : އަނީސާގެ "ދެދައުރު ގުނުމުގެ" ހުށަހެޅުން އަސާސީ މާނަކުރުމުގެ ބާބަށް ބަދަލުކުރުމަށާއި ރޫޙާ ޚިލާފުވާކަމަށް ފާހަގަކުރެވުނު 6 ހުށަހެޅުމެއް އިސްލާހުކުރުމަށް ރައީސް ގާސިމް ކަނޑައަޅުއްވައިފި

     ހޯމަދުވަހު ކުރިއަށް ގެންދަވާފައިވާ އިންތިޤާލީ ކަންތައްތަކާބެހޭ ގޮތުން މެންބަރުން ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެއްސެވުމުގެ ޖަލްސާގައި މ. މެންބަރު އަނީސާ އަހުމަދުގެ ބައެއް ހުށަހެޅުންތަކާއި ދ މެންބަރު އަހްމަދު ނާޝިދުގެ ބައެއް ހުށަހެޅުންތައް އިސްލާހުކުރެވުމުންދާ ޤާނޫނު އަސާސީގެ ރޫހާ ޚިލާފުވާކަމަށް ފާހަގަކުރެވޭކަމަށް ވިދާޅުވެ، އެކަހަލަ ތަޢާރަޟެއް ނޯންނާނެގޮތަށް 6 ހުށަހެޅުމެއް އިސްލާހުކުރުމަށް ޚާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ފުރުސަތު ދެއްވައިފިއެވެ.

     މީގެއިތުރުން އަނީސާގެ ހުށަހެޅުން 31 ކަމަށްވާ "މި ޤާނޫނުއަސާސީ" ގެ މާނަ" އާއި ހުށަހެޅުން 38 ކަމަށްވާ "ދެ ދައުރު ގުނުން"، ޤާނޫނު އަސާސީ މާނަކުރާ ބާބަށް ވޯޓަށް އަހާއިރު ކުރިއަށް ގެންދިއުމަށް ރައީސް ޤާސިމް ނިންމެވިއެވެ.

އިއްޔެގެ ޖަލްސާގައި، އިސްލާހުކުރެވޭ ގާނޫނު އަސާސީގެ ރޫހާ ޚިލާފު ހުށަހެޅުންތަކަށް ވޯޓަށް ނޭހޭނެކަމަށް މެންބަރުން ތަކުރާރުކޮށް ނިޒާމީ ނުގުތާ ނަންގަވަމުން ގެންދެވުމާގުޅިގެން ހުށަހެޅުންތަކަށްވަނީ ވޯޓަށް އެއްސެވޭގޮތް ނުވެފައެވެ.

މިހެންކަމުން ޖަލްސާގެ ވަގުތުހަމަވެ، ޖަލްސާ ނިންމާލަމުން ގާސިމް ވިދާޅުވީ "މިހާރު މިހުށަހެޅުއްވުންތަކުގައި، ޢިއްޒަތްތެރި މެންބަރުންގެ ހުށަހެޅުއްވުންތަކުގައި މިހިރަ މީގެ 32 ވަނަ ހުށަހެޅުން 35، 36 އަދި 39، 42، 43. މިހުށަހެޅުންތަކުގައި ހުށަހެޅުއްވި ބޭފުޅުން މިހުށަހެޅުންތަކާމެދު އެއްވެސްވަރެއްގެ އިޞްލާޙެއް ބުނެފައި، އުސޫލީ ގޮތުންނާއި އަދި ތަޢާރުޟުވާ ނުވަތަ ޤާނޫނުއަސާސީގެ ރޫޙާއި ޚިލާފުވާކަމަށް ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައިހުރި މިހުށަހެޅުންތަކަށް، 32، 35 އަދި 36، 39 އަދި 42، 43 ޢިއްޒަތްތެރި މެންބަރުން ބޭނުންފުޅުކަމަށްވަންޏާ އެކަހަލަ ތަޢާރަޟެއް ނޯންނާގޮތަށް އަދި އިޞްލާޙުކުރުމުގެ ފުރުޞަތު އަޅުގަނޑަށް ދެވިދާނެ. އެހެންވީމަ، އެވާހަކަ ދަންނަވާލަމުން. ދެން އަޅުގަނޑު މި، އަނެއް، 31 ވަނަ ހުށަހެޅުއްވުމާއި އަދި 38 ވަނަ ހުށަހެޅުމަކީ މިޤާނޫނުއަސާސީ މާނަކުރުމުގެ ތެރޭގައި މިބާބާގުޅޭ ކަމަކަށްނުވާތީ އެބައި މާނަކުރުމުގެ ތެރެއަށް ގެންދިއުމަށް ދަންނަވާލަމުން އަޅުގަނޑު މިއަދުގެ ޖަލްސާ ނިންމާލާނީ" ކަމަށެވެ.

އުޞޫލީގޮތުން ތަޢާރަޟުވާ، ނުވަތަ ޤާނޫނު އަސާސީގެ ރޫހާ ހިލާފްވާ ކަމަށް ޤާސިމް ކަނޑައެޅުއްވި 6 ހުށަހެޅުއްވުމަކީ އަނީސާގެ ހުށަހެޅުން 32 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީސް ދެމިއޮތުމާއި"، އަނީސާގެ ހުށަހެޅުން 35 ކަމަށްވާ "ރިޔާސީ އިންތިހާބު 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންވާނެ" ކަމަށް އޮތުމާއި، އަނީސާގެ ހުށަހެޅުން 36 ކަމަށްވާ "ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިހާބު 2009 މާރޗް 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ވާނެ" ކަމަށް އޮތުމާއި، އަނީސާގެ ހުށަހެޅުން 39 ކަމަށްވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ބަންޑާރަ ނައިބު އުފުލަން އޮތް އޮތުމާއި، ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުން 42 ކަމަށްވާ "ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާއިރު ހިނގަމުންދާ ރިޔާސީ ދައުރު ނިމޭތާ 6 މަސްދުވަހުގެ ތެރޭގައި ޤާނޫނުއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބާއްވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކުރަންވާނެ"ކަމަށް އޮތުމާއި، ދ މެންބަރު އަހުމަދު ނާޝިދުގެ ހުށަހެޅުން 43 ކަމަށްވާ "ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މީހަކު އިންތިޚާބުކުރާތާ 3 މަސްދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބު ބާއްވައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަންވާނެ" ކަމަށް އޮތުމެވެ. މި 6 ހުށަހެޅުމާމެދު ޑްރާފްޓްކުރާ ޕެނަލް ބުނާގޮތުގައި އަނީސާގެ އިންތިޚާބުގެ ތާރީޚުތައް މާއަވަސްވެފައި ނާޝިދުގެ ތާރީޚުތައް މާލަސްކަމުން، މިހުށަހެޅުންތައް ގާނޫނު އަސާސީގެ ރޫހާ ތަޢާރަޟްވެއެވެ. 

 

 

 

ދުއްވާފައިދިޔަ ސައިކަލެއް ރުކެއްގައި ޖެހި 48 އަހަރުގެ މީހެއް މަރުވެއްޖެ

އިބްރާހީމް މުޙައްމަދު

ލ.ފޮނަދޫއިން ލ.ކައްދޫއަށް ދަތުރުކުރަމުންދިޔަ ސައިކަލެއް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހި ދުއްވަން އިން މީހާ މިއަދު މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރިގޮތުގައި މި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެފައިވަނީ ލ.ފޮނަދޫ ޖަނބުރޯލު ގަސްދޮށުގޭ އިސްމާއިލް އަޙުމަދު 48،އެވެ.

"އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ގެއްލުންތަކަށް ހައްދުންމަތީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ" ފުލުހުންގެ ރަސްމީ ވެބްސައިޓުގައި މިއަދު މެންދުރު ލިޔެފައިވެއެވެ. ނަމަވެސް ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރ ޢަލީ ނާސިރު ވިދާޅުވީ އެކްސިޑެންޓްވި މީހާ ފަރުވާދިނުމަށް ގެނެވުނީ މެންދުރު 13:15 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާކަމަށެވެ.

"އޭނާގެ ބޭރުފުށުން މާބޮޑެތި ގެއްލުންތަކެއް ފެންނާކަށް ނެތް" ނާސިރު ވިދާޅުވިއެވެ.

މަރުވި އިސްމާއީލް މަސައްކަތްކުރަނީ ލ.ކައްދޫ ރީޖަނަލް އެއަރޕޯޓުގައިކަމަށާއި އޭނާއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ކަކުލު ހުޅުގެ ތިރި ފަޅައިގެން ދިޔުމުގެ އިތުރުން ފަލަމަސްގަނޑުގެ ކަށި ބިންދައިގެން ދިޔުމުގެ ސަބަބުން ބޭރަށް ނިކުމެފައިވާކަމަށް ނާސިރު ބުންޏެވެ.

"ލަފާކުރެވެނީ މާބާރު ސްޕީޑްގައި ދުއްވާފައި ދިޔައީ ހެން" ނާސިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ހާމަކުރިގޮތުގައި ވޭތުވެދިޔަ ހަފްތާގައި މާލޭން އެކަނިވެސް 44 އެކްސިޑެންޓް ރިޕޯޓު ކުރެވިފައިވާކަމަށެވެ.

އެއަރޕޯޓް ފަޔަރމަނުންގެ ތުނބުޅިތައް ބޭލުމަށް އަންގައިފި

އިބްރާހީމް މުޙައްމަދު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަޔަރ އެންޑް ރެސްކިޔުގައި މަސައްކަތް ކުރަމުންދާ ފަޔަރމަނުންގެ ތުނބުޅިތައް މިމަހު 17 ވަނަ ދުވަހުގެ ކުރިން ބޭލުމަށް އަންގައިފިއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ޗީފް އެގްޒެކިޔުޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު އާމިރު ވިދާޅުވީ މި ޤަވާއިދަކީ އަލަށް ހެދޭ ޤަވާއިދެއް ނޫންކަމަށާއި ކުރިންވެސް ހެދިފައިވާ ޤަވާއިދެއްކަމަށެވެ. ގިނަ އަހަރުތަކަށް މި ޤަވާއިދަށް އަމަލުނުކޮށް މިމަހު 13 ވަނަ ދުވަހު ކުއްލިގޮތަކަށް މި ޤަވާއިދަށް އަމަލުކުރަން ނިންމި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ މިއީ އެއަރޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުން ކަމަށެވެ.

"އަޅުގަނޑުމެން ވާނެ ޔުނީފޯމް ކޯޑަށް އަމަލުކުރުމަށް މުހުލަތެއް ކަނޑައަޅާފައި" އާމިރު ވިދާޅުވިއެވެ. "ޔުނީފޯމް ކޯޑަށް އަމަލުކުރަން ދަތިވާ މުވައްޒަފުންނަށް ފުރުސަތު އެބައޮތް އެހެން ދިމަދިމާލަށް ދިޔުމަށް. އަޅުގަނޑު ދަންނަވާފައިވާނެ މިމަހު 17 ރައިގެ ކުރިން ދަތިވާފަރާތްތަކުން މައްސަލަ އެނގުމަށް. އޭރުން އަޅުގަނޑުމެން އެހެން ދާއިރާތަކުގައި ވަޒީފާ އޮތްނަމަ އެފުރުސަތު ހޯދައިދޭނަން"

ނަމަވެސް އަދިއަދާ ޖެހެންދެން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައިނުވާކަމަށް އާމިރު ވިދާޅުވިއެވެ. އަދި މިމަހު 17 ގެ ފަހުން ތުނބުޅި ނުބާލާ ހުރި ފަރާތްތަކަށް އަޅުއްވާނެ ފިޔަވަޅުތައް ހާމަކުރައްވަން ދެކޮޅު ހެއްދެވިއެވެ.

"އަޅުގަނޑުމެން އަމަލުކުރާނެ ގޮތް މީޑީޔާއަށް ހާމަކުރަން އަދި ގަސްދެއް ނުކުރަން" އާމިރު ވިދާޅުވިއެވެ.

އާމިރު ފާހަގަކުރެއްވިގޮތުގައި ޔުނީފޯމް ޤަވާއިދާ ހިލާފްވާކަމަށް ފާހަގަކުރެވެނީ 12 ވަރަކަށް މުވައްޒަފުންނެވެ. އަދި މި 12 ވަރަކަށް މުވައްޒަފުންނަށްވެސް ދިމާވެފައިވާ މައްސަލައަކީ ތުނބުޅި ދިގުވުންކަމަށް އާމިރު ވިދާޅުވިއެވެ. އެއެރޕޯޓްސް ކުންފުނީގެ ފަޔަރ އެންޑް ރެސްކިޔުގައި 100 އަށްވުރެ ގިނަ ފަޔަރމަނުން ވަޒީފާ އަދާކުރެއެވެ.

"މިއީ އަޅުގަނޑުމެން އެކަނި އަމަލުކުރާ ޤާވާއިދެއް ނޫން' އާމިރު ވިދާޅުވިއެވެ. "ނަމަވެސް މިއީ އިންޓަނޭޝަނަލް ޤަވާއިދު"

ފަޔަރމެނެއްގެ ވަޒީފާގައި 13 އަހަރު މަސައްކަތްކުރަމުން އަންނަ މުވައްޒަފަކު ބުނީ ތުނބުޅި ބޭލުމަށް އެނގީ ބްރީތިންގް މާސްކް އެޅުމުން ތުނބުޅީގެ ސަބަބުން ލީކެއް ހުރެދާނެކަމަށް ބުނެފައިކަމަށެވެ. ނަމަވެސް އަސްލަކީ މިވޭތުވެދިޔަ އަހަރުތަކުގައި ތުނބުޅިއާއި އެކު މާސްއެޅިކަމުގައިވިޔަސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ނުވާކަމަށް އޭނާ ބުންޏެވެ. އަދި މިޤަވާއިދުގެ ސަބަބުން ތަމްރީނު ވެފައިވާ 16 މުވައްޒަފެއްގެ ވަޒީފާ ގެއްލުމުގެ ބިރު ބޮޑުކަމަށް އޭނާ ބުންޏެވެ.

"އަހަރަމެން ޓްރެއިންވެފައި މިތިބީ އަލިފާން ނިތްވުމަށް" ހިތްހަމަނުޖެހުމާއިއެކު އޭނާ ބުންޏެވެ. "ބައެއް މީހުން އެބަތިބި ރާއްޖެއިން ބޭރުން ޓްރެއިންވެފައި. މިހެންވުމުން އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްފިނަމަ ވަރަށް ދަތިވާނެ"

ފަޔަރމަނެއްގެ ގޮތުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފަކު ބުނީ ސީއީޢޯ އާމިރު ބައްދަލުކުރުމަށްފަހު ބުނީ މުސްލިމު ޤައުމުތަކުގައި އޮންނަ އުސޫލުތައް ބަލަން ބޭނުންނުވާކަމަށެވެ. އަދި ސިޓީގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅިނަމަވެސް އެހެން ތަނަކުން ވަޒީފާ ދޭނެކަމުގެ ޔަޤީންކަން އާމިރު ނުދެއްވާކަމަށް ބުންޏެވެ.

"8 އަހަރަށްވުރެ ގިނަ ދުވަސް މީހުން މިތިބީ" އޭނާ ބުންޏެވެ.

މިމައްސަލަ އެމެރިކާގެ ކޮލަމްބިޔާ ޑިސްޓްރިކްޓްގެ މުސްލިމު ފަޔަރމަނުންނަށް 2001ވަނަ އަހަރު ކުރިމަތިވެފައިވެއެވެ. ނަމަވެސް ދީނީ ގޮތުން ތުނބުޅި ދިގުކޮށްގެން އުޅޭ ފަޔަރމަނުންގެ ތުނބުޅި ބޭލުން މަނާނުކުރެވޭނެކަމަށްބުނެ 29 ސެޕްޓެމްބަރ 2007 ވަނަ ދުވަހު ކޮލަމްބިޔާ ޑިސްޓްރިކްޓްގެ ފެޑެރަލް ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި އަތޮޅުތަކުގައި ވޯޓުފޮށިތައް ބަހައްޓާނެ އަދަދު ކަނޑައަޅާ ނިމިއްޖެ

އަބްދުއްރަހްމާން

 މިއަހަރު ބާއްވަން ތައްޔާރުވަމުންދާ ރިޔާސީ އިންތިހާބުގައި އަތޮޅުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނެ ޢަދަދު ކަނޑައަޅާ ނިމިފައިވާކަމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް އަތޮޅުތެރޭ ބަހައްޓާނީ ކިތައް ވޯޓު ފޮށިކަމެއް އެ އޮފީހަކުން ބަޔާނެއް ނުކުރެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބް ބާއްވާނެ ތާރީހެއް އަދި އެނގިފައިނުވިއަސް، ބައެއް ތާރީހުތައް ކަނޑައަޅާ އިންތިހާބަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އެ އޮފީހުންބުނެއެވެ.

ހާއްސަ މަޖްލީހުގެ އިންތިގާލީ ބާބުގައި މިއަހަރު އޮކްޓޫބަރ ދިހައެއްގެ ކުރިން ރިޔާސީ އިންތިހާބް ބާއްވަން ޑީއާރުޕީން ހުށައަޅާފައިވެއެވެ. އެހެންނަމަވެސް މި ހުށައެޅުމަށް މަޖްލީހުގައި އަދި ވަނީ ވޯޓަށްނާހައެވެ. އިންތިހާބް ބާއްވާނެ ތާރީހެއް އަދި ހާމަ ކޮށްފައިނުވިނަމަވެސް އަތޮޅުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނެ އަދަދުވަނީ އިލްކްޝަންސް އޮފީހުން ކަނޑައަޅާ ނިންމާފައެވެ. ހަމަ އެހެންމެ ވޯޓުފޮށި ބައްހައްޓާނެތަން ތިން އަތޮޅެއްގައި ފިޔަވާ ބަލާ ދިރާސާކޮށް ނިމިފައިވާކަމަށްވެސް އިލެކްޝަން އޮފީހުން ބުނެއެވެ. މި ގޮތުން ބާލާނުނިމިވާ ތިން އަތޮޅަކީ ހއ، ހދ އަދި މ އަތޮޅެވެ.

ރާއްޖޭގައި ގިނަ ޕާޓީތައް ބައިވެރިވެގެން ބާއްވަން ތައްޔާރުވަމުންދާ ފުރަތަމަ އިންތިހާބުގައި ވޯޓްލެވޭ އުމުރުގެ މީހުންގެ ލިސްޓްތައް ހުރިހާ އަތޮޅަކުން ލިބިފައިވާކަމަށް އިލެކްޝަންސް އޮފީހުން ވިދާޅުވެއެވެ. މި ލިސްޓްތައްބަލާ ޑީއެންއާރްގެ ޑާޓާބޭސްތަކާއި އަޅާކިޔަމުންދާކަމަށް އެ އޮފީހުންބުނެއެވެ. މި ލިސްޓަތަކުގައި މައްސަލަ ހުރިތޯ ބެލުމަށް ވަކި މުއްދަތެއްވަންދެން އާއްމުކުރައްވާނެކަމަށާއި ފައިނަލް ލިސްޓެއް އެކުލަވާލާނީ އޭގެފަހުން ކަމަށްވެސް އިލްކްޝަންސް އިން ބުނެއެވެ. 

 

ކަމާލުއްދީނުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަނާޅާކަމަށް އަދި އަމީން އާންމް ވިދާޅުވެއްޖެ

އިސްމާއިލް

މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެޔާޒް އަބުދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ބުނެ ބައެއް ނޫސް މަޖައްލާތަކުގައި ސާއިއު ކޮށްފައިވާ ޚަބަރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ދޮގު ކުރައްވައިފިއެވެ.

ދުވަހު ނޫސް "ހަވީރު"ގައި ސާއިއުކޮށްފައިވާ މިހަބަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިނިސްޓަރ އަބްދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަނާޅާކަމަށާއި، އެހެން ނަމަވެސް އެކަމާ ގުޅޭސިޓީ 10 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާކަމަށެވެ. އަދި ބައެއް ނޫސް މަޖައްލާތަކުން އެމައްސަލަ މަޖިލީހަށް ހުށަހެޅިކަމަށް ބުނިނަމަވެސް، މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިކަމަށް ވާނީ ގާނޫނު އަސާސީގައި ބުނެފައި ވާގޮތަށް މަޖިލީހަށް އެމައްސަލައެއް ހުށަހެޅުމުންކަމަށް އަމީން އާންމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެޔާޒް އަބްދު ކަމާލުއްދީންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިކަމަށް ބުނެ ދުވަހު ނޫސް ހަވީރުގައި ޝާއިއު ކޮށްފައިވާ ލިއުމުގައި "މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދު މިއަދު (ހޯމަދުވަހު) ވިދާޅުވީ 10 މެމްބަރުން ސޮއިކޮށް، ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވާކަމަށެވެ. އެހެންނަމަވެސް އެމައްސަލަ ހުށަހެޅިހައިވަނީ ކީއްވެގެންކަމާއި، އެމައްސަލަ އެޖެންޑަރ ކުރާނެ އިރެއް އަމީންއާމް ވިދާޅެއް ނުވިއެވެ" މިގޮތަށް ލިޔެފައި ވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ ބުނާގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަދުވެގެން ދިހަމެންބަރުން، ސަބަބު ބަޔާންކޮށް، މަޖިލީހުގެ ރައީސަށް ލިޔުމަކުން ފޮނުވުމުންނެވެ. މިފަދަ މައްސަލައަކާމެދު މަޖިލީހުގައި ބަޙުޘު ކުރެވޭނީ، ވަޒީރުންގެ މަޖިލީހުގެ އެމެންބަރަކަށް އެކަން އަންގައި، ސާދަ ދުވަހުގެ މުއްދަތު ދިނުމަށްފަހު، އޭނާ ލިޔުމަކުންދޭ ބަޔާނަކާއެކު މައްސަލަ މަޖިލީހަށް ހުށައެޅުމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި، ވަޒީރުންގެ މަޖިލީހުގެ އެމެންބަރެއްގެ އިތުބާރު ކެނޑިއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެގެންކަމަށާއި، މި މައްސަލައިގައި ބަޙުޘުކުރެވޭ ޖަލްސާގައި، ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް، އޭނާގެ އަމިއްލަ ދިފާޢުގައި ވާހަކަދެއްކުމުގެ ޙައްޤު ލިބިގެންވާކަމަށްވެސް އެމާއްދާ ބުނެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސ އަތޮޅު މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިނިސްޓަރ ކަމާލުއްދީނުގެ އިތުބާރުނެއްކަމަށް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިޔުމުގައި ސޮއިކުރެއްވި ކަމަށާއި، އަދި އެބޭފުޅުން ތައްޔާރުކޮށްފައިވާ އެހުށަހެޅުމުގައި ބުނާގޮތުން އިތުބާރު ނެތްކަމަށް ހުށަހަޅަނީ މާލޭގައި ހިންގާ މާރާމާރީތައް ހައްދު ފަހަނައަޅައި ދިއުމާއި، އެކަންތައްތައް ފުލުހުންނަށް ނުބެލެހެއްޓިގެން ސިފައިން އެކަންތައްތައް ހުޓުވަން ނުކުންނަށް ޖެހުމުންނެވެ. މީގެ އިތުރުން އަސްލަމް ފާހަގަ ކުރެއްވި ގޮތުގައި އެހުށަހެޅުމުގައި ގިނައިން ސޮއިކޮށްފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އިސްލާހީ އެޖެންޑާގެ ތެރެއިން ފުލުހުންނަކީ މަދަނީ ބަޔެއްކަމަށް ހަމަޖައްސަވާ ފުލުހުން ހޯމް މިނިސްޓްރީގެ ދަށަށް ގެންދެވި ފަހުން ފުލުހުންގެ މައްސަލަ ތަކާމެދު ހޯމް މިނިސްޓަރުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މީގެ ކުރިންވެސް ހުށަހެޅުނެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ އެޓޯލްސް މިނިސްޓަރ ތަސްމީން އަލީއެވެ. ނަމަވެސް އެފަހަރު މަޖިލީހުން ލިބެންޖެހޭ ތިންބައިކުޅަ ދެބައި ވޯޓް ނުލިބުމުގެ ސަބަބުން މިނިސްޓަރ ތަސްމީން ސަލާމަތް ވިއެވެ.

ރައްޔިތުންގެ މަޖިލިސް : ވަޒީފާ ބިލުގެ ރިޕޯޓް ކުރުމުގެ މަރުހަލާގައި 49 އިސްލާހު ހުށަހެޅި 45 އިސްލާހަކަށް ތާއީދު ލިބިއްޖެ

ހުސައިން ޒަބީރު (ހޒމވ)

މިއަދު ރައްޔިތުންގެ މަޖިލީހުގައި އޮތް ދިވެހި ރާއްޖޭގެ ވަޒީފާއާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ރިޕޯޓް ކުރުމުގެ މަރުޙަލާގައި 49 އިޞްލާޙު ހުށަހެޅި 45 އިޞްލާޙަކަށް ތާއީދުލިބިފައިވެއެވެ.

މިއަދުގެ ޖަލްސާގައި ގިނަ އިސްލާހްތަކެއް ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުގައި ހުށަހެޅުނު އިޞްލާޙުތަކާއެކު އަލުން ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވުމަށާއި އަދި އިތުރު އިޞްލާޙެއް މިބިލަށް ހުށަހަޅުއްވާނަމަ އެ އިޞްލާޙެއް މިހަފްތާގެ ތެރޭގައި ތައްޔާރުކުރައްވައި ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވުމަށް ފ އަތޮޅު މެންބަރު އަޙްމަދު ޙަމްޒާ ހުށަހަޅުއްވާ ދ މެންބަރު އަޙްމަދު ނާޝިދު ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ފާހެއްނުވިއެވެ.

މިއަދު އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވަނީ ގދ މެންބަރު އައްބާސް އިބްރާހިމްއެވެ. އައްބާސް އިބްރާހިމް ހުށަހެޅުއްވި އެއް އިސްލާހަކީ އެ ބިލުގެ 83 ވަނަ މާއްދާއަށް ގެންނަން ޖެހޭ އިސްލާހެކެވެ. އެ ގޮތުން ކުށާއި އަދަބު ކަނޑައަޅާފައިވާ އެ މާއްދާގައިވަނީ "އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް، މީހަކުކޮށްފިނަމަ، އެކުރަނީ ކުށެކެވެ. އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 500 ރުފިޔާއާއި، 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ އެއްއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. އައްބާސްގެ އިސްލާހުގައިވަނީ އެ އަދަދަކީ ބޮޑު އަދަދެއްކަމުން 500 ރުފިޔާ އާއި 25000 ދެމެދު އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި  އެއް އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ލިޔެފައިވާ ބައި ކަނޑާލުމަށް ހުށަހަޅާފައިވެއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ފ މެންބަރު އަބްދުލް ޣަފޫރެވެ.

މިބިލަށް ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ އިސްލާހު ހުށަހަޅުއްވީ ތިންވަނަ ބާބުގައިވާ ކުޑަކުދިން ވަޒީފާގައި ގެންގުޅުން ބައިގެ 6 ވަނަ މާއްދާގައިވާ އެންމެ ހަގު އުމުރު ބަޔާންކޮށްފައިވާ ބައިގައިވާ ގޮތުން އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާކަމެއްކަމަށް ބަޔާންކުރާ ބަޔަށެވެ.

 އެބަޔާ ގުޅުވައިގެން ހަމްޒާ ހުށަހަޅުއްވާފައިވާ ނުކުތާގައިވަނީ އުމުރުން 16 އަހަރު ނުފުރޭނަމަ އޭނާގެ ރުހުމާއެކު އާއިލީ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިސްތިސްނާވާނެއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ގދ މެންބަރު އަބްދުﷲ ޖާބިރުއެވެ.

ބިލުގެ 57 ވަނަ މާއްދާގައި ވަޒީފާގެ ބޯޑު އެކުލަވާލާނެ ގޮތް ބަޔާންކޮށްފައިވާ އިރު އެމާއްދާގެ (ހ) ގައި ބޯޑު އެކުލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 5 މެންބަރުންގެ މައްޗަށްކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ބަދަލުގައި ހަމްޒާ ހުށަހެޅުއްވި އިސްލާހުގައިވަނީ ބޯޑު އެކުލަވާލަންވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މެންބަރަކާއި، ޗިވިލް ސަރވިސްއިން މެންބަރަކާއި، ނޭޝަނަލް ޗެމްބަރ އޮފް ކޮމާސްއިން މެންބަރަކާއި، ޓޫރިޒަމް މިނިސްޓްރީން މެންބަރަކާއި، ކޮންޑްރަކްޝަންސް އެންޑް ޕައްބްލިކްސް ވޯރކްސްގެ މެންބަރަކު ހިމެނޭގޮތަށެވެ. މިގޮތަށް އިސްލާހް ކުރުމަށް ފަހު އެމާއްދާގެ (ށ) އުނިކުރުމަށް ހަމްޒާ ހުށަހެޅިއެވެ. މި ދެ އިސްލާހަށް ތާއީދުކުރެއްވީ ތ އަތޮޅު މެންބަރު ހަސަން އަފީފްއެވެ.

ހަމައެހެންމެ މި ބިލުގެ 14 ވަނަ މާއްދާ ގައިވާ ވަގުތީ މުއްދަތު (ޕްރޮބޭޝަން) ބަޔާންކޮށްފައިވާ ގޮތަށް ވެސް ފ އަތޮޅު މެންބަރު އަހްމަދު ހަމްޒާ އިސްލާހް ހުށަހެޅުއްވިއެވެ. އެ ބައިގައިވަނީ "ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ތިންމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެއެވެ. އަދި އެމުއްދަތުގައި، އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލު ކުރެވިދާނެ" ކަމަށެވެ. ހަމްޒާ ހުށަހެޅުއްވި އިސްލާހުގައިވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތު ކަމުގައި ތިން މަސްދުވަހުގެ ބަދަލުގައި ހަމަސްދުވަސް އިތުރުކުރުމަށެވެ.

ބިލުގެ 67 ވަނަ މާއްދާ އުނިކުރުމަށް ހަމްޒާ ހުށަހެޅުއްވުމުން ގދ މެންބަރު އަބްދުﷲ ޖާބިރު އެކަމަށް ތާއީދުރެއްވިއެވެ. އެ މާއްދާގައިވަނީ  ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކަށް، އެ އޭޖެންސީއަކާއި ވަޒީފާދޭ ފަރާތާދެމެދު އެއްބަސްވާ ގޮތެއްގެމަތިން، ވަޒީފާދޭ ފަރާތުން ފީއެއް ނެގިދާނެއެވެ. ނަމަވެސް ވަޒީފާއަކަށް އެދޭ މީހެއްގެ އަތުން ސީދާކޮށް ވިޔަސް ނުސީދާކޮށްވިޔަސް އެއްވެސް ފީއެއް ނަގައިގެން ނުވާނެއެވެ.

ބިލުގެ 56 ވަނަ މާއްދާގައިވާ "އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑު" މި މާއްދާގެ (ނ) އަށް ތ އަތޮޅު މެންބަރު މުހަންމަދު ޝަރީފް އިސްލާހް ހުށަހެޅުއްވިއެވެ. އެގޮތުން މި ބޯޑު ހިންގާނެ ގޮތާއި ބޯޑަށް ލިބިގެންވާ ބާރުތަކާއި، ބޯޑުގެ ވާޖިބުތައް މި ޤާނޫނުގެ ދަށުން މިނިސްޓަރ ހަދާ ޤަވައިދަކުން ކަނޑައަޅަންވާނެކަމަށް އޮތް އޮތުމުގެ ބަދަލުގައި މިނިސްޓަރ ހަދާ ޤަވައިދަކުން ކަނޑައެޅުމުގެ ބަދަލުގައި ބޯޑުން ހަދާ ޤަވައިދަކުން ކަނޑައަޅަންވާނެކަމަށް އިސްލާހް ހުށަހެޅުއްވިއެވެ. މި އިސްލާހަށް ތާއީދުކުރެއްވީ ރ އަތޮޅު މެންބަރު އަލީ ވަހީދުއެވެ.

ބިލުގެ 43 ވަނަ މާއްދާކަމަށްވާ "ވިހެއުމާއިގުޅިގެންދޭ ޗުއްޓީ"ގެ (ހ)ގައި ވަނީ "އަންހެން މުވައްޒަފަކު، ވިހާނެކަމަށް ލަފާކުރާދުވަސް ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، އެ މުވައްޒަފަކަށް، ވިހެއުމާ ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީ ދޭންވާނެއެވެ ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ދިނުމުގައި ވިހާނެކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ގިނަވެގެން ދެވޭނީ 30 ދުވަހުގެ ޗުއްޓީއެއް" ކަމަށެވެ.

 މި މާއްދާގައިވާ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީގެ ބަދަލުގައި 90 ދުވަހަށް ހަދައި އެމާއްދާ އިސްލާހުކުރުމަށް މުހަންމަދު ޝަރީފް ހުށަހެޅުމުން ރ މެންބަރު އަލީވަހީދު ތާއީދުކުރެއްވިއެވެ. ހަމައެހެންމެ 48 ވަނަ މާއްދާގައިވާ "އަނބިމީހާ ވިހެއުމުން ދެވޭ ޗުއްޓީ" މި ބައިގައިވާ "ފިރިހެން މުވައްޒަފަކަށް ދަރިއަކު ލިބޭ ދުވަހުންފެށިގެން، މުސާރަލިބޭ ގޮތަށް 3 ދުވަހުގެ ޗުއްޓީއެއް ހައްޤުވާނެއެވެ". މީގެ ބަދަލުގައި ތ އަތޮޅު މެންބަރު މުހަންމަދު ޝަރީފް ހުށަހަޅުއްވާ، ރ އަތޮޅު މެންބަރު އަލީވަހީދު ތާއީދުކުރައްވާފައިވާ އިސްލާހުގައިވަނީ "ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން، މުސާރަލިބޭގޮތަށް 14 ދުވަހުގެ ޗުއްޓީއެއް ހައްޤުވާނެކަމަށެވެ.

އަދި މި ބިލުގެ 49 މާއްދާގައިވާ "ހިތާނުކުރުމާ ގުޅިގެން ދޭ ޗުއްޓީ" ގައި "މުވައްޒަފެއްގެ ދަރިއަކު ހިތާނުކުރުމުން އެދުވަހުން ފެށިގެން މުސާރަލިބޭގޮތަށް 5 ދުވަހުގެ ޗުއްޓީއެއް އެނުވައްޒަފަކަށް ހައްޤުވާނެ" ކަމަށް ބަޔާންކުރެއެވެ. މި މާއްދާއަށް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހަކީ އެމީހަކު ދިރިއުޅޭ ތަން ފިޔަވާ އެހެންތާކު އެ މުވައްޒަފެއްގެ ދަރިއަކު ހިތާނަކުރާނަމަ 10 ދުވަހުގެ ޗުއްޓީއެއް މުސާރަލިބޭ ގޮތަށް އެމުވައްޒަފަކަށް ހައްޤުވާނެކަމަށެވެ.

މި ބިލުގެ 49 ވަނަ މާއްދާ ކަމުގައިވާ ހިތާނުކުރުމާއި ގުޅިގެން ދޭ ޗުއްޓީ ގެ ބަޔަށް މާއްދާއެއް އިތުރުކުރުމަށް އައްޑު އަތޮޅު މެންބަރު މުހަންމަދު އަސްލަމް ހުށަހެޅުއްވިއެވެ. އެގޮތުން ކައިވެނިކުރުމާއި ގުޅިގެން ޗުއްޓީދިނުން އިތުރުކުރެއްވުމަށް ފަހު މުސާރަލިބޭ ގޮތަށް 7 ދުވަހުގެ ޗުއްޓީއެއް މުވައްޒަފަކަށް ހައްޤުވާނެކަމަށް އަސްލަމް ވިދާޅުވެ އެ އިސްލާހް އަސްލަމް ހުށަހެޅުއްވިއެވެ. އަސްލަމްގެ މި އިސްލާހަށް ތާއީދު ކުރެއްވީ ގދ މެންބަރ އަބްދުﷲ ޖާބިރުއެވެ.

މިބިލުގެ 90 ވަނަ މާއްދާއަށް ނުކުތާއެއް އިތުރުކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ މާލޭ މެންބަރު އިބްރާހިމް އިސްމާއީލް އިސްލާހެއް ހުށަހެޅުއްވިއެވެ. އެގޮތުން ބިލު ތަސްދީޤް ކުރުމަށް ފަހު ވާޒީފާ އަދާކުރާ މީހުންނަށާއި ވަޒީފާދޭ ފަރާތްތަކަށް އެމީހުންގެ މައްސޫލިއްޔަތުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ލީގަލް ރިފޯރމްއިން މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާހް ހުށަހެޅުއްވިއެވެ. މި އިސްލާހަށް ތާއީދު ކުރެއްވީ މާލޭ މެންބަރު މުހަންމަދު ޝިހާބެވެ.

ދިވެހި ރާއްޖޭ ކަނޑުގެ ސަރަހައްދުން އިއްޔެ މަސްބޯޓެއް އަތުލިއިރު، ގަވައިދާ ހިލާފަށް ވަން ޗައިނާގެ ދެ ބޯޓުގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި

ހޯމަދުވަހުގެރޭ 8 ޖަހާކަން ހާއިރު ހއ ދިއްދޫ ބޭރުން 40 މޭލުހާ ދުރުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން އުޅުން ބަޔަކު ދިވެހި ރާއްޖޭގެ އިޤްދިސާދީ ކަނޑުގެ ސަރަހައްދުން ޤަވައިދާ ހިލާފަށް ވަދެ އުޅުނު ސްރީކަންކާގެ މަސްވެރިކަންކުރާ އުޅަނދެއް އަތުލައިގަތް އިރު، މިއަހަރުގެ މާޗް މަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާ ހިލާފަށް ވަދެއުޅުނު ޗައިނާ ދެ މަސްބޯޓެއްގެ ތަހުޤީގު މަރުހަލާ ނިންމާލުމަށް ފަހު މައްސަލަ ޝަރީއަތަށް ފޮނުވާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

     ފުލުހުން ހާމަކުރައްވާ ގޮތުގައި މިއަދު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ  މިދިޔަ މާރޗް މަހުގެ 22 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑާއި ޢާންމުންގެ މަސްވެރި ދޯނި ތަކެއްގެ އެހީގައި އައްޑު އަތޮޅު ގަން ކަނޑު ބޭރުންން އަތުލައިގެންފައިވާ ދެބޯއްޓެވެ.

ރޭ ހއ ދިއްދޫ ބޭރުން އަތުލައިގެން މަސްބޯޓުގައި ތިބި ފަސްމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަވާފައިކަމަށާއި މިއުޅަނދު މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާރޑްގެ ބެލުމުގެ ދަށަށް ގެންނަވާފައިކަމަށް ފުލުހުން ހާމަކުރައްވައެވެ. އެގޮތުން އަދި މިމައްސަލަ ތަޙުޤީޤް ކުރުމަށްޓަކައި މިއުޅަނދުގައި ތިބި ފަޅުވެރިންކަމުގައިވާ ސްރީލަންކާގެ 5 މީހުން މިހާރު ވަނީ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ. އަދި މިމައްސަލަ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރެލް އިންވެސްޓިގޭޝަން ޔުނިޓް ގުޅިގެން މިހާރު ދަނީ ތަޙްޤީޤް ކުރަމުންދާކަމަށް ވެސް އެފަރާތުން ހާމަކުރައްވައެވެ.

މޮނާޒާ ނައީމާއި އެމްއެމްއޭ ޚަދީޖާގެ ކޯޅުން ގަނޑުގެ ތެރެއަށް އިބްރާހިމް އަލިމަނިކު ނުވެއްދުމަށް ވަކީލު ވިދާޅުވެއްޖެ

 މޮނާޒާ ކޮންސްޓްރަކްޝަނާއި މޮނާކާ ޝިޕިންގ އަށް ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އިން ނަގާފައިވާ ލޯނު ފައިސާގެ މައްސަލާގައި ދެފަރާތުގެ ދެމެދުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއަށް ލޯނުގެ ގެރެންޓީ ދިން މއ ނޫރީގޭ އިބްރާހިމް އަލިމަކު ނުވެއްދުމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެއެވެ.

މިމައްސަލައަކީ މޮނާޒާ ކޮންސްޓްރަކްޝަނަށް އެސްބީއައިން ނަގާފައިވާ 6.9 މިލިއަން ރުފިޔާއާއި މޮނާކާ ޝިޕިންގ އަށް އެސްބީއައިއިން ނަގާފައިވާ 1.2 މިލިއަން ރުފިޔާގެ ލޯނާއި ސާވިސް ޗާޖަށްވާ 11 ޕަސެންޓް ނުދައްކައިގެން އެސްބީއައިއިން މިދެ ކުންފުނީގެ މައްޗަށް ކުރަމުންދާ ފައިސާގެ މައްސަލައެކެވެ.

މިމައްސަލާގައި މިއަދު މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މިލޯނު ނެގުމުގައި ގެރެންޓީ ދެއްވި އިބްރާހިމް އަލިމަނިކުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ އެސްބީއައިއަށް ލޯނު ފައިސާއެއް ދައްކަންޖެހޭނަމަ އޭގެ ޒިންމާ ވާންޖެހޭނީ މޮނާޒާ ކޮންސްޓްރަކްޝަންގެ ދެ ވެރިން ކަމުގައިވާ މ.ވެލިދޫގޭ މުހައްމަދު ނައީމާއި މ. މާލިމީގޭ ހަދީޖާ ހަސަން ކަމަށެވެ.

ނަމަވެސް ހަދީޖާ ހަސަންގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ އެސްބީއައިން ލޯނު ނަގާފައިވަނީ އިބްރާހިމް އަލިމަނިކުގެ ޕާމް ބީޗް ރިސޯޓު ރަހުނު ކުރައްވާފައި ކަމަށްވާތީ، އިބްރާހިމް އަލިމަނިކުގެ މައްޗަށް މިދައުވާ ނުކުރެވެންވީ ސަބަބެއްނެތް ކަމަށެވެ.

މުހައްމަދު ނައީމުގެ ދިފާއުގައި ވާހަކަ ދައްކަވާ ވަކީލު ޝާހީން ހަމީދު ވިދާޅުވީ އެސްބީއައިން ނަގާފައިވާ ލޯނު ފައިސާ ދެއްކުމަށް މުހައްމަދު ނައީމަށް އެބޭންކުގެ ފަރާތުން އަންގަވާފައިނުވާ ކަމަށެވެ. ނަމަވެސް މިފައިސާ ދެއްކުމަށް ކުންފުންޏަށް އަންގަވާފައިވާ ކަމަށާއި ކުންފުނީގެ ފަރާތުން މިފައިސާ ނުދެއްކިވަނީ ހަދީޖާ ހަސަންގެ ނުފޫޒާއި ބާރުގެ ސަބަބުން ކަމަށެވެ. އަދި މިފައިސާ ނުދެއްކި ވަނީ ހަދީޖާ ހަސަންގެ ނުފޫޒާ ބާރުގެ ސަބަބުން ކަމަށްވާތީ މިފައިސާ ދައްކަންޖެހޭނީ ހަދީޖާ ހަސަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރ ޖެނެރަލަކަށް ހަދީޖާ ހަސަން ހުންނެވިއިރު މަގާމުގެ ބާރު ބޭނުން ކުރައްވައިގެން އެސްބީއައިއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށެވެ. އަދި މިމުއާމަލާތާ ގުޅިގެން މ. ވެލިދޫގެ ރަހުނު ކުރައްވާފައިވާ ކަމަށާއި ލޯނު ފައިސާ ނުދެއްކަވައިފި ކަމުގައިވާނަމަ އެ ގެ ވިއްކާލެވިދާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޝާހީނު ހަމީދު ވިދާޅުވީ މިދައުވާ ކުރައްވާފައިވަނީ ލޯނު ފައިސާއާއި ރަހުނު ހޯދުމަށް ކަމަށްވެފައި ގާނޫނުގައިވާ ގޮތުގެ މަތިން މިދެކަންތައް އެއްފަހަރާ ހޯދުމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ރަހުނު ވިއްކާލަން ގާނޫނީ އެއްވެސް ބާރެއް ލިބިގެންނުވާ ކަމަށްވެސް ޝާހީނު ވިދާޅުވިއެވެ.

މިމައްސަލާގެ ގާޒީ އަހުމަދު ޝަރީފު އެދިލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ކުންފުނީގެ ޑިރެކްޓަރުންގެ ފަރާތުން ވިދާޅުވާން ބޭނުންވާ ކަންތައްތައް ބަޔާންކޮށް ބަޔާނެއް ހުށަހެޅުއްވުމަށެވެ. އަދި މިދެ މައްސަލައަކީވެސް އެސްބީއައިއިން ހުށާހަޅާފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް މިދެ މައްސަލާގައިވެސް ފެނިގެންދަނީ ދައުވާ ލިބޭ ފަރާތްތަކުން އަނެއް ފަރާތްތަކަށް ރައްދުދޭތަން ކަމަށެވެ.

އެސްބީއައިގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ބޭންކުން ބޭނުންވަނީ ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި ލިޔުމަކުން ބަޔާން ހުށަހެޅުމަށް ކަމަށެވެ.

 

 

ގާޑިއަން އެޖެންސީއިން ހަދީޖާ ހަސަންގެ ހިއްސާ ވަކިކުރެވޭނީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމަކުން ގޮތެއް ނިންމުމަށްފަހުގައި ކަމަށް ގާޒީ ވިދާޅުވެއްޖެ

ގާޑިއަން އެޖެންސީގެ ދެ ހިއްސާދާރުންގެ ތެރެއިން މ. މާލިމީގޭ ހަދީޖާ ހަސަންގެ ހިއްސާ ވަކިކުރުމަށް އެކުންފުނީގެ އަނެއް ހިއްސާދާރު މުހައްމަދު ނައީމު މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ ދައުވާގެ މައްސަލާގައި ގާޑިއަން އެޖެންސީ ވުޖޫދުގައިމިހާރު އޮތް ހާލަތު ބަލަން ޖެހޭ ކަމަށް މަދަނީ ކޯޓުގެ ގާޒީ ވިދާޅުވެއްޖެއެވެ.

     މިމައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މުހައްމަދު ނައީމު ހުށަހެޅުއްވި ކަންތައް ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން މިކުންފުނީގައި ނައީމަށް ލިބިފަ އޮތް އިހްތިޔާރާއި ބާރުގެ މިންވަރު ބަލަން ޖެހޭ ކަމަށެވެ،  

     ގާޒީ ވިދާޅުވީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމެއް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބޭއްވުމަށްފަހު އެބައްދަލުވުމުން ނިންމަވާ ގޮތެއް ޝަރީއަތަށް ވަރަށް މުހިންމުވާ ކަމަށެވެ.

     މުހައްމަދު ނައީމުގެ ފަރާތުން ވާހަކަ ދައްކަވާ ވަކީލު ޝާހީނު ހަމީދު ވިދާޅުވީ ގާޑިއަން އެޖެންސީގެ މިދެ ހަސްމުންނަށްވެސް ބަރާބަރު 50 ޕަސެންޓް ހިއްސާ ލިބިފައިވާއިރު ހިއްސާދާރުންގެ އާންމު ޖަލްސާއެއް ބާއްވައިގެންވެސް އެއްވެސް ނިންމުމެއް ނުގެނެވޭނެ ކަމަށެވެ.

     ނަމަވެސް ގާޒީ ވިދާޅުވީ އެކަން ނުކުރައްވާ ޝަރީއަތަށް އައުމުން ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށާއި ފުރަތަމަ ކަމަކަށް ކުންފުނީގެ ހައްގު ސާބިތު ކުރަންޖެހޭ ކަމަށެވެ. އަދި މުހައްމަދު ނައީމުގެ ހައްގު ސާބިތުކުރެވޭނީ ފުރަތަމަ ކުންފުނީގެ ހައްގު ސާބިތުކޮށްގެން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

     މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ރަޖިސްޓަރ އޮފް ކޮމްޕެނީގެ ބައްދަލުވުމެއް ބޭއްވުމަށް މިމައްސަލައަށް ސުލްހަވެރި ގޮތެއް ނިންމުމަށްޓަކައި ފުރުސަތެއް ދެއްވުމަށްފަހުގައެވެ. ގާޒީ ވިދާޅުވީ މިމައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

 

ހުޅުމާލޭގައި ބަހުގެ ހިދުމަތްދިން ކާޓިއުންސްއިން 55 ހާހަށްވުރެ ގިނަ ރުފިޔާ އެޗް.ޑީ.ސީއަށް ދެއްކުމަށް މަދަނީ ކޯޓުން ހުކުމް އިއްވައިފި

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ކާރޓިއުސް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހުޅުމާލޭގައި ޕަބްލިކް ބަސް ސާރވިސް ދިނުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަހުގެ ކުއްޔަށް ދައްކަންޖެހޭ ފައިސާއާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކާޓިއުންސްއިން ނުދައްކައިގެން ކާޓިއުންސްއިން ބަހު ކުއްޔާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް މަދަނީ ކޯޓުން މިއަދު ހުކުމް އިއްވައިފިއެވެ.

 ކާޓިއުންސްގެ މައްޗަށް އެޗްޑީސީއިން ދައުވާކޮށްފައިވަނީ ހުޅުމާލޭގައި ބަހުގެ ހިދުމަތްދިނުމަށް 28 ނޮވެމްބަރ 2005 ގައި ވެފައިވާ އެއްބަސްވުމާއި، ކާރޓިއުންސުން ހިލާފުވެފައިވާތީ އެއެއްބަސްވުން ނިމުމަކަށް ގެނެސް މިއެއްބަސްވުން ނިމުނު ތާރީހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މިހިދުމަތް ދިނުމަށް ކާރޓިއުސްގެ ފަރާތުން ހުޅުމާލެއިން ނުގެންގޮސްވާ ބަސް ހުޅުމާލެ އިން ނެރެދިނުމަށާއި، ކާޓިއުސްގެ މުވައްޒަފުން ތިބުމަށް ހުޅުމާލެއިން ހަވާލުކޮށްފައިވާ އެޗް.ޑީ.ސީގެ އިމާރާތް ހަވާލުނުކުރާތީ، މިއިމާރާތް ހަވާލުކޮށް ދިނުމަށާއި ބަހުގެ ކުއްޔާއި ރޯޔަލްޓީގެ ގޮތުގައި ކާޓީއުންސްއިން ދައްކަންޖެހޭ ފައިސާ ލިބިދިނުމަށެވެ.

މަދަނީ ކޯޓުން މިއަދު ހުކުމް އިއްވާފައިވަނީ 21 ފެބްރުއަރީ 2007 ދުވަހާއި ހަމައަށް ކާޓިއުންސްއިން އެޗް.ޑީ.ސީއަށް ބަހު ކުލީގެ ގޮތުގައާއި ރޯޔަލްޓީގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 55،744.76ރ (ފަންސާސް ފަސްރުފިޔާ ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ހަތްދިހަ ހަލާރި) މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި އެޗް.ޑީ.ސީއަށް ދެއްކުމަށެވެ. އަދި ހުޅުމާލޭގައިވާ ކާޓީއުންސްގެ ބަސް މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހުޅުމާލެއިން ނެރުމަށާއި ހުޅުމާލެއިން ކާޓިއުންސްގެ މުވައްޒަފުންނަށް ހަވާލުކޮށްފައިވާ އިމާރާތުގައި ހުރި ކާޓިއުންސްގެ ތަކެތި މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހުސްކޮށް އެޗް.ޑީ.ސީއަށް އާއި އިމާރާތް ހަވާލުކުރުމަށްވެސް މިއަދު ކުރެއްވި ހުކުމްގައި ބަޔާން ކުރައްވާފައިވެއެވެ.

މަދަނީ ކޯޓުން މިމައްސަލަ ނިންމަވާ ދެއްވަމުން ގާޒީ ވިދާޅުވީ 21 ފެބްރުއަރީ 2007 ދުވަހާއި ހަމައަށް ކާޓިއުންސްއިން އެޗް.ޑީ.ސީއަށް ބަހު ކުލީގެ ގޮތުގައި 16،854.84 (ސޯޅަ ހާސް އަށްސަތޭކަ ފަންސާސް ހަތަރު ރުފިޔާ އައްޑިހަ ހަތަރު ލާރި) ދައްކަންޖެހޭ ކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ރޯޔަލްޓީގެ ގޮތުގައި 2006 ޖެނުއަރީ މަހުން ފެށިގެން 2007 ޖެނުއަރީ މަހުގެ ނިޔަލަށް 32،177.42 (ތިރީސް ދެހާސް އެއްސަތޭކަ ހަތްދިހަ ހަތްރުފިޔާ ސާޅީސް ލާރި) ދައްކަންޖެހޭ އިރު، ރޯޔަލްޓީ އާއި ބަހު ކުލީގެ ފައިސާ ދައްކަންވާ ތާރީހަށް ނުދައްކައިގެން ރޯޔަލްޓީގެ ޖޫރިމަނާގެ ގޮތުގައި 4475 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްރުފިޔާ) އާއި ބަހު ކުލީގެ ޖޫރިމަނާއަށް 2237.50 (ދެހާސް ދުއިސައްތަ ތިރީސް ހަތްރުފިޔާ ހަތްދިހަ ހަލާރި) ދައްކަންޖެހޭ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.