އަބްދުއްރަހްމާން
މާލެތެރޭގައި ހިނގަމުންދިޔަ ސިލްސިލާ މާރާމާރީތައް ހުއްޓުވުމަށްޓަކައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ ފަރާތުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި، މިހާތަނަށް 138 މީހަކަށް ނަސޭހަތް ދީފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
ސިފައިން ބުނަނީ މިއޮޕަރޭޝަންގައި ސިފައިންގެ ބެލުމުގެ ދަށަށް މިހާތަނަށް 147 މީހުން ގެނެވިފައިވާއިރު މީގެތެރެއިން 138 މީހުނަށް ނަސޭހަތްދީ ދޫކޮށްލާފައިވާކަމަށާއި މީގެ ތެރެއިން 8 މީހަކު ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ހަވާލުކުރެވިފައިކަމަށެވެ. އަދި މީގެ ތެރެއިން އެކަކު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައިކަމަށެވެ.
"ވޭތުވެދިޔަ 24 ގަޑި އިރުގެ ތެރޭގައި 10 މީހުން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެވިފައި" ސިފައިން ބަޔާންކުރެއެވެ.
މާލެތެރޭގައި ހިންގާ ގްރޫޕް މާރާމާރީތައް ހުއްޓުވުމަށް ސިފައިން ޚާއްޞަ އޮޕަރޭޝަން ހިންގަން ފެށިފަހުން މިފަދަ ބޮޑެތި ގްރޫޕް މާރާމާރީ ހިނގާފައި ނުވާކަން ފާހަގަކުރާކަމަށާއި މިހާރު މާލެތެރެ ޢާއްމު ހާލަތަކަށް ރުޖޫޢަވެފައިވާކަން ފާހަގަކޮށްލަން ޖެހޭކަމަށް ސިފައިން ބުނެއެވެ. ސިފައިން ބުނަނީ މިހާރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ގެނެވިފައިވަނީ ކުދިކުދި ކުށްތައް ކޮށްގެންކަމަށްވާތީ މިމީސްމީހުން ދޫކޮށްލެވިފައިވަނީ މިކަންތައްތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެދީ، އެމީހުންނަކީ މުޖުތަމަޢުގައި ވަރަށް ޒިންމާދާރު ބައެއްކަން ވިސްނާ ދިނުމަށް ފަހުގައިކަމަށެވެ. އަދި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވި ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލެވިފައިވާ މީހަކު ދެވަނަ ފަހަރަށް ސިފައިންގެ ބެލުމުގެ ގެނެވިފައި ނުވާކަން ފާހަގަ ކުރާކަމަށްވިއަސް، މިފަދަ މައްސަލަތަކުގައި ގެނެވޭ މީހުންތަކުގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭކަމީ ވަރަށް ހިތާމަކުރަން ޖެހޭކަމެއްކަމަށް ސިފައިން ބަޔާންކުރެއެވެ.
No comments:
Post a Comment