Saturday, 19 April 2008

ސީނިއަރ މިނިސްޓަރުންނާއި ދައުލަތުގެ މިނިސްޓަރުންގެ ކިބައިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލެއް ނާންނާނެ – ރައީސް އޮފީސް

 

އަބްދުއްރަހްމާން

ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބުރާސްފަތިދުވަހު ގެންނެވި ބަދަލުތަކުގައި ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަވާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ބުރާސްފަތިދުވަހު ސީނިއަރ މިނިސްޓަރ ކަމުގެ މަގާމަށް އިސްކުރެއްވީ، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ކުރީގެ އެޓޮލްސް މިނިސްޓަރު ޢަބްދުﷲ ޙަމީދާއި، ޢުމަރު ޒާހިރުއެވެ. އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ތިއްބެވި އަލްފާޟިލް ކޮލި ޢަލީ ޢުމަރު މަނިކާއި، އަލްއުސްތާޛު ފަތުޙުﷲ ޖަމީލުވެސް ސީނިއަރ މިނިސްޓަރުގެ މަގާމަށް އިސްކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އެހެން ނަމަވެސް، އެބޭފުޅުން މިވަގުތު ރަށުގައި ވަޑައިގެން ނެތުމާއެކު، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމާއި ހުވާކުރެއްވުން، އެބޭފުޅުން ރާއްޖެ ވަޑައިގަތުމުން ބާއްވަވާގޮތަށް ވަނީ ހަމަޖައްސާފައި ކަމަށް އެއޮފީހުން މައުލޫމާތުދެއެވެ.

ދިވެހި ދައުލަތުގެ މިނިސްޓަރ ކަމުގެ މަގާމަށް އިސްކުރެއްވީ، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކު (ސަމަރޭ)އާއި، އަލްފާޟިލާ ރާޝިދާ ޔޫސުފާއި، އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.

ރައީސް އޮފީހުން ބުރާސްފަތިދުވަހު ނެރުނު ޚަބަރެއްގައި ބަޔާންކޮށްފައިވަނީ ސީނިއަރ މިނިސްޓަރު ކަމުގެ މަގާމަށް އިސްކުރެއްވި ތިން ބޭފުޅުންނާއި މިނިސްޓަރު ކަމުގެ މަގާމަށް އިސްކުރެއްވި ހަތަރު ބޭފުޅުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިނުގަންނަވާ ކަމަށާއި، މިހެން މިކަން އޮތުމާއެކު، މިކަމާ ގުޅިގެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލެއް ނާންނާނެ ކަމަށެވެ.

No comments: