Saturday, 19 April 2008

ކަކުލުހުޅު އޮޕަރޭޝަނެއް ކުރުމަށް އެޑްމިޓްކުރެވުނު މީހެއްގެ ކަށިމަތި ބޭލުމަށްފަހު ދޫކޮށްލައިފި

އިބްރާހީމް މުޙައްމަދު

ކަކުލު ހުޅުގެ ޚާއްސަ އޮޕްރޭޝަނެއް ކުރުމަށްޓަކައި މިދިޔަ ބުދަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެޑްމިޓް ކުރެވުނު ޒުވާނެއްގެ ކަށިމަތި ބޭލުމަށްފަހު މިދިޔަ ހުކުރު ދުވަހު އެހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. މިނިވަން ނޫހުން ހޯދި ހޯދުން ތަކުން އެނގުނު ގޮތުގައި މިމީހަކީ ބ.އޭދަފުށީ ޒަމާނީގޭ އަބްދުﷲ އިމާދު 38، އެވެ.

މިހާދިސާ ދެނެހުރި ފަރާތަކުން ކިޔާދިންގޮތުގައި ބުދަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކުރެވުނު އިމާދުގެ ކަކޫ އޮޕްރޭޝަން ކުރުމަށް ތިއޭޓަރަށް ވެއްދީ ބުރާސްފަތިދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

"ދެން މައިބަދައަށް އައްސިކުރާ އިންޖެކްޝަނެއް ޖަހާފައި ހޮސްޕިޓަލުގައި ބެހެއްޓީ" އޭނާ ބުންޏެވެ. "ނަމަވެސް ހުކުރު ދުވަހު ހޮސްޕިޓަލުން އެންގީ އޮޕްރޭޝަން ކުރެވެން ނެތްކަމަށް"

މައުލޫމާތު ދިން ފަރާތުން ބުނީ އޮޕްރޭޝަންގެ ޓެސްޓުތައް ހެދުމަށް 1000 އަށްވުރެ ގިނަ އަދަދެއްގެ ފައިސާ އިމާދުގެ އަތުން ޚަރަދުވާނެކަމަށެވެ.

"ނަމަވެސް ދޫކޮށްލީ ކަށިމަތީގެ އިސްތަށި ބޭލުމަށްފަހު" އޭނާ ބުންޏެވެ.

އައިޖީއެމްއެޗުން މައުލުމާތު ލިބުނުގޮތުގައި އޮޕްރޭޝަން ކުރަން އުޅުނީ ފްރާންސްގެ ހުޅުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޖޭ.ޕީ.ލެބޯރޯއެވެ. އަދި ޑރ.ލެބޯރޯ ބަލިމީހުން ބަލަން ފަށާފައިވަނީ މިމަހު 16 ވަނަ ދުވަހުގައިކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބުނެވެ. މުއުތަބަރު ފަރާތަކުން މިނިވަން ނޫހަށް އޮޅުން ފިލުވައިދިންގޮތުގައި މިއޮޕަރޭޝަން ކުރެވޭގޮތްނުވީ ހޮސްޕިޓަލުގައި އޮޕްރޭޝަން ކުރަން ބޭނުންކުރާ އާލާތްތައް ނެތުމުގެ ސަބަބުންނެވެ.

"މި ޑޮކްޓަރަކީ ކުރިން މިފަދަ އޮޕަރޭޝަނެއް ކުރުމަށް އާލާތްތަކާއިއެކު ރާއްޖެ އައި މީހެއް" އޭނާ ބުންޏެވެ. "އެފަހަރު އޭނާ އޮޕްރޭޝަންތައް ނިންމާލުމަށްފަހު އައިޖީއެމްއެޗްއަށް އާލާތްތައް ވިއްކާލާފައިވަނީ. ނަމަވެސް މިހާރު އެތަކެތި ހޮސްޕިޓަލުގައި ނެތްކަމަށްވަނީ"

މުއުތަބަރު ފަރާތުން އޮޅުންފިލުވައިދިންގޮތުގައި އޮޕަރޭޝަން ކުރުމަށް ޖުމްލަ 3 މީހަކު މިގޮތަށް އެނދުމަތި ކުރުމަށްފަހު ދޫކޮށްލެވިފައިވެއެވެ.

މިހާދިސާއަށް އައިޖީއެމްއެޗްގެ އެއްވެސް ބަހެއް ލިބޭގޮތެއް ނުވިއެވެ.

 

No comments: