Saturday, 19 April 2008

އެމްޓީސީސީއަކީ ބަނދަރު ހެދުމަށް ފޭލިވެފައިވާ، ނުކުޅެދިފައިވާ ތަނެއްކަމަށް މިލަދޫ ރކ ކޮމިޓީގެ މެމްބަރަކު ވިދާޅުވެއްޖެ


ނ މިލަދޫގައި 5 މަސްދުވަސް ތެރޭގައި ނިންމުމަށް ކަޑައެޅި، މަސައްކަތް ފެށިފަހުން އެއްއަހަރާ ނުވަމަސްވުމަށްފަހު، ބަނދަރު ނުނިމެނީސް މަސައްކަތް ހުއްޓާލާފައި އޮންނަ ސަބަބެއް ނޭގޭކަމަށް އެރަށުގެ ރކ ކޮމިޓީގެ މެމްބަރު ހަސަން މޫސާ ވިދާޅުވެއްޖެއެވެ.

"1 އަހަރާ 9 މަސްވެގެން ދިޔައިރު ބަނދަރުގެ މަސައްކަތް ނުއެއް ނިމޭ. 9 މަސްވަންދެން (މަސައްކަތް) ހުއްޓާލާފައި އޮތީ. މީހުންތައް ހަމައަށް ތިބެ ސާމާނުތައްވެސް ހުރެ ދެން އަޅުގަޑަކަށް ނޭގެ ކީއްވެގެން ކަމެއް ހުއްޓާލާފައި މިއޮތީ. ހަމަގައިމުވެސް އެއްވެސް ރައްޔިތަކު ބަނދަރު (ގެ މަސައްކަތް) ހުއްޓުވާފަކާއެއް ނުވާނެ." ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ބަދަރުގެ މަސައްކަތް ހުއްޓާލާފައި އޮތްނަމަވެސް 9 މަސްވަންދެން ބަދަރު ހެދުމަށް އައި މީހުންނާއި އެކަމަށް ބޭނުންކުރި ސާމާނު އެރަށުގައި ހުރި ކަމަށެވެ.

 "ކުއްލިއަކަށް ސިފައިން ބޭނުންކޮށްގެން އެއްޗެހި މި ބޭލީ. އަޅުގަޑު ހައިރާންވާންޖެހޭ ކަމަކީ ކީއްވެތޯ (40) ސިފައިން މެދުވެރިކޮށް އެއްޗެހި ބާލަންވީ. އެއްވެސް ހާލެއްގައި ސިފައިން މެދުވެރިކޮށެއްނޫން އެއްޗެހި އެރުވީއެއް. އަދި އެއްވެސް ހާލެއްގައި ރައްޔިތުން އެއްޗެހި ހިފަހައްޓާކަށްވެސް ތިބީއެއް ނޫނޭ."

މިލަދޫގެ ބައެއް ރައްޔިތުން ބުނާ ގޮތުގައި ބަދަރު މިހާރު އޮތީ ކޮންނަންފަށާފައި މުޅިން ނުނިމިއެވެ. އަދި އެއްކޮޅާ އެއްފަރާތު ތޮށިޖަހާ، އެއްފަރާތުގައި ބޮޑު ހިލަ ޖަހާފައި އޮތް އިރު ބޮޑު ހިލަތައް ނުހިފަހައްޓައިގެން ޓެޓްރަޕޮޑް ގެނެސްފައިވާކަމަށްވެސް އެމީހުން މައުލޫމާތު ދިނެވެ. ނަމަވެސް އެމީހުން ބުނިގޮތުގައި ރަށުގެ ބޭނުމަށް ފުދޭވަރަށް ޓެޓްރަޕޮޑް ނުގެންނަކަމަށާއި ގެނައިތަކެތިވެސް ހުރީ ޖައްސަން ނުފަށައެވެ.

"ފަޅުގެ ކޮންނަމުންދާ ކޮޅު ނުނިންމަ އޮތީ ކީއްވެގެންތޯ އަޅުގަޑުމެން ސުވާލުކުރީމާ އެމްޓީސީސީގެ އިސްބޭފުޅަކު ދި އެފްއެމްއަށް ދެއްވި އިންޓަވިއުއެއްގައިވެސް އެއްފަހަރު މި ވިދާޅުވަނީ އެތަނަށް ބަރުވައްޓައިގެން ނޫނިއްޔާ އެކަން ނުކުރެވޭނެތީއޭ އެ ސިސްޓަމް ގެނައިމައޭ އެކަން ކުރެވޭނީ." ހަސަން ވިދާޅުވިއެވެ. "ދެން އަނެއް ފަހަރެއްގައި މިރަށު ރައްޔިތުން ކުށްވެރިކޮށްފައި ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި މިވަނީ މިހާރު ޓެޓްރަޕޮޑް ގާ ޖެއްސުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައޭ ވާނީ."

"އަޅުގަޑުމެންނަށް އެއްވެސް ކަހަލަ މަގެއް ނެތް ފެންނާކަށް. ބަނދަރު ނެތީމާ އަޅުގަޑުމެންނަށް ވަރަށް ދަތިވޭ. ހަގީގަތުގައި އެތަނުގެ އެއްވެސް ބޭނުމެއް އަޅުގަޑުމެންނަށް ނުކުރެވޭ. ރަށަށް ވަންނަންޖެހޭ ގިނަ ލާރިތަކެއް ހަމަ ނުވަދެ މިދަނީ. ހަސަން ވިދާޅުވިއެވެ. "އަޅުގަޑުމެން ރަށުގައި އެއްވެސް ކަހަލަ އިގްތިސާދެއް ނެތް ތަނެއްގައި ބަދަރަކީ ދެން އަޅުގަޑުމެން އުއްމީދުކޮށްގެން ތިބީ ވަރަށް ރަގަޅު އިގްތިސާދެއް މިތަނަށް ލިބޭނެކަމަށް. ދެން އެހެން ނަމަވެސް މިތަނުގައި އެއްވެސް ކަހަލަ މަޝްރޫއެއް ނުފެށިފައި މިވަނީ."

ހަސަން ވިދާޅުވީ ރަށުގެ ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ބަދަރު ކައިރިން ބިން ހޯދުމަށް މިހާރު އެދެމުންދާ ކަމަށެވެ.

"ދާދިފަހުން ކޮމިޓީއަށް ހުށަހެޅުނު ބަޔަކު އެތާގައި ވިޔަފާރިއެއް ކުރުމަށްޓަކައި ބިމެއް ދޫކުރަން. އެދުނީމަ އަޅުގަޑުމެން ދެންނެވިން މިހާރު މިރަށަށް މިތަން ލިބިއްޖެތޯއޭ. ކަތީބު ވިދާޅުވަނީ އަދިއެއް އެއްގޮތަކަށްވެސް މިތަނަކަށް (ރަށުއޮފީހަށް) ނުލިބޭ އެތަނެއް. ދެން އަޅުގަޑު ސުވާލުކުރީ މި އޮފީހަށް އެ ތަން ނުލިބިގެން އުޅޭ ސަބަބެއް އޮޅުން ފިލުވައިފީމުތޯއޭ. ކަތީބު ވިދާލުވަނީ އަޅުގަޑު ކިތަންމެ ފަހަރަކު މެސެޖު ޖަހައިފީމޭ. އޭގެ އެއްވެސް ޖަވާބެއް ނުލިބެއޭ." ހަސަން ވިދާޅުވިއެވެ.

ނ މިލަދޫގައި ހުޅަގު މޫސުމުގައި ރަށަށް އަރާފޭބުމަށް ބޭނުންކުރަނީ މިހާރު ބަނދަރު ހަދަމުންދާ ރަށުގެ އިރުމަތި ފަރާތު ސަރަހައްދުކަމަށާއި ބަނދަރުގެ މަސައްކަތް ފަށާފައި ނުނިމި އޮތުމުން ހުޅަގު މޫސުމުގައި އޮޑިދޯނިފަހަރު އެހެލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އެރަށުގެ ބައެއް ރައްޔިތުން މައުލޫމާތު ދެއެވެ.

"މުޅި އަތޮޅުގައިވެސް މިއަށްވުރެ ލަފާފުރުން އުދަގޫ ރަށެއް ނޯންނާނެ. އެހެންވީމާ ހުޅަނގު މޫސުމް އަންނަންވާއިރަށް ރައްޔިތުންގެ އޮޑިދޯނިފަހަރު އެހެލާ ދިމާ މިހާރު މިވަނީ ބަދަރު ހެދިފައި. ދެން އެހެންވީމާ އަޅުގަޑުމެންނަކަށް ނޯންނާނެ ދޯނި އެހެލެވޭނެ ހަމަ އެއްވެސް ގޮތެއް. ހުޅަގުގެ ގަދައިގައި މިރަށުގެ ރައްޔިތުން އުޅޭ ހާލު ލޮލުން ދެކެފި މީހަކު ކެތްކުރާކަށް ނުހުރެވޭނެ އެ މަންޒަރު ބަލަހައްޓައިގެން. ހަމަ އެލާޓަށް ނިކުންނާނެ ހުރިހާ ރައްޔިތުން. މީހުން އެއްކޮށް ރޮއެ ހޭރި ރަށުތެރޭގައި ދުވާނެ. އޮޑިދޯނި ފަހަރު ކަޑުގައި އޮއްވައި އަޅުގަޑުމެން ޒުވާނުންގެ ބަޔަކު ވައު ހިފައިގެންގޮސް ދޯނީގައި ޖަހާފައި އެއްގަމުގައި ތިބޭ ބަޔަކު ރާޅުގެ ވަރަށް ބަލާފައި އެ ގެންނަގޮތަށް ރާސްލާފައި ގެނެސް އެއްގަމަށް ލާނީ. އެގޮތަށް އަބަދަކު އަޅުގަޑުމެންނަކަށްވެސް ދިރިއެއް ނޫޅެވޭނެ. ހަސަން ކިޔައިދެއްވިއެވެ. 

ގާތްގަޑަކަށް 1339 މިލަދޫ ރައްޔިތުންނަކީ އާންމުގޮތެއްގައި މަސްވެރިކަން ކުރާ ބައެއް ކަމަށާއި އެރަށުގައި ބޮޑުކަންނެއްޔާދާ ގާތްގަޑަކަށް 5 ދޯންޏާއި މުދާއުފުލާ ގާތްގަޑަކަށް 4 ދޯންޏާއި 16-17 ކުދި ދޯނީގެ އިތުރުން އަތޮޅުތެރޭގައި ދަތުރުކުރާ ގާތްގަޑަކަށް 3 ދޯނި އޮވެއެވެ.

މިލަދޫއިން އެމްޓީސީސީގެ މީހުން ފޭބި މައްސަލައާ ގުޅޭގޮތުން 2 މާޗް 2008 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އެމްޓީސީސީގެ މެނޭޖަރ އާދަމް ޒަކީއާ ހަވާލާ ދެއްވާ ލިޔެފައިވަނީ "އެރަށުގައި ތިބި މީހުންނާއި ތަކެއްޗަށް ނުރައްކާވެދާނެފަދަ ގޮތަކަށް އިންޒާރުދީ ކަންތައް ކުރުމުން އެގުނީ އެއްވެސް ރައްކާތެރިކަމެއް ނެތްކަން. އެގޮތަށް މަސައްކަތްކުރުމަށް މުއައްޒަފުންތަކެއް ދޫކޮށްލާކަށް އެމްޓީސީސީން ބޭނުމެއް ނުވޭ. އެހެންވެ މަސައްކަތް ހުއްޓާލުމަށްފަހު ރަށުން ފޭބީ." ކަމަށެވެ.

މިލަދޫ ކަތީބު މުހަންމަދު ހަސަންއާ ހަވާލާ ދެއްވައި އެނޫސް ބުނެފައިވަނީ އެމްޓީސީސީން އެރަށުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ފަޅުތެރޭގެ މަސައްކަތް ނުނިމިވާކަމަށެވެ. އަދި ބަނދަރާޖެހިގެން ދޯނި އެހެލާ ސަރަހައްދެއްވެސް ހެދުމަށް އެރަށު ރައްޔިތުން ބޭނުންވާކަމަށާއި ރައްޔިތުން ނުރުހުން ފާޅުކުރީ އެ މަސައްކަތްތައް ނުނިންމާ ސާމާނު އެހެން ރަށަކަށް ގެންދިޔުމުން ކަމަށެވެ.

އެމްޓީސީސީގެ މުއައްޒަފުން މިލަދޫގައި ކުއްޔަށް ތިބި ގެއިން ބޭރަށް ނެރެލައި ރަށުން ފޭބުމަށް އެރަށު ރައްޔިތުން 28 ފެބްރުއަރީގައި އިންޒާރު ދިނީ ބަދަރުހެދުމަށް ބޭނުންކުރާ ބައެއް ސާމާނު އެހެން ރަށަކަށް ބަދަލުކުރުމުން ކަމަށްވެސް ހަވީރު ނޫހުގައި ބުނެއެވެ.

ޒަކީއާ ހަވާލާދީ ހަވީރު ނޫސް ބުނެފައިވަނީ މިލަދޫ ބަދަރުގެ ކޮންސެޕްޓާ އެއްގޮތަށް 95 އިންސައްތަ ނިމިފައިވާކަމަށެވެ. އަދި ބަދަރުގެ ނުނިމިވާ މަސައްކަތާމެދު ވަކި ގޮތެއް ނިންމަން އެގޭނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ވަކި ގޮތެއް އެންގުމުންކަމަށެވެ.

No comments: