Saturday, 19 April 2008

ލަންދޫ ރައްޔިތުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އިންތިހާއަށް ބޭނުންވި ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ރައްޔިތުން ބުނެފި

ނ އަތޮޅު ލަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އިންތިހާއަށް ބޭނުންވި ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް އެއްބާރުލުން ނުދޭކަމަށް އެރަށު ރައްޔިތުން ބުނެފިއެވެ.

     ބަނދަރު ހެދުމުގައި ލަންދޫ ޗަސްބިން ހިއްކާކަމަށް ބުނެ އެންވައިރޮމެންޓް މިނިސްޓްރީން އެމަސައްކަތް ހުއްޓުވުމަށް މިދިޔަ ހޯމަދުވަހު އެންގުމާގުޅިގެން މިނިވަނަށް މަޢުލޫމާތު ދެމުން އެރަށު ނޫވިލާ ޢީސާ އަލީ ބުނީ ދިގު އިންތިޒާރަކަށް ފަހު ލަންދޫ ފަޅުކޮނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފައްޓަވާފައި އޭޕްރީލް މަހު އެމަސައްކަތް ހުއްޓާ ލުމުން އެރަށު ރައްޔިތުން ތިބީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައިކަމަށެވެ. ބަނދަރުގެ މަސައްކަތުގެ ކޮންމެ މަރުހަލާއެއްގައިވެސް ކަންތައް ހިނގާފައިވަނީ ރައްޔިތުންގެ ހިތްނުތަނަސްވާ ގޮތްގޮތަށް ކަމަށް ޢީސަ ބުންޏެވެ.

     "އަޅުގަނޑުމެން ރަށަށް ފަޅުކޮންނަށް ބޭނުންވާނެ ސާމާނު ގެނައީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު، އޭގެ ފަސްމަސް ފަހުން ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ މާރްޗް މަހުގެ 19 ވަނަ ދުވަހު، އަނެއްކާ މިއޮތީ މަސައްކަތް ހުއްޓިފައި، މިހާރު މި މަސައްކަތް އަޅުގަނޑުމެންނަށް ކޮށްދެއްވަން ސަރުކާރުން ބޭނުންނުވާހެން ހީވަ ހިސާބަށް ގޮސްފި، ދެން ނޭނގެ މަސައްކަތް ފަށާނެ ތާރީހެއް" ޢީސާ އަލީ ބުންޏެވެ.

     ޢީސަ ބުނީ އެރަށުގެ ފަޅުކޮނުމުގެ ހުރިހާކަމެއް ނިންމާފައިވަނީ އެރަށު ރކ ކޮމެޓީއާއި، ބަނދަރު ކޮމެޓީއާއި ރައްޔިތުން މަޝްވަރާކުރުމަށް ފަހުގައިކަމަށެވެ. ހަމައެހެންމެ މި މަސައްކަތް ހުއްޓާލުމާ ވިދިގެން އެމްޓީސީސީއަށް ސުވާލުކުރުމުން މަސައްކަތް ހުއްޓާލާފައިވަނީ ކޮންޓްރަކްޝަން މިނިސްޓްރީން އަންގައިގެންކަމަށް އެކުންފުނިން ބުނެފައިވާކަމަށް ޢީސަ ބުންޏެވެ.

ލަންދޫ ބަނދަރުގެ މައްސަލައާގުޅޭ ގޮތުން ކޮންޓްރަކްޝަން މިނިސްޓީން ހާމަކޮށްފައިވާ ގޮތުގައި ލަންދޫ ބަނދަރުގެ މަސައްކަތް ތަފާތު ސަބަބުތަކާ ހުރެ ލަސްވުމަށް ފަހު މަސައްކަތް ޢަމަލީ ގޮތުން ފަށާފައިވަނިކޮށް ބަނދަރު ޕޮޒިޝަން ބަދަލުކޮށް އަދި ރަށުން ބައެއް ކަނޑައިގެން ބަނދަރު ހެދުމަށް ރަށުގެ ކޮމެޓީން އެދުމުން އެ މިނިސްޓްރީން އިސްނަގައިގެން އީއައިއޭ ހެދުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި މިގޮތުން ކުރިއަށް ދަނިކޮށް 14 އޭޕްރީލް 2008 ވަނަ ދުވަހު އެނާޖީ މިނިސްޓްރީން އެމްޓީސީސީއަށް ލިޔުއްވާ ކަމާބެހޭ ސަރުކާރުގެ އޮފީސްތަކަށް ކޮޕީ ފޮނުއްވާފައިވާ ލިޔުމުން ދޭހަވަނީ ރަށުގައި އޮތް ޗަސްބިން ހިއްކަމުންދާ ކަމުގެ ޝަކުވާއެއް ލިބިފައިވާކަމާއި، އެފަދަ ކަމެއް ކުރަންވާނީ އީއައިއޭ ހަދައިގެންކަމާއި އެހެންކަމުން އެމަސައްކަތް ވަގުތުން ހުއްޓާލުމަށް އެމްޓީސީސީއަށް އެ މިނިސްޓްރީން އަންގަވާފައިވާކަމަށެވެ.

ލަންދޫގައި ހަދާ ބަނދަރު ސްކޯޕްގައި އެރަށު ޗަސްބިން ހިއްކުން ހިމަނާފައިނުވާނެކަމަށާއި ކޮންސްޓްރަކްޝަން މިނިސްޓްރީން ހިންގާ ބަނދަރު ޕްރޮޖެކްޓްގެ އީއައިއޭގައި ޗަސްބިމާބެހޭ ކަމެއް ނުހިމެނޭކަމަށް އެންވާރމަންޓް މިނިސްޓްރީއަށް ދަންނަވާފައިވާނެކަމަށް ކޮންޓްރަކްޝަންސް މިނިސްޓްރީން ހާމަކުރެއެވެ. އަދި މިހެން ކަންތައްތައް ހިނގާފައިވުމުން ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް އެންވާރަމަންޓް މިނިސްޓްރީން ކޮންޓްރަކްޝަން މިނިސްޓްރީއަށް އަންގާފައި ނުވާކަމަށް ވެސް އެމިނިސްޓްރީން ހާމަކުރެއެވެ.

No comments: