Saturday, 19 April 2008

ރަސްދޫ ބަނދަރުގެ މައްސަލަ

ތިން ދުވަސް ފަހުން ކަރަންޓް ކަނޑާލާފައިވާ ސަރުކާރުގެ މުއައްސަސާތަކަށް ކަރަންޓު ދީފި

އިސްމާއިލް

އަރިއަތޮޅު އުތުރުބުރީ ރަސްދޫގައި ސަރުކާރުން ހަދައިދޭ ބަނދަރުގެ ސައިޒު ކުޑަކަމުން އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން 3 ދުވަހު ކަރަންޓް ކަނޑާލާފައި ބެހެއްޓުމަށް ފަހު ހުކުރުދުވަހު މެންދުރުފަހު އަލުން އެމުއައްސަސާތަކަށް ކަރަންޓް ދޭންފަށައިފިކަމަށް އެރަށު ރކ ކޮމެޓީގެ ނައިބް ރައީސް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ ކަރަންޓު ކަނޑާލާފައިވާ ސަރުކާރުގެ މުއައްސަސާތަކަށް އަލުން ކަރަންޓް ދޭން މިފެށީ ރައްޔިތުންނާއި ރކ ކޮމެޓީ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި އަލުން ކަރަންޓް ދިނުމަށް ރައްޔިތުންގެ އަގުލަބިއްޔަތުން ފާސް ވުކުންކަމަށެވެ. ނާޒިމް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކަށް ކަރަންޓު އަނބުރާ ދިނުމަށް އަތޮޅު އޮފީހުން އެދިފައި ނުވާކަމަށާއި، ކަރަންޓް ދިނީ ރައްޔިތުން ބޭނުންވުމުންކަމަށެވެ.

ބަނދަރުގެ މައްސަލާގައި ރަސްދޫ ރައްޔިތުން ހިންގި އިހްތިޖާޖުގައި ކަރަންޓް ކަނޑާލީ އަތޮޅު އޮފީހާއި، ރަށުއޮފީހާއި، ޕޮލިސް ސްޓޭޝަން އަދި ކޯޓުންނެވެ. އެތަންތަނުން ކަރަންޓް ކަނޑާލި ނަމަވެސް ހޮސްޕިޓަލާއި ސްކޫލާ އަދި ބޭންކުގެ ކަރަންޓު ކަނޑާލާފައެއް ނުވެއެވެ.

ރަސްދޫގެ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ބަނދަރު ސަރުކާރުން ހަދައިދޭނެ ކަމަށް މިހާރު އެރަށުގެ ރައްޔިތުން ގަބޫލުނުކުރާކަމަށާއި، އަދި ސަރުކާރުން ހަދާހާ ގޮތެއް ރަސްދޫ ރައްޔިތުން ގަބޫލު ނުރާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރަސްދޫގެ ބަނދަރު ހަދާ ސައިޒާމެދު ހިތްހަމަ ނުޖެހިގެން އަންގާރަދުވަހު އެރަށު ރައްޔިތުން ރަށު އޮފީސް ބަންދުކޮށްގެން ތިބުމަށްފަހު އެކަންތައް ހުއްޓާލީ އެދުވަހު ހަވީރު 5:30 ހާއިރެވެ. އޮފީސް ބަންދުކުރިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން ރަސްދޫގެ ބަނދަރާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ފޮނުވި ޓީމުގައި ހިމެނެނީ އެމިނިސްޓްރީގެ 2 ޓެކްނިކަލް މުވައްޒަފުންނާއި، އަމީން ކޮނސްޓްރަކްޝަންގެ ފަރާތުން ވަޑައިގެންނެވި އިންޖިނިއަރިން ކޮންސަލްޓެންޓެކެވެ. މިޓީމާއެކު އެއަތޮޅު އަތޮޅުވެރިޔާއާއި އެރަށު ކަތީބުވެސް އޮފީހުގައި ބަންދު ވެފައި ތިއްބެވެ.

ރަސްދޫ އޮފީހުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދެ މުވައްޒަފަކު ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އެމިނިސްޓްރީން ނޫސް ބަޔާނެއް މިދިޔަ ބުދަދުވަހު ނެރުނެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނުގައިވަނީ އެމިނިސްޓްރީގެ ޓީމް ރަސްދޫ ރައްޔިތުން ހިފަހެއްޓުމަކީ ގައިރުގާނޫނީ އަމަލެއްކަމަށާއި، އަދި އެޓީމުގެ މެމްބަރުންނަށާއި އެމެންބަރުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން ނުތަނަވަސްކަން ލިބޭގޮތަށް ރަސްދޫގެ ބައެއް ރައްޔިތުން އަމަލުކޮށްފައިވާތީ އެކަން ކުށްވެރި ކުރާކަމަށެވެ.

މީގެ އިތުރުން ރަސްދޫގެ ކޮމެޓީތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ފުރިހަމަ ނުވުމުން އެމަޝްރޫއު ލަސްވެ މަސައްކަތް ކުރީގައި ރާވާފައިވާ ތާވަލަށް ކުރިއަށް ނުދާނެކަމަށް މިއަދު މެންދުރުފަހު ކޮންސްޓްރަކްޝަން މިނިސްޓްރީން އެދުވަހު ނެރުއްވި ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ރަސްދޫގެ ބަނދަރުގެ މައްސަލައާ ބެހޭގޮތުން ރަސްދޫގެ ރކ ކޮމެޓީގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ 2006 ވަނަ އަހަރުގެ ނިޔަލަށް އަތޮޅު ވެރިކަން ކުރާ ހުރިހާ ރަށްރަށުގެ ބަނދަރު ނިންމަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވީނަމަވެސް އަދިވެސް ރަސްދޫގެ ބަނދަރު ހެދޭގޮތް ވެފައި ނުވާކަމަށެވެ. އަދި މިހާރު އެރަށުގައި ސަރުކާރުން ހަދައި ދިނުމަށް ހަމަޖައްސާފައިވަނީ 750 ފޫޓުގެ ބަނދަރެއްކަމަށެވެ. އަދި ސަރުކާރުން އެތައްފަހަރަކު ސާރވޭކޮށް ކުރެހުންތައް ކުރަހާ، ބަނދަރު ހަދާނެ ގޮތަކާމެދު ރައްޔިތުންގެ ހިޔާލު ހޯދާފައިވާކަމަށާއި އެއިން ކޮންމެ ފަހަރަކު ރަށުއޮފީހާއި، ރަށްކުރިއަރުވާ ކޮމެޓީއާއި ރައްޔިތުން އެދިފައިވަނީ 1200 ފޫޓު ދިގު ބަނދަރެއް ހެދުމަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

 

No comments: