Saturday, 19 April 2008

ޕޮލިސް ކޮމިޝަނާއި ބައެއް އެހެން ކޮމިޝަންތައް އުފެއްދުމުގެ ބިލަކާއި މުސްކުޅިކުރުން 2 އަހަރަށް ލަސްކުރުމުގެ ބިލުގެ ދެލިކޮޕީ އާދީއްތަދުވަހު ނެރެނީ

·        ކަތީބުންނާއި އަތޮޅުވެރިންގެ އެހީތެރިން ފަދަ މަގާމުތައް ކައުންސިލް ޤާނޫނު ހެދެންދެން ސިވިލް ސާވިސްގައި ބޭތިއްބުމަށް ސަރުކާރުން އެއްބަސްވެއްޖެ

 

އަބްދުއްރަހްމާން

 

ސިވިލްސާވިސްގެ އަތްދަށުން ވަކި ބަޔަކު އިސްތިސްނާކުރުމަށް ސަރުކާރުން ހުށަހެޅި ބިލު 1 އޭޕްރިލްގައި މަޖިލީހުން ފޭލިވުމާ ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ތެރެއަށް ދާނެ ދައުލަތުގެ ޚިދްމަތްތަކުގެ ތެރެއިން ބައެއް ޚިދްމަތްތައް އެ ކޮމިޝަނުގެ ދަށަށް ނުގޮސް، "ހަމަ އެފަދަ މިނިވަން އެހެން ކޮމިޝަންތަކެއްގެ ދަށަށް ފޮނުވާ" ބިލެއްގެ ދެލިކޮޕީ އާދީއްތަދުވަހު ޕާޓީތަކަށް ފޮނުވާނެކަމަށް މިނިސްޓަރު ނަޝީދު އޭނާގެ ބްލޮގްގައި ހޮނިހިރުދުވަހު ލިޔުއްވައިފިއެވެ. މީގެ އިތުރުން 65 އަހަރުވެގެން ޚިދްމަތުން ވަކިކުރުމަށް ހަމަޖެހެމުންދާ މީހުން، ވަޒީފާއިން ވަކިނުވާގޮތް ހެދުމަށްޓަކައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލެއްވެސް މާދަމާ ނެރޭނެކަމަށް ނަޝީދު ވިދާޅުވެއެވެ.

މިނިސްޓަރު ނަޝީދު ވިދާޅުވަނީ އާދިއްތަދުވަހު ސަރުކާރު ހުޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޑީ.އާރް.ޕީއަށާއި އެމް.ޑީ.ޕީއަށް ނިސްބަތްވާ ދެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕު ލީޑަރުންނަށް، އަދި މާލޭ މެންބަރު އިބްރާހީމް އިސްމާޢީލަށް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް މަޖިލީހުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ މެންބަރުންގެ ތެރެއިން އަލްއުސްތާޛު އަޙްމަދު ޙަމްޒާއަށް، އަދި ޕީ.އޭ އަށް ނިސްބަތްވާ މެންބަރުންގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރަށް އެ ބިލުގެ ކޮޕީއެއް ކޮމެންޓު ހޯދުމަށް ފޮނުވުމަށް ވަނީ ޚިޔާލުކޮށްފައިކަމަށެވެ. އަދި ހަމައެހެންމެ އަމިއްލަ ޖަމާޢަތެއް ކަމުގައިވާ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އަށްވެސް އެ ބިލުގެ ކޮޕީއެއް ކޮމެންޓަށް ފޮނުވުމަށް ވަނީ ޚިޔާލުކުރެވިފައއިކަމަށެވެ.

"ބިލު މަޖިލީހަށް މިފަހަރު ހުށަހަޅާނީ މަޖިލިސްގެ މިދެންނެވި މެންބަރުން ނިސްބަތްވާ ޖަމަޢާތްތަކުން ބައްލަވާލައްވައި، ދެއްވާ ކޮމެންޓުތަކެއްގެ އަލީގައި" ކަމަށް މިނިސްޓަރު ނަޝީދު ލިޔުއްވައެވެ.

ކޮމިޝަންތަކުގެ ބިލުގައި 3 ކޮމިޝަނެއް މިނިސްޓަރު ނަޝީދު ފާހަގަކުރައްވައެވެ. އެއީ ".ފުލުހުންގެ ޚިދްމަތުގައި ތިއްބެވި ބޭފުޅުން "ޕޮލިސް ސަރވިސް ކޮމިޝަން" ކިޔާ ކޮމިޝަނެއްގެ ދަށަށް ބަދަލުކުރުމާއި، ޢަދަލު އިންސާފުގެ ދާއިރާގެ މުވައްޒަފުން "ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޝަން" ކިޔާ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ދަށަށް ބަދަލުކުރުމާއި، ރައީސުލްޖުމްހޫރިއްޔާ ސީދާ ވަޒީފާ ދެއްވާ ފަރާތްތަކާއި މަގާމުތަކަށް އިސްކުރައްވާ ފަރާތްތައް، ޑިކްރީޑް ސަރވިސަސް ކޮމިޝަން ކިޔާ ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ދަށަށް ބަދަލުކުރުމެވެ.

     މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޚިދްމަތުގައި ތިއްބެވި މުވައްޒަފުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ދާއިމީ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން، މަޖިލީހުގެ ރައީސްގެ ބެއްލެވުމުގެ ދަށަށް ބަދަލުކުރުމަށް ބިލުގައި ބަޔާންކޮށްފައިވާކަމަށް ނަޝީދު ވިދާޅުވެއެވެ.

ބިލުގެ މައިގަނޑު އުސްއަލިތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ދާއިރާގައި ނުހިމެނޭ ކޮންމެ މަގާމަކީ ސިޔާސީ މަގާމަކަށް ވާންނުޖެހުމާއި، ކަތީބުންނާއި ކުޑަކަތީބުންނާއި ބޮޑުކަތީބުންނާއި އަތޮޅުވެރިންގެ އެހީތެރިންނާއި އަތޮޅުވެރިންގެ މުޢާވިނުންނާއި މިނޫންވެސް، އަތޮޅުވެރިން ފިޔަވައި، އަތޮޅުތަކާއި ރަށްތަކުގެ ހުރިހާ މަގާމުތަކެއް، ލޯކަލް ގަވަރނަންސްގެ ޤާނޫނު ފާސްވެގެންދާގޮތެއް އެނގިގެން ދަންދެން ސިވިލް ސަރވިސްގެ ދަށުގައި ކުރިއަށް ގެންދިޔުން ހިމެނެއެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާއި އިމިގްރޭޝަންގެ މުވައްޒަފުންނާއި ޕެނިޓެންޝަރީގެ އޮފިސަރުން، މިވަގުތު އަދި ސިވިލް ސަރވިސްގައި ބޭތިއްބުމަށްވެސް ކަނޑައަޅާފައިވެއެވެ.

 

މުސްކުޅިކުރުން ލަސްކުރުން

     މީގެ އިތުރުން 65 އަހަރުވެގެން ޚިދްމަތުން ވަކިކުރުމަށް ހަމަޖެހެމުންދާ މީހުން، ވަޒީފާއިން ވަކިނުވާގޮތް ހެދުމަށްޓަކައި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ދެވަނަފަހަރަށް ހުށަހަޅާ ބިލުގައި ސިވިލް ސަރވިސް ޤާނޫނު ހިންގަންފެށުމަށްފަހު، ހިނގާ ފުރަތަމަ 12 މަސްދުވަހުގެ ތެރޭގައި މުސްކުޅިކުރުމުގެ ޢުމުރާ ކުރިމަތިވާ މީހުން، ވަގުތުން މުސްކުޅިނުކޮށް، 24 މަސްދުވަހުގެ ނޯޓިހެއް ދިނުމާއި، އެ 24 މަސްދުވަހުގެ ނޯޓިސްދޭއިރު، އެމީހުން ޚިދްމަތުން ވަކިކުރާއިރު ލިބޭނެ ޢިނާޔަތްވެސް އެންގުމަށް ބަޔާންކޮށްފައިވެއެވެ. އަދި ފިނޭންސް މިނިސްޓްރީއާއި ސިވިލް ސަރވިސް ކޮމިޝަނާ ވާހަކަދައްކަވައިގެން ހަމަޖައްސަވާފައިވާ ޢިނާޔަތަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށްޓަކައި، އެކަން ބިލުގައި ބަޔާންކުރުމާއި ފަހުން ފާސްކުރާ ޤާނޫނަކުން ދިނުމަށް ހަމަޖެހޭ ޢިނާޔަތް ބޮޑުކަމަށްވާނަމަ، އެ ޤާނޫނު އައުމުގެ ކުރިން ޢިނާޔަތް ދެވުނު މީހުންނަށް، ފަހުން ހަމަޖެހުނު ޢިނާޔަތާއި އެމީހުންނަށް ކުރިން ލިބުނު ޢިނާޔަތާ ދެމެދުގެ ތަފާތު ދިނުމަށް ބިލުގައި ވަކާލާތުކުރާނެކަމަށް މިނިސްޓަރު ނަޝީދު ވިދާޅުވެއެވެ. އަދި މި ބިލު ފާސްނުވަނީސް، މިހާރު ޤާނޫނު އޮތްގޮތުން ބަޔަކު ވަކިކޮށްފައިވާނަމަ، އެ ބަޔަކު ބޭނުންނަމަ ޚިދްމަތް ގުޅައިދީ، މި ބިލުގައިވާ އުސޫލު، އެމީހުންގެ މައްޗަށް ހިންގުމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

No comments: