Saturday, 19 April 2008

ކެނދިކުޅުދޫގެ ކެނދިކޮޅު އަވަށުގައި މަސައްކަތްކުރާ ހަމައެކަނި ޖަނަރޭޓަރުވެސް ހަލާކުވެ، މިރޭވެސް ކަރަންޓު ނުލިބޭނެކަމަށް އިއުލާނުކޮށްފި

 އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން މަޝްރޫޢުގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑިފައިވާ ނ ކެދިކުޅުދޫގެ ކެނދިކޮޅު އަވަށުގައި ކަރަންޓުގެ ހިދުމަތްދެމުންދާ ޖަނަރޭޓަރުތައް ހަލާކުވެ މިއަދު މުޅި އަވަށުން ކަރަންޓު ހިގައްޖެއެވެ.

ކެނދިކޮޅުދޫ ހިރުނދުމާގޭ ހަސަން މުހައްމަދު ބުނީ ކަރަންޓުގެ މައްސަލަ ކުރިމަތިވަމުންދާތާ މިހާރު ހަފްތާއެއް ވެއްޖެ ކަމަށާއި އިންޖީނުގޭގައި ހުރި 4 ޖަނަރޭޓަރު ކުރެން އެންމެ ފަހުން ހަލާކުނުވެހުރި 58 ކިލޯގެ ޖަނަރޭޓަރުގެ ފިއުލް ޕަންޕު ހަލާކުވެގެން މިއަދު ހެދުނު ކަރަންޓު ގޮސްފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެރޭވެސް އެއަވަށަށް ކަރަންޓު ނުލިބޭނެކަމަށް އޮފީހުގެ އަޑުގަދަކުރާއިން މިހާރު އަންގާފައިވާކަމަށް ހަސަން މުހައްމަދު ބުންޏެވެ.

"ކަރަންޓު ނެތިއްޔާ ވަރަށް ދަތިވާނެ، މިރޭވެސް ކަރަންޓެއް ނުލިބޭނެ ކަމަށް ރަށު އޮފީހުގެ ލޯޑުން ގޮވައިފި، އަޅުގަނޑުމެންގެ ދަރިންނަކަށް ނުނިދޭނެ ކަރަންޓު ނެތިއްޔާމު މިހާ ބަންދުކޮށް ހަދާފަ ހުންނަ ގޭގެޔަކު، މިރޭ ނިދަންޖެހޭނީ ބޭރުގަ އަނެއްކޮޅުން މަދިރީގެ އުދަނގޫ އެހާ ބޮޑުވާނެ" ހަސަން މުހައްމަދު ބުންޏެވެ.

ހަސަން މުހައްމަދު ބުނީ ރައްޔިތުންގެ ކަރަންޓު އޮންނަ މިއަވަށުގައި ހުރީ މުޅިއެކު ހަތަރު ޖަނަރޭޓަރު ކަމަށެވެ. މީގެތެރެއިން ތިން ޖަނަރޭޓަރު ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިއަދު ހަލާކުވެފައިވަނީ އެނާޖީ މިނިސްޓްރީއިން މީގެ މަހެއްހާ ދުވަސްކުރިން ދެއްވި ޖަނަރޭޓަރެއް ކަމަށެވެ. މިޖަނަރޭޓަރަކީ މ. ދިއްގަރުގައި ބަޔަކު ގެންގުޅުމަށްފަހު އެމީހުން ބޭނުން ނުކުރުމުން ކެނދިކުޅުދޫއަށް ދެއްވި ޖަނަރޭޓަރެއް ކަމަށްވެސް އޭނާ ބުންޏެވެ.

ހަސަން މުހައްމަދު ބުނީ ކަރަންޓު ތަރައްގީ ކުރުމުގެ އޭޑީބީ މަޝްރޫއުގެ ދަށުން ގެނެސްފައިވާ ޖަނަރޭޓަރެއް އެރަށުގައި އެބަހުރި ކަމަށާއި މިރޭ ކަރަންޓު ދިނުމަށްޓަކައި އެޖަނަރޭޓަރު ބަލާދިޔުމަށް ރައްޔިތުންގެ މެދުގައި މިހާރު ވާހަކަ ދެކެވެމުންދާ ކަމަށެވެ.

ކެނދިކޮޅުދޫއަކީ ރަށްރަށުގެ ކަރަންޓްގެ ހިދްމަތް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބުރުގެ 10 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މިރަށުގައި ކަރަންޓްގެ ހިދްމަތް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2006 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށްވީނަމަވެސް މިދިޔަ އަހަރު ކުރީކޮޅު ކަރަންޓްގެ ހިދްމަތް ހުއްޓާލި ގޮތަށް އަދިވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާކަމަށް ރަށުއޮފީހުން މައުލޫމާތުދީފައިވެއެވެ.

ކެނދިކުޅުދޫ ކަތީބު އަހުމަދު ވަހީދު ވިދާޅުވެފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ ލޯނުގެ ދަށުން ކެދިކޮޅުދޫގައި ކަރަންޓްގެ ހިދްމަތް ތަރައްގީ ކުރުމަށް އިމާރާތް ކުރަމުންދާ އިންޖީނުގޭގެ މަސައްކަތްވެސް ހުއްޓިފައިވާ ކަމަށެވެ. އަދި 2006 އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ މ މެންބަރު އަހްމަދު ނާޒިމުގެ މަސްލަހަތު އޮންނަ ނަމިރާ-އާގާސް-ހޭލީސް ކޮންސޯޓިއަމްއިން އިންޖީނުގޭގެ މަސައްކަތް ކުރަމުންދާގޮތް ކަމު ނުދާކަމަށް އޭޑީބީގެ ކޮންސަލްޓެންޓުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މިކޮންސޯޓިއަމްއިން މަސައްކަތްތައް އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ނުގެންދާތީ އެފަރާތާއެކު ސަރުކާރުން ކޮށްފައިވާ އެގްރިމެންޓްވެސް ވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގަ ބާތިލުކޮށްފައެވެ.

 

 

No comments: