Saturday, 19 April 2008

އަންނިގެ ތާއީދު އައްޑޫގައި އިތުރު ވަނީ

އިސްމާއިލް

އެމްޑީޕީގެ ފަރާތުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާނެ ބޭފުޅަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) އަށް އައްޑޫގައި އޮތް ތާއީދު އިތުރުވަމުން ދާކަމަށް އަންނިގެ ކެމްޕޭން އޮފީހުން ބުނެފިއެވެ.

އަންނިގެ ކެމްޕޭނުގެ މީޑިޔާއާބެހޭ މުހައްމަދު ޒުހައިރު ވިދާޅުވީ ހުކުރުދުވަހު ހަވީރު އަންނި އައްޑޫއަށް ވަޑައިގަތުމުން އަންނިގެ އިސްތިގުބާލުގައި ހާހަކަށް ވުރެ ގިނަ ސަޕޯޓަރުން ބައިވެރި ވިކަމަށާއި، އަންނި ސަޕޯޓަރުން ޕިކަޕް ތަކުގައާއި ސައިކަލް ތަކުގައި އެމްޑީޕީގެ ދިދައާއި ރީނދޫ ކުލައިގެ ފުއްޕާ ހަންތައް ހިފައިގެން އައިސް އަންނިއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށެވެ. އަދި ގަމުން ހިތަދޫއަށް އަންނި ފުރަތަމަ ވަޑައިގަތީ ޕިކަޕެއްގައި އެންމެނަށް ފެންނަ ގޮތަށް ހުންނަވައިގެން ކަމަށާއި، އަންނިގެ ފަހަތުން 100 ވަރަކަށް ސައިކަލާއި އިތުރު 74 ވެހިކަލްގައި ދިދަ ނަގައިގެން ހިތަދޫއަށް ދިޔަކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

އަންނި އައްޑޫއަށް ވަޑައިގަނެ އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމް ތަކުގެ ތެރެއިން ރޭ ފޭދޫގައި ހުންނަ އަންނި ކެމްޕޭން ޖަގަހަ ކައިރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހި ރާއްޖެވެސް ތަރައްގީ ކުރެވޭނީ ދުނިޔޭގެ އެހެން ގައުމުތައްވެސް ތަރައްގީ ކޮށްފައިވާ ގޮތަށްކަމަށްވާއިރު، ރާއްޖޭގެ ރައްޔިތުންނަށް އެއްރަށުން އަނެއްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ތަނަވަސް ނުވެ ރާއްޖެ ތަރައްގީ ނުވާނެކަމަށެވެ. އަދި ގައުމެއް ހަގީގަތުގައި ތަރައްގީވަނީ އެގައުމެއްގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމުންކަމަށާއި، އެމްޑީޕީން މަސައްކަތްކުރާނީ ރައްޔިތުންނަށް ލިބޭ އާމްދަނީ ދުވަހުން ދުވަހަށް އިތުރު ކުރުމަށް ކަމަށް އަންނި ވިދާޅުވިއެވެ.

ދިވެހިންނަށް "ތާހިރު ދިރިއުޅުމެއް" ހޯދެން އޮތީ މިހާރު ރާއްޖޭގައި މިއޮތް ވެރިކަމަށް ބަދަލުތަކެއް ގެނެސްގެން ކަމަށްވާއިރު، އެގޮތުން އެމްޑީޕީ މަސައްކަތް ކުރަނީ މިހާރު ރާއްޖޭގައި ކުރަމުން މިދާ ވެރިކަން ކުރާ އުސޫލާއި، މިވެރިކަން ކުރާ ގޮތަށް ބޮޑެތި ބަދަލު ގެންނަން ކަމަށް އަންނި ވިދާޅުވިއެވެ. އަދި ރާއްޖެ ބަދަލުވަމުން ދާއިރު، އެކަމަށް ހުރަސް އެޅޭނެ މީހެއް ނެތްކަމަށްވެސް އަންނި ވިދާޅުވިއެވެ. އަންނި ވިދާޅުވީ މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމް ރާއްޖޭއަށް ގެންނަން އެމްޑީޕީން މަސައްކަތްކުރާ އިސްލާހުތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް ވަރަށް ސާދާކޮށް މައުމޫނު ބަލިކުރެވޭނެ ކަމަށެވެ.

ޕެންޝަން ހައްގުވަނީ ހަމައެކަނި ރައްޔިތުން ކުރާ ބުރަމަސައްކަތުން ހޯދާ ފައިދާ ބަލައިގަންނަން ސަރުކާރުގެ އޮފީސްތަކުގެ މޭޒުތައް ދޮށުގައި ތިބޭ ސަރުކާރުގެ މުވައްޒަފުންނަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އުމުރުން 65 އަހަރުވީ ކޮންމެ ރައްޔިތަކަށް މަހަކު 2500 ގެ ޕެންޝަނެއް އެރުވޭނެ ކަމަށް އަންނި ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަންނިގެ އިތުރުން އެމްޑީޕީގެ އިސް ހިންގުންތެރިއެއްކަމަށްވާ ސ ހިތަދޫ ފަޒާ އަހުމަދު މުހައްމަދު ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކާގައި އެމްޑީޕީން ބާއްވާ އެޕާޓީގެ ޕްރައިމަރީގެ އެއް ބޭނަމަކީ ސިޔާސީ ޕާޓީތަކުގައި ކަންކުރަންޖެހޭ ގޮތް ހާމަކުރުން ކަމާއި، އެމްޑީޕީގެ ފަރާތުން ވެރިކަމަށް ކުރިމަތިލާނީ އެޕާޓީގެ އެންމެ ގިނަ މެމްބަރުން ތާއިދުކުރާ މީހެއްކަން ރައީސް މައުމޫނަށް ދެއްކުންކަމަށެވެ. އަދި މިއީ ރައީސް މައުމޫނުގެ އަނިޔާވެރި ވަކިތަކުން ސަލާމަތް ވުމަށް ލިބޭ އެންމެ ފަހު ފުރުސަތުކަމަށާއި، މިފުރުސަތުގެ ބޭނުން ހިފުމަށް ނުކުންނަން ޖެހޭނީ އެއް ވިސްނުމެއްގެ ވީހާވެސް ގިނަ ބަޔަކު އެކެއްޗެއް ކިޔައިގެން ކަމަށެވެ.

ރޭ އަންނި ބޭއްވި ޖަލްސާއަށް ދިޔަ މީހަކު ބުނީ މުހައްމަދު ނަޝީދުގެ ދަތުރަށް އައްޑޫ އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައި ކަމަށާއި، އަދި އައްޑޫގައި ތިބި އެމްޑީޕީގެ މެމްބަރުން އެއްރޫހެއްގައި މަސައްކަތް ކުރަމުން ރައީސް މައުމޫނުގެ ވެރިކަން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.

No comments: