ޑީއާރުޕީގެ އިސް ހަރަކާތްތެރިން އެޕާޓީތެރޭގައި ވާދަވެރިކަމުގެ ނުފޫޒުފޯރުވުމުން ދާތީ ޑީއާރުޕީ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ހިޔަނި އެޅެމުންދާކަމަށް އެމްޑީޕީގެ ޕްރައިމެރީ އިންތިހާބުގައި ވާދަކުރައްވާ މުހަންމަދު ނަޝީދު (އަންނި)ގެ ކެންޕޭން އޮފީހުން ބުނެފިއެވެ.
މިބަޔާނަކީ ޑީއާރުޕީއަށް ހަމަލާދިން އަންނި ކޭންޕުގެ ދެވަނަ ބަޔާނެވެ. މިދިޔަ މާޗްމަހު އަންނި ކޭންޕުން ނެރުނު ބަޔާނެއްގައި "އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ފަލީތާލުމަށް ޑީއާރުޕީން ކުރާ މަސައްކަތް" ހުއްޓާލުމަށް ގޮވާލާފައިވެއެވެ.
އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓު މުހަންމަދު ނަޝީދު (އަންނި) ގެ ކެންޕޭން އޮފީހުން މީޑިޔާއަށް މަޢުލޫމާތު ދެއްވާ މުހަންމަދު ޒުހައިރު ވިދާޅުވީ ޑީއާރުޕީގައި އެޕާޓީއާއިގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ މެދުގައު އުފެދިފައިވާ ހިޔާލުތަފާތުވުމުގެ ސަބަބުން ތަފާތު ކަންތައްތަކަށް އެކިއެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާކަމަށެވެ. އެގޮތުން އެޕާޓީގެ ދެ ނައިބު ޒައީމުން ކަމުގައިވާ ހާއްސަ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމާއި އެޓޮލްސް މިނިސްޓަރު ތަސްމީން އަލީ އާއި އެޕާޓީގެ މަސްލަހަތު އޮންނަ އަބްދުﷲ ޔާމީންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމާއި ފޯރުވަމުންދާ ނުފޫޒުގެ ސަބަބުން އެކިއެކި ގޮތްގޮތަށް އެމްޑީޕީއަށް ހިޔަނި އެޅެމުންދާކަމަށް ޒުހައިރު ވިދާޅުވިއެވެ.
ހާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ އިންތިޤާލީ ބާބާއި، އެމްޑީޕީ ޕްރައިމެރީ އިންތިހާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީގެ ވާގިވެރިން މަސައްކަތްކުރަމުން ގެންދާކަމަށް ވެސް ޒިހައިރު ވިދާޅުވިއެވެ. މިކަމާގުޅޭ ގޮތުން މިއަދު އަންނިގެ ކެންޕޭން އޮފީހުން ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ.
އިންތިގާލީ ބާބާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީ ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށާއި ހޯމް މިނިސްޓަރ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ އަންނި ކޭމްޕުން ނެރެފައިވާ ނޫސްބަޔާނުގައި ތަފާތު އެކި ނުފޫޒާއި، ޙީލަތްތެރި ރޭވުމުގެ ދަށުން އިންތިގާލީ ބާބާއި އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީއާއި އެމީހުންގެ ވާގިވެރިން ކުރަމުންދާ މަސައްކަތަށް ސަމާލުވެ ތިއްބެވުމަށް އެޕާޓީގެ މެންބަރުންނަށް އިލްތިމާސް ކޮށްފައިއެވެ.
ހަމައެހެންމެ މިހާރު އަމަލު ކުރަމުންދާ ގާނޫން އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެއުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްގާއި، ޕެންޝަނުގެ ޙައްގާއި، ހިފާހައްޔަރު ކުރުމުގައާއި، ތަހުގީގާއި ޝަރީއަތުގެ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ޙައްގު ފަދަ މުހިންމު އެތަކެއް ޙައްގުތަކެއް ދިވެހިރައްޔިތުންނަށް ލިބިނުދީ ހިފަހައްޓާފައިވަނީ، ގާނޫނީ ހަމަތަކުން ބޭރުގައި ޑީއާރުޕީން ވެރިވެގަނެގެން އުޅޭ މިހާރު މިއޮތް ސަރުކާރާ، އެސަރުކާރުގެ ވާގިވެރިންގެ ހީލަތްތެރި ރޭވުމުންކަމަށް ނޫސްބަޔާނުގައި ހާމަކޮށްފައިވެއެވެ.
"ހަމަ މިދެންނެވި މީހުން އިސްވެތިބެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ އިންތިގާލީ ބާބާއި، އެމްޑީޕީގެ އިންތިޚާބު ގަޑުބަޑު ކުރެވޭތޯ ކުރާ މަސައްކަތަކީ މީގެ ކުރިންވެސް ރައްޔިތުންގެ ޙައްގުތައް ހިފެހެއްޓި ގޮތަށް އަންނަން އޮތް ތަނުގައިވެސް އެކަން އެގޮތަށް ކޮށް، ދިވެހިރައްޔިތުންނަށް ލިބިދޭ ގާނޫނީ ބޮޑެތި ޙައްގުތަކުން މަހުރޫމް ކޮށްގެން އަނިޔާވެރިކަން އިސްކޮށް ރާއްޖޭގެ ވެރިކަމަށް އަތްގަދަކޮށްގެން ތިބި ވެރިކަން ދެމެހެއްޓުން ނޫން ދެވަނަ އެއްވެސް ބޭނުމަކު ކުރާ ކަމެއް ނޫނެ" ނޫސްބަޔާނުގައިވެއެވެ.
އަދި ވެރިކަމުގެ ދަހިވެތި ކަމުގައި މާލޭގައި ހުޅުޖަހާ މީހުންމަރާ އަނިޔާވެރިކަން އިސްކުރުމަކީ ރައްޔިތުން ބިރުގެންނެވުމަށް ޓަކައި ދިވެހިވެރިން، ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮށްފައިވާ މުޑުދާރު ކަންތައްތަކެއް ކަން ތާރީޚުން ސާބިތުވާކަމަށާއި ރާއްޖޭގެ އަމަން ގެއްލި މާރާމާރީއާއި ލޭ އޮހޮރުވުމާއި، މީހުންމެރުން މިދުވަސްވަރު މާލޭގައިއާންމުވެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ބޮޑުވެފައިވާ މިދަޑިވަޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން މިނިސްޓަރ އަބްދުﷲ ކަމާލުއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ނޫސްބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.
No comments:
Post a Comment