ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ވަކިވެ ވަޑައިގެންނެވުމަށް ހުށަހެޅުއްވި ކަމަށް ބުނާ އެޕާޓީގެ ނައިބު ޒައީމު ރައްޔިތުންގެ މަޖިލީހުގެ ދ މެންބަރު (ސަންޓްރެވަލް) އަޙްމަދު ސިޔާމް އަންގާރަ ދުވަހު ބޭއްވި ޑީއާރްޕީގެ ކައުންސިލުގެ 31 ވަނަ ޖަލްސާ ބައިވެރިވެ ވަޑައިގަންނަވާފައިވަ ކަމަށް ޑީއާރްޕީން މައުލޫމާތު ދީފިއެވެ.
އަންގާރަ ދުވަހު 14:30 ގައި ޕާޓީގެ މައިއޮފީހުގެ އަމީނީ މާލަމުގައި ބޭއްވި މިބައްދަލުވުމުގައި މިހާރު ޑީއާރްޕީގައި ތިއްބެވި ނާއިބު ޒަޢީމުންގެ ތެރެއިން ބައިވެރިވެ ވަޑައިގެންނެވީ އަޙްމަދު ތަސްމީން ޢަލީއާއި އަޙްމަދު ސިޔާމު ކަމަށް ޑީއާރްޕީން މައުލޫމާތުދެއެވެ. މިބައްދަލުވުމަށް ނައިބު ޒައީމު ޤާސިމް އިބްރާހީމް ވަޑައެއް ނުގަންނަވައެވެ.
ޑީއާރުޕީގެ އެއް ނާއިބު ޒައީމް ސަންޓްރެވަލް އަޙްމަދު ސިޔާމް އިސްތިއުފާ ދެއްވި ހަބަރު މީޑިޔާގެ އެކިފަރާތްތަކުން ޝާއިޢުކޮސްފައިވާއިރު އޭނާ ޑީއާރްޕީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަބަބު ހޯދުމަށް މިނިވަނުން ކުރި މަސައްކަތް ކާމިޔާބު ވާގޮތްވަނީ ނުވެފައެވެ.
ނަމަވެސް ޑީއާރްޕީގެ ސްޕޯކްޕާސަން އިބްރާހިމް ޝާފިއު ވިދާޅުވީ ސިޔާމް އިސްތިއުފާ ދެއްވި ކަމަށް ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ޑީއާރުޕީން ދައުވަތު ދެއްވައިގެން ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ވެރިކަން ކުރާ ސީ.ޕީ.ސީ ގެ ވަފްދާވެސް އަހުމަދު ސިޔާމު ބައްދަލުކުރައްވާފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ ޑީއާރްޕީގެ ކައުންސިލު ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމަށް ބައިވެރިވެ ވަޑައިނުގެންނެވުނީ ގާސިމް އިބްރަހިމް ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުއްވާތީ ކަމަށެވެ.
ޑީއާރްޕީން މައުލޫމާދޭ ގޮތުގައި ޕާޓީގެ ކައުންސިލްގެ މެންބަރުންގެ ތެރެއިންވެސް މިބައްދަލުވުމަށް ވަޑައިގެންނެވީ ބައެއް މެންބަރުންނެވެ.
ޑީއާރްޕީގެ ޒަޢީމް މައުމޫން އަބްދުލް ގައްޔޫމު ރިޔާސަތު ބެލެހެއްޓެވި މި ކައުންސިލުގެ ޖަލްސާގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ދެވަނަ ގައުމީ ޖަލްސާ ބާއްވާނެ ތާރީހެއް ކަނޑައެޅުމާއި އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުން ޕާޓީއަށް ނިސްބަތްވާ މަންދޫބުން ތަމްސީލުވާ ގޮތަށް މި ޖަލްސާ ބޭއްވޭނެ އެންމެ ރަގަޅު ތާރީޚަކީ މިއަހަރުގެ ޖޫން މަހުގެ 5،6،7 ކަމުގައި ނިންމާފައިވާ ކަމަށް ޑީއާރްޕީން މައުލޫމާތުދެއެވެ.
ބައެއް ސިޔާސީ ޕާޓީތަކުން މިހާރުވެސް ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރަމުން ދިޔަނަމަވެސް އެކަން ކުރުމުގައި ޤާނޫނީ ހުރަސް ތަކެއް ހުރީތީ ޑީއާރްޕީން ރިޔާސީ ކެމްޕޭން ރަސްމީކޮށް ކުރައްވަން ފައްޓަވާނީ ޤާނޫނީ ގޮތުން އެކަން ހުއްދަވާ ދުވަހުން ފެށިގެން ކަމަށް އިއްޔެގެ ކައުންސިލުން ނިންމާފައިވާ ކަމަށް ޑިއާރްޕީން ބުނެއެވެ. އަދި މިހާރު ހިގަމުންދާ ޑީއާރްޕީގެ ގޮފިތަކުގެ ހިންގާ ކޮމެޓީގެ އިންތިޚާބުތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ބަލާ އެމައްސަލަތައް ހައްލު ކޮށް ވީހާވެސް އަވަހަކަށް ގޮފިތަކުގެ ހިންގާކޮމެޓީގެ އިންތިޚާބުތައް ނިންމުމަށް 5 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލުންވެސް އިއްޔެ ބައްދަލުވުމުގައި އޮތް ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
No comments:
Post a Comment